އައްޑިހައިގެ އަހަރުތަކަށް އަޅައިގެން އައިރު، ހަމަ ކޮންމެ ރަމަޟާން މަހަކަށް، ހަމަ ކޮންމެ ގެއެއްގައިހެން ހަމަކުރަން ޖެހޭ އެކައްޗަކީ އޮށްވަޅު ގޮނޑި އާއި އޮއްވަޅު ކުޅުމަށް ބޭނުން ކުރާ މަދޮށި އޮށް ނުވަތަ ބޮއްޔެވެ.

އޮށްވަޅު ގޮނޑިއަކީ މި ޒަމާނީ ބަހުރަވައިން ނަމަ އޮށްވަޅު ގޭމް ކުޅުމަށް ހަދާފައި އޮންނަ ‘ގޭމް ބޯޑެކެވެ’. މިއީ ޢާއްމުކޮށް ފިލައިން ނުވަތަ ގަހުގެ ލަކުޑިން ހަދާފައި ހުންނަ އެއްޗެކެވެ. އޮށްވަޅު ކުޅޭން ހަދާފައި ހުންނަގޮނޑި ހުންނަނީ ހަތަރުފަސް ހިންޗީގެ ފުޅައުމިނުގައި ގާތްގަނޑަކަށް ދެތިންފޫޓެއްގެ ދިގުމިނުގަ އެވެ.

ދިވެހިން އޮށްވަޅު ކުޅެނީ ފަރާތެއްގައި އަށްވަޅު ދެފަރާތުގައި ސޯޅަވަޅު ދެކޮޅުގައި ފިހާރައޭ ކިޔާ ބޮޑު ދެވަޅުހުންނަ ގޮނޑިއަކަށް ބޮލި ނުވަތަ މަދޮށި އަޅައިގެންނެވެ. ބިންމަތީ މިގޮތަށް ވަޅުކޮނެގެން އެއަށް ފުނަ އޮށްފަދަ ބައެއް ވައްތަރުގެ އޮށް އަޅައިގެންވެސް މިކުޅިވަރު ކުޅެ އެވެ. އާދައިގައި މިކުޅެނީ ވަޅަކަށް އަށްފުށް އަޅައިގެންނެވެ.

ލަކުޑިން ހަދާފައިވާ ތަކެތި ޕްލާސްޓިކަށް ބަދަލުވަމުން އަންނަ މިޒަމާނުގައި މިހާރު އޮށްވަޅު ގޮނޑިއަކީ ފިހާރަތަކުން ފަސޭހައިން ގަންނަން ލިބެން ހުންނަ އެއްޗެކެވެ. ތަފާތަކީ ޕްލާސްޓިކުން ހަދަފައި ހުރުމެވެ. ބޮލިވެސް ހަދާފައި ހުންނަނީ ޕްލާސްޓިކް ވިރުވައި ތައްގަނޑަކަށް އަޅައިގެންނެވެ.

އޮށްވަޅު ގޮނޑި ކުޅުމަކީ ދިވެހިން އެކަނި ކުރާ ކަމެއް ނޫނެވެ. އަދި ‘އޮށްވަޅު’ މި ލަފުޒަކީވެސް ސީދާ ދިވެހި ބަހުން އައިސްފައިވާ ލަފުޒެއްކަމަށް ބެލެވޭކަށްވެސް ނެތެވެ. މިހެން މިދެންނެވީ ސަބަބެއް އޮވެގެން ނެވެ. މި އާޓިކަލް ލިޔުމަށްޓަކައި އޮށްވަޅު ކުޅުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކުރި މަސައްކަތުން ލިބުނު މަޢުލޫމާތުގެ އަލީގައި މި ކުޅިވަރަކީ އެފްރިކާގެ ޤައުމެއް ކަމަށްވާ ގާނާ ގައި ވަރަށް ޢާއްމު ކުޅިވަރެއްކަން އެނގުނެވެ. އެމީހުން މި ކުޅިވަރަށް ކިޔަނީ ‘އޮވާރޭ’ Oware އެވެ. އޮށްވަޅުކުޅުމަކީ އެފްރިކާގެ ގާނާގެ ޤައުމީ ކުޅިވަރުވެސް މެއެވެ.

އިނގިރޭސިބަހުން އޮށްވަޅު ކުޅުމަށް ކިޔަނީ ‘މަންކާލާ’ mancala އެވެ. އިންޑިޔާގެ ޓަމިލްނާޑޫ އާއި ތްރިވުނަންދަޕޫރަމް ހިސާބުގައިވެސް މިއީ ވަރަށް ފޯރިއާއި އެކު ކުޅެ އުޅޭ ކުޅިވަރެކެވެ. އެމީހުން މިއަށް ކިޔަނީ ‘ޕައްލަންގޫޒީ (ޕައްލަންކޫލީ) Pallanguzhi(Pallankuli) އެވެ.

މި ލިޔުމުގައި ބޮޑަށް ބަލައިލާނީ ބޭރު ޤައުމުތަކުގައި މިކުޅިވަރު ކުޅެއުޅޭ ގޮތުގެ މައްޗަށެވެ. އެހެންކަމުން މިހާހިސާބުން ‘މަންކާލާ’ އާއި ބެހޭގޮތުން އިނގިރޭސިބަހުން ލިޔެފައިވާ ލިޔުމަކަށް ބަލައިލާނަމެވެ.

މަންކާލާ އަކީ ކޮބާ؟

މަންކާލާ (އޮށްވަޅުކުޅުމަކީ) އަކީ ދުނިޔޭގެ ހުރިހައި ހިސާބެއްގައިވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ޚާއްޞަކޮށް އެފްރިކާ، ކެރީބިއަންގެ ރަށްތައް، ދެކުނު އޭޝިއާ އާއި އިރުދެކުނު އޭޝިއާ ގައި މިއީ ވަރަށް ޢާއްމު ކުޅިވަރެކެވެ. މަންކާލާ އާއި ގުޅުންހުރި އެއްމެ ކުރީގެ ހެއްކެއް ފެންނާން ހުރީ އެޓްރިއާ Eritrea އިންނެވެ. އާކިއޮލޮޖިސްޓުންނަށް އެ ސަރަޙައްދުން ވަނީ މީލާދީ ސަނަތުން 6 ވަނަ ޤަރުނާއި 7 ވަނަ ޤަރުނަށް ނިސްބަތްވާ އޮށްވަޅު ގޮނޑި ފެނިފަ އެވެ.

މަންކާލާ ނުވަތަ އޮށްވަޅު ކުޅެއުޅޭ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. ކޮންމެ ގޮތަކަށް މި ގޭމް ކުޅުނަސް، އަންނަނިވި ތަކެއްޗަކީ މިކަމަށް ބޭނުންވާ ތަކެއްޗެވެ.

– ގުނުމަށް ބޭނުންކުރެވޭނެ ތަކެތީގެ ސެޓެއް (މިސާލަކަށް: އޮށް، ބޮލި)

– ދެ ބަރިއަށް ނުވަތަ ހަތަރު ބަރިއަށް ވާގޮތަށް އަތުރާލެވިފައިވާ ކުދިކުދި ވަޅުތަކެއް (ބިމުގައި ނުވަތަ ބޯޑެއްގައި)

– ކުރިން މިބުނި ވަޅުތަކުގެ ދެކޮޅުގައި ކޮންމެ ކޮޅެއްގައި ބޮޑު ވަޅެއް (މިއީ ކުޅުންތެރިންނަށް ލިބޭ ނުވަތަ އޮށްވަޅުކުޅުމުގެ ބަހުރުވައިންނަމަ ‘ބޮވޭ’ އޮށްތަށް ބެއްހެއްޓުމަށް ހުންނަ ދެވަޅު)

މި ކުޅިވަރު ކުޅުމަށް ބޭނުންވާ ބައެއް ޢާއްމު ޤަވާޢިދުތައް

– ކުޅެން ފަށާއިރު ކަނޑައެޅިފައިވާ ކޮންމެވެސް ޢަދަދަކަށް އޮށްތަށް ކުދި ވަޅުތަކުގައި އަތުރާލުން (މިސާލަކަށް: ވަޅަކަށް 4 އޮށް ނުވަތަ 8 އޮށް)

– ކުޅެން ފަށައި ވަޅަކަށް އޮށެއް ލަމުން ގޮސް ކުޅެން އިންނަ މީހާގެ ފަޅިން ހުސްވަޅަކަށް އަތުގައި އޮންނަ އެއްމެ ފަހު އޮށް ލެވޭއިރު އެ އޮށާއި ދިމާ އަނެއް ފަޅީގައި ހުންނަ އޮށްތަށް ކުޅެން ފެށި މީހާއަށް ލިބެއެވެ. މިގޮތަށް ލިބޭ އޮށަށް ކިޔަނީ ‘ބޮވުނު އޮށް’ މިހެންނެވެ. ކުރިން މިބުނިހެން އަނެއް ފަޅީގައި އެއްވެސް އޮށެއް ނެތްނަމަ އެމީހާ އެ ޖެހުނީ ‘ހުސްފުށަތުން’ ނޭ ކިޔައެވެ.

ކުޅުންތެރިޔާ އޭނާ އިންނަ ފަޅިން ކޮންމެވެސް އެއް ވަޅެއްގައި ހުންނަ އޮށްތައް އެއްކޮށް ނަގައި ވާތުން-ކަނާތަށް ވާގޮތަށް ފަހަރަކު ވަޅަކަށް އޮށެއް ލަމުން ދާނެ އެވެ. ނަމަވެސް ކުޅޭ މަންކާލާ ގޭމްގެ ގޮތުން އޮށްލިބޭނެ ނުވަތަ ބޮވޭނެ ޤަވާޢިދު ތަފާތު ވެއެވެ. ކޮންމެ ގޮތަކަށް ކުޅުނަސް މައިގަނޑު މަޤުޞަދަކީ އެއްމެ ގިނަ އޮށް ހޯދުމެވެ.

މަންކާލާ ނުވަތަ އޮށްވަޅުކުޅޭ ދެގޮތަށް އަވަސް ކަޅިއަކުން ބަލައިލާނަމެވެ. މީގެ ތެރެއިން ފުތަރަމަ ‘ކާލާހ’ Kalah އަކީ ކުޑަކުދިންނަށް ޚާއްޞަ ގޭމެވެ. ދެވަނަ ގޮތްކަމަށްވާ ‘އޮވާރޭ’ Oware  އަކީ ކުޑަކުދިންނާއި ބޮޑެތިމީހުންނަށްވެސް މަޖާކޮށް ކުޅެލެވޭނެ ގޭމެކެވެ. އެހެންނަމަވެސް މިއީ ބޮޑެތިމީހުންނަށް ޚާއްޞަ ގޭމެކެވެ.

‘ކާލާހ’ Kalah : ކުޑަކުދިން މި ކުޅިވަރު ދަސްކުރަން ފަށައިގަތުމަށް ރަނގަޅު ގޭމެއް

‘ކާލާހ’ އަކީ މަންކާލާ ކުޅުމުގައި ކުޑަކުދިންގެ މެދުގައި އެއްމެ މަޤުބޫލު ގޭމެވެ. އިހުޒަމާނުގައި ކުޅެ އުޅުނު މަންކާލާ ގޭމުގެ ޤަވާޢިދުތައް ހިމަނައިގެން މި ގޭމަށް ޤަވާޢިދުތައް ހަދާފައިވަނީ އެމެރިކާ މީހެއްކަމަށްވާ ވިލިއަމް ޖޫލިއަސް ޗެމްޕިއަން ކަމަށް ލިޔެކިޔުންތަކުން ދައްކަ އެވެ.

ކާލާހ އަށް އެމެރިކާ މީހުން ކިޔައި އުޅެނީ މަންކާލާ އެވެ. މި ގޭމްގައި އޮށްވަޅުގޮނޑީގައި ހުންނަނީ ދެ ބަރިއަކަށް ފިލާގަނޑެއްގައި ކޮނެފައި ހުންނަ 6 ވަޅެވެ. އަދި ލިބޭ އޮށްތައް ބަހައްޓަން ދެކޮޅުގައި ބޮޑު ދެވަޅު ހުރެއެވެ.

ގޭމް ކުޅެން ފެށުމަށް ގޮނޑީގެ ދެފަރާތުގައި ދެމީހުން އިށީންނާނީއެވެ. ތިބާގެ ކުރިމަތީގައި ތިބާ އާއިކައިރި ފަރާތުގައި ހުންނާނީ ތިބާގެ ވަޅުތަކެވެ. ކަނާތްފަރާތުގައި ހުންނަ ބޮޑުވަޅަކީ ތިބާއަށް ލިބޭ އޮށްތައް ބަހައްޓާ ބޮޑުވަޅެވެ. ކޮންމެ ވަޅަކަށް ހަތަރު އޮށް ލާން ޖެހެއެވެ.

ދެން ގޭމް ކުޅެން ފަށާށެވެ.

ފުރަތަމަ ކުޅޭ މީހާ ކޮންމެވެސް ވަޅެއްގައި ހުރި ހަތަރު އޮށް ނަގައިގެން ފަހަރަކު ވަޅަކަށް ލަމުން ގޮސް ކުޅެން ފަށާނީ ގަޑީގެ ކަށިބުރު އެނބުރޭ ކޮޅާއި އިދިކޮޅަށެވެ. ކުޅެމުންގޮސް ތިބާގެ ބޮޑުވަޅާއި ހަމައަށް ދެވޭ އިރު އަތުގައި އޮށެއް އޮތްނަމަ އެ އޮށް ބޮޑުވަޅަށް ލެވޭނެ އެވެ. އަތުގައި އޮންނަ އޮށަކީ އެއްމެ ފަހު އޮށް ކަމަށްވެފައި އެ އޮށް ބޮޑުވަޅަށް ލުމަށްފަހު އަނެއްކާވެސް ތިބާ އަށް ކުޅުމުގެ ފުރުޞަތު ލިބޭނެއެވެ.

ދެވަނަ ކުޅުންތެރިޔާވެސް ހަމަ މިގޮތަށް ކުޅެންޖެހެއެވެ. ކުޅޭއިރު ވިސްނަން ޖެހޭ ބައެއް އިތުރު ޤަވާއިދު ތައް ހުރެއެވެ. ތިބާ އާއި އިދިކޮޅު ކުޅުންތެރިޔާގެ ބޮޑުވަޅަށް އޮށް ލާކަށް ނުޖެހޭނެއެވެ. ކުޅެމުންގޮސް ތިބާ އިންނަ ފަރާތުން ވަޅަކަށް އަތުގައި އޮންނަ އެއްމެ ފަހު އޮށް ލެވޭއިރު، އިދިކޮޅު ކުޅުންތެރިޔާ އިންނަ ފަރާތުން ތިބާ އެއްމެ ފަހު އޮށް ލި ވަޅާއި ދިމާގައި ހުންނަ ވަޅާއި ތިބާ އެ ވަޅު ހޯދުމަށް ލީ އޮށް ތިބާއަށް ލިބޭނެއެވެ. ލިބުމުން އެ އޮށްތަށް ތިބާގެ ބޮޑުވަޅަށް ލާނީ އެވެ. މިހެން ކުޅެމުންގޮސް ހުސްފުށަތުން ޖެހޭގޮތް ކުރިން ވާނީ ބުނެދެވިފައެވެ.

ގޭމް ނިމޭނީ ކޮންމެވެސް އެއް ކުޅުންތެރިއެއްގެ ފަޅީގައި އެއްވެސް އޮށެއް ނެތި ހުސްވުމުންނެވެ. އެގޮތަށް ހުސްނުވެ ހުންނަ ފަޅީގައި އިންނަ ކުޅުންތެރިޔާއަށް ‘ފަހުކުޅި’ ލިބޭނެ އެވެ. މާނައަކީ އެ ފަޅީގައި ހުރި އޮށްތަށް ލިބުމުގެ އިތުރުން ދެވަނަ ބުރުގައި އެއްމެ ކުރިން ކުޅެން ޖެހޭނީވެސް އެ ކުޅުންތެރިޔާ އެވެ.

ވަޅަކަށް ހަތަރު އޮށް ލުމުގެ ބަދަލުގައި ހައެއް ނުވަތަ އަށެއް ނުވަތަ އެއަށްވުރެން ގިނައިން ލައިގެންވެސް ކުޅެވިދާނެ އެވެ.

އޮވާރޭ : ބޮޑެތިމީހުންނަށް ޚާއްޞަ މަންކާލާ ގޭމް

އޮވާރޭ އަކީ ހުޅަނގު އެފްރިކާގެ ޤައުމުތަކުގައި މަންކާލާ ކުޅެއުޅޭ ގޮތެކެވެ. މިއީ ތަންކޮޅެއް އުނދަގޫ ގޭމެކެވެ. އެހެންކަމުން މިއީ ބޮޑެތިމީހުންނާއި 11 އަހަރުން މަތީގެ ކުޑަކުދިންނަށް ޚާއްޞަ ވައްތަރެކެވެ.

މީގައިވެސް އޮށްވަޅުގޮނޑި ހުންނަނީ ހަމަ ކުރިންވެސް ބުނެވުނު ގޮތަށެވެ. ކުޅޭ ގޮތްވެސް ހަމަ ދާދި އެއްގޮތެކެވެ.

ހަމަ އެކަނި ތަފާތުވާ ދެކަމެއް އޮންނައިރު އޭގެ އެއްކަމަކީ ކުޅެމުންދާއިރު ބޮޑުވަޅަށް ނުލެވޭ ކަމެވެ.

ދެން އޮތީ ކާލާހ އާއި ވަރަށް ތަފާތު ކަމެކެވެ. އެއީ އޮށް ލިބޭގޮތް (ބޮވޭގޮތް) ތަފާތު ވުމެވެ. ވަޅަކަށް އޮށެއް ލަމުންގޮސް ތިމާ އާއި އިދިކޮޅު ކުޅުންތެރިޔާގެ ފަރާތުގައި ހުންނަ ވަޅަކަށް ތިބާ އަތުގައި އޮންނަ އެއްމެ ފަހު އޮށް ލެވުމުން ދެން ހަދަން ޖެހެނީ ދިވެހިން ނުވެސް ދަންނަ ތަފާތު ގޮތެކެވެ. އޭރުން ޖެހެނީ އެއްމެ ފަހު އޮށް އެ ލެވޭ ވަޅުގައި ހުންނަ އޮށްތައް ގުނާށެވެ. އެ ވަޅުގައި އޮތީ 2 ނުވަތަ 3 އޮށް ހެއްޔެވެ؟ (ނުވަތަ އެއަށްވުރެން ގިނައިން ނުވަތަ މަދުންހެއްޔެވެ.)

– ޖަވާބަކީ ނޫނެކޭ ނަމަ، ތިބާ އަށް ކުޅެން ލބިފައިވާ ފުރުޞަތު އެބުރަށް ނިމުނީއެވެ. ދެން ފުރުޞަތު ލިބޭނީ އިދިކޮޅު ކުޅުންތެރިޔާ އަށެވެ.

– އެކަމަކު ޖަވާބަކީ އާނއެކޭ ނަމަ، ތިބާ އަށް އެ އޮށްތައް ލިބޭނެއެވެ. އޭރުން އޮށްތައް ނަގައި ބޮޑު ވަޅަށް ލެވޭނެ އެވެ. ދެން އެއަށްފަހު ބަލަން ޖެހޭނީ އެ ވަޅާއި ޖެހިގެން ހުރިވަޅާއި އެއްމެ ފަހަށް ހުންނަ ވަޅަށެވެ. އެ ވަޅަކީ ތިބާ އާއި އިދިކޮޅު ކުޅުންތެރިޔާގެ ވަޅެއް ނަމަ، އަދި އެ ވަޅުގައި އޮތީ 2 ނުވަތަ 3 އޮށް ނަމަ، ތިބާއަށް އެ އޮށްތައް ވެސް ލިބޭނެ އެވެ. ރަނގަޅު ޢަދަދަށް އޮށް ނުހުންނަ ވަޅަކާއި ޖެހެންދެން ފަހަތަށް ހުންނަ ވަޅުތަކަށް ބަލަމުން ދާށެވެ.

ގްރޫޕްކޮށް މަންކާލާ ކުޅުން

ކާލާހ އަދި އޮވާރޭ އަކީ ޢާއްމުކޮށް ސިންގަލްސް ކޮށް ކުޅޭ ކުޅިވަރެކެވެ. ނަމަވެސް މިއީވެސް ޓީމް ހަދައިގެން ކުޅެވޭ ކުޅިވަރެކެވެ. އެފްރިކާގައި މި ގޭމް ވަރަށް ބޮޑެތި ބޯޑް ނުވަތަ އޮށްވަޅު ގޮނޑިތަކުގައި ބޮޑު ޕާޓީއެއް ގޮތަށް ސިފަވާ މާހައުލެއްގައި ކުޅެ އުޅެ އެވެ. ޓީމެއްގައި ދެތިން ހަތަރު ކުޅުންތެރިން ނުވަތަ އެއަށްވުރެން ގިނަކޮށްވެސް ހަރަކާތްތެރި ވެވޭނެ އެވެ. ނުވަތަ ޓީމެއްގައި ދެ ކުޅުންތެރިން ތިބިއަސް ސަޕޯޓަރުންނާއި ކުޅިބެލުންތެރިން، ކުޅުންތެރިންނަށް ކުޅެންވީ މޮޅެތި ގޮތްތަށް ކިޔައިދީ ހެދޭނެ އެވެ. (ޓައުންސެންޑް 1979)
https://youtu.be/iSJk6CYsf6c
ރާއްޖޭގައި އޮށްވަޅު ކުޅޭގޮތް

ރާއްޖޭގައިވެސް އޮށްވަޅު ކުޅެނީ މައިގަނޑު ގޮތެއްގައި ހަމަ އެއްކަހަލަ ގޮތަކަށެވެ. ނަމަވެސް ފާހަގަކޮށްލެވޭ ތަފާތު ތަކެއް އެބަހުއްޓެވެ.

އޮށްވަޅު ގޮނޑީގެ ދެފަރާތުގައި އިށީންދެ ކުޅެން ފަށަނީ ހަމަ ފަހަރަކު ވަޅަކަށް އޮށެއް ލަމުންނެވެ. ބޮޑުވަޅަށް ފުރަތަމަ ބުރުގައި އޮށެއް ނުލެވޭނެ އެވެ. ދެވަނަ ބުރަށް އޮށްތަށް އަތުރާލާއިރު ތިބާ އަތުގައި އިދިކޮޅު ކުޅުންތެރިއާއަށް ވުރެން ގިނަ އޮށް ހުރެއްޖެ ނަމަ، އެ އޮށްތަކުގެ ނިސްބަތުން ތިބާއަށް ‘ފިހާރަ’ ހުޅުވޭނެ އެވެ. ‘ބަހައި’ އަދި ވަޅުގަނޑު ‘ބަހައި’ ހެދޭނެއެވެ. އެހެން ލިޔުމެއްގައި ދިވެހިން އޮށްވަޅު ކުޅޭގޮތް ތަފްޞީލުކޮށް ގެނެސްދިނުމަށްޓަކައި މި ލިޔުން މިހިސާބުން ކުރުކޮށްލާނަމެވެ.

ސްްމާޓް ފޯނުތަކުން މަންކާލާ (އޮށްވަޅުގޮނޑި) ކުޅެލެވޭނެ

ޒަމާން ބަދަލުވެ ތަރައްޤީވަމުންގޮސް ހުރިހައި އެއްޗެއް މުށުތެރެއަށް ލެވޭ މި ޒަމާނުގައި މިހާރު މިވަނީ އޮށްވަޅުގޮނޑި ވެސް މުށުތެރެއަށް ލެވިފައެވެ. ސްމާޓް ފޯނުތަކަށް ‘މަންކާލާ އެޕް mancala aps’ ތައް އަޅައިގެން މިހާރު އޮށްވަޅުގޮނޑި ކުޅެވޭނެއެވެ. ޕްލޭސްޓޯރާއި އައި ޓިއުންސް އިންވެސް ފްރީ އެޕްސްތައް ލިބެން އެބަހުއްޓެވެ.

މަންކާލާ އެންޑްރޮއިޑް ގޭމެއްގެ ސްކްރީން ޝޮޓެއް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.