އިވުނު އަޑާއިއެކު މިޝަލް އެނބުރި ބަލައެއް ނުލައެވެ. ދޮރުމަތީގައި ހުންނާނީ އެ ފޫހި ފޫހި ސިބުޢަތުﷲ ކަން ޔަޤީންވާތީ އެވެ. މިޝަލްގެ މުޅި ހަށިގަނޑު ތުރުތުރުލާން ފަށައިފިއެވެ. ދޮރުލައްޕައިލި އަޑާއިއެކުގައެވެ. ފިޔަވަޅުތަކެއްގެ އަޑު އިވެމުން، ކައިރިވަމުން ދިޔައީ އޭނާ އާއި ދިމާއަށެވެ.

“މިޝަލް.” އެ އަޑާއިއެކު މިޝަލް އަށް ތެޅިގަނެވުނެވެ.

 

(20 މިނެޓް ކުރިން)

ކައިވެނީގެ ރަސްމިއްޔާތު ނިމިގެން ސިބުޢަތުﷲ އިނީ އޭނާގެ ރައްޓެހިންނާއި ދެބެގެންގެ ދެދަރި ކުދިންނާއިއެކުގައެވެ. ދެބެންގެދެދަރި ކުދިންތައް ތިބީ ސިބުޢަތުﷲ ގެ ކައިވެނި ކުރެވުމުން ނުހަނު އުފަލުންނެވެ. ނަމަވެސް ސިބުޢަތުﷲ ގެ މޫނުމަތިން އުފާވެރިކަމުގެ ކަންފުޅެއްވެސް ނުފެނެއެވެ. އޭރުވެސް އޭނާގެ ހިތުތެރޭގައި އަނދަމުންދިޔައީ ނަފުރަތާއި ރުޅިވެރިކަމުގެ ތޫފާނީ ހުޅުގަނޑެކެވެ.

ވަގުތުތައް ހޭދަވަމުންދިޔައެވެ. ރައްޓެހިންގެ ތެރޭގައި ސިބުޢަތުﷲ އިނީއެވެ. ގަޑިންވީ ކިހާއިރެއްކަމެއް ނުވެސް އެނގޭކަހަލަ އެވެ. ނަމަވެސް އޭނާގެ އިންތިޒާރުގައި އޭނާގެ ކޮޓަރީގައި މިޝަލް އިންނާނެކަން ސިބުޢަތުﷲ އަށް ރަނގަޅަށް އެނގެއެވެ. އޭނާ ބޭނުންވަނީވެސް އެގޮތެވެ. އޭނާ އަށް މިޝަލް އިންތިޒާރު ކުރުވާށެވެ. އިންތިޒާރުގެ އެ ވަގުތުތައްވެސް ބިރުވެރި ވަގުތުތަކަކަށް ހަދާށެވެ. ސިބުޢަތުﷲ ދެކެ އިތުރަށް ބިރުގަންނުވާށެވެ. ސިބުޢަތުﷲ ބޭނުންވަނީ މިޝަލްގެ ހަޔާތް އެއްކޮށް ބަރުބާދުކޮށްލާށެވެ.

“ސިބުތު ދާކަށް ނުވޭތަ. މިހާރު ހާދަ ދަން ވެއްޖޭ.” ދެބެންގެ ދެދަރި ކުއްޖަކު ސިބުޢަތުﷲ އަށް ބުންޏެވެ. އާނބަސް ބުނުމަށް އޭނާ ބޯ ޖަހައިލިއެވެ.

 

(20 މިނެޓް ފަސް)

ސިބުޢަތުﷲ ކޮޓަރިއަށް ދިޔައީ މެންދަމު 12 ވެސް ޖެހިފަހުންނެވެ. ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު އޭނާގެ ހިނދުރި ފުރާލީ މިޝަލް ޖަހައިގެން އިން މީރުވަސްދުވާ ސެންޓުގެ ވަހުންނެވެ. އެވަސް އޭނާގެ ހިތާއިހަމައަށްވެސް ވާސިލް ވެއްޖެއެވެ. އެ މީރުވަހުގެ އިޙްސާސް ކޮށްލުމަށް އޭނާ ދެލޯ މަރައިލިއެވެ. ތުންފަތް މައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ކުޅެލީ އެވަގުތުއެވެ. ނަމަވެސް އެ މީރުވަސް ދުވާ ސެންޓުގެ މަސްތުން، އަސްލަށް ރުޖޫޢަވާކަށް މާކަގިނަ ވަގުތެއް ނުނެގިއެވެ. ކުއްލިއަކަށް އޭނާ ދެލޯ ހުޅުވައިލިއެވެ. ދުވަމުންދިޔަ ވަހަށް ސަމާލުކަމެއް ނުދީ ކޮޓަރީގެ ދޮރުލައްޕައިލިއެވެ. ޖެހި ބުދެއްހެން އޭނާގެ އެނދުގައި އިށީންދެ އިން ސޫރައަށް ނަޒަރުހިންގައިލިއެވެ. ނުލަފާ ވައްތަރަކަށް ހިނިތުންވަމުން މިޝަލް އާއި ދިމާއަށް ދެތިންފިޔަވަޅު އެޅިއެވެ.

“މިޝަލް.” ސިބްޢަތުﷲ، މިޝަލް އަށް ގޮވައިލުމާއިއެކު ބިރުންގޮސް މިޝަލްގެ ހަށިގަނޑު ތެޅިގަތްކަން އޭނާއަށް ހަމަ ރަނގަޅަށްވެސް ފާހަގަ ކުރެވުނެވެ. އޭނާ ބޭނުންވާ ގޮތަކީވެސް އެއީއެވެ. އެކަމަކުވެސް މިޝަލްގެ ފަރާތުން އެއްވެސް ހަރަކާތެއް ނާދެއެވެ. ނުވިތާކަށް ޖަވާބެއްވެސް ނުދެއެވެ. ސިބްޢަތުﷲ ގެ މިސްރާބު ހުރީ ސީދާ މިޝަލް އާއި ދިމާއަށެވެ.

“މިފަރާތަށް އެނބުރޭ މިޝަލް.” ސިބްޢަތުﷲ ގެ ބަރު އަޑުން އިންޒާރުދިނެވެ. ނަމަވެސް މިޝަލް އެ އިންޒާރާއި އެއްގޮތަށް އަމަލެއް ނުކުރިއެވެ. އެނބުރި ބަލައެއް ނުލިއެވެ.

“އެއް ވާހަކައެއް މާގިނަފަހަރަށް ތަކުރާރު ކުރުމަކީ އަހަރެން ކުރާހިތްވާ ކަމެއް ނޫން. އަހަރެން ބުނެފިން ދޯ މިފަރާތަށް އެނބުރޭށޭ.” މިފަހަރު ސިބްޢަތުﷲ ގެ ބަރު އަދި ބާރު އަޑުން ހަޅޭއްލަވައިތުމާއެކު އަވަސް އަވަހަށް ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް އެނބުރިއްޖެއެވެ. އެވަގުތު މިޝަލް އިނީ ބިރުން ތުރުތުރު އަޅައަޅަ އެވެ.

ބިރުން ވިރިވިރި އިން މިޝަލް ގެ މޫނު ފެނިފައި ސިބްޢަތުﷲ ހޭންފެށިއެވެ. ކުރިއަށް، މިޝަލް އާއި ކައިރިއަށް ދެފިޔަވަޅެއް އަޅަމުންނެވެ. އެވަގުތު މިޝަލް އަށް ބޭއިޚްތިޔާރުގައި ފަހަތަށް ދެފިޔަވަޅެއް އެޅިއްޖެއެވެ. ފާރުގައި ގޮސް ލައިގަންނަންދެން ފަހަތަށް ޖެހިލެވުނެވެ.

“އަހަރެން ދެކެން ބޭނުމީ ތީތި. ތި ގޮތަށް އަހަރެންދެކެ ބިރުން އިންނަތަން.” މިހެން ބުނަމުން މިޝަލް އާއި އޭނާއާއި ދެމެދުގައިވާ ހުސްކަން ނިމުމަކަށް ގެނެސްފިއެވެ. މިޝަލްގެ އުރަމަތީގައި ސިބްޢަތުﷲ ގެ މޭމަތި ޖައްސައި ބާރުކޮށްލިއެވެ.

“ދުރަށްދޭ.” ދުރަށް ކޮއްޕާލެވޭތޯ މަސައްކަތް ކުރަމުން މިޝަލް ހަޅޭއްލަވައިގަތެވެ. ނަމަވެސް ސިބްޢަތުﷲ ގެ ދެ އަތުން މިޝަލްގެ ދެއަތް ފާރާއި ލައި ފިއްތާލައި ތަޅުއެޅިވިއެވެ.

މިޝަލް ގެ ދެލޯ ބޮޑުވެގެންދިޔައެވެ. އެވަގުތު ސިބްޢަތުﷲ އަށް ލިބުނު ނަސްރަށްޓަކައި ހިނިތުންވިއެވެ. އޭނާ ބޭނުންވަނީ އެހެން އެންމެން އޭނާދެކެ ޖެހިލުންވެ ބިރުގަންނަ ގޮތަށް މިޝަލް ވެސް އޭނާދެކެ ބިރުގަންނަގޮތް ވުމަށެވެ. އޭނާގެ ކުރިމަތީގައި ކުޑަކަކޫ ޖެއްސުމަށެވެ. އޭނާ ބޭނުންވަނީ މިޝަލް ރޫޅި ހަލާކުވާތަން ދެކޭށެވެ.

“ހަނދާންވޭތަ ކަލޭ މަށާ ނީންނާނަމޭ ކިޔާފަ ފިލި ދުވަސްމަތިން.!!؟؟!!” މިޝަލް ގެ ބޮޑުވެފައިވާ ދެލޮލަށް ބަލައިލަމުން ސިބްޢަތުﷲ މިފަހަރު ފިލިގަތީ ސިންގާއެއް ފަދައިންނެވެ.

“އެދުވަހު ކަލޭ ހަމައެކަނި އަހަރެންގެ ހިތް ހަލާއްކުކޮށްލީކީ ނޫން. އެދުވަހު ކަލޭ އަހަރެންގެ އީގޯ އަށް ހަރޓް ކުރި.” މިހެން ބުނަމުން މިޝަލް ގެ އަތަށް ބާރުކޮށްލިއެވެ. އެވަގުތު މިޝަލް ގެ އަތުގައި އަޅާފައި އޮތް ކެވެލިގަނޑުން މިޝަލް ގެ އަތުގައި ލޭކޮށައިލިއެވެ.

“އައްދޯތް……. މަންމާ…..” ވީ ތަދުން މިޝަލް ހަޅޭއްލަވައިގަތެވެ. ދެ ލޯމަރައިލެވުނެވެ.

“ކޮން އަމަޔަކަށް ގޮވާކައްތަ އޭނ؟!! ތި ދެލޯ ނުމަރާތި. ހަމަ މިހާރު ލޯހުޅުވާ!!” މިޝަލް ގެ އަތަށް ކުރިއަށްވުރެން ބާރުކޮށްލަމުން މިޝަލް ގެ ލޯ ހުޅުވަންދެން ހިފަހައްޓައިލި އެވެ.

“ހާދަ ބަސްއަހާ ކުއްޖެކޭ ދޯ!” މިޝަލް އަށް މަލާމާތްކޮށްލަމުން ސިބްޢަތުﷲ ބުންޏެވެ. އެވަގުތު ރުޅިވެރިކަމުގެ ދެލޮލުން ސިބްޢަތުﷲ އަށް މިޝަލް ބަލައިލިއެވެ.

“އަހަރެން ދޫކޮށްލާ ސިބުތޫ.” ސިބްޢަތުﷲ ގެ އަތްދޮށުން ސަލާމާތްވާން ގަދަދައްކަމުން މިޝަލް އެދުނެވެ.

“ކަލޭ ދޫކޮށްލާށޭ! ކަލެއަށް އަންޑަސްޓޭންޑް ނުވޭދޯ ކަލޭ މިވަގުތު ތާށިވެފަ ތިހުރީ ކޮންތަނެއްގަ ކަމެއްވެސް؟” ސިބްޢަތުﷲ އިތުރަށް ފިލިގަތެވެ. މިޝަލްގެ ހަށިގަނޑު އޭނާ އާއި އިތުރަށް ކައިރިކޮށްލަމުންނެވެ. ޖެހި ކުއްލި ލަތްކަކާއިއެކު މިޝަލް ގެ ހަށިގަނޑު ތަޅުންގަނޑުމައްޗަށް ޖެހިއެވެ.

“ތީ…. ކަލޭ އޮންނަން ޖެހޭނެ މަޤާމަކީ ތީ. އަހަރެންގެ ފައިބުޑުގަ… ތަޅުންގަނޑުގަ. ސާފުވެއްޖެތަ؟” ސިބްޢަތުﷲ ގެ ފައިބުޑުގައި ތަޅުންމައްޗަށް ގުޅައަކަށް ޖެހިފައި އޮތް މިޝަލް އާއި ދިމާއަށް ސިބްޢަތުﷲ ބުންޏެވެ.

“އަހަރެން ކަލެއަށް ކީއްކޮށްގެން ތި އަހުވައެއް ތި ދައްކަނީ؟ ކީއްވެގެން…. ކީއްވެގެން ކަލޭ އަހަންނަށް ތިހެން ތިހަދަނީ؟” ފުހިފުހިފައި ރޮމުން މިޝަލް ސުވާލުކުރަން ފެށިއެވެ.

“ކީއްވެގެންހޭ؟” ސިބްޢަތުﷲ ބާރަށް ހޭންފެށިއެވެ.

“ކަލެއަށް އެނގޭނެ އަހަންނަކީ ކިހާ ފޮނިބޮޑު މީހެއްކަންދޯ. އެއްވެސް މީހަކު އަހަރެންގެ އީގޯ އަށް ހަރޓް ކޮށްފިއްޔާ އޭގެ މާނައަކީ އެކަން ކުރި މީހެއްގެ ދުވަސް އެދިޔައީ… އެނގިއްޖެތަ؟” ސިބްޢަތުﷲ ގެ ބަރު އަޑުން އަނެއްކާވެސް ފެލިގަތެވެ. މިޝަލް އާއި ދިމާއަށް ގުދުވެ މިޝަލް ގެ ދަތްދޮޅީގައި ހިފައިފައި މިޝަލް ގެ ބޯ ފަހަތަށް ލަންބައިލިއެވެ. އަނެއް އަތުން މިޝަލްގެ އިސްތަށިގަނޑުގައި ހިފިއެވެ. މުއްކަވާލާފައި އިސްތަށިގަނޑުގައި ހިފަމުން މިޝަލް ގެ މޫނު ސިބްޢަތުﷲ ގެ މޫނާއި ކައިރިކޮށްލިއެވެ. އެވަގުތު ވީ ތަދުން މިޝަލް އަށް ހަޅޭއްލަވައިގަނެވުނެވެ.

“ކަލޭ ތި ހުންނަނީ ކަލޭގެ ތި ރީތިކަމާމެދު ނިކަން ފޮނިބޮޑުވެފަ ދޯ؟” ދަތްކުނޑި ވިކައިލަމުން ސިބްޢަތުﷲ ބުންޏެވެ. ސިބްޢަތުﷲ ގެ މި ސުވާލުން މިޝަލް އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.