“މިރޭ ވެގެންދާނީ ވަރަށް ދިގު ރެޔަކަށް.” މިހެން ބުނުމާއެކު މިޝަލް ގެ ހެދުމުގެ ފުރަގަހަށް ސިބްޢަތުﷲ ގެ އަތް ގެންގޮސް ހެދުމުގެ ޒިބު ތިރިއަށް ކަހައިލިއެވެ.

މިޝަލް ގެ ދެލޯ ބޮޑުވެގެންދިޔަ އެވެ. ސިބްޢަތުﷲ ފަހަތަށް ކޮއްޕާލެވޭތޯވެސް މިޝަލް މަސައްކަތް ކުރިއެވެ. ނަމަވެސް ސިބްޢަތުﷲ އަކީ އެއަށްވުރެން މާވަރުގަދަ މީހެކެވެ. މިޝަލްގެ ހެދުން ބާލުވައިލައި އެއްފަރާތަށް ހޫރާލުމަށްފަހު އޭނާގެ މޫނުމަތީގައި ބާރު އެތިފަހަރެއް ސިބްޢަތުﷲ ގެ އަތަށް ލެވުނުހައި ބާރެއްލާފައި އަޅުވައިލިއެވެ. މިފަހަރު މިޝަލްގެ އަނގައިން ފަނޑުފަނޑު އާހެއް ބޭރުވުން ފިޔަވައި އެހެން އަޑެއް ނުއިވެއެވެ. ސިބްޢަތުﷲ ލައިގެން އިން ސޯޓު ބާލައި ހޫރާލަމުން ކޮޓަރީގެ ބޮކި ނިއްވައިލިއެވެ.

މުޅި އެރޭ ހަތަރުދަން މިޝަލް އަށް ހޭދަކުރަން ޖެހުނީ ރުއިމުގައެވެ. ސިބްޢަތުﷲ ގެ މުށުތެރޭގައި އޮވެއެވެ. ބަލިކަށި، ގޮތެއް ނެތް، ކަސްބީ އަންހެނަކަށްވުރެންވެސް ދެރަ ނިކަމެތި ހާލެއްގައެވެ. ސިބްއަތުﷲ ގެ ހަށިގަނޑުން ނިކުންނަމުންދިޔަ ގިނި ހޫނުކަން މިޝަލް އަށް އިހްސާސްކުރެވެމުން ދިޔައީ އެއްވެސް ފޮނި ރާހަތެއް ނެތިއެވެ. އަރާމެއް ނެތިއެވެ. ސިބްޢަތުﷲ ގެ ހަށިގަނޑުން ކޮށްލާ ކޮންމެ ހަރަކާތަކީ ދޮންދަގަނޑެއް މިޝަލްގެ ގަޔަށް ހެރިގެން ދިޔުންފަދަ ކަމެކެވެ. މިނިކާ ޖަނަވާރެއް ފަދައިން މިޝަލްގެ ހަށިގަނޑު ސިބްޢަތުﷲ ނޮޅައި ވީދަމުން، ހަލާކުކުރަމުން، ޖިސްމާނީ އަދި ނަފުސާނީ ޒަޚަމްތައް ދެމުންދިޔައީ ހަމައެކަނި އެންމެ ސަބަބަކަށް ޓަކައެވެ. ސިބްޢަތުﷲ ގެ އެބުނާ ‘އީގޯ’ އަށް ފުދޭވަރު ކޮށްދިނުމަށެވެ.

★★★

ގައިގެ އެތަން މިތަނުގައި އަޅަމުންދާ ވޭނުގައި ކުކުރަމުން ގިސްލަމުންވެސް މިޝަލް އަށް އޮންނަން ޖެހުނީ ސިބްޢަތުﷲ ކައިރީގައެވެ. ސިބްޢަތުﷲ އަށް ނިދުނުފަހުން މިޝަލް އަނެއްފަރާތަށް އެނބުރިގެން އޮވެ އަމިއްލަ ހާލާއި މެދު އެތައް އިރަކު ވިސްނައި ކަރުނަ އޮހޮރިއެވެ. އެހެން އޮވެއޮވެފައި އޭނާ ސިބްޢަތުﷲ އޮތް ފަރާތަށް އެނބުރި ސިބްޢަތުﷲ އަށް ބަލަން ފެށިއެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލުމަށްފަހު އަރާމު ނިންޖެއްގައި ސިބްޢަތުﷲ އެއޮތީ ގުގުރިދަމާފައި ނިދާށެވެ.

މިޝަލް އޭނާގެ ހަފުސްވެފައިވާ ހަށިގަނޑާއި ނަފުސާއި އެކުގައި މަޑުމަޑުން އެނދުން ތެދުވެއްޖެ އެވެ. ބެޑްޝީޓެއް ގައިގައި އޮޅާލަމުން ސިބްޢަތުﷲ އޮތް އެނދާއި ވީހައިވެސް ދުރަކަށް ހިނގައިގަތެވެ. ތަންކޮޅަކަށް ދެވުނުއިރަށް ގައިގައި އެއްވެސް ވަރެއް ނެތުމުން ވެއްޓިއްޖެއެވެ. ބިއްލޫރިން ހަދާފައިވާ ބިތްގަނޑުގެ ކުރިމައްޗަށެވެ. އޭރުވެސް ބޯކޮށް ވާރޭވެހެމުންދެއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި އުޑުމަތީގައި ކަޅު ވިލާތަކުން ވާރޭގެ ތިކިތަކެއްގެ ގޮތުގައި ފެން އޮހެމުންދާފަދައިން މިޝަލް ގެ ލޮލުންވެސް އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނައިގެ ސައިލެއް އޮހޮރެން ފަށައިފިއެވެ.

“ޔާﷲ…. މިއަޅާގެ އަށް ތިޔަ ކުރިމަތިކުރައްވަވަނީ ކޮންފަދަ ބޮޑު އިމްތިހާނެއްތޯ އެވެ؟” އުޑުމައްޗަށް ބަލަން އިނދެފައި ތަޅުންމައްޗަށް މިޝަލް ވެއްޓިގަންނަމުން އިލާހުވަންތަ ރަސްކަލާންގެއަށް ދަންނަވަން ފެށިއެވެ.

މިޝަލް ގެ ހުރިހައި އެއްޗެއް ގެއްލުނީ އެވެ. ކައިވެނި ކުރެވުނީ ލޯބިނުވާ މީހަކާއެވެ. އެމީހާ މިޝަލްގެ އަބުރާއި ޝަރަފާއި ޤަދަރުވެސް ވެއްޔާ މޮޑެލައިފިއެވެ. އެ ނުލަފާ މީހާއަށްޓަކައި އޭނާގެ ހުރިހައި އެއްޗެއް ގެއްލިއްޖެއެވެ. ފުން ނިންޖެއްގައި އޮތް ސިބްޢަތުﷲ އަށް އަނެއްކާވެސް މިޝަލް ބަލަންފެށިއެވެ. ސިބްޢަތުﷲ އެއޮތީ މިޝަލް ގެ ހިތާއި ރޫހް އެތަކެއް އެތިކޮޅު ތަކަކަށް ކުދުކުދި ކޮށްލުމަށްފަހު ނިދާށެވެ. މިޝަލް ދެލޯ މަރައިލިއެވެ. ހުރިހައި ހަރުކަށިކަމެއް، ހުރިހައި ހިނދުކޮޅުތަކެއް އަނެއްކާވެސް އޭނާގެ ލޮލަށް ސިފަވާން ފަށައިފިއެވެ. އޭނާގެ ކައިވެނީގެ ފުރަތަމަ ރޭ، އަލަތު ފިރިމީހާގެ ފަރާތުން ލިބުނު ހިތްދަތި އަނިޔާތަކެވެ. މީގެ އިރުކޮޅެއްކުރިން ހިނގި ކަމެއްނަމަވެސް އަނެއްކާވެސް އެ މަންޒަރުތައް ޚިޔާލުގެ ފީތާފަށުން ދައްކަން ފެށުމާއެކު މިޝަލް އަށް އިތުރު ހިތްދަތިތަކެއް ލިބެމުންދިޔައެވެ.

***~~~***

އާދުވަހަކަށް އިރުއެރީ މިޝަލް އަށް ކިތަންމެހާވެސް ދިގު ރެޔަކަށް ފަހުގައެވެ. ނަމަވެސް ސިބްޢަތުﷲ އެއީ ހަމަ އާދައިގެ ރެޔެކެވެ. އަރާމު ނިންޖަކުން ހޭލެވުމުން ސިބްޢަތުﷲ އަވަސްވެގަތީ ފެންވަރައި ތާހިރުވުމަށެވެ. ފެންވަރައިގެން ނިކުތްއިރު ސިބްޢަތުﷲ ހުރީ ވަރަށް ހަމަޖެހިލާފައެވެ. މިޝަލް ލިބުމުން އޭނާއަށް އެ ހުރެވެނީ ލައްކަ އުފާވެރިކަމަކާ ފޮނިކަމެއް ލިބިފައެވެ. އޭރު މިޝަލް ވެސް ފެންވަރައިގެން ނިކުމެ އޭނާގެ ތެތް އިސްތަށިގަނޑުގައި ފުނާއަޅަން ހުރީ ލޯގަނޑު ކުރިމަތީގައެވެ. ލައިގެން ހުރީ ރަތްކުލައިގެ ހެދުމެކެވެ. މިޝަލް ގެ ތެތް އިސްތަށިގަނޑު ކޮނޑުމައްޗަށް ވައްޓާލާފައި އޮތެވެ. މިޝަލްގެ ލޮލުން ފެންނަނީ ރޭ ހަތަރުދަމު ރުއިކަމުގެ ނިޝާނެވެ. ދެލޯ ހުރީ ރަތްވެފައެވެ. ދުޅަވެފައެވެ. ފުނާއަޅައި ނިމިގެން އާދައިގެ ބުރުގާއެއް ބޮލަށް ވައްޓައިލަމުން ހިނގައިގަތެވެ. އޭރު ސިބްޢަތުﷲ އޭނާ އާއި ދިމާއަށް އަންނަކަން ހަމަ ރަނގަޅަށްވެސް މިޝަލް އަށް އެނގުނެވެ. އެހެންނަމަވެސް އަޅައިވެސް ނުލާ ނިކުންނަން ހިނގައިގަތެވެ.

“ގުޑް މޯރނިން ސިބްޢަތުﷲ ގެ އަނބި ގޮއްޔޭ.” ސަމާސާ މޫޑެއްގައި ސިބްޢަތުﷲ ބުންޏެވެ. މިޝަލް އަނގައިންވެސް ނުބުނެއެވެ.

“ބޮޑުދައިތަ އެބަހުއްޓޯ އަހަރުންގެ އިންތިޒާރުގަ.” ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް ކަމުން މިޝަލް ބުންޏެވެ. ސިބްޢަތުﷲ އަށް ހުރެވުނީ ހައިރާންވެފައެވެ.

ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް ބަލައިލިއެވެ. ސިބްޢަތުﷲ ގެ ދެލޮލަށެވެ. ސިބްޢަތުﷲ ހުއްޓިގެން ހުރީ މިޝަލްގެ ކުރިމަތީގައި ހުސްގަޔާ އެވެ. ރޭގައިވެސް ދެއްކި ބިރު މިޝަލް އަށް އޭނާ ދައްކަން ބޭނުންވާތީ އެވެ. ނަމަވެސް މިޝަލް ގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ.

“ކަލޭގެ މަންމަ އައި އަހަރުމެން ތިރިއަށް ނުގޮސްގެން ގޮވަން.” އަނެއްކާވެސް މިޝަލް ވާހަކަދެއްކިއެވެ. ޑްރެސިންގ ޓޭބަލް ކައިރިއަށް ގޮސް ތުންފަތުގައި ލިޕް ގްލޮސް ކޮޅެއް ހާކަން ފެށިއެވެ. ތުންފަތުގައި ލިޕް ގްލޮސް ހާކަމުން އޭނާ އަނެއްކާވެސް ސިބްޢަތުﷲ އާއި ދިމާއަށް އެނބުރުނެވެ. އޭރުވެސް ސިބްޢަތުﷲ ހުރި ފިޔަވަޅު މަތީގައި ހުރީއެވެ. މިޝަލް އެނބުރިލުމުން ސިބްޢަތުﷲ އޭނާ އާއި ކައިރިއަށް ޖެހިލިއެވެ. ވަރަށް ބާރަށް މިޝަލްގެ ދެއަތުގައި ހިފެހެއްޓިއެވެ. ވީތަދުން މިޝަލް ގެ އަނގައިން ވައި އަޑެއް ބޭރުވިއެވެ. ތަނޑިތަކުން އޭނާގެ އަތުގައި ރޭގައި ލާފައިހުރި ޒަޚަމް ތަކަށް މިޝަލް އަށް ބަލައިލެވުނެވެ.

“ކަލޭ ކޮންކަމެއް ސާބިތުކުރަން ތިއުޅެނީ؟ ތީ ކޮންހާ ކަންތައްގަނޑެއް؟” މިޝަލް ގެ މޭކަޕާއި ލައިގެންހުރި ހެދުމަށް އިޝާރާތް ކޮށްލަމުން ސިބްޢަތުﷲ ބުންޏެވެ.

“އެއްވެސް ކަމެއް ސާބިތުކުރާކަށް ނޫޅެން. އަހަރުމެން ނުގޮސްގެން މިހާރު އެމީހުން ލަސްވެގެން އުޅޭނެ.” ޖަވާބުދެމުން މިޝަލްގެ އަތް ފޮޅުވައިލިއެވެ.

“އަލަމާރިގަ ހުންނާނެ ކަލޭގެ ގަމީހާ ފަޓުލޫނު ތައްޔާރުކޮށްފަ. ދެން ދޭބަލަ އެއްޗެހި ބަދަލުކޮށްލަން.” ކޮޓަރިން ނިކުންނަމުން ވަރަށް އާދައިގެ ގޮތަކަށް މިޝަލް ބުންޏެވެ. ސިބްޢަތުﷲ އަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ހައިރާންވެފައެވެ.

 

މިޝަލް ނިކުމެގެން ދިޔައިރުވެސް ސިބްޢަތުﷲ އަށް ހުރި ފިޔަވަޅުމަތީގައި ކޮޅަށް ހުރެވުނީއެވެ. މިޝަލް އަށް އެ އައި ބަދަލު އޭނާއަށް ޤަބޫލުކުރަން ދައްޗެވެ. އޭނާ ބޭނުންވީ ނިކަމެތިވެފައިވާ މިޝަލް އެއް ދެކޭށެވެ. ގޮސް ހުސްވެފައިވާ މިޝަލް އެއް ދެކޭށެވެ. ރޭގައި މިޝަލް އަށް އެހާވަރެއް ކޮށްލީވެސް އެބޭނުމުގައެވެ. އެކަމަކު މިއަދު މި ފެނިގެން ދިޔައީ ވަރަށް ހަމަޖެހިލައިގެން ހުރި މިޝަލް އެކެވެ. ގޮތްހުސްވެފައިވާ މިޝަލް އެއް ނޫނެވެ. އޭނާ ބޭނުންވީ މިޝަލްގެ ލޮލުން މިއަދުވެސް ކަރުނަ ފެންނާށެވެ. އެކަމަކު މިޝަލްގެ ލޮލުން ކަރުނައި އެންމެ ނީރުމެއްވެސް ފެންނާކަށް ނެތެވެ.

އަލަމާރި ކައިރިއަށް ގޮސް ދޮރުހުޅުވާފައި ބަލައިލިއިރު އޭނާއަށް އެންމެ ކަމުދާ ގަމީހާއި ފަޓުލޫނު ނުލާހިކު ރީތިކޮށް އިސްތިރިކޮށްފައި އޮތެވެ. އޭނާގެ ހުދު ގަމީހާއި ކަޅު ފަޓުލޫނެވެ. އެއްޗެހި ބަދަލުކޮށްލައި ބޮލުގައި ފުނާއަޅައި ތައްޔާރުވެލިއެވެ. އޭރު އޭނާގެ ސިކުނޑިތެރޭގައި އުފެދިފައިވާ ހައިޖާނުގަނޑުވެސް ކޮންމެވެސް ވަރަކަށް މައިތިރިވެއްޖެ އެވެ.

***~~~***

 

ދުވަސްތައް ހޭދަވަމުންގޮސް މިޝަލް އާއި ސިބްޢަތުﷲ ގެ ކައިވެންޏެއް މަސްދުވަސް ފާއިތުވެއްޖެއެވެ. ހުރިހައި ކަމެއްވެސް ކުރިއަށްދިޔައީ ހަމަ އާދައިގެ ގޮތަކަށެވެ. ދެމީހުންވެސް ދިރިއުޅެމުން ދިޔައީ އެއް ކޮޓައިއެއްގައި އެހެނަސް ދުރުގައެވެ. ކައިވެނީގެ ފުރަތަމަ ރޭގެ ފަހުން މިޝަލް އާއި ގައިގޯޅިވުމަކަށް ސިބްޢަތުﷲ މަސައްކަތެއް ނުކުރެއެވެ. އެދުވަހަށްފަހުން އޭނާ މިޝަލް އާއި ދިމާއަށް ބަލައިވެސް ނުލައެވެ. ދެމީހުންނަކީވެސް ބީރައްޓެހި ޙަޔާތުގެ ދެބައިވެރީންނެވެ.

ކައިވެނީގެ ފުރަތަމަ ރެޔަށްފަހު އެކަކުވެސް އަނެކަކާއި ކައިރިވާކަށް އަދި ވާހަކަ ދައްކާކަށްވެސް ނޫޅެއެވެ. ދެމީހުންވެސް އެމީހުންގެ މަޤާމުގައި ތިބީ ހަނުއެވެ. ހިތުތެރޭގައި އެތަކެއް ހާސް ޝުޢޫރުތަކަކާއި އުދާސްތަކެއް ފޮރުވައިގެންނެވެ. މިޝަލްގެ ހަނުހުރުން ސިބްޢަތުﷲ އަށް އުނދަގޫކުރަމުން ދިޔައީ އިންތިހާއަށެވެ. މިޝަލް އޭނާ އާއި ވާހަކަދެއްކުމަށް ސިބްޢަތުﷲ ގެ ހިތް އެދެމުންދެއެވެ. އޭނާއާއި ޒުވާބުކޮށް އަރައިރުންވުމަށް އެދެއެވެ. އެހެނަސް މިޝަލްގެ މިޒާޖުން ފެންނަމުންދަނީ އާދަޔާޚިލާފް ހަނުކަމެކެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.