ލޯތްބަށްޓަކައި މީހުން ދިވާނާވެ މޮޔަވެގެން އުޅޭތަން ފިލްމުތަކުން ފެނެއެވެ. ނަމަވެސް ކާރލް ޓޭންޒްލަރ އޭނާގެ ލޯބިވެރިއާއަށްޓަކައި ދިވާނާވެ، މޮޔަވެ، މީހާގެ އަސްލު އޮޅި، އިންސާނީ ކަރާމާތް ހަނދާންނެތި، ހައްދުން ނައްޓައިގެން ދިޔަ ދިރިއުޅުމުގެ މި ޙަޤީޤީ ޙާދިސާ ކިޔައިލުމުން ހައިރާންވެ އަންތަރީސް ނުވާނެ މީހަކު މަދުވާނެ އެވެ. ލިބުނު މަޢުލޫމާތުތަކުގެ އަލީގައި މުނިއަވަސް ގެ ކިޔުންތެރިންނަށް މި ލިޔުން ދޫކޮށްލަމެވެ.

ކާރލް ޓޭންޒްލަރ

ކާރލް ޓޭންޒްލަރ އަކީ އެމެރިކާގެ ފްލޮރިޑާ ގެ ކީ ވެސްޓް ހޮސްޕިޓަލަށް 1930 ގެ އަހަރުތަކުގެ ކުރީކޮޅު، ޖަރުމަނުވިލާތުން ހިޖުރަކޮށްގެން އުޅުނު މުހާޖިރެކެވެ. އެ ހޮސްޕިޓަލުން ދިމާވި ކިއުބަން-އެމެރިކަން ޒުވާން އަންހެންކުއްޖެއް ކަމަށްވާ މާރިއާ އެލީނާ މިލަގްރޯ ޑި ހޯޔޯސް ދެކެ ޓްރޭންޒްލަރ އަށް ލޯބިވެވުނެވެ. އޭރު އެލީނާ އަކީ ޓީބީ ބަލީގެ ސަބަބުން މަރުގެ ތުންފަތްމަތީގައި އޮތް ބަލިމީހެއް ނަމަވެސް އޭނާ އަކީ ޓޭންޒްލަރ ގެ މަންޒިލް ކަމުގައި ދެކުނެވެ. އެހެންނަމަވެސް އޭރުވެސް ޓްރޭންޒްލަރ ގެ އަންބަކާއި ދަރިން ތިއްބެވެ.

މަރު ފަދަ އާދައިގެ ކަމެއް އެދެމީހުންގެ ދޭތެރެއަށް ވަނަ ނުދިނުމަށް ޓޭންޒްލަރ ނިންމިއެވެ. 

ކާރލް ޓޭންޒްލަރ، ކީ ވެސްޓް ފްލޮރިޑާ ގެ ލެބޮރަޓަރީ ގެ ބޭރުގައި

އެލީނާ އަށް ފަރުވާދިނުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް އެންމެ ފުރަތަމަވެސް އިސްނެގީ ޓޭންޒްލަރ އެވެ. އެގޮތުން ޓޭންޒްލަރ ގެ އަމިއްލަ ބޭސްތަކާއި ފަރުވާދިނުމުގެ ގޮތްތައް ބޭނުންކޮށްގެން އެލީނާ ރަނގަޅުކުރެވޭނެ ކަމުގެ ޔަޤީންކަން އެލީނާގެ ޢާއިލާ އަށް ދިނެވެ. އެލީނާއަށް ފަރުވާ ދިނުމަށްޓަކައި އެލީނާގެ މައިންބަފައިންގެ ގޭގައި އެކްސްރޭ ނަގާ ސާމާނުތައް ރާވައި ބެހެއްޓިއެވެ. ނަމަވެސް އެލީނާގެ އުމުރުން 21 އަހަރުގައި އެލީނާ ގެ މަރު އައިސް ބައްދަލުކުރި އެވެ. އެހިސާބުން އެލީނާގެ ޖަނާޒާގެ އެންމެހައި ކަމެއް ކުރުމުގެ ފުރުޞަތު ޓޭންޒްލަރ އަށް ދިނުމަށް އެލީނާ ގެ އާއިލާ ކިބައިން އެދުނެވެ.

ތަފާތު ގޮތަކަށް ޙާލަތު ބަދަލުވުން

ކީ ވެސްޓް ގަބުރުސްތާނުގައި އެލީނާގެ ބިސްތާނަ އެއް ކާރލް ޓްރޭންޒްލަރ ހެދިއެވެ. އެގޮތުން ކޮންމެ ރެއަކު އެލީނާގެ ހަށިގަނޑު ކައިރިއަށް ގޮސްއުޅުނެވެ. ނަމަވެސް ދެ އަހަރު ފަހުން އެލީނާގެ ހަށިގަނޑު ކަށްވަޅުން ނަގައިގެން ކުޅޭކުޅޭ ގާޑިޔަލަކަށް ލައިގެން ގެންދިޔައެވެ. ސީދާ ޓޭންޒްލަރ ގެ ގެއަށެވެ. ޓޭންޒްލަރ ދިރިއުޅެންފެށީ އެލީނާ ގެ ގަބުރާއި އެކުގައެވެ. އެލީނާ އާއި އެކުގައި ނެށުމާއި ނިދުމާއި މިހެންގޮސް އެކުގައި ވަރަށް ގިނަ ކަންކަން ކުރަމުންނެވެ. އެލީނާގެ ހަށިގަނޑު ހަލާކުވެން ދިޔަނުދިނުމަށް އޭނާ ނުކުރާ ހަމަ އެއްވެސް މަސައްކަތެއް ނެތެވެ.

ޤަބުރު ބެލެހެއްޓުމުގެ މަސައްކަތް

އެލީނާގެ ހަށިގަނޑުގެ ބައްޓަން ދެމެހެއްޓުމަށްޓަކައި ހަށިގަނޑު ތެރެއަށް ބާ ފޮތި އަޅައި ގެންނެވި އެވެ. ކަށިތައް ވަކިވިޔަނުދީ ބެހެއްޓުމަށް ޕިޔާނޯގައި ހުންނަ ނަރާއި ކޯޓު އަޅުވާ ބުޅިގަނޑުތައް ބޭނުންކުރި އެވެ. ކުނިވެ ފަނާވެގެންދިޔަ ލޮލުގެ ބަދަލުގައި ބިއްލޫރި ލެއްވިއެވެ. މަސްގަނޑުން ހަލާކުވަމުންދާ ތަންތަނުގެ މަތީގައި ފަށުވިން ޕެޗް އަޅައި އުށާއި ގަށާފައިވާ ސިމެންތިން މަރާމާތު ކުރިއެވެ. އެލީނާގެ ބޮލުގެ އިސްތަށިން އިސްތަށި ބޭނުންކޮށްގެން އިސްތަށިގަނޑެއް ހެދިއެވެ. އެއީ އެލީނާ ނިޔާވުމުގެ ކުރިން އެލީނާގެ މަންމަ ފޮރުވާފައި ބަހައްޓާފައި، ފަހުން ޓޭންޒްލަރ އަށް ހަދިޔާއަކަށް ދީފައި ހުރި އިސްތަށިތަކެކެވެ.

ޓޭންޒްލަރ ގެ އާދަޔާޚިލާފް ހަރަކާތްތައް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި ދެން އޭނާ އުފެއްދީ ޖައްވީ އުޅަނދެކެވެ. އެލީނާގެ ޤަބުރު ގޮވައިގެން ޖައްވުގެ ސްޓްރަޓޮސްފެއަރ އަށް ގެންދިއުމަށެވެ. އޭރުން ޖައްވުން ބޭރުން އަންނަ ރޭޑިއޭޝަންގެ ދޯދިތައް އެލީނާގެ ޤަބުރުގެ ހަށިގަނޑަށްވަދެ ޓިޝޫ ތަކާއި ހަމައަށްގޮސް ކުނިވެ ހަލާކުވެފައިވާ ޓިޝޫތައް އަލުން އިއާދަވާނެ ކަމަށް އޭނާ ޤަބޫލުކުރިއެވެ.

އެލީނާގެ ހަށިގަނޑު ޖައްވަށް ގެންދިއުމަށް ޓޭންޒްލަރ ތައްޔާރުކުރި ޖައްވީ އުޅަނދު

ފަޅާއެރުން

ހަތްއަހަރު ފަހުން، އެލީނާގެ ދައްތައަކަށް އެލީނާގެ ޤަބުރު ފެނި ހުރިހައިކަމެއް ފަޅާއެރިއެވެ. ކަމާބެހޭ ފަރާތްތައް ގެނައެވެ. ނަމަވެސް ޤަބުރު ވަގަށް ނެގުމުން ދޭނެ އަދަބު ކަނޑައަޅާފައިވާ ޤާނޫނުގެ މަދުކަމުން ޓޭންޒްލަރ އަށް އަދަބެއް ލިބޭގޮތެއް ނުވިއެވެ.

ޝައުޤުން ފުރިގެންވާ މި މައްސަލަ ފްލޮރިޑާގެ ކީސް ގައި ބޮޑު ހައިޖާނުގަނޑަކަށްވެ، ޖަނާއިޒު ގެއެއްގައި އާއްމުންނަށް ދެއްކުމަށް އެލީނާގެ ހަށިގަނޑު ބާއްވަންވެސް ޖެހުނެވެ. އުށުން ހަދާފައިވާ ބުދެއްފަދަ އެލީނާގެ ހަށިގަނޑު ބަލައިލުމަށް ގާތްގަނޑަކަށް 6800 މީހުން އެތަނަށް ދިޔައެވެ. މި އާދަޔާޚިލާފް ހައިޖާނުގަނޑަށްވުރެން ބޮޑަށް، މީހުންގެ ހަމްދަރުދީ ޓޭންޒްލަރ އަށް ލިބިގެންދިޔުންވީ މާބޮޑަށް އަޖައިބުކުރުވަނިވި ކަމެއްގެ ގޮތުގައެވެ.

އެލީނާ ގެ ހަށިގަނޑު މަމީއެއްގެ ގޮތުގައި

ނަމަވެސް ފަހުން، އެލީނާގެ ހަށިގަނޑު ކީ ވެސްޓް ޤަބުރުސްތާނުގައި ކާކުގެ މަހާނައެއްކަން ނޭނގޭ ގޮތަށް ވަޅުލެވުނެވެ. ޓޭންޒްލަރ ވެސް ފްލޮރިޑާ ގެ ޕަސްކޯ ކައުންޓީއަށް ބަދަލުވިއެވެ. އެތަނުގައި ޓޭންޒްލަރ އާއި އެހައި ބޮޑަށް ގުޅުމެއް ނެތް އޭނާގެ އަނބިމީހާގެ އެހީތެރިކަމާއި އެކުގައި އުމުރުގެ އެންމެ ފަހުވަގުތާއި ހަމައަށް ދިރިއުޅުނެވެ. 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.