“އަހަރެން ފުރަން މިއުޅެނީ.” ތަނަށް ވެރިވެފައިއޮތް ހިމޭންކަން ފޫދުއްވާލަމުން އާހިލް ބުންޏެވެ. އާހިލްގެ އަޑު އިވުމާއެކު އާއިމާ އަށް ހީވީ ކަރަންޓުގެ ޝޮކެއް ލިބުނުހެންނެވެ. އެވަގުތު ހިތްގައިމު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވުމާއެކު އާއިމާ އަށް ދެލޯ މަރައިލެވުނެވެ.
ފުރަތަމަ ފަހަރަށް އާއިމާ އާއި އާހިލް އަނގައިން ބުނީއެވެ. އާހިލް ގެ އަނގައި ނިކުން ތިން ލަފުޒުގެ ކުރު ޖުމްލަ އިވިފައި އާއިމާއަށް އުފަލުން ރޮވިއްޖެއެވެ. ރޯން ފެށުނީ ފުރަތަމަ ފަހަރަށް އާހިލް އާއިމާ އާއި ވާހަކަދެއްކުމުންނެވެ. އެވަގުތު އާއިމާގެ ހިތް ވެސް ރޯންފަށައިފިއެވެ. ހިތް ރޯންފެށީ އާހިލް ބުނި ޖުމްލައިގެ ސަބަބުންނެވެ.
“މަށަށް އެނގޭ.” އާއިމާގެ ޖަވާބު ކުރުވެފައި އަސަރުގަދަ އެވެ. ކުރު ޖަވާބާއިއެކު އާއިމާ ހިނިތުންވީ ގަދަކަމުންނެވެ.
އާއިމާގެ ޖަވާބު ލިބުމުން އާހިލް އަށް ލިބުނު އުފަލުގެ ކޮޅެއްވެސް ނެތެވެ. އެކަމަކުވެސް އާހިލް އަށް ފުރަގަސްދީގެން އާހިލްގެ ކުރިމަތީގައި އިން އާއިމާ އާއި ދިމާއަށް އާހިލް އިސްއުފުލައި ބަލާވެސް ނުލައެވެ. މަޑުމަޑުން ލޮލުގެ ހިމަކޮޅުން އާއިމާ އަށް ފުރަތަމަ ފަހަރަށް ބަލައިލައިފިއެވެ. އާއިމާ އަޅައިގެން ހުރި ބުރުގާގެ ފަހަތުގައި އެލުވާފައި ހުރި މިނާ ފުއްތަކަށް ނަޒަރު ހުއްޓާލިއެވެ. ފަންކާއިން ޖެހެމުންދިޔަ ވަޔާއި އެކުގައި މިނާފުއްތައް ވެސް ނަށަމުންދެއެވެ. އެތަން ފެނިފައި އާހިލްގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އަވަސް އަވަހަށް އިސްޖަހައިލިއެވެ.
“މަށަށް އިންތިޒާރު ކުރާނަންދޯ؟” އާހިލްގެ އަމިއްލަ އަތްތިލައަށް ބަލަން އިނދެ ސުވާލުކުރި އެވެ.
“އާހިލް ބޭނުންތަ އަހަރެން އިންތިޒާރުކުރަން؟” އާއިމާ ވެސް ކުރީ ސުވާލެކެވެ. އާއިމާގެ އެ ސުވާލު އާހިލަށް ވެސް އިވުނެވެ.
“އަހަރެން އާނއެކޭ ބުނެފިއްޔާ ދެނޯ!؟” ތެޅިތެޅި އޮތް ހިތަކާއިއެކު އާހިލް ވެސް އަނެއްކާ ކޮށްލީ ސުވާލެކެވެ.
“އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އަހަރެން އިންތިޒާރު ކުރާނަން.” އާއިމާގެ ޖަވާބު އިވުމުން އާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
“އާއިމާގެ ވާތް އަހަންނާ ދިމާއަށް ދިއްކޮށްލަބަލަ.” އާހިލް ބުންޏެވެ. އާއިމާއަށް ތެޅިގަނެވުނެވެ.
އިތުރު އެއްވެސް އެއްޗެއް ނާހައި، މަޑުމަޑުން އާއިމާގެ އަތް އާހިލް އާއި ދިމާއަށް ދިއްކޮށްލި އެވެ. ޖެހިލުންވެ އިނދެ ލަސްލަހުން، އާއިމާގެ ނާޒުކު، ރީތި އަތްތިލައަށް އާހިލްގެ ނަޒަރު ހިންގައިލިއެވެ. ހަމަ އެވަގުތު އާހިލްގެ އަތްތިލަ ޖީންސްގެ ޖީބަށް ކޮއްޕާލައި ކޮންމެވެސް އެއްޗެއް ނަގައިފި އެވެ. އާހިލްގެ ދެ އިނގިލި ކުރިން ހިފަހައްޓައިގެން އިނދެ ވަރަށް ފަރުވާތެރިކަމާއެކު މަޑުމަޑުން އާއިމާގެ މުދިގަނޑު އިނގިލީގައި ރަން ރީތި އެހެއް ޖަހާފައިވާ އަނގޮޓިއެއް އަޅުވައިދިނެވެ. އާއިމާގެ އަތްތިލައިގައި އާހިލްގެ އިނގިލިކުރިވެސް ނުޖައްސައެވެ. އިނގިލީގައި ފިނިއެއްޗެއް ޖެހުމުން އާއިމާގެ ދެލޯ ބޮޑުވެން ދިޔައެވެ.
“ދެން އެންމެ ރަނގަޅު އަތް ނެގިޔަސް.” އާހިލް ބުންޏެވެ. އާއިމާގެ އަތް އަވަސް އަވަހަށް ދަމައިގަތެވެ. އިނގިއްޔަށް ބަލައިލުމާއެކު ލިބުނީ ހައިރާންކަމެވެ. ލިބުނީ ޝޮކެކެވެ. އަނގައިން ބަސް ހުސްވެ އެއްވެސް އެއްޗެއް ނުބުނެވުނެވެ.
އާހިލްގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެ ކަމަށް އާއިމާ ހީވެސް ނުކުރެއެވެ. އާހިލްގެ ހާލަކީވެސް ހަމަ އެއީއެވެ. އާއިމާގެ އިނގިލީގައި އެގޮތަށް އަނގޮޓިއެއް އަޅުވައިދޭން ކެރިދާނެކަމަށް ޚުދު އާހިލް ވެސް ހިއެއް ނުކުރެއެވެ. ނަމަވެސް އާހިލް ގެ ހިތް ބުނިގޮތަށް ޢަމަލު ކުރެވުނީ އެވެ.
“އަހަރެންވެސް އެނބުރި އަންނާނެ ކަމަށް ވަޢުދުވަން. ދެޓް ރިންގް އިޒް މައި ޕްރޮމިސް.” ވަރަށް އުނދަގުލުން ނަމަވެސް އާހިލް ބުނަން ބޭނުންވި އެންމެ މުހިންމު އެއްވާހަކަ ބުނެލިއެވެ. އެއާއެކު ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ކުލާހުން ނިކުންނަން ހިނގައިގަތެވެ. ޝޮކެއްގެ ތެރޭގައި ބަސް ހުސްވެފައި ވާ ހާލު އާއިމާ އެކަނި ބައިންދާފައެވެ.
އާހިލް ނިކުތުމުން އާއިމާ އަށް ފުން ނޭވާއެއް ލެވުނެވެ. ހީވީ ނޭވާ ހާސްވެ ގެނބެމުން ދިޔަ މީހަކަށް ނޭވާއެއް ލާނެ ފުރުޞަތެއް ލިބުނުހެންނެވެ. އިނގިލީގައި ވިދަވިދާ އޮތް އަނގޮޓިއަށް ބަލައިލުމާއެކު ބާރަށް ހީނގަނެވުނެވެ. ހީވާކަހަލަ އެވެ. އާއިމާގެ ހިތްވެސް އުފަލުން ބަންޑުންވަނީ އެވެ.
“އަލްޙަމްދު ލިﷲ.” ލޯ މަރައިލަމުން މަޑުމަޑުން އާއިމާއަށް ބުނެވުނެވެ.
މުޅި ދުވަސް ފާއިތުވެގެން ދިޔަގޮތްވެސް އާއިމާ އާއި އާހިލް އަށް ނޭނގޭ ކަހަލައެވެ. ދެކުދިންގެ ހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ. ފޮނި އުއްމީދުތަކުން ހިތް ބަންޑުންވެ ހަށިތެރޭގައި ސުނާމީއެއް އުފެދިދާނޭވެސް ހީވާ ކަހަލައެވެ.
ނަމަވެސް އެދުވަހު އިރުއޮއްސުނީ ދެހިތަށް ވެސް މާޔޫސްކަން ގެނުވަމުންނެވެ. މިރެއަކީ އަކީ އާހިލް ފުރާ ރެއެވެ. އެހެންނަމަވެސް އެ ހިތްގައިމު ހަނދުވަރީ ރޭނގަނޑު އާއިމާގެ ހިތުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ. އަބަދާއި އަބަދު އާއިމާއަށް ބެލެނީ އިނގިލީގައި އޮތް އަނގޮޓިއަށެވެ. އެއީ އާހިލް އެނބުރި އަންނާނެކަމަށް ވީ ވަޢުދުގެ ހެކިވެރިޔާއެވެ. ދުލެއް ނެތަސް، އިޙްސާސެއް ނެތަސް އެ އަނގޮޓިއަކީ ޒުވާން ލޯތްބެއްގެ ފުރަތަމަ އަހުދުކަށަވަރުގެ ހެކިވެރިޔާއެވެ. ހީވާކަހަލަ އެވެ. އާހިލް ވީ ވަޢުދުން އެކަނިވެސް މިވަގުތަށް އާއިމާ އަށް ފުދެއެވެެ.
“އަހަރެން އާހިލް އަށް އިންތިޒާރު ކުރާނަން.” އުޑުމަތީގައި ރަސްކަންކުރަމުންދާ ފުރިހަމަ ހަނދަށް ބަލައިލަމުން އާއިމާ ބުންޏެވެ. އެވަގުތު ދުރުދުރުން މަތިންދާބޯޓެއް މާލެއާއި ދުރަށް، ރާއްޖެއާއި ދުރަށް ދަތުރުކުރަމުން ދާތަން ވެސް އާއިމާގެ ލޮލުގައި އަޅައިގަތެވެ.
އާއިމާގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް އައުމާއިއެކު މާލެއާއި ދުރަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓަށް ހަނާއަޅައިލިއެވެ. އާއިމާއަށް ހީވާކަހަލަ އެވެ. އެ މަތިންދާބޯޓުގައި އާހިލް އިންނާނެއެވެ.
“އައިލް މިސް ޔޫ.” މަތިންދާބޯޓާއި ދިމާއަށް ބަލަމުން، އިނގިލީގައި އޮތް އަނގޮޓިއާއި ކުޅެމުން އާއިމާ ބުންޏެވެ.
ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށް އެދިމާއަށް އާއިމާ އެނބުރުނު އިރު ދޮރުމަތީގައި ހުރީ ޒީނަތެވެ.
“ކިހިނެތްވީ މާ ނުގަޑިއެއްގަ؟ ކިހިނެތްތަ ހާލުކޮޅު؟” ޒީނަތާއި ކައިރިއަށް ފިޔަވަޅު އަޅަމުން އާއިމާ ބުންޏެވެ. އާއިމާ ހުރީ ސަމާސާ މޫޑެއްގައެވެ. ނަމަވެސް އޭރު ޒީނަތުގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. މާނޭވާލަމުން އާއިމާ އާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ ޒީނަތުގެ އެއްވެސް ހަރަކާތެއް ނެތެވެ.
ރޭގަނޑު އެހާ ދަންގަޑިއެއްގައި ޒީނަތު އެގެއަށް އައުމުން އާއިމާ ހުރީ ހައިރާންވެފައެވެ. އެއަށްވުރެން ބޮޑަށް ހައިރާންވީ ޒީނަތުގެ މޫނު ފެނިފައެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ ދިރުމެއް ނުފެނެއެވެ. ކުރިއަށް އިތުރު ދެ ފިޔަވަޅެއް ޒީނަތާއި ދިމާއަށް އާއިމާ އެޅިއެވެ.
“އޭތް… ޒީ ކިހިނެތް ވެފަ ތިހުރީ؟” އަނެއްކާވެސް އާއިމާ ސުވާލުކުރިއެވެ.
“އެ….. އެ……” އެއްޗެއް ބުނެވޭތޯ ޒީނަތު މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ދުލާއި ހަމައަށް އޭނާގެ ހިތުގައި ހުރި ބަސްތައް ނައިސްގެން އުޅެނީއެވެ.
“އެ…. ކޮން އެއެއްތަ؟ ކީއްވީތަ ޒީ؟” އަޑަށް ބާރުލާފައި އާއިމާ ސުވާލުކުރިއެވެ. އާއިމާގެ ހިތް ބިރުގަންނަން ފެށުމުންނެވެ.
“އާހިލް…. އާހިލްގެ….” އަނެއްކާވެސް ޒީނަތު ބުނަން އުޅުނު ވާހަކަ ނުބުނެވިގެން ހުއްޓައިލިއެވެ. އެވަގުތު ޒީނަތުގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގެންފިއެވެ.
“ކީކޭ…. ޒީ ކިހިނެތްތަވީ…. އާހިލަށް ކަމެއްވީތަ؟” މިފަހަރު އާއިމާ އަށްވެސް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. ހީވާކަހަލަ އެވެ. ހަމަ ދެންމެ ދެންމެ އާއިމާގެ ހިތް ހުއްޓެނީއެވެ.
“އާހިލް މެން ދަތުރުކުރި ބޯޓު ވެއްޓިއްޖެ. ދިރިހުރި އެއްވެސް މީހަކު އަދި ނުފެނެޔޯ.” ޒީނަތުގެ އަނގައިން ބޭރުވަމުންދިޔަ ބަސްތައް ހީވީ އާއިމާގެ މޭ ތޮރުފަމުން، ވީދަމުން ދިޔަހެންނެވެ. ޒީނަތުގެ އަޑު، އާއިމާގެ ކަންފަތަށް އިވުން ހުއްޓި، މުޅި ދުނިޔެ އާއިމާގެ ލޯމައްޗަށް އަނދިރިވާން ފަށައިފިއެވެ.
“ކީކޭ… ކީކޭ ޒީ ތިކިޔަނީ؟” ހަޅޭއްލަވައިގަންނަމުން އާއިމާ އަނެއްކާވެސް ކުރީ ސުވާލެކެވެ. އެ ސުވާލަށް ޒީނަތު ދޭނެ އެހެން ޖަވާބެއް އޮވެދާނެ ކަމަށް އާއިމާ އަށް އުއްމީދު ކުރެވޭކަހަލަ އެވެ. އާއިމާގެ ލަގޮނޑި އަނގަޔަށް އަންނަނީއޭ ހީވާވަރަށް ކަރުތެރެ ބެދިއްޖެއެވެ.
“އާހިލް މެން ދަތުރުކުރި ބޯޓު ކަނޑަށް ވެއްޓިއްޖެ. ….. އާހިލް މަރުވެއްޖެ!” ޒީނަތު މިހެން ބުނުމާއެކު އާއިމާގެ ހެޔަށް ގޮތްވެއްޖެއެވެ. ކަނޑާލި ރުކެއްހެން ތަޅުން މައްޗަށް އާއިމާ ވެއްޓިއްޖެއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!