ކުކުޅު ޝަވަރްމާ އަކީ ސޭންޑްވިޗްގެ ބާވަތެކެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ފަލަފެލް އާއި އަރަޔެސް ފަދަ ސޭންޑްވިޗްގެ ބާވަތްތަކާއެކު ގުނާލެވޭ މީރު ކެއުމެކެވެ. ޚާއްޞަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ހަވާދެއް ބޭނުންކޮށްގެން ތަފާތު ސްޓައިލެއްގައި ފިހެފައި ހުންނަ ކުކުޅުމަހާއި ތަފާތު ސޯސްތަކާއިއެކުގައި ތަރުކާރީގެ ބައެއް ބާވަތްތަކާއި ރޮށި ބޭނުންކޮށްގެން ތައްޔާރުކޮށްލާ ކުކުޅު ޝަވަރްމާ ހަދާނެގޮތް މިއަދު މުނިއަވަސް ރަހަފަތުގައި ގެނެސްދޭނަމެވެ.

ކުކުޅު ޝަވަރްމާ އަކީ ތައްޔާރުކޮށްލަން ފަސޭހަ ރަހަފަތެކެވެ. މިއީ ރޯދަވީއްލާ ގަޑިއަށް ވަރަށް އެކަށީގެންވާނެ ކެއުމެކެވެ. ހަމަ އެހެންމެ ބާބެކިޔު އާއި ޕިކްނިކް ތަކަށްވެސް ވަރަށް ފައްކާ ވާނެ ކެއުމެކެވެ.

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން ކުކުޅު ޝަވަރްމާ އަކީ ލ. އަތޮޅު މާމެންދޫގައި ވަރަށް ޢާއްމުކޮށް މިހާރަކަށް އައިސް ތައްޔާރުކުރަމުން އަންނަ ކެއުމެކެވެ. މުނިއަވަސް ގެ މި ރަހަފަތާއި މާމެންދޫ މީހުން ތައްޔާރުކުރާ ރަހަފަތާއި ތަފާތުތަކެއް ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ތައްޔާރުކުރުމަށް ހޭދަވާނީ – 10 މިނެޓް

ކެއްކުމަށް ހޭދަވާނީ – 10 މިނެޓް

ޖުމްލަ ހޭދަވާނީ – 20 މިނެޓް

ބޭނުންވާނެ ތަކެތި:

1 ކިލޯގްރާމް ކަށި ނެތް ކުކުކުޅު

ހަވާދުގަނޑަށް:

3-5 ލޮނުމެދު، ހިމުންކޮށް ޗަސްކޮށްފައި

1 މޭޒުމަތީ ސަމުސާ ކޮތަންބިރި (މުގުރާފައި)

1 މޭޒުމަތީ ސަމުސާ ދިރި (މުގުރާފައި)

1 މޭޒުމަތީ ސަމުސާ ކާފޫރުތޮޅި (މުގުރާފައި)

1 މޭޒުމަތީ ސަމުސާ އަސޭމިރުސް (މުގުރާފައި)

2 ސައިސަމުސާ ފޮޅިކުރި ހިކިމިރުސް (މުގުރާފައި)

2 ސައިސަމުސާ ލޮނު

2 ސައިސަމުސާ ލުނބޯ ހުތް

3 މޭޒުމަތީ ސަމުސާ ޒައިތޫނި ތެޔޮ

ޔޯގަޓް ސޯސް ތައްޔާރުކުރުމަށް:

1 ޖޯޑު ގްރީކް ޔޯގަޓް

1 ލޮނުމެދު ހިމުންކޮށް ޗަސްކޮށްފައި

1 ސައިސަމުސާ ދިރި

ލުނބޯ ހުތް

ލޮނު

އަސޭމިރުސް

ސާރވް ކުރުމަށް ބޭނުންވާ ތަކެތި:

06 ރޮށި

ލެޓިއުސް ފަތް

ޓޮމާޓޯ ތުނިކޮށް ފޮތިކޮށްފައި

ތައްޔާރުކުރާނެ ގޮތް:

1- ބޯތަށްޓެއްގައި ނުވަތަ ވީޑިއޯއިން ފެންނަގޮތަކަށް ކޮތަޅެއްގައި ހަވާދުގަނޑަށް ހުރި ބާވަތްތައް އެއްކޮށްލާށެވެ.

2- އޭގެ ތެރެއަށް ކޮށާފައި ހުރި ކުކުޅު މަސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ.

3- ކަމީރު ކުރުމަށް 24 ގަޑިއިރުވާންދެން ބަހައްޓާށެވެ.

4- ބޯތަށްޓެއްގައި ޔޯގަޓް ސޯސް ތައްޔާރުކުރުމަށް ހުރި ތަކެތި އެއްކޮށްލާށެވެ. ރަނގަޅަށް އެއްކޮށްލައި މަތިޖެހުމަށްފަހު ފްރިޖަށް ލާފައި ބަހައްޓާށެވެ. (މިއީ ފްރިޖްގައި 3 ދުވަސް ވާންދެން ހަލާކުނުވެ ބެހެއްޓޭނެ އެއްޗެކެވެ.)

5- ތަވާ/އަވަން/ބާބަކިޔު ސްޓޭންޑް ހޫނުކުރާށެވެ. ތަވާގައި ނުވަތަ ޓްރޭގައި ތެޔޮ ހާކާކަށް ނުޖެހޭނެއެވެ. ސަބަބަކީ ހަވާދުގައި އަދި ކުކުޅުގައިވެސް ތެޔޮކަމެއް ހުންނާނެތީ އެވެ.

6- ތަވާ/ޓްރޭގައި ކުކުޅު މަސްތައް ފިހަން ބަހައްޓާށެވެ. 4-5 މިނެޓް ތެރޭގައި ކުކުޅުތައް ރަތްވެލައި ރޯފިލަން ފަށާނެއެވެ. ކުކުޅުތައް ފުށުންޖަހައި ހުރިހައި ފަރާތެއްވެސް 4-5 މިނެޓް ވާންދެން ފިހަންވާނެއެވެ.

7- ކުކުޅު ފިހުމުން ފޮއިލް އަށްލާފައި އެއްފަރާތެއްގައި 5 މިނެޓް ވާންދެން ބަހައްޓާށެވެ.

ސާރވް ކުރާނޭގޮތް:

1- ކުކުޅު ތުނިކޮށް ކޮށައި ރޮށި މަތީގައި ބަރިބަރިއަށް ރީތިކޮށް އަތުރާލާށެވެ. ތައްޔާރުކުރި ސެލެޑާއި ޔޯގަޓް ސޯސްވެސް އަޅާށެވެ.

2- ލެޓިއުސް ފަތާއި ޓޮމާޓޯކޮޅު ރޮށިތެރެއަށް ލުމަށްފަހު، ރީތިކޮށް ރޮށި އޮޅާލާށެވެ. މިހާރު އެއޮތީ ކުކުޅު ޝަވަރްމާ ތައްޔާރުކުރެވިފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.