ޒުވާން ލޯބި – 01

“މިފަހަރު ޕްރެޒެންޓޭޝަން ހުށައަޅައިދޭނީ އާހިލް.” އާހިލް ގެ ނަން މުދައްރިސު ގޮވާާލެއްވުމުން އޭނާ ގެ ހިތުގެ ތެޅުން އަވަސްވި އެވެ. އެކަމަކު އާހިލް އަށް ނުވާވަރެއް ‘އޭނާ’ އަށް ވާންވީ ކީއްވެގެން ހެއްޔެވެ؟

ޕްރެޒެންޓޭޝަން ހުށައެޅުމަށް ބޭނުންވާ ނޯޓުތައް ހިފައިގެން އެއްވެސް ފަސްޖެހުމެއް ނެތި އާހިލް ކޮޅަށް ތެދުވެއްޖެ އެވެ. އޭރު ‘އޭނާ’ އަށް އިނދެވުނީ އެއް އަތުގެ އިނގިލިތަކުން އަނެއް އަތުގެ ނިޔަފަތިތައް ކޮއްޓާށެވެ. އެއްވެސް ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރެވެމުން ދިޔައީ ޕްރެޒެންޓޭޝަން ހުށައެޅުމަށްޓަކައި އާހިލް ތެދުވެގެން ގޮސް ކުލާސް ކުދިންގެ ކުރިމަތީގައި ހުއްޓޭނެ ވަގުތަކަށެވެ.

‘ދެން މައިތިރި ވެބަލަ މަގޭ ހިތާ!’ އޭނާ އަމިއްލަ ނަފުސު ކޮންޓްރޯލް ކުރުމަށްޓަކައި އޭނާގެ މޮޔަ ހިތަށް ވިސްނައިދިނުމަށް މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އިސް އުފުލައި ބެލެމުން ދިޔައީ މުދައްރިސު ގެ މޭޒު ކައިރީގައި އާހިލް ގޮސް ހުއްޓޭތޯ އެވެ.

“އާނ ދެން ފައްޓާ އާހިލް.” މޭޒުގެ އެއްފަރާތުގައި ގޮސް އާހިލް ހުއްޓުމުން މުދައްރިސް ބުނުއްވިއެވެ. އޭރު އާހިލް ހުރީ އިސްދަށަށް ޖަހައިގެންނެވެ.

ހުރިހައި ކުދިންގެ ލޯތައް ވަނީ އާހިލް އަށް އަމާޒުވެފައެވެ. އޭގެ ތެރެއިންވެސް ޚާއްޞަ ދެލޮލަކުން އާހިލް އަށް ބަލަމުން ދިޔައީ ކަޅިވެސް ޖަހައިނުލަ އެވެ. އާހިލް ފެނިފައި އެސްފިޔަވެސް ޖަހައިލަން ހަނދާން ނެތިފައި ހުރި ކަހަލައެވެ. އާހިލް އިސް އުފުލައި ބަލައިލަމުން ޕްރެޒެންޓޭޝަން ދޭން ފެށި އެވެ. ކުލާސް ކުދިންނަށް ބަލަމުން، އަތުގައި ހުރި ކާޑުތައް ބޭނުންކޮށްގެން ވާހަކަ ދައްކަމުން ގެންދިޔަ އެވެ. ނަމަވެސް އޮޅިގެންވެސް ކަނާތްފަރާތުގައި ތިބި ކުދިންނަށް ބަލައިނުލަ އެވެ. އެއީ އެ ކުއްޖާ އިށީންދެ އިންނަ ފަޅި އެވެ. އޭރުވެސް އެކުއްޖާގެ ތޫނު ނަޒަރު އަމާޒުވެފައި ހުރީ ހަމަސީދާ އާހިލް އަށެވެ. ލޮލުން އެއްމެ އެސްފިޔައެއް ވެސް ހަރަކާތްކޮށްލަން ހިތަށްވެސް ނާރުވާ ކަހަލަ އެވެ. އޭރުވެސް އެކުއްޖާގެ ހިތް މަތަނުވެ ތެޅެމުން ދެއެވެ. އަމިއްލަ އިޚްތިޔާރުން ހިތް ވަނީ މުޅިން އޮޔާ ގޮސްފަ އެވެ. އާހިލް އެކުއްޖާ އަށް ނުބަލާނެކަންވެސް އޭނާ އަށް އެނގެއެވެ. ދުވަހަކުވެސް އާހިލް އޭނާ އަށް ބަލާލަފައެއް ނުވެ އެވެ. ހަމަ ޔަޤީނުންވެސް ޤަސްދުގައި ބަލައެއް ނުލައެވެ. ބަލާލެވިފައިވަނީ އިއްތިފާޤުން އެކަކު އަނެކެއްގެ ކުރިމައްޗަށް ގޮސް ހުއްޓެވޭ ފަހަރެއްގައި އެކަންޏެވެ.

އެމީހުންނަށް އެގޮތަށް ދިމާވި ފުރަތަމަ ދުވަސް މަތިންވެސް އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. ހަމަ ދެންމެ ވީ ކަމެއްހެންނެވެ. އެއީ އެމީހުން ގްރޭޑް 5 ގައި އުޅުނު އިރުއެވެ. އެކުއްޖާ އާހިލް ގެ ސްކޫލަށް ފުރަތަމަ ދާންފެށި ދުވަހުގަ އެވެ. އައު ސްކޫލަކަށް، އައު ކުލާހަކަށް ދެވުމުން އޭނާ ހުރީ ވަރަށް އުފާވެފައެވެ. އައު ރައްޓެހިން ލިބެންފެށުމުން އަދި އެއަށްވުރެން ބޮޑަށް އޭނާ އުފާވި އެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ވަރަށް އަވަދިނެތި ޕަޒުލް އެއް ހެދުމަށް އިން ފިރިހެން ކުއްޖަކަށެވެ. އެފަހަރު ބަލައިލި ފަހުން އޭނާ އެކުއްޖާއަކަށް ނުބަލައެވެ. އެކުއްޖާ ވެސް ބަލައެއް ނުލައެވެ. އެކުއްޖާ އަބަދުވެސް އިންނަނީ ވަރަށް މަޑުންނެވެ. ކުލާހުގެ ގިނަކުދިން މަޖާކޮށް ސަކަރާތްޖަހާއިރު އެކުއްޖާ އިންނަނީ މާ ސޯލިހުކޮށެވެ. އަބަދުވެސް ފެންނަފަށުގައި އިނަސް، އޭނާ އަށް އިށީންނަން ޖެހިފައިވަނީ އެކުއްޖާ އާއި މާދުރުގައެވެ. ހިޔަންޏެއް ފަދައިން ކައިރީގައި އިނަސް އެ ހިޔަނިން ހިޔާ ނުލިބޭތާނގައި ބަލާވެސް ނުލައެވެ. އަނގައިންވެސް ނުބުނެއެވެ. ދެކުދިންވެސް ކިޔެވުމުގައި އަވަދިނެތި ދުވަސްތައް ވޭތިކުރަމުން ދިޔައެވެ. ނަމަވެސް އެއްދުވަހަކު ދިމާވި ކަމަކުން އެކުއްޖާ އާއި އޭނާއަށް ކައިރިވެވޭގޮތް މެދުވެރިވި އެވެ.

އެއީ އެމީހުން ހަވަނަ ގްރޭޑްގައި އުޅުނު ދުވަސްވަރެވެ. ވަގުތަކީ އިންޓަވަލް ގަޑި އެވެ. އެ އަންހެން ކުއްޖާ އާއި އޭނާ ގެ ރައްޓެހިން ސަކަރާތްޖެހުމާއި މަޖާކުރުމުގައި ކުޅޭ ބިމުގައި އުޅުނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތި އެވެ. ކުދިންތައް ތެރެއަށް ދުވެފައިކަހަލަ ގޮތަކަށް ވަދެގެން ދިޔަ ފިރިހެން ކުދިންތަކެއްގެ ތެރެއިން ކުއްޖެއްގެ ފައިގައި އަޅައިގަނެފައި އަންހެން ކުއްޖާ ވެއްޓެން ދިޔަވަގުތު ހިފުނީ އާހިލް ގެ އަތުގައެވެ. ވަރަށް ހުޝިޔާރުކަމާއެކު އެކުއްޖާ ވެއްޓުނަ ނުދީ އާހިލް ސަލާމަތް ކޮށްދިނެވެ. އެވަގުތު އެކުއްޖާއަށް އާހިލް ގެ އެ ހިތްގައިމު މޫނަށް ބަލައިލެވުނެވެ. އޭނާއަށް ހީވީ ހިނދުކޮޅަކަށް ނަމަވެސް ހިތުގެ ހިނގުން އެއްކޮށް ހުއްޓުނުހެންނެވެ.

“ޔޫ އޯކޭ ތަ؟” ފުރަތަމަ ފަހަރަށް އާހިލް ވާހަކަދެއްކި އަޑު އެކުއްޖާ އަށް އިވުނެވެ. ހީވީ ބިއްލޫރިތަކެއް ވިރި ކެކިގަތްހެންނެވެ. އާހިލް ގެ އަޑުގެ ހިތްގައިމުކަން އެއްމެ ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. ފުރަތަމަ ފަހަރަށް އާހިލް ގެ ލޮލަށް ބަލައިލެވުނެވެ. އެކުއްޖާ ގެ ލޮލާއި ހަތަރުކަޅި ހަމަވެފައިވާ އެ ދެލޮލުން ފެންނަމުން ދިޔައީ ކަންބޮޑުވުމުގެ އަސަރުކަން އިޙްސާސް ކުރެވުނެވެ.

“އައިއޭމް….. އޯކޭ.” އެކުއްޖާ އަށް ޖަވާބުދެވުނީވެސް ހަމަ ކިރިޔާ އެވެ. އޭނާގެ އަތުގައި ހިފަހައްޓާލާފައިވާ އާހިލް ގެ އަތަށް ބަލައިލަމުންނެވެ.

އާހިލް ހާދަހާވާ ހިތްގައިމެވެ. އެއީ އެތައް ދުވަހަކުއްސުރެ އެ ކުއްޖާގެ ހުވަފެންތަކުގައި އާބަދުކުރުވަމުން އައި ރީތި ފިރިހެނާގެ މޫނަށް އެހައި ކައިރިން އެއްމެ ފުރަތަމަ ބަލައިލެވުނު ފަހަރެވެ. ހާދަހާވާ ފުރިހަމަ އެވެ. އެކުއްޖާގެ ހިތަށް އެރި އެވެ. ތަނަވަސް ނިތްކުރިއެކެވެ. ފަންފަން އިސްތަށިކޮޅެކެވެ. ކަނޑުގެ ފުންކަން އެކުލެވިފައިވާ ކޮފީކުލައިގެ މަސްތީ ދެލޮލެކެވެ. ދޮންކުލައިގެ ތެރެއިން ފިޔާތޮށިކަން ފާއްދާލާފައިވާ އޮމާން މޫނެކެވެ. މަޑުމައިތިރި މިޒާޖެކެވެ. އާހިލް އަކީ އެކުއްޖާ އެއްމެ ހިތް އެދޭ ހުރިހައި ސިފަތަކެއް ލިބިފައިވާ ހެދެމުން އަންނަ ޒުވާނެކެވެ. ރީތިކަމުގެ ސިހުރަހީ ޒުވާންކަމުގެ މަސްތުކަން އިތުރު ކުރުވާ ކަމެކޭ މީހުން ބުނާ ބުނުމަކީ ވަރަށް ބޮޑު ތެދެއްކަން އެހައި ގާތުން އާހިލް ފެނުމުން އެކުއްޖާ އަށް ޤަބޫލު ކުރެވުނެވެ.

“އާހިލް.” ތަންކޮޅެއް ދުރުގައި ހުރި ކުއްޖެއް އާހިލް އަށް ގޮވައިލި އެވެ. އެވަގުތު އާހިލް އަށް ފަހަތަށް ޖެހިލެވުނެވެ. އެކުއްޖާގެ އަތުން ދޫކޮށްލެވުނެވެ.

ރަހްމަތްތެރިންނާއި ދިމާއަށް އެނބުރެމުން، އެކުއްޖާ އާއި ދުރަށް އާހިލް ހިނގައިގަތެވެ. އޭރުވެސް އެކުއްޖާ އަށް ހުރެވުނީ އާހިލް އަށް ގެއްލިފައެވެ. އޭނާގެ ހިތާއި، ފުރާނައާއި ހަމަޖެހުން ވަނީ ހައްދުން ނައްޓާފައެވެ.

“އާހިލް.” ހިތާހިތުން އެ ހިތްގައިމު ނަން ކިޔައިލެވުނެވެ. އަތުގެ ކުޑަހުޅުގައި އަނެއް އަތުން ފިރުމާލެވުނެވެ. އާހިލް ގެ އަތުގެ ބީހިލުން އިހްސާސް ވޭތޯ އެވެ.

އެދުވަހުން ފެށިގެން މިއަދާއި ހަމައަށްވެސް އެކުއްޖާ ލޯބިވަނީ ހަމަ އެކަނި އާހިލް ދެކެއެވެ. މިހާރު އެމީހުން ކިޔަވަމުން ގެންދަނީ ގްރޭޑް 10 ގައެވެ. ފަސްވަނަ ކުލާހުންފެށިގެން އަދާއި ހަމައަށްވެސް އުޅެން ޖެހިފައިވަނީ އެކުއްޖާ އެއްމެ އެދޭގޮތަށް އެއް ކުލާހުގައެވެ. ކޮންމެ ދުވަހަކުވެސް އެކުއްޖާ އަބަދުވެސް އެދެމުންދަނީ އާހިލް ފެންނާނެ ވަގުތަކަށެވެ. އާހިލް އޭނާއަށް އެއްފަހަރު ނަމަވެސް ބަލާލާނެ ނަމައޭ އަބަދުވެސް ހިތަށް އަރަމުންދެއެވެ. އެކަމަކު ހަމަ އެއްމެ ފަހަރަކުވެސް އާހިލް ބަލައެއް ނުލައެވެ.

“ވެލް ޑަން އާހިލް.” އެކުއްޖާ ގެ ޚިޔާލީ ދުނިޔެއަށް ސުނާމީއެއް އައީ މުދައްރިސް ގެ އަޑު ޖެހުމުންނެވެ. އެވަގުތު އަވަސް އަވަހަށް އިސްދަށަށް ޖަހައިލި އެވެ.

“އަހަރެން މޮޔަވެދާނެ.” އަމިއްލަ ނަފުސަށް އެކުއްޖާ ބުނެލިއެވެ. އޭރު އާހިލް ގޮސް އާހިލް ގެ ގޮނޑީގައި އިށީންދެއްޖެ އެވެ.

“އާއިމާ ޝިރާޒް.” މުދައްރިސް އެ ގޮވާލެއްވީ އާއިމާ އަށެވެ. ފުން ނޭވައެއްލަމުން ހިތްހަމަ ޖައްސައިލެވޭތޯ މަސައްކަތް ކުރަމުންނެވެ.

“ފުންކޮށް ނޭވާލާބަލަ!” އަމިއްލަ ނަފުސަށް އާއިމާ ހިތްވަރުދެމުން ވަރަށް ޔަޤީން ކަމާއިއެކު ތެދުވެގެން ހިނގައިތެވެ.

ކުލާސް ކުދިންގެ ކުރިމަތީގައި ގޮސް މަޑުކޮށްލުމާއިއެކު އާއިމާ ގެ ދެލޮލުގެ ހަރަކާތްތައް ހުއްޓުނީ އެއްމެ ދިމާއަކަށެވެ. އެއީ އާހިލް އިށީންދެ އިން ދިމާއަށެވެ. ނޫނެކެވެ. ހަމަ ސީދާ އާހިލް އާއި ދިމާއަށެވެ. އޭރުވެސް އާހިލް އިނީ އިސްޖަހައިގެންނެވެ. ބެލުން ތިރިކޮށްގެންނެވެ. އެކަން އެހެންވީ ހަމައެކަނި އާއިމާ ޕްރެޒެންޓޭޝަން ދިނުމަށް ކުލާސް ކުދިންގެ ކުރިމައްޗަށް ހުއްޓުމުންނެވެ. އާހިލް ކުރިމައްޗަށް އާއިމާ ހުއްޓޭ ހަމަ ކޮންމެ ފަހަރަކު ކަން ހިނގަނީ އެހެންނެވެ. އާހިލް ގެ ބެލުންތިރިކޮށް އިސްޖަހަ އެވެ. އެފަދަ ހަމަ ކޮންމެ ފަހަރަކު އާއިމާ ގެ ހިތް ކުދިކުދިވެގެންދަނީ ބިންމައްޗަށް ވެއްޓި ތެޅި ކުދިކުދިވެގެންދާ ބިއްލުރި ތަށްޓެއް ފަދައިންނެވެ. އާއިމާ އިންތިހާއަށް ދެރަވެއެވެ. ކިތަންމެ ދެރަވިޔަސް ޕްރެޒެންޓޭޝަން ދޭންފެށި އެވެ. އިރުއިރުކޮޅުން އާހިލް އިން ދިމާއަށް ބަލައިލަމުންނެވެ. އެކަމަކު ހަމަ އެއްމެ ފަހަރަކު ނަމަވެސް އާހިލް ގެ ޖެހިފައިވާ އިސް އުފުލޭތަނެއް ނުފެނުނެވެ.

އާއިމާ ޕްރެޒެންޓޭޝަން ދެމުން ގެންދިޔައިރު އާހިލް ގެ ހާލަކީތޯ އެވެ. އާހިލް އަށް އިނދެވުނީ ގޮށްމުށް ކަވައި ބާރުކޮށްލައިގެންނެވެ. އެވަގުތު އޭނާގެ ހިތް ރޮއެ ގިސްލަމުން ދެއެވެ. ހަމަ އެއްމެ ފަހަރަކު ނަމަވެސް އާއިމާއަށް ބަލައިލުމަށެވެ. އޭނާގެ ދެލޯ ސަލާން ޖަހަމުންދަނީ އިސްއުފުލައި ބެލުމަށެވެ. އެކަމަކުވެސް އާހިލް އެއިން އެއްވެސް އެދުމަކަށް އިޖާބައެއް ނުދިނެވެ. އަމިއްލަ ނަފުސަށް ބާރު ފޯރުވައި ވަރުގަދަ ވި އެވެ. އެހެނަސް އޭނާގެ އެތެރެ ވަރަށް ބަލިކަށްޓެވެ. ހިތް އެދި ގޮވަމުން ދަނީ ހަމަ އެއްމެ ފަހަރަކު، ކުޑަ ހިނދުކޮޅަކަށް ނަމަވެސް އާއިމާ އަށް ބަލައިލުމަށެވެ. އާހިލް ގެ ހިތު ވިންދުގެ ޙައްޤަށްޓަކައި ނަމަވެސް މެއެވެ. އޭނާގެ ހިތުގައި ޖަހަމުން ދާ ހަމަ ކޮންމެ ވިންދަކުން އިވެމުންދަނީ އޭނާގެ ހިތުގެ ދުލުން ކިޔަން ބޭނުންވާ ނަމެވެ. އާއިމާ ގެ ނަމެވެ.

ނުނިމޭ

ޒުވާން ލޯބި – 02

އާއިމާ ޕްރެޒެންޓޭޝަން ދެމުން ދިޔައިރު އާއިމާ ގެ އަޑު އެއްވެސް ހުރަހެއް ނެތި ވަންނަމުން ދިޔައީ އާހިލް ގެ ހިތަށެވެ. ހިތުގެ އެއްމެ ފުނަށެވެ. އެ އަޑު އިވުމުން އާހިލް ގެ ނަފުސަށް ހަމަޖެހުން ލިބެމުން ދިޔައެވެ. ހަމަ އެއާއިއެކު އޭނާގެ ހިތުގެ ގޮވުންވެސް ހިނދެއް ހިނދަކަށް އިތުރުވަމުން ދިޔައެވެ. އާއިމާ ގެ މޫނު ދެކިލާހިތުން އޭނާ މަރުދެނީ އެވެ. އެކަމަކުވެސް އިސް އުފުލައި އެންމެ ފަހަރަކުވެސް އާއިމާ އަށް ބަލައިލުމަކަށް އޭނާގެ ނަފުސަށް، އޭނާގެ ޟަމީރު ހުއްދައެއް ނުދިނެވެ. އާއިމާ ގެ ޕްރެޒެންޓޭޝަން ގެ ދިހަ މިނެޓް އާހިލް އަށް ވެގެން ދިޔައީ ދިހަ ޤަރުނަށެވެ. އެ ވަގުތުގައި އާއިމާ ގެ މަސްތުން ފުރިފައިވާ އިޝްޤީ ލޮލުން އެއްވެސް ހުއްޓުމެއް ނެތި ބަލަމުން ދިޔަކަން އާހިލް އަށް އިޙްސާސް ކުރެވެއެވެ. އެކަމަކުވެސް ހަމަ އެއްމެ ފަހަރަކުވެސް އޭނާ އާއިމާ އާއި ދިމާއަށް ބަލައެއް ނުލައެވެ.

އާއިމާ ގެ ޕްރެޒެންޓޭޝަން ނިމުނު ވަގުތަކީ ރަނގަބީލުވެސް ޖެހި ވަގުތެވެ. އެމީހުންގެ މުދައްރިސުން ނިކުމެގެން ހިނގައްޖެ އެވެ. މުދައްރިސް ގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އަވަސް އަވަހަށް އާހިލް ވެސް ނިކުތެވެ. ކުލާހުގެ އެއްވެސް ކުއްޖަކަށް ބަލާކަށް، އެއްވެސް ކުއްޖަކާ ވާހަކަ ދައްކަން ހުންނަން އާހިލް އަށް ކުޅަދާނަ ނުވީއެވެ. އާހިލް ގެ ނޭވާ ވަނީ ކުރުވެފައެވެ. މޫނު ވަނީ ރަތްވެފައެވެ. އަވަސް އަވަހަށް އޭނާ ގޮސް ވަނީ ފާޚާނާ އަށެވެ. މޫނު ދޮންނަ ތަށީގެ ކުރިމަތީގައި ހުއްޓެމުން ލޯގަނޑުން މޫނު ބަލައިލަމުން މޫނަށް ފެންޖަހަން ފެށިއެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. އޭނާގެ ލޮލުން ނަގަމުންދިޔަ ދިލަކަން ކަނޑުވާލުމަށެވެ. އެކަމަކު ވީ ހަމަ އެއްވެސް ކަމެއް ނެތެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހިގަތެވެ. ކިތައްމެ ސިއްރެއް ކުރިޔަސް ބައެއް އެއްޗެތި ހިފެހެއްޓޭނީ ވެސް ވަކިވަރަކަށް ތާއެވެ. އޭނާގެ ހިތުގެ ރުއިމުގެ ކަރުނަތައް ލޮލުން ފައިބަމުންދާ ކަހަލައެވެ.

“ޔާ ﷲ. އަހަންނަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟” ދެލޯ މަރައިލަމުން އާހިލް ގެ ހިތަށް އައި ލަފުޒުތައް ދުލުން ކިޔައިލަމުން މޫނު ދޮވެލި އެވެ.

މޫނު ދޮވެ ނިމިގެން، ފުން ނޭވާއެއް ދޫކޮށްލަމުން ފާޚާނާއިން ނިކުމެއްޖެ އެވެ. މަދު ފިޔަވަޅުކޮޅެއް ވެސް ނޭޅި އުޅެނިކޮށް އަންހެން ކުދިންގެ ގްރޫޕެއް އެދިމާއަށް އަންނަތަން ފެނިއްޖެ އެވެ. އެއީ އާއިމާ ގެ ރައްޓެހިން ކޮޅެއްކަންވެސް އާހިލް އަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން އެ ގްރޫޕްގައި އާއިމާ ވެސް ހުންނާނެކަން ޔަޤީން ކުރެވުނެވެ. އަވަސް އަވަހަށް އިސްޖަހާލައިގެން އެ ގްރޫޕް ކުދިން ފަހަނައަޅައި ގޮސް އޮބާލައިފި އެވެ.

އެދުވަހު ބާކީ އޮތް ވަގުތު ތަކުގައި ވަރަށް މަސައްކަތުން ނަމަވެސް އާހިލް ގެ ވިސްނުން ބެހެއްޓީ ކިޔެވުމުގެ ކަންތައްތަކުގައެވެ. އެކަމަކުވެސް އޭނާ ލާ ކޮންމެ ނޭވާއަކާއި އެކު އިވެމުން ދިޔައީ އޭނާގެ ހިތް އެ ނަމަކަށް ގޮވަމުންދާ ނަމެވެ. އާއިމާ ގެ ނަމެވެ.

ސްކޫލްގެ ކިޔެވުން ނިމޭ ރަނގަބީލު ޖެހުމާއިއެކު ހުރިހާ ކުދިންތައް ސްކޫލުން ނިކުމެ ގެއަށް ދިއުމަށް އަވަސްވެގެންފި އެވެ. އާހިލް ވެސް އޭނާގެ ބައިސްކަލަށް އަރައިގެން އަވަހަށް ދުއްވާލިއެވެ. އާއިމާ ފެންނަ ހިސާބުން ވީހާ އަވަހަކަށް ދިއުމަކީ އޭނާ ގެ ނަފުސު ބޭނުންވާ ގޮތެވެ.

★~~★~~★~~★~~★~~★

“އަހަނ.. ދަރިފުޅު ތި އައީ ދޯ!” އާހިލް ގެއަށް ވަންތަން ފެނުމުން އޭނާ ގެ މަންމަ ބުންޏެވެ. ކުޑަކުއްޖެއް ފަދައިން މަންމަ ކައިރިއަށް ގޮސް މަންމަ ގެ ގައިގާ ބައްދާލި އެވެ.

“އައްސަލާމު ޢަލައިކުމް މަންމާ.” އާހިލް އޭނާގެ މަންމަ އަށް އިސްލާމް ދީނުގެ ރިވެތި ސަލާމުން ސަލާމް ގޮވާލި އެވެ. ސޯފާ ގައި މަންމަ އިށީންނުމުން މަންމަ ގެ ކައިރީގައި އާހިލް ވެސް އިށީންދެއްޖެ އެވެ.

“ވަޢަލައިކުމުއްސަލާމް.” ސޯފާގައި އިށީންދެ ހަމަޖެހިލަމުން އާހިލް ގެ ސަލާމަށް މަންމަ ޖަވާބު ދިނެވެ.

“ކޮއްކޯ ފެން.”

އާހިލް އިސްއުފުލައި ބަލައިލިއިރު ކުރިމަތީގައި ހުއްޓިގެން ހުރީ އެގޭގައި މަސައްކަތް ކުރަން ގެންގުޅޭ މީހާ އެވެ. ފެންތަށީގައި ހިފުމާއިއެކު ބިސްމި ކިޔައި އަވަސް އަވަހަށް ފެންތަށި ބޯންފެށި އެވެ. ފެން ބޮއެ ނިމުމުން އާހިލް ގެ މަންމަ އާހިލް ގެ ބޮލުގައި މަސާޖް ކުރަން ފެށި އެވެ. އެއީ އާހިލް މަންމަ ގެ އާދައެކެވެ. ރާއްޖޭގައި އާއްމު ކަމެއް ނޫނަސް އެކަމަކީ އާހިލް މަންމަ ގެ އުފަން ގައުމު ޕާކިސްތާނުގައި އާއްމު ކަމެކެވެ. އާހިލް މަންމަ އަކީ ޕާކިސްތާނު ގެ އިސްލާމް އާބާދަށް އުފަން މީހެކެވެ. ބިޔަ ދޮން އަންހެނެކެވެ. އަބަދުވެސް ހުންނަނީ މޫނުބުރުގާ އަޅާފައެވެ. ފެންނަން ހުންނަނީ ހަމައެކަނި ދެލޯ އެކަންޏެވެ. އޭނާ ރާއްޖެ އައިސް މާލޭގައި ވަޒަންވެރިވީ އާހިލް ގެ ބައްޕަ ޙާފިޟް ކަން ކިޔަވަން ޕާކިސްތާނަށް ގޮސްއުޅުމުގެ ތެރޭގައި އާހިލް ގެ ބައްޕަ އާއި ކައިވެނިކޮށްގެން ޕާކިސްތާނުގައި ދެ އަހަރު އުޅުމަށްފަހުގަ އެވެ.

“އާއިޝާ ގެއަށް އަތުވެއްޖެ ތަ؟” އާހިލް ގެ ހަގަށް ހުންނަ އަންހެން ކޮއްކޮ ގެ ވާހަކަ އެހިއެވެ.

“އިރުކޮޅެއް ކުރިން އައިސްފި. ވެއްޖެ ނަމާދު ކުރަން ގޮސް.” މަންމަ ޖަވާބު ދިނެވެ. އާހިލް ބޯ ޖަހައިލި އެވެ.

“އަހަރެންވެސް މި ދަނީ ނަމާދު ކުރަން. ނަމާދުން ފައިބައިގެން އަންނާނަން އެއްމެން އެކުގަ ކާން.” މިހެން ބުނެފައި ސިޑިން މައްޗަށް އަރަންފެށިއެވެ. އާހިލް ގެ ކޮޓަރި ހުންނަނީ ޑެގް އަޅައިގެން ދެބުރިއަށް ނަގާފައިހުރި ގޭގެ ފުރަތަމަ ފަންގިފިލާގަ އެވެ.

އާހިލް ސިޑިން މައްޗަށް އަރަމުން ދިޔައިރު އާހިލް ގެ މަންމަ އިނީ ވަރަށް ފަޚްރުވެރިކަމާއިއެކު އޭނާގެ ސޯޅަ އަހަރަށްދާ ހަމަ އެކަނި ފިރިހެން ދަރިފުޅަށް ބަލާށެވެ. އެހެން އިންއިރު އެ މަންމަގެ ހިތުގެ އެއްމެ ފުންމިނުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބަފުޅަށް ޝުކުރުވެރިވަމުން ދިޔައެވެ. އެއީ އޭނާ ބޭނުންވި ފަދަ ފިރިހެން ދަރިއެކެވެ. ވަރަށް ޅަ އުމުރުގައި ދީނީ ކަންކަމަށް އޭނާ ފަރުވާ ބަހައްޓަން ފަށައިފިއެވެ. އެހެން ކަމުން އެކަމާ ފަޚްރުވެރިވެ ޝުކުރުވެރި ނުވާނެ މަޔަކު ހުންނާނެހެއްޔެވެ؟ އަހަރެމެންގެ ދީނުގައި އަންގަވާފައިވާ ހަމަ ކޮންމެ ކަމަކަށް ވަރަށް ފުރިހަމައަށް އާހިލް އަމަލު ކުރަމުންދާތަން އަންނަނީ ފެންނަމުންނެވެ. މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ގެ ފުރިހަމަ ސުންނަތަށްވެސް ތަބާ ވަމުންނެވެ.

“އަލްޙަމްދުލިﷲ.” މަޑުމަޑުން ﷲ އަށް ޙަމްދު ކުރަމުން އާހިލް މަންމަ ވެސް ނަމާދު ކުރުމަށްޓަކައި ކޮޓަރިއަށް ވަދެއްޖެ އެވެ.

★~~★~~★~~★~~★~~★

ސަލާމްދީ ނިމުނު އިރު އާހިލް ގެ ދެލޯ ވަނީ ކަރުނައިން ތެމި ފޯވެފަ އެވެ. ދެއަތް މައްޗަށް އުފުލާލައި ދެލޯ މަރައިލި އެވެ. ލޯ މަރާލުމާއި އެކު އާހިލް ގެ ކުރިމަތިން ފެންނަން ފެށީ އާއިމާ ގެ މޫނެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ކުޅޭ ބިމުން ފެނުނު މޫނެވެ.

“ޔާ ﷲ، މިއަޅާ އަށް މިކަމުން ނަޖާ ވުމުގައި އެހީތެރިވެވޮޑިގަންނަވާންދޭވެ.” ތުރުތުރު އަޅަމުން ދިޔަ ދެތުންފަތުން އާހިލް ދުޢާކުރި އެވެ. އެވަގުތު ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހެންފެށި އެވެ.

“މަހްރަމަކާއި ދިމާއަށް ބެލުމާއި، މަހުރަމަކާއިމެދު ވިސްނުމަކީ މި އަޅާއަށް ކުރެވޭ ބޮޑު ފާފައެއްކަން މިއަޅާއަށް އެނގެއެވެ. އެކަމަކުވެސް އެކުއްޖާ ދެކެ ވެވޭ ލޯބީގެ ބޮޑުކަމުން މިއަޅާގެ ދެލޮލަށް ކަރުނަ ޖަމާވަނީ އެވެ. އެކުއްޖާ އާއި ދުރުގައި އުޅުމަށް މިއަޅާ މި އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެކުއްޖާއާއަށް ނުބެލުމަށާއި، އެކުއްޖާއާއި ދޭތެރޭ ނުވިސްނުމަށެވެ. މިއަޅާ މަސައްކަތް ކުރަމުން މިގެންދަނީ ހިލޭ އަންހެނުންނާއި ދިމާއަށް ނުބަލާ އުޅޭ ހެޔޮލަފާ މުސްލިމަކަށް ވުމަށެވެ. ބެލުން ތިރިކޮށްގެން އުޅުމަށެވެ. އެކަމަކުވެސް މި އަންހެން ކުއްޖާ ގެ ނަން އަހަރެންގެ މިތަނުގައި، ހިތުގައި ޖަހާ ވިންދާއި އެކުގައި ވަނީ އެވެ. ޔާ ރައްބު. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާންދޭވެ. މިއަޅާއަށް މިކަމަށް މިވަނީ ބާރުފޯރުވޭގޮތް ނުވެފައެވެ. ކޮންމެ ދުވަހަކުވެސް އެކުއްޖާއަށް މިއަޅާގެ ހިތް ކިޔަމުން ދަނީ އެވެ. މިއަޅާއަށް އެހީތެރިވެ ވޮޑިގަންނަވާންދޭވެ.”

ދުޢާކޮށް ނިމިގެން އާހިލް ތެދުވި އެވެ.

ކުޑަދޮރު ކައިރިއަށް ގޮސް ހަނދަށް ބަލަންފެށި އެވެ. އެވަގުތު އާހިލް ގެ މަންމަ ގޮވައިލި އަޑު ކަންފަތުގައި ޖެހުނެވެ.

‘އެއްމެ ހެޔޮލަފާ މީހުންނަކީ އެމީހުންގެ ބެލުންތައް ތިރިކުރާ މީހުން. އެމީހުންނަކީ މާތް ﷲ އެންގެވި ގޮތަށް އުޅޭ ހެޔޮލަފާ މީހުން. އެމީހާ އަކީ އަންހެނުންނަށް އިޙްތިރާމު ކުރާ، ފަސްވަގުތު ނަމާދު ކުރާ އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް އެހީތެރިކަމަށް ނޭދޭ މީހުން.’

ދެލޯ މަރައިލަމުން އާހިލް ގްރޭޑް ހައެއް ގައި އުޅުނުއިރު އޭނާގެ މަންމަ ދީފައިވާ ނަސޭޙަތްކޮޅު ހަނދާން އާކޮށްލި އެވެ.

“އަހަރެންގެ ބެލުން ތިރިކުރާނަން.” އަމިއްލަ ނަފުސަށް އާހިލް ބުންޏެވެ. ކުޑަދޮރު ލައްޕާލައި ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.

“އަހަރެން ދުވަހަކުވެސް އެ ކުއްޖާ އަކަށް ނުބަލާނަން.”

ނުނިމޭ

ޒުވާން ލޯބި – 03

“އަހަރެންގެ ބެލުން ތިރިކުރާނަން.” އަމިއްލަ ނަފުސަށް އާހިލް ބުންޏެވެ. ކުޑަދޮރު ލައްޕާލައި ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.

“އަހަރެން ދުވަހަކުވެސް އެ ކުއްޖާ އަކަށް ނުބަލާނަން.”

ހޮޅިބުރި ނިއްވައިލަމުން ނިދާބޮކި ޖައްސައި އާހިލް ގޮސް އޭނާގެ އެނދުގައި އޮށޯވެއްޖެ އެވެ. ގައިމަތީގައި ރަޖާ އަޅައި ހަަމަޖެހިލި އެވެ. މަޑުމަޑުން ލޯމަރައިލި އެވެ. ހަމަ ލޯމަރައިލުމާާއި އެކު ހުދު ބުރުގާއަކުން ވަށާލެވިފައިވާ އާއިމާގެ ހިނިތުންވެފައިވާ މޫނު ފެންނަން ފެށި އެވެ. އެވަގުތު އާހިލްގެ މޫނުމައްޗަށްވެސް ހިނިތުންވުން ވެރިވި އެވެ.

“އާއިމާ.” ދުލުގެ ކުރިންް މަޑުމަޑުން އާއިމާގެ ނަން އާހިލް އަށް ކިޔައިލެވުނެވެ. އެކަމަކު ހަމަ އެވަގުތު އޭނާގެ ފިކުރާއި ޚިޔާލަށް އައިސްފައިވާ މަސްތުކަމުން ހޭލެވިއްޖެ އެވެ. އާހިލް ދެލޯ ހުޅުވައިލި އެވެ.

އާހިލްގެ ހާާލު މިހެންހުރި އިރު އާއިމާ ގެ ހާލަތު އަދި މާބޮޑަށްވެސް ގޯހެވެ.

‘އާއިމާ.”

“އާ……އިމާ. ކީއްވެތަ ތި ރޮނީ؟” އާއިމާގެ ރަހުމަތްތެރިޔާ ޒީނަތުު އިނީ ކަންބޮޑުވެފަ އެވެ. މީގެ ދެގަޑިއެއްހާއިރު ކުރިން ފެށިގެން އާއިމާ ރޮމުން އެދަނީ ކީއްވެގެންކަން ހޯދަން ޒީނަތު ކިތަންމެހާވެސް ބޭނުމެވެ.

“ބޮޑެއްތަ އަށް ގޮވަނީ އިނގޭ.” މިހެން ބުނަމުން ޒީނަތު ކޮޅަށް ތެދުވީ އާއިމާގެ މަންމައަށް ގޮވާށެވެ. ނަމަވެސް އާއިމާ ޒީނަތުގެ އަތުގައި ހިފެހެއްޓުވި އެވެ. އިށީންނުމަށް އިޝާރާތް ކުރަމުންނެވެ.

“ނޫން… މިކަން އެއްވެސް މީހަކަށް ނާންގާތި.” ފުހިފުހިފަައި ރޮމުން އާއިމާ އެދުނެވެ.

“އެހެންވެއްޖެއްޔާ ތި އޮހޮރޭ ކަރުނައިގެ ސަބަބަކީ ކޮބައިކަން ބުނެފާނަންތަ؟” އާއިމާގެ އެނދުގައި އިށީންނަމުން ޒީނަތު ސުވާލުކުރި އެވެ. އޭރު އާއިމާގެ ރުއިން އިހަށްވުރެންވެސް ގަދަވަމުން ދަނީއެވެ.

“މިއަދުވެސް އޭނަ މަށާދިމާއަށް ބަލާވެސް ނުލި.” ވަރަށް އުނދަގުލުން އާއިމާ ބުންޏެވެ. ޒީނަތު ފުން ނޭވައެއް ދޫކޮށްލަމުން އެނދުގެ ކޮޅުފިލާގައި ލެނގިލި އެވެ.

“އެކަމާތަ ތިވަރަށް ތި ރޮނީ؟” ވެގެންއުޅޭގޮތް އެނގުމުން ޒީނަތު އަހައިލި އެވެ. އާއިމާ އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

“ކިތައް ފަހަރު އަހަރެން އާއީ ކައިރީ ބުނާނީ އޭނަޔާމެދު ނުވިސްނާށޭ. އެއީކީ ބިޓުން ފަހަތުން ފްލަރޓް ކުރަމުން ދުވާކަހަލަ ކުއްޖެއް ނޫނޭ.” ޒީނަތު ގެ މި ޖުމްލައާއިއެކު އާއިމާ ޒީނަތަށް ބަލައިލި އެވެ.

“ދެން ތިބުނީ މަށަކީ ފިރިހެން ކުދިން ފަހަތުން އަޅައިގަނެގެން އުޅޭ ކުއްޖެކޭތަ؟” ޒީނަތު ބުނި ޖުމްލައިން އާއިމާ އަށް ނެގުނީ ނުބައި މާނައެކެވެ.

“އަޅޭ! އަހަރެން ތިހެންނެއް ނޫނޭ މިބުނީކީ. އާއީ އަށްވެސް އެނގޭނެ ތި ދެމީހުންވެސް ހަމަ އެއްގޮތްކަން. އެކަމަކު އާއީ ކިތަންމެ އުއްމީދެއް ކުރިޔަސް އޭނަ އިސްއުފުލައި އާއީ އަށް ބަލާލަފާނެހެން ހީވޭތަ؟” ރޮއެރޮއެ ދުޅަވެފައިވާ އާއިމާގެ ލޮލަށް ބަލައިލަމުން ޒީނަތު ބުންޏެވެ.

“ޒީ އަކަށް ފީލް އެއް ނުވާނެ މަށަށް މި ވާވަރެއް. އަހަންނަށް ނޭނގޭ މިކަން އެހެންވީ ކީއްވެގެން ކަމެއްވެސް. ބަޓް އައޭމް އިން ލަވް ވިތު ހިމް. ކީއްވެ، ކިހިނެތް ކަމެއްވެސް ނޭނގޭ. ޔޫ ނޯ ހައު އައިވޯޒް އެންޑް ހައު އައޭމް. އަހަރެން އެއްވެސް ފިރިހެން ކުއްޖަކާ ވާހަކަދެއްކިންތަ އެގޮޮތަށް؟ ނުދައްކަމެއްނު. އަހަރެން އަބަދުވެސް ބޯއީސް އާ ދުރުގައެއްނު އުޅެނީވެސް. އަހަރެން އެކުދިންނަށް ބަލައެއްވެސް ނޫޅެމެއްނު. އަހަރެންވެސް ދީނުގަ އަންގަވާފަވާގޮތަށް ބެލުންތިރިކޮށްގެން އުޅެނީ. އެކަމަކު އޭނަޔާ ޖެހުނީމަ އައި ފެލްޓް މައިސެލްފް ވީކް. އޭނަޔަށް ނުބަލައެއް ނުހުރެވޭ. އަދި ބައެއް ފަހަރަށް، އޭނަ އަހަންނަށް ބަލާނެ ކަމުގެ އުއްމީދު ބޮޑުވެފައި އޭނަ މަށަށް ނުބަލާކަން އެނގޭތީ ވަރަށް މި ހިތަށް ތަދުވޭ.” މޭމަތީގައި އަތް ޖައްސާލަމުން އާއިމާ އަށް ބުނެވުނީ މިހިސާބަށެވެ. އަނެއްކާވެސް އަޑުން އަޑު ނަގާފައި ރޯންފެށިއެވެ. ޒީނަތު އާއިމާގެ އަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލި އެވެ.

“އައި ނޯ ޔޫ. މަށަށް އެނގޭ އާއީ އަކީ ސްޓިލް އޭން އިނޮސެންޓް ކުއްޖެއްކަން. އެންޑް އައި ނޯ ހައު ޕިޔޯ ޔޯރ ފީލިންގްސް އާރ. އޭނަޔާ ހެދި މޮޔަވެފަ ހުންނަތާ ފަސް އަހަރުވެއްޖެކަންވެސް އެނގޭ. އޭނަ ލޯބިވާ ވާހަކަ ނުބުނާތާނގަ އާއީ ތި އިންތިޒާރު ކުރަނީ އޭނަ އާއީ އަށް ހަމަ އެންމެ ފަހަރަކު ނަމަވެސް ބަލައިލާނެ ވަގުތަކަށްކަންވެސް އެނގޭ،” ޒީނަތު މަސައްކަތްކުރީ އާއިމާ ހަމަޖެއްސުމަށެވެ. ޒީނަތުގެ ވާހަކަތަކަށް އާއިމާ ބޯޖަހަމުން ގެންދިޔައެވެ.

“އަހަރެން.. އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް އޭނަ މަށަށް ބަލައިލުމަށް. ފޯރ ވަންސް. ޖަސްޓް ފޯރ ވަންސް. ދެޓްސް އޯލް އައި ވޯންޓް.” އަނެއްކާވެސް ރޮމުން އާއިމާ ގެ ހިތުގެ އެދުންތައް ހާމަކުރަން ފެށިއެވެ.

“އެކަމަކު އޭނަ އާއީ ދެކެ ލޯތްބެއް ނުވެއެއްނު!” ޒީނަތު ބުންޏެވެ. ކަރުނުން ފުރިފައިވާ އާއިމާ ގަދަކަމުން ހިނިތުންވެލި އެވެ.

“އޭނަ ވެސް ވޭ.” އާއިމާ ގެ ޖަވާބުން ޒީނަތަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.

“ކިހިނެތް އާއީ އަށް އެނގެނީ؟ އޭނަ އާއީ އަށް ބަލާވެސް ނުލައެއްނު؟ އޭނަ އާއީ ދެކެ ލޯތްބެއް ނުވެޔޭ. ދެން ތިގޮތަށް އޭނަ ފަހަތުން ނުދުވެބަލަ.” ކުޑައިރުއްސުރެން އެންމެ ގާތް ރަހުމަތްތެރިޔާ އެ ހާލުގައި އިންނަތަން ދެކެން ބޭނުންނުވާތީ ޒީނަތު ބުންޏެވެ.

“މަށަށް ހަމަ އެނގެނީ. އޭނަ އަހަރެން ދެކެ ލޯބިވޭ އެކަމަކު އަހަރެންވެސް އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން އަމިއްލަ އެދުންތައް ހުއްޓުވާގޮތަށް އޭނަވެސް ހުއްޓުވަނީ. އަހަރެން ފެންނަ ހިސާބަށް އޮޅުމަކުން ދެވުނަސް އޭނަ އަވަސް އަވަހަށް ފިލައިގެންދާން އެ އުޅޭއިރު އޭނަގެ ލޮލުން އެފެންނަ އަސަރު ފާހަގައެއް ނުކުރެވޭތަ ޒީ އަކަށް؟” އާހިލް ގެ އިސްޖެހިފައިވާ ބެލުން އާއިމާގެ ހަނދާނަށް ގެންނަމުން ޒީނަތުކުރެން އެހިއެވެ.

ނުނިމޭ

ޒުވާން ލޯބި – 04

“މަށަށް ހަމަ އެނގެނީ. އޭނަ އަހަރެން ދެކެ ލޯބިވޭ އެކަމަކު އަހަރެންވެސް އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން އަމިއްލަ އެދުންތައް ހުއްޓުވާގޮތަށް އޭނަވެސް ހުއްޓުވަނީ. އަހަރެން ފެންނަ ހިސާބަށް އޮޅުމަކުން ދެވުނަސް އޭނަ އަވަސް އަވަހަށް ފިލައިގެންދާން އުޅޭއިރު އޭނަގެ ލޮލުން އެފެންނަ އަސަރު ފާހަގައެއް ނުކުރެވޭތަ ޒީ އަކަށް؟” އާހިލް ގެ އިސްޖެހިފައިވާ ބެލުން އާއިމާގެ ހަނދާނަށް ގެންނަމުން ޒީނަތުކުރެން އެހިއެވެ.

“އާއީ ފެންނައިރަށް އޭނަ އަބަދު އިސްޖަހައިގެންނެއްނު ހުންނަނީ!” ޒީނަތު ބޭނުންވީ އާއިމާ ދެކެ އާހިލް ލޯބި ނުވާކަން ވިސްނައިދޭށެވެ.

“އާނ… އެކަމަކު އޭނަގެ ލޮލުން އެފެންނަ ޖަޒުބާތު މަށަށް ފާހަގަވޭ މަށަށް ނުބަލަން އުޅޭއިރު. އޭނަގެ ތުންފަތަށް އެ އަންނަ ލުއިލުއި ތުރުތުރާ އޭނަ ގެ މުށް ކެވިގެންދާކަންވެސް މަށަށް އެނގޭ.” ލޯ މަރައިލަމުން އާއިމާ ބުންޏެވެ.

“އެކަމަކު އެކަންކަމުން ސާބިތެއް ނުވެއެއްނު އޭނަ އާއީ ދެކެ ލޯބިވާކަމެއް. އޭނަ އަށްޓަކައި ލައިފް ސްޕޮއިލް ނުކޮށްބަލަ. އާއީ ތިހެން އުޅޭތަން ދެކެން އަހަންނަށް އެހާ ފަސޭހައެއް ނޫނޭ.” ޒީނާތުގެ ލޮލަށް ޖަމާވި ކަރުނަފޮދު ފޮހެލަމުން އާއިމާ އަށް ނަސޭހަތްތެރިވި އެވެ.

“އޭނާޔާ ދޭތެރޭ ނުވިސްނަބަލަ ޕްލީޒް.” އާއިމާގެ ގައިގައި ބާރަށް ބައްދާލަމުން ޒީނަތު އެދުނެވެ.

“ޖަސްޓް ކޮންސެންޓްރޭޓް އޮން ޔޯރ ސްޓަޑީޒް އޯކޭ.” އާއިމާ އާއި ދުރަށް ޖެހިލަމުން އަނެއްކާވެސް ޒީނަތު ބުންޏެވެ.

“އެކަމަކު އޭނަގެ ހިތުގެ ވިންދު މަގޭ ހިތުންނޭ ޖަހަނީ. މިތަނުން އެހެން ވިންދެއް ނުޖަހައޭ.” މޭމަތީގައި އަތް ޖައްސާލަމުން ގޮތް ހުސްވެފައިވާ މީހެއް ފަދައިން އާއިމާ ބުންޏެވެ.

“ދެން ތިހެން ވިންދު ޖެހިޔަދީގެން ހުރޭ. ﷲ ސުބްޙާނަހޫ ވަތަޢާލާ އާއީ ގެ ހިތުގައި ތިވަނީ އޭނަގެ ލޯބި ލައްވަވާފަ. އެހެންވީމަ އެކަލާންގެ ތި ދެމީހުން ގެ ގުޅުން ބަދަހިކުރެއްވުމަށް އިރާދަކުރައްވާފަ ވާނަމަ އެކަން ހިންމަވާނެ.” ޒީނަތުގެ ގަޔާލައި އާއިމާ ފިއްތާލަމުން ބުންޏެވެ.

“އަހަރެން ދުޢާ ވެސް ކުރާނަން ﷲ ސުބްހާނަހޫ ވަތަޢާލާ އާއިމާ ގެ ފިރިއެއްގެ ގޮތުގައި އާހިލް ލައްވަވާތޯ.” ޒީނަތު ގެ ލޯބިވާ ރަހުމަތްތެރިޔާ އަށް ހެޔޮއެދޭ މިންވަރު ހާމަކުރިއެވެ. އެވަގުތު އާއިމާގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް އެއްވެސް ހިފެހެއްޓުމެއް ނެތި އޮހޮރެން ފެށިއެވެ. ޒީނަތުގެ ގައިގައި ބާރަށް ބައްދާލަމުން ހަމަ ރަނގަޅަށް އާއިމާ ރޯންފެށި އެވެ.

“ތޭންކިޔޫ.” ރޮމުން ރޮމުން އާއިމާ ބުންޏެވެ.

“ހޫމް ދެން ހެވޭ ތިވަރަށް މަ ތެންމާލާފަ ތެންކިޔޫ ނުބުންޏަސް. ދެން ތިހާވަރަށް ނުވިސްނަބަލަ. ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެއްނު.” ސަމާސާ ކޮށްލަމުން ޒީނަތު ބުންޏެވެ.

“އަޅެ ހީވޭތަ އޭނަ މަށަށް ބަލާލާނެހެން؟” ސުވާލުގެ ނަޒަރަކުން ޒީނަތަށް ބަލައިލަމުން އާއިމާ އެހިއެވެ.

“އިންޝާﷲ، އަދި ތިކަންވެސް ވާނެ.” ލުއި ހިނިތުންވުމަކާއެކު ޒީނަތު ޖަވާބުދިނެވެ.

“ﷲ ނުރުހުންވެވޮޑިގެން ނުވާނެތަ އަނެއްކާ މަށަށް މި އުޅެވޭގޮތުން؟” ކުޑަކުއްޖެއް ފަދައިން އާއިމާ ސުވާލުކުރިއެވެ. ޒީނަތު ގާތަށް އައި ލާނެތް ހިނިގަނޑު އޮއްބާލަމުން އާއިމާ އެނދުގައި ބޭންދިއެވެ. އާއިމާ އޮށޯތުމުން އާއިމާ ކައިރީގައި ޒީނަތު ވެސް އޮށޯތެވެ.

“ހިޔެއްނުވޭ ދޯ. އެކަލާންގެ އާއިމާގެ ހިތުގަ ލައްވަވާފަ ތިވަނީ ސާފު ޠާހިރު ލޯތްބެއް. އެކަލާންގެ ހުރިހައި ކަމެއްވެސް އެންމެ މޮޅަށް ތަދުބީރު ކުރައްވަވާނެ.” އާއިމާ ގެ ސުވާލަށް ޖަވާބުދެމުން ޒީނަތު ބުންޏެވެ.

އާދުވަހެކެވެ. އާއިމާ އެންމެ އިންނަން ބޭނުންވާ ތަނުގައި އިނދެވުނަސް ހިތަށް ހިތްހަމަޖެހުމެއް ނުލިބެއެވެ. ކުލާހުގެ ކުދިންތައް ހޭލަމޭލަވަމުން ދިޔަޔަސް އާއިމާ އަށް އިނދެވުނީ މާޔޫސް ކަމެއްގެ ތެރޭގައެވެ.

“އާއިމާ ގެ ދެލޯ ދުޅަވެފަ ތިހުރީ އަނެއްކާ ކިހިނެތްވީ؟”

އާހިލް ދަބަހުން ނޯޓުފޮތެއް ނަގަނިކޮށް ކަންފަތުގައި ޖެހުނީ މި ޖުމްލަ އެވެ. ކޮންމެވެސް ކުއްޖަކު އާއިމާ އަށް ކުރިމަތިކޮށްލި ސުވާލެކެވެ.

“ކަމެއް ނުވޭ.” އާއިމާ ޖަވާބުދިން އަޑުވެސް އާހިލް އަށް އެއްވެސް ހުރަހަކާ ނުލައި އިވުނެވެ.

“ނުވާނެ އެހެންނެއް. ކޮންމެވެސް ކަމެއް ވެއްޖެ. ތިހިރީ ދެލޯ ރަތްވެސް ވެފަ ހުރިވަރު.” އާއިމާ ގެ ރައްޓެހި ކުއްޖަކު އަނެއްކާވެސް ބުންޏެވެ. އާހިލް ގެ އަތުގައި އޮތް ނޯޓުފޮތުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ހިތުގައި އަޅަމުންދާ ވޭންގަދަކަމުން ކަމަށްވެސް ވެދާނެ އެވެ.

އާއިމާ ރުއިކަން އާހިލް އަށް އެނގެއެވެ. އާއިމާ ރުއީ އާހިލްއަށްޓަކައި ކަންވެސް އެނެގެއެވެ. އާހިލް އަށް އެކަން އެނގެނީ އާހިލް އަށް އާއިމާ ފާރަލަމުން އަންނަކަން އެނގޭތީއެވެ. އާހިލް ބަލައިލާތޯ އިންތިހާއަށް އިންތިޒާރުކުރާކަން އެނގެއެވެ. އެކަމަކުވެސް އޭނާ އާއިމާ އަށް ހަމަ އެންމެ ފަހަރަކުވެސް ބަލައިނުލައެވެ. ބޭނުން ނުވާތީކީ ނޫނެވެ. ހިތަށް ދަތުނުވާތީކީވެސް ނޫނެވެ. އާހިލް ބަލައިނުލާތީ އާއިމާގެ ހިތަށް އާހިލްގެ ސަބަބުން ތަދުކުރެވޭކަންވެސް އެނގެއެވެ. ޚުދު އާހިލްގެ ހިތަށް ވަމުން އަންނަ ތަދު ވަކިން ކުޑައެއް ނޫނެވެ.

ކުލާހަށް މުދައްރިސު އަތުވެއްޖެ އެވެ. ކުލާސް ފެށިއްޖެ އެވެ. ނަމަވެސް އާހިލްގެ ސިކުނޑިތެރޭގައި ވަރުގަދަ ހަނގުރާމައެއް ފެށިގެން ކުރިއަށްދަނީ އެވެ. އޭނާގެ ހިތާއި ދެލޯ އެދެމުންދަނީ އާއިމާއަށް ބަލައިލުމަށެވެ. ނަމަވެސް  މުހިންމު ދެ ގުނަވަނަށްވެސް އާހިލް ބާރުފޯރުވިއެވެ. އޭނާ ބަލިކަށި ވާކަށް ބޭނުނެއް ނޫނެވެ. މުޅި ދުވަހު ހަތަރުދަން ވޭތިކޮށްލީވެސް އެގޮތުގައެވެ. އަމިއްލަ ނަފުސަށް، އަމިއްލަ ރޫހަށް އަނިޔާ ކުރުމުގައެވެ. ހިތް އެދި ގޮވިޔަސް، ލޯ އެދި އާދޭސް ކުރިޔަސް އާއިމާއަށް ބަލައިލާކަށް އޭނާ ގެ ނަފުސަށް ހުއްދައެއް ނުދިނެވެ.

ސްކޫލް ގަޑި ނިމުމާއެކު އަވަސް އަވަހަށް ކުލާހުން ބޭރަށް އާހިލް ނިކުމެއްޖެއެވެ. އާހިލްގެ ފަސްފަހަތުން އާހިލްގެ ރަހުމަތްތެރިޔާ ޒަކީ ވެސް ނިކުތެވެ.

“އާހިލް މަޑުކޮށްބަލަ.” ރަހުމަތްތެރިޔާ ގޮވި އަޑު ހަމަ ރަނގަޅަށްވެސް އާހިލް އަށް އިވުނެވެ. އެކަމަކުވެސް ހުއްޓޭކަށް ބޭނުމެއް ނުވިއެވެ. އެދިޔަ ބާރުމިނުގައި ގޮސްވަނީ ފާޚާނާ ބަރިއަށެވެ. މޫނު ދޮވެލުމަށެވެ.

ފާޚާނާ ބަރިއަށް އާހިލް ވަތް ވަގުތު ފުރަގަހުން އައިސް އާހިލްގެ އަތުގައި ޒަކީ ހިފެހެއްޓިއެވެ. ޒަކީ އާއި ދިމާއަށް ދަމައިގަތެވެ. ޒަކީ ބޭނުންވީ އާހިލް ގެ މޫނަށް ބަލާލާށެވެ. އޭރު އާހިލްގެ ރަތްވެފައިވާ ދެލޮލުން ކަރުނަ ހިލެމުންދެއެވެ. އާހިލް ގެ ތުންފަތުގައި ހުރި މަޑުމަޑު ތުރުތުރުން އާހިލްގެ ހިތުގެ ވާހަކަތައް ކިޔައިދެމުން ދެއެވެ.

“ކިހިނެތްވީތަ އާހިލް؟ ކީއްވެގެންތަ ކަލޭ….؟” ޒަކީ ކުރަން ބޭނުންވި ސުވާލު ފުރަހަމައެއް ނުކުރެވުނެވެ. އާހިލް އަށް ވެފައިވާ ވަރު ފެނިފައި ޚުދު ޒަކީ އަށްވެސް ފެންކަޅި ވެވިއްޖެއެވެ. އެންމެ ކުޑައިރުންފެށިގެން ބެސްޓްފްރެންޑުންގެ ގޮތުގައި އުޅެމުން އަންނާތީ އެ ދެކުދިންގެ ދެމެދުގައިވެސް ވަނީ ރަހުމަތްތެރިކަމުގެ ބާރުގަދަ ގުޅުން އާދަޔާޚިލާފަށް އުފެދިފައެވެ. އާހިލްގެ ގައިގައި އޮޅުލައިގަންނަމުން ޒަކީގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް އޮހޮރާލި އެވެ.

އެފަދަ ގޮތަކަށް އާހިލް ހުއްޓާ ފެނުމުން ޒަކީ ގަތީ ފާޑެއްގެ ބިރެކެވެ. އާހިލް އަށް ކުރެވުނު ކަންތަން ވިސްނުނެވެ. ޒަކީ އެވަރަށް ގޮވަގޮވާ އޮއްވާ އެހެން ހެދުނީތީ ދެރަވިއެވެ. ޒަކީ އާއި ދުރަށް ޖެހިލަމުން ސިންކު ކައިރިއަށް ހުއްޓި މޫނަށް ފެންޖަހައި ދޮވެލިއެވެ. ހަމަ އެވަގުތު އަވަސް އަވަހަށް އެތަނުން ނިކުމެގެން ހިނގައްޖެ އެވެ. އާހިލްގެ ފަހަތުން ޒަކީ ވެސް ހިނގަމުން ދިޔައެވެ. ދެކުދިންވެސް ބައިސްކަލް ނަގައިގެން މައި މަގަށް ނިކުމެ ދުއްވާލި އެވެ. ދުއްވަމުން ދިޔައިރު، އާހިލްގެ މޫނަށް ޒަކީ ބަލަމުންދިޔައެވެ. އެ މޫނުން ފެންނަ ހިތާމައާއި މާޔޫސްކަން ޚުދު ޒަކީ އަށްވެސް މެހެސޫސް ކުރެވެއެވެ. އެކަމަކުވެސް އޭނާ އަނގައިންނެއް ނުބުނެއެވެ. އާހިލް މިވަގުތު އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނޫންކަން ޒަކީ އަށް އެނގޭތީ އެވެ.

އާހިލް ގޮސް އޭނާގެ ގެއަށް ވަންނަންދެން ޒަކީ ބަލަން ހުއްޓެވެ. ލޯބިވާ ރަހުމަތްތެރިޔާ ރައްކާތެރިކަމާއެކު ގެއަށް ވަތްކަން ޔަޤީންކުރުމަށެވެ. އާހިލް ގެއަށް ވަނުމުން ޒަކީ ބައިސްކަލް ދުއްވާލި އެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން، އާހިލް އަށް އައިސްފައިވާ ބަދަލާއިމެދު ވިސްނަމުންނެވެ. އާހިލް އެގޮތަށް ރޮނިކޮށް ޒަކީ އަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

ނުނިމޭ

ޒުވާން ލޯބި – 05

އާހިލް ގޮސް އޭނާގެ ގެއަށް ވަންނަންދެން ޒަކީ ބަލަން ހުއްޓެވެ. ލޯބިވާ ރަހުމަތްތެރިޔާ ރައްކާތެރިކަމާއެކު ގެއަށް ވަތްކަން ޔަޤީންކުރުމަށެވެ. އާހިލް ގެއަށް ވަނުމުން ޒަކީ ބައިސްކަލް ދުއްވާލި އެވެ. މަޑު ދުވެއްޔެއްގައި ދުއްވަމުން، އާހިލް އަށް އައިސްފައިވާ ބަދަލާއިމެދު ވިސްނަމުންނެވެ. އާހިލް އެގޮތަށް ރޮނިކޮށް ޒަކީ އަށް ފެނުނު މިއީ ފުރަތަމަ ފަހަރެވެ.

އާހިލް އަށް މިހާރަކަށް އައިސް އަންނަމުންދާ ބަދަލުތައް ޚުދު ޒަކީ އަށް ވެސް ފާހަގަ ކުރެވެއެވެ. މާ މަޑުޖެހިފައި ހުންނަ ކަމެވެ. އާހިލް އަކީ އަބަދުވެސް މަޑުން ހުންނަ ކުއްޖެކެވެ. އެކަމަކު މިއަދު އާހިލް ބަލިކަށިވިގޮތަށް މީގެ ކުރިން އެހާވަރަށް އޭނާގެ އަމިއްލަ ނަފުސު ބަލިކައްޓެއް ނުވެއެވެ.

‘މިއަދު އާހިލް އަށް އެވީ ކިހިނެތް ބާ؟’ ޒަކީ ހިތާހިތާ ކިޔައިލި އެވެ. އާހިލްގެ ރަހުމަތްތެރިޔާ ޒަކީ ވެސް ވިސްނުމުގެ ފުން ކަނޑަކަށް ފީނަން މަޖުބޫރު ވެއްޖެ އެވެ.

އާހިލް އެދިޔަގޮތަށް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ. އެއްޗެހިވެސް ބަދަލުނުކޮށް އެނދުމަތީގައި ބަންޑުން އޮށޯތެވެ. ހިތުގައި އަޅަމުންދާ ވޭންތައް ބޭރުކޮށްލުމަށް ހިތްފުރެންދެން ރުޔެވެ.

“ޔާﷲ.” މާތް ރަސްކަލާންގެ މަތިން ހަނދާން ކޮށްލަމުން އަނެއްކާވެސް ރޯންފެށިއެވެ. އާހިލްގެ ހިތުގައި އާއިމާ އަށްޓަކައި ފޮރުވިފައިވާ ސާފު ޠާހިރު ފުން ލޯބި  އެކަލާންގެ ދެނެވޮޑިގެންވާނެ އެވެ. އެ ޒުވާން ލޯތްބެވެ.

★~~★~~★~~★~~★~~★

“ދަރިފުޅާ އާހިލް. ރައްޓެހި ކުއްޖަކު އެބަހުރި ދަރިފުޅު ހޯދަން އައިސް.” އާހިލް ގެ މަންމަ އައިސް ބުންޏެވެ. އާހިލް ބޯ ޖަހައިލި އެވެ.

އާހިލް އަށް ކޮޓަރިން ނުވެސް ނިކުމެވިގެން އުޅެނިކޮށް އޭނާގެ ރަހުމަތްތެރި ޒަކީ އައިސް ކޮޓަރިއަށް ވަދެއްޖެ އެވެ.

“އައްސަލާމު ޢަލައިކުމް.” އެތެރެއަށް ވަންނަމުން ޒަކީ ގޮވައިލި އެވެ. އޭނާގެ ރަހުމަތްތެރި އާހިލް ގެ ރަތްވެފައިވާ ދެލޮލަށް ބަލަން ހުރެ ހިނިތުންވަމުން ދޮރުމަތީގައި މަޑުކޮށްލި އެވެ.

“ވަޢަލައިކުމުއްސަލާމް.” ޒަކީ އާއި ދުރަށް ބަލައިލަމުން އާހިލް ޖަވާބު ދިނެވެ.

ދޮރު ލައްޕައިލަމުން އާހިލް އާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އާހިލް އެނދުން ތެދުވެގެން ގޮސް ބެލްކަންޏަށް ނިކުމެ ބެލްކަނީ ބޭރު ދޮރު ހުޅުވާލި އެވެ.

“ކޮބާ ކިހިނެތްތަ މިހާރު؟” އަލިގަދަކޮށް ފިޔަޖަހަމުންދާ ތަރިތަކަށް ބަލަމުން ޒަކީ ސުވާލުކުރި އެވެ.

“އައޭމް އޯކޭ.” އާހިލް ގެ ޖީންސް ޖީބަށް އަތް ޖަހަމުން ޖަވާބުދިނެވެ.

“ހުވާތަ؟!!” އާހިލް އާއި ދިމާއަށް އެނބުރެމުން އަނެއްކާވެސް ޒަކީ ކުރީ ސުވާލެކެވެ.

އާހިލް ޖަވާބެއް ނުދެއެވެ. ދެމީހުންގެ ދެމެދަށް ހަމަހިމޭންކަން އިރުކޮޅަކަށް ވެރިވިއެވެ.

“އާހިލް ކޮން ކަމެއްތަ މަށަށް ތި ފޮރުވަނީ؟ އަޅެ ބުނެބަލަ.” ޒަކީ ހުރީ ވާނުވާ އެނގެން ބޭނުންވެފައެވެ. އާހިލް ވެސް ޒަކީ އާއި ދިމާއަށް އެނބުރުނެވެ.

“އެއްވެސް ކަމެއް ނުފޮރުވަން. އަހަރެން ކީއްކުރަން ކޮންމެހެން ކަމެއް ފޮރުވަންވީކީ.” ހިނިތުންވާން މަސައްކަތް ކުރަމުން އާހިލް ބުންޏެވެ. އެ ހިނިތުންވުން ތުންފަތް މައްޗަށް ވެވިވިޔަސް، އާހިލްގެ ލޮލުން ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުދައްކައެވެ.

“އާހިލް ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟ ނޫނީ އާހިލް ތި ވިސްނާ ކަމެއް ޝެއަރ ކޮށްލަން އެކަށީގެންވާ ވަރުގެ ރަހުމަތްތެރިއެއް ކަމަށް އަހަރެން ނުދެކެނީތަ؟ އަޅެ ބުނެބަލަ!” ރުޅި އައިސްގެން ޒަކީ ބުންޏެވެ.

“ތިބުނި ކަހަލަ އެއްވެސް ކަމެއް ނުވެޔޭ.” ޒަކީ ގެ ހިތް ރުއްސުމަށް އާހިލް މަސައްކަތް ފެށި އެވެ.

“ކަމެއް ވެއްޖެ. ކޮންމެވެސް ކަމެއް ވެއްޖެ. އާހިލް ނުދެކެނީ މަށަކީ ފްރެންޑެއްގެ ގޮތުގަ. އެހެންވެ ތި ހުރިހައި ވޭނެއް ތި ފޮރުވަނީ. ފުރަތަމަ ފަހަރަށް، ފުރަތަމަ ފަހަރަށް މިއަދު މަށަށް މި ފެނުނީ އާހިލް ރޮނިކޮށް. ރުއީކީވެސް ނޫން. މުޅި މީހާ އެއްކޮށް ތިއޮށްގެން ހަނާވަނީ. އެވަރުންވެސް ތިބުނަނީ އެއްވެސް ކަމެއް ނުވެޔޭ. އަހަރެންގެ ރަހުމަތްތެރިޔާ ރޮނީ ކީއްވެގެން ކަމެއް އަހަންނަކަށް ނޭނގެ. ރަހުމަތްތެރިޔާ އަށް ވަމުންދަނީ ކޮން އުނދަގުލެއް ކަމެއް ނޭނގެ. މަށަށް އެނގޭ އެކައްޗެއްވެސް ނެތް.” ގާތްގަނޑަކަށް ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް ޒަކީ ފަތިވަރެއް އަމުނާލި އެވެ. އެވަގުތު ޒަކީ ގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލިއްޖެއެވެ.

ބެލްކަނި ތެރެއިން ތަޅުން މައްޗަށް އާހިލް ވެއްޓިގަތެވެ. މޫނުމަތީގައި އަތް އަޅަމުން ރޯންފެށި އެވެ. ޒަކީ ގެ ކަންބޮޑުވުން އިތުރުވިއެވެ. އާހިލް ކައިރީގައި ކަކޫމައްޗަށް އިށީންދެ އާހިލްގެ އަތުގައި ހިފަހައްޓާލި އެވެ.

“ވަޓް ހެޕެންޑް ބަޑީ؟ ބުނެބަލަ ނިކަން.” ޒަކީ އަނެއްކާވެސް އެދުނެވެ. ކަރުނައިން ފުރިފައިވާ ދެލޮލުން ޒަކީ އާއި ދިމާއަށް އާހިލް ބަލައިލި އެވެ.

“އޭނަ…. އޭނަގެ ހިތުގެ ވިންދު… ވިންދު އެބަ ޖަހާ މިތަނުން.” ހިތްމަތީގައި އަތް ބާވާލަމުން އާހިލް ބުންޏެވެ.

ރަތްވެފައިވާ ދެލޮލާއި މޫނަށް އަދި މަޑު ތުރުތުރެއް އަޅަމުންދާ އާހިލްގެ ތުންފަތަށް ޒަކީ ބަލައިލި އެވެ.

“ލޯބި ވެވުނީ ދޯ؟” އާހިލްގެ ކުރިމަތީގައި ދެފައި ވަށްކޮށް އިށީންނަމުން ޒަކީ ސުވާލުކުރި އެވެ.

“މަށަކަށް… އަހަންނަކަށް ނޭނގޭ އެއީ ކޮންއެއްޗެއް ކަމެއް. އެކަމަކު… އޭނާގެ ސަބަބުން މަށަށް މި ހުރިހައި ގޮތެއްވެސް ވަނީ. ކޮންމެ ދުވަހެއް އަހަންނަށް އެއްގޮތް ބޮޑު ހަނގުރާމައެކޭ. އަހަރެންގެ މައްޗަށް ޝައިޠާނާ ގަދަވެގެންފައިވާ މީހަކަށް ވާކަށް އަހަންނެއް ނޭދެން. އަހަރެން ބޭނުންވަނީ ބެލުން ތިރިކޮށްގެން އުޅެން. އެކަމަކު ކޮންމެ ދުވަހަކު މަގޭ ހިތް ބާރަށް ގޮވަމުންދަނީ އެކުއްޖާ އަށް ބެލުމަށް، މަގޭ ލޯ ސަލާން ޖަހަމުން ދަނީ ލޮލުގެ ހިމަކޮޅުން ނަމަވެސް އެކުއްޖާ އަށް ހަމަ އެންމެ ފަހަރަކު ބަލައިލުމަށް. އެއީ މަށަށް އޭނާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން މަގޭ މި ހިތުގަ ޖަހަމުންދާ ވިންދަކީ. އަހަރެން ކޮންމެ ދުވަހަކު އަހަރެންގެ އެދުންތައް، އަހަރެންގެ މުހުތާދުތައް މިދަނީ މަރަމުން. ކީއްވެގެންކަން އެނގޭތަ؟ އަހަރެން ބޭނުމެއް ނޫން މާތްﷲ ނުރުއްސަވާ ކަމެއް ކުރާކަށް.”

އާހިލްގެ ހިތް އެއްކޮށް ބަންޑުންކޮށްލި އެވެ. އާހިލް ގެ ވާހަކަތައް އަޑުއަހަން ޒަކީއަށް އިނދެވުނީ ޝޮކެއްގެ ތެރޭގަ އެވެ.

“ކުއްޖެއް ދެކެ ލޯބިވުމަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ނުރުއްސަވާ ކަމެއް ކަމަށް ދެކެނީ ކީއްވެގެންތަ؟” އާހިލްގެ ހިތުގައި ހިގަމުންދާ ކަންތައް ތައް ރަނގަޅަށް ނޭނގޭ ހާލު ޒަކީ ސުވާލުކުރި އެވެ.

“ސަބަބަކީ އޭނައަކީ އަހަންނަށްޓަކައި މަހުރަމެއް ނޫން. މަންމަ ބުނެފަ އޮތީ އަހަރުމެންނަށް ހިލޭ އަންހެނެއް ދެކެ ލޯބިވެވޭނީ ކައިވެނިކުރާ އަންހެންމީހާ ދެކެ އެކަންޏޭ. ދެން ކިހިނެތް އަހަރެން މިކަން ކުރާނީ. ކިހިނެތް އަހަރެން އޭނަ ދެކެ ލޯބިވާނީ؟

އާހިލްގެ މައުސޫމް ހިތް ރޮއެނަގަނީ އެވެ. އެހިތް ވަނީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގަ އެވެ. ރަނގަޅު ގޮތާއި ނުބައިގޮތް އާހިލް އަށް ވަކިކުރަން ނޭނގޭ ކަހަލައެވެ. ދާނެ ވަކި ދިމާއެއް ނޭނގެއެވެ. ހިނގާންވީ މަގެއް ނޭނގެއެވެ. ލޯތްބާއި އީމާންތެރިކަމާއި ދެމެދުގައި އާހިލް އެވަނީ ތާށިވެފައެވެ. އާހިލްގެ އީމާންތެރިކަމުގެ ސާފުކަން މާތްﷲ ސުބްހާނަހޫ ވަތަޢާލާ ދެކެދެނެވޮޑިގެން ވެއެވެ. ހަމަ އެހެންމެ އާހިލްގެ ހިތުގައި އާއިމާއަށް ދެވިފައިވާ ލޯބިވެސް މެއެވެ. އާހިލްގެ މައުސޫމުކަމާއި އާހިލް ކުރަމުންދާ ހަނގުރާމަވެސް އެކަލާންގެ ދެކެދެނެވޮޑިގެންވެއެވެ.

“އެކުއްޖާގެ އަޑު ޒަކީ އަށް އިވޭތަ؟” މޮޔައެއް ފަދައިން ޒަކީގެ އަތްތިލަ ގެނެސް އާހިލްގެ މޭގައި ޖައްސަމުން ސުވާލުކުރި އެވެ.

“ބަލާބަލަ.” އާހިލް ބުންޏެވެ. އެވަގުތު އާހިލްގެ ބަސްނާހާ ހިތުގެ ތެޅުމުގެ އިހްސާސް ޒަކީ ގެ އަތްތިލައިގެ ބަނޑުފުށަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދެއެވެ.

ނުނިމޭ

ޒުވާން ލޯބި – 06

“ބަލާބަލަ.” އާހިލް ބުންޏެވެ. އެވަގުތު އާހިލްގެ ބަސްނާހާ ހިތުގެ ތެޅުމުގެ އިހްސާސް ޒަކީ ގެ އަތްތިލައިގެ ބަނޑުފުށަށް ހަމަ ރަނގަޅަށްވެސް ކުރެވެމުން ދެއެވެ.

“ކޮންމެ ސިކުންތެއްގަ އަހަރެންގެ ހިތުން ގޮވަމުން ދަނީ އޭނާގެ ނަން.” އާހިލްގެ ހިތުގައި އާއިމާއަށް ދެވިފައިވާ ލޯބި ޒަކީ އަށް ހާމަކޮށްދެމުން އިތުރަށް މިހެން ބުނެފައި ދެއަތުން ބާރަށް އޭނާގެ ބޮލުގައި ހިފަހައްޓާލި އެވެ.

ބުނާނެ އެއްޗެއް ދުލަށް ނައި ތާނގައި ހިތަށްވެސް އެއްޗެއް ނައުމުން ޒަކީ އަށް އިނދެވުނީ އެވެ.

“ހަދާނެ ގޮތެއް، ކުރާނެ ކަމެއްވެސް މަށަކަށް ނޭނގޭ. އަހަރެން އޭނާ ދެކެ ހިތާވާކަށް ބޭނުމެއް ނޫން. އޭނާ މަތިން ހަނދާން ކުރާކަށްވެސް ބޭނުމެއް ނޫން. އެކަމަކުވެސް ހަމަ ކޮންމެ ސިކުންތަކަށްފަހު އަހަންނަށް އޭނާދެކެ ވެވިފައިވާ ލޯބި އަންނަނީ އިތުރުވަމުން.” އާހިލްގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައިރު އެ އުދާސްތަކަށް ކަރުނައިގެ ސިފަޖެހިގެން އާހިލްގެ ލޮލުންވެސް ފައިބަން ފަށައިފިއެވެ.

“އާއިމާ.” ޒަކީ ގެ އަނގައިން އާއިމާގެ ނަން ކުއްލިއަކަށް ބޭރުވުމާއެކު އާހިލް އިސްއުފުލައި ބަލައިލި އެވެ.

“ތި ކިޔަނީ އާއިމާ ގެ ވާހަކަ ދޯ؟” ޒަކީ ސުވާލުކުރިއެވެ. އާހިލް އަށް ލިބުނީ ހައިރާން ކަމެކެވެ. އެ ކުއްޖަކީ އާއިމާ ކަން ޒަކީ އަށް އެނގިފައިވާތީ އެވެ.

ޒަކީ ހިނިތުންވެލަމުން އެނދުން ބާލީހެއް ނަގައި އުނގުމަތީގައި ބާވަމުން ބާލީހުގައި އަތް ވިދެލި އެވެ. ހައިރާންވެފައި އިން އާހިލްގެ މޫނަށް ބަލައިލި އެވެ.

“ކިހިނެތް ހޭ މަށަށް އެނގުނީ  ދޯ؟” އާހިލް ކުރަން ބޭނުންވެފައި އިން ސުވާލު ކުރީ ޒަކީ އެވެ. އާހިލް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ތިދެން ކާކަށް ނޭނގޭނެ ކަމެއް. އާހިލް ފެންނަ ކޮންމެ ފަހަރަކު އާއިމާ އަށް އެހެން ދިމާއަކަށް ނުބެލޭ. ލޮލުގެ އެސްފިޔަވެސް ޖަހައިނުލާ އޭނާ އާހިލް އަށް ބަލަމުންދާތަން އަހަރެން ދެކެން. ޕްރެޒެންޓޭޝަނެއް ހުށައަޅަން އޭނާ އަރާއިރަށް އާހިލް އިންނަނީ އިސްޖައިގެން. އެހެން އާހިލް އިންނަނީވެސް އާއިމާގެ ނަޒަރު އެހެން ދިމާއަކަށް ނުހުއްޓޭކަން އެނގޭތީ.” އުފާވެރި ހިނިތުންވުމަކާއެކު ޒަކީ ބުންޏެވެ.

އާހިލް އާއި ދިމާކުރާ ފާޑަށް ޒަކީ ބަލަން ފެށުމުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ.

“އެކަމަކު މިއީކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު. މަށަށް މިކުރެވޭ އިހްސާސަކީ ރަނގަޅު އިހްސާސެއް ނޫން. ކިހިނެތް އަހަރެން އޭނަދެކެ ލޯބިވާނީ؟” މިހެން ބުނަމުން އަނެއްކާވެސް ދެއަތުން ބޮލުގައި ބާރަށް ހިފަހައްޓާލި އެވެ.

“މީހެއް ދެކެ ލޯބިވެވުމަކީ ފާފައެއް ނޫން. އަދި އެއީކީ ކުށެއްވެސް ނޫން.” ޒަކީ ބުންޏެވެ. ނަމަވެސް އެ ވާހަކަތައް އާހިލް އަށް ގަބޫލުނުކުރެވޭތީ ދެފަރާތަށް ބޯހޫރާލި އެވެ.

“ސްކޫލުން އޭނާ ފުރަތަމަ ފެނުނު ދުވަހު އެގޮތަށް އޭނާއަށް ނުބެލުނު ނަމަ. މި ހުރިހައި ކަމެއްވެސް ފެށުނީ އެދުވަހަށް ފަހު. އަހަރެން… އަހަރެން… އޭނާއާމެދު ވިސްނަން ފެށުނީ ކިހިނެތްވެގެން ކަމެއްވެސް ނޭނގޭ.” އާހިލް ބުންޏެވެ. ރަހުމަތްތެރިޔާގެ ވާހަކަތަކާއި ވިސްނުން ހުރިގޮތުން ޒަކީ އަށް އިނދެވުނީ ހައިރާން ކަމެއްގެ ތެރޭގަ އެވެ.

“ސްކޫލަށް ފުރަތަމަ ދިޔަ ދުވަހުއޭ؟” ތަންމިނަށް އަނގަހުޅުވައިގެން އިނުމަށްފަހު ޒަކީ އަށް އަހައިލެވުނެވެ. އެވަގުތު އާހިލް އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

“ދިހަ އަހަރު. މީގެ ދިހަ އަހަރު ކުރިން ފެށިގެން އާހިލް އަށް ތިވަނީ އާއިމާ ދެކެ ލޯބިވެވިފަ؟ ޕިސް، ޕިސް، މަވާ ކޮސްޑް އިނގޭ!” ޒަކީ އަށް ލިބުނު ޝޮކްގައި އަނެއްކާވެސް ސުވާލުކުރި އެވެ.

“މިއީކީ ރަނގަޅު ކަމެއް ނޫން. އޭރު އަހަންނަކީ ކުޑަކުއްޖެއް. އޭރަކު މަށަކަށް ނޭނގޭ ރަނގަޅެއް ގޯހެއް. އޭނަ ކުލާހަށް އަލަށް ވަތް ވަގުތު ހާދަ ސަޅިވެފަ ހިތްގައިމޭ. އެދުވަހުން ފެށިގެން އިއްތިފާގުން ނަމަވެސް އަހަންނަށް މި އުޅެވެނީ އޭނާ ފެންނަ ހިސާބުގަ އަބަދުވެސް. އޭނާގެ އެ ހުންނަ ދަގަތްފާނީ ބާރަށް އަހަރެން ދަމުން ގެންދަނީ. އެކަމަކު މަށަށް ކުރެވެމުން ދިޔައީ ގޯސް ކަމެއްކަން އެނގުނު ހިސާބުން ވިސްނިއްޖެ އޭނަދެކެ އަހަރެން ލޯބިވެގެން ނުވާނެކަން. އެއީކީ ހަލާލު ކަމެއް ނޫން. އެއީ ގޯހެއް.” ދެފަރާތަށް ބޯހޫރަމުން އާހިލް ބޮޑުފަތިވަރެއް އަމުނާލި އެވެ.

“އާހިލް ނިކަން ހަމަޖެހިބަލަ. އެހެން މީހަކާ ދޭތެރޭގައި ޠާހިރު އިޙްސާސެއް ކުރެވުމަކީ ފާފައެއް ނޫނޭ. އަދި ތިބުނީ މީގެ ދިހަ އަހަރު ކުރިން ފެށިގެން ތި ހުންނަނީ ލޯބިވެވިފައޭ. އިޓްސް ނޮޓް އަ ޖޯކް އޯކޭ. އަހަރުމެންގެ ދީނަކީ ހަރުކަށި ދީނެއް ނޫން. އެއީކީ މީހާ ގައިގަ ކަސްތޮޅެއް އަޅާހެން މީހާ ބަނދެލާ ދީނެއް ނޫން. އިސްލާމް ދީނަކީ މީހުންނަށް ވޭން ލިއްބައިދޭ ދީނެއް ނޫން. އިސްލާމް ދީނަކީ ސުލްހަވެރިކަމުގެ ދީން. އެއީ ދިރިއުޅުމަށް ހަމަޖެހުމާއި އުޖާލާކަން ގެނެސްދޭ ދީން. އިސްލާމް ދީނުގެ ސަބަބުން އަހަރެމެންނަށް ވަނީ ކަންތައްތައް ފަސޭހަ ވެފަ. އެކަމަކުވެސް ޝައިޠާނާގެ ކިބައިން އަހަރެން ރައްކާތެރިވެގެން އުޅުމަށް މާތްﷲ އެދިވޮޑިގަންނަވާ. އެހެންވެގެން އަހަރެމެންނަށް އަނގަވާފަ ވަނީ ބެލުންތައް ތިރިކުރުމަށް. އެއީ އެ ޝައިޠާނާގެ ނުބައިކަމުން ސަލާމަތްވެ ތިބުމަށް. ނަމަވެސް އޭގެ މާނައަކީ އެހެން އިންސާނެއްދެކެ ލައިކް ވުމަށް ނުވަތަ ލޯބިވުމަށް އެކަލާންގެ ހުއްދަ ނުކުރެއްވުމެއް ނޫން. ލޯތްބާ ސުލްހަ މަސަލަސް ކަމަކީ އަހަރުމެންނަށް އިސްލާމްދީނުން ލިބިފައިވާ ކަމެއް. ދެން ކީއްވެ އާހިލް ތިހާ ނެގެޓިކްކޮށް ތި ވިސްނަނީ؟”

ޒަކީ މަސައްކަތް ކުރަމުން ގެންދިޔައީ އާހިލް އަށް ވިސްނައިދިނުމަށެވެ. އެކަމަކުވެސް ޒަކީގެ ވާހަތަކަށް އެއްބަސް ނުވެވޭކަން ދެއްކުމަށް އާހިލް ބޯހުރަމުން ގެންދިޔައެވެ.

“ނޫން. އަހަންނަކީ ގޯސް މީހެއް ވީމަ މިގޮތަށް އޭނާދެކެ ލޯބި މިވެވެނީ. އަދި އެއަށްވުރެން ބޮޑަށް އަހަރެންގެ ސަބަބުން އެހެން މީހަކު ރޯން ޖެހުމަކީ ހަމަ އަހަރެންގެ ގޯސްކަމުން ވާކަމެއް.” ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އިނދެ އާހިލް ބުންޏެވެ.

“އަސްލު ޚުދު އަހަންނަށްވެސް މިވަނީ އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލިފަ. އަހަރެން އޭނާއާއި ދުރަށް ދާން ބޭނުންވާ ކޮންމެ ފަހަރަކު އަހަންނަށް ދެވެނީ އޭނާއާއި ކައިރިވެވެމުން. އެނގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް އަހަރެން އަބަދުވެސް ވިސްނަމުންދަނީ އޭނާއާމެދު. މި ހުރިހައި ކަމެއްގެ ތެރެއިން އަހަންނަށް މި ކުރެވޭ ކަމަކީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާ ކަންކަން. ހަދާނެ އެއްވެސް ގޮތެއް މިހާރު މަށަކަށް ނޭނގެ.”

އެނދުމައްޗަށް ވެއްޓިގަންނަމުން އާހިލް ބުންޏެވެ.

އެންމެ ގާތް ރަހުމަތްތެރިޔާ އަށް ޖެހިފައިވާ ހާލު ފެނުމުން ޒަކީގެ ހިތުގައި ހަމަ ރަނގަޅަށް ޖެހިއްޖެ އެވެ. ރަހުމަތްތެރިޔާ އެގޮތަށް ހަލާކުވެ ދާތަން ދުށުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

“އާހިލް އޭނަދެކެ ތި ލޯބިވާވަރަށް އޭނަ އާހިލް ދެކެ ލޯތްބެއް ނުވޭދޯ؟” ޒަކީ މިހެން ބުނުމާއެކު އާހިލް އިސްއުފުލާ ޒަކީއަށް ބަލައިލި އެވެ.

“އޭނަވެސް ލޯބިވޭ.” ހިނިތުންވެލަމުން އާހިލް ބުންޏެވެ.

“ކިހިނެތް ތިޔެއް އެނގެނީ؟” ހީވާކަހަލަ އެވެ. ޒަކީ ބޭނުންވަނީ އާހިލް ގެ ހިތުގެ ހުރިހައި އުދާހެއް ބޭރުކޮށްލާށެވެ.

“މަށަށް ހަމަ އެނގެނީ. ކޮންމެ ދުވަހަކު އޭނާ އަހަންނާދިމާއަށް ކަޅިޖަހައިލުމެއް ނެތި ބަލަމުންދާކަން މަށަށް އިހްސާސް ކުރެވޭ. އެ ބެލުމުން ބުނެދެނީ އޭނާ އަހަރެންދެކެ ލޯބިވާ މިންވަރު. އެކަމަކުވެސް މަށަށް އެނގޭ މީކީ ރަނގަޅު ކަމެއް ނޫންކަން. މިއީ މާތްﷲ ރުހިވޮޑިގެން ނުވާކަމެއް. އަހަރުމެން އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ދިއުން ރަނގަޅެއް ނޫން. އަހަރުމެންގެ ހިތުގައި އެކަކު އަނެކަކާމެދު މި އިހްސާސް އުފެދުމުގެ ފުރުޞަތު ދެވުނުކަމީވެސް ހެދުނު ބޮޑު ގޯހެއް. މިއީ އަހަރުންނަށް އިތުރު ވޭނެއް ލިއްބައިދޭ ކަމެއް. މިއީ އަހަރެންގެ ރައްބު ރުހިވޮޑިގެން ނުވާކަމެއް.” މިހެން ބުނުމާއެކު އާހިލް އެނދުން ތެދުވިއެވެ.

“އަޅޭ… ތީދެން ވަރަށް ހެއްވާ ކަމެއް. އާހިލް ތި ހީކުރަނީ ތިބުނާ އިހްސާސަކީ ދެމީހުންގެ ހިތުގައި އޭގެ އަމިއްލަ ޒާތުން އުފެދިގެން އައި އެއްޗެކޭތަ؟ ދެން އިރުއިރުކޮޅާ ތިބުނަނީ ތީ ގޯހެކޭ. އެކަމަކު ބުނަންތަ ވާހަކައެއް. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތި ދެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދުގަ ލޯތްބާއި ކުލުނުވެރިކަން ލެއްވެވީ ތި ދެމީހުން ހަޔާތުގެ ބައިވެރިންނަށް ވުމަށްކަމަށް އަހަންނަށް ހީވަނީ. ތި ދެމީހުންދެކެ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ.” އަނެއްކާވެސް އާހިލް އަށް ވިސްނައިދިނުމަށް ވަރަށް ހިކުމަތްތެރި ވާހަކަކޮޅެއް ޒަކީ ބޭރުކޮށްލުމަށްފަހު އާހިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.

ޒުވާން ލޯބި – 07

“އަޅޭ… ތީދެން ވަރަށް ހެއްވާ ކަމެއް. އާހިލް ތި ހީކުރަނީ ތިބުނާ އިހްސާސަކީ ދެމީހުންގެ ހިތުގައި އޭގެ އަމިއްލަ ޒާތުން އުފެދިގެން އައި އެއްޗެކޭތަ؟ ދެން އިރުއިރުކޮޅާ ތިބުނަނީ ތީ ގޯހެކޭ. އެކަމަކު ބުނަންތަ ވާހަކައެއް. މާތްﷲ ސުބްޙާނަހޫ ވަތަޢާލާ ތި ދެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދުގަ ލޯތްބާއި ކުލުނުވެރިކަން ލެއްވެވީ ތި ދެމީހުން ހަޔާތުގެ ބައިވެރިންނަށް ވުމަށްކަމަށް އަހަންނަށް ހީވަނީ. ތި ދެމީހުންދެކެ އެކަލާންގެ ލޯބިވެ ވޮޑިގަންނަވާ.” އަނެއްކާވެސް އާހިލް އަށް ވިސްނައިދިނުމަށް ވަރަށް ހިކުމަތްތެރި ވާހަކަކޮޅެއް ޒަކީ ބޭރުކޮށްލުމަށްފަހު އާހިލް ދޭނެ ޖަވާބެއްގެ އިންތިޒާރުގައި މަޑުކޮށްލި އެވެ.

“ނޫން، އަހަންނަށް މި އުޅެވެނީ ރަނގަޅަކަށް ނޫން. އަހަރުމެން މި ވިސްނަނީވެސް ރަނގަޅަކަސް ނޫން. މިފަދަ ކަންކަން ކުރުމަކީ ﷲ ތަޢާލާ ނުރުއްސަވާނެ ކަންކަން.” ކޮޅަށް ތެދުވެ ހަޅޭއްލަވައިގަންނަމުން އާހިލް ބުންޏެވެ.

“އެކަމަކު އެނގޭތަ އަހަރެން އަމިއްލަ ނަފުސު ދެކެ މިވަރަށް މި ރުޅިއާދެވޭ ކަމެއް؟ އަހަރެންގެ ސަބަބުން މައުސޫމު ކުއްޖަކު ރޯން ޖެހިފަވާތީ.” އަނެއްކާވެސް ހަޅޭއްލަވައިގަންނަމުން އާހިލް ބުންޏެވެ. އައި ރުޅީގައި ސައިޑް ޓޭބަލް މަތީގައި ހުރި ސޯނާ ގަޑި ނަގައި ބިމަށް ޖަހަމުންނެވެ. ގަޑީގެ ބައިތައް ކުދިކުދިވެގެން އެކިދިމަދިމާ އަށް ބުރައިގެން ހިނގައްޖެ އެވެ. އާހިލް ގެ ހިތުގެ ހާލަތަކީވެސް މިއަދު ހަމަ އެގަޑި ފަދަ އެވެ. އާހިލްގެ މައުސޫމު ހިތްވެސް މިއަދު ވަނީ ކުދިކުދި ވެފައެވެ. ހިތުގެ އެތިކޮޅުތައް ވަނީ މޭގެ އެތަން މިތަނަށް ބުރައިގެން ގޮސްފައެވެ. އެ އެތިކޮޅުތައް އެއްކުރެވެން އޮތީ ހަމަ އާހިލަށެވެ. ނަމަވެސް އާހިލްގެ ނަފުސު އެކަމަށް އެއްބަސް ނުވަނީ އެވެ. އަނެއްކޮޅުން އާއިމާގެ ހިތްވެސް ހަމަ އެފަދަ އެވެ. އާއިމާ ގެ ހާލަތުވެސް ހަމަ އެފަދަ އެވެ.

“އާއިމާ ވަރަށް ރޮއޭ. ހަމައެކަނި އަހަރެންގެ ސަބަބުން. އޭނަ ރޮއްވަނީ ހަމަ އަހަރެން. އަހަރެން ކަންކުރާގޮތުން.” އާހިލް އަމިއްލަ ނަފުސަށް ކުދިކިޔަމުން ޒަކީ އާއި ކައިރިއަށް ޖެހުނެވެ. ބޭއިޚްތިޔާރުގައި ޒަކީގެ ގައިގާ ބާރަށް ބައްދައިގަނެވުނެވެ.

“ޝޫ….ނިކަން ހަމަޖެހިބަލަ.” އާހިލް ހަމައަކަށް އެޅުވޭތޯ ޒަކީ މަސައްކަތް ފެށިއެވެ.

“އަހަންނަކީ ރަނގަޅު މީހެއް ނޫން. އަނެއްކާވެސް އަހަންނަށް މި ވިސްނެނީ އާއިމާ އާމެދު. ޔާﷲ، މި އަޅާއަށް ޢަފޫކޮށްދެއްވާށި!” ޒަކީގެ ގައިގައި ބައްދާލައިގެން ހުރެ އަނެއްކާވެސް އާހިލް ވަރަށް ބާރަށް ބުންޏެވެ.

“އާހިލް…. ނިކަން ހަމަޖެހިބަލަ.” އާހިލްގެ ގައިގައި ކުރިއަށްވުރެންވެސް ބާރަށް ބައްދާލަމުން ޒަކީ ބުންޏެވެ. ނަމަވެސް އާހިލް އަށް ގިސްލެވެނީ އެވެ. އެންމެފަހުން އާހިލް އުކުނޑިވެސް ކޮއްޓަން ފަށައިފި އެވެ.

“ކިހިނެތް ވީ؟” ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށްވަނީ އާހިލް ގެ މަންމަ އެވެ.

ޒަކީގެ ކޮނޑުގައި ބޯއަޅާލައިގެން އޮވެ އާހިލް ރޯތަން ފެނުމުން އާހިލްގެ މަންމަ ޝަޤްފްތާ އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އާހިލް އާއި ކައިރިއަށް ޖެހުމަށް ޝަޤްފްތާ ފިޔަވަޅެއް އެޅިވަގުތު ޒަކީގެ އަތުގެ އިޝާރާތުން އޭނާ ހުއްޓުވި އެވެ. އޭރުވެސް އާހިލް ރޮނީ އެވެ. އެމަންޒަރު ބަލަންހުރި ޝަޤްފްތާގެ މޭގަނޑު ހީވަނީ ދެންމެ ދެންމެ އަނގަޔަށް އައިސްދާނެ ހެންނެވެ.

ޒަކީ މަސައްކަތް ކުރަމުން ދިޔައީ އާހިލް ހަމަޖެއްސުމަށެވެ.

“ނިކަން ހަމަޖެހިލަބަލަ. ހުރިހާ ކަމެއްވެސް އޯކޭ ވާނޭ.” އާހިލްގެ ބޮލުގައި ފިރުމާލަމުން ޒަކީ ބުންޏެވެ.

އާހިލް އަށް ޖެހިފައިވާ ހާލުފެނިފައި ޝަޤްފްތާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެ އެވެ.

“އާހިލް.” ޒަކީގެ އަތްދަނޑިމައްޗަށް އާހިލް ހޭނެތިގެން ވެއްޓުނުތަން ފެނުމާއިއެކު ޝަޤްފްތާ އަށް ހަޅޭއްލަވައިގަނެވުނެވެ.

★★★★★★

އާއިމާގެ ދެލޯ ހޯދަމުން އެދަނީ އާހިލް އެވެ. ސްކޫލްގެ އެތަން މިތަން ބަލަމުން އާއިމާ އެގެންދަނީ އެހެންވެގެންނެވެ. ނަމަވެސް އެއްވެސް ތަނަކުން އާހިލް އެއް ނުފެނުނެވެ. އާހިލް ސްކޫލަށް ނާންނަތާ މިހާރު ދެދުވަސް ފާއިތުވީ އެވެ. އެންމެ ކުޑަމިނުން އާހިލް އަށް ވީ ކިހިނެތްކަމެއްވެސް އާއިމާ އަކަށް ނޭނގެއެވެ.

‘އަނެއްކާ އޭނައަށް ކިހިނެތްވީބާ؟’ އާއިމާގެ ހިތުގެ އެތަން މިތަނުން މި ސުވާލު ތަކުރާރުވަމުން ދެއެވެ.

ވިސްނުމެއްގައި ހުރެ ގޮސް އާއިމާއަށް ވަދެވުނީ ލައިބްރަރީ އަށެވެ. އާއްމުކޮށް އާހިލް އިށީންދެ އިންނަ ގޮނޑި ހުހަށް ހުރިކަން އާއިމާއަށް ފާހަގަކުރެވުނެވެ. ލައިބްރަރީގެ ކަނުން ކަނަށް އާއިމާގެ ލޯ ހަރަކާތް ކޮށްލިއެވެ. ނަމަވެސް އެއްވެސް ހިސާބަކުން އާހިލް އެއް ނުފެނުނެވެ.

އާއިމާ އަށް ނޭނގުނަސް އާއިމާގެ މި ހަރަކާތްތައް ދެވަނަ މީހަކު ބަލަމުން ދިޔައީ ވަރަށް ސިއްރުންނެވެ. އާހިލް ފެނޭތޯ މުޅި ސްކޫލް އެއްކޮށް ބަލަމުން، މޮޔައެއް ފަދައިން އާއިމާ އުޅެމުންދިޔަގޮތް ބަލަމުން، ފާރަލަމުން ގެންދިޔައީ ޒަކީ އެވެ.

“ޒީނަތު!” ޒަކީ ޒީނަތަށް ގޮވާލިއެވެ. ވާހަކަ ދައްކައިލުމަށެވެ. އާހިލްގެ ހާލު އާއިމާ އަށް އެންގުމަށެވެ.

“އޭނަ ކައިރީ ބުނޭ އާހިލް ބަލިވެ އުޅޭތީއޭ ސްކޫލަށް ނާންނަނީ.” ޒީނަތު ކައިރީގައި ހަމައެކަނި މިހެން ބުނެފައި ޒަކީ ދުރަށް ހިނގައިގަތެވެ.

ލިބުނު މެސެޖާއިއެކު ޒީނަތު އަވަސް ވެގަތީ އާއިމާ ހޯދުމަށެވެ. މާކަ ގިނައިރެއް ނުވެ އާއިމާ ފެނިއްޖެ އެވެ. ކައިރިއަށް ގޮސް ހުއްޓި އާއިމާގެ އަތުގައި ވަރަށް އޯގާތެރިކަމާއެކު ހިފަމުން ޒީނަތު ވާހަކަދައްކަން ފެށިއެވެ.

“ކޮންތާކަށް އާއި ތިދަނީ؟ މިއަދުވެސް އޭނަ ނާދޭ ދޯ.” ރޮވެން ކައިރިވެފައި ހުރި އާއިމާގެ މޫނަށް ބަލައިލަމުން ޒީނަތު ބުންޏެވެ.

“ކީއްވެ؟ އަޅެ ކީއްވެގެންތަ އޭނަ ސްކޫލަށް ނާންނަނީ؟” ވަރަށް އުނދަގުލުން އާއިމާ ސުވާލުކުރިއެވެ. ލޮލަށް ޖަމާވެފައިވަ ކަރުނަތިކިތައް ކޯތާފަތް މައްޗަށް އެވަގުތު އޮހެން ފެށިއެވެ.

“އޭނަ އުޅެނީ ބަލިވެޔޯ. އެހެންވެގެންނޯ ނާންނަނީ. އެކަމަކު އާއީ ހަމަޖެހިބަލަ. އޭނަ އޯކޭވީމަ ސްކޫލަށް އަންނާނެޔޭ.” އާއިމާގެ އަތުގައި ހިފައި ދަމައިގަންނަމުން ކުލާހާއި ދިމާއަށް ޒީތަނު ހިނގައިގަތެވެ.

ނަމަވެސް އާއިމާ އަށް ގަނޑުވެފައި ހުރެވުނީ އެވެ. އާހިލް ބަލި ވާހަކަ އިވުމުންނެވެ. މުޅި ދުވަސް އެއްކޮށް އާއިމާ އަށް ހުރެވުނީ އެކަހަލަ ގޮތަކަށެވެ. އާހިލް ނުފެންނަތާ ދެދުވަސް ވީއެވެ. އަނެއްކޮޅުން އާހިލް ގެ ހާލު ރަނގަޅު ނޫންކަންވެސް އެނގުނީއެވެ. އާއިމާ ގެ ހިތް ގެނބިގެންދާހެން އޭނާއަށް ހީވާން ފެށިއެވެ.

“ހީ ވިލްބީ ފައިން އިންޝާﷲ.” މަޑުމަޑުން އާއިމާގެ ދޫ ހަރަކާތް ކޮށްލި އެވެ. އެތައް ފަހަރަކު އެވެ. ތަކުރާރުކޮށް މި ޖުމްލަ ކިޔަމުންނެވެ. ނަމަވެސް އާއިމާ އަށް ލިބިފައިވާ ހިތް ނުތަނަވަސް ކަމަކަށް ކުޑަވެސް ލުޔެއް ނުލިބުނެވެ. ވިއްޔާ ވީ ހައްތަހާ އިތުރެވެ.

★★★★★★

“މިކުއްޖާ ފަކީރަށް އަނެއްކާ ކިހިނެތްބާ މިވަނީ؟” އާއިމާގެ ނިތްކުރިމަތީގައި އައިސްފެނުން ތެންމާފައިވާ ރުމާކޮޅެއް ބާއްވަމުން އާއިމާގެ މަންމަ އަށް ބުނެވުނެވެ.

“މަންމާ، މިހާރު ކިހިނެތްތަ އާއިމާ.” އާއިމާ އޮތް އެނދު ކައިރިއަށް ހުއްޓި އާއިމާގެ އަތުގައި ހިފާލަމުން އޭނާގެ ދައްތަ އަހައިލި އެވެ.

“ހުން އެންމެ ތަންކޮޅެއްވެސް މަޑެއް ނުވޭ. މިހާރުވެސް ހީވަނީ ފިހި މާލާފާނެހެން. ޑޮކްޓަރަށް ގުޅާބަލަ ނިކަން.” ރުމާކޮޅު ފެން އެއްޗަށް ލައި ފޯކޮށްލަމުން މަންމަ ބުންޏެވެ.

★★★★★★

ދެމީހުންވެސް ލޯބީގެ ހުޅުކޮޅުން އަނދަމުން ދަނީއެވެ. ދެމީހުންގެ ހިތްވެސް ވަނީ ނުތަނަވަސް ކަމުގެ ކަނޑެއްގެ ތެރެއަށް ޣަރަޤްވާން ފަށާފައެވެ. އެކަކު އަނެކަކަށް ހިތްއެދެމުންދިޔަ ދިއުން އިތުރުވަމުން ދަނީއެވެ. ތިން ދުވަސް ވޭތިވެގެން ހިނގައްޖެއެވެ. ދެމީހުންވެސް ތިބީ ހުން އައިސް ރަތްވެފައެވެ. ދެކުދިންގެ އާއިލާއިން ވެސް ނުދޭ އެއްވެސް ބޭހެއް، ނުކުރާ އެއްވެސް ފަރުވާއެއް ނެތެވެ. ނަމަވެސް ދެކުދިންވެސް ތިބީ ހޭވެރިކަމެއް ނެތް ހާލަތެއްގައެވެ. ލޯބީގެ ޢާލަމަކަށް ގެނބިފައެވެ. ހިތުގެ ބައްޔަކީ މިފަދަ އެއްޗެކެވެ. ބަލީގެ ޢަލާމާތްތައް ފޮހެލައިދެވޭފަދަ ޑޮކްޓަރެއް ނުވަތަ މޮޅު ހަކީމެއްވެސް ނުހުންނާނެ އެވެ. ޝާއިރުން ބުނަނީ ރަނގަޅު ވާހަކައެއްކަން އާހިލް އާއި އާއިމާގެ ހާލަތު އެނގޭ ބަޔަކަށް ކިތަންމެހާވެސް ރަނގަޅަށް ފަހުމް ވާނެ އެވެ.

“އަހަރެންގެ ދަރިފުޅަށް ކިހިނެތްބާ މިވަނީ؟” އާއިމާގެ މަންމަގެ ދުލަށް އިރުއިރުކޮޅުން މި ޖުމްލަ އަންނަމުންދިޔައިރު، އަނެއްކޮޅުން އާހިލްގެ މަންމަގެ ހާލަތަކީވެސް ހަމަ އެއީއެވެ.

ދެކޮޅުން ދެ މަންމައިންވެސް އެމީހުންގެ ހިތުގެ އެތިކޮޅާއިމެދު، ލޮލުގެ ކޮޔާމެދު ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހާސްވެ ދެރަވެފައެވެ. އެމީހުންގެ ދަރިންގެ ހިތުގެ ހާލަތު ނޭނގޭ ހާލުގައެވެ. ޒުވާން ދެކުދިންގެ ހިތްވެސް ގޮވަމުންދަނީ އެކަކު އަނެކަކުގެ ނަމެވެ. ކޮންމެ ވިންދަކުންވެސް ނިކުންނަނީ އެއް ރާގެކެވެ. އެއް ލަވައެކެވެ. އެއް ތަރާނާ އެކެވެ.

‘ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ؟ އިޝްޤް ޙާޞިލްވީ ފަހުން އަދިވެސް ސަޒާ ދޭންވީހޭ؟’

ނުނިމޭ

ޒުވާން ލޯބި – 08

ދެކޮޅުން ދެ މަންމައިންވެސް އެމީހުންގެ ހިތުގެ އެތިކޮޅާއިމެދު، ލޮލުގެ ކޮޔާމެދު ތިބީ އިންތިހާއަށް ކަންބޮޑުވެފައެވެ. ހާސްވެ ދެރަވެފައެވެ. އެމީހުންގެ ދަރިންގެ ހިތުގެ ހާލަތު ނޭނގޭ ހާލުގައެވެ. ޒުވާން ދެކުދިންގެ ހިތްވެސް ގޮވަމުންދަނީ އެކަކު އަނެކަކުގެ ނަމެވެ. ކޮންމެ ވިންދަކުންވެސް ނިކުންނަނީ އެއް ރާގެކެވެ. އެއް ލަވައެކެވެ. އެއް ތަރާނާ އެކެވެ.

‘ދެހިތް ފައްތަރުވީ ޔާރާ ދިން ހިމޭން ލޯބިން ނޫންހޭ؟ އިޝްޤް ޙާޞިލްވީ ފަހުން އަދިވެސް ސަޒާ ދޭންވީހޭ؟’

★~~★~~★~~★~~★~~★~~★

“ޒީނަތު” ސްކޫލް ގޯތިތެރޭގައިގައި ސިމެންތިން ހަދާފައިވާ ބެންޗެއްގައި އެކަނިމާއެކަނި އިށީންދެގެން އިން ޒީނަތަށް މީހަކު ގޮވާލިހެން ހީވެގެން އަތުގައި އޮތް ފޯނުގެ ސްކްރީނަށް ހުއްޓާލާފައިވާ ނަޒަރު ކަސިޔާރުކޮށްލި އެވެ. އިސްއުފުލައި ބަލައިލި އެވެ. ކުރިމަތީގައި ހުރީ ޒަކީ އެވެ. ޒަކީ ގެ މޫނުމަތިން ފެންނަމުންދިޔަ ނުތަނަވަސްކަން ޒީނަތަށް ނޭނގުނަސް ޚުދު ޒީނަތު ވެސް އިނީ ނުތަނަވަސް ޚިޔާލެއްގައި އިނދެ ފޯނާކުޅޭށެވެ.

“ޒީނަތުގެ ހެލްޕެއް ބޭނުންވޭ އެބަ.” ރަހުމަތްތެރި އާހިލް އާއިމެދު ކަންބޮޑުވެފައިހުރި ޒަކީ ބުންޏެވެ. ޒީނަތު އާނއެކޭ ބުނުމަށް ބޯ ޖަހައިލި އެވެ. ހީވާކަހަލަ އެވެ. ޒީނަތަށް ޒަކީގެ ހިތުގެ އަޑު ހަމަ ރަނގަޅަށްވެސް އެނގެނީއެވެ.

ޒަކީ އިށީންނާނެ ޖާގަ ޒީނަތު ދެއްކި އެވެ. އިށީންދެ ހަމަޖެހިލަމުން ޒަކީ ވާހަކަދައްކަން ފެށިއެވެ.

“އެނގެއެއްނު އާހިލް އާ އާއިމާގެ ކަންތައްގަނޑު ދޯ؟” ދޯ އަކުން ޒަކީގެ ސުވާލުތައް ފެށިއެވެ.

“ހޫމް.” ފަރުވާކުޑަ ރާގަކަށް ޒީނަތު ހޫނ އަޅައިލި އެވެ.

“ހެއްވާ ދެމީހުންނެއް އެއީ. ދެމީހުންވެސް ތިބީ އެކަކުއަނެކަކުދެކެ ވާ ލޯބީގެ ބޮޑުކަމުން ހިތުގެ ބަލިޖެހިފަ. އެކަމަކުވެސް އެކަކުވެސް އެ ލޯބި ހާމަކުރާކަށް ނޫޅޭ. އަދި އެނގޭތަ؟ އެ އާއިމާ ވާ ލޯބިވާކަން އެބަ އަންގާތާ!….. އާހިލް އެ އުޅެނީ އެކަންވެސް ފޮރުވައިގެން. މިކަންތައްގަނޑު ކޮޅެއްގަ ޖައްސަން އަހަރުން ވެއްޖެއެއްނ ކޮންމެވެސް ރޮކެޓެއް ޖަހަން.” ޒަކީ ގެ ހިތުގައި ހުރި ވާހަކަތައް ފައްޗަކަށް އަމުނާލިއެވެ. ޒަކީގެ ވާހަކަތައް ޒީނަތު ވެސް ޤަބޫލުކުރެއެވެ.

އިރުކޮޅެއްވާންދެން ޒަކީ އާއި ޒީނަތު ވާހަކަދައްކަން ތިބުމަށްފަހު ދެމީހުންވެސް ކުލާހަށް ދިޔައީ އާހިލް އާއި އާއިމާގެ ކުލަނެތް ގުޅުމުގައި ލޯބީގެ ކުލަތައް ޖެއްސުމަށް ގޮތެއް ރާވާފައެވެ.

★~~★~~★~~★~~★~~★~~★

“ދައްތާ. އޭނަ އޯކޭ ވާނޭ.” އެއްވެސް ހާލެއް ނެތި ދެލޯ މެރިފައި އޮތް އާހިލް އަށް ބަލައިލަމުން ޒަކީ ބުންޏެވެ. އާހިލް ލޯ ހުޅުވައިލެވޭހާ ވަރެއް ގައިގައި ނެތިފައި އޮންނަތާ މިހާރު 5 ދުވަސް ވެއްޖެ އެވެ.

“ކިހިނެތް؟ ކުއްލިއަކަށް އަހަރެންގެ ދަރިފުޅަށް ކީއްތަ ވެގެން މިއުޅެނީ؟” ދޮންފޫޑު ވެފައިވާ އާހިލްގެ މޫނަށް ބަލައިލާފައި ރޮއެގަންނަމުން އާހިލް ގެ މަންމަ ޝަޤްފުތާ ބުންޏެވެ.

“ދައްތަ ކައިރީ އަޅުގަނޑު ހުރިހާ ވާހަކައެއް ކިޔައިދޭނަން. އެކަމަކު އިހަށް ދައްތަ މިތަނުން ދިޔައިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު.” ކިތައްމެ އުނދަކޫ ކަމަކަށް ވިޔަސް އާހިލްގެ މަންމަ ކުރެން ޒަކީ އެދުނެވެ. އެއަށްފަހު އެނދު ކައިރީގައި ހުރި ސޯފާގައި އިން އާހިލްގެ ބައްޕައާ ދިމާއަށް ޒަކީ އެނބުރުނެވެ. އާހިލް ބައްޕަވެސް އިނީ ދަރިފުޅުގެ ހާލާއިމެދު ބައްޕައަކު ކަންބޮޑުވާނެ އެންމެ ބޮޑަކަށް ކަންބޮޑުވެފައެވެ.

“ބޭބޭ. އަޅުގަނޑަށް އިތުބާރުކުރައްވަ. އާހިލް ރަނގަޅުވާނެޔޭ. ހަމަ އެންމެ 5 މިނެޓަށް ބޭބެމެން މިތަނުން ނިކުމެދެއްވިއްޔާ އަޅުގަނޑަށް ވަރަށް ރަނގަޅު.” ޒަކީ ގެ އެދުމަށް އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

އުފަން ދަރިއަކަށް އިތުބާރުކުރާ ފަދައިން ޒަކީ އަށް އާހިލްގެ މަންމަ އާއި ބައްޕަ އިތުބާރުކުރެއެވެ. އޭގެ ދެމަފިރިން ކޮޓަރިން ނިކުމެއްޖެ އެވެ. އާހިލް އޮތް އެނދުގެ މަގަތުގައި އިށީންނަމުން އާހިލް ކައިރީގައި ޒަކީ އިށީންދެ ހަމަޖެހިލި އެވެ. ހުމާ ރަތްވެފައިވާ އާހިލްގެ ހޫނު އަތުގައި ޒަކީ ހިފައިލި އެވެ. ހީވީ ހޫނު ރޮށްޓެއްގައި އަތްލެވުނުހެންނެވެ. ޒަކީގެ ޖީންސް ޖީބުން މޯބައިލް ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލި އެވެ. އަނެއްކޮޅުން ފޯނު ނަގަންދެން އިންތިޒާރު ކުރަން ފެށިއެވެ.

“ހެލޯ.” އެކޮޅުން ފޯނު ނެގުމާއެކު ޒަކީ ބުންޏެވެ.

“ކޮބާ ރެޑީތަ؟” ޒަކީ އަހައިލި އެވެ.

“ޔެސް.” ޒަކީ އަށް ލިބުނީ އޭނާ ބޭނުންވާ ޖަވާބެވެ.

ޒަކީ ގެ ކަންފަތުން ފޯނު ނައްޓައިލައި އާހިލްގެ ކަންފަތުގައި ޖެއްސި އެވެ. އަނެއްކޮޅުން ޒީނަތު އިނީ އާއިމާގެ ކަންފަތުގައި ފޯނު ޖައްސައިގެންނެވެ. ދެމީހުންނަށްވެސް ތިބެވުނީ ވާނުވާގަ އެވެ. ނަމަވެސް އެކަކު އަނެއްކެއްގެ ނޭވާގެ އަޑު ދެމީހުންނަށްވެސް ހަމަ ރަނގަޅަށް އިވެމުންދިޔައެވެ. ފޯނުގެ ޒަރީޢާއިން ދެމީހުންނަށްވެސް އިވެމުންދަނީ ނޭވާގެ އަޑެވެ. ހީވާކަހަލައެވެ. ދެމީހުންނަށްވެސް އެ ނޭވާތަކުން ބުނެދެމުން ދިޔަ ވާހަކަތައް ހަމަ ރަނގަޅަށްވެސް މޭރުންވެ އެވެ.

“ދެންވެސް ހޭލަބަލަ.” ފެންކަޅިވެފައިވާ ދެލޮލުން އާހިލް އަށް ބަލަންހުރެ ޒަކީ ބުންޏެވެ. އެވަގުތު އާހިލްގެ ލޮލަށް ހަރަކާތެއް އަންނަމުންދިޔަކަން ޒަކީއަށް ފާހަގަކުރެވުނެވެ. ލޮލުގެ އެ ހަރަކާތާއިއެކު އާހިލްގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ.

“ދެން ތިހެން ނޯވެ ތެދުވެބަލަ.” އަނެއްކޮޅުން އާއިމާގެ މެރިފައިވާ ދެލޮލަށް މަޑުމަޑު ހަރަކާތެއް އައިތަން ފެނުމުން ޒީނަތު ބުންޏެވެ.

“އާ….އާއިމާ.” އާހިލްގެ ތުރުތުރު އަޅައަޅާ އޮތް ތުންފަތުން އާއިމާގެ ނަން މަޑުމަޑުން ކިޔައިލި އެވެ. އެވަގުތު އާހިލްގެ އަޑު ޖެހުމާއެކު އާއިމާ ގެ އެސްފިޔަތަކަށް އަވަސް ހަރަކާތެއް އަތުވެއްޖެ އެވެ.

“އާ….އާހިލް.” އަރުބެދިފައިވާ އަޑަކުން އާއިމާގެ ދުލުން އާހިލަށް ގޮވައިލުމާއެކު އާހިލްގެ އެސްފިޔަތައްވެސް ހަރާތްކުރަން ފެށިއެވ.

ޒަކީ އާއި ޒީނަތުގެ މޫނުމައްޗަށް އުޖާލާކަން ވެރިވެގެން ދިއުމާއެކު ދެމީހުންގެ ލޮލުންވެސް ފެން އައެވެ. ދެކޮޅުން، ދެމީހުންވެސް ތިބީ އުފަލުން ފޮޅިފައެވެ. ދެމީހުންގެ އެންމެ ގާތް ދެ ރަހުމަތްތެރިންގެ ހޭވެރިކަން އައިމައެވެ. އާއިމާ އާއި އާހިލްގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ތިއްކެއް އެމީހުންގެ ކޯތާފަތް މައްޗަށް ވެއްޓުނީ އުފަލުން އެ ކޯތާފަތުގައި ބޮސްދިނުމަށެވެ.

“ކޮބާ އޯކޭތަ؟” އަނެއްކާވެސް އާހިލް ގެ ލޯ މެރިގެން ދިޔަތަން ފެނިފައި ޒަކީއަށް އަހައިލެވުނެވެ.

“އެގޮލާ ދެން އޯކޭ ވާނެ” ޒަކީގެ ކަންފަތުގައި ފޯނު ޖައްސަމުން ޒީނަތު ކައިރީ ބުންޏެވެ.

“އާއިމާ ވެސް.” ޒަކީގެ ޖުމްލަ އަށް ޒީނަތު ވެސް ދިނީ އުފާވެރި ޖަވާބެކެވެ.

★~~★~~★~~★~~★~~★~~★

ކޮޓަރިން ޒަކީ ނިކުންނާނެ ވަގުތެއްގެ އިންތިޒާރުގައި އާހިލް ގެ މަންމަ އާއި ބައްޕަ ތިއްބާ ކުއްލިއަކަށް ޒަކީ ނިކުމެއްޖެއެވެ.

“ދައްތަ މެން ދެން ތިހެން ކަންބޮޑުވެފަ ނުތިބޭ. މިހާރު ހުރިހާކަމެއްވެސް ހަމަޖެހިއްޖެ.” އުފަލުންގޮސް ޒަކީ އަށް ކިޔޭނުކިޔޭ އެއްވެސް ނޭނގޭ ކަހަލަ އެވެ.

“އަލްޙަމްދު ލިﷲ. ހަމަ ތެދެއްތަ؟” އާހިލްގެ މަންމަ ޝަޤްފުތާ އަށް ލިބުނު ހައިރާންކަމާއެކު ބުނެލެވުނެވެ.

ކަންހިނގައިދިޔަ ގޮތް އަލިފުން ޔާއަށް އާހިލްގެ މަންމަމެންނަށް ޒަކީ ކިޔައިދިނެވެ. އެވަރުގެ ބޮޑު ކަންތައްގަނޑެއްގައި އާހިލް އުޅުނުއިރު އެކަން އެމީހުންނަށް ރޭކައިނުލީތީ އަމިއްލަ ނަފުސު ކުށްވެރިކުރި އެވެ.

“މިއީ މިވީގޮތަކީ. ދައްތަ މެންގެ އާހިލް އަށް ލޯބިވެވުނީ. މޮޔަވާވަރަށް، އެހާމެ ފުން ސާފު ލޯތްބެއް ވެވި އެ ލޯބީގެ ކަނޑަށް ހުސްއަތާ ޣަރަޤް ވެވުނީ. އަހަންނަކީ އެ ހުރިހައި ތަނެއް ދެކުނު މީހާ.” ވަރަށް ފޮނިވެލަމުން ސަކަ ގޮތަކަށް ޒަކީ ބުންޏެވެ.

“އެކަމަކު އާހިލް އަށް އެ ހުރުވުނީ މަގުބެދި ތާށިވެވިފަ. އާހިލް ގެ އަމިއްލަ ނަފުސަށް އެންމެ ތަކްލީފު ލިބެމުންދަނީ އާހިލް އަށް ހީވަނީ އާހިލަކީ ރަނގަޅު މުސްލިމެއް ނޫންކަމަށް. އެހެން އާހިލް އަށް ހީވަނީ އާއިމާ ދެކެ ހައްދެއް ނެތް މިންވަރަށް ލޯބިވެވުނީމަ. އާހިލް ހީކުރަނީ ދީނުގައި އަންގަވާފަ އޮންނަގޮތަށް ބެލުންތިރިކޮޮށްގެން އުޅުމުގެ އިމްތިހާނުން އާހިލް ފެއިލްވެފައިވާކަމަށް. މާތް ރަސޫލާ އެންގެވިގޮތަށް ނޫޅެވޭ ކަމަށް. އާހިލް ހީކުރަނީ ކުއްޖެއް ދެކެ ލޯބިވެވުމަކީ ރޮނގު ފަހަނައަޅައި ދެވުނީކަމަށް. އާހިލް ހީކުރަނީ އާހިލްގެ ހިތުގައި އާއިމާ އަށް ލޯބިޖެހިފައިވުމުން މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އާހިލް ދެކެ ރުހިވޮޑިގެން ނުވާނެ ކަމަށް.” ޒަކީ ހުރިހައި ވާހަކައެއް ކިޔައިދީ ނިމުނުއިރު ޝަޤްފުތާ އަށް ހުރެވުނީ ޝޮކެއްގެ ތެރޭގައެވެ.

“ކޮންމެ ދުވަހަކުވެސް އާހިލް ގެންދަނީ އޭނާގެ އަމިއްލަ ނަފުސާ ހަނގުރާމަ ކުރަމުން. އާހިލްގެ ހިތް ރޮއެ އާދޭސްކުރަމުން ދިޔައިރުވެސް އެންމެ ފަހަރަކުވެސް އާއިމާ އަށް އާހިލް ބަލައިވެސްނުލާ. އެކަމުގެ ސަބަބުން އާހިލް އަށް މާތްﷲ އަށް ކުއްތަންވެވޭ މިންވަރު ދިޔައީ އިތުރުވަމުން. އެކަމަކުވެސް އާހިލް އަށް ނުވިސްނޭ ކަމަކީ އާއިމާ އާއިމެދު އާހިލްގެ ހިތުގައި ސާފުޠާހިރު ލޯބީގެ ޖަޒުބާތު ލެއްވެވީ ހަމަ އެކަލާންގެކަން.” އަނެއްކާވެސް ޒަކީ އިތުރު ތަފްޞީލް ދިނުމަށްފަހު އިށީންދެ ހަމަޖެހިލި އެވެ.

“ދައްތައަށް އެނގޭތަ. އެ ދެމީހުންގެ ހިތްވެސް ވަނީ ގުޅިލާމެހިފަ. ދެމީހުންނަކީވެސް މާތްﷲ އެންގެވި މަގުގައި ސާބިތުވެތިބި މައުސޫމު ދެކުދިން. އަހަރެން ދެކޭގޮތުން އެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދު ކުލުނުވެރިކަން އެކަލާންގެ ލެއްވެވީ އެހެންވެގެން. ދެމީހުންނަކީ ހަމަ އެއްކަހަލަ ދެމީހުން. ދެމީހުންވެސް އެއްވެސް ގޯހެއް ހަދާފައެއް ނެތް. ހެދި ހަމައެކަނި ގޯހަކީ މި ޒުވާން ލޯތްބަކީ ގޯހެއްކަމަށް ދުށުން. މިއީ އެމީހުންގެ ލޯތްބާއި އީމާންތެރިކަމުގެ ޓެސްޓެއް.” ބޮޑު ފަލްސަފާވެރިއެއް ފަދައިން ޒަކީ ވާހަކަދެއްކި އެވެ. ޒަކީގެ ވާހަކަތައް އަޑުއަހަންތިބި އާހިލްގެ މަންމައާއި ބައްޕައަށް ތިބެވުނީ ދެން ކަންކުރާނެ ގޮތަކާމެދު ވިސްނުމުގެ ފުން ކަނޑެއްގައި ފަތަފަތާ އެވެ.

ނުނިމޭ

ޒުވާން ލޯބި – 09

“ދައްތައަށް އެނގޭތަ. އެ ދެމީހުންގެ ހިތްވެސް ވަނީ ގުޅިލާމެހިފަ. ދެމީހުންނަކީވެސް މާތްﷲ އެންގެވި މަގުގައި ސާބިތުވެތިބި މައުސޫމު ދެކުދިން. އަހަރެން ދެކޭގޮތުން އެމީހުންގެ ހިތުގައި އެކަކު އަނެކަކާމެދު ކުލުނުވެރިކަން އެކަލާންގެ ލެއްވެވީ އެހެންވެގެން. ދެމީހުންނަކީ ހަމަ އެއްކަހަލަ ދެމީހުން. ދެމީހުންވެސް އެއްވެސް ގޯހެއް ހަދާފައެއް ނެތް. ހެދި ހަމައެކަނި ގޯހަކީ މި ޒުވާން ލޯތްބަކީ ގޯހެއްކަމަށް ދުށުން. މިއީ އެމީހުންގެ ލޯތްބާއި އީމާންތެރިކަމުގެ ޓެސްޓެއް.” ބޮޑު ފަލްސަފާވެރިއެއް ފަދައިން ޒަކީ ވާހަކަދެއްކި އެވެ. ޒަކީގެ ވާހަކަތައް އަޑުއަހަންތިބި އާހިލްގެ މަންމައާއި ބައްޕައަށް ތިބެވުނީ ދެން ކަންކުރާނެ ގޮތަކާމެދު ވިސްނުމުގެ ފުން ކަނޑެއްގައި ފަތަފަތާ އެވެ.

★~~★~~★~~★~~★~~★~~★

އާހިލް އާއި އާއިމާ އަށް ޖެހުނު ހިތުގެ ބައްޔަށް ޝިފާ ލިބުނުތާ މިހާރު ހަފުތާއެއް ވެއްޖެ އެވެ. ދެމީހުން ފޮޅުނުއިރު މިލާ މޯލިވެފައިވާ މަލަކަށް ފެންފޮދެއް ލިބުމުން އެ މަލުގައި ވަރުޖެހި ކޮޅަށް ޖެހުނުހެންނެވެ. މަލުގެ ކަރުގަނޑަށް އަންނަފަދަ ތާޒާކަމެއް ދެމީހުންގެ މޫނުމަތިންވެސް ފެންނަމުންދެއެވެ.

އާހިލްގެ ހުން ރަނގަޅުވެ ހަމައަކަށް އެޅިފައިވުމުން އާހިލް އާއި ވާހަކަދައްކާނެ ކޮޅެއް ހޯދުމަށް އާހިލްގެ މަންމަ ޝަޤްފްތާ ވިސްނަމުންދަނީ އެވެ.

“މަންމާ، މިއަދު އަޅުގަނޑަށް ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން އިނގޭ.” ދަބަސް ނަގައި ކޮނޑުގައި އަޅުވާލައި ގެއިން ބޭރަށް ނިކުމެ ބައިސްކަލަށް އަރަމުން އާހިލް ބުންޏެވެ.

ބައިސްކަލް ދުއްވައިލުމާއެކު އާހިލްގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ސްކޫލާއި ކައިރިއަށް ދެވޭވަރަކަށް އެ ތެޅުން ގަދަވަމުން ދިޔައެވެ. ހަފުތާއެއްފަހުން، އާހިލް އަށް އާހިލްގެ އޭނާގެ އަޑު މިއަދު އިވޭނެއެވެ. އެވަރުންވެސް އާހިލް އަށް ފުދޭނެ އެވެ.

“ކޮންކަމަކާތަ މަށަށް މި ވިސްނެނީ؟ ކީއްވެގެންތަ އަނެއްކާވެސް އޭނައާމެދު މަށަށް މި ވިސްނެނީ؟” އާހިލްގެ އަމިއްލަ ހިތާ ސުވާލުކުރަން ފެށިއެވެ. ވިސްނުން އެހެން ދިމާއަކަށް އަނބުރާލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އާއިމާ އާމެދު ނުވިސްނުމަށް އޭނާގެ ހިތަށް ވިސްނައިދެމުންނެވެ. ނަމަވެސް އޭނާގެ ހިތުގެ އެންމެ ފުނުގައި ޖަހާ ވިންދުންވެސް ގޮވަމުންދަނީ އާއިމާގެ ނަމެވެ. ހިތުގެ އެންމެ ހިމަނާރުވެސް އިންތިޒާރު ކުރަމުންދަނީ އާއިމާ އަށެވެ.

“ވެލްކަމް، ވެލްކަމް” އާހިލް ކުލާހަށް ވަނުމާއެކު ކުލާސް ކުދިންތައް ރާގު އަޅުވާފައި ދިމާކުރަމުން މަރުޙަބާ ކިޔެވެ.

ހިނިތުންވެ ހުރެ، އާހިލްގެ ގޮނޑީގައި އިށީންދެ ފޮތް ނެގިއެވެ. އެކަމަކު އޭރުވެސް އޭނާގެ ހިތް އިންތިޒާރުކުރަމުން ދިޔައީ އާއިމާގެ ހިތްގައިމު އަޑު އަހައިލުމަށެވެ. ކަންފަތް ތޫނުކޮށްގެން އިނީ އެ އަޑު އިސާހިތަކުން އިވިދާނެ ކަމުގެ ފޮނި އުންމީދުގައެވެ.

“އޭތް އާއިމާއެއް ނާދޭތަ؟” އަންހެން ކުއްޖަކު އެހެން ކުއްޖެއް ކައިރީ އަހައިލި އަޑު އާހިލްގެ ކަންފަތުގައު ޖެހުނެވެ.

“ނޭނގެ މަށަކަށް.” ޖަވާބު ދިނީ ޒީނަތެވެ. ކެތްމަދުވެފައިވާ އާހިލްގެ މޫނަށް ބަލައިލަމުންނެވެ.

“އާއިމާ އޯކޭތަ މިހާރު؟” އެހެން ކުއްޖެއް އަހައިލިއެވެ. އެވަގުތު އާހިލްގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ.

‘އަނެއްކާ އާއިމާ އަށް ކިހިނެތްވީ ބާ؟’ ހިތާހިތާ އަހިލް ސުވާލުކޮށްލި އެވެ.

ވިސްނުމުގެ ފުންކަނޑަކަށް އާހިލް ގެނބިއްޖެއެވެ. އެވަގުތު މީހެއްގެ ފިޔަވަޅުގެ އަނޑު އިވުނެވެ. އިސްއުފުލައި ބަލައިނުލިޔަސް، އެ ފިޔަވަޅުތަކުގެ އަޑުންވެސް އާއިމާ އައީކަން އާހިލް އަށް ބުނަން އެނގެއެވެ. އާހިލް އާއި ކައިރިއަށް އާއިމާ އަންނަވަރަކަށް އާހިލްގެ ހިތުގެ ވިންދު އަވަސްވަމުންދިޔަ އެވެ.

“ވެލްކަމް، ވެލްކަމް” އާއިމާ ކުލާހަށް ވަނުމާއެކު ކުލާސް ކުދިންތައް ރާގު އަޅުވާފައި އާއިމާ އާވެސް ދިމާކުރަމުން މަރުޙަބާ ކިޔެވެ.

“މިހާރު ކިހިނެތްތަ؟” ސީދާ އާހިލް އަށް ބަލައިލަމުން އާއިމާ ސުވާލުކުރިއެވެ. އޭރު އާހިލް އިނީ ފޮތުގެ ގަނޑުތައް އުކާށެވެ. އާއިމާގެ ސުވާލު އަމާޒުކުރީ އާހިލް އަށް ކަން އޭނާއަށް އެނގެއެވެ. ނޭނގޭކަމަށް ހެދިގެން އިނީއެވެ.

“ހެއްލޯ.” ކުޑަވަރެއްގެ ތޫފާނެއްހެން ކުލާހަށް ވަތްގޮތަށް އާހިލްގެ ގައިގައި ޒަކީ ބައްދައިގަތެވެ.

“ކޮބާ ފްރެންޑު މިހާރު ހަމަޔަކަށް އެޅިއްޖެތަ؟” ނޭވައެއްވެސް ނުލާނަމޭ ހިތާ އުޅޭހެން ޒަކީ އުޅުނުގޮތުން ހީވާކަހަލައެވެ.

“އަލްޙަމްދު ލިﷲ، މިހާރު ރަނގަޅޭ.” އާހިލް ޖަވާބުދިނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ހިތްހަމަޖައްސައިލިއެވެ. އާއިމާ އަށް އާހިލް ދޭންބޭނުންވާ ޖަވާބު ނުސީދާކޮށް ނަމަވެސް ދެވުނީމައެވެ.

ދުވަހުގެ ބާކީއޮތްބައި އާހިލް އާއި އާއިމާ ވެސް ކިޔެވުމުގައި ހޭދަކުރިއެވެ. އެކަކު އަނެކަކާ އަނގައިން ނުބުންޏަސް ދެމީހުންގެ ވެސް ހިތް އެދި ގޮވަމުން ދިޔައީ ވާހަކަދެއްކުމަށެވެ.

ސެޝަން ނިމުމުން، އާހިލް އަވަސް އަވަހަށް ބައިސްކަލަށް އަރައިގެން ގެއަށްދިޔައެވެ. ގެއަށް ވަނުމާއެކު އަވަހަށް ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން ނަމާދަށް ދިޔައެވެ. ނަމާދުން އައިސް ކޮޓަރިއަށް ވަދެ ޤުރުއާން ކިޔަވަން ފެށިއެވެ.

ދޮރުގައި ޓަކިދިން އަޑަށް އެނބުރި ބަލައިލިއިރު އާހިލްގެ މަންމަ އައިސް ކޮޓަރިއަށް ވަންނަނީއެވެ. ޚަތިމު ލައްޕާލައި މޭޒުމަތީގައި ބާއްވަމުން މަންމައަށް އުފާވެރި ހިނިތުންވުމެއް ދެމުން ކޮޅަށް ތެދުވިއެވެ.

“މަންމަގެ ދަރިފުޅުގެ ހާލު މިހާރު ކިހިނެތްތަ؟” ދެމީހުން އެކުގައި އެނދުގައި އިށީންނަމުން މަންމަ ސުވާލުކުރިއެވެ.

“އަލްޙަމްދު ލިﷲ، މިހާރު ރަނގަޅޭ މަންމާ.” އާހިލް ބުންޏެވެ. ޝަޤްފްތާގެ ދެއަތުން އާހިލް ގެ އަތުގައި ހިފައިލިއެވެ.

“ކޮން ނަމެއްތަ އެ މަންޖެއަށް ކިޔަނީ؟” ޝަޤްފްތާ އަހަން ބޭނުންވި ސުވާލު ކޮށްލިއެވެ. އާހިލް އަށް ލިބުނު ސިހުމުގައި މުޅި މީހާ ސިކުންތަކަށް ނަމަވެސް ގަނޑުވި ކަހަލައެވެ.

“ކާ…ކާކު؟” މަންމަގެ ދެލޮލުން އާހިލްގެ ނަޒަރު ކަޝިޔާރުކޮށްލަމުން އާހިލް ވެސް ކުރީ ސުވާލެކެވެ.

“ދަރިފުޅުގެ ތި ހިތުގަ ކޮން ކުއްޖެއްގެ ހިތުގެ ވިންދެއްހޭ ޖަހަމުންދަނީ މަންމަ މި އެހީ.” އާހިލް އަށް ޖަވާބުދެމުން އާހިލްގެ ކޮނޑުގައި ހިފައި ޝަޤްފްތާ އާއި ދިމާއަށް އަނބުރައިލަމުން ބުންޏެވެ.

“ދަރިފުޅާ ނިކަން މަންމަ ގާތު ވެސް ބުނެބަލަ.” އަނެއްކާވެސް ޝަޤްފްތާ ގެ ސުވަލު ތަކުރާރުކޮށްލިއެވެ. މަންމަގެ ލޮލަށް ބަލައިލަންވެސް ނުކުރެވިފައި އާހިލް އަށް އިނދެވުނީ އެވެ.

“މަންމާ.. އަޅުގަނޑު… އަޅުގަނޑުގެ ސަބަބުން މަންމަގެ ނަސޭހަތްތައް ފެއިލްވެއްޖެ. އަޅުގަނޑަށް މަޢާފް ކުރައްވާ މަންމާ.” ފެންކަޅިވަމުންދިޔަ އާހިލް ބުންޏެވެ.

“އޭތް، ބަލަ ދަރިފުޅު މަޢާފަށް އެދެން ޖެހޭވަރު ކަމެއް ނުކުރަމެއްނު! ދެން ކީއްވެ މަޢާފަށް އެދެންވީ. ނުލާހިކު ރީތި، އަޚްލާޤް ރަނގަޅު ޅީދަރިއެއް މަންމައަށް ހޯދައިދިނީތީ މަންމަ މިހުރީ ވަރަށް އުފަލުން.” ޝަޤްފްތާ އުފާވެރި ހިނިތުންވުމަކާއެކު ބުންޏެވެ. އާހިލް އަށް އަނެއްކާވެސް ލިބުނީ ޝޮކެކެވެ. ހައިރާންވެ ހުރެ އޭނާގެ މަންމައަށް ބަލައިލިއެވެ.

“މަންމަ ވަރަށް ފަޚްރުވެރިވަން ދަރިފުޅާމެދު. މަންމަ ބޭނުންވާފަދަ ހެޔޮލަފާ ދަރިއެއްތިއީ. ތިއީ ކަތިމަގުން ނުހިނގާނެ ދަރިއެއް އިންޝާﷲ، އަދި ތިޔައީ ބެލުންތައް ތިރިކުރާ، މާތްﷲ ދެކެ ބިރުވެތިވާ ދަރިއެއް. އަމިއްލަ އެދުމާއި ހިތުގެ ލޯތްބަށްވުރެން މާތްﷲ ދެކެ ދަރިފުޅުވެސް ލޯބިވާކަން ސާބިތުކޮށްދީފި. އަހަރުމެން އިންސާނުން ހެއްދެވި ޚާލިޤަށް ވުރެން އެހެން ފަރާތްތައް ދެކެ ލޯބިވާ އަދި އެފަރާތްތަކަށް އަހައްމިއްޔަތުކަން ދޭފަދަ ދަރިއެއް ނޫން މަންމަގެ އާހިލް އަކީ. އިންޝާﷲ ދަރިފުޅު އާއިމާގެ ކަންތަކުގަވެސް ތި ސާބިތުކޮށްދިނީ ދަރިފުޅުގެ އީމާންތެރިކަމާއި ހިތުގެ ޢަޤީދާގެ ސާބިތުކަން. އެހެންވީމަ މަންމަ މިއަދު މިހުރީ ވަރަށް ވަރަށް އުފަލުން.” މަންމަ ދައްކަމުންދިޔަ ވާހަކަތައް އާހިލް އަޑުއަހަން ހުރިއިރު ލޮލުގެ އެސްފިޔައެއްވެސް ޖަހައިލަން ހަނދާންނެތް ކަހަލައެވެ.

“އަދި އެހެން ނޫނަސް، ކުއްޖެއްދެކެ ލޯބިވެވުމަކީވެސް ފާފައެއް ނޫން. އެ ލޯތްބަކީ މައުސޫމު ކަމާއި ޚާލިޞްކަމުގައި ދަމަހައްޓަން އެނގިއްޖެނަމަ ވަރަށް ސާފު ޠާހިރު އަދި އެހާމެ އުފާވެރި އިޙްސާސެއް. އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވަނީ (أنظر إليها فإنه أحرى أن يؤدم بينكما) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”. މި ޙަދީޘް ގެ މުރާދަކީ ކައިވެނީގެ ކުރިން އަންހެނުންނަށް ބެލުން ހުއްދަވާނީ ހަމައެކަނި މޫނާއި ދެއަތްތިލައަށް އެކަނި.

އެހެންވީމަ މަންމައަށް އެބަ އެނގޭ ދަރިފުޅުގެ އަތްބަކަށް އާއިމާ ހަދަން ބޭނުންވާކަން. އަޅެ ނޫންތަ؟” އާހިލް ގެ މަންމަ ޝަޤްފްތާ ސުވާލުކުރިއެވެ. އާހިލް އަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ދުރަށެވެ. އެއީ ލަދުވެތިކަމާއި ކިޔަމަންތެރިކަން ދައްކުވައިދިން ހަރަކާތެކެވެ.

ނުނިމޭ

ނޯޓް: މި އެޕިސޯޑުގައި ބޭނުންކޮށްފައިވާ ޙަދީޘް އަދި މާނަ ނެގީ ދިސަލަފިއްޔާގައި ޝާއިޢުކޮށްފައިވާ އަންނަނިވި ލިޔުމުންނެވެ.

ދަރީން ތަރުބިއްޔަތު ކުރުން….1

(أنظر إليها فإنه أحرى أن يؤدم بينكما ) މާނަ އަކީ: “ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ”.

(ކައިވެނީގެ ކުރިން އަންހެނުންނަށް ބެލުން ހުއްދައީ ހަމައެކަނި މޫނާއި ދެއަތްތިލައަށެވެ.)

ޒުވާން ލޯބި – 10

“……………އެހެންވީމަ މަންމައަށް އެބަ އެނގޭ ދަރިފުޅުގެ އަތްބަކަށް އާއިމާ ހަދަން ބޭނުންވާކަން. އަޅެ ނޫންތަ؟” އާހިލް ގެ މަންމަ ޝަޤްފްތާ ސުވާލުކުރިއެވެ. އާހިލް އަށް ބޭއިޚްތިޔާރުގައި ބަލައިލެވުނީ ދުރަށެވެ. އެއީ ލަދުވެތިކަމާއި ކިޔަމަންތެރިކަން ދައްކުވައިދިން ހަރަކާތެކެވެ.

“ލޯބިވާ ކުއްޖެއް ހުރިއްޔާ ކައިވެނި ކުރުން އެއީ އެންމެ ރަނގަޅު ގޮތަކީ. އަހަރެމެންގެ ދީނަކީ ލޯތްބާއި ދެކޮޅު ދީނެއް ނޫން. ދެން ކީއްވެ ދަރިފުޅު ތި ވިސްނަނީ މާތްﷲ ސުބްޙަނަހޫ ވަތަޢާލާ ނުރުއްސަވާ ކަމެކޭ ލޯބިވުމަކީ. އަހަރެމެންނަށް އަންގަވާފަ ވަނީވެސް ލޯބިވާ މީހަކާ ކައިވެނިކުރުމަށް. އޭރުން ކައިވެނީގެ މަތިވެރި ގޮށުން ރަނގަޅަށް ބަނދެވިގެން އުޅެވޭނީ. އޭރުން އެކަމުންވެސް ސަވާބާ ދަރުމަ ލިބޭނެ. އޭރުން ޝައިޠާނާގެ ކިބައިން މިންޖުވެގެން އުޅެވޭނީ.” ޝަޤްފްތާ އޭނާގެ ދަރިފުޅަށް ނަސޭޙަތްދެމުން ދިޔަވަރަކަށް އާހިލް ގެ ހިތުގައި މާތްﷲ އަށް ކުއްތަން ވުމުގެ ރޫޙާއި ޢަޒުމް އާވަމުން ދިޔައެވެ.

އާހިލް އަނގައިންވެސް ނުބުނެ، މަންމަގެ ހެޔޮ ދަރުސްތައް އަޑުއަހަން އިނީ ނުހަނު ކިޔަމަންތެރިކަމާއި އެކުގައެވެ.

“މަންމަ އާއި ބައްޕަ އާ ދެމީހުން ހިނގައްޖައިން އާއިމާ މެންގެ ގެއަށް. ކައިވެނީގެ ވާހަކަވެސް ދައްކައިފިން. މަންމައަށް އެނގޭ މީކީ ޕާކިސްތާނު ނޫންކަން. ރާއްޖޭގަ މިކަން މިހެން ކުރުން އާއްމު ނޫނަސް އިސްލާމީ ރިވެތި ގޮތަކީ މިއީ.” އާއިމާ މެންގެ ގެއަށް ދިޔަވާހަކަ މަންމަ ބުނުމުން އާހިލް ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“އާއިމާ ދޯ އޭނަގެ ނަމަކީ؟” ސަޤްފްތާ ސުވާލުކުރިއެވެ. އާހިލަށް އަދިވެސް އިނދެވުނީ ޝޮކެއްގެ ތެރޭގަ އެވެ.

“އެމީހުންވެސް ތި ކައިވެންޏަށް ޤަބޫލު. އެމީހުން ބުނީ ކައިވެނި ނުކޮށް އިހަށް ދެ އަހަރު މަޑުކޮށްލަދިނުމަށް. ތި ދެކުދިންވެސް އަދި އެބަޖެހޭ ދޯ ކިޔަވައިގެން ވަޒީފާ އަކަށް ނިކުންނަން. އެހެންވެ މަންމަމެންނަށްވެސް ފެންނަގޮތަކީ އެއީ.” އާހިލްގެ މަންމަގެ އަނގައިން ކައިވެނީގެ ލަފުޒު ބުނި ވަގުތު އަނބުރައިގަނެގެން ހަމަ ދެންމެ ދެންމެ ވެއްޓެނީއޭވެސް އާހިލް އަށް ހީވިއެވެ.

“ތި ދެކުދިންވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރު ހަމަ ވާއިރަށް ކައިވެންޏައިގެން އުޅެންވީ.” އާހިލްގެ ޝޮކް ޖެހިފައިވާ މޫނަށް ބަލައިލަމުން ޝަޤްފްތާ އަށް ހީނގަނެވިއްޖެ އެވެ.

“އެހެންވީމަ މިހާރު ދަރިފުޅު އާއިމާ އާމެދު ވިސްނިޔަސް ރަނގަޅުވާނެ. ލޯބިވިޔަސް ރަނގަޅުވާނެ.” މިހެން ބުނަމުން އާހިލްގެ ގައިގައި ވަރަށް ލޯބިން ބައްދައިލި އެވެ.

“ދެން މާބޮޑަށް ނުވިސްނާ. މާތްﷲ އާއިލްގެ އަންބެއްގެ ގޮތުގައި ވުމަށް އާއިމާ ފަދަ ރަނގަޅު ކުއްޖަކު މިންވަރު ކުރެއްވީތި އުފަލާއެކު ޝުކުރުވެރިވޭ ދަރިފުޅާ.” މިހެން ބުނަމުން އާހިލްގެ ކޮޓަރިން ޝަޤްފްތާ ނިކުމެއްޖެ އެވެ.

އާހިލް އަށް އަދިވެސް އިނދެވުނީ އެވެ. ގަނޑުވެފައެވެ. ޝޮކް ޖެހިފައެވެ. ލޮލުން ކަރުނަ ފޫއްދާލާކަށް މާކަގިނަ ވަގުތެއް ނުނެގި އެވެ. އުފަލުންގޮސް އާހިލްގެ ތުންފަތުގައިވެސް މަޑުމަޑު ތުރުތުރެއް ލާންފެށި އެވެ.

“ޔާﷲ،” ތުންފަތަށް އުފާވެރި ހިނިތުންވުމެއް އައުމާއެކު ދެލޯ މަރައިލެވުނެވެ.

“ބަލާބަލަ އާއިމާ ….. އެޔޮށް ދަނީ އޭނަ.” އާއިމާގެ މޫނަށް ބަލައިލަމުން ޒީނަތު ބުންޏެވެ. އާއިމާ އާ ދިމާކޮށްލުމަށެވެ. ޒީނަތުގެ އެ ޖުމްލައާއެކު އާއިމާއަށް ހީވީ ކުއްލި ޝޮކެއް ލިބުނުހެންނެވެ.

މީގެ އަށެއްކަ ދުވަސް ކުރިން އާހިލްގެ މަންމައާއި ބައްޕަ އާއިމާ މެންގެ ގެއަށް ގޮސް ކައިވެންޏަށް ހުށައެޅިކަން އެނގުނުފަހުން އާއިމާ އެ ހުންނަނީ އުފަލުން ފޮޅިފައެވެ. އާއިމާގެ މައިންބަފައިންވެސް ތިބީ އެހާމެ އުފަލުންނެވެ. މުޅި ހަފުތާ އެއްކޮށްވެސް އާއިމާ އިންތިޒާރުކުރަމުން އެ ގެންދަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް އާއިމާއާއި ދިމާއަށް އާހިލް ބަލައިލާނެ ވަގުތަކަށެވެ. ނަމަވެސް އާހިލްގެ ކިބައިން އެފަދަ އެއްވެސް ހަރަކާތެއް ފެންނަގޮތެއް ނުވެއެވެ. މިކަމާ އާއިމާ ދެރައެއް ނުވެއެވެ. އާއިމާ އާއި ދިމާއަށް އާހިލް ނުބެލިޔަސް، މިފަހަރު އާހިލްގެ މޫނުމަތިން ފެންނަންހުރި އުފާވެރިކަން ފެނިފައި އާއިމާ އަށް ވެސް ހުރެވެނީ ހިތްހަމަޖެހާއި އުފާވެރިކަމެއްގެ ތެރޭގައެވެ. ނަމަވެސް މިއަދު ކުއްލިއަކަށް އަޑުއިވިގެން ދިޔައީ އާއިލާ އާއިއެކު އާހިލް ޕާކިސްތާނަށް ބަދަލުވާން އުޅޭވާހަކައެވެ. މިއަދު ހެނދުނުންސުރެ އާއިމާގެ ހިތަށް ހަމަޖެހުމެއް ނުލިބި ރޯ މަހެއް ތެޅޭހެން ތެޅެމުން އެދަނީ އެހެންވެގެންނެވެ.

‘އާހިލް ނުފެންނަ ތަނެއްގަ ކިހިނެތް އަހަރެން ދިރިއުޅޭނީ؟’ މުޅި ދުވަހު ހަތަރުދަން އާއިމާ ހޭދަކޮށްލީ ސިކުނޑިތެރޭގައި މި ސުވާލު ތަކުރާރު ކުރަމުންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައީ އާއިމާގެ ހިތަށް އެއްވެސް ހަމަޖެހުމެއް އަރާމެއް ނުލިބިއެވެ. ކޮންމެ ދުވަހެއްވެސް އާއިމާ ގުނަމުން ދިޔައީ އާހިލް އޭނާ ނުފެންނަ ހިސާބަށް ދާނެ ދުވަސް ނައުމަށް އެދި ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.

އާހިލް ގެ މައިންބަފައި އާއިމާ އާއި ބައްދަލުކުރުމަށް އެގެއަށް ދިޔަދުވަހެވެ. އެވަގުތު އާއިމާ ގެއަކު ނޫޅެއެވެ. އެހެންކަމުން އެމީހުން އެގޭގައި ކުޑައިރުކޮޅަކު ތިބުމަށްފަހު ގެއަށް ދިޔައީއެވެ. އެމީހުން ގެއަށް ދާން ނިކުތްތާ ކުޑައިރުކޮޅެއްގެ ތެރޭގައި އާއިމާ އަށް ގެއަށް އާދެވިއްޖެއެވެ. އާހިލްގެ މަންމަމެން އައި ވާހަކަ އާއި އެމީހުން ފުރައިގެން ދިޔައެއްކަމަކު ވަރަށް އަވަހަށް އެމީހުންގެ ޅީދަރިފުޅަކަށް އާއިމާ ހެދުމަށް އަންނާނެ ވާހަކަވެސް އާހިލް މަންމަ ބުނިކަމަށް އާއިމާގެ މަންމަ އާއިމާ ކައިރީ ބުންޏެވެ. ވާންއުޅޭ މައިދައިތަގެ މެސެޖް ކިތަންމެ ފޮނި އުއްމީދެއް ގެނެސްދިން ނަމަވެސް، އާއިމާގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެ އެވެ. ދުވާލަކު އެއްފަހަރު ނަމަވެސް އާހިލް ނުފެންނަ ހިސާބުގައި ހުރުމަކީ އާއިމާ އަށް މިހާރު ކެތްވާ ވަރުގެ ކަމެއް ނޫނެވެ.

“އަޅެ މާދަން އޭނަ ފުރައޭ.” ޒީނަތާއި އެކުގައި ގޮސް ސްކޫލަށް ވަންނަމުން އާއިމާ ބުންޏެވެ. އޭރު އާއިމާގެ ދެލޯވަނީ ކަރުނައިން ބަރާވެފައެވެ.

“އެނގެޔޭ. އިރާދަކުރެއްވިއްޔާ އޭނަ އެނބުރި އަންނާނެޔެއްނު.” އާއިމާ ގެ ހިތްހަމަ ޖައްސައިދިނުމަށް ޒީނަތު ބުންޏެވެ. އާއިމާ ބޯޖަހައިލިއެވެ. ދެކުދިން އެކުގައި ގޮސް ކުލާހަށް ވަދެއްޖެއެވެ. އެވަގުތު އާއިމާގެ ނަޒަރު ގޮސް ހުއްޓުނީ އާހިލް އަށެވެ. އޭރު އާހިލް ކުލާހަށް ވަންތާ އިރުކޮޅެއް ވެއްޖެއެވެ. އާހިލް އާއި ދިމާއަށް ބަލައިލުމާއެކު އާއިމާގެ ހިތް ހީވީ މޭ ފަޅާލާފައި ހަމަ ދެންމެދެންމެ ނިކުމެފާނެ ހެންނެވެ. އާއިމާ ގޮސް އިށީންނީ އާހިލް އިށީންދެ އިން ޑެސްކުގެ ކުރިއަށް ހުރި ގޮނޑީގައެވެ. އާއިމާއާއި ދިމާއަށް ލާނެތް ހިނިތުންވުމެއް ދެމުން ޒީނަތު ގޮސް އޭނާގެ ގޮނޑީގައި އިށީންނިއެވެ. އިރުކޮޅެއްފަހުން މުދައްރިސު ދުރުވެ ފިލާވަޅު ނަގައިދެއްވަން ފައްޓަވައިފިއެވެ. އާއިމާ އާއި އާހިލް އަނގައިންނުބުނެ، އެކަކު އަނެކަކާއި ދިމާއަށް ބަލައިނުލާ ތިއްބަސް ދެކުދިންނަށްވެސް ދެކުދިންގެ ހިތުގެ ހާލު ކިތަންމެހާ ރަނގަޅަކަށްވެސް އެނގެއެވެ. ހިތުގައި ސިކުންތަކު ޖަހަނީ ކިތައް ވިންދުކަންވެސް އެނގޭ ކަހަލަ އެވެ. ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއި އެކު ދެކުދިންގެ ހިތުގެ ވިންދުވެސް ދިޔައީ އަވަސް ވަމުންނެވެ.

އިންޓަވަލް ރަނގަބީލުގެ އަޑާއިއެކު ހުރިހައިކުދިން ކުލާހުން ނިކުމެއްޖެއެވެ. ނަމަވެސް އާއިމާ އެއް ނުނިކުމެއެވެ. އާހިލް ވެސް ނުނިކުމެ މަޑުކޮށްގެން އިނެވެ.

ޒަކީ އާއި ޒީނަތު ކުލާހުން ނިކުތީ އާއިމާ އާއި އާހިލްގެ ކުޅިސަމާ ބަލަން އިރުކޮޅެއްވާންދެން ކުލާހުގެ ދޮރުކައިރީގައި މަޑުކޮށްލައިގެން ތިބުމަށްފަހުއެވެ. ޒަކީ އާއި ޒީނަތުގެ މޫނުމަތިންވެސް އުފާވެރިކަމުގެ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. ހީވާކަހަލަ އެވެ. އެދެކުދިން ކުލާހުގައި މަޑުނުކޮށް ނިކުތީވެސް އާއިމާ އާއި އާހިލް އެކަނި ކުލާހުގައި ތިބުމަށް ފުރުޞަތު ދިނުމަށެވެ.

ޒީނަތުމެން ކުލާހުން ނިކުތްތާވެސް އިރުކޮޅެއް ވެއްޖެ އެވެ. އެހެންނަމަވެސް އާހިލް އާއި އާއިމާ އެމީހުންގެ ގޮނޑީގައި ޖެހިބުދެއްހެން ތިބުން ފިޔަވައި އެއްވެސް ކަމެއް ނުކުރެއެވެ. ދެކުދިންވެސް ތިބީ އިސްޖަހައިގެންނެވެ. ހިތުގެ ތެޅުން ކިތަންމެހާވެސް އަވަހެވެ. އަތުގައި އޮތް ގަލަމާއި ކުޅޭވަރުން އެ ގަލަމަށް އުނދަގޫވެގެން ރޮއެ ހަޅޭލަވާ އަޑު އިންސާނުންނަށް އިވޭނެ ނަމަ މިވަގުތު ކުލާސްތެރެއިން އިވޭނެ ހަމައެކަނި އަޑަކީ އެއީއެވެ.

“އަހަރެން ފުރަން މިއުޅެނީ.” ތަނަށް ވެރިވެފައިއޮތް ހިމޭންކަން ފޫދުއްވާލަމުން އާހިލް ބުންޏެވެ. އާހިލްގެ އަޑު އިވުމާއެކު އާއިމާ އަށް ހީވީ ކަރަންޓުގެ ޝޮކެއް ލިބުނުހެންނެވެ. އެވަގުތު ހިތްގައިމު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވުމާއެކު އާއިމާ އަށް ދެލޯ މަރައިލެވުނެވެ.

ފުރަތަމަ ފަހަރަށް އާއިމާ އާއި އާހިލް އަނގައިން ބުނީއެވެ. އާހިލް ގެ އަނގައި ނިކުން ތިން ލަފުޒުގެ ކުރު ޖުމްލަ އިވިފައި އާއިމާއަށް އުފަލުން ރޮވިއްޖެއެވެ. ރޯން ފެށުނީ ފުރަތަމަ ފަހަރަށް އާހިލް އާއިމާ އާއި ވާހަކަދެއްކުމުންނެވެ. އެވަގުތު އާއިމާގެ ހިތް ވެސް ރޯންފަށައިފިއެވެ. ހިތް ރޯންފެށީ އާހިލް ބުނި ޖުމްލައިގެ ސަބަބުންނެވެ.

ނުނިމޭ

ޒުވާން ލޯބި – 11

“އަހަރެން ފުރަން މިއުޅެނީ.” ތަނަށް ވެރިވެފައިއޮތް ހިމޭންކަން ފޫދުއްވާލަމުން އާހިލް ބުންޏެވެ. އާހިލްގެ އަޑު އިވުމާއެކު އާއިމާ އަށް ހީވީ ކަރަންޓުގެ ޝޮކެއް ލިބުނުހެންނެވެ. އެވަގުތު ހިތްގައިމު ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިވުމާއެކު އާއިމާ އަށް ދެލޯ މަރައިލެވުނެވެ.

ފުރަތަމަ ފަހަރަށް އާއިމާ އާއި އާހިލް އަނގައިން ބުނީއެވެ. އާހިލް ގެ އަނގައި ނިކުން ތިން ލަފުޒުގެ ކުރު ޖުމްލަ އިވިފައި އާއިމާއަށް އުފަލުން ރޮވިއްޖެއެވެ. ރޯން ފެށުނީ ފުރަތަމަ ފަހަރަށް އާހިލް އާއިމާ އާއި ވާހަކަދެއްކުމުންނެވެ. އެވަގުތު އާއިމާގެ ހިތް ވެސް ރޯންފަށައިފިއެވެ. ހިތް ރޯންފެށީ އާހިލް ބުނި ޖުމްލައިގެ ސަބަބުންނެވެ.

“މަށަށް އެނގޭ.” އާއިމާގެ ޖަވާބު ކުރުވެފައި އަސަރުގަދަ އެވެ. ކުރު ޖަވާބާއިއެކު އާއިމާ ހިނިތުންވީ ގަދަކަމުންނެވެ.

އާއިމާގެ ޖަވާބު ލިބުމުން އާހިލް އަށް ލިބުނު އުފަލުގެ ކޮޅެއްވެސް ނެތެވެ. އެކަމަކުވެސް އާހިލް އަށް ފުރަގަސްދީގެން އާހިލްގެ ކުރިމަތީގައި އިން އާއިމާ އާއި ދިމާއަށް އާހިލް އިސްއުފުލައި ބަލާވެސް ނުލައެވެ. މަޑުމަޑުން ލޮލުގެ ހިމަކޮޅުން އާއިމާ އަށް ފުރަތަމަ ފަހަރަށް ބަލައިލައިފިއެވެ. އާއިމާ އަޅައިގެން ހުރި ބުރުގާގެ ފަހަތުގައި އެލުވާފައި ހުރި މިނާ ފުއްތަކަށް ނަޒަރު ހުއްޓާލިއެވެ. ފަންކާއިން ޖެހެމުންދިޔަ ވަޔާއި އެކުގައި މިނާފުއްތައް ވެސް ނަށަމުންދެއެވެ. އެތަން ފެނިފައި އާހިލްގެ ހިތް ނުތަނަވަސް ވާން ފެށިއެވެ. އަވަސް އަވަހަށް އިސްޖަހައިލިއެވެ.

“މަށަށް އިންތިޒާރު ކުރާނަންދޯ؟” އާހިލްގެ އަމިއްލަ އަތްތިލައަށް ބަލަން އިނދެ ސުވާލުކުރި އެވެ.

“އާހިލް ބޭނުންތަ އަހަރެން އިންތިޒާރުކުރަން؟” އާއިމާ ވެސް ކުރީ ސުވާލެކެވެ. އާއިމާގެ އެ ސުވާލު އާހިލަށް ވެސް އިވުނެވެ.

“އަހަރެން އާނއެކޭ ބުނެފިއްޔާ ދެނޯ!؟” ތެޅިތެޅި އޮތް ހިތަކާއިއެކު އާހިލް ވެސް އަނެއްކާ ކޮށްލީ ސުވާލެކެވެ.

“އެންމެ ފަހު ނޭވާއާއި ހަމައަށްވެސް އަހަރެން އިންތިޒާރު ކުރާނަން.” އާއިމާގެ ޖަވާބު އިވުމުން އާހިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“އާއިމާގެ ވާތް އަހަންނާ ދިމާއަށް ދިއްކޮށްލަބަލަ.” އާހިލް ބުންޏެވެ. އާއިމާއަށް ތެޅިގަނެވުނެވެ.

އިތުރު އެއްވެސް އެއްޗެއް ނާހައި، މަޑުމަޑުން އާއިމާގެ އަތް އާހިލް އާއި ދިމާއަށް ދިއްކޮށްލި އެވެ. ޖެހިލުންވެ އިނދެ ލަސްލަހުން، އާއިމާގެ ނާޒުކު، ރީތި އަތްތިލައަށް އާހިލްގެ ނަޒަރު ހިންގައިލިއެވެ. ހަމަ އެވަގުތު އާހިލްގެ އަތްތިލަ ޖީންސްގެ ޖީބަށް ކޮއްޕާލައި ކޮންމެވެސް އެއްޗެއް ނަގައިފި އެވެ. އާހިލްގެ ދެ އިނގިލި ކުރިން ހިފަހައްޓައިގެން އިނދެ ވަރަށް ފަރުވާތެރިކަމާއެކު މަޑުމަޑުން އާއިމާގެ މުދިގަނޑު އިނގިލީގައި ރަން ރީތި އެހެއް ޖަހާފައިވާ އަނގޮޓިއެއް އަޅުވައިދިނެވެ. އާއިމާގެ އަތްތިލައިގައި އާހިލްގެ އިނގިލިކުރިވެސް ނުޖައްސައެވެ. އިނގިލީގައި ފިނިއެއްޗެއް ޖެހުމުން އާއިމާގެ ދެލޯ ބޮޑުވެން ދިޔައެވެ.

“ދެން އެންމެ ރަނގަޅު އަތް ނެގިޔަސް.” އާހިލް ބުންޏެވެ. އާއިމާގެ އަތް އަވަސް އަވަހަށް ދަމައިގަތެވެ. އިނގިއްޔަށް ބަލައިލުމާއެކު ލިބުނީ ހައިރާންކަމެވެ. ލިބުނީ ޝޮކެކެވެ. އަނގައިން ބަސް ހުސްވެ އެއްވެސް އެއްޗެއް ނުބުނެވުނެވެ.

އާހިލްގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެ ކަމަށް އާއިމާ ހީވެސް ނުކުރެއެވެ. އާހިލްގެ ހާލަކީވެސް ހަމަ އެއީއެވެ. އާއިމާގެ އިނގިލީގައި އެގޮތަށް އަނގޮޓިއެއް އަޅުވައިދޭން ކެރިދާނެކަމަށް ޚުދު އާހިލް ވެސް ހިއެއް ނުކުރެއެވެ. ނަމަވެސް އާހިލް ގެ ހިތް ބުނިގޮތަށް ޢަމަލު ކުރެވުނީ އެވެ.

“އަހަރެންވެސް އެނބުރި އަންނާނެ ކަމަށް ވަޢުދުވަން. ދެޓް ރިންގް އިޒް މައި ޕްރޮމިސް.” ވަރަށް އުނދަގުލުން ނަމަވެސް އާހިލް ބުނަން ބޭނުންވި އެންމެ މުހިންމު އެއްވާހަކަ ބުނެލިއެވެ. އެއާއެކު ދަބަސް ނަގައި ކޮނޑުގައި އަޅުވަމުން ކުލާހުން ނިކުންނަން ހިނގައިގަތެވެ. ޝޮކެއްގެ ތެރޭގައި ބަސް ހުސްވެފައި ވާ ހާލު އާއިމާ އެކަނި ބައިންދާފައެވެ.

އާހިލް ނިކުތުމުން އާއިމާ އަށް ފުން ނޭވާއެއް ލެވުނެވެ. ހީވީ ނޭވާ ހާސްވެ ގެނބެމުން ދިޔަ މީހަކަށް ނޭވާއެއް ލާނެ ފުރުޞަތެއް ލިބުނުހެންނެވެ. އިނގިލީގައި ވިދަވިދާ އޮތް އަނގޮޓިއަށް ބަލައިލުމާއެކު ބާރަށް ހީނގަނެވުނެވެ. ހީވާކަހަލަ އެވެ. އާއިމާގެ ހިތްވެސް އުފަލުން ބަންޑުންވަނީ އެވެ.

“އަލްޙަމްދު ލިﷲ.” ލޯ މަރައިލަމުން މަޑުމަޑުން އާއިމާއަށް ބުނެވުނެވެ.

މުޅި ދުވަސް ފާއިތުވެގެން ދިޔަގޮތްވެސް އާއިމާ އާއި އާހިލް އަށް ނޭނގޭ ކަހަލައެވެ. ދެކުދިންގެ ހިތްވެސް ވަނީ އުފަލުން ފޮޅިފައެވެ. ފޮނި އުއްމީދުތަކުން ހިތް ބަންޑުންވެ ހަށިތެރޭގައި ސުނާމީއެއް އުފެދިދާނޭވެސް ހީވާ ކަހަލައެވެ.

ނަމަވެސް އެދުވަހު އިރުއޮއްސުނީ ދެހިތަށް ވެސް މާޔޫސްކަން ގެނުވަމުންނެވެ. މިރެއަކީ އަކީ އާހިލް ފުރާ ރެއެވެ. އެހެންނަމަވެސް އެ ހިތްގައިމު ހަނދުވަރީ ރޭނގަނޑު އާއިމާގެ ހިތުގައި އެއްވެސް ނުތަނަވަސް ކަމެއް ނެތެވެ. އަބަދާއި އަބަދު އާއިމާއަށް ބެލެނީ އިނގިލީގައި އޮތް އަނގޮޓިއަށެވެ. އެއީ އާހިލް އެނބުރި އަންނާނެކަމަށް ވީ ވަޢުދުގެ ހެކިވެރިޔާއެވެ. ދުލެއް ނެތަސް، އިޙްސާސެއް ނެތަސް އެ އަނގޮޓިއަކީ ޒުވާން ލޯތްބެއްގެ ފުރަތަމަ އަހުދުކަށަވަރުގެ ހެކިވެރިޔާއެވެ. ހީވާކަހަލަ އެވެ. އާހިލް ވީ ވަޢުދުން އެކަނިވެސް މިވަގުތަށް އާއިމާ އަށް ފުދެއެވެެ.

“އަހަރެން އާހިލް އަށް އިންތިޒާރު ކުރާނަން.” އުޑުމަތީގައި ރަސްކަންކުރަމުންދާ ފުރިހަމަ ހަނދަށް ބަލައިލަމުން އާއިމާ ބުންޏެވެ. އެވަގުތު ދުރުދުރުން މަތިންދާބޯޓެއް މާލެއާއި ދުރަށް، ރާއްޖެއާއި ދުރަށް ދަތުރުކުރަމުން ދާތަން ވެސް އާއިމާގެ ލޮލުގައި އަޅައިގަތެވެ.

އާއިމާގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް އައުމާއިއެކު މާލެއާއި ދުރަށް ދަތުރުކުރަމުންދިޔަ މަތިންދާބޯޓަށް ހަނާއަޅައިލިއެވެ. އާއިމާއަށް ހީވާކަހަލަ އެވެ. އެ މަތިންދާބޯޓުގައި އާހިލް އިންނާނެއެވެ.

“އައިލް މިސް ޔޫ.” މަތިންދާބޯޓާއި ދިމާއަށް ބަލަމުން، އިނގިލީގައި އޮތް އަނގޮޓިއާއި ކުޅެމުން އާއިމާ ބުންޏެވެ.

ކުއްލިއަކަށް ދޮރުހުޅުވުނު އަޑަށް އެދިމާއަށް އާއިމާ އެނބުރުނު އިރު ދޮރުމަތީގައި ހުރީ ޒީނަތެވެ.

“ކިހިނެތްވީ މާ ނުގަޑިއެއްގަ؟ ކިހިނެތްތަ ހާލުކޮޅު؟” ޒީނަތާއި ކައިރިއަށް ފިޔަވަޅު އަޅަމުން އާއިމާ ބުންޏެވެ. އާއިމާ ހުރީ ސަމާސާ މޫޑެއްގައެވެ. ނަމަވެސް އޭރު ޒީނަތުގެ މޫނުމަތީގައި އެއްވެސް އުޖާލާކަމެއް ނެތެވެ. މާނޭވާލަމުން އާއިމާ އާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ ޒީނަތުގެ އެއްވެސް ހަރަކާތެއް ނެތެވެ.

ރޭގަނޑު އެހާ ދަންގަޑިއެއްގައި ޒީނަތު އެގެއަށް އައުމުން އާއިމާ ހުރީ ހައިރާންވެފައެވެ. އެއަށްވުރެން ބޮޑަށް ހައިރާންވީ ޒީނަތުގެ މޫނު ފެނިފައެވެ. އެ މޫނުމަތިން އެއްވެސް ކަހަލަ ދިރުމެއް ނުފެނެއެވެ. ކުރިއަށް އިތުރު ދެ ފިޔަވަޅެއް ޒީނަތާއި ދިމާއަށް އާއިމާ އެޅިއެވެ.

“އޭތް… ޒީ ކިހިނެތް ވެފަ ތިހުރީ؟” އަނެއްކާވެސް އާއިމާ ސުވާލުކުރިއެވެ.

“އެ….. އެ……” އެއްޗެއް ބުނެވޭތޯ ޒީނަތު މަސައްކަތް ކުރަންފެށިއެވެ. ނަމަވެސް ދުލާއި ހަމައަށް އޭނާގެ ހިތުގައި ހުރި ބަސްތައް ނައިސްގެން އުޅެނީއެވެ.

“އެ…. ކޮން އެއެއްތަ؟ ކީއްވީތަ ޒީ؟” އަޑަށް ބާރުލާފައި އާއިމާ ސުވާލުކުރިއެވެ. އާއިމާގެ ހިތް ބިރުގަންނަން ފެށުމުންނެވެ.

“އާހިލް…. އާހިލްގެ….” އަނެއްކާވެސް ޒީނަތު ބުނަން އުޅުނު ވާހަކަ ނުބުނެވިގެން ހުއްޓައިލިއެވެ. އެވަގުތު ޒީނަތުގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް އޮހިގެންފިއެވެ.

“ކީކޭ…. ޒީ ކިހިނެތްތަވީ…. އާހިލަށް ކަމެއްވީތަ؟” މިފަހަރު އާއިމާ އަށްވެސް ވާހަކަދެއްކުނީ ވަރަށް އުނދަގުލުންނެވެ. ހީވާކަހަލަ އެވެ. ހަމަ ދެންމެ ދެންމެ އާއިމާގެ ހިތް ހުއްޓެނީއެވެ.

“އާހިލް މެން ދަތުރުކުރި ބޯޓު ވެއްޓިއްޖެ. ދިރިހުރި އެއްވެސް މީހަކު އަދި ނުފެނެޔޯ.” ޒީނަތުގެ އަނގައިން ބޭރުވަމުންދިޔަ ބަސްތައް ހީވީ އާއިމާގެ މޭ ތޮރުފަމުން، ވީދަމުން ދިޔަހެންނެވެ. ޒީނަތުގެ އަޑު، އާއިމާގެ ކަންފަތަށް އިވުން ހުއްޓި، މުޅި ދުނިޔެ އާއިމާގެ ލޯމައްޗަށް އަނދިރިވާން ފަށައިފިއެވެ.

“ކީކޭ… ކީކޭ ޒީ ތިކިޔަނީ؟” ހަޅޭއްލަވައިގަންނަމުން އާއިމާ އަނެއްކާވެސް ކުރީ ސުވާލެކެވެ. އެ ސުވާލަށް ޒީނަތު ދޭނެ އެހެން ޖަވާބެއް އޮވެދާނެ ކަމަށް އާއިމާ އަށް އުއްމީދު ކުރެވޭކަހަލަ އެވެ. އާއިމާގެ ލަގޮނޑި އަނގަޔަށް އަންނަނީއޭ ހީވާވަރަށް ކަރުތެރެ ބެދިއްޖެއެވެ.

“އާހިލް މެން ދަތުރުކުރި ބޯޓު ކަނޑަށް ވެއްޓިއްޖެ. ….. އާހިލް މަރުވެއްޖެ!” ޒީނަތު މިހެން ބުނުމާއެކު އާއިމާގެ ހެޔަށް ގޮތްވެއްޖެއެވެ. ކަނޑާލި ރުކެއްހެން ތަޅުން މައްޗަށް އާއިމާ ވެއްޓިއްޖެއެވެ.

ސީޒަން 1 ނިމުނީ

ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.