މިއީ މާތްވެގެންވާ ރަމަޟާން މަހެވެ. ރޯދައިގެ މާތް އަޅުކަމުގެ މައްސަރެވެ. ރަހުމަތުގެ މައްސަރެވެ. ތަޤުވާގެ މައްސަރެވެ. މާތްﷲ އަހަރެމެންނަށް ދެއްވެވި އެންމެ ކުޑަކުޑަ ނިޢުމަތުން ފެށިގެން ގޮސް އެންމެ ބޮޑު ނިޢުމަތަކީވެސް އަހަރުމެންނަށް ލެއްވެވި ރަޙުމަތެކެވެ. އެގޮތުން ރޯދައަކީ އިންސާނުންނަށް މާތްﷲ ބާވައިލެއްވި ބޮޑު ހަދިޔާއެކެވެ. އެހެނީ ރޯދައަކީ ތަޤުވާގެ އިތުރުން، އެތަކެއް ގިނަގުނަ ފައިދާތަކެއް އަހަރެމެންނަށް ލިއްބައިދޭ އަޅުކަމެކެވެ.

 ރޯދަހިފުމަކީ ރޯދައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ބަނޑުހައިހޫނުކަން އިޙްސާސް ކުރެވޭ ނުވަތަ މާބޮޑަށް އެކަމުގެ އިހްސާސް ނުކުރެވޭ، ބަރުދަން ލުއިކޮށްދިމަށް އެހީތެރިވެދޭ އަޅުކަމެކެވެ. ރޯދަހިފަން ފެށުމުން ހަށިގަނޑުގެ ‘މެޓަބޮލިކް ސްޓޭޓަށް‘ ބަދަލުތަކެއް އައިސް ހަށިގަނޑުގެ ޓިޝޫތަކުގައިވާ ‘ކީޓޯން‘ ގެ މިންވަރު އިތުރުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ނުކައި ހުރުމަށް ފަސޭހަތަކެއް ވެގެންދެއެވެ.

 ރޯދަހިފުމުން ހަށިގަނޑު ޑީޓޮކްސިފައި ކޮށްދިނުމަށް އެހީވެއެވެ. ރޯދަހިފުމުން ހަށިގަނޑުން ސަރުބީ ވިރުވައިދީ، ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް (ޓޮކްސިންސް) ބޭރުކޮށްދެއެވެ.

 ރޯދަހިފުމުން ހަޖަމުކުރުމުގެ ނިޒާމަށް ރެސްޓެއް ލިއްބައިދެއެވެ. ރޯދައެއް ހިފުމުން ހަޖަމުކުރުމުގެ މަރުޙަލާ އާއި ހަށިގަނޑުން ބޭރުކޮށްލަން ޖެހޭ މާއްދާތައް ބޭރުކުރުމުގެ މަސައްކަތް އާރޯކޮށްދެއެވެ.

 ރޯދަހިފުމުން ހަށިގަނޑުގައި އުފެދިފައިހުންނަ އިންފްލެމޭޝަންތައް ލުއިކޮށްދެއެވެ.

 ރޯދަހިފުމުން ހަށިގަނޑަށް ކުރިމަތިވެފައިވާ އެލަރޖިކް ގެ މައްސަލަތައް ކޮންޓްރޯލް ކޮށްދެއެވެ. މިސާލަކަށް ނޭވާހިއްލުމާއި ހޭފީވަރ (މާމެލާމެލީގެ ފުށްތަކުން ޖެހޭ އެލާޖީ) ކޮންޓްރޯލް ކޮށްދެއެވެ.

 ރޯދަހިފުމުން ހުޅުހުޅުގައި ހުންނަ ލޮނދި ހިކުމުން ރައްކާތެރިކޮށްދެއެވެ. އެގޮތުން ކުޑަހުޅާއި ފައިގެ އަދި ބަނޑުގައި ހުންނަ ދުޅަ ލުއިކޮށްދެއެވެ.

 ރޯދަހިފުމުން ބޭހަކާއި ނުލައި ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ. އެގޮތުން ދެ ހަފުތާއިން ނުވަތަ އެއަށްވުރެން އަވަހަށްވެސް ޕްރެޝަރު ދަށްކޮށްދެއެވެ. ރޯދައިގެ ފަހުންވެސް ކެއުން ހެޔޮވަރެއްގައި ބަހައްޓާނަމަ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައެވެ.

 ރޯދަހިފުމުން ދެވިހިފުމުގެ ނުވަތަ ބައެއް ތަކެއްޗަށް އެޑިކްޓް ވުމާއި ދުރުހެލިކޮށްދެއެވެ. އެގޮތުން ނިކޮޓިން، ރަލަށް ހިފާފައިވާ ދެވި، ކެފެއިން އާއި މަސްތުވާ ތަކެއްޗަށް ހިފާފައިވާ ދެވިން ދުރުކޮށްދެއެވެ.

 ރޯދަ މަހަކީ ކެއުމުގެ އާދަތަކަށް ބޮޑު ބަދަލެއް އަންނަ މަހެއްކަމުން، ސިއްހަތަށް ގެއްލުންހުރި ކާނާ ކެއުމާއި ދުރުހެލި މަހެކެވެ. ނަތީޖާއެއްގެ ގޮތުން ހަންގަނޑު ސާފުކޮށްދީ ލޯ ސާފުކޮށްދެއެވެ.

 ރޯދަހިފުމުން ރަހަބެލުމުގެ ހިއްސުގައި ހިމެނޭ ޓޭސްޓް ބަޑް ތަކުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ.

 ރޯދަހިފުމުން ބަނޑު ހިންދެންފަށައެވެ.

 ރޯދަހިފުމުން ތަޤުވަވެރި ޞާލިޙް އަމަލުތަކުގައި ސާބިތުވެ ހުރުމަށް ފަސޭހަވެގެންދެއެވެ.

 ރޯދަހިފުމުން ކެއުން އެއްގޮތެއްގައި ހިފަހައްޓައިދީ ދިރިއުޅުމުގެ ވައްޓަފާޅިއަށް އާރޯކަމެއް ގެނެސްދެއެވެ.

 ރޯދަހިފައިގެން ތިބެ ނުވަތަ އެހެންވެސް ވަގުތު ތަކުގައި ކީރިތި ޤުރުއާން ކިޔެވުމުން ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދެއެވެ. ހަނދާން ގަދަކޮށްދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.