ކައިވެނީގެ ފުރަތަމަ ރެޔަށްފަހު އެކަކުވެސް އަނެކަކާއި ކައިރިވާކަށް އަދި ވާހަކަ ދައްކާކަށްވެސް ނޫޅެއެވެ. ދެމީހުންވެސް އެމީހުންގެ މަޤާމުގައި ތިބީ ހަނުއެވެ. ހިތުތެރޭގައި އެތަކެއް ހާސް ޝުޢޫރުތަކަކާއި އުދާސްތަކެއް ފޮރުވައިގެންނެވެ. މިޝަލްގެ ހަނުހުރުން ސިބްޢަތުﷲ އަށް އުނދަގޫކުރަމުން ދިޔައީ އިންތިހާއަށެވެ. މިޝަލް އޭނާ އާއި ވާހަކަދެއްކުމަށް ސިބްޢަތުﷲ ގެ ހިތް އެދެމުންދެއެވެ. އޭނާއާއި ޒުވާބުކޮށް އަރައިރުންވުމަށް އެދެއެވެ. އެހެނަސް މިޝަލްގެ މިޒާޖުން ފެންނަމުންދަނީ އާދަޔާޚިލާފް ހަނުކަމެކެވެ.

***~~~***

ސިބްޢަތުﷲ ކޮޓަރީގެ ދޮރު ހުޅުވައިލިއިރު މިޝަލް ހުރީ ތައްޔާރުވާށެވެ. އޭނާ ލައިގެން ހުރީ ފައިގެ ތަނބިކަށްޓާއި ހަމައަށް ފޯރާވަރުގެ މަޑުފެހިކުލައިގެ ދިގު ފްރޮކެކެވެ. މިޝަލްގެ ކޮންމެ ހަރަކާތަކަށް ބަލަން ސިބްޢަތުﷲ އަށް ހުރި ފިޔަވަޅުމަތީގައި ހުރެވުނީއެވެ. މިޝަލް ބުރުގާ އަޅައި ނިމިގެން އަތުގައި ކެވެލިކޮޅާއި ގަޑި އެޅިއެވެ. ކަރުގައި ރިހިފަށެއް އަޅައި ބުރުގާ  ތެރެއަށް ލިއެވެ. ބޫޓަށް އެރުމަށް އެނބުރިލި ވަގުތު މިޝަލް އަށް ސިބްޢަތުﷲ ފެނުނެވެ. މިޝަލްގެ ކޮންމެ ހަރަކާތަށް ނަޒަރު ހިންގަމުން ދިޔަ ސިބްޢަތުﷲ ގެ ބެލުން އެހެން ދިމާއަކަށް އަވަސް އަވަހަށް އަނބުރާލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

“އެބަހުރިން ދޯ؟” ވަރަށް މަޑުމަޑުން މިޝަލް ބުންޏެވެ.

“ހޫމް” ޖަވާބުދެމުން ސިބްޢަތުﷲ ބޫޓު ބާލަން ފެށިއެވެ.

“އަލަމާރީގަ ހުންނާނެ ސިބްޢަތުﷲ ލާންވީ އެއްޗެހި ތައްޔާރުކޮށްފަ. އަހަރެން މިދަނީ ތިރިއަށްދާން. ނިޝާ އިންނާނެ އަހަރެން ނުގޮސްގެން މިހާރު.” މިޝަލް މިހެން ބުނަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ނަމަވެސް އެވަގުތު މިޝަލް ގެ އަތުގައި ސިބްޢަތުﷲ ހިފަމުން އޭނާއާއި ކައިރިއަށް ދަމައިގަތެވެ.

ސިބްޢަތުﷲ އާއި ކައިރިއަށް މިޝަލް ގެނެސް ގައިގައި ޖައްސާލަމުން މިޝަލް ގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެވަގުތު މިޝަލް އަށް ލިބުނު ހައިރާންކަމުގައި ދެލޯ ބޮޑުކޮށްލެވުނެވެ. ވޭތުވެދިޔަ މަސްދުވަހު ސިބްޢަތުﷲ ގެ ފަރާތުން މިފަދަ ހަރަކާތެއް ފެނިފައެއް ނުވެއެވެ. މިޝަލް ގެ ގައިގައި އިނގިލިކުރި ޖައްސާލާފަވެސް ނުވެއެވެ. އެހެންކަމުން މިޝަލް އަށް ލިބުނީ ކުއްލި ބިރުވެރިކަމެކެވެ. މިޝަލްގެ އުޖާލާ މޫނަށް ބަލައިލަމުން ސިބްޢަތުﷲ ކަރުކެހިލިއެވެ.

“ކީއްކުރަން ކަލޭ ކުރާކަމެއް ތީ؟ ކޮން ކަމަކަށް މާވަރަކަށް ނަލަ ތިހެދެނީ؟” މިޝަލް ލައިގެން ހުރި ހެދުމާއި ކޮށްގެން ހުރި މޭކަޕަށް އިޝާރާތް ކޮށްލަމުން ސިބްޢަތުﷲ ސުވާލުކުރިއެވެ.

“ކަލޭ ކާކަށް ތިއްތި ދައްކައިގެން މާ ސަޅިކަމެއް ދައްކަން ތިއުޅެނީ. ބަލަ އަހަރެން ބުނެފީމެއްނު ތީކީ މާކަ ރީތިމީހެއް ނޫނޭ.” ސިބްޢަތުﷲ ބުންޏެވެ. އެވަގުތު ސިބްޢަތުﷲ ދުރަށް ކޮށްޕައިލަމުން ސިބްޢަތުﷲ ގެ އަތްދަށުން މިޝަލް ސަލާމަތްވިއެވެ.

“މަށަށް އެނގޭ މަށަކީ ރީތި މީހެއް ނޫންކަން. އެހެން ނޫނަސް އަހަރެން މި ރީތިވީކީ ކަލެއަށް ދެއްކޭކަށް ނޫން.” މިޝަލް ލައިގެން ހުރި ހެދުމަށް އިޝާރާތް ކޮށްލަމުން ސިބްޢަތުﷲ އަށް ރައްދުދެމުން ކޮޓަރިން ނިކުމެއްޖެ އެވެ.

 

މިޝަލް ދިއުމުން ސިބްޢަތުﷲ ހީނލިއެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފަނޑުވެގެން ހިނގައްޖެއެވެ. ފުން ނޭވައެއް ދޫކޮށްލަމުން ފާޚާނާއަށް ވަދެ ބޯ ތެންމާލައިގެން ނިކުމެ އެއްޗެހި ބަދަލުކޮށްލިއެވެ.

މިއަދަކީ ސިބްޢަތުﷲ މޫނު ކުނިކޮށްގެން ހުންނަން ބޭނުންވާ ދުވަހެއް ނޫނެވެ. މިއަދަކީ އޭނާގެ ކޮއްކޮ ނިޝާގެ ކައިވެނީގެ ކުރިން ބާއްވާ ކުޑަކުޑަ ހަފުލާއެއް އޮންނަ ދުވަހެކެވެ. ހުރިހައި ތައްޔާރީތަކެއް މިހާރުވަނީ ކޮށް ނިމިފައެވެ. އެމީހުންގެ ބޮޑު ގެއާއި ގޯތިތެރެ އޮތީ ކުލަބޮކިން ޖަރީކޮށްފައެވެ. ހުރިހައި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމުގެ ހިނިތުންވުމެވެ. ނިޝާ ގެ ކައިވެނީގެ ކަންތައްތައް ހަމަޖެހުމުން އެންމެންވެސް ތިބީ އުފަލުންނެވެ. ވޭތުވެދިޔަ އެއްމަސް ތެރޭގައި މިޝަލް ވަނީ ސިބްޢަތުﷲ ގެ ޢާއިލާ ގެ ދިރިއުޅުމަށް ހޭނިފައެވެ. މިހާރު މިޝަލް ގެ އުޅުމާއި ގެވެހިކަން ހުންނަގޮތުން ހީވަނީ ހަމަ އެއާއިލާގެ އަސްލު މެންބަރެއް ހެންނެވެ. އެހެންނަމަވެސް މިޝަލް އަށް އަދިވެސް ހުރެވެނީ ނެގިމަޑުވެފައެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލެވިފައެވެ. އެއްމަސް ކުރިން ސިބްޢަތުﷲ ގެ އާއިލާ އާއި ބައްދަލުކުރި އަނގަގަދަ، ސަކަ މިޒާޖުގެ މިޝަލްއެއް އަދިވެސް ނުފެނެއެވެ. މިޝަލްގެ ހިނިތުންވުން، މިޝަލްގެ އަޑާއި ކުރިންހުރި ލާނެތްކަމެއް މިހާރަކު ނެތެވެ. އެއްވެސް ކަމެއް ކުރިއަކާއި އެއްގޮތެއް ނޫނެވެ. މިޝަލްގެ ގެއްލިފައިވާ ‘ފަރާތް’ ދުށުމަށް އެންމެންވެސް ބޭނުންވެއެވެ. އެކަމަކު ސިބްޢަތުﷲ ފިޔަވައެވެ.

 

“އާޗާ.. ފަހަރި ހާދަ ސަޅިއޭ.” މިޝަލް ފެނުމުން ނިޝާ ގޮވައިލިއެވެ. މިޝަލް އާއި ދެބެންގެދެދަރި ހުރިހައި ކުދިންވެސް މިޝަލް އަށް މުޚާޠަބު ކުރަނީ ފަހަރި ކިޔާފައެވެ.

ނިޝާގެ ތަޢުރީފަށް މިޝަލް ހިނިތުންވެލަމުން ނިޝާ ތައްޔާރުކުރަން ފެށިއެވެ. މިޝަލްގެ ދެބެންގެދެދަރި އަންހެން ކުދިންތައްވެސް އެ ކޮޓަރީގައި ތިއްބެވެ. ހުރިހައި އަންހެން ކުދިންގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. މުޅި ގޭތެރެ ވަނީ ހުނުމާއި އުފާވެރިކަމުގެ ބަސްތަކުން ފުރިފައެވެ. ނިޝާ ތައްޔާރުކޮށް ނިމުމުން ހުރިހައި އަންހެންކުދިންތައް ނިޝާ ގޮވައިގެން ތިރިއަށް ދިޔައެވެ. ސިޓިން ރޫމްގައި ތިބީ ހަމައެކަނި އާއިލާގެ މެންބަރުންނާއި ނިޝާގެ ވާންއުޅޭ ފިރިމީހާގެ އާއިލާ މެންބަރުންނެވެ. ނިޝާ ގެ އާއިލާ އިން ބޭނުން ނުވިޔަސް ނިޝާގެ ވާންއުޅޭ ފިރިމީހާގެ އާއިލާއިން ބޭނުންވީ އެންގޭޖްމެންޓް ހަފުލާއެއް ބާއްވާށެވެ. ޒަމާނީ ވިސްނުމަށް ތާއިދު ނުކުރިޔަސް ސިބްޢަތުﷲ އާއި އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮގެ އުފަލަށްޓަކައި އެމީހުން އެކަމާ އެއްބަސް ވީއެވެ. އެހެންނޫނީ މިއީކީ ދީނީ ހަރުކަށި ސިޔާސަތެއް ގެންގުޅޭ އެ އާއިލާ އެއްގޮތަކަށްވެސް ރުހޭ ކަމެއް ނޫނެވެ.

ސިޓިންގރޫމަށް ވަނުމާއެކު މިޝަލްގެ ލޮލުގައި އަޅައިގަތީ ސިބްޢަތުﷲ އެވެ. ސިބްޢަތުﷲ ލައިގެންހުރި އަތްދިގު ގަމީހާއި ފަޓުލޫނު އޭނާއާއި ގުޅޭލެތް ބޮޑުކަމުން ސިބްޢަތުﷲ ޗާލުކަމާއި ސްމާޓްކަން މިޝަލް އަށް ފާހަގަކުރެވުނެވެ. ސިބްޢަތުﷲ އަށް މިޝަލް ބަލައިލި ވަގުތު ކޮންމެވެސް ކަމަކާ ސިބްޢަތުﷲ ހިނިތުންވެލިއެވެ. އެވަގުތު މިޝަލްއަށް އިސްޖަހައިލެވުނެވެ. ނިޝާ ގެންގޮސް ސޯފާގައި ބޭންދުމާއެކު އާއިލާގެ އަންހެނަކު އައިސް އެންގޭޖްމެންޓް ހަފުލާ ފެށިއެވެ. ނިޝާގެ އިނގިލީގައި އަނގޮޓި އަޅުވައިލުމާއެކު އެންމެންގެ އަތްތިލަބަޑިން މުޅި ސިޓިންގރޫމް ގުގުމާލި ކަހަލައެވެ. ސިބްޢަތުﷲ އާއި މިޝަލް ވެސް އަތްޖަހަމުން އެކަކު އަނެކަކަށް ހިތްގައިމު ހިނިތުންވުމެއް ދިނެވެ. ދެމީހުންނަށް އެކަކު އަނެކަކަށް ރަނގަޅަށް ބަލައިލެވުމާއިއެކު ޖަހަމުންދިޔަ އަތްތިލަބަޑި އަށް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުމެއްއައި ކަހަލައެވެ.

“ފަހަރީ.” ސިބްޢަތުﷲ ގެ އަނެއް އަންހެން ކޮއްކޮ ނީޝާ ގެ އަޑަށް މިޝަލް އަށް ހޭވެރިކަން ވެއްޖެއެވެ.

ނީޝާ އާއި ދިމާއަށް އެނބުރިލަމުން ނީޝާ އާއެކު މިޝަލްވެސް ހިނގައިގަތެވެ. ރިފްރެޝްމެންޓުގެ ކަންތައްތަކައިގެން މަސްޢޫލުވުމަށެވެ. މިޝަލް އަށް މިހާރު ކުރެވެމުން އެދަނީ ކޮންފަދަ އިހްސާސެއްކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. އެ އުފާވެރި މަހެފިލްގައި ހުރިއިރުވެސް އިރުއިރުކޮޅުން މިޝަލްގެ ދެލޮލުން ކަރުނަ ފޫއްދާލައެވެ.

“ފަހަރީ …. އަނެއްކާ އޯކޭތަ؟” މިޝަލް ހުރިގޮތް ފެނިފައި ނީޝާ އަށް އަހައިލެވުނެވެ. އެވަގުތު މިޝަލްގެ ކަރުނުން ފުރެން ކައިރިވެފައިވާ ދެލޯ ފޮހެލަމުން އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.

‘ކަލޭ އެއްވެސް ރީއްޗެއް ނޫން.’

ސިބްޢަތުﷲ ގެ މި ޖުމްލަ މިޝަލްގެ ކަންފަތްދޮށުގައި ގުގުމަންފެށިއެވެ. މިއީ ސިބްޢަތުﷲ އެހެން ބުނުމުން މިޝަލް ދެރަވި ފުރަތަމަ ފަހަރެވެ. ވޭތިވެދިޔަ މަސްދުވަސް ތެރޭގައި ސިބްޢަތުﷲ ގެ އަނގައިން މި ޖުމްލަ އެތައް ފަހަރަކު ބޭރުވި އަޑު އޭނާއަށް ވަނީ އިވިފައެވެ. އެހެންނަމަވެސް މިފަހަރު ނޫނީ އެކަމާ މިޝަލް ހިތުގައެއް ނުޖެހެއެވެ. ދެރައެއް ނުވެއެވެ. އެކަމަކު މިއަދު މިވަނީ ކިހިނެތްކަން ޚުދު އޭނާއަށްވެސް ނޭނގެއެވެ. ތަށިތަށްޓަށް ހެދިކާ އަޅަން ހުރި ނީޝާ އާއި ދިމާއަށް މިޝަލް އެނބުރުނެވެ.

“އޫމް….ނީޝް.” ނީޝާ އަށް މިޝަލް ގޮވައިލިއެވެ. ނީޝާ އަވަސް އަވަހަށް އޭނާގެ ފަހަރިއާއި ދިމާއަށް އެނބުރުނުވެ.

“އަހަރެން…. އަހަރެން އެއްޗެއް އަހައިލަންތަ؟” މިޝަލް ހުއްދައަށް އެދުނެވެ.

“އައްދޭ… ފަހަރި ކޮންމެހެން ހުއްދަ ހޯދަން ޖެހޭތަ؟ ތި އަހަން އުޅޭ އެއްޗެއް އަހާބަލަ ދެންވެސް.” މިޝަލް އާއި ދިމާކޮށްލަމުން މަޖާ ގޮތަކަށް ނީޝާ ޖަވާބުދިނެވެ.

“އަހަރެން….. އަހަރެން….. އަޅެ އަހަރެން މީ ހުތުރު މީހެއްތަ؟” ވަރަށް އުނދަގުލުން މިޝަލް ގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ބޭރުކޮށްލިއެވެ. އެވަގުތު ނީޝާގެ ހިނިގަނޑު ފަޅައިގެންގޮސް ބާރަށް ހޭންފެށިއެވެ. ނީޝާ ހޭންފެށުމުން މިޝަލް ގަތީ ބިރެވެ.

“ރީތިހޭ!!؟؟” ހެމުންހެމުން ނީޝާ ވެސް ކުރީ ސުވާލެކެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.