‘ނޯޓީ ފޯޓީ’ގެ ސީކުއަލް ‘ފޯޓީ ޕްލަސް’ގެ ފުރަތަމަ ދައްކައިލުން ރޯދަ މަސް ނިމުމުން ދައްކާލަން ތައްޔާރު ވަމުން އަންނަ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނެފިއެވެ.
މަޝްހޫރު ޑައިރެކްޓަރ ޔޫސުފް ޝަފީއު ޔޫއްޕެ ޑައިރެކްޓް ކުރާ ކޮމެޑީ ފިލްމާ ބެހޭ ގޮތުން މީޑިއާއަކަށް މަޢުލޫމާތު ދެމުން ޝަފީގު ބުނީ ފިލްމުގެ ހުރިހާ މަންޒަރެއް ނަގައި ނިމިފައި ވާކަމަށެވެ.
“ފިލްމު އެއްކޮށް ޝޫޓް ކޮށް އޮތީ ނިމިފަ. ދެން މިހާރު މި ތައްޔާރު ވަނީ ބެލުންތެރިންނަށް ފިލްމުގެ ފުރަތަމަ ދައްކާލުން ދައްކާލަން. އަދި ވަކި ތާރީހެއް ބުނަން ދަތި. އެކަމަކު ރޯދަ ފަހުން ފެންނާނެ،” ޝަފީޤު ބުންޏެވެ.
ތ. ބުރުނީގައި ޝޫޓްކޮށް ނިންމާފައިވާ ‘ފޯޓީ ޕްލަސް’ ރާއްޖޭގެ ސިޔާސީ މަސްރަހު އުޅޭ ގޮތުން ކުރިން ރިލީޒް ކުރަން ތާވަލް ކޮށްފައި އޮތް ތާރީހުގައި ފިލްމު ނޭޅުވިދާނެ ކަމަށް ޝަފީގް ބުނެއެވެ. ނަމަވެސް މި އަހަރުގެ ތެރޭގައި ފިލްމު ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ވަރަށް މަސައްކަތް ކުރާކަމަށް ވެސް އޭނާ ބުންޏެވެ.
“ފިލްމުގެ ބޮޑު މަސައްކަތް މިއޮތީނިމިފަ. ޑަބިން ވެސް ހަމަ ވަރަށް ކުޑަ ތަންކޮޅެއް ދެން އޮތީ. އެދެން ދެ ދުވަހަކުން ނިންމާލެވޭނެ. ދެން އޮތީ ފިލްމުގެ ބެކް މިޔުޒިކްގެ މަސައްކަތް. އިރާދަކުރެއްވިއްޔާ މި އަހަރު ތެރޭގައި ފިލްމު އަޅުވަން މި މަސައްކަތް ކުރަނީ،” ޝަފީޤު ބުންޏެވެ.
‘ފޯޓީ ޕްލަސް’ އިން ވެސް ފިލްމީ ދާއިރާއަށް މުޅިން އައު މޫނު ތަކެއް ފެނިގެންދާނެއެވެ. އެގޮތުން ‘ފޯޓީ ޕްލަސް’ އިން މުޅިން އައު ހަތަރު ތަރިން ފެނިގެން ދާނެއެވެ. އޭގެ ތެރޭގައި ޔޫއްޕެގެ ‘ދެވަންސޫރަ’ އިން ފެނިފައިވާ މޫނެއް ކަމަށްވާ ޝިފާ ހިމެނެއެވެ. އަދި ފިލްމީ ދާއިރާގައި ކުރިއަރަމުން އަންނަ ސްޓެޕް އައްޔަ ގެ އަންހެނުންވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުންދާ ތަރިންތަކާއި ކުރި އަރަމުން އަންނަ ނުހަނު ގިނަ ތަރިންގެ އެކްޓިންވެސް ފެންނާނެއެވެ.
ފިލްމުގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެންދާނީ ޔޫއްޕެ އާއި އަލީ ސީޒަނާއި މުހައްމަދު މަނިކު، އަލީ ޝާހިދާއި އަހްމަދު އީސާ އާއި މައިޝާ އަހްމަދު ސައީދު އާއި ޝީލާ ނަޖީބާއި މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ.
މި ފިލްމާއި މެދު ފިލްމުގައި ހަރަކާތްތެރިވާ މަޝްހޫރު ތަރިން އަންނަނީ ފޮނި އުންމީދުތަކެއް ކުރަމުންނެވެ.
ނޯޓީ40 ގައި ހަސަން ގެ ބައި އަދާކުރި އަލީ އާޒިމް (ދޮން އައްޔަ) ބުނީ ފޯޓީ ޕްލަސް ގައި އޭނާ އަދާކުރާ ކެރެކްޓަރ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް އުއްމީދު ކުރާކަމަށެވެ. ހަމަ އެހެންމެ ނޯޓީ40 ގައި ފުލުހެއްގެ ދައުރުން ފެނިގެން ދިޔަ މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން ވެސް ހުރީ ފިލްމާއި މެދު ފޮނި އުންމީދު ތަކެއްގައެވެ.
“ނޯޓީ40 ގެ ކެރެކްޓަރ އާ ވަރަށް ތަފާތުވާނެ މި ކެރެކްޓަރ. އޭގައި ކުޅެފަ މީނީ ޕޮލިހެއްގެ ކެރެކްޓަރ. އެހެން ނަމަވެސް ފޯޓީ ޕްލަސްގަ މި ކުޅެނީ މުޅިން އެހެން ގޮތަކަށް އިންނަ އެހެން ކެރެކްޓަރ އެއް.” ފޯޓީ ޕްލަސް ގައި ސީޒަން އަދާކުރާ ކެރެކްޓަރ އާއި މެދު މަޢުލޫމާތު ދެމުން ސީޒަން ބުންޏެވެ.
“މީކީ އެއްވެސް ސީރިއަސް ކެރެކްޓަރ އެއް ނޫން. ޔޫއްޕެ އާ ސައީދު އާ މަނިކު އާ ހަތަރުމީހުން ހަމަ އެއްކޮށް ވަރަށް ގިނަ ހާދިސާ ތަކަކާއި ކުރިމަތިވާކަހަލަ ގޮތަކަށް އިންނަ ކެރެކްޓަރ އެއް މީ.” ފިލްމުގެ ޑައިރެކްޓަރ ޔޫއްޕެ ގެ ހުއްދަ ލިބިފައިވާ ވަރަށް ފިލްމުގައި ސީޒަން އަދާކުރާ ރޯލު އިތުރަށް ކިޔައިދެމުން ބުންޏެވެ.
ނޯޓީ40 ގައި ޓީޗަރުގެ ބައި އަދާކުރި ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ބުނީ މިފަހަރު އޭނާ އަށް ލިބިފައިވާ ރޯލު ވަރަށް ތަފާތު ވާނެ ކަމަށެވެ. އަދި މިފަހަރު އޭނާއަށް ލިބިފައިވާ ރޯލު ކުރީ ފަހަރަށް ވުރެން ބޮޑުވާނެ ކަމަށްވެސް އަލީ ޝާހިދު މަޢުލޫމާތު ދެއެވެ.
‘ފޯޓީ ޕްލަސް’ ގެ ޝޫޓިންގ ފެށީ މިދިޔައަހަރު ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. ތ. ބުރުނީގައި ނަގަންޖެހޭ ބައިތައް ނަގާ ނިންމާލާފައިވަނީ މިއަހަރު ޖެނުއަރީ 21 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2021ޚަބަރުމުނިއަވަސް މަދަހަ މުބާރާތަށް މިފަހަރުވެސް ބޮޑު ތަރުހީބެއް!
- 16 މާރޗް 2021ރިޕޯޓްކޮފީއަށް ކުޑަ ޚަރަދެއް! މި ގޮތް ކިހިނެއް؟
- 10 މާރޗް 2021ޚަބަރުއަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމަރަފުށީގައި ހޭންޑްބޯލް މުބާރާތެއް
- 2 މާރޗް 2021ޚަބަރު“ފްލައިޓް” ގެ ޓްރެއިލާއިން ބެލުންތެރިން ހައިރާންކޮށްލައިފި