ރޮމުން، ގިސްލަމުން، ވަރަށް ހިތްވަރާ އަސަރާއެކު މިޝަލް ގެ ހިތުތެރޭގައި ފުނިޖެހިފައިހުރި ޝަކުވާތަކާއި އިލްތިޖާތައް ބޮޑުދައިތައަށް އިއްވައިދީފިއެވެ. އެ އަޑު އަހާނެ ތިންވަނަ ކަންފަތެއް ހުއްޓަސް އަދި ނެތަސް އެކަމާ އެއްވެސް ފަރުވާލެއް ނެތިއެވެ. އެފަދަ ފަރާތެއް ހުރެދާނެކަމަށް ވިސްނައިވެސް ނުލައެވެ.

އެއްވެސް ހިފެހެއްޓުމެއް ނެތި މިޝަލް ގެ ލޮލުން ފައިބަމުންދިޔަ ކަރުނައިން އޭނާގެ ކޯތާފަތް ތެތްމަމުން ދެއެވެ. އަޑު ބެދެން ފެށުމުން ހިންދިރުވައިލުމަށްފަހު އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“ސިބްޢަތުﷲ ދެކޭގޮތުން އަހަރެންމީ އޭނާއަށް އެއްވެސް މީހެއް ނޫން. ފަހަރެއްގައި ވެދާނެ އޭނާގެ ނަޒަރުގައިވެސް އަހަންނަކީ އެއްވެސް މީހެއް ނޫންކަމަށްވެސް. ދެން ކީއްކުރަން އަހަރުމެން މިހެން ދިރިއުޅެންވީކީ. ކައިވެނި ކުރެވުނު ދުވަހުން ފެށިގެން އަހަރެން އޭނާދެކެ އިންތިހާއަށް ރުޅިއާދޭ. އެކަމަކު މިހާރު އަހަރެންގެ ހިތަށް ހަމަ އެކައްޗެއްވެސް ނާރާ. ލޯތްބެއްވެސް ނުވަން، ރުޅިއެއްވެސް ނާންނަން. މިގޮތަށް އަހަންނަކަށް ދިރިއެއް ނޫޅެވޭނެ ބޮޑުދައިތާ.” ބާރަށް ރޮއެގަންނަމުން ބޮޑުދައިތަގެ ގައިގާ މިޝަލް ބައްދައިގަތެވެ.

ސިބްޢަތުﷲ އަށް ހުރެވުނީ ގަނޑުވެފައެވެ. ހުއްޓުން އަރާފައެވެ. މިޝަލް ގެ ކޮންމެ ލަފުޒެއް ކަނުލައި އަޑުއަހަން ހުރެވުނީއެވެ. ރަނގަޅެއް ނުބައެއް ސިބްޢަތުﷲ އަށް އަދިވެސް ނޭނގޭ ކަހަލައެވެ. ޤަބޫލުކުރަންވީ ސިބްޢަތުﷲ ގެ ބައްޕަ ކިޔައިދިން ވާހަކަތައް ކަމެއް ނުވަތަ މިޝަލް އެދައްކާ ވާހަކަތަކަށް ބިނާކޮށް ސިބްޢަތުﷲ އަށް ވިސްނޭ އެންމެ ރަނގަޅުގޮތް ކަމެއްވެސް ނޭނގެއެވެ.

ފުން ވިސްނުމެއްގައި ހުރެގެން ސިބްޢަތުﷲ ބޭރަށް ނިކުމެއްޖެއެވެ. މަގުމައްޗަށް ނިކުމެ އެއްވެސް މިސްރާބެއް، އެއްވެސް މަންޒިލެއް ނެތި ހިނގަމުންދިޔައެވެ. ރަނގަޅުގޮތެއް ވިސްނޭތޯއެވެ. މަގުމަތީގައި އިރުކޮޅެއްވާންދެން އެނބުރުމަށްފަހު ގެއަށްވަދެ މިސްރާބުޖެހީ އޭނާގެ ބައްޕަ މިވަގުތު އިންނާނެ ތަނަށެވެ. ގޯތީގެ ބިތްދޮށް ފަރާތުގައި ހުރި ބޮޑު ވަޑާންގެއަށެވެ. ވަޑާންގޭގެ އޮފީސް ބަޔަށް ވަދެ ދޮރުލައްޕައިލިއެވެ. ސިބްޢަތުﷲ ފެނުމުން އޭނާގެ ބައްޕަ ހިނިތުންވެލަމުން ސިބްޢަތުﷲ އިށީންނުމަށް ބުންޏެވެ.

“މިޝަލް ބުނިތަ އަހަންނަކީ އެއްވެސް ތާކުންތާކުޖެހޭ މީހެއް ނޫނޭ؟ އޭނަ ބުނިތަ އަހަންނަކީ ބަލިކަށި މީހެކޭ، އަހަންނަކީ އަމިއްލަ މުހުތާދުގެ އަޅެކޭ؟ މިޝަލް ބުނިތަ އަހަންނަކީ މިޝަލް އާ އެކަށީގެންވާ މީހެއް ނޫނޭ؟” އެއް ނޭވައިން ހުރިހައި ސުވާލެއް ފައްޗަކަށް އަމުނާލަމުން ބައްޕަގެ ކުރިމައްޗަށް އޮއްސާލިއެވެ.

“ދަރިފުޅު ސިބްޢަތުﷲ ކީކޭތަ ތި ކިޔަނީ؟ އެހެން ނޫނަސް މިހާރު ކީއްކުރަންތަ ތިހުރިހައި ސުވާލެއް ތިކުރަނީކީ؟” ސިބްޢަތުﷲ ގެ ބައްޕަވެސް ކުރިމަތިކުރީ ސުވާލުތަކެކެވެ. ގޮނޑިން ތެދުވެގެން ގޮސް ސިބްޢަތުﷲ ހުއްޓުނީ އޭނާގެ ބައްޕަގެ ކައިރީގައެވެ.

“ޕްލީޒް އަހަންނަށް ހަގީގަތް އޮޅުންފިލުވައިދީ ބައްޕާ. މިޝަލް އަކަށް އަސްލު ނޭނގޭ ދޯ އަހަރެމެންގެ ކައިވެންޏަކީ މާކުރިންސުރެ ކުރަން ހަމަޖެހިފަ އޮތް ކައިވެންޏެއް ކަމެއް؟ އޭނާ އުޅުނީ ކުއްޖަކާ ރައްޓެހިވެގެނެއްވެސް ނޫންދޯ؟ ދެން ކީއްވެ ބައްޕަ ދޮގުހެދީ. ބައްޕަ ދެއްކި ހުރިހައި ވާހަކަތަކެއް އެއީ ހުސް ދޮގު ދޯ؟” ރުޅިގަނޑު ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ސިބްޢަތުﷲ އަނެއްކާވެސް ސުވާލުކުރަން ފެށިއެވެ.

“އާނ އޭނަ ކުއްޖަކާ ރައްޓެއްސެއް ނުވޭ.” ރުންކުރު ރާގެއްގައި ސިބްޢަތުﷲ ގެ ބައްޕަ ނަސީރު އަލީ ބުންޏެވެ. އެވަގުތު ސިބްޢަތުﷲ އަށް ހީވީ އެމީހުންތިބި ކޮޓަރީގެ ފުރާޅު އޭނާގެ ބޯމައްޗަށް ވެއްޓުނުހެންނެވެ.

“ބައްޕާ.” ލިބުނު ކުއްލި ޝޮކާއިއެކު ސިބްޢަތުﷲ ގެ އަނގައިން ވައި އަޑަކުން އޭނާގެ ބައްޕަ އަށް ގޮވާލެވުނެވެ.

“ބައްޕަ ކީއްވެގެން ދޮގުހަދައި އޮޅުވާލީ. އޭރު ބައްޕަ ދެއްކި ވާހަކަތަކުގެ ކޮންމެ ލަފުޒަކީވެސް ދޮގެއް ދޯ.” ރުޅިވެރި ރާގެއްގައި ސިބްޢަތުﷲ އަށް ބުނެވުނެވެ.

“ދަރިފުޅާ. ނިކަން ހޭވެރިކަން ވެފަ ވިސްނާލަބަލަ. ތަންކޮޅެއް ސީރިއަސް ކޮށް މިކަމާ ވިސްނަބަލަ. މިޝަލް ދަރިފުޅުގެ ކައިވެންޏާ ދެކޮޅު ހަދާފަ އޭނަ ބޭނުންވީ އުޅޭނެ ގޮތަކަށް އުޅެން އޭނާގެ ދުނިޔެއަށް ދާން. އޭނަ ބޭނުންވީ ލަންކާގަ ދިރިއުޅެން. އެކަމަކު އެހެން އެކަމެއް ނުވާނެ. އަހަރެމެންގެ އާއިލާ އަށް ނިސްބަތްވާ އަންހެން ކުދިން އާއިލާއިން ބޭރުގެ ކުއްޖަކާ ކައިވެނި ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އޭނަ ކައިވެންޏަށް ދެކޮޅު ހަދާފަ ފިލައިގެންދާން އުޅުނީ. އެހެންވެ އަހަރުމެންނަށް މަޖުބޫރުވީ ދަރިފުޅުގެ ޝައުޤުވެރިކަން ވީ އެންމެ އަވަހަކަށް މިކައިވެންޏާމެދު ކޮންމެހެންވެސް ހޯދަން.” ކަންވީގޮތް ސިބްޢަތުﷲ ގެ ބައްޕަ ކިޔައިދިނުމުން ސިބްޢަތުﷲ އަށް ލިބުނީ އިތުރު ހައިރާން ކަމެކެވެ.

“ބައްޕަމެންގެ ތި ބޮޑު އޮޅުވައިލުމުގެ ސަބަބުން އެނގޭތަ އަހަންނަށް މިޝަލް އާމެދު ކަންތައް ކުރެވުނު ގޮތް؟” ހަޅޭއްލަވައިގަންނަމުން ސިބްޢަތުﷲ ބުންޏެވެ.

“ބައްޕާ އަހަންނަށް އޭނަގެ މުޅި ޖިސްމާ ފުރާނައޭ މި ބަރުބާދުކޮށްލެވުނީ. އެވެސް ހަމައެކަނި ބައްޕަ މެން ތިގެންގުޅޭ ހަރުކަށި ބޯދާ އުސޫލުތަކަށް ޓަކައި. ޗީޗީ.” އައި ރުޅިން މޭޒުމަތީގައި ސިބްޢަތުﷲ ގެ އަތުން ބާރަށް ބޮނޑިއެއް އެޅިއެވެ.

“މިހާރު މިޝަލް އަކީ ކުރިން މިގެޔަށް އައި މިޝަލް އެއް ނޫން. އޭނަގެ ހިނިތުންވުން، އޭނަގެ ސަކަ މިޒާޖު، އޭނަގެ އެ އުފާވެރި ވާހަކަތައްވެސް ހަމަ އަހަރެމެންގެ ސަބަބުން ނަގައިލެވުނީ. ހަމަ އަހަރެމެންގެ ސަބަބުން އޭނަގެ އެ އުފާވެރި ހަޔާތް މި ބަރުބާދުކޮށްލެވުނީ. އަހަރެން ހިތަށް އަރަނީ އޭނަގެ ބައްޕަ ކީއްވެގެންބާއޭ މިހުރިހައި ކަމެއް މިގޮތަށް ވާން ދޫކޮށްލީކީ.” ލިބިފައިވާ މޮޅިއާއި ހިތާމަޔާއެކުވެސް ސިބްޢަތުﷲ އަށް ހަމަވިސްނުން ވިސްނެން ފަށައިފިއެވެ.

“ސިބްޢަތުﷲ ތިކަމާ މާބޮޑަށޭ ތި ވިސްނަނީ. މީކީ ތިހާވަރު ވާންޖެހޭހައި ބޮޑު ކަންތައްގަނޑެއް ނޫނޭ. ބަލަ އެއީ އަންހެން ކުއްޖެކޭ. މިހާރު އެއީ ކަލޭގެ އަނބިމީހާއޭ. އެހެންވީމަ ދަރިފުޅު ބޭނުންގޮތަކަށް އޭނަޔާއެކީގަ ދިރިއުޅެވޭތޯ ބެލީމަ ހުންނާނީ ރަނގަޅަށޭ. އަންހެނުންނަކީ އަހަރެމެންގެ ފައިދޮށުގަ ތިބެންޖެހޭ ބައެއްކަން އަބަދުވެސް ހަނދާނުގަ ބަހައްޓައިގެން އުޅުނީމަ ހުންނާނީ ހުރިހައިކަމެއް ރަނގަޅަށް.” ސިބްޢަތުﷲ ގެ ކޮނޑުގައި އަތުން މަޑުމަޑުން ޖަހައިލަމުން އޭނާގެ ބައްޕަ ނަސީރު ބުންޏެވެ.

“ޗީޑި…. ބައްޕަގެ ވިސްނުން ހާދަ ޑީ-ގްރޭޑޭ ދޯ. އެކަމަކު ބުނަން ބައްޕާ، ބައްޕަ ބޭނުންހައި ގޮތަކަށް ދެނެއް ހަމަ އެއްވެސް ކަމެއް ނުވާނެ. މިޝަލް އަކީ ހަމައެކަނި އަންހެންކުއްޖެއް ނޫން. އެއީ އަހަރެން އެކުއްޖެއްދެކެ އިންތިހާއަށް ލޯބިވާ ކުއްޖާ.” ސިބްޢަތުﷲ ބާރަށް ފިލިގަތެވެ. ކުރިމަތީގައި ހުރީ އޭނާގެ ބައްޕަކަންވެސް ހަނދާން ނެތްކަހަލަ އެވެ. އެވަގުތު ސިބްޢަތުﷲ ގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހެންފަށައިފިއެވެ.

ވަޑާންގޭގެ އިދާރީ ބަޔަށް ވަނުމަށް ސިޑިން އަރައަރައި ހުރި މިޝަލްގެ ކަންފަތުގައި ޖެހުނު ލަފުޒުތައް ތަކުރާރުވާން ފެށިއެވެ.

“މިޝަލް އަކީ ހަމައެކަނި އަންހެންކުއްޖެއް ނޫން. އެއީ އަހަރެން އެކުއްޖެއްދެކެ އިންތިހާއަށް ލޯބިވާ ކުއްޖާ.”

ސިބްޢަތުﷲ ހަޅޭއްލަވައިގަންނަމުން އޭނާގެ ބައްޕައާއި ދިމާއަށް ބުނި ޖުމްލަ ތަކުރާރުކޮށް މިޝަލްގެ ކަންފަތުގައި އަދިވެސް ގުގުމަނީއެވެ. އެވަގުތު ސިޑީގެ އަރިމަތީގައި ހުރި އަތްގަނޑުގައި މިޝަލް އަށް ބާރަށް ހިފަހައްޓައިލެވުނީ އަރިއަޅާލައިގެން ވެއްޓިދާނޭ ހީވެގެންނެވެ. މިޝަލްގެ މޫނުވެސް ވަނީ ކަރުނައިން ފޯވެފައެވެ. ސިބްޢަތުﷲ ގެ އެ ހިތްގައިމު ޖުމްލައިގެ ކޮންމެ ލަފުޒެއް އޭނާގެ ހިތުގެ އެންމެ ފުންމިނަށް ފޯރައިފިއެވެ. އަރާފައިވާ ހުރިހައި އޮޅުމެއް އޮޅުންފިލަން ފަށައިފިއެވެ. މީގެ އިރުކޮޅެއް ކުރިން މިޝަލް އެތަނަށް ދިޔައީ ބޮޑުދައިތަ ބުނެގެން ސިބްޢަތުﷲ އަށް ގޮވުމަށެވެ.

“ބައްޕައަށް އެނގޭތަ މިޝަލް އަކީ އަހަރެން އެންމެ ކުރިންވެސް ލޯބިވި ކުއްޖާ. ބޮޑުބޭބެ ފޮނުވި ފޮޓޯއަކުން މިޝަލް ފެނުނު ދުވަހުން ފެށިގެން އަހަންނަށް މިޝަލް ދެކެ އިންތިހާއަށް ލޯބި ވެވުނު. އެކަމަކު ބައްޕަމެން ތިކުރި ކަމަކުން އަހަރެންގެ އަމަލުތަކުން މިޝަލް ބަރުބާދު ކޮށްލެވިއްޖެ.” ރޮމުން ސިބްޢަތުﷲ ވާހަކަދައްކަމުންދިޔައެވެ.

ސިބްޢަތުﷲ ގެ އަޑު އިވިފައި މިޝަލް އަށް ލޯމަރައިލެވުނެވެ. މަޑުމަޑުން ގިިސްލެވެން ފެށުނެވެ.

“އަހަރެން އޭނައަށް އަނިޔާކުރީކީ ހަމައެކަނި އޭނާގެ ޖިސްމަކަށް ނޫން. އޭނާގެ ރޫހަށްވެސް އަހަރެން ކުރި އަނިޔާގެ އަސަރު ފޯރި. މި ހުރިހައި ކަމެއްގެ ފަހަތުގަ މިވަނީ ހަމަ ބައްޕަ. އަހަރެން ދުވަހަކުވެސް ބައްޕައަށް މަޢާފެއް ނުކުރާނަން.” މިހެން ބުނުމާއެކު ސިބްޢަތުﷲ އެތަނުން ނިކުމެއްޖެއެވެ. އެވަގުތު ސިޑިމަތީގައި އިށީންދެގެން އިން މިޝަލް އަށް ބޭއިޚްތިޔާރުގައި ސިބްޢަތުﷲ ގެ ދެފައިގައި ހިފައިގަނެވިއްޖެއެވެ.

“މިޝަލް.” ސިބްޢަތުﷲ ވަރަށް އަސަރާއެކު މިޝަލް އަށް ގޮވައިލިއެވެ. މިޝަލް އިސްއުފުލައި ބަލައިލިއެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެ ކަރުނަ ފޮހެލިއެވެ. ސިބްޢަތުﷲ އަށް ހުރެވުނީ އެވެ. މިޝަލް ގެ އެ ހިތާމަވެރި ދެލޮލަށް ބަލާށެވެ. މިޝަލް އަށްވެސް ސިބްޢަތުﷲ ގެ ދެލޮލަށް ބަލަން ހުރެވުނީއެވެ. ދެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ނިހާއީ ލޯބިން ފުރިފައިވާ ދެމީހުންގެ ލޮލަށެވެ. އެތައް އިރެއް ވާންދެން އެގޮތުގައި ދެމީހުންނަށް ތިބެވުނީ ލޮލުން ދެމުންދިޔަ ފުން މެސެޖުތަކުން ހިތުގެ އަޑު އިއްވައިދިނުމުގައެވެ.

“މިހާރު މާބޮޑަށްވެސް ދަންވެއްޖެއެއްނު. ހިނގާ ނިދަން ދަމާ.” އެންމެ ފަހުން އެމީހުންގެ މެދުގައިވާ ހަމަހިމޭންކަމުގެ މުޢާމަލާތްކުރުން ފޫ ދުއްވައިލުމަށްފަހު ސިބްޢަތުﷲ ބުންޏެވެ. ސިބްޢަތުﷲ ގެ އަތް މިޝަލް އާއި ދިމާއަށް ދިއްކޮށްލިއެވެ. އެ އަތުގައި މިޝަލް މިފަހަރު ހިފީ ލޯބިންނެވެ. އެއްވެސް ބިރުވެރިކަމެއް، ނަފުރަތެއް ނެތް ޚާލިޞް ހިތަކާއި އެކުގައެވެ.

ދެމީހުން އެކުގައި ހިނގައިގަތީ އެމީހުންގެ ކޮޓަރިއަށް ދިއުމަށެވެ. ދެމީހުންވެސް އަމިއްލަ ޚިޔާލީ ދުނިޔެއެއްގައި ތިބެގެންނެވެ. ކޮޓަރިއަށް ވަދެވުމާއެކު މިޝަލް ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. ސިބްޢަތުﷲ ގޮސް އެނދުގައި ބުރަކަށި ޖައްސައިލިއެވެ. މިޝަލް މަޑުކޮށްލީ ޑްރެސިން ޓޭބަލް ކައިރީގައެވެ. ބުރުގާ އާއި އަތުގައި ހުރި ތަނޑިތައް ނެގިއެވެ. ކަރުގައި އޮތް ފަށް ނަގައި ޑްރެސިން ޓޭބަލް މަތީގައި ބޭއްވިވަގުތު އަނެއްކާވެސް އޭނާގެ ސިކުނޑީގައި ދައުރުވާން ފެށީ ސިބްޢަތުﷲ ބުނި ޖުމްލައެވެ.

‘އަހަރެން ލޯބިވި ކުއްޖަކީ އެއީ.’

ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް އެނބުރުނެވެ. އޭރު ސިބްޢަތުﷲ ގެ އަތުކުރީ ގަޑި ނަގައި ސައިޑް ޓޭބަލް މަތީގައި ބާއްވަނީ އެވެ. ސިބްޢަތުﷲ ގެ ހަރަކާތްތަކަށް ބަލަމުން ގޮސް މިޝަލް މަޑުކޮށްލީ އަލަމާރި ކައިރީގައެވެ. ސިބްޢަތުﷲ ގެ ނިދާހެދުން ނަގައި ބޭއްވުމަށްފަހު މިޝަލް ވަނީ ފާޚާނާ އަށެވެ. ދެމީހުންގެ ދެމެދުގައިވަނީ ހަމަހިމޭންކަމުގެ ފާރެއް ލެވިފައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މިޝަލްގެ ފައިގައި އަޅާފައިވާ ކެވެލިކޮޅުގައި ލާފައިވާ ގިގުނިން އިވެމުންދާ ހިތްގައިމު ތަރާނާގެ އަޑު އެކަންޏެވެ.

ދެމީހުންވެސް އެއްޗެއްހި ބަދަލުކޮށްލުމަށްފަހު އިޝާ ނަމާދުކޮށްލިއެވެ. މިޝަލް ނަމާދުކުރަން އިންއިރު ވެސް ޒިކުރު ތަސްބީހަ ކިޔަން އިން ސިބްޢަތުﷲ ގެ ނަޒަރު އެހެން ދެވަނަ ދިމާއަކަށް ނުހުއްޓެއެވެ. ކުރިން ސިބްޢަތުﷲ  ހީކުރީ ބިދޭސީ ޤައުމެއްގައި އުޅެ ބޮޑުވެފައިވާ މިޝަލް އަކީ އެހާ ދީންވެރި ކުއްޖަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އޭނާގެ މި ހީ ވެސް ވެގެންދިޔައީ މުޅިން ކުށްހީ އަކަށެވެ. މިޝަލް އަށް އިސްލާމް ދީނުގެ މުހިންމުކަން ރަނގަޅަށް އެނގޭކަން ވޭތިވެދިޔަ މަސްދުވަސް ތެރޭގައި ސިބްޢަތުﷲ އަށް އެނގިއްޖެއެވެ.

ޒިކުރު ތަސްބީހަ ކިޔައި ނިމިގެން ގޮސް ސިބްޢަތުﷲ އަނެއްކާވެސް އެނދުގައި ޖައްސާލިއެވެ. މިޝަލް ނަމާދުކޮށް ނިމިގެން ބަލައިލިއިރު ސިބްޢަތުﷲ  އޮތީ ނިތްކުރިމަތީގައި އަތް ބާއްވާލައިގެންނެވެ. މިޝަލް ވެސް ދުއާކޮށް ނިމިގެން ނަމާދުކުރާ މުސައްލަ އޮޅައިލައި އެއްފަރާތެއްގައި ބާއްވަމުން ތެދުވެއްޖެއެވެ. ހޮޅިބުރިތައް ނިއްވައިލައި ނިދާބޮކި ޖައްސާލަމުން ގޮސް އެނދުގައި އޮށޯވެއްޖެއެވެ. އޭނާ އޮންނަ ފަޅީގައެވެ. ދެމީހުން އެކުއެކީގާހެން ރަޖާގަނޑު މައްޗަށް ދަމާލައި ގައިމަތީގައި އެޅިއެވެ. ދެމީހުންގެ ސިކުނޑީގައިވެސް ވަނީ މިރޭ އަޑުއިވުނު ބަސްތަކެވެ. ސިބްޢަތުﷲ އާމެދު މިޝަލްގެ ދުލުން ބޭރުވި ބަސްތަކެވެ. މިޝަލް އާމެދު ސިބްޢަތުﷲ ގެ ދުލުން ބޭރުވި ބަސްތަކެވެ. ދެން ކުރަންވީ ކީއްކަމެއް އެކަކަށްވެސް ނޭނގޭ ކަހަލައެވެ. ދެމީހުންގެ މަންޒިލަކީ އެއް މަންޒިލެއްކަން ސާފުކޮށް އެނގުނަސް އެ މަންޒިލަށް ދަތުރު ފެށުމަށް ދެން ކުރަންވީ ކޮން ކަމެއްކަން ހަމަ އެކަކަށްވެސް ނޭނގޭ ހާލަތެއްގައި ތިބެވުނީއެވެ.

★★★

ނިދީގެ ކަންފުޅެއްވެސް ނެތުމުން މިޝަލް އެނދުން ތެދުވެއްޖެ އެވެ. އޭރުވެސް ސިބްޢަތުﷲ ގެ ބަސްތައް އޭނާގެ ކަންފަތުގައި ގުގުމަމުން ދަނީއެވެ. އެ ލަފުޒުތަކުން މިޝަލްގެ ހަށިގަނޑުގައި ގޮތްނޭނގޭ ޖަޒުބާތެއް ވަނީ އުފައްދާފައެވެ. އަރާމު ނިންޖެއްގެ ތެރެއަށް ޣަރަޤުވެފައި އޮތް ސިބްޢަތުﷲ އަށް މިޝަލް ބަލައިލިއެވެ. ސިބްޢަތުﷲ ގެ މޫނު ސާފުކޮށް ފެންނާން އޮތެވެ. ބޮލުގެ އިސްތަށިގަނޑުން ބައެއް އިސްތަށިތައް ނިތްކުރިމައްޗަށް ވަނީ އެޅިފައެވެ. އެތަން ބަލަން މިޝަލް އަށް އިނދެވުނީއެވެ. މިރޭ ސިބްޢަތުﷲ ގެ މޫނުމަތިން އޭނާއަށް ފެންނަނީ ހިތްގައިމު ސިފައެކެވެ. ލޯބިލޯބި ސިފައެކެވެ. އެ މޫނަށް ބަލަން އިނދެވުނުއިރު މިޝަލްގެ ހިތުގެ ތެޅުންވެސް ހުއްޓިފައިފާ ކަހަލައެވެ. މަޑުމަޑުން މިޝަލް ގެ އަތުން ސިބްޢަތުﷲ ގެ މޫނަށް އެޅިފައިފައި އިސްތަށިކޮޅު އެއްފަރާތް ކޮށްލިއެވެ. ޖެހިލުންވެ އިނދެ ނަމަވެސް އެ އިސްތަށިކޮޅާއި ކުޅެން ފެށިއެވެ.

“އަހަރެން…… އަހަރެން މީތަ…. ސިބްޢަތުﷲ ލޯބިވި މީހަކީ؟” ސިބްޢަތުﷲ ގެ މޫނަށް ނުހަނު ލޯބިން ބަލަމުން މިޝަލް އަށް ސިއްރުސިއްރުން އަހައިލެވުނެވެ.

އެވަގުތު އެއްވެސް ހިފެހެއްޓުމެއް ނެތި މިޝަލްގެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އަތުގެ ނުފުށުން ކަރުނަފޮދު ފޮހެލަމުން މަޑުމަޑުން ހިނިތުންވެލިއެވެ.

“އަހަރެންވެސް ބޭނުން ސިބްޢަތުﷲ ދެކެ ލޯބިވާން. އިންތިހާއަށް ލޯބިވާން ބޭނުން.” އަނެއްކާވެސް މަޑުމަޑުން މިޝަލް އަށް ބުނެވުނެވެ. ހިނިތުންވަމުންނެވެ.

ނިތްކުރިމަތީގައި އޮތް އިސްތަށިތައް ރަނގަޅުކޮށްލަމުން ސިބްޢަތުﷲ ގެ އޮމާން ސާފު އަދި އެހާމެ ރީތި ނިތްކުރީގައި މިޝަލް ފިރުމައިލިއެވެ. އެވަގުތު މިޝަލްގެ ދެތުންފަތް ތުރުތުރު އަޅަންފެށިއެވެ. އެ ދެތުންފަތް ބޭނުންވަނީ ސިބްޢަތުﷲ ގެ ނިތްކުރީގައި ބޮސްދިނުމަށެވެ. ނަމަވެސް އެކަން ކުރާނެ ހިތްވަރެއް މިޝަލް އަކަށް ނުލިބުނެވެ. ފިރިހެނުންނަށް އަންހެނަކަށް ބޮސްދޭން ކިތަންމެ ފަސޭހަޔަސް އަންހެނަކަށް އެއީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ޚާއްޞަކޮށް މިޝަލްގެ ދިރިއުޅުން އޮތް ހާލަތުގައެވެ. މިފަދަ ވިސްނުމެއްގައި އިނދެ މަޑުމަޑުން ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް ގުދުވިއެވެ. މަޑުމަޑުން މިޝަލްގެ ތުންފަތް ސިބްޢަތުﷲ ގެ ނިތްކުރީގައި ޖައްސައި ބާރުކޮށްލިއެވެ. އެގޮތުގައި މަޑުކޮށްގެން އިންދާ އޭނާގެ ލޮލުން އަނެއްކާވެސް ކަރުނަ ހިލިއްޖެއެވެ. ކަރުނަ ތިތްކެއް ސިބްޢަތުﷲ ގެ މޫނަށް ވެއްޓިދާނެތީ ބިރުން ފަހަތަށް ޖެހެވުނެވެ. ސިބްޢަތުﷲ ގެ އަތުގައި ބޯއަޅާލައިގެން އެނދުގެ އެއްފަރާތުގައި އޮށޯވެއްޖެއެވެ. އެއީ ސިބްޢަތުﷲ އާއި އެހާ ކައިރީގައި އެއްވެސް ބިރެއް ނެތި އޭނާ ނިދަން އޮތް ފުރަތަމަ ފަހަރެވެ. މަޑުމަޑުން މިޝަލް ލޯމަރައިލާ ނިދޭތޯ މަސައްކަތްކުރަން ފެށިއެވެ.

 

މިޝަލް އަށް ނިދުނުތަނާހެން ސިބްޢަތުﷲ ލޯ ހުޅުވައިލިއެވެ. އޭނާގެ މުލައްދަނޑި މަތީގައި ބޯއަޅާލައިގެން ނިދަން އޮތް މިޝަލް އަށް ބަލައިލިއެވެ. ސިބްޢަތުﷲ ގެ އަނެއް އަތުން މިޝަލްގެ ގައިގައި ރަނގަޅަށް ބައްދާލައި ގަޔާއި ކައިރިކޮށްލިއެވެ. އެވަގުތު މިރޭ އޭނާއާއިމެދު މިޝަލް ދެއްކި ވާހަކަތައް ހަނދާނަށް އައިސް އެ ފޮނި ޖުމްލަތަކުން އޭނާގެ ހިތް އުފާކޮށްދޭން ފެށިއެވެ. އަމިއްލަ ނިތްކުރީގައި އަތުގެ އިނގިލިތައް ޖައްސައިލަމުން އެ ނިތްކުރިއަށް މީގެ އިރުކޮޅެއް ކުރިން މިޝަލް ދިން ބޮސްގެ މަތިން ހަނދާންކޮށްލިއެވެ.

“އައި އޭމް ސޮރީ.” ވައިއަޑުން ސިބްޢަތުﷲ ބުންޏެވެ. އޭނާގެ މުލައްދަނޑިމަތީގައި ބޯއަޅާލައިގެން އަރާމު ނިންޖެއްގައި އޮތް މިޝަލް ގެ ނިތްކުރީގައި ވަރަށް ލޯބިން ބޮސްދިނެވެ.

“މިޝަލް އަހަރެންދެކެ ލޯބިވާނެ. އަހަރެން މިޝަލް ދެކެމިވާ ފުން ލޯބި ހާމަކޮށްދޭނަން. ތީ އަހަންނަށް ވަރަށް ޗާލު ކުއްޖެއް. ‘ ♩ ♪ ♫ ♬ ޗާލޭ ކަލާ ހާދަ ޗާލޭ… ♩ ♪ ♫ ♬’ ” އެއްވެސް ބީޓެއް ނެތަސް ސިބްޢަތުﷲ އަށް ކިޔުނު އެންމެ ރީތިކޮށް މަޝްހޫރު ލަވައަކުން ތަންކޮޅެއް ކިޔައިލިއެވެ. ސިބްޢަތުﷲ ގެ އާއިލާ އަކީ ކިތަންމެ ދީންވެރި އާއިލާއަކަސް ސިބްޢަތުﷲ އަކީ މި ޒަމާނުގެ ކުދިންނާ މާބޮޑު ތަފާތުތަކެއް ހުންނަ މީހެއް ނޫނެވެ. ބައްޕަމެންގެ ހަރުކަށި ދީނީ ވިސްނުމާއި ބޯދާ ސިޔާސަތު ތަކުގެ ތެރޭގައި މަޖުބޫރުން ބަނދެވިފައި ހުންނާކަށް ދެނެއް އޭނާ ބޭނުމެއް ނޫނެވެ. މިޝަލްގެ ބޮލުގައި ވަރަށް ލޯބިން ފިރުމައިލަމުން މިޝަލް ގެ ގައިގައި ކުރިއަށްވުރެންވެސް ބާރަށް ބައްދައިލިއެވެ.

***~~~***

 

އަރާމު ނިއްޖަކަށްފަހު ސިބްޢަތުﷲ އަށް ހެއިލެވިއްޖެ އެވެ. ސައިޑް ޓޭބަލް މަތީގައި ހުރި ގަޑިއަށް ބަލައިލަމުން އެނދުން ތެދުވެގެން ގޮސް ސިބްޢަތުﷲ ވަނީ ފާޚާނާ އަށެވެ. ފާޚާނާއިން ނިކުތްއިރު މިޝަލް ވެސް ހޭލައިފިއެވެ. މިޝަލް ތެދުވެގެން ގޮސް އަލަމާރިން ސިބްޢަތުﷲ ލާނެ ޓީޝާޓަކާއި ޖީންސެއް ނަގައި އެނދުމަތީގައި ބޭއްވިއެވެ. އަނެއްކާވެސް ދެމީހުންގެ ދެމެދުގައި ވަނީ ހަނުކަމެވެ. ލޮލުގެ ހިމަކޮޅުން ސިބްޢަތުﷲ އާއި ދިމާއަށް މިޝަލް ބަލައިލިއެވެ. ސިބްޢަތުﷲ ވެސް ވަރަށް ނުކެރިހުރެ މިޝަލް އަށް ބަލައިލިއެވެ. ދެމީހުންވެސް ތިބީ އެކަކު އަނެކަކާއި އަނގައިންބުނަން ޖެހިލުންވެފައެވެ. ދައްކާނެ ވާހަކައެއް ނޭނގިފައެވެ. އަނގައިން ހަމަ އެއްވެސް ބަހެއް ނުބުނެ ދެމީހުންވެސް ތައްޔާރުވެއްޖެއެވެ.

“މިޝަލް.” ކޮޓަރިން ނިކުމެނިކުމެ ހުރި މިޝަލް އަށް ސިބްޢަތުﷲ ގޮވައިލިއެވެ.

“ކޮންއިރަކުންތަ ތި އެންމެން ޝޮޕިން އަށް ދަނީ؟” ސިބްޢަތުﷲ އަހައިލިއެވެ. ދޮރުގެ ތަޅުގައި ހިފަހައްޓާލައިގެން ހުރި މިޝަލް ސިބްޢަތުﷲ އަށް ބަލައިލިއެވެ.

“ނޭނގޭ. އެޔެއް އެނގޭނީ ބޮޑުދައިތައަށް.” ޖަވާބު ދެމުން މިޝަލް ކޮޓަރިން ނިކުމެއްޖެއެވެ.

“ޔާﷲ، ކީއްވެބާ މިޝަލް އާ ވާހަކަ ދައްކަން އަހަންނަށް މިހާރު އުނދަގޫވެގެން މިއުޅެނީ؟” ހިތާހިތާ ސިބްޢަތުﷲ އަށް ބުނެވުނެވެ. ސިބްޢަތުﷲ ކޮންމެހެން ބޭނުންވީކީ މިޝަލް ފިހާރައަށް ދާގަޑި ބަލާކަށް ނޫނެވެ. އޭނާ ބޭނުންވަނީ މިޝަލްގެ ކިބައިން މަޢާފަށް އެދޭށެވެ. އަމިއްލަ އަތުން ހަލާކުކޮށްލެވުނު ދިރިއުޅުން އަލުން އާރާސްތު ކުރާށެވެ. އެކަމަކު އެ ފުރުޞަތު މިޝަލް ދޭނެބާވައެވެ؟

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.