ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް ކޮންމެ ފަހަރަކުވެސް ދިޝާގެ ދޮން ފައިތިލައިގައި ބޮސްދީފައި އެނބުރިދަނީ ނިކަން އުފަލުންނެވެ. ޖެހެމުންދާ މަޑުމަޑު ހިތްގައިމު ވައިރޯޅިތައް ދިޝާގެ ދިގު ފަން އިސްތަށިކޮޅާއި އިރުއިރުކޮޅާ ސަމާސާކޮށްލައެވެ. މި ސާފު ހުދު ދޮންވެލި ގަނޑަކީ ދިޝާއަށް އާ ތަނެއް ނޫނެވެ. ކުޑައިރުއްސުރެ އަބަދުމެ އައިސް އެތައް ވަގުތެއް ހޭދަކޮށްފައިވާ ތަނަކެވެ. ނަމަވެސް މިފަހަރު ދިޝާ އެގޮނޑުދޮށަށް އެއައީ ހަ އަހަރު ފަހުންނެވެ.
އިރުއޮއްސި އުދަރެހަށް ރަތްވިލާގެ އަސަރުތައް ވެރިވާންފެށީ ވެސް ދިޝާ އެތަނުގައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުއްޓައެވެ.
“ދަރިފުޅާ. އިރުއޮއްސޭ ދަޅަ މައްޗަށް މިތަނުގައި ހުންނާކަށް ނުވާނެ.” ދިޝާގެ މަންމަ ޒަރީހާގެ އަޑުން ދިޝާ ސިހުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ދިޝާ ފައިވާން އަތަށް ނަގައިގެން މަންމައާއި ދިމާއަށް ހިނގައިގަތެވެ.
“އެއްވެސް ކަމެއް ބަދަލެއްނުވޭ ދޯ މަންމާ.” ދިޝާ ޒަރީހާގެ ކޮނޑުގައި އެލިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ.
“އެއްވެސް ކަމެއް ބަދަލެއްނުވޭ. ބަދަލުވީ މަންމަގެ ދަރިފުޅު.” ޒަރީހާގެ ދެމާނަ އެކުލެވޭ ޖުމްލައިންވެސް ޒަރީހާ ދައްކަން އެއުޅޭ ވާހަކަ ދިޝާއަށް ނަގައިގަނެވުނެވެ. މަންމަގެ އަތުން ދޫކޮށްލަމުން ގެޔާއި ދިމާއަށް ދިޝާ މިސްރާބުޖެހީވެސް ޒަރީހާ ވާހަކަދައްކަން އެއުޅޭ މައުޟޫޢުގައި ކުރިޔަށް ދާން ބޭނުންނުވާތީއެވެ.
ނަމަވެސް ޒަރީހާ ބާރު ހިނގުމެއްގައި އައިސް ދިޝާއާއި އަރާ ހަމަކުރިއެވެ.
“ދަރިފުޅު އަފްޒަލްއާއި ކައިވެނި ތިކުރީ ހަމަ ލޯބިންތަ؟” ޒަރީހާގެ ސުވާލު ދިޝާގެ ފައިގައި ކަސްތޮޅު އަޅުވާލިފަދައެވެ. ދިޝާ ޒަރީހާގެ މޫނަށް ބަލާލީ ނުރުހިފައެވެ.
“ރުޅިއަޔަސް މަންމައަށް މިސުވާލުކުރުން ހައްޤޭ ދިޝާ. އަދި އެންމެ ނަވާރަ އަހަރޭ ދިޝާއަށް ވީ. މަންމަ ދިޝާ މާލެ ފޮނުވީ ކިޔަވަންށޭ. މީހަކާއި އިންނާކަށް ނޫނޭ. އެކަމަކު ދިޝާ މީހަކާއި އިނީ މަންމައަށް އަންގާވެސްނުލާ. އެންމެ ފަހުވަގުތު އެނގުމުންވެސް މަންމަ ދިޝާއަށް ކިހާ ވަރަކަށް އާދޭސް ކުރީ. އަދިވެސް ލަހެއް ނުވޭ. ދަރިފުޅު އަފްޒަލް ކައިރިން ދުރުވޭ.” އެތައް ދުވަހެއް ވަންދެން ސިކުނޑީގައި އެނބުރި އެނބުރި ހުރި ވާހަކަތައް ދިޝާގެ ކުރިމައްޗަށް ޒަރީހާ ބަންޑުންކޮށްލިއެވެ. ޒަރީހާ ދިޝާގެ ފުސްވެފައިވާ މޫނަށް ބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގަައެވެ. ނަމަވެސް މިފަހަރުވެސް ދިޝާ ހިޔާރުކުރީ ހިމޭންކަމެވެ.
“އަދި އައި ގޮތަށް ފެންވެސް ނުވަރަން މަންމާ. މިދަނީ ފެންވަރާލަން. ވަރަށް ވަރުބަލި.” ދިޝާ ހިނގައިގަތީ ފަސްއެނބުރި ބަލައިވެސް ނުލައެވެ. ޒަރީހާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ދިޝާގެ ހިތުގައި ޖެހޭފަދަ ގޮތަކަށް އެއްވެސް އެއްޗެއް ބުނާކަށް ޒަރީހާ ބޭނުމެއްނޫނެވެ. ދިޝާގެ ފަހަތުން ޒަރީހާވެސް ހިނގައިގަތެވެ.
ކޮޓަރިއަށް ވަން އިރު ދިޝާގެ އެރީތި ދެލޯ ވަނީ ކަރުނުން ތެމިފޯވެފައެވެ. ހަށިގަނޑުގައި އުފެދިފައިވާ ވޭނުން ދިޝާ އަށް ކޮޅަށް ހުރުމަށްވެސް ދަތިވާ ކަހަލައެވެ. މަޑުމަޑުން ދިޝާ އަށް ތިރިވެވި ޓައިލްސް މަތީގައި އިށީނދެލެވުނެވެ. މަންމަގެ ހިތުގައި ޖައްސާކަށް ދިޝާ ބޭނުމެއްނޫނެވެ. ނަމަވެސް ހަޤީޤަތް ބަޔާން ކުރެވޭކަށްވެސް ނެތެވެ. ދިޝާއަކީ އެ މަންމަ ހީކުރާފަދަ މާ މާތް ކުއްޖެއްނޫނެވެ. މާޒީގެ ސޮފްޙާތައް ލޯމަތީގައި ހުޅުވެން ފެށުމާއެކު ދިޝާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ބޭއިޚްތިޔާރުގައެވެ.
އެވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގްވާާން ފެށިއެވެ. އެތައް އިރަކު ރިންގްވެ ކެނޑުނު އިރުވެސް ދިޝާ އިން ގޮތަށް އިނީއެވެ. ގަނޑުވެފައިވާ ދިޝާގެ ދެފައިގައި ފޯނާއި ހަމައަށް ދާނެހާ ބާރުވެސް ނެތީއެވެ.
“މިހުރީ ލޮނު މިރުސްގަނޑު. ދިޝާ އެއައީ އެއްކޮށްތަ؟” ނާދިޔާ އާއި ޒަރީހާ ވާހަކަދައްކަން ތިބީ ނާދިޔާ މެންގެ ބަދިގެ ތެރޭގައެވެ. ނާދިޔާ އަކީ ޒަރީހާގެ ގާތް އަވަށްޓެރިއެކެވެ. އަދި ޒަރީހާގެ ގާތް އެކުވެރިއެއްވެސް މެއެވެ.
“ހީވޭތަ އެމަންޖެ އެއްކޮށް އަންނާނެހެން. އަފްޒަލްގެ ދެފައި ބުޑަށް ވެއްޓި ރޮއެ އާދޭސްކޮށްގެން އެންމެ ހަފްތާއެއްހާ ދުވަހަށް ފޮނުވާފައި އެހުރީ.” ނާދިޔާ ދިއްކޮށްލި ލޮނުމިރުސްތަށީގައި ހިފަމުން ޒަރީހާ ދޫކޮށްލީ ފުން ނޭވާއެކެވެ.
“ރަނގަޅުތާ ދެން. ކީއްވެތަ އަފްޒަލް ނައީ.” ނާދިޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“އޭނައަށް ނުކެރުނީ ކަންނޭނގެ އަންނަން. އަހަރެމެން ނުރުހޭ ކަން އިނގޭތީ.” ޒަރީހާ އިށީނދެގެން އިން ގޮޑިން ތެދުވިއެވެ.
“ދެން ދަނީ. މިހާރު ދިޝާ ފެންވަރައިގެން ނިކުމެދާނެ.” ޒަރީހާ ހިނިތުންވެލުމާއެކު ނާދިޔާ ބޯޖަހާލިއެވެ.
ލޯގަނޑު ކުރިމަތީގައި ދިޝާ ހުއްޓިލައިގެން ހުއްޓެވެ. ފެންނަ ފެނުމަށް ދިޝާ އެބަލަނީ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށެވެ. މަޑުމަޑުން ދިޝާގެ އަތް ހަރަކާތްކޮށްލިއެވެ.
ގައިގައި އޮޅާލައިގެން ހުރި ތުވާލި ޓައިލްސް މައްޗަށް ވެއްޓުމާއެކު ދިޝާގެ ލޮލުން ކަރުނަ އޮހެން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ދިޝާގެ ހަށިގަނޑުގެ އެތަން މިތަން ރަތްވެފައިވާ އިރު ދެތިން ތަނެއް ޒަހަމްވެ ލޭގަނޑުވެފައި ހުއްޓެވެ.
“ދަރިފުޅާ. އަދިވެސް ނުނިމޭތަ. އާދެބަލަ ކާން އަވަސްކޮށްލައިގެން.” ޒަރީހާ ދޮރުގައި ތަޅައިގަތުމާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރި ތަޅުލާފައި ހުރިކަން އެނގޭއިރުވެސް ޓައިލްސް މަތީގައި ވެއްޓިފައި އޮތް ތުވާލި ނަގާ ގައިގައި އަވަސް އަވަހަށް އޮޅާލީ ހަށިގަނޑުގައިވާ ޒަހަމްތައް ފޮރުވުމަށެވެ. އެފަދަ އަނިޔާއާއި ވޭން ދިޝާ އަށް ދިނީ ކާކުބާއެވެ. ކީއްވެހެއްޔެވެ؟ ޖަވާބު އެނގޭނީ ހަމައެކަނި ދިޝާ އަށެވެ. ނަމަވެސް ދިޝާގެ ތަފާތު މިޒާޖުވެސް އަޖައިބެއްފަދައެވެ. އަމިއްލަ ޒާތީ އެއްވެސް ކަމެއް އެއްވެސް މީހަކާއި ހިއްސާކުރާކަށް ދިޝާ ބޭނުމެއްނޫނެވެ.
އެއްކޮށް ކަރުބެދިފައިވާ ޓީޝާޓެއް ބޮލުން ވައްޓާލަމުން ދިޝާ އޭނާގެ ދިގު އިސްތަށިގަނޑު އަތަށް އެއްކޮށްލަމުން ރަބަރެއް އައްސާލިއެވެ. ފެންވަރާ ތާޒާ ވެލުމުން ދިޝާގެ ޖަންބު ކުލައިގެ މޫނު ވަނީ މަލެއްހެން ފޮޅިފައެވެ.
“ދިޝޫ. އަންގާވެސް ނުލާ ތިއައީ އޯ.” ދިޝާ ކޮޓަރިން ނިކުތުމާއެކު ދިޝާގެ ދޮންތަ ހަމްދާ ހެވި ދިލިފައި އައިސް ދިޝާގެ އަތުގައި ހިފިއެވެ.
“ސަޕްރައިޒެއް ދޭންވެގެން. ކޮބާތަ އިޒޫ.” ދިޝާ ހިނިތުންވެލިއެވެ.
“ނިދާފައި އޮތީ. ދޮންތަބެ ކައިރީގައި ބަހައްޓާފައި މިއައީ. މާދަން ގެންނާނަން އިނގޭ. މިހާރު ވަރަށް ބޮޑުވެއްޖެއޭ.” ހަމްދާ އަދިވެސް ހުރީ ދިޝާގެ އަތުގައި ހިފަހައްޓައިގެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހުރި ހަމައެކަނި ކޮއްކޮ ލޮލަށް އެފެނުނީ ހަ އަހަރު ފަހުންނެވެ.
“ދަރިފުޅުމެން އާދޭ ކާން. މަންމަ މިހާރު ބަނޑުހައިވެގެން ގޮސް ހަލާކުވަނީ މި.” ބަދިގެ ފަރާތުން ޒަރީހާގެ އަޑު އިވުމާއެކު ދިޝާއާއި ހަމްދާ ހެމުން ހެމުން އެދިމާއަށް ހިނގައިގަތެވެ.
ކާމޭޒުކައިރީގައި ދިޝާ އިނީ ހިތް ނުތަނަވަސް ވެފައެވެ. އަފްޒަލްއާއި ބެހޭގޮތުން ހަމްދާ ސުވާލެއް ކޮށްފާނެތީއެވެ. ނަމަވެސް ގެޔަށް ދަމުންވެސް ހަމްދާ އެއްވެސް ސުވާލެއް ނުކުރުމާއެކު ދިޝާގެ ހިތް ހަމަޖެހުނެވެ.
މުޅި ދުނިޔެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަން ފަދައެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. ދުވާލުގެ ހޭލަމޭލަައަށްފަހު ރޭގަނޑުގެ ވަގުތަކީ އެންމެންހެން ހިތްހަމަ ޖައްސާލައި އަރާމު ކުރާ ވަގުތެވެ. ދިޝާ ފިޔަވައެވެ.
ފޯނު ކަންފަތުގައި ޖަހާލައިގެން ދިޝާ އޮތެވެ.
“އަފޫ. ނޭނގުނީ ގުޅިކަން. އެހާ ދުވަސްކޮށްފަ އާދެވުނީމަ މަންމަމެންގެ ވާހަކަ ހުހެއް ނުވާނެއެއްނު.” ދިޝާ ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންނެވެ.
“އޯކޭ. ނިދަނީ އިނގޭ. މިސްވޭ ބޮޑުކޮށް.” ދިޝާ ކައިރީގައި ފޯނު ބާއްވާލަމުން ދެލޯ މަރާލިއެވެ. އެޔާއެކު ލޮލަށް ސިފަވެގެން ދިޔަ މަންޒަރުން ދިޝާގެ ސިކުނޑި ހިނދުކޮޅަކަށް މަސައްކަތް ކުރުން ހުއްޓާލިއެވެ.
“ދިޝޫ. ހޭވް އަ ޑްރިންކް. ލެޓްސް ޕާޓީ.” ރިސޯޓެއްގެ ހިތްގައިމު ގޮނޑުދޮށެވެ. ފުރިބާރުވެފައިވަނީ ދެޖިންސްގެ މީހުންނެވެ. ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަ ގޮތަށް ތުނި ހެދުމެއްގައި އެއޮތީ ދިޝާ ނޫން ދެވަނަ މީހެއް ނޫނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.