ޚަރަދު‘ މި ލަފުޒަކީ ދިވެހިންނަށް ފަރިތަ، އެންމެން ދަންނަ ލަފުޒެކެވެ. ލަފުޒުގައި ޢަރަބި ‘ޚ’ ހިމެނިފައިވުމުން މިއަދާއި ހަމައަށް އަޅުގަނޑަށްވެސް ހީވެފައި ވަނީ މިއީ ޢަރަބި ލަފުޒެއް ކަމަށެވެ. ނަމަވެސް ފޭސްބްކް ތެރެއިން ފެނުނު ޕޯސްޓެއް ކިޔައިލުމުން އަޅުގަނޑަށް ކުރެވިފައިވާ ކުށްހީ ފިލައިފިއެވެ. އެހެންކަމުން ‘ހަމަ އެންމެ ލަފުޒެއް’ މި ސެގްމެންޓްގެ ދަށުން މިފަހަރު މި ގެނެސްދެނީ ‘ޚަރަދު’ މި ލަފުޒާއި ބެހޭގޮތުން ދިވެހިބަހުގެ އުސްތާޒް، އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ސޯދުބޭ) ލިޔުއްވާފައިވާ ލިޔުންކޮޅެއްގެ ނަކަލެކެވެ.

‘ވޭތުވެދިޔަ މަހަށް ހިނގާފައިވާ خرد އެވެ. ތިން މަސް ދުވަހުގެ خرد އެވެ. އިސްވެދިޔަ ދެ ޖުމްލައިގައި ލިޔެފައިވާ خرد އަކީ، ޢަރަބި އަކުރުން ލިޔެވެމުން އަންނަ ބަހެކެވެ. ނަމަވެސް އެއީ ޢަރަބި ބަހެއްތޯއެވެ؟ ޢަރަބި ބަހުގައި އެބަހާ އެންމެ ގާތް ބަހަކަށް އޮންނަކަމަށް އެނގިފައިވަނީ خراج އެވެ. މިއީ މާނައަށް ބަލާއިރު އެބަހާ މާދުރު ބަހެކެވެ. ބިމަކަށް ދޭންޖެހޭ ވަރުވާ އެވެ. ބިމަކުން ނެގޭ ޓެކްސް އެކެވެ. ވީއިރު މިއީ ޢަރަބި ބަހެއް ނޫންކަމަށް ޤަބޫލުކުރާން ޖެހެއެވެ.

ދެން މިއީ އުރުދޫ ނުވަތަ ފާރިސީ ބަހެއްތޯ ބަލާލަމާ ހިންގަވާށެވެ. އޭރުން އަނެއްކާވެސް ‘ޚ’ ބޭނުންކޮށްގެން ލިޔެވިދާނެ އެވެ. އުރުދޫ ބަހުން ނުވަތަ ފާރިސީ ބަހުން މިބަހާ އެންމެ ގާތް ބަހަކަށް އޮތީ، خرچ (ޚަރާޗް) އެއީ ހަމަ ޚަރަދެވެ. ވީއިރު އެބަހާ މިއެއްގޮތް ކުރެވެނީ ކުރީގެ ދެއަކުރެވެ. އަނެއް އަކުރު ވަނީ ހެދިފައެވެ. ވީއިރު މިއީ އަޞްލު ބަސް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

އަޅުގަނޑުގެ ޚިޔާލު މިހިސާބުގައި އުޅެނިކޮށް ދިވެހި ބަސްފޮތުގެ ހ. ގެ ރަދީފްގެ 27 ވަނަ ޞަފްޙާ ފެނިއްޖެ އެވެ. އެބަސް އެ ޞަފްޙާގައި ލިޔެވިފައިވަނީ، ހަރަދު މިހެންނެވެ. އެބާބުގައި ބަޔާންކުރަނީ އެއީ ބޯދާބަހެއް ކަމުގައިވެސް މެއެވެ. އާދެ! މިސާފުވީއެވެ. އެއީ ޢަރަބި ބަހެއްނޫނެވެ. މައް ދިވެހިބަހެކެވެ. ހަރަދު ބަރަދެވެ.”

ސޯދުބޭގެ މި ލިޔުންކޮޅުން ސާފުވަނީ ‘ޚަރަދު’ މި ލަފުޒަކީ ޚާލިޞް ދިވެހި ލަފުޒެއް ކަމެވެ. މައް ދިވެހިބަހުގެ ލަފުޒެއް ކަމެވެ.

‘ޚަރަދު’ މި ލަފުޒާއި ބެހޭގޮތުން ސޯދުބޭ ލިޔުއްވާފައިވާ ލިޔުންކޮޅެއް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.