‘ސުނޯ ރަމަޒާން ކީ ދާސްތާން’ (ރޯދަމަހުގެ މިވާހަކަ އަޑުއައްސަވާށެވެ!) މިލަވައަކީ 1973ގައި ނިކުތް އާލަމް އާރާ ގެ ލަވައެކެވެ. އާލަމް އާރާއަކީ ފިލްމުގެ ބަތަލަށް ދެވިފައިވާ ނަމެވެ.

މި ފިލްމު ގުޅެނީ އިންޑިއާގެ އިސްލާމީ ތާރީޚާއެވެ. ވެރިކަންކުރައްވާ ރަސްރަސްކަލުންނާއި ރާޖާރާޖާއިން އެ ބޭބޭފުޅުންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ފިރިހެން ދަރިކަލުންނަށް ބޭނުންފުޅުވެއެވެ. ނަމަވެސް، ފިލްމުގައި ވެރިކަން ކުރައްވާ ރަސްގެފާނުގެ އަނބިކަނބަލުންނަށް ލިބިވަޑައިގަތީ އަންހެން ބޭފުޅެކެވެ. އާދެ، އާލަމް އާރާއެވެ. އާލަލް އާރާއާއި އެކުއެކީހެން ވަޒީރެއްގެ އަނބިކަނބަލަކު، ފިރިހެން ދަރިކަލަކާއިގެން ރައްކާވިއެވެ. އާލަމް އާރާއާއި ވަޒީރުގެ ފިރިހެން ދަރިކަލުން އޮޅުވާލެވި، ރަސްގެފާނުގެ ދަރިކަލުންގެ ގޮތުގައި ވަޒީރުގެ ދަރިކަލުން ބެލެވި، ވެރިކަން އޭނާގެ މައްޗަށް ފުރޮޅިގެންދާގޮތަކަށް ކަންތައްތައް ވެގެންދިޔައެވެ. އަދި، ވެރިކަން ހައްގުވާ ފަރާތްކަމުގައިވާ އާލަމް އާރާ، ގަނޑުވަރުން ބޭރުކުރެވި ފަގީރެއްގެ ކައިރީގައި އުޅުއްވަން ޖެހިވަޑައިގަތެވެ. މި ފަގީރަކީ ދީންވެރި ހެޔޮލަފާ ސާލިހު މީހެކެވެ. އަދި އޭނާގެ ކިބައިން އާލާމް އާރާވެސް މާތް ރިވެތި އަޚުލާގީ ސިފަތައް ލިބިވަޑައިގެން، ހެޔޮލަފާ ދީންވެރިއެއްގެ ގޮތުގައި ބޮޑުފުޅުވިއެވެ.

އަނެއްކޮޅުން، ރަސްގެފާނުގެ ވަޒީރު، ރަސްގެފާނު އަވަހާރަކޮށްލަން ނިންމެވިއެވެ. ވަޒީރުގެ ދަރިކަލުންނަށް ރަސްކަން ހޯއްދަވައި ދެއްވުމަށްޓަކައެވެ. ނަމަވެސް، ވަޒީރުގެ ނުރައްކަލުން ރަސްގެފާނު ސަލާމަތްވެވަޑައިގަތެވެ. އަދި، ރަސްގެފާނުގެ އަމިއްލަ ދަރިކަނބަލުން، އާލަމް އާރާއާއި ބައްދަލުވެވަޑައިގަތެވެ. އަދި، ދަރިކަނބަލުންގެ ހިތްވަރާއި މަސައްކަތްޕުޅުން، ވެރިކަން އަލުން ރަސްގެފާނުގެ އަތްޕުޅު މައްޗަށް އައިސް، އެންމެފަހުން، އާލަމް އާރާ ވެރިކަމަށް އިސްކުރެވުނެވެ. އަދި ފިލްމުގެ މެސެޖު – އަންހެނުންގެ މާތްކަމާއި މަތިވެރިކަން، ކެރުމާއި ހިތްވަރު – ރަސްގެފާނުގެ ދަރިކަނބަލުންގެ ޝަޚުޞިއްޔަތު މެދުވެރިކޮށް ފޯރުކޮށްދެވުނެވެ. އާދެ! އާލަމް އާރާގެ އަމަލުފުޅުން އޭނާ ސާބިތުކޮށްދެވީ، އޭނާގެ ނަންފުޅު ރަމްޒުކޮށްދޭ ފަދައިން އޭނާއަކީ ‘ދުނިޔޭގެ ޖަވާހިރެއް’ ކަމުގައެވެ. ހަމަ އެފަދައިން ކޮންމެ އަންހެނަކީވެސް އެފަދަ މީހަކަށްވުމުގެ ގާބިލުކަމާއި އެކަށޭނަކަން ލިބިގެންވާ މީހެއްކަމެވެ.

ސުނޯ ރަމަޒާން ކީ ދާސްތާން، މި ލަވައިގައި ދައްކުވައިދެނީ ރޯދައިގެ ބަރަކާތެވެ. ރޯދައިގެ ލާބައާއި މަންފާއެވެ. ކުޑަދަރިއަކު ރޯދަ ހިފާހިތުން، އެކުއްޖާގެ މައިންބަފައިންގެ ކިބައިން އެކަމަށް އެދުނެވެ. ނަމަވެސް، މައިންބަފައިން މިކަމާ ގަބޫލެއް ނުވިއެވެ. ދަރިފުޅު ކުޑަކަމުން، ރޯދައިގެ ބުރަ ތަހައްމަލު ނުކުރެވޭނެތީވެއެވެ. ނަމަވެސް، މި ނިންމުމާއި ދަރިފުޅު ނުރުހި، މައިންބަފައިންނަށް ސިއްރުން ހާރުކައިގެން ރޯދައަށް ހުއްޓެވެ. އަދި، ދަރިފުޅު ރޯދަ ވަރުވަރުބަލިވެ، ދެންވެސް ކެއުން ބުއިމަށް އިންކާރުކޮށް، އެންމެފަހުން، މަރުވީއެވެ. އެ ވަގުތު ގެއަށް ސޫފީ ފަކީރަކު އައެވެ. އަދި ރޯދަ ވީއްލުމުގައި ބައިވެރިކުރުމަށް އެދުނެވެ. ގޭތެރޭގައި ހިތާމަވެރިކަމެއް ފެތުރިފައިއޮތްކަން އެ ސޫފީ ފަކީރު ފާހަގަކޮށް، އެކަމުގެ ސަބަބު އޮޅުން ފިލުވިއެވެ. އަދި ދަރިފުޅުގެ ވާހަކަ އޭނާއަށް ކިއައިދެވުނެވެ. ދެން، އޭނާގެ އެދުމުގެ މަތިން، ދަރިފުޅު ހަށިގަނޑު އޮތްތަނަށް، ސޫފީ ފަކީރު،  ގެންދެވުނެވެ. އަދި، ދަރިފުޅު ރޯދަވިއްލަން ތެދުވުމަށް، އެ ފަކީރު ކަލޭގެ ބުނެ ގޮވާލިއެވެ. ދެން، ދަރިފުޅު ދެ ލޯ ހުޅުވާލައި ތެދުވިއެވެ. އަދި އެހިސާބުން ފަކީރު ގެއްލުނެވެ. އަދި، ގޭގެ ވެރިންނަށް އެނގުނީ އެއީ ފަކީރެއް ނޫންކަމާއި، މަލާއިކަތް ބޭކަލެއް ކަމެވެ. އާދެ، ރޯދައިގެ ބަރަކާތުން ދަރިފުޅު އަލުން ދިރުނީއެވެ. އަދި ލަވަ ނިންމާލަނީ، ހެޔޮލަފާ އިޚުލާސްތެރި އަމަލަކީ ގެއްލިނުދާނޭ ކަމެއްކަމާއި، އެކަމުގެ ފުރިހަމަ ސަވާބާއި އުޖޫރަ ލިބޭނޭކަން ފާހަގަކޮށްދެމުންނެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.