ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މިބަލި އިންސާނުންނާއި ޖަނަވާރަށްވެސް ޖެހެއެވެ.

ނިޕާ ވައިރަސް (ނިވް NiV) އެންމެ ފުރަތަމަ ދެނެގަނެވުނީ 1998 ވަނަ އަހަރު މެލޭޝިޔާގެ ކަމްޕަންގ ސުންގައި ނިޕާ ގައި ފެތުރުނު ބަލިމަޑުކަމެއްގެ ތެރެއިންނެވެ. މި ބަލިމަޑުކަން ފެތުރުނުއިރު، ނިވް ވައިރަސް ފެނިފައިވަނީ އޫރުންނެވެ. އެހެންނަމަވެސް އޭގެ ފަހުން ނިޕާ ވައިރަސް ފެތުރުނު އެހެން ކާރިސާއެއްގައި ނިވް ވައިރަސް ފެނުނީ ވަކިމިވެނި ޖަނަވާރަކުންކަން އެނގޭކަށް ނެތެވެ. 2004 ވަނަ އަހަރު ބަންގްލާދޭޝްގައި އިންސާނުންނަށް ނިޕާ ވައިރަސް ޖެހުނީ މި ބަލީގެ ޖަރާސީމު ނުވަތަ ވައިރަސް ވާސިލްވެފައިވާ ވާތަކެއްގެ ފަރާތުން ރުކުރަލަށް އަސަރުކޮށްފައިވަނިކޮށް އެ ރުކުރާ ބޮވެނު ބަޔަކަށެވެ. މި ބައްޔަކީ އިންސާނުންގެ ގައިންގަޔަށް އަރާ ބައްޔެއްކަންވެސް މިހާރުވަނީ ރެކޯޑުކުރެވިފައެވެ. އެގޮތުން އިންޑިޔާގައި މި ބަލި ޖެހިފައިވާ ބަޔަކަށް ފަރުވާދިނުމުގައި ހަރަކާތްތެރިވި ނަރުހަކަށް ބަލިޖެހި އެ އަންހެން ނަރުސްމީހާ ވަނީ ނިޔާވެފައެވެ.

މިދުވަސްވަރު ނިޕާ ވައިރަސް އިންޑިޔާގެ ކެރެލާ އާއި ބަންގްލާދޭޝް ގައި ފެތުރެމުން އަންނައިރު، ދިވެހިރާއްޖެއަށް ވެސް މި ބަލީގެ ވައިރަސް އައުމުގެ ފުރުޞަތު އެބައޮތްކަމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ނިޕާ ވައިރަހަށް އަދި ވެކްސިނެއް ހޯދިފައި ނުވާއިރު ބަލިޖެހޭ މީހުންގެ 70 އިންސައްތަ މީހުން މަރުވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާތަކުން ދައްކާއެވެ.

ބަލީގެ އަލާމާތްތައް:

މިބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ބޮލުގައި ރިއްސުމާއި، ގައިގައި ރިއްސުމާއި، ކަރުގައި ރިއްސުން ހިމެނެއެވެ. ބަލިޖެހޭ ބައެއް މީހުންގެ ސިކުނޑިއަށް ބަލީގެ އަސަރުކޮށް ސިކުނޑި ދުޅަވެ ބޯއެނބުރުމާއި، ހެއަށް ގޮތްވުން އަދި ފިޓްޖެހުން ފަދަ އަލާމާތްތައް ފެނެއެވެ.

ނިޕާ ވައިރަސް ޖެހެނީ:

ނިޕާ ވައިރަސް ޖެހެނީ މޭޭވާ ކައިއުޅޭ ވާލާއި އޫރުންނާއި ބަލިޖެހިފައިވާ މީހުންގެ ގައިގެ ދިޔައިންނާއި ކުޑަކަމުދާ ތަކެތިންނެވެ. މީގެ އިތުރުން ވާ ހަފާފައި ހުންނަ މޭވާ ކެއުމުންނާއި މި ބަލީގެ ޖަރާސީމު އެކުލެވޭ އެއްގަމު މަހުގެ ބާވަތެއް ކެއުމުންނެވެ.

ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނިގޮތުގައި، ނިޕާ ބަލި ޖެހުމުން ބައެއް މީހުންނަށް އެ ބަލީގެ އެއްވެސް އަލާމާތެއް ނުފެނި ހިނގައި ދާނެ އެވެ. 

ނިޕާ ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެއް

ނިޕާ ވައިރަހުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

– ގަސްގަހުގައި ހުންނަ މޭވާ ވާލުން ސަލާމަތް ކުރުން.

– ރުކުރާ ނެގުމުގައި ވާލުން ރައްކާތެރި ކުރުން.

– މޭވާ ބޭނުން ކުރުމާއި ވިއްކުމުގައި އާންމު ސާފު ތާހިރު ކަމަށް ސަމާލުކަން ދިނުން (މޭވާ މަށައިގެން އަދި ރަނގަޅަށް ދޮވެގެން ބޭނުން ކުރުން)

ނިޕާ ވައިރަސް އަށް ވަކި ޚާއްޞަ ފަރުވާއެއް ނެތް:

މިބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ނުވެއެވެ. ޑެންގީއާއި ޒިކާ ފަދަ ބަލިތަކަށް ދޭ ފަރުވާ ފަދައިން މިބައްޔަށް ވެސް ފަރުވާދެނީ ބަލީގެ އަލާމާތްތަކަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.