“ބުނެ-ބާ؟” ޒާޔާގެ އަޑު ދިޔައީ ކެނޑި ކެނޑިގެންނެވެ. ޝާރިފްގެ އަޑުގައިވަނީ މީގެ ކުރިން ދުވަހަކުވެސް ނުވާހާ ސީރިއަސްކަމެވެ. އެކަން ޒާޔާއަށް ވަރަށް ރަނގަޅަށް ވިސްނިއްޖެއެވެ. އޮޅުންފިލުވަން ބޭނުންވެސްވެއެވެ. ނަމަވެސް ހިތް އެހާ ބިރުވެސް ގަނެއެވެ.
“މިރޭ އަހަރެން ދާނަން. ނުނިދާތި.” ޝާރިފް ފޯނު ކަނޑާލިއެވެ. ޒާޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްވެސް ނެތިއެވެ. ޒާޔާ ގާތަަށް އައީ އަމަށަކު ރުޅިއެއްނޫނެވެ. ވަގުތުން ޒާޔާ ޝާރިފްގެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ފަހަރަކު ގުޅުމުންވެސް ލިބުނު ބިޒީ ޓޯން އިން ޒާޔާގެ ނަމްބަރު އިނީ އަދިވެސް ބްލޮކް ކޮށްފައިކަން ޒާޔާއަށް އެނގުނެވެ.
ހިތާ ހިތާ ޝާރިފްއަށް ކުދި ކިޔަމުން ޒާޔާ އެނދުގައި އޮށޯވެލިއެވެ. އަދިވެސް ހުއްޓުމެއްނެތި ތެޅެމުންދާ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ޝާރިފް ދައްކަން އުޅެނީ ކޮންވާހަކައެއް ކަން ނޭނގި ޒާޔާ ހަމަ ހާސްވަނީއެވެ.
ފާރުގައި ހަރުކޮށްފައިވާ ގަޑިއަށް ނަޒަރު ހުއްޓާލައިގެން ޒާޔާ ހުންނަންތާ ގަޑިއެއްހާ އިރު ވެއްޖެއެވެ. ޝާރިފްގެ ފޯނަކަށް ޒާޔާއަކަށް ނުގުޅެއެވެ. އެހެންވެ ޝާރިފް ގުޅަންދެން މަޑުކުރުން ނޫން ގޮތެއް ޒާޔާއަކަށްނެތެވެ.
މިހާރު އެކެއް ޖަހަނީއެވެ. ޝާރިފް ދެން ނާންނާނެހެން ހީވާތީ ޒާޔާ އެނދުގައި އޮށޯވެލިއެވެ. ނިދޭތޯއެވެ. ނަމަވެސް މިރޭ ނިދި ވަނީ ޒާޔާގެ ލޮލާއި މުޅިން ރުޅިވެފައި ކަހަލައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޝާރިފް ދައްކަން އެ އުޅޭ ވާހަކަ ނޭނގެންދެން ޒާޔާގެ ހިތަކަށް ފިނިކަމެއް ނުލިބޭނެއެވެ. ތަފާތު ޚިޔާލުތަކުން ސިކުނޑި ފުރާލައިގެން އޮތް ޒާޔާ ސިހުނީ ފޯނުގެ ރިންގްގެ އަޑަށެވެ. ޒާޔާ އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ގޮސް ދޮރު މަޑުމަޑުން ހުޅުވާލިއެވެ.
އެވަގުތު ރިލޭޝަންގެ މީރު ވަސް މުޅިތަނަށް ފަތުރާލަމުން ކޮޓަރިތެރެއަށް އައިސް އެވަނީ ޝާރިފްއެވެ.
އެތައް ދުވަހަކަށްފަހު ރަނގަޅަށް ޝާރިފް ފެނުމާއެކު ޒާޔާގެ ހިތް އެދުނީ ހިތް ފުރެންދެން ޝާރިފްއަށް ބަލަން ހުންނާށެވެ. ނަމަވެސް ޒާޔާގެ ސިކުނޑި އެކަމާއި މުޅިންދެކޮޅު ހެދިއެވެ.
ޝާރިފް ޒާޔާއާއި ދިމާއަށް ބަލާވެސް ނުލާ ސައިޑް ޓޭބަލްމަތީގައި ފޯނާއި ސިނގެރޭޓް ފޮށި ބާއްވާލިއެވެ. އަދި ވަރަށް މަޑުމަޑުން އެނދުގެ އެއްފަރާތުގައި އިށީނދެލިއެވެ. ޝާރިފްގެ އެއްވެސް ސަމާލުކަމެއް ނުލިބުމުން ޒާޔާ މަޑުމަޑުން ހިނގާފައި ގޮސް ޝާރިފްއާއި ޖެހިގެން އިށީންނަމުން އިސްޖަހާލިއެވެ.
“ޒާޔާ ލޯތްބެއް ނުވޭ ދޯ އަސްލު އަހަރެންދެކެއެއް؟” ޝާރިފްގެ ސުވާލުން ޒާޔާ ސިހުނެވެ. އަދި އެ ސުވާލު ޝާރިފް ޒާޔާއާއި ކުރުންވީ ޒާޔާއަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. މިފަދަ ދަން ގަޑިއެއްގައި ޝާރިފް އެތަނުގައި އެ އިނދެވެނީވެސް ޒާޔާ ޝާރިފްދެކެ ވާ ލޯބިންކަން ޝާރިފްއަށް ނުވިސްނުނުކަމެވެ.
“ދައްކަން އުޅުނު ވާހަކަ ދައްކަބަލަ؟” ޝާރިފްގެ ވާހަކަ ހުރިގޮތުން ޒާޔާއަށްވެސް ވާހަކަދެއްކުނީ ވަރަށް ހަރުކަށިކޮށެވެ. ޒާޔާގެ ސުވާލާއެކު ޝާރިފް ޒާޔާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އޭރުވެސް ޒާޔާއިނީ އިސްޖަހާލައިގެންނެވެ.
“ވަރަށް ލޯބިވޭ ބުނެފިއްޔާ ޤަބޫލުކުރާނަަންތަ؟” ޝާރިފް ޒާޔާ ދަތްދޮޅީގައި ހިފައި ހިއްލާލިއެވެ. ކުއްލިއަކަށް ހިތަށް ލިބުނު އުފަލުގައި ޒާޔާ ޝާރިފްގެ މޭތެރޭގައި ބޮޑިވެލަމުން ދެލޯ މަރާލިއެވެ.
“ތިއެއްނޫނެއްނު ބުނަން އުޅުނު ވާހަކައެއް. ދެން ބުނެބަލަ އަސްލު ކޮން ވާހަކައެއްކަން.” ޝާރިފްގެ އަތު ތެރޭގައި ބޮޑިވެގެން އޮވެ ޒާޔާ ޝާރިފްގެ މޫނަށް ބަލާާލިއެވެ.
“ޒާޔާ ނުދައްޗޭ މަށަށް ނުފެންނަ ހިސާބަށް. ވަޢުދުވޭ ނުދާނަން ކަމަަށް.” ޝާރިފް ޒާޔާގެ އަތުގައި ހިފާލީ ވަރަށް މަޑުމަޑުންނެވެ. އަދި ޝާރިފްގެ ރާގުގައިވަނީ އާދޭހެވެ. ޝާރިފްގެ އެސުވާލަށް ޖަވާބުދިނުންވީ ޒާޔާއަށް ވަރަށް އުނދަގޫކަމަކަށެވެ. އެތައް އިރެއްވީއިރުވެސް ޒާޔާއަށް ޖަވާބު ނުދެވުނީ އެހެންވެއެވެ. ރާއިދު ޒާޔާ ގެންދާނެކަން ޒާޔާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.
“ޕްރޮމިސް؟” ޝާރިފް ޒާޔާގެ ކުރިމަތީގައި އަތް ހުޅުވާލިއެވެ. ޒާޔާއަކަށް ޝާރިފްގެ އެދުމާއި ދެކޮޅު ހަދާކަށް ނުކެރުނެވެ. ހުޅުވާލެވިފައިވާ ޝާރިފްގެ އަތްތިލަ މަތީގައި އަތް ބާއްވާލަމުން ޒާޔާ ވަޢުދުވިއިރުވެސް ޒާޔާގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށްނެތެވެ. ނިދާބޮކީގެ ފަނޑު އަލީގެ ސަބަބުން ޒާޔާގެ މޮޅިވެރިކަން ޝާރިފްއަކަަށްވެސް މާބޮޑަކަށް ފާހަގަވިހެނެއް ހިއެއްނުވެއެވެ.
އާދައިގެ މަތިން އެ ހަމަ ހިމޭން ދަންވަރުވެސް ވެގެންދިޔައީ ޒާޔާއާއި ޝާރިފްގެ ހަޔާތުގައި ލިޔެވުނު ޚާއްސަ ރެޔެއްގެ ގޮތުގައެވެ. ހިތްގައިމު ފޮނި ހަނދާންތަކެއް އެރޭގެ ކޮންމެ ފަޅި ސިކުންތެއްގައި އެކުލެވުނެވެ.
ޒާޔާގެ ކަރުގައި މޫނު ޖައްސާލައިގެން ޝާރިފް އޮތީ މާނޭވާ ލެވިލެވިއެވެ.
“ވަރުބަލިވީތަ؟” ޒާޔާ ޝާރިފްގެ ކަންފަތް ދޮށުގައި ސިއްރު ސިއްރުން އަހާލިއެވެ.
ޝާރިފް މޫނު ހިއްލާލަމުން ޒާޔާގެ ތުންފަތުގައި އޭނާގެ ހޫނު ތުންފަތް ޖައްސާލިއެވެ.
އެޔާއެކު ޒާޔާ ދެލޯ މަރާލިއެވެ.
“ލަސްވެއްޖެ ދޯ؟ އޯކޭތަ ދިޔަޔަސް؟” ޝާރިފް ޒާޔާގެ ހުއްދައަކަަށް އެ އެދުނީ އަލަށެވެ. އެހެންނޫނީ ލަސްވެގެން އަވަސް އަވަހަށް ގުޅާނަމޭ ބުނެފަ ޝާރިފް ދަނީއެވެ.
“މަޑުކުރާށޭ ބުންޏަސް ނުހުރެވޭނެއެއްނު.” ޒާޔާ ހިނިތުންވެލަމުން ޝާރިފްގެ ފަން އިސްތަށިކޮޅާއި ކުޅެން ފެށިއެވެ.
“މީހަކަށް ފެނުމުގެ ކުރިން ދާން ޖެހޭނު.” ޝާރިފް ޒާޔާގެ ގައިމަތިން ތެދުވެ ޓީޝާޓް ބޮލުން ވައްޓާލިއެވެ. ޒާޔާއަށް އޮވެވުނީ ބަލާށެވެ. ޝާރިފް އަބަދުވެސް ޒާޔާގެ ކައިރީގައި ހުންނާނެނަމައޭ ޒާޔާގެ ހިތަށް އަރަމުންދިޔައެވެ. ދެރަވުމާއެކު ޒާޔާގެ ލޮލުން ކަރުނަ ހިލުނެވެ. ނަމަވެސް ޒާޔާ ޝާރިފް ނުހިފަހައްޓައެވެ. ކިތަންމެ ބޭނުންވިޔަސް ޝާރިފްއަށް ޒާޔާގެ ކައިރީގައި އަބަދު ނުހުރެވޭނެކަން ޒާާޔާއަށް އެނގެއެވެ. ނަމަވެސް ޒާޔާ ދެރަވަނީ ޝާރިފްގެ އަމަލުތަައް ހުންނަ ގޮތުންނެވެ. ދާން ޖެހޭތީ ދެރަވެގެންވެސް ޝާރިފް ނޫޅޭތީއެވެ. ހަނދާންވެސް ވަނީ ބައެއް ފަހަރުއެވެ. އަދި ބައެއްފަހަރު އެހާ އަޅާވެސްނުލާތީއެވެ. ޒާޔާގެ ނިއްކުރީގައި ބޮސް ދިނުމަށްފަހު ޝާރިފް ދިޔައީއެވެ.
އިރު ފެނުން މައްޗަށް ބޯ ހިއްލާލިއިރުވެސް ޒާޔާ އޮތީ ނުނިދިފައެވެ. ޝާރިފްގެ ޚިޔާލުތައް ޒާޔާގެ އަރާމު ނިދިކޮޅުވެސް ނަގާލީއެވެ.
ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ޖަހާލުމާއެކު ޒާޔާ ދިޔައީ ސިއްސައިގެންނެެވެ. އަވަސް އަވަހަށް ބާލީސް ދަށުގައި އޮތް ފޯނު ނަގައި ޒާާޔާ ގަޑި ބަލާލިއިރު ހެނދުނު ހަތެއް ޖަހަނީއެވެ. ދެތިން ފަހަރަކު ޝާރިފް ގުޅާފައިވެސް އޮތެވެ. އަވަސް އަވަހަށް ޝާރިފްގެ ކޯލް ލޮގް ޑިލީޓް ކޮށްލުމާއެކު ބާރު ހިނގުމެއްގައި ގޮސް ޒާޔާ ދޮރުހުޅުވާލިއެވެ.
“ނުނިދާތަ ތިއުޅެނީ އަދިވެސް؟” ދޮރުމަތީގައި ހުރި ރާއިދު ފެނިފައި ހާސްކަން ޒާާޔާ ވަށާލިއެވެ. ޝާރިފްއާއި އެހާ ގައިގޯޅިކޮށް އުޅުމަށްފަހު ޒާޔާ ހުރީ ފެންވެސް ނުވަރައެވެ.
“ނޫން. ނިދިފައި ހޭލެވުނީ.” ޒާޔާ އެއްފަރާާތަަށް ޖެހިލަމުން ކޮޓަރިއަށް ވަންނަން ރާއިދުއަށް ތަން ދެއްކިއެވެ.
މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު ރާއިދު ގޮސް ވަނީ ފާހާނާއަށެވެ. ޒާޔާ އެނދުގައި އޮށޯވެލިއެވެ. އަދިވެސް ޒާޔާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
“ޒާޔާ. އާދެބަލަ މިތަނަށް.” ރާއިދު ފާހާނާއިން ނިކުމެ އެނދުގައި އޮށޯތް އިރުވެސް ޒާޔާއަށް ރޭކާާނުލައެވެ.
“ހިނގާ ނިދަން ދޯ.” ޒާޔާގެ ޖަވާބުން ރާއިދު ހައިރާންވި ކަހަލައެވެ. ޒާޔާގެ މޫނަށް ސުވާލުގެ ނަޒަރަކުން ރާއިދުއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
ޒާޔާގެ ހިތަށް ތަދުވިއެވެ. ރާއިދު ދެރަވިކަން އެނގުމާއެކު ޒާޔާ ރާއިދުއާއި ގާތަށް ޖެހިލިއެވެ.
އެޔާއެކު ރާއިދުގެ ދެއަތް ޒާޔާގެ ހަށިގަނޑު ވަށާލައިފިއެވެ. ޒާޔާ ދެލޯ މަރާލީ ހިތްހަމަ ޖެހިގެން އޮވެއެވެ. ރާއިދުގެ ބީހުންތަކުން ޒާޔާގެ ހިތުގެ އުދާސްތަކަށް ލުއި ކަމެއް ގެނެސްދިން ކަހަލައެވެ.
“ދަރިފުޅުމެން ދިޔައީމަ މަންމަ ހާދަ އެކަނިވާނޭ.” ފާއިޒާއާއި ރާއިދު ވާހަކަ ދައްކަން ތިބީ ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލީގައެވެ.
“ދާހިތެއް ނުވެޔޭ މަންމާ. އެކަމަކުވެސް ދާން ޖެހޭނެއެއްނު. ޒިޔަލްގެ ކުރިމަގަށް ވިސްނާފަވެސް.” ރާއިދުވެސް ރަށުން ދާން ޖެހޭތީ ދެރަވާކަން ހާމަކޮށްލިއެވެ.
“ބުނެފިންތަ ޒާޔާ ކައިރީގައި ހަވީރު ފުރާ ވާހަކަ.” ފާއިޒާގެ ސުވާލަށް ރާއިދު ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
ބަންދުކޮށްފައިވާ ފޮށިތަކަށް ބަލަހައްޓައިގެން ޒާޔާ މޮޅިން އިންނަތާ އެތައް އިރެކެވެ. ޝާރިފް ރުޅި އަންނާނެކަން ޒާޔާއަށް އިނގޭތީ ޒާޔާ ކަންބޮޑުވެއެވެ. ޒާޔާ ރަށުން ދާން ޖެހޭނީ ޝާރިފްއާއި ގުޅުން ކަނޑާލާފައި ކަމަށް ތަކުރާރުކޮށް ޝާރިފް ބުނެފައިވާތީއެވެ. ކުރާނެކަމެއް ނެތެވެ. ޒާޔާގެ މަޖުބޫރީ ހާލަތު ޝާރިފްއަށް ވިސްނައިދޭނެ ގޮތެއް ޒާޔާއަކަށް ނުވިސްނެއެވެ. ކޮންމެ ވަގުތީ ގުޅުމަކަށް ނިމުމެއް އަންނާނެއެވެ. އެ ގުޅުމަށް ދޭނެ ނަމެއް ދެއަހަރު ވީއިރުވެސް ނެތް އިރު އެގުޅުން ދެމި ނޯންނާނެ ނޫން ހެއްޔެވެ؟ ޒާޔާގެ ދިރިއުޅުމަކީ ރާއިދުއާއި ޒިޔަލްއެވެ. ހަޤީޤަތަކީއެއީއެވެ. ވީއިރު ޝާރިފްއަކީ ޒާޔާގެ ކާކު ހެއްޔެވެ؟ ސުވާލު ކުރެވުނީ ޒާޔާގެ އަމިއްލަ ހިތާއެވެ. ޝާރިފްދެކެ ޒާޔާ ލޯބިވާކަން ޔަޤީނެވެ. ނަމަވެސް އެކުގައި ދިރިއުޅެވެން ތަޤުދީރުގައި ލިޔެވިފައި ނެތީއެވެ.
ހަވީރުގެ ހިތްގައިމު ފިނި ރޯޅިތަކުން މާހައުލަށް އިތުރު ތާޒާ ކަމެއް ގެނެސްދީފައި ވާއިރު ޒާޔާ ރާއިދުގެ އަތުގައި ހިފާލައިގެން ޖެޓީ އާއި ދިމާއަށް ހިނގަމުންދެއެވެ. އާއިލާގެ ބައެއް މެމްބަރުން ޒާޔާމެން ފުރުވުމަށްޓަކައި ގޮސް ތިއްބެވެ. ފާއިޒާ ޒިޔަލް އާއި ހުއްޓާނުލައި ލޯބިކުރަމުން ދިޔައެވެ.
އޭރުވެސް ޒާޔާގެ ދެލޯ ހޯދަނީ ޝާރިފްއެވެ. ނަމަވެސް ޝާރިފްއެއް ނުފެނުނެވެ. އެންމެންނާއި ސަލާމް ކުރުމަށްފަހު ޒާޔާމެން ލޯއްޗަށް އެރިއެެވެ.
ސީޓުގައި ބުރަކަށި ޖައްސާލިތަނާ ސައިކަލްގައި ބާރުބާރަށް ދުއްވަމުން ދިޔަ ޝާރިފް ޒާޔާގެ ލޮލުގައި އަޅައިގަތެވެ. ޒާޔާ ކަޅިވެސް ޖަހާނުލާ ބަލަމުން ދިޔައެވެ. މަދު ސިކުންތުކޮޅަކަށް ނަމަވެސް އެންމެ ފަހު ވަގުތު ޝާރިފް ފެނުމުން ޒާޔާގެ ހިތަށް ލިބިގެން ދިޔައީ ބުނެދޭންވެސް ނޭނގޭ ހަމަޖެހުމެކެވެ. އެކަމަކު ޝާރިފްގެ އަމަލުތައް ހުރި ގޮތުން އޭނާ އެދިޔައީ ވަރަށް ރުޅިއައިސްފައިކަން ޒާޔާ ދެނެގަތެވެ. ކުރާާނެ ކަމެއްނެތެވެ. ޒާޔާއަށް މަޖުބޫރެވެ.
އެއާޕޯޓަށް ޗެކިން ވުމަށްފަހު ޒާޔާ ގޮސް ވަނީ ފާޚާނާއަށެވެ. ދޮރު ތަޅުލުމަށްފަހު އަތް ދަބަސް ތެރޭގައި އޮތް ފޯނު ޒާޔާ ނެގީ ޝާރިފް ގުޅާނެކަން އެނގޭތީއެވެ. ވީވެސް އެހެންނެވެ. އޭރުވެސް ޝާރިފް ގުޅަނީއެވެ. އެތަކެއް ކޯލްތަކެއްވެސް ޝާރިފްގެ މިސްވެފައި ހުއްޓެވެ.
“އަހަރެން ކައިރީގައި ވީ ވައުދުތައް ކޮބާ؟ ޒާޔާ ނުޖެހޭނެ ދާކަށް. ގޮސްގެން ނުވާނެ.” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު ފުރަތަމަވެސް ޒާޔާއަށް ކުރިމަތިލާާން ޖެހުނީ ޝާރިފްގެ ރުޅިއާއެވެ.
“ޝާރިފް-” ޒާޔާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
“ދާނަންތަ؟ ނުދާނަންތަ؟” ޝާރިފް ޒާޔާ ވާހަކަ ދައްކާނެ ފުރުސަތެއް ދޭކަށް ބޭނުމެއް ނުވިއެވެ.
“މިހާ ހިސާބަށް އައިއްސަ ދާން ޖެހޭނެ ދޯ.” ޒާޔާ ވާހަކަދައްކަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ.
“ފުރަތަމަ ތިހާ ހިސާާބަށް ދާކަށްވެސް ނުޖެހޭދޯ. މިހާރު އެނގިއްޖެ ތީކަން ޒާޔާ ބޭނުންވާ ގޮތަކީ. މަށާ ދުރަށް ދިޔުން. އެކަމަކު ހަނދާން ކުރާތި. ޒާޔާ ދިޔުމަށްފަހު ގުޅުން ނިމުނީ. އެގޮތް ބޭނުންވާތީ ޒާޔާ ދާނީވެސް.” ޝާރިފް ފޯނު ކަނޑާލިއެވެ. އެވަގުތު ޒާޔާގެ ދެލޯ ފުރިގެން ބަންޑުންވެއްޖެއެވެ. ޝާރިފް ޒާޔާއާާއި ދޭތެރޭގައި ނުވިސްނަނީ ކީއްވެ ހެއްޔެވެ؟ ޒާޔާއަކީ މީހެއްގެ އަތްބެއްކަން ޝާރިފްއަށް އެނގޭނެއެވެ. ކޮންމެ ތަނެއްގައި ހުއްޓަސް ޒާޔާ އަބަދުވެސް ޝާރިފްގެ ހަނދާންކުރާނެއެވެ. ޝާރިފްއާއެކީ ހޭދަކުރި ދުވަސްތައް ދުވަހަކުވެސް ޒާޔާގެ ހިތަކުން ނުފިލާނެއެވެ. ޝާރިފްގެ ހަޔާތުން ޖާގައެއް ނުލިބުނަސް ޝާރިފްގެ ހިތުން ޖާގައެއް ލިބުމުން ޒާޔާއަށް ފުދެއެވެ. ޝާރިފްގެ ހިތްގައިމު ފޮނި ލަފްޒުތަކުން ޒާޔާގެ ހިތް މިލްކުކޮށް ފެށުނު އެގުޅުން ޝާރިފް ނިންމާލި ކަމުގައިވިޔަސް ޒާޔާ އަދިވެސް ދެކެނީ ޝާރިފްއަކީ ޒާޔާގެ މިލްކެއްގެ ގޮތުގައެވެ. އަބަދުވެސް އެ ލޯބި ދެމިއޮންނާނެއެވެ. މުޅި އުމުރަށެވެ.
ފާހާނާއިން ނިކުންނަމުން ޒާޔާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ދެލޯ ފޮހެލުމަށްފަހު ޒާޔާ ކުރިއަށް ހިނގައިގަތެވެ. ފަސްއެނބުރި ބެލުމެއްނެތެވެ. އެހެނަސް ޝާރިފްގެ ލޯބި ހިތުގެ އެންމެ ފުނުގައި ފޮރުވާލަމުންނެވެ. ދެރަވި ނަމަވެސް ޒާޔާ ހިނިތުންވެލިއެވެ. ކޮންމެވެސް ދުވަހަކުން ޝާރިފްއާއި އަނެއްކާވެސް ބައްދަލުވާނެއެވެ. އެއީ ޒާޔާގެ ހިތް ވިސްނައިދިން ގޮތެވެ.
“ބެލްޓް އަޅުވަބަލަ ޒިޔަލްގެ.” ރާއިދުގެ އަޑުން ޒާޔާގެ ޚިޔާލީ ވާފަށް ކެނޑުނެވެ. ޖެހިގެން އިން ސީޓްގައި އިން ކުޑަކުޑަ ޒިޔަލްގެ ބެލްޓް އަޅުވާލަމުން ޒާޔާ ރާއިދުއަށް ހިނިތުންވެލިއެވެ. އެޔާއެކު ބާރުގަދަ އަޑުފައްގަނޑާއެކު ފްލައިޓް ނައްޓާލިއެވެ. ޒިޔަލްގެ އަތުގައި ހިފަހައްޓާލަމުން ޒާޔާ ދެލޯ މަރާލިއެވެ.
“ޝާރިފް. ވަރަށް ހަނދާންވާނެ.” ހިތަށް އެރި ލަފްޒުތައް ދުލުގެ ކުރިއާއި ހަމައަށް އައެވެ. ނަމަވެސް ހަމައެކަނި ޒާޔާއަށް އަޑުއިވޭ ވަރަށެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.