” ‘ހަށިހިމޭންކަން‘ ވަރަށް ރީތި. ރިލެކްޒޭޝަން އާއި ގުޅޭ. ހަށިހޭނެތި އުޅުމުގެ އިދިކޮޅު.” މިއީ ފޭސްބްކް ގައި ދިވެހި ބަހާއި ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލުބަދަލު ކުރުމަށްޓަކައި އުފައްދާފައިވާ އޮޅިއެއް ކަމަށްވާ ‘ބަސް ޖަގަހަ’އިގައި އަހަރެން ‘ހަށިހިމޭންކަން’ މި ލަފުޒު ޖަހައިލުމާއިއެކު ލިބުނު ޚިޔާލެކެވެ.
“ރީތި. ރިލެކްސިން: ހަށި ހިމޭންކުރުން.” އެހެން މީހަކު ފާޅުކޮށްފައިވާ ޚިޔާލެކެވެ.
“އަންނާނަން ރާއްޖެ ގޮސް ހަށި ހިމޭންކޮށްލައިގެން.” މިވެސް ހަމަ މި ލަފުޒަށް މީހަކު ފާޅުކޮށްފައިވާ ޝުޢޫރެކެވެ.
‘ހަށިހިމޭންކަން’ މި ލަފުޒަކީ މޯލްޑިވްސް ޑިކްޝަނަރީ 1.0 އިން ފެނުނު ވަރަށް ހިތްގައިމު، ރީތި ލަފުޒެކެވެ. ހަމަ އެއްމެ ލަފުޒެކެވެ. މުނިއަވަސް އިން މިރޭ މި ފަށާ އައު ބަޔަކީ ‘ހަމަ އެއްމެ ލަފުޒެއް’ ގެ ނަމުގައި ގެނެސްދޭން ފަށާ ބައެކެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭނީ ދިވެހި ބަހުގައި ހިމެނޭ، އެހެން ނަމަވެސް އާއްމުކޮށް ދިވެހިބަހުން އެ ލަފުޒަށް ކިޔައިއުޅޭ ލަފުޒެއް އޮންނަކަން އާއްމުކޮށް ނޭނގޭ ލަފުޒުލަފުޒެވެ. ދިވެހި ބަހުން ވާހަކަދައްކާއިރު އިނގިރޭސި ބަހެއް ބޭނުންކޮށްލައިގެން ފަރުޖައްސާލައި އުޅޭ ޒާާތުގެ ބައެއް ލަފުޒުލަފުޒެވެ. ކޮންމެ ދުވަހަކުވެސް ގެނެސްދޭނީ ހަމަ އެންމެ ލަފުޒެކެވެ.
‘ހަމަ އެންމެ ލަފުޒެއް’ މި ބަޔަށް ލަފުޒު ނަގާނީ ބަސްތޫރަ ތަކުންނާއި މޯލްޑިވްސް ޑިކްޝަނަރީ 1.0 ން ނެވެ. އެގޮތުން މިފަހަރު ނަގާފައިވާ ހަމަ އެންމެ ލަފުޒަކީ ހަށިހިމޭންކަމެވެ. މިއީ ރިލެކްޒޭޝަން އަށް ބޭނުންކޮށްލެވިދާނެ ދިވެހި ލަފުޒެކެވެ.
ބައެއް މިސާލުތައް:-
1- ހަށިހިމޭންކަން ހޯދުމަށް އަހަރެން ގިޓާ ކުޅޭހިތް ވެއެވެ. (ރެލެކްޒޭޝަން އަށް އަހަރެން ގިޓާ ކުޅެމޭ ބުނުމުގެ ބަދަލުގައި މިގޮތަށް ބޭނުންކުރުން ކިހިނެތްވާނެ ހެއްޔެވެ؟)
2- ޑޮކްޓަރު ލަފާދެއްވީ ހަށިހިމޭންކޮށްލުމަށެވެ. (ޑޮކްޓަރު ލަފާދެއްވީ ރިލެކްސް ކޮށްލުމަށެވެ.)
3- ފަތުރުވެރިން ރާއްޖޭގެ ގޮނޑުދޮށްތަކުގައި ހަށިހިމޭންކޮށްލަން ރާއްޖެއަށް ޒިޔާރަތްކުރެއެވެ. (ފަތުރުރުވެރިން ރާއްޖޭގެ ގޮނޑުދޮށްތަކުގައި ރިލެކްސްކޮށްލަން ރާއްޖެއަށް ޒިޔާރަތްކުރެއެވެ.
މޯލްޑިވްސް ޑިކްޝަނަރީ 1.0 އަކީ ދުވާލަކު އެތައް ފަހަރަކު އަޅުގަނޑު ބޭނުންކޮށްއުޅޭ ޕީޑީއެފް ފައިލް އެކެވެ. މިއީ ދިވެހި ބަހުގެ ލަފުޒު ތަކުގެ މާނަ، އިނގިރޭސި ލަފުޒު ޖަހައިގެން ހޯދަން ވަރަށް ފަސޭހަ ޑިކްޝަނަރީ އެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!