‘ނޮމެޑިކް’ މީހުން ނުވަތަ ހިންދީ ބަހާއި އުރުދޫ ބަހުން ކިޔައިއުޅޭ ބަންޖާރައިންނަށް، ބޮޑު ހުންކޮށްޓެއް (ސްޕްލީން އެއް) ލިބިފައިވުމުން 13 މިނެޓް ވާންދެން ވައިފުޅި ނާޅައި ފީނުމުގެ ޤާބިލުކަން ލިބިފައިވާކަން ސައިންވެރިން ހޯދައިފި އެވެ.

ސައިންސްވެރިންގެ މި ހޯދުމުން އެނގިފައިވަނީ ބަންޖާރައިންގެ ޤަބީލާއަކަށް ނިސްބަތްވާ ބައެއްގެ ހުންކޮށި (ސްޕްލީން) އާދައިގެ އިންސާނުންގެ ހުންކޮށްޓަށްވުރެން ބޮޑަށް އުފެދިފައިވުމުގެ ސަބަބުން އެމީހުންގެ ފީނާ މީހުން 200 މީޓަރު އަޑިޔަށް ފީނައިގެން މަސްހިފުމުގެ މަސައްކަތުގައި 13 މިނެޓަށްވުރެން ގިނައިރު އުޅުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށެވެ.

ބަންޖާރައިންގެ މި ޤަބީލާ އަކީ އިންޑޮނޭޝިޔާގެ ‘ބާޖައޮ’ އަށް ނިސްބަތްވާ އާބާދީ އެކެވެ. މި މީހުން އިރުދެކުނު އޭޝީޔާ ކަނޑަށް އެމީހުން ދިރިއުޅޭ ބޯޓު-ގޭ (ހައުސް-ބޯޓް) ގައި ދަތުރުކޮށް ކަންއިލި ހިފައިގެން ކަނޑު އަޑިއަށް ފީނައިގެން މަހާއި ކަނޑުގެ އެކި ދިރުންތައް ހިފައި، ނަގައެވެ.

އެމީހުންގެ ބަޙްރާނީ (ކަނޑުގައި) ދަތުރުފަތުރު ކުރުމުގެ އާދަކާދައިގެ ސަބަބުން އެމީހުންނަށް ވަނަމަކަށް ދީފައިވާ ނަމަކީ ކަނޑުގެ ބަންޖާރައިން (ސީ ނޮމެޑްސް) އެވެ.

އިންޑޮނޭޝިޔާގެ ‘ބާޖައޮ’ ކަނޑުގެ ބަންޖާރައިން ކަނޑަށް އެހައި ގަދައީ ކީއްވެގެންކަން މިއަދު މިވަނީ ސައިންސްވެރިންނަށް ހޯދިފައެވެ. އެމީހުންގެ ‘ޖީން’ ކުރިއަރައިގެންގޮސް ހަށިގަނޑުގެ ގުނަވަނެއް ކަމަށްވާ ހުންކޮށި އާދަޔާޚިލާފަށް ބޮޑުވުމުގެ ސަބަބުން ފުރާނަވައި (އޮކްސިޖަން) އެދޭވޭ ގޮތެއްގައި ބޭނުންކުރުމުގެ ޤާބިލުކަން ލިބި، ގިނަ ވަގުތު ފެނުގެ އަޑީގައި ތިބުމުގެ ކުޅަދާނަކަން ވަނީ ލިބިފައެވެ.

މި ހޯދުމުގެ އެންމެ އިސްކޮށް ހުރި ކެމްބްރިޖް ޔުނިވަރސިޓީގެ މެލީސާ އިލާރޑޯ ވަނީ އިންޑޮނޭޝިޔާގެ ޖަޔާ ބަކްތީ ގައި އެތަކެއް މަސްދުވަސް ހޭދަކޮށްފައެވެ. މި ހޭދަކުރުމުގައި ‘ބާޖައޮ’ ކަނޑުގެ ބަންޖާރައިންގެ ގައިންނާއި އެސަރަހައްދާއި ޖެހިގެން އޮންނަ އަވަށްޓެރި ‘ސަލުއާން’ ގައި އެއްގަމުގައި ދިރިއުޅޭ މީހުންގެ ‘ޖެނެޓިކް ސާމްޕަލް’ތައް ނަގައި އެމީހުންގެ ހުންކޮށީގެ އަލްޓްރާސައުންޑް ސްކޭން ހަދާފައިވެއެވެ.

https://www.youtube.com/watch?v=tSDaZbjpbFE

މި ތަހުލީލުތަކުގެ ނަތީޖާތައް ޔުނިވަރސިޓީ އޮފް ކޯޕްހޭގަންގައި ތަރުތީބުކޮށް ބެލި ބެލުމުން ސާފުކޮށް ދެއްކީ ‘ސަލުއާން’ ގައި އެއްގަމުގައި ދިރިއުޅޭ މީހުންގެ ހުންކޮށްޓަށް ވުރެން  ‘ބާޖައޮ’ ކަނޑުގެ ބަންޖާރައިންގެ ހުންކޮށި 50 އިންސައްތައަށް ބޮޑުކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.