“އަހަރެން….. އަހަރެން….. އަޅެ އަހަރެން މީ ހުތުރު މީހެއްތަ؟” ވަރަށް އުނދަގުލުން މިޝަލް ގެ ހިތަށް އުނދަގޫ ކުރަމުންދިޔަ ސުވާލު ބޭރުކޮށްލިއެވެ. އެވަގުތު ނީޝާގެ ހިނިގަނޑު ފަޅައިގެންގޮސް ބާރަށް ހޭންފެށިއެވެ. ނީޝާ ހޭންފެށުމުން މިޝަލް ގަތީ ބިރެވެ.

“ރީތިހޭ!!؟؟” ހެމުންހެމުން ނީޝާ ބުންޏެވެ.

ސިބްޢަތުﷲ ގެ ވިހަ ބަސްތައް އަނެއްކާވެސް މިޝަލްގެ ސިކުނޑީގައި ޓަކިދޭންފެށިއެވެ. ނީޝާ ގެ ހުނުމުންވެސް ދޭހަވަނީ ސިބްޢަތުﷲ އެބުނަނީ ތެދުވާހަކައެއް ކަމަށް މިޝަލް އަށް އިތުރަށް ޤަބޫލުކުރެވުނެވެ.

‘އާނއެކެވެ. އަހަންނަކީ ރީތި މީހެއް ނޫނެވެ.’ މިޝަލްގެ ހިތަށް މިހެން އެރުމާއެކު އަނެއްކާވެސް ކަރުނައިން ދެލޯ ފުރިއްޖެއެވެ.

” ‘ރީތި’ މި ލަފުޒަކީވެސް ފަހަރިގެ ކުރިމަތީގަ ހަމައެކަނި ބުނެލެވޭ އާދައިގެ ލަފުޒެއް. ފަހަރި ތީ ރީތީގެ ރާނީއެއްފަދަ ސަޅި ފަހަރިއެއް.” މިޝަލްގެ ގައިގައި ބައްދާލަމުން ނީޝާ ބުންޏެވެ.

ހަމެޖެހުމުގެ ނޭވައެއް މިޝަލް އަށް ލެވުނެވެ. މޫނުމައްޗަށް އުފާވެރިކަމުގެ ހިނިތުންވުމެއް ވެރިވިއެވެ. އުފަލުންހުރެ އެތަނުން ނިކުމެގެން ހިނގައްޖެއެވެ. މިޝަލް ގެ ރީތިކަމާމެދު ނީޝާ ތަޢުރީފުކުރިފަހުން އޭނާއަށް ހުރެވުނީ ހިނިތުންވެވިފައެވެ. މާމައަށް ހެދިކާއާއި ޖޫސް ގެންގޮސްދިނުމަށް ދަނިކޮށް އެދިމާއަށް ސިބްޢަތުﷲ އަންނަތަން ފެނުނެވެ.

“ބަދިގެފަރާތަށް ހިނގާބަލަ މަށަށް ކާއެއްޗެއްދޭން. މިހާ ބޮޑު ކްރައުޑެއް އޮއްވާ މަށަށް ވަރަށް އުނދަގޫވާނެ ކާން.” މިޝަލް ކައިރިއަށް ގޮސް ހުއްޓެމުން ސިބްޢަތުﷲ އެދުނެވެ. މިޝަލް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލަމުން މާމައާއި ދިމާއަށް ހިނގައިގަތެވެ.

މާމަ ކައިރީ ހެވިފައި މިޝަލް ހުރިތަން ބަލަން ސިބްޢަތުﷲ އަށް ހުރެވުނެވެ. މާމައަށް ކާއެއްޗެހި ދިނުމަށްފަހު މިޝަލް ދިޔައީ ކާއެއްޗެހި ހުރި މޭޒުކައިރިއަށެވެ. ސިބްޢަތުﷲ އަށް ކާއެއްޗެހި ގެންދިއުމަށް ތަށިތަށްޓަށް ކާއެއްޗެހި އަޅައިންގެން ބަދިގެ ފަރާތަށް ނިކުމެއްޖެއެވެ. އޭރު މިޝަލް ގެ އިންތިޒާރުގައި ބަދިގެފަރާތުގައި ސިބްޢަތުﷲ ހުއްޓެވެ. ސިބްޢަތުﷲ ކައިރީގައި ހެދިކާ ތަށިތަކާއި ޖޫސް ބެހެއްޓުމަށްފަހު ފެން ތަށްޓެއް ބަލައި ދިއުމަށް ހިނގައިގަތެވެ.

“މިތާ އިށީނދެބަލަ.” ފެންތަށްޓެއް ބަލައި ހިނގައިގަތް ވަގުތު ސިބްޢަތުﷲ އެދުނެވެ.

ހައިރާންކަމާއެކު ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް އަށް ބަލައިލެވުނެވެ. ސިބްޢަތުﷲ ބުނި ޖުމްލަ ތަކުރާރެއް ނުކުރެއެވެ. އަވަސް އަވަހަށް ކާންފެށިއެވެ. މިޝަލް ވެސް އިތުރު ބަހަނާއެއް ނުދައްކައި ސިބްޢަތުﷲ ގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީންދެއްޖެއެވެ. ސިބްޢަތުﷲ އަނގައިންވެސް ނުބުނެ ކަމުންގެންދިޔައެވެ. މިޝަލް އަށް ވަމުންދިޔަ އުނދަގުލުން ސަލާމަތްވުމަށް ދެއަތުގެ އިނގިލިތައް މޮޑެންފެށިއެވެ. ދެމީހުންކުރެ އެކަކުވެސް އަނެކަކާ ދިމާއަށް ބަލައިވެސް ނުލައެވެ. އެކަކު އަނެކަކާ އަނގައިންނެއް ނުބުނެއެވެ. އެހެން ނަމަވެސް ގާތުގައި ތިބެވުމުން ދެމީހުންނަށްވެސް ތިބެވުނީ ގޮތް ނޭނގޭ ހިތްހަމެޖެހުމެއްގެ ތެރޭގައެވެ. ސިބްޢަތުﷲ ކައި ނިމެންދެންވެސް މިޝަލް އިނީ ސިބްޢަތުﷲ ގެ ކައިރީގައެވެ.

“އެހެންކަމެއް ބޭނުންތަ؟” ސިބްޢަތުﷲ ކައި ނިމިގެން ތެދުވަން ފެށުމުން މިޝަލް އެހިއެވެ.

“ސައި ތަށްޓެއް.” ސިބްޢަތުﷲ ޖަވާބުގައި ބުންޏެވެ. މިޝަލް ބޯ ޖަހައިލިއެވެ.

މިޝަލް ތެދުވެގެން ސިޓިންގ ރޫމު ތެރޭގައި ކާއެއްޗެހި ބަހައްޓާފައި ހުރި ތަނަށް ހިނގައްޖެއެވެ. ސިބްޢަތުﷲ ބަދިގެ ބައިގެ ދޮރުމަތީގައި މަޑުކޮށްލިއެވެ. ސައިތައްޔާރުކުރުމަށް ހަރަކާތްތެރިވަމުން ދިޔަ މިޝަލް އަށް ސިބްޢަތުﷲ ބަލައިލިއެވެ. ހަމައެއާއެކު އަލުން އަނބުރާގޮސް ގޮނޑީގައި އިށީންދެއްޖެއެވެ. ސީދާ މިޝަލް ފެންނަ ހިސާބަށް ގޮނޑި ދަމައިލަމުން މިޝަލް އަށް ބަލަން ފެށިއެވެ. މިޝަލްގެ ބުރުސޫރަ ރީތި ހަށިގަނޑަށް ސިބްޢަތުﷲ ގެ ނަޒަރު ހިންގައިލިއެވެ. ކައިވެނީގެ ފަހުން، ރުހުމުގެ ލޮލަކުން އެ ހަށިގަނޑަށް ނަޒަރު ހިންގައިލި ފުރަތަމަ ފަހަރެވެ. މިޝަލް ގެ އަތުގައި އަޅާފައިވާ ތަނޑިތަކުން އުފެދެމުންދިޔަ އަޑުން ސިބްޢަތުﷲ ގެ ސިކުނޑިތެރޭގައި ހައިޖާނެއް އުފައްދަމުންދެއެވެ. ކަޅި ޖަހައިނުލައި ސިބްޢަތުﷲ ގެ ނަޒަރު ހުސްކޮށްލާފައިވަނީ މިޝަލް އަށެވެ. އެކަން މިޝަލް އަށްވެސް ފާހަގަކުރެވިއްޖެ އެވެ. ސިބްޢަތުﷲ ބަލަމުންދާކަން އެނގުމުން މިޝަލް އަށް އުނދަގޫވާން ފެށިއެވެ. އާދަޔާޚިލާފް ގޮތްތަކެއް ވާންފެށި އެވެ. މިއަދު މިޝަލް އަށް އެގޮތްތަކެއް ވަމުންދަނީކީ ބިރަކުން ނޫނެވެ. ސިބްޢަތުﷲ ގެ ނަޒަރު ހުސްކޮށްލައިގެން މިޝަލް އަށް ބަލަން އިނީވެސް ތަފާތު ގޮތަކަށެވެ. އެކަމަކުވެސް މިޝަލް އަނެއްފަރާތަށް އެނބުރި ސިބްޢަތުﷲ އާއި ދިމާއަށް ބަލައިލާކަށް ބޭނުމެއް ނުވިއެވެ. ގިރަމުންދިޔަ ސައިތަށްޓަށް ބަލަން ހުރީއެވެ.

“މިޝަލް.” އެންމެފަހުން ސިބްޢަތުﷲ މިޝަލް އަށް ގޮވާލައިފިއެވެ. ދެއަތް ފޮހެލަމުން މަޑުމަޑުން ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް އެނބުރުނެވެ.

ދެމީހުނަށް ވެސް އެކަކު އަނެކަކަށް ބަލަން އިރުކޮޅެއްވާންދެން ތިބެވުނެވެ.  އެންމެ ކުރިން ދުރަށް ބަލައިލީ މިޝަލް އެވެ. އެހެންނަމަވެސް ސިބްޢަތުﷲ ގެ ނަޒަރު ކަޝިޔާރުކޮށެއް ނުލައެވެ. މިޝަލް އަށް ބަލަން އިނެވެ. އެހެންވެ މިޝަލް ގެ ޠަބީޢަތަށް ހަމަނުޖެހުމެއް އަންނަމުންދިޔައެވެ.

“ކަމެއް ނުވޭ.” ސިބްޢަތުﷲ ބުންޏެވެ. އަނެއްކާވެސް މިޝަލް ސިބްޢަތުﷲ އާއި ދިމާއަށް ބަލައިލަމުން ހަދަންފެށި ސައިތަށި ގިރަންފެށިއެވެ.

މިޝަލްގެ ހިތް ބާރަށް ތެޅެމުން ދަނީއެވެ. ތުރުތުރު އަޅައަޅައި އޮތް އަތަކުން ސައިތަށްޓަށް ހިކިކިރު ކޮޅެއް އަޅައި ސައިތަށި ރަނގަޅަށް ގިރާލުމަށްފަހު ސިބްޢަތުﷲ އާއި ދިމާއަށް ހިނގައިގަތެވެ. އޭރުވެސް މިޝަލް ގެ އަތް ތުރުތުރުލަމުން ދާކަން ތެޅުވެމުންދިޔަ ޖޯޑާއި ވަތުތަށި ހެކިވަމުންދެއެވެ. ސައިތަށި ސިބްޢަތުﷲ ގެ ކުރިމަތީގައި ބަހައްޓަމުން މިޝަލް އަނެއްފަރާތަށް އެނބުރި ހިނގައިގަތެވެ. ނަމަވެސް ހަމަ އެދަނޑިވަޅުގައި ސިބްޢަތުﷲ ގެ އަތުން މިޝަލް ގެ އަތުގެ ކުޑަހުޅުގައި ހިފިއެވެ. އެވަގުތު މިޝަލް އަށް ހީވީ މޭކަށިގަނޑު ފަޅާލާފައި ހަމަ ދެންމެދެންމެ އޭނާގެ ހިތް ނިކުމެދާނެހެންނެވެ.

“ޝުކުރިއްޔާ.” ޝުކުރު އަދާކުރަމުން މިޝަލްގެ އަތުން ސިބްޢަތުﷲ ދޫކޮށްލިއެވެ.

އެއްވެސް އެއްޗެއް ނުބުނެ އަވަސް އަވަހަށް މިޝަލް އެތަނުން ނިކުމެގެން ހިނގައްޖެއެވެ.

***~~~***

ކުޑަކުޑަ ހަފުލާއެއްގެ ނަމުގައ ބޭއްވުނު ބޮޑު ހަފުލާވެސް ނިމިއްޖެއެވެ. ފިރިހެން ކުއްޖާގެ އާއިލާ މީހުން އެނބުރި ހިނގައްޖެއެވެ. ސިބްޢަތުﷲ ގެ ގޭގެ އެކި މީހުންވެސް އެކި ދިމަދިމާއަށް ވަދެއްޖެއެވެ. ނަމަވެސް މިޝަލް ދިޔައީ ބޮޑުދައިތަގެ ކޮޓަރިއަށެވެ. ބައްދަލުކޮށްލަން އެކޮޓަރިއަށް ދިއުމަށް ބުނެފައިވާތީއެވެ.

“ބޮޑުދައިތާ.” ކޮޓަރިއަށް ވަންނަން ފިޔަވަޅެއް އަޅަމުން މިޝަލް ގޮވާލި އެވެ.

“އާދޭ ދަރިފުޅާ.” ކައިރިއަށް ދިއުމަށް އިޝާރާތް ކޮށްލަމުން ބޮޑުދައިތަ ބުންޏެވެ.

ބޮޑުދައިތައާއި ކައިރިއަށް މިޝަލް ޖެހިލިއެވެ. އެނދުގައި އިށީންދެއިން ބޮޑުދައިތަގެ ކުރިމަތީގައި މިޝަލް ވެސް އިށީންދެއްޖެއެވެ. ބޮޑުދައިތަގެ ދެއަތުން މިޝަލްގެ ދެއަތުގައި ހިފައިލަމުން މިޝަލްގެ މޫނަށް ބަލަންފެށިއެވެ.

“އަދިވެސް ބޮޑުދައިތަ ތަ ކިޔަނީ. ދަރިފުޅުގެ މަންމައެއްނު މީ މިހާރު.” ހިނިތުންވަމުން ބޮޑުދައިތަ ބުންޏެވެ. އިތުރު އެއްޗެއް ނުބުނެ މިޝަލް ވެސް އެއްމިޔަކަނުން ހީނލިއެވެ.

“ދަރިފުޅު އުފަލުގަތަ ތިއުޅެނީ؟” މިޝަލްގެ ދެލޮލަށް ބަލަން އިނދެ ބޮޑުދައިތަ ސުވާލުކުރިއެވެ.

“ނިކަން މަންމަ ކައިރީ ބުނެބަލަ، ދަރިފުޅު އުފަލުގަތަ ތިއުޅެނީ؟ އަހަރެންގެ ދަރިފުޅު މިޝަލް އަށް އޯގާތެރިތަ؟ މިޝަލް އަށް އަޅައިލާތަ؟” ބޮޑުދައިތަ ސުވާލު ފުންޏެއް އޮއްސާލިއެވެ.

“އުފާވެރިކަން!…. ހުނ….. އުފާވެރިކަމަކީ ކޮބައިކަން މިހާރު މަށަކަށް ނޭނގޭ!” މިޝަލް ޖަވާބުދިނެވެ. އެވަގުތު މިޝަލް ލޯ ފެންކަޅިވެއްޖެއެވެ.

ބުނާނެ އެއްޗެއް ނޭނގިފައި ބޮޑުދައިތައަށް އިނދެވުނީ އެވެ.

“އަޅެ ކީއްވެގެންތަ ބޮޑުދައިތާ، ކީއްވެތަ؟ ….. ކީއްކުރަންތަ އޭނަ މަށާ ކައިވެނިކުރީކީ؟ އަހަރެންގެ ފަރާތުން އޭނާއަށް ދެވުނީ ކޮން ދެރައެއްކަމެއްވެސް ނޭނގޭއިރު، އެކަމަކު އޭނަ އަހަރެން ބަރުބާދުކޮށްލައިފި. އަހަރެން މިރަށަށް އައިއިރު އެއްގޮތަކަށްވެސް ނުދެނަހުރިން މަށާ ސިބްޢަތުﷲ ގެ ކައިވެންޏަކީ މާކުރިން ހަމަޖައްސާފަ އޮތް ކައިވެންޏެއް ކަމެއް. ބައްޕަ ވެސް އެހެން ނުބުނޭ. އަހަރެން މިތަނަށް އައީ ތިމާގެ މީހުންނާ ބައްދަލުކުރެވޭތީ ވަރަށް އަފަލުން. އެކަމަކު ކުއްލިއަކަށް މިތަނުން އަހަރެންގެ ކައިވެނި ހަމަޖައްސާލައިފި. އަހަރެން ހުރީކީ ކައިވެންޏެއް ކުރަން ތައްޔާރަކަށް ނޫން. ހަމަ އަހާލުމެއް ކަހާލުމެއް ނެތި ކުއްލިއަކަށް ހުރިހާކަމެއް ނިންމީ. މަށަކީވެސް އިންސާނެއް، މެޝިނެއް ނޫން. އެމީހުން ބޭނުންހާ ގޮތަކަށް އަހަރެން ރާވައެއް ނުލެވޭނެ. އެއްވެސް މީހަކު އަހައިވެސް ނުލާ ސިބްޢަތުﷲ މަށަށް ކަމުދޭތޯވެސް. އަހަރެން ހުރީ ބިރުން. އަހަރެން ބޭނުންވީ މިތަނުން ފިލައިގެންދާން. ޗޭނު ޖަހައި ބަންދުވެފައި އިނުމަށް އަހަރެން ބޭނުން ނުވާތީ އެހެން ހެދީ. އަހަރެން ދުވަހަކުވެސް އުއްމީދެއް ނުކުރަން އަޅަކަށް ވާކަށް. އަހަރެން އުއްމީދުކުރީ ބައިވެރިއަކަށް ވުމަށް. އޭނަވެސް ފިރިހެނެއް ފަދައިން ތަންކޮޅެއް ފިރިހެންވެފަ އަހަރެން ކައިރީގައި އިންނަން އެހީކީ ނޫން. އެކަމަކު އޭނަގެ ވެސް ހުންނާނީ މި އާއިލާ ފިރިހެނުންގެ ހުންނަ ހޫނު ލޭތާދޯ. އަހަރެން ގަތްފަ ހުރި ބިރު ފިލުވައިދޭން ޖެހޭ މީހާ ބަދަލުވެގެން ދިޔައީ ބޮޑު ފުރޭތައަކަށް. އަދި މި ކައިވެންޏަށް ފަހު ބޮޑުދައިތަގެ ދަރިފުޅު ބަދަލުވެގެންދިޔައީ ޖަނަވާރަކަށް. ކައިވެނީގެ ފުރަތަމަ ރޭ ކަންތައްވީ ގޮތް އަހަންނަށް ދުވަހަކުވެސް ހަނދާން ނައްތައެއް ނުލެވޭނެ. އެރޭ އޭނާ އަހަންނަށް ކުރި ތަދު. ދިންހާ އަނިޔާ. އެރޭ އޭނާގެ ވިހަގަދަ ބަސްތަކުން އެކަނިވެސް އަހަރެން ކޮށައި ކުދިކުދި ކޮށްލި. އެކަމަކުވެސް އަހަރެން ދިރިއުޅެވޭތޯ ބަލަމުން މި އަންނަނީ. އެކަމަކު އަދިވެސް އޭނައަކީ ހަމަ އޭނަ. އެއްވެސް ބަދަލެއް ނާދޭ. އޭނަ އަހަރެންދެކެ އަންނަ ރުޅިއަކަށް ކުޑަވެސް ބަދަލެއް ނާދޭ. އަހަރުމެން އަންހެނުންނަކީ ބޭނުންގޮތަކަށް މޮޑެލެވޭ ފުށްގަނޑެއް ކަހަލަ ބައެއް ނަމަވެސް މިވީ މަހެއްހައި ދުވަސްތެރޭގަ ވެސް އޭނަ ނޫޅޭ އެއްވެސް ކަމެއް ރަނގަޅުކުރާކަށް. އޭނަ ރުހުމުގަ އަހަންނަށް ގޮވާވެސް ނުލާ. އަހަރުމެންނަކީ އެއް ފުރާޅު ދޮށުގަ ދިރިއުޅެމުން އަންނަ ދެ ބީރައްޓެހިން.”

ރޮމުން، ގިސްލަމުން، ވަރަށް ހިތްވަރާ އަސަރާއެކު މިޝަލް ގެ ހިތުތެރޭގައި ފުނިޖެހިފައިހުރި ޝަކުވާތަކާއި އިލްތިޖާތައް ބޮޑުދައިތައަށް އިއްވައިދީފިއެވެ. އެ އަޑު އަހާނެ ތިންވަނަ ކަންފަތެއް ހުއްޓަސް އަދި ނެތަސް އެކަމާ އެއްވެސް ފަރުވާލެއް ނެތިއެވެ. އެފަދަ ފަރާތެއް ހުރެދާނެކަމަށް ވިސްނައިވެސް ނުލައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.