މިއީ އަހަރެން ކައިއުޅޭ އެއްޗެކެވެ. ފަހަރެއްގައި މި ލިޔުން ތިޔަކިޔުއްވާ ކިޔުންތެރިޔާވެސް ކާނެއެވެ. މިއީ ދިވެހިރާއްޖެ އާއި ދެކުނު އޭޝިޔާގެ ބައެއް ގައުމުތަކާއި ޕެސިފިކް އައިލެންޑްސްގައި ވަރަށް ގިނަމީހުން ކައިއުޅޭ އެއްޗެކެވެ. ނުވަތަ ހަފައިއުޅޭ އެއްޗެކެވެ. އެއަށް ދެވިހިފާ އެއްޗެކެވެ. އެއަށް މަސްތުވާ އެއްޗެކެވެ.

ދުނިޔޭގައި އެންމެ ގިނަމީހުން އެއަށް ދެވިހިފައިފާވާ ޑުރަގަކީ މިއީބާވައެވެ؟ މި ސުވާލުގެ ޖަވާބު ވަޒަން ކުރައްވާނީ ކިޔުންތެރިންނެވެ. ނުވަތަ މަތީގައިވާ ވީޑިއޯ ބެއްލުވަމަށްފަހުގައެވެ.

އާނއެކެވެ. މި ދައްކަނީ ދުފަން ބޭނުންކުރާ ފުވަކުގެ ވާހަކައެވެ. މަތީގައިވާ ވީޑިއޯ ތައްޔާރުކޮށްފައިވާ ޑްރޫ ބިންސްކީ ރާއްޖޭގެ ނަން މި ވީޑިއޯގައި ފާހަގަކޮށްފައެއް ނެތެވެ. ނަމަވެސް މިޔަންމާ، ސްރީލަންކާ އަދި އިންޑޮނޭޝިޔާ މީހުން ވަރަށް ގިނައިން ދުފާތަން ފެންނަކަމަށް ވީޑިއޯގައި ބުނެއެވެ. އެހެން ނަމަވެސް ޕަޕުއާ ނިއުގިނީ މީހުން ދުފާ ވަރާ ގާތަށްވެސް އެހެން ބަޔަކަށް ނުދުފޭނެ ކަމަށް ވީޑިއޯގައި ޑްރޫ ބުނެފައިވެއެވެ. ދުވާލަކު އެތައް ފަހަރަކު ދުފުމުގެ އާދަ ހަރުލާފައިވަނީ ބޮޑެތިމީހުން އެކަންޏެއް ނޫނެވެ. ކުޑައެއް ބޮޑެއް މިކަމުގައި ނެތެވެ.

ޕަޕުއާ ނިއުގިނީގައި ދުފާމީހުން ޤަބޫލުކުރާގޮތުން ދުފުމުން ހަކަތައާއި ބުންވަރު އިތުރުކޮށްދެއެވެ. ނަމަވެސް ދުފުމުގެ މި ގޯސް އާދައިގެ ސަބަބުން ޕަޕުއާ ނިއުގިނީ ވެފައިވަނީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އަނގައިގެ ކެންސަރު އެންމެ މަތީ އަދަކަށް ރިކޯޑްކުރެވިފައިވާ ގައުމުކަމުގައެވެ.

ދުފުމަށް ބޭނުންކުރާ ފުވަކަކީ ފެންފޯއް ރުކުގެ މޭވާއެވެ. އޭގައި ހިމެނޭ މައިގަނޑު މާއްދާއަކީ އެރެކްލީން އެވެ. މިއީ ދުންފަތުން ސިކުނޑިއަށް އަސަރު ފޯރުވާގޮތަށް އަސަރު ފޯރުވާ މާއްދާއެކެވެ. އޭގައި ހުންނަ ސްޓިމިއުލޭންޓް (މުނައްބަހު) ގެ ސަބަބުން މަސްތުކަމެއް ގެނެސްދެއެވެ. މިޒާޖަށް ސަކަ ކަމެއް ގެނެސްދެއެވެ. ނަމަވެސް މިއީ ވަރަށް، ވަރަށް ބޮޑަށް އެއަށް ދެވިހިފާ އެއްޗެކެވެ. މިކަން ގިނަ ދިވެހިން ވެސް ގަބޫލުކުރާނެ އެވެ.

މިއީ ޒުވާން ސައްޔާހެއް ކަމަށްވާ ‘ޑްރޫ ބިންސްކީ’ ތައްޔާރުކުރަމުން އަންނަ އޭނާގެ ދަތުރުނާމާ ތަކުގެ ވީޑިއޯ ސިލްސިލާއިން އެއް ވީޑިއޯ އިން ލިބެންހުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މުނިއަވަސް އިން ލިޔެފައިވާ ލިޔުމެކެވެ. ޑްރޫ ބިންސްކީ ގެ އަމާޒަކީ ދުނިޔޭގެ ހުރިހައި ޤައުމަކަށް ދަތުރުކޮށް އޭނާގެ ދަތުރުނާމާ އިން ފާހަގަކޮށްލެވޭ ކޮންމެވެސް ކަމެއްގެ މައްޗަށް ވީޑިއޯއެއް ތައްޔާރުކޮށް ގެނެސްދިނުމެވެ. މި ލިޔުމުގައި ޑްރޫ ހިމަނާފައިވާ ވީޑިއޯ ޕޯސްޓް ކުރިއިރު އޭނާވަނީ ދުނިޔޭގެ 133 ގައުމަކަށް ޒިޔާރަތްކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.