މުނިއަވަސް ރަހަފަތުގައި މިފަހަރު މިގެނެސްދެނީ ފޮނިކާއެއްޗެއް ތައްޔާރުކޮށްލާނެ ގޮތެވެ. އެގޮތުން މިލްކް ޕައުޑަރ ރަސްމަލާއީ ތައްޔާރުކޮށްލާނެ ގޮތް ގެނެސްދޭނަމެވެ.

ރަސްމަލާއީ އަކީ އިންޑިޔާ އަށް ނިސްބަތްވާ ފޮނިކާއެއްޗެކެވެ.

ބޭނުންވާނެ ތަކެތި:

– 1 ލީޓަރު ދިޔާކިރު

– ½ ޖޯޑު ހަކުރު

– 6-7 ކާފޫރުތޮޅި (މުގުރާފައި)

– 1 ޖޯޑު ހިކިކިރު

– 1 މޭޒުމަތީ ސަމުސާ ގޮދަން ފުށް

– 1 މޭޒުމަތީ ސަމުސާ ބޭކިންގ ޕައުޑަރ

– ½ މޭޒުމަތީ ސަމުސާ ކާފޫރުތޮޅި އޮށް

– 1 މޭޒުމަތީ ސަމުސާ ގިތެޔޮ (ބަދަލުގައި މާޖެރިން)

– 3 މޭޒުމަތީ ސަމުސާ ބިސް (ގިރާފައި)

– އާމަންޑްސް

– ޕިސްތާ ބަދަން (ޕިސްޓާޗިއޯ)

ތައްޔާރުކުރާނެ ގޮތް:

1- ތެއްޔެއްގެ ތެރެއަށް ކިރު، ހަކުރު އަދި ކާފޫރުތޮޅި އޮށް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި ހަކުރުކޮޅު ވިރެންދެން ރަނގަޅަށް ކައްކާލާށެވެ. (ގާތްގަނޑަކަށް 5 މިނެޓް ކެއްކުމުން ރަނގަޅުވާނެ އެވެ.) ކެކުމުން އެއްފަރާތެއްގައި ބަހައްޓާށެވެ.

2- ބޯތަށްޓެއްގެ ތެރެއަށް ހިކިކިރު، ފުށް، ބޭކިން ޕައުޑަރ، މުގުރާފައިހުރި ކާފޫރުތޮޅި އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ގިތެޔޮކޮޅު (ނުވަތަ މާޖިރީން) އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

3- ލަސްލަހުން ބިސް އެއްކުރަމުން ފުށްގަނޑެއް އުފެދެންދެން މޮޑޭށެވެ. އެއަށްފަހު 5-8 މިނެޓާއި ދެމެދުގެ ވަގުތެއްގައި ފުށްގަނޑު އައިސްއަލަމާރީގައި ބާއްވާށެވެ.

4- ފުށްގަނޑު ނަގައި އެއް ސައިޒަކަށް ގުޅަ ހެދުމަށްފަހު ފަތިކޮށްލާށެވެ. (7-8 ގުޅަ މިތަކެތިން ހެދޭނެ އެވެ.)

5- ކިރުފޮދު ހޫނުވުމުން މަޑުގިނީގައި ބަހައްޓައިގެން ފަހަރަކު ގުޅައެއް ލަމުން 10 މިނެޓް ކައްކާށެވެ. ކައްކާއިރު ހަލުވައިގެން ނުވާނެ އެވެ.

6- އާމަންޑްސް (ކަނަމަދު) އާއި ޕިސްތާ ބަދަން އަޅައިގެން ގާނިޝްކޮށްލާށެވެ. އައިސް ކުރުމަށްފަހު މިލްކް ޕައުޑަރ ރަސްމަލާއީ އަށް އިންސާފުކޮށްލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.