ބޮޑުދައިތަ ނަސޭހަތްދެމުން ދިޔައިރު އެ ވާހަކަތައް އަޑުއަހަން މިޝަލް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

“އެކަމަކު ކިހިނެތް …. މިހާރުވެސް މިތާނގައަހަރެން ނޭވާހާސް އެބަވޭ. އަދި ބޮޑުދައިތަގެ އެ ޖަނަވާރެއް ފަދަ ދަރިފުޅު ސިބްޢަތުﷲ ދެކެ އަހަރެން ހާދަ ބިރެއް ގަނެޔޭ ބޮޑުދައިތާ. އައިއެމް ސޮރީ ސިބްޢަތުﷲ އަށް ޖަނަވާރެކޭ ބުނަން ޖެހޭތީވެސް. އެކަމަކު ކިހިނެތް އަހަރެން އޭނައާއެކު ދިރިއުޅޭނީ؟” ދެލޯ ފުރާ ކަރުނަ އޮއްސަމުން މިޝަލް އާދޭސްކުރަން ފެށިއެވެ.

“މަށަށް އެނގެޔޭ، އެނގެޔޭ. އެކަމަކު އެނގެއެއްނު ފިރިހެންވެރިން ބޭނުންވާނެ އެމީހުންގެ މުހުތާދެއް ވެއްޖެއްޔާ އެކަން ފުއްދަން. އެމީހުން އެދޭކަމަކާ މީހަކު ދެކޮޅު ހަދައިފިއްޔާ، އެމީހުން ބަދަލުވެގެންދާނެ ޖަނަވާރުން ފަދަ ބަޔަކަށް. ސިބްޢަތުﷲ އަށް ވެސް އެހެން ވެފަ އެހެރީ. އެއީކީ ކުރިން އެހާ ވިޔާނުދާ ކުއްޖެއް ނޫން. އެހެންވީމަ ދަރިފުޅު މިވަގުތަށް މިކަމަށް އެއްބަސްވުން އެންމެ ރަނގަޅީ. ބޮޑުދައިތައަށް އެނގޭ ކޮންމެވެސް ދުވަހަކުން މިޝަލް މި ކައިންޏަށް އެއްބަސްވެވުނީތީ އުފާކުރާނެކަން.” ބޮޑުދައިތަ މިހެން ބުނި ނަމަވެސް ޚުދު ބޮޑުދައިތައަށް ވެސް ހުރެވުނީ ފުން ވިސްނުމެއްގައެވެ. ބޮޑުދައިތަ އަށް މިއަދު ހުންނަން ޖެހިފައި އެވަނީ ނަގާނެ ކޮޅެއް ނޭނގޭ ހާލުގައެވެ. އަމިއްލަ ބޮޑުދައިތަ ދަރިފުޅުގެ ދިރިއުޅުން ނަރަކައަކަށް ހަދަން ބޭނުމެއް ނުވެއެވެ. އަނެއްކޮޅުން ފިރިމީހާ އާއި ފިރިހެން ދަރިފުޅާއި އެ ބޮޑު ޢާއިލާގެ ބާރުގަދަ ފިރިހެންވެރިންނާއި ދެކޮޅުހެދޭކަށްވެސް ނެތެވެ.

“މިޝަލް ގެންނާށޯ.” އެތަނަށް ވަން އެހެން އަންހެނަކު ބުންޏެވެ.

“ކައިވެނީގެ ސާޢަތް ޖެހުނީ. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ ކަމަށް ނިކަން ވިސްނަބަލަ.” ބޮޑުދައިތަ މިހެން ބުނަމުން މިޝަލް ގެ ބުރުގާ ރަނގަޅުކޮށްލައިދިނެވެ.

 

ކައިވެނީގެ ރަސްމިއްޔާތު އޮތީ ރަށު ސްކޫލް ހޯލުގައެވެ. ހަ ވަރަކަށް ޑެސްކް ކައިރިކޮށްފައި ފޮތިގަނޑެއް އަޅާފައިހުރި އިރު، ވަށައިގެން އަތުރާފައި ހުރި އަށެއްކަ ގޮނޑީގައި ގާޒީ އާއި ހެކިވެރިންނާއި ސިބްޢަތުﷲ އާއި އޭނާގެ ބައްޕަމެން ތިބީ މިޝަލް ގެ އިންތިޒާރުގައެވެ. މިޝަލް ގެ އަތުގައި ހިފަހައްޓާލައިގެން ބޮޑުދައިތަ ގޮސް މަޑުކޮށްލުމުން މިޝަލް އިށީންނަންވީ ގޮނޑި ދެއްކީ ސިބްޢަތުﷲ ގެ ބައްޕަ އެވެ. އޭރުވެސް މިޝަލް ލޮލުން ކަރުނައިގެ ސައިލެއް އުފެދި ބަންޑުންވާން ކައިރިވެފައި ހުއްޓެވެ. ހިތް އެދި ގޮވަމުން ދަނީ ދުއްވައިގަތުމަށެވެ. ފިލައިގެން ދިއުމަށެވެ. އެކަމަކުވެސް އެވަރުގެ ހިތްވަރެއް ނުލިބުނެވެ.

“އއ. ހިމަންދޫ ބާބުއްސަލާމް ގޭ ނަސީރު ޢަލީގެ ދަރިފުޅު ސިބްޢަތުﷲ ޢަލީ އާއި ކައިވެނި ކުރުމަށް ހ. ރަންކަރަ ބަޝީރު ޢަލީ ގެ ދަރިފުޅު މިޝަލް ޢަލީ ޤަބޫލުތަ؟” ގާޒީ ގެ ސުވާލު މިޝަލް އަށް އަޑުއިވުނެވެ. ނަމަވެސް ޖަވާބު ދޭހާ ހިތްވަރެއް ނުލިބުނެވެ. ހިތް ގިސްލާ ރޮމުންދާއިރު އެކަން ހިފަހައްޓައިގެން އިންނަން މަޖުބޫރުވެފައިވާތީ ތުން ފިއްތައިގެން އިނދެވުނީ އެވެ.

“ޤަބޫލު.” ދެ ދަތްޕިލަ ޖައްސާ ބާރުކޮށްގެން އިނދެ ހަރުކަށި ގޮތަކަށް މިޝަލް ޖަވާބު ދިނެވެ.

“އއ. ހިމަންދޫ ބާބުއްސަލާމް ގޭ ނަސީރު ޢަލީގެ ދަރިފުޅު ސިބްޢަތުﷲ ޢަލީ އާއި ކައިވެނި ކުރުމަށް ހ. ރަންކަރަ ބަޝީރު ޢަލީ ގެ ދަރިފުޅު މިޝަލް ޢަލީ ޤަބޫލުތަ؟” ގާޒީގެ ސުވާލު ތަކުރާރު ކޮށްލި އެވެ.

“ޤަބޫލު.”

“ޤަބޫލު.” މިޝަލް ވެސް ޖަވާބު ތަކުރާރު ކޮށްލި އެވެ. ހިތް ނޭދުނަސް، ރޫހު ނޭދުނަސް، ސިބްޢަތުﷲ އަކީ އޭނާގެ ފިރިއެއްކަމަށް ޤަބޫލުކުރިއެވެ. ކައިވެނި ކުރެވުނީ ޖަނަވާރެއްފަދަ ސިބްޢަތުﷲ އާކަން އެނގިހުރެ އެވެ.

ގާޒީ ގެ ސުވާލު މިފަހަރު އަމާޒުކުރީ ސިބްޢަތުﷲ އަށެވެ. ގާޒީގެ ސުވާލު ރަނގަޅަށް ނުވެސް ނިމެންދެން މިޝަލް އަކީ އަތްބެއްކަމަށް ސިބްޢަތުﷲ ގަބޫލުކޮށްފި އެވެ. މަރުހަބާގެ ސަލާންގަލާން ކޮށް އުފާފާޅުކުރަމުން އެއްބަޔަކު ދިޔައިރު މިޝަލް ގެ ހިތް ބާރަށް ތެޅިފޮޅެނީ އެވެ. އަންނަން އޮތް ބިރުވެރި ދުވަސްތައް ހިތަށް ސިފަވާތީ އެވެ.

ކައިވެނިކޮށްގެން ގެއަށް ގޮސް ވަނުމާއެކު އެންމެ ފުރަމަވެސް ޖެހުނީ މާމަގެ ކުރިމަތީގައި ވަގުތުކޮޅެއް ހޭދަކުރާށެވެ. ކައިރީގައި ބޮޑުދައިތަ ވެސް ހުއްޓެވެ.

“މިޝަލް.” މާމަ މިޝަލް އަށް ގޮވާލި އެވެ. ކަރުނުން ފުރިފައިވާ މިޝަލް ގެ ދެލޯ ފެނުމުން މާމަ އާއި ބޮޑުދައިތަވެސް ތިބީ ދެރަވެފައެވެ. އެހެނަސް އެމީހުންނަށް ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ރުހުނަސް ނުރުހުނަސް ހުރިހައި ކަމެއް ވެ ނިމިއްޖެ އެވެ.

“ދަރިފުޅުގެ ތި ރީތި ދެލޯ ތިގޮތަށް ޚަރާބު ކުރުމުގެ ބޭނުމަކީ ކޮބާ؟” މިޝަލް ގެ ލޮލުން ކަރުނަ ފޮހެދެމުން މާމަ ބުންޏެވެ.

“ހުރިހައި އެންމެންވެގެން އަހަރެންގެ ދިރިއުޅުން ޚަރާބުކުރި އިރު އަހަރެންވާ މި ޚަރާބު ކުރަނީ ހަމަ އެކަނި އަހަރެންގެ ދެލޯދޯ.” މާމަ އާއި ޖަދަލު ނުކުރިޔަސް ދިފާޢުގައި މިޝަލް އަށް އެއްޗެއް ނުބުނެ ނުއިނދެވުނެވެ. މިޝަލް އަށް ބުނެވުނީވެސް އެންމެ ޖުމްލަ އެކެވެ. އިތުރަށް ރޮވެން ފެށުމުންނެވެ.

“އެނގެއެއްނު ދަރިފުޅުގެ ހިތުގެ އަޑު މާތްﷲ އައްސަވާވޮޑިގެންވާކަން؟” މާމަ ސުވާލުކުރި އެވެ. ކުޑަކުއްޖެއް ފަދައިން އާނއެކޭ ބުނުމަށް މިޝަލް ބޯ ޖަހައިލި އެވެ.

“ދެން އެހެންވެއްޖެއްޔާ އެކަލާންގެއާ ވަކީލުކޮށްލައިގެން ދިރިއުޅެވޭތޯ މަސްކަތްކުރޭ. ފަހުން އުފާވެރިކަން ލިބޭނެ.” މިޝަލް ގެ ބޮލުގައި ފިރުމާލަމުން މާމަ ބުންޏެވެ.

 

ބޮޑުދައިތައާއި އެކުގައި މިޝަލް ގެ ހުރިހައި ދެބެންގެ ދެދަރި ކުދިންތައް ވެސް ހިނގައްޖެއެވެ. އެމީހުން ދިޔައީ މާމަވެސް ގޮވައިގެންނެވެ. މިޝަލް އެކަނިމާއެކަނި އެ ކޮޓަރީގައި ބައިންދާފައެވެ. މިޝަލް އާއި އެކުގައި ހަމައެކަނި ވަނީ ލޮލުން ފައިބަމުންދިޔަ ކަރުނައާއި ގަންފައިވާ ބިރެވެ. ކޮޓަރި ތެރޭގައި އޮތް ހަނުހިމޭންކަން ފިޔަވައި ދެން އިވެމުންދިޔަ އަޑަކީ ކޮޓަރީގެ ފާރުގައި ބަހައްޓާފައިވާ ބަރުގަނޑުލީ ބޮޑު ގަޑީގެ އަޑެވެ. ގަޑީގެ ބަރު ދެފަރާތަށް ހެއްލެމުންދިޔައިރު ގަޑީގެ ޓިކް-ޓޮކް އަޑު ފިޔަވައި އެހެން އެއްވެސް އަޑެއް ނުއިވެއެވެ. އެ އަޑުންވެސް މިޝަލް އަށް ލިބެމުންދިޔައީ ބިރުވެރިކަމެވެ.

ސިބުޢަތުﷲ ގެ ކޮޓަރިތެރެއަށް ވަށައިގެން މިޝަލް ބަލަން ފެށިއެވެ. އެއީ ބޮޑު ކޮޓަރިއެކެވެ. މިޝަލް އިށީންދެގެން އިން އެނދުގެ ބޯލާކޮޅުގެ ބިތް ފިޔަވައި އެހެން ހުރިހާ ބިތެއްގައިވެސް ލާފައި ހުރީ މަޑު އަޅިކުލައެކެވެ. އެނދުގެ ބޯލާކޮޅު ބިތުގައި ލާފައި ހުރީ ގަދަ ނޫކުލައެވެ. އޭނާ އިށީންދެގެން އިނީ ކިންގް ސައިޒުގެ އެނދެއްގައެވެ. އެނދުގެ އެއްފަރާތުގައި ބޮޑު އަލަމާރިއެއް ހުރިއިރު، ޑްރެސިންގް ރޫމަކާއި ޑްރެސިން ޓޭބަލެއް ހުއްޓެވެ. އެނދުގެ ވާތްފަރާތުން ކޮޓަރީގެ އެއްކަނެއްގައި މޭޒެއް ހުރިއިރު މޭޒުމަތީގައި ހުރީ ދީނީ އެކިއެކި ފޮތްތަކެވެ. މުޅި ކޮޓަރިތެރެ ޒީނަތްތެރިކޮށްފައިވަނީ އަގުބޮޑު ފަރުނީޗަރުންނެވެ. ވަށައިގެން ބަލަނިކޮށް މޭޒާއިދިމާއިން މިޝަލްގެ ލޮލުގައި އަޅައިގަތީ ބިއްލޫރިން ހަދާފައިވާ ބިތެކެވެ. މިޝަލް ކޮޅަށް ތެދުވެ އެ ބިތާއި ދިމާއަށް ހިނގައިގަތެވެ. ބިއްލޫރިގަނޑުގެ ބޭރުން ރީތިކޮށް ހައްދާފައިވާ މާ ބަގީޗާއެއް ސާފުކޮށް ފެނުނީ ބިއްލޫރިގަނޑާއި ކައިރިއަށް ޖެހިލުމުންނެވެ. ބަނަވެފައި އުޑުމައްޗަށް ބަލައިލުމުން ވާރޭ ވެހެމުން ދާކަން އެނގުނެވެ. ބިއްލޫރިގަނޑަށްވެސް ބައެއް ތިކިތައް ޖެހެމުންދެއެވެ. ވެހެމުންދާ ވާރޭގެ ތިކިތައް ގަސްތަކުގައި ޖެހެމުންދިޔައިރު ގަސްގަހުގައި ފޮޅިފައިވާ މާމެލާމެދި ނަށަމުންދިޔައީ ވާރޭގެ ތިކިތަކުން ލިބެމުންދާ ފިނިފިނި ގޯނާއާއި ގަޔާވާތީއޭ ހީވާކަހަލަ އެވެ. މާތަކުން ކިތަންމެ އުފާވެރިކަމެއް ފެނުނަސް މިޝަލްގެ ދެލޮލުން ފެންނަމުންދިޔައީ ހިތާމައެވެ. ހިތުގެ އެންމެ ހިމަނާރުވެސް ރޮމުންދިޔައީ ވޭނާއި އަސަރާއި އެކުގައެވެ. ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް މިޝަލްގެ ހަށިގަނޑު ގަނޑުވިކަހަލަ އެވެ.

އިވުނު އަޑާއިއެކު މިޝަލް އެނބުރި ބަލައެއް ނުލައެވެ. ދޮރުމަތީގައި ހުންނާނީ އެ ފޫހި ފޫހި ސިބުޢަތުﷲ ކަން ޔަޤީންވާތީ އެވެ. މިޝަލްގެ މުޅި ހަށިގަނޑު ތުރުތުރުލާން ފަށައިފިއެވެ. ދޮރުލައްޕައިލި އަޑާއިއެކުގައެވެ. ފިޔަވަޅުތަކެއްގެ އަޑު އިވެމުން، ކައިރިވަމުން ދިޔައީ އޭނާ އާއި ދިމާއަށެވެ.

“މިޝަލް.” އެ އަޑާއިއެކު މިޝަލް އަށް ތެޅިގަނެވުނެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.