ދުވެވުނު އެންމެ ބާރަކަށް މިޝަލް ދުވަމުން ދަނީއެވެ. އަމިއްލަ ނަފުސު ސަލާމަތް ކުރުމަށެވެ. ކުޑަކޮށްވެސް މަޑުކޮށްލުމެއް ނެތެވެ. ފަސް އެނބުރި ބަލަމުންނެވެ. އަޅަމުންދިޔަ ފިޔަވަޅުތަކަށް މަޑުޖެހުމެއް ނެތެވެ. ހިކި ފަންތަކާއި ގަސްތަކުގެ ހިކި ފަތްތައް ފައިދަށުވެ މުގުރެމުންދާ އަޑު އިވެމުންދެއެވެ. މިޝަލްގެ ކުރުވެފައިވާ ނޭވާގެ އިހްސާސް، އެ ފުރަމެންދަމުގައި ރަށުގެ ވަލުތެރެއަށް ވެސް ކުރެވެމުންދާ ކަހަލަ އެވެ. ހަލުވިކޮށް އަޅަމުންދާ ފިޔަވަޅުތަކާއި އޭނާގެ މޫނަށް ވެރިވެފައިވާ ބިރުވެތިކަމުގެ އިހްސާސް ތަކުންނެވެ.

” މިޝަލް ދުވާނެ ވަރަކަށް ދުވޭ! މޮޅިއްޔާ މަގޭ އަތްދަށުން ސަލާމަތްވެގެން ރައްކާވެވޭތޯ ނިކަން ބަލާބަލަ!” މިޝަލް ގެ ފަހަތުން ދުވަމުން އަންނަ މީހާ އަނެއްކާވެސް ހަޅޭއްލަވައިގަތެވެ.

އެމީހާ މިޝަލްގެ ފަހަތުން ދުވަމުން ދަނީއެވެ. އެމީހާގެ އަތު ނުޖެހި ސަލާމަތް ވެވޭތޯ މިޝަލް މަސައްކަތް ކުރަނީ އެވެ. ލޮލުން ފައިބަމުންދާ ކަރުނަތައް ކޮތާފަތް މައްޗަށް ފައިބަމުންދެއެވެ. ރާއްޖެ އާދެވުނު މޮޔަ ހިތަށް އަރާފައެވެ. މީގެ ހަފުތާއެއް ކުރިން އޭނާގެ އަމިއްލަ ދިރިއުޅުމައިގެން ނުލާހިކު ހަމަޖެހިގެން އުފަލުގައި ދިރިއުޅުނެވެ. މިޝަލް ހިތްއެދޭ ގޮތަށް އުޅެވުނެވެ. އެހެނަސް މިއަދު އޭނާ ދުވަމުން އެދަނީ އަމިއްލަ ދިރިއުޅުން ސަލާމަތް ކުރުމަށެވެ. އަމިއްލަ ފުރާނަ ސަލާމަތްކުރުމަށެވެ. ރާއްޖެ އަށް އެނބުރި އައުމުން މިފަދަ ހާލެއް ޖެހިދާނެކަމަށް މިޝަލް ގެ ޚިޔާލަށްވެސް ގެނެވިފައެއް ނުވެއެވެ. ޚުދު މިޝަލް ގެ ބައްޕަ މިވަރުގެ ބޮޑު އޮޅުވައިލުމެއް އުފަންދަރިއަކަށް އޮޅުވާލާފާނޭ ހީވެސް ނުވެއެވެ.

 

“މިޝަލްލްލްލްލް.” އެމީހާ ވަށައިގެން ހޯދާ ބަލަމުން ހަޅޭއްލަވައިގަތެވެ. އޭރު މިޝަލް ހުރީ ގަހެއްގެ ނިވަލުގައި ފިލައެވެ.

ނޭވާ ހިފަހައްޓާލިއެވެ. ތުރުތުރުލަމުންދާ ހަށިގަނޑު ކޮންޓްރޯލް ކުރެވޭތޯ މިޝަލް މަސައްކަތްކުރަން ފެށިއެވެ. ދެލޯ މަރައި ތަގުޅިކޮށްލި އެވެ. އެވަގުތު އޭނާގެ މުޅި ދިރިއުޅުން ފިލްމެއްގެ ސިފައިގައި ސިފަވާން ފެށިއެވެ.

 

މިޝަލް ދިރިއުޅެމުން ދިޔައީ އަވަށްޓެރި ސްރީލަންކާ ގައެވެ. އޭނާގެ ބައްޕައާއެކު އެވެ. އާއިލާގައި ހުރި ހަމައެކަނި މީހަކީވެސް އެ ބައްޕަ އެވެ. މިޝަލް އަކީ ސަކަ މިޒާޖުން ފުރިފައިވާ ލޯބިލޯބި ކުއްޖެކެވެ. މިޝަލް އަށް އޭނާގެ ތިމާގެ އެއްވެސް މީހަކާއި ބައްދަލުވެވިފައެއް ނެތެވެ. ތިމާގެ މީހުން ތިބިކަމެއްވެސް ކުރިއަކުން އެނގިފައެއް ނެތެވެ. އެކަމަކު ވަރަށް ކުއްލިގޮތަކަށް އެއްދުވަހަކު އޭނާގެ ބައްޕަ ގެއަށް އައިސް ބުނީ އާއިލާ އާއި ބައްދަލުކޮށްލަން ރާއްޖެ އަށް ދާ ވާހަކައެވެ. މިޝަލް ގެ ރައްޓެހިންނެކޭ އެއްފަދައިން އޭނާގެވެސް ތިމާގެ މީހުން ތިބިކަން އެނގުމުން ބުނަންވެސް ނޭނގޭފަދަ އުފާވެރިކަމެއް އިހްސާސް ކުރެވުނެވެ.

އެކަމަކު މިޝަލް އަށް ނޭނގި ފަރުދާގެ ފުރަގަހުން ތަދުބީރު ކުރެވެމުންދިޔަ ކަންތައްތަކުގެ ކުޑަވެސް ހިލަމެއް ނުވާކަހަލަ އެވެ. އޭނާގެ ބައްޕަ ރާވަމުން ދިޔައީ ކޮންކަހަލަ ޕްލޭނެއްކަމެއް ހިތަށްވެސް ނާރައެވެ. އެހެނަސް!….. އެހެނަސް މިޝަލް ރާއްޖެ ގެނެވުނީ ދެބެގެންގެ ދެދަރި ކުއްޖަކާ ކައިވެނި ކުރުވުމަށެވެ. އަމިއްލަ ބައްޕަގެ އެ ޕްލޭން އޭރު މިޝަލް އަކަށް ނޭނގެއެވެ. އެފަދަ ކަމެއް ޚުދު އޭނާގެ ބައްޕަ ކޮށްފާނެކަމަށް ދުވަހަކުވެސް ހިތަށްވެސް ނާރައެވެ. އެކަމަކު މިޝަލް ގެ މުޅި ހަޔާތް ބަރުބާދުވިޔަ ދޭކަށް މިޝަލް ފުރުޞަތެއް ނުދޭނެ އެވެ. ކައިވެނީގެ އެއްދުވަސް ކުރިން މިޝަލް ފިލައިގެން ނިކުތީ އަމިއްލަ ނަފުސު ސަލާމަތް ކުރުމަށެވެ. އަމިއްލަ ހަޔާތަށް ކުރިމަތިވާން އުޅުނު ބޮޑު މުސީބާތުން ސަލާމަތް ވުމަށެވެ.

ރާއްޖޭގެ އާބާދީ މަދު ރަށެއްގައި މިޝަލް ގެ ދިރިއުޅުން ވޭތިކޮށްލާނެ ގޮތެއް އެއީ މިޝަލް ގެ ޚިޔާލަށް ގެންނަންވެސް ފަސޭހަ ކަމެއް ނޫނެވެ. އެ ރަށުގައި މިޝަލް ދަންނަ އެއްވެސް މީހަކު ނޫޅެއެވެ. މިޝަލް ކުރާނެ ކަމެއްވެސް، މަޖާކޮށްލަން ދާނެ ދިމާއެއްވެސް އެ ރަށަކު ނެތެވެ. މި ހުރިހައި ކަމަކަށްވުރެން ބޮޑު އެހެން ކަމެއްވެސް އެބައޮތެވެ. ހަރުކަށި ދީނީ ފިކުރު އެރަށުގައި ވަކިހިއްޕާލާފައި ވަނީ އިންތިހާއަށެވެ. ރާއްޖޭގެ ހުރިހައި ރަށްރަށުގެ ތެރެއިން އެކަމުގައި އެންމެ ކުރީގައި އުޅޭނީ އެރަށް ކަމާއިމެދު ގިނަބަޔަކު އިއްތިފާގުވާނެއެވެ. ނާތަހުޒީބު ބައެއް ޘަޤާފަތްތައްވެސް އެހައިބޮޑަށް ހަރުލާފައި ވެއެވެ. އެ ހުރިހައި ކަމެއްގެ ތެރެއިން މިޝަލް އަށް އެންމެ ކަމުނުދާ ކަމަކީ ކަންކަން ނިންމުމުގައި ހަމަ އެއްވެސް ފުރުޞަތެއް އަންހެނުންނަށް ލިބިފައި ނެތުމެވެ. ފިރިހެނުންގެ ކުރިމަތީގައި އަންހެންވެރިން ތިބެން ޖެހެނީ އިސްޖަހައިގެންނެވެ. ހަމަ ގައިމުވެސް މިޝަލް ގެ ކައިވެނި ހަމަޖެއްސި ފިރިހެންކުއްޖާ ނިސްބަތްވާ ބޮޑު ޢާއިލާ ތެރޭގައި ކަންކަން ހުރީ މިފަދަ ނާތަހުޒީބު ގޮތަކަށެވެ.

 

“ކޮބާ ހީވެ!… އަތުވެއްޖެއްނު!” ތެޅިގަންނަމުން މިޝަލް ލޯހުޅުވައިލީ ދާދި ގާތުން އެމީހާގެ އަޑު އިވުމުންނެވެ. ބިރުވެރި ހުވަފެނެއްފަދަ ސިބްޢަތުﷲ އެހުރީ މިޝަލްގެ ކުރިމަތީގައެވެ. ކައިވަތެއްހައި ކައިރީގަ އެވެ.

“އަހަރެން ދޫކޮށްލާ!” މިޝަލްގެ އަތުގައި ސިބްޢަތުﷲ ހިފައި ދަމާފައި ގެންދަން ފެށުމުން މިޝަލް ހަޅޭއްލަވަން ފެށިއެވެ.

“ކީކޭ؟؟ ކަލޭ ހީކުރީތަ މަށަށް އަތުނުވާ ހިސާބަށް ކަލެއަށް ދުވެވިދާނޭ! ނޫން މިޝަލް ނޫން. ކަލޭ އުފަންވީވެސް އަހަންނަށްޓަކައި. ތީ ހަމައެކަނި އަހަރެންގެ ޙައްޤެއް.” މިޝަލް ގެ އަތުގައި ހިފާ ދަމަމުން ސިބްޢަތުﷲ ބުންޏެވެ.

އަޑުން އަޑުނަގައިފާ މިޝަލް ރޮނީއެވެ. ހަޅޭއްލަވަނީ އެވެ. އޭނާ ދޫކޮށްލާތޯ އާދޭސްކޮށް ސަލާންޖަހަނީ އެވެ. އެކަމަކުވެސް އެއްވެސް ރަހުމެއް، ހަމްދަރުދީއެއް ނެތި ބިންމަތީގައި މިޝަލް ދަމާކޫއްތަމުން ދިޔައެވެ. ގަސްގަގުގެ ގޮފިތަކާއި އޭތިމީތީގައި ޖެހި މިޝަލް ގެ ގައިން ލޭކޮށެމުން ދިޔަނަމަވެސް ސިބްޢަތުﷲގެ ހިތަށް އެއްވެސް އެއްޗެއް ނާރާ ކަހަލައެވެ. މިޝަލް ގެ އާދޭހަކަށް، ލޮލުން ފައިބަމުންދިޔަ ކަރުނައަށް، ގައިން އޮހެރެމުންދިޔަ ލެޔަށް ގުޑާވަރަށް ވުރެން ސިބްޢަތުﷲގެ ހިތް ހަރުވެފައި ހިލައެވެ.

“ސިބްޢަތުﷲ ޕްލީޒް އަހަރެން ދޫކޮށްލާ.” އަޅަމުންދާ ވޭނާއިއެކު މިޝަލް ހަޅޭއްލަވަމުން ގެންދިޔައެވެ.

ސިބްޢަތުﷲ އަށް ދެމުނު އެންމެ ބާރަކަށް ބިންމަތީގައި މިޝަލް ދަމަމުންދިޔައިރު އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ކޮންޓްރޯލުން ނައްޓާފައެވެ. މިޝަލް ގެ ހަށިގަނޑަށް އަޅަމުންދިޔަ ވޭން ތަހައްމަލު ކުރެވުނީވެސް ވަކިވަރެއް ވާންދެނެވެ. މިޝަލް ގެ ހެޔަށް ގޮތްވެ ހަށިގަނޑުން އެއްކޮށް ވާގި ދޫވެއްޖެ އެވެ. ސިބްޢަތުﷲ އަށް ރޭކާލީ މިޝަލް ގެ ހަށިގަނޑުގެ ބަރުހެލިވުމުން ނެވެ. ފަސް އެނބުރި ބަލައިލިއިރު މިޝަލް ގެ ހެވެއް ނެތެވެ. މިޝަލް ކައިރީގައި ކަކޫމައްޗަށް އިށީންނަމުން މިޝަލް ގެ މޫނުމައްޗަށް އެޅިފައިހުރި އިސްތަށިތައް އެއްފަރާތްކޮށްލި އެވެ. އެ ޗާލު މޫނަށް ބަލަން ފެށިއެވެ. އިސާހިތަކުން ސިބްޢަތުﷲގެ ލޮލަށް ކަރުނަ ޖަމާވެއްޖެ އެވެ. ލޮލަށް ޖަމާވި ކަރުނަފޮދު ފޮހެލަމުން މިޝަލް ގެ މޫނާއި ދިމާއަށް ގުދުވިއެވެ.

“މި ހުރިހާ ކަމެއްވެސް މިހެން މިވަނީ ހަމަ މިޝަލް ގެ ސަބަބުން.” ދަތްކުނޑި ވިކައިލަމުން މިހެން ބުނެފައި އަތްދަނޑިމައްޗަށް މިޝަލް ނަގަމުން ވަލުން ނިކުތުމަށް ހިނގައިގަތެވެ.

***~~~***~~~***

މަޑުމަޑުން މިޝަލް ގެ ލޯ ހުޅުވައިލި އެވެ. ވަށައިގެން ހޯދާ ބަލައިލުމަށްފަހު އަމިއްލަ ހަށިގަނޑަށް ބަލައިލިއެވެ. އޭރު މިޝަލް އޮތީ ކައިވެނީގެ ހެދުމުގައެވެ. ގަހަނާ އަޅައި ޒީނަތްތެރި ކޮށްފައެވެ. ލިބުނު ހައިރާންކަމާއެކު ދެލޯ ބޮޑުކޮށްފައި އަނެއްކާވެސް ވަށައިގެން ހޯދަން ފެށިއެވެ.

“ދަރިފުޅާ އާދޭ. މިހާރު ކައިވެނީގެ ވަގުތު ޖެހެނީ.” އިވުނު އަޑަށް އިސްއުފުލައި ބަލައިލިއިރު ކޮޓަރީ ދޮރުމަތީގައި ބޮޑުދައިތަ ކޮޅަށް ހުއްޓެވެ.

“ބޮޑުދައިތާ.” އެނދުން ފައިބައިގެން ދުވެފައިގޮސް ބޮޑުދައިތަގެ ގައިގައި އޮޅުލައިގަތެވެ.

“ކިހިނެތް މިވަނީ؟ އަހަރެން… އަހަރެން ބޭނުމެއް ނޫން…” މިޝަލް އަށް ބުނެވުނީ މިހިސާބަށެވެ. ބޮޑުދައިތަގެ އިނގިލަތަކުން މިޝަލް ގެ ތުންފަތުގައި ޖައްސާ ބާރުކޮށްލިއެވެ. މިޝަލް ބުނަން އުޅުނު ޖުމްލަ ހުއްޓުވުމަށެވެ.

“މިހާރު ދެން ތިވާހަކަ ނުދައްކާ. ކިތަންމެ ބަހަނާއެއް ދެއްކިޔަސް، ކިތަންމެ ގަދައެއް ހެދިޔަސް އަހަރުމެން އަންހެނުން ޖެހޭނީ އެންމެފަހުން ހަތިޔާރު ބަހައްޓަން. އަހަރުމެންނަކަށް ނޫނެކޭ ނުބުނެވޭ. ދަރިފުޅާ، ދިރިއުޅުމަކީ އުނދަގޫކަމެއް، ޚާއްޞަކޮށް އަހަރުމެން އަންހެނުންނަށް. އަހަރުމެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަންވެސް އަމިއްލައަށް ނުނިންމޭނެ. އެހެންވީމަ މާތްﷲ އާ ވަކީލުކޮށްލާފަ ވާނެއެއްޗެއް ވުމަށް ދޫކޮށްލާ. ދަރިފުޅުވެސް ގޮތްދޫކުރޭ. އެހެންނޫނީ އަނިޔާވާނީ ހަމަ ދަރިފުޅަށް. މިހާރު ވާން މިއުޅޭ ކަންތައް ވިޔަދީ. ﷲ އިރާދަފުޅުން ދައްކަވާނެ މަގެއް ދައްކަވަންދެން ބަލަން ހުރޭ.”

ބޮޑުދައިތަ ނަސޭހަތްދެމުން ދިޔައިރު އެ ވާހަކަތައް އަޑުއަހަން މިޝަލް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.