“……………އެހެންވީމަ މަންމައަށް އެބަ އެނގޭ ދަރިފުޅުގެ އަތްބަކަށް އާއިމާ ހަދަން ބޭނުންވާކަން. އަޅެ ނޫންތަ؟” އާހިލް ގެ މަންމަ ޝަޤްފްތާ ސުވާލުކުރިއެވެ. އާހިލް އަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ދުރަށެވެ. އެއީ ލަދުވެތިކަމާއި ކިޔަމަންތެރިކަން ދައްކުވައިދިން ހަރަކާތެކެވެ.

“ލޯބިވާ ކުއްޖެއް ހުރިއްޔާ ކައިވެނި ކުރުން އެއީ އެންމެ ރަނގަޅު ގޮތަކީ. އަހަރެމެންގެ ދީނަކީ ލޯތްބާއި ދެކޮޅު ދީނެއް ނޫން. ދެން ކީއްވެ ދަރިފުޅު ތި ވިސްނަނީ މާތްﷲ ސުބްޙަނަހޫ ވަތަޢާލާ ނުރުއްސަވާ ކަމެކޭ ލޯބިވުމަކީ. އަހަރެމެންނަށް އަންގަވާފަ ވަނީވެސް ލޯބިވާ މީހަކާ ކައިވެނިކުރުމަށް. އޭރުން ކައިވެނީގެ މަތިވެރި ގޮށުން ރަނގަޅަށް ބަނދެވިގެން އުޅެވޭނީ. އޭރުން އެކަމުންވެސް ސަވާބާ ދަރުމަ ލިބޭނެ. އޭރުން ޝައިޠާނާގެ ކިބައިން މިންޖުވެގެން އުޅެވޭނީ.” ޝަޤްފްތާ އޭނާގެ ދަރިފުޅަށް ނަސޭޙަތްދެމުން ދިޔަވަރަކަށް އާހިލް ގެ ހިތުގައި މާތްﷲ އަށް ކުއްތަން ވުމުގެ ރޫޙާއި ޢަޒުމް އާވަމުން ދިޔައެވެ.

އާހިލް އަނގައިންވެސް ނުބުނެ، މަންމަގެ ހެޔޮ ދަރުސްތައް އަޑުއަހަން އިނީ ނުހަނު ކިޔަމަންތެރިކަމާއި އެކުގައެވެ.

“މަންމަ އާއި ބައްޕަ އާ ދެމީހުން ހިނގައްޖައިން އާއިމާ މެންގެ ގެއަށް. ކައިވެނީގެ ވާހަކަވެސް ދައްކައިފިން. މަންމައަށް އެނގޭ މީކީ ޕާކިސްތާނު ނޫންކަން. ރާއްޖޭގަ މިކަން މިހެން ކުރުން އާއްމު ނޫނަސް އިސްލާމީ ރިވެތި ގޮތަކީ މިއީ.” އާއިމާ މެންގެ ގެއަށް ދިޔަވާހަކަ މަންމަ ބުނުމުން އާހިލް ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އާއިމާ ދޯ އޭނަގެ ނަމަކީ؟” ސަޤްފްތާ ސުވާލުކުރިއެވެ. އާހިލަށް އަދިވެސް އިނދެވުނީ ޝޮކެއްގެ ތެރޭގަ އެވެ.

“އެމީހުންވެސް ތި ކައިވެންޏަށް ޤަބޫލު. އެމީހުން ބުނީ ކައިވެނި ނުކޮށް އިހަށް ދެ އަހަރު މަޑުކޮށްލަދިނުމަށް. ތި ދެކުދިންވެސް އަދި އެބަޖެހޭ ދޯ ކިޔަވައިގެން ވަޒީފާ އަކަށް ނިކުންނަން. އެހެންވެ މަންމަމެންނަށްވެސް ފެންނަގޮތަކީ އެއީ.” އާހިލްގެ މަންމަގެ އަނގައިން ކައިވެނީގެ ލަފުޒު ބުނި ވަގުތު އަނބުރައިގަނެގެން ހަމަ ދެންމެ ދެންމެ ވެއްޓެނީއޭވެސް އާހިލް އަށް ހީވިއެވެ.

“ތި ދެކުދިންވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ހަމަ ވާއިރަށް ކައިވެންޏައިގެން އުޅެންވީ.” އާހިލްގެ ޝޮކް ޖެހިފައިވާ މޫނަށް ބަލައިލަމުން ޝަޤްފްތާ އަށް ހީނގަނެވިއްޖެ އެވެ.

“އެހެންވީމަ މިހާރު ދަރިފުޅު އާއިމާ އާމެދު ވިސްނިޔަސް ރަނގަޅުވާނެ. ލޯބިވިޔަސް ރަނގަޅުވާނެ.” މިހެން ބުނަމުން އާހިލްގެ ގައިގައި ވަރަށް ލޯބިން ބައްދައިލި އެވެ.

“ދެން މާބޮޑަށް ނުވިސްނާ. މާތްﷲ އާއިލްގެ އަންބެއްގެ ގޮތުގައި ވުމަށް އާއިމާ ފަދަ ރަނގަޅު ކުއްޖަކު މިންވަރު ކުރެއްވީތި އުފަލާއެކު ޝުކުރުވެރިވޭ ދަރިފުޅާ.” މިހެން ބުނަމުން އާހިލްގެ ކޮޓަރިން ޝަޤްފްތާ ނިކުމެއްޖެ އެވެ.

 

އާހިލް އަށް އަދިވެސް އިނދެވުނީ އެވެ. ގަނޑުވެފައެވެ. ޝޮކް ޖެހިފައެވެ. ލޮލުން ކަރުނަ ފޫއްދާލާކަށް މާކަގިނަ ވަގުތެއް ނުނެގި އެވެ. އުފަލުންގޮސް އާހިލްގެ ތުންފަތުގައިވެސް މަޑުމަޑު ތުރުތުރެއް ލާންފެށި އެވެ.

“ޔާﷲ،” ތުންފަތަށް އުފާވެރި ހިނިތުންވުމެއް އައުމާއެކު ދެލޯ މަރައިލެވުނެވެ.

 

“ބަލާބަލަ އާއިމާ ….. އެޔޮށް ދަނީ އޭނަ.” އާއިމާގެ މޫނަށް ބަލައިލަމުން ޒީނަތު ބުންޏެވެ. އާއިމާ އާ ދިމާކޮށްލުމަށެވެ. ޒީނަތުގެ އެ ޖުމްލައާއެކު އާއިމާއަށް ހީވީ ކުއްލި ޝޮކެއް ލިބުނުހެންނެވެ.

މީގެ އަށެއްކަ ދުވަސް ކުރިން އާހިލްގެ މަންމައާއި ބައްޕަ އާއިމާ މެންގެ ގެއަށް ގޮސް ކައިވެންޏަށް ހުށައެޅިކަން އެނގުނުފަހުން އާއިމާ އެ ހުންނަނީ އުފަލުން ފޮޅިފައެވެ. އާއިމާގެ މައިންބަފައިންވެސް ތިބީ އެހާމެ އުފަލުންނެވެ. މުޅި ހަފުތާ އެއްކޮށްވެސް އާއިމާ އިންތިޒާރުކުރަމުން އެ ގެންދަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް އާއިމާއާއި ދިމާއަށް އާހިލް ބަލައިލާނެ ވަގުތަކަށެވެ. ނަމަވެސް އާހިލްގެ ކިބައިން އެފަދަ އެއްވެސް ހަރަކާތެއް ފެންނަގޮތެއް ނުވެއެވެ. މިކަމާ އާއިމާ ދެރައެއް ނުވެއެވެ. އާއިމާ އާއި ދިމާއަށް އާހިލް ނުބެލިޔަސް، މިފަހަރު އާހިލްގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަން ފެނިފައި އާއިމާ އަށް ވެސް ހުރެވެނީ ހިތްހަމަޖެހާއި އުފާވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އަޑުއިވިގެން ދިޔައީ އާއިލާ އާއިއެކު އާހިލް ޕާކިސްތާނަށް ބަދަލުވާން އުޅޭވާހަކައެވެ. މިއަދު ހެނދުނުންސުރެ އާއިމާގެ ހިތަށް ހަމަޖެހުމެއް ނުލިބި ރޯ މަހެއް ތެޅޭހެން ތެޅެމުން އެދަނީ އެހެންވެގެންނެވެ.

‘އާހިލް ނުފެންނަ ތަނެއްގަ ކިހިނެތް އަހަރެން ދިރިއުޅޭނީ؟’ މުޅި ދުވަހު ހަތަރުދަން އާއިމާ ހޭދަކޮށްލީ ސިކުނޑިތެރޭގައި މި ސުވާލު ތަކުރާރު ކުރަމުންނެވެ.

 

ދުވަސްތައް ފާއިތުވަމުން ދިޔައީ އާއިމާގެ ހިތަށް އެއްވެސް ހަމަޖެހުމެއް އަރާމެއް ނުލިބިއެވެ. ކޮންމެ ދުވަހެއްވެސް އާއިމާ ގުނަމުން ދިޔައީ އާހިލް އޭނާ ނުފެންނަ ހިސާބަށް ދާނެ ދުވަސް ނައުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

 

އާހިލް ގެ މައިންބަފައި އާއިމާ އާއި ބައްދަލުކުރުމަށް އެގެއަށް ދިޔަދުވަހެވެ. އެވަގުތު އާއިމާ ގެއަކު ނޫޅެއެވެ. އެހެންކަމުން އެމީހުން އެގޭގައި ކުޑައިރުކޮޅަކު ތިބުމަށްފަހު ގެއަށް ދިޔައީއެވެ. އެމީހުން ގެއަށް ދާން ނިކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާއިމާ އަށް ގެއަށް އާދެވިއްޖެއެވެ. އާހިލްގެ މަންމަމެން އައި ވާހަކަ އާއި އެމީހުން ފުރައިގެން ދިޔައެއްކަމަކު ވަރަށް އަވަހަށް އެމީހުންގެ ޅީދަރިފުޅަކަށް އާއިމާ ހެދުމަށް އަންނާނެ ވާހަކަވެސް އާހިލް މަންމަ ބުނިކަމަށް އާއިމާގެ މަންމަ އާއިމާ ކައިރީ ބުންޏެވެ. ވާންއުޅޭ މައިދައިތަގެ މެސެޖް ކިތަންމެ ފޮނި އުއްމީދެއް ގެނެސްދިން ނަމަވެސް، އާއިމާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެ އެވެ. ދުވާލަކު އެއްފަހަރު ނަމަވެސް އާހިލް ނުފެންނަ ހިސާބުގައި ހުރުމަކީ އާއިމާ އަށް މިހާރު ކެތްވާ ވަރުގެ ކަމެއް ނޫނެވެ.

 

“އަޅެ މާދަން އޭނަ ފުރައޭ.” ޒީނަތާއި އެކުގައި ގޮސް ސްކޫލަށް ވަންނަމުން އާއިމާ ބުންޏެވެ. އޭރު އާއިމާގެ ދެލޯވަނީ ކަރުނައިން ބަރާވެފައެވެ.

“އެނގެޔޭ. އިރާދަކުރެއްވިއްޔާ އޭނަ އެނބުރި އަންނާނެޔެއްނު.” އާއިމާ ގެ ހިތްހަމަ ޖައްސައިދިނުމަށް ޒީނަތު ބުންޏެވެ. އާއިމާ ބޯޖަހައިލިއެވެ. ދެކުދިން އެކުގައި ގޮސް ކުލާހަށް ވަދެއްޖެއެވެ. އެވަގުތު އާއިމާގެ ނަޒަރު ގޮސް ހުއްޓުނީ އާހިލް އަށެވެ. އޭރު އާހިލް ކުލާހަށް ވަންތާ އިރުކޮޅެއް ވެއްޖެއެވެ. އާހިލް އާއި ދިމާއަށް ބަލައިލުމާއެކު އާއިމާގެ ހިތް ހީވީ މޭ ފަޅާލާފައި ހަމަ ދެންމެދެންމެ ނިކުމެފާނެ ހެންނެވެ. އާއިމާ ގޮސް އިށީންނީ އާހިލް އިށީންދެ އިން ޑެސްކުގެ ކުރިއަށް ހުރި ގޮނޑީގައެވެ. އާއިމާއާއި ދިމާއަށް ލާނެތް ހިނިތުންވުމެއް ދެމުން ޒީނަތު ގޮސް އޭނާގެ ގޮނޑީގައި އިށީންނިއެވެ. އިރުކޮޅެއްފަހުން މުދައްރިސު ދުރުވެ ފިލާވަޅު ނަގައިދެއްވަން ފައްޓަވައިފިއެވެ. އާއިމާ އާއި އާހިލް އަނގައިންނުބުނެ، އެކަކު އަނެކަކާއި ދިމާއަށް ބަލައިނުލާ ތިއްބަސް ދެކުދިންނަށްވެސް ދެކުދިންގެ ހިތުގެ ހާލު ކިތަންމެހާ ރަނގަޅަކަށްވެސް އެނގެއެވެ. ހިތުގައި ސިކުންތަކު ޖަހަނީ ކިތައް ވިންދުކަންވެސް އެނގޭ ކަހަލަ އެވެ. ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއި އެކު ދެކުދިންގެ ހިތުގެ ވިންދުވެސް ދިޔައީ އަވަސް ވަމުންނެވެ.

އިންޓަވަލް ރަނގަބީލުގެ އަޑާއިއެކު ހުރިހައިކުދިން ކުލާހުން ނިކުމެއްޖެއެވެ. ނަމަވެސް އާއިމާ އެއް ނުނިކުމެއެވެ. އާހިލް ވެސް ނުނިކުމެ މަޑުކޮށްގެން އިނެވެ.

ޒަކީ އާއި ޒީނަތު ކުލާހުން ނިކުތީ އާއިމާ އާއި އާހިލްގެ ކުޅިސަމާ ބަލަން އިރުކޮޅެއްވާންދެން ކުލާހުގެ ދޮރުކައިރީގައި މަޑުކޮށްލައިގެން ތިބުމަށްފަހުއެވެ. ޒަކީ އާއި ޒީނަތުގެ މޫނުމަތިންވެސް އުފާވެރިކަމުގެ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ހީވާކަހަލަ އެވެ. އެދެކުދިން ކުލާހުގައި މަޑުނުކޮށް ނިކުތީވެސް އާއިމާ އާއި އާހިލް އެކަނި ކުލާހުގައި ތިބުމަށް ފުރުޞަތު ދިނުމަށެވެ.

 

ޒީނަތުމެން ކުލާހުން ނިކުތްތާވެސް އިރުކޮޅެއް ވެއްޖެ އެވެ. އެހެންނަމަވެސް އާހިލް އާއި އާއިމާ އެމީހުންގެ ގޮނޑީގައި ޖެހިބުދެއްހެން ތިބުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ. ދެކުދިންވެސް ތިބީ އިސްޖަހައިގެންނެވެ. ހިތުގެ ތެޅުން ކިތަންމެހާވެސް އަވަހެވެ. އަތުގައި އޮތް ގަލަމާއި ކުޅޭވަރުން އެ ގަލަމަށް އުނދަގޫވެގެން ރޮއެ ހަޅޭލަވާ އަޑު އިންސާނުންނަށް އިވޭނެ ނަމަ މިވަގުތު ކުލާސްތެރެއިން އިވޭނެ ހަމައެކަނި އަޑަކީ އެއީއެވެ.

“އަހަރެން ފުރަން މިއުޅެނީ.” ތަނަށް ވެރިވެފައިއޮތް ހިމޭންކަން ފޫދުއްވާލަމުން އާހިލް ބުންޏެވެ. އާހިލްގެ އަޑު އިވުމާއެކު އާއިމާ އަށް ހީވީ ކަރަންޓުގެ ޝޮކެއް ލިބުނުހެންނެވެ. އެވަގުތު ހިތްގައިމު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވުމާއެކު އާއިމާ އަށް ދެލޯ މަރައިލެވުނެވެ.

ފުރަތަމަ ފަހަރަށް އާއިމާ އާއި އާހިލް އަނގައިން ބުނީއެވެ. އާހިލް ގެ އަނގައި ނިކުން ތިން ލަފުޒުގެ ކުރު ޖުމްލަ އިވިފައި އާއިމާއަށް އުފަލުން ރޮވިއްޖެއެވެ. ރޯން ފެށުނީ ފުރަތަމަ ފަހަރަށް އާހިލް އާއިމާ އާއި ވާހަކަދެއްކުމުންނެވެ. އެވަގުތު އާއިމާގެ ހިތް ވެސް ރޯންފަށައިފިއެވެ. ހިތް ރޯންފެށީ އާހިލް ބުނި ޖުމްލައިގެ ސަބަބުންނެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.