ފިރިހެން މޮޑެލް: ޔުނާން – މުޙައްމަދު ޔުނާން (ބޮސް ގެ ފިރިހެން ލީޑް)
އަންހެން މޮޑެލް: ޒާނާ – ފަރުޒާނާ
ފޮޓޯގްރަފީ: އަޙްމަދު ސާމިޙް – ޒަޢީމް ފޮޓޯސް
ކޮސްޓިއުމް: އާމިނަތު ލަޠީފް
ލޯބިވެވުނީ އެވެ.
ޝިމްލާގެ ފެހި ވާދީތަކުގެ ފެހިކަން ވަނީ ފަނޑުވެފައެވެ. ހުއްޓުމެއްނެތި ފައިބަމުންދާ ސްނޯގެ ސަބަބުންނެވެ. ގަސްގަހުގައި ފަޅާފައިވާ އާކުރިތަކާއި ފަތްތަކުގައި ތަތްވެފައިވާ ސްނޯތައް މުތީތަކެއް ފަދައިން ދިއްލިފައި ވާއިރު އެމަންޒަރު ބަލާ ފޫހިނުވެއެވެ. ޝިމްލާއަކީ އިންޑިޔާާގެ އެންމެ ރީތި އަވަށެވެ. ދެވަނަ ސުވަރުގެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޒުވާން ޖޯޑްތަކުގެ ހިތްތަކުގެ ހަމަޖެހުމެވެ. އެތަކެއް ލޯބިވެރިންގެ ލޯބި ފެށުމުގެ މަންޒިލްވެސް މެއެވެ. އޭގެ ހެއްކަކީ ޔުނާންއާއި ކަމީލާއެވެ. ޝިމްލާގެ އެންމެ މަޝްހޫރު އިންދިރާ ގާންދީ މެޑިކަލް ކޮލެޖްގެ ފައިނަލްގައި ކިޔަވަމުންދާ ދެލޯބިވެރިންނެވެ. ދެކުދިންވެސް ތިބެނީ ހޮސްޓެލްގައެވެ. ކިޔެވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ނަމަވެސް އާދައިގެ މަތިން ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތަކީ ކަމީލާ އާއި ޔުނާން އެކަކު އަނެކަކަށްޓަކައި ހުސްކޮށްފައިވާ ވަގުތުކޮޅެކެވެ. މިއަދުވެސް އަތާއި އަތް ޖޯޑްކޮށްގެން ދެކުދިން ހިނގާފައި އެދަނީ އެހާ ފިނީގައެވެ. އެމީހުންގެ މަންޒިލަށެވެ. ފަރުބަދަތަކުގެ ނިވަލުގައި ވާ ހިތްފަސޭހަ ބަގީޗާއަކަށެވެ. އެބަގީޗާގައި ފަރިވެ ފޮޅި މިލާ ކޮންމެ މަލަކީ އެދެމީހުންގެ ސާފުޠާހިރު ލޯބީގެ ހެކިވެރިންނެވެ. އެމާތަކުގެ ފޮނިކޮޅު ބޯލަން އެ ބަގީޗާއަށް ތިރި ކުރާ ކޮންމެ ބަޅިނދަކާއި ކޮކާތަކަކީ ވެސް ޔުނާން އާއި ކަމީލާ އެކަކު އަނެކަކަށް ކޮށްފައިވާ ވައުދުތަކުގެ ހެކިވެެރިންނެވެ.
ވަރުގަދަ ލޯތްބެއް އޮތް ނަމަވެސް ކަމީލާ އާއި ޔުނާން އަކީ ވަރަށް ތަފާތު މިޒާޖެއްގެ ދެމީހުންނެވެ. ޔުނާންއަކީ އަބަދުވެސް ގޮތުގައި ހުންނަން ބޭނުންވާ މީހެކެވެ. ކަމީލާއަކީ އޭގެ އިދިކޮޅެވެ. އުޅެމުންގެންދަނީ ސާދާ ދިރިއުޅެމެކެވެ. ކަމީލާގެ ލޭގައި ރާއްޖޭގެ އަސަރު ހުއްޓަސް ކަމީލާގެ ބައްޕައަކީ ކެނެޑާ މީހެކެވެ. ޚުދު ކަމީލާގެ ވެސް ހުންނަނީ ކެނެޑާ ރައްޔިތެއްގެ ގޮތްގަޑެވެ. ބަލައިލާފައި އެއްވެސް މީހަކަށް ކަމީލާއަކީ ރާއްޖެއަށް ނިސްބަތްވާ ކުއްޖެއްކަމެއް ނޭނގޭނެއެވެ. އަބަދު ހެވި ދިލިފައި ހުންނަ ކަމީލާ މިއަދު ފެންނަމުންދަނީ ވަރަށް މޮޅިވެރިކޮށެވެ. އެ ދޮން މޫނުގައި އެއްވެސް ކަހަލަ އުޖާލާކަމެއް ނެތެވެ. އެކަން ޔުނާން އަށްވެސް ފާހަގަވިއެވެ. ނަމަވެސް މަންޒިލާއި ހަމައަށް ދެވެންދެން ހިމޭނުން ހުންނަން އޭނާ ބޭނުންވީއެވެ.
“މަގޭ ބުލްބުލް. ކިހިނެއްވެފަތަ ތިހުރީ.” ބަގީޗާގައި ހުރި ދިގު ގޮޑިއެއްގައި އިށީނދެލަމުން ޔުނާން ކަމީލާ ގެނެސް އޭނާގެ އުނގުގައި ބޭންދިއެވެ. އެވަގުތު ޖެހިލި މަޑުމަޑު ވައިރޯޅިއެއް ކަމީލާގެ ފަން އިސްތަށިކޮޅާއި ސަމާސާކޮށްލުމުން އިސްތަށިގަނޑުގެ ތަރުތީބު އޮޅިއްޖެއެވެ.
މޫނުމައްޗަށް ބައެއް އިސްތަށިކޮޅުތައް ވެއްޓުމުން ކަމީލާއަށް އުނދަގޫވެގެން އަތުން އިސްތަށިގަނޑުއެއްކޮށް ހުޅިއެއް ޖަހާލިއެވެ. ޔުނާން އަށް އިނދެވުނީ އަނގަ ތަންމިނަށް ހުޅުވައިގެން ބަލާށެވެ. ކަމީލާ ގެ މޫނުގެ ބައްޓަމާއި އޮމާންކަން މިހާ ދުވަސް ވީއިރުވެސް ޔުނާންއަށް ފެނިފައި ނުވާތީއެވެ.
“ތީ ކޮންތާކުން ވަގަށް ނަގައިގެން އުޅޭ ރީތިކަމެއްތަ؟ ހަމަ ހުރިހާ ކެނޭޑިއަން ކުދިންވެސް ތިބެނީ ތިހެންތަ؟” ޔުނާން އެހެން ބުނީ ކަމީލާ ހެއްވާލުމުގެ ނިޔަތުގައެއް ނޫނެވެ. އެވަގުތު އެހެން ބުނަން ހިތަށް އެރީމަ އެވެ. ނަމަވެސް ކަމީލާ އަށް ހެވުނީއެވެ. ލިބުނު ހިތްހަމަޖެހުމުގައި ޔުނާން ކަމީލާ ގެ ދަތް ދޮޅީގައި ހިފާލިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސް ކުރަމުންނެވެ. އެތައް މެސެޖްތަކެއް ދެލޮލުން އެކަަކު އަނެކަކާއި ހިއްސާކުރަމުންނެވެ.
“ވީ ކަމެއް ބުނެފާނަންތަ؟” ޔުނާން ކަމީލާ ގެ ބޮޑު ދެކޮލުގައި ދެއަތުން ހިފަހައްޓާލިއެވެ.
އެއްވެސް ޖަވާބެއް ދިނުމަށް ނުކުޅެދިފައިވާ ކަމީލާ އިސްޖަހާލިއެވެ. ނަމަވެސް ކޯތާފަތް މައްޗަށް އޮހޮރެމުން ދިޔަ ކަރުނަތައް ހެކިދެނީ ކަމެއް ވެއްޖެ ކަމަަށެވެ.
ޔުނާން ކަމީލާގެ ތުރުތުރު އަޅާތުންފަތުގައި އޭނާގެ ހޫނު ތުންފަތް ޖައްސާ ބާރުކޮށްލިއެވެ. ކަމީލާ ހަމައަކަށް އަޅުވަން އެވަގުތު އޭނައަށް ފެނުނު އެންމެ ރަނގަޅުގޮތަކީ އެއީ ކަމަށް ވާތީއެވެ. އެގޮތަށް އެކަކު އަނެކަކަށް ޝަކުވާ ކޮށްލަ ކޮށްލާ ތިބެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ކަމީލާ ޔުނާން އާއި ދުރަށް ޖެހިލިއެވެ.
“ވަރުބަލިވީތަ މިސް ކަމީލާ ޖޭސްމީން ޕުލިން.” ޔުނާން އެއްމިޔަކަނުން ހީނލިއެވެ.
“ޔުނާން.-” ކޮންމެވެސް އެއްޗެއް ބުނަން އުޅެފައި ކަމީލާ ހުއްޓާލިއެވެ.
“ކިޔާބަލަ. އަޑުއަހާާނަމޭ.” ޔުނާން ކަމީލާ ގެ އުދާސްވެފައިވާ ދެލޮލަށް ބަލަހައްޓައިގެން ހުއްޓެވެ. ކަމީލާ އަށް ހިންދިރުވާލެވުނީ ހިތުގައި އަޅަމުންދާ ވޭނުގެ ސަބަބުންނެވެ. ދެން ކަމީލާ ގެ ހިތަކަށް ހަމަޖެހުމެއް ނެތެވެ. މިއަދު ކަމީލާ އަށް ޔުނާން އާ އިވަކިވާން މަޖުބޫރެވެ.
“ޑޭޑް ބޭނުންވަނީ ކަމީލާ އާއި ޔުނާން ވަކިވާން.” އެންމެ ފަހުން ހިތުގައި އަތް އަޅާލަމުން ކަމީލާ ޔުނާން ގެ ކުރިމަތީގައި އޭނާގެ ހިތް ހުޅުވާލިއެވެ.
“ވަޓް!!؟؟” ވަގުތުން ޔުނާންގެ މޫޑް ބަދަލުވެއްޖެއެވެ. ދެރަވުމުގެ ބަދަލުގައި ޔުނާންއަށް އާދެވުނީ ރުޅިއެވެ.
“ކީއްވެ؟ ކޮބާ އަހަރެންގެ މައްސަލައަކީ؟ އައި އެމް ރިޗް. ނުލާހިކު އުފަލުގަ ކަމީލާ ގެންގުޅޭނަން.” ޔުނާން ވާހަކަ ދެއްކީ ކަމީލާ އަށް ފުރަގަސްދީގެން ހުރެއެވެ. އޭނާގެ ރުޅި މޫނު ކަމީލާއަށް ދައްކަން ޔުނާން ބޭނުން ނުވާ ކަހަލައެވެ.
“ޑޭޑް އަށް އެނގޭނީ ކީއްވެކަން.” ކަމީލާގެ ޖަވާބުން ޔުނާންގެ ރުޅި ކޮންޓްރޯލުން ނައްޓައިފިއެވެ.
“އާ ޔޫ ކިޑިން މީ ކަމީލާ؟ މަށާ ވަކިވާން ޖެހޭ ސަބަބެއްވެސް ކަލެއަކަށް ނޭހުނު. އެހެންވީމަ ހާދަ ލޯތްބެކޭ ދޯ ތިވަނީ މަދެކެ.” އައި ރުޅީގައި ޔުނާން އަށް ކަމީލާ ގެ އަތުގައި ބާރަށް ހިފަހައްޓާލެވުނެވެ.
“ލޯބިވޭ. ޖެއްސުން ކުރިޔަސް ހެޔޮ. އެކަމަކު ބުނީމެއްނު މީގެ ހަތަރު އަހަރު ކުރިންވެސް ފެމެލީ ނުރުހޭ ކަމެއް ނުކުރާނަމޭ. ކިތަންމެ ލޯބިވިޔަސް.” ކަމީލާ އަޑަށް ބާރުލާފައި ބުނެލިއެވެ.
“އޯކޭ. ފައިން. ވީ އާ ޑަން.” ޔުނާން ކަމީލާ އާއި ދުރަށް ދަމުން ދަމުން ގޮސް ހުއްޓުނެވެ.
“ޔުނާން. ސޮރީ. އަބަދުވެސް ޔުނާން މަތިން ހަނދާންކުރާނަން. ހަޤީޤީލޯބީގެ މާނައަކީ ކާމިޔާބުވުމެއް ނޫން. އެލޯބި އޮންނާނީ އަބަދުވެސް ހިތުގަ. ފޮނި ހަނދާންތަކާއެކު.” ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ލައިގެން ހުރި ބޯކެހެރި ޖެކެޓް ގަޔަށް ހެޔޮވަރުކޮށްލަމުން ކަމީލާ ހިނގައިގެތެވެ. ހިތް މަރުވެފައިވާ ހާލުގައެވެ. އެ ހިތުގެ ވިންދުވެސް ހުއްޓިފައިވާ ކަހަލައެވެ. ޔުނާން ގެ ރީތި ސޫރައާއި ދެމީހުން އެކުގައި ހޭދަކޮށްފައިވާ ވަގުތުތައް ލޯމަތީގައި ސިފަވޭވޭ ހުއްޓެވެ. ނަމަވެސް ފަސްއެނބުރި ބެލުމެއްނެތެވެ. މަޖުބޫރީ ހާލަތުވެސް ޔުނާންއަށް ކިޔައިދެވޭކަށްނެތެވެ. ކުރާނީ ވަކި ކީއްހެއްޔެވެ؟ ތަޤްދީރުގައި ކަމީލާއަށް ޔުނާން ލިބެން ނެތީއެވެ.
ޔުނާން ހުރި ފިޔަވަޅުމަތީގައި ލޮލުކޮޅަށް ގެއްލެމުން ދިޔަ ކަމީލާއަށް ބަލަން ހުއްޓެވެ. ޔުނާާން ދެރަވެއެވެ. އިންތިހާއަށެވެ. އެކަމަކު ރޯކަށް ބޭނުމެއްނުވިއެވެ. ކަމީލާ ދެއްކި ވާހަކަތައް ޔުނާން ޤަބޫލުކުރިއެވެ. ހިތާއި ދެކޮޅަށެވެ.
ދެލޯ މަރާ ބާރުކޮށްލަމުން ޔުނާން ޖީބަށް އަތް ޖަހާލިއެވެ. އެވަގުތު އަތުގައި ޖެހުނީ ކަމީލާ އަށް ދޭންވެގެން ޔުނާން ގެނައި ކެވެލި ކޮޅެވެ. ޖީބުން ކެވެލި ކޮޅު ނަގަމުން އޭގައިވާ ކުދި ކުދި ހިތްތަކުގައި ޔުނާން ފިރުމާލިއެވެ. އަދި ބޮޑު އަކުރުން ލިޔެފައިވާ ލަފްޒުތައް ވައި އަޑުން ކިޔާލިއެވެ.
“އައި ލަވް ޔޫ.”
ޔުނާން ބޭނުންވީ ކަމީލާގެ ހުރިހާ ހަނދާންތަކެއް އެތަނަށް ދޫކޮށްފައި ދާށެވެ. އަލުން އެއްވެސް ހަނދާނެއް އާކުރަން ޔުނާން ބޭނުމެއްނޫނެވެ. އަތަށް ބާރުލަމުން އެ ކެވެލި ކޮޅު ގަސްގަނޑު ތެރެއަށް ޔުނާން ހޫރާލިއެވެ. އެވަގުތު ޖެހެމުންދިޔަ ވައިރޯޅި ކުއްލިއަކަށް ބާރުވެލިއެވެ. އަދި ދުވަހަކުވެސް ނުދުވާ ކަހަލަ މީރުވަހެއް ޔުނާންގެ ނޭފަތުގައި ޖެހުނެވެ. ހިތަށް ލިބުނު ފިނިކަމުގައި ޔުނާން ނޭފަތް އެތެރެއަށް ދަމާލަމުން ދެލޯ މަރާލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި ޔުނާން ތެޅިގެންފައި ދެލޯ ހުޅުވާލިއެވެ. މޫނުމަތީގައި ފިނިފިނި އަތަކުން ފިރުމާލިހެން ހީވެގެންނެވެ.
ދެފަރާތަކަށް ބޯ ހޫރާލަމުން ޔުނާން ހިނގައިގަތީ ހީވި ހީވުމެއްކަމަށް ހީކޮށްފައެވެ. އިރުއޮއްސެންވެސް ކައިރިވާތީއެވެ. ޔުނާން ނަގާ ކޮންމެ ފިޔަވަޅަކާއެކު އިތުރު ފިޔަވަޅެއް އޭނަގެ ފަސްފަހަތުން އެޅެމުންދިޔައެވެ. ނަމަވެސް ތަފާތަކީ އެފިޔަވަޅުގެ ކުލައެވެ. ރަތް ކުލައެވެ. ލެއިން ތަތް ތެޅިފައިވާ ކަމެވެ. ޔުނާންއަށް ކަހާ ތަން ހިރުވާވެސްނުލައެވެ. ކަމީލާގެ ހަނދާންތައް ޔުނާންގެ ސިކުނޑި ހައްޔަރުކޮށްލާފައިވަނީ އެހެން ކަމެއްގެ އިޙްސާސް ނުކުރެވޭހާވެސް ވަރަށެވެ.
“ކަމީލާ.” ވާދީ ތެރެއިން ބޮޑުމަގަށް ނިކުންނަމުން ޔުނާން ފަސްއެނބުރި ސްނޯއިން ފޯވެފައިވާ ފަރުބަދަތަކާއި ދިމާއަށް ބަލާލަމުން ކަމީލާގެ ނަން މަޑުމަޑުން ކިޔާލިއެވެ. އެންމެ ފަހު ފަހަރަށްކަމަށެވެ. އެލޯބި ދެން ޔުނާން އަށް ނުލިބޭނެކަން ޔަޤީންވާތީއެވެ.
ފުރަ މެންދަމެވެ. ޔުނާން ގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. ކަމީލާ މަތިން މާބޮޑަށް ހަނދާންވަނީއެވެ. މާދަމާ މީ ޔުނާން ގެ އެންމެ ފަހު ޓެސްޓް އޮންނަ ދުވަހެވެ. އެއަށްފަހު މޮޅު ޑޮކްޓަރެއްގެ ގޮތުގައި އެނބުރި މާލެ ދާންވީއެވެ. ޔުނާން ޕްލޭން ކޮށްފައިވަނީ މާލެ ދާގޮތަށް ކަމީލާ އާއި ކައިވެނިކުރާށެވެ. އަދި ޔުނާން ގެ ބައްޕަމެންނާ ވެސް ޔުނާން ވަނީ ކަމީލާ ގެ ވާހަކަ ހިއްސާކޮށްފައެވެ. ފިކުރު ބޮޑުވެފައި އޮތް ޔުނާން ގެ ޚިޔާލީ ވާފަށް ކަނޑާލީ ކޮޓަރީގެ ދޮރުގައި މީހަކު ޖަހާލުމުންނެވެ. ލިބުނު ސިހުމުގައި ޔުނާން އަށް ބަލާލެވުނީ އަތު ކުރީގައި އޮތް ގަޑިއަށެވެ. ދެގަޑި ބައިވަނީއެވެ. މިގަޑީގައި ކާކުބާއެވެ؟ އަނެއްކާ ވޮޗް މޭން ބާއެވެ؟ ދެފިކުރުގައި ކުޑަކޮށް ބިރުންހުރެ ޔުނާން ދޮރު ހުޅުވާލިއެވެ. އެއާއި އެކު ޔުނާންގެ މޫނުގައި ފިރުމާލީ ފިނިފިނި ވައި ރޯޅިއެކެވެ. ޔުނާން ދޮރުން ބޭރަށް ނިކުމެ ބަލައިލީ ހޯލްގެ ކުޑަދޮރު ހުރީ ލެއްޕިފައި ތޯއެވެ. ދެ ދޮރުވެސް ހުރީ ހަމަރަނގަޅަށްވެސް ލައްޕާފައެވެ. އެހެންވީއިރު ވައި ވަންނަންވީ ކޮންތާކުންބާއޭ ވެސް ޔުނާންގެ ހިތަށް އެރިއެވެ. ހިތަށް ބިރުވެރިކަން ވަން ނަމަވެސް ޔުނާން ތެޅިފޮޅިގަންނާކަށް ބޭނުމެއް ނުވިއެވެ. ހަމަޖެހޭގޮތް ދައްކަމުން ޔުނާން ކޮޓަރި ތެރެއަށް ވަންނަން އެނބުރިލި ވަގުތު ފައިދަށުގައި އެއްޗެއް އޮތް ކަމުގެ އިޙްސާސް ކުރެވުނެވެ. ކުއްލިއަކަށް ފަހަތަށް ޖެހިލަމުން ޔުނާން އިސްޖަހާލަމުން ތިރިއަށް ބަލާލިއެވެ. ފަތް ޖަހާފައި އޮތް ކަރުދާސްކޮޅެކެވެ. ޔުނާން އެ ކަރުދާސްކޮޅު ނަގައި ދެފަރާާތަށް ކަރު އަނބުރާލަމުން ވަށައިގެން ނަޒަރު ހިންގާލިއެވެ. ފަޅުކަމާއި ހަމަހިމޭންކަން ފިޔަވާ އެއްވެސް އެއްޗެއްނެތެވެ.
ދޮރު ލައްޕާލަމުން ޔުނާން އެކަރުދާސްކޮޅު ނިއުޅުވާލިއެވެ. އޭގައި ރަތް ކުލައިން ލިޔެފައިވެއެވެ.
“މަރުވެފައިވާ އަހަރެންގެ ހިތަށް އަލުން ދިރުމެއްދިނީ ކަލާއެވެ!
ލޯބިވެވިއްޖެއެވެ. ހިތުގެ އެންމެ ފުންމިނުގައި ތިޔަނަން ފެވިއްޖެއެވެ. ދުރަށް ދިއުމެއް ދެނެއް ނެތެވެ. ތި ލޯބި އެދިއެދި މިގޮތުގައި އަބަދުމެ ހުންނާނަމެވެ.”….
“ވަޓް އަ ޖޯކް.” ޔުނާން ބާރަށް ހީނގަތެވެ.
“މި ހާދަ ޑްރާމާ ބައި ބޮޑުވެސް ކުއްޖެކޭދޯ. ހަމަ ފިލްމީ ޑައިލޮގެއް.” އަތުގައި އޮތް ކަރުދާސްކޮޅު ބޮނޑިކޮށްލާފައި ޑަސްބިނާ ދިމާއަށް އެއްލިއެވެ. އެކަހަލަ ސިޓީތަކަކީ ޔުނާން އަށް އާ އެއްޗެއް ނޫނެވެ. މިވީ ހަތަރު އަހަރުގެ ތެރޭގައި އެކަހަލަ ކިތަންމެ ސިޓީއެއް ޔުނާން އަށް ލިބިފައިވެއެވެ. އެނދުމަތީގައި ރުލެއް ނެތި ދެމިލަމުން ޔުނާން ގައިގައި ރަޖާ އޮޅާލިއެވެ. އިސާހިތަކު ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް ޔުނާން ގެބިގެންދިޔައެވެ.
އިރުގެ އަލިން މުޅި ދުނިޔެ ދިއްލާލެވިފައި ވާއިރު ޔުނާން ގެ މޫނުވެސް ވަނީ ދިއްލިފައެވެ. ކަމީލާގެ ހަނދާންތައް ހިތުގެ އެއްކަނުގައި ފޮރުވާލުމަށްފަހު ޓެސްޓް ޕޭޕަރު ހަމަރަނގަޅަށްވެސް ފުރިހަމަކޮށްފިއެވެ. ކްލާހުން ޔުނާން ނިކުތީ ހެވި ދިލިފައި ހުރެއެވެ. ދުވަހަކު ނުނިންމާހާ އަވަހަށް ޔުނާން ޕޭޕަރުވެސް ނިންމާލިއެވެ. ޚުދު ޔުނާން ވެސް އެކަމާއި ހައިރާންވިއެވެ. ކޮލެޖް ހުރިހާ ކުދިންނާއި ޓީޗަރުންތައްވެސް ހައިރާންކޮށްލިއެވެ.
“ޔުނާން. ހާދަ އީޒީ ކޮށް ތިނިންމާލީ.” ޔުނާންއާއި އެއް ކުލާހެއްގައި ކިޔަވަމުންދާ އާހިލް ގެ އަޑަށް ޔުނާން ފަސްއެނބުރި ބަލާލިއެވެ.
“އަހަރެން ކިޔަވަމޭ. ކަލެއަށް ކިހިނެއްވެފަތަ ތިހުރީ. މީހާ ހަނދު އޮއްސިފަ.” އާހިލްގެ މޫޑް ހުރިގޮތް ފެނިފައި ޔުނާން ގެ ގާތަށް ހިނިއައެވެ.
“ހުވާ މިބުނީ. ޓަފް ޕޭޕަރެއް. އަޅެ ކީއްތަވާނީ އެނޫން ގޮތަކަށް ސުވާާލުތައް ހެދިއްޔާ.” އާހިލް ހުރީ ހިތްހަމަނުޖެހިފައެވެ. ޓެސްޓް ޕޭޕަރު އުނދަގޫކަމުންނެވެ.
“ދެން އަނެއްކާވެސް އިތުރު އެއް އަހަރު ކިޔަވާލަން މަޑުކޮށްލާނީ. އޯކޭވާނެ. ނުލާހިކު ރީތި ބިޓުން އުޅޭނެ ޝިމްލާގަ. ހިނގާބަލަ ސިކުނޑި ފިނިކޮށްލަން. ފިނި އެއްޗެއް ބޯލަންދާން.” ޔުނާން ހެމުން ހެމުން ހިނގައިގަތީ ކެންޓީނާއި ދިމާއަށެވެ. މޫނުމަތިން ބާރަ ޖަހާފައި ހުރި ނަމަވެސް ޔުނާންގެ ފަހަތުން އާހިލްވެސް ހިނގައިގަތެވެ.
“އޭ ޔުނާން. ކަލޭގެ ގަމީހުގައި ތިހުރީ ކޮންލެއެއް؟” ކުއްލިއަކަށް އާހިލް ގެ ދެލޯ ބޮޑުވީ ޔުނާން ގެ ގަމީހުގެ ގިރުވާނު ކައިރިން ފަހަތަށް ފައިބަމުންދާ ލޭތައް ފެނުނީމައެވެ.
“އޭން.” ޤަބޫލު ނުކުރެވޭ ކަހަލަގޮތަކަށް ޔުނާން އޭނާގެ ގަމީހުގައި އަތް ހާކަންފެށިއެވެ. އެއްވެސް ލެއެއް ޔުނާންގެ އަތުގައި ހޭކިފައެއްނެތެވެ.
“ކަލޭ ހަމަ ތަ؟” ޔުނާން އަށް އާހިލްގެ އެސަމާސާ ކަމަކުނުދިޔައެވެ.
އާހިލް ދެލޯ އުނގުޅާލާފައި ބަލާލީ އޭރު ފެންނަން ހުރި ލޭގެ އެއްވެސް އަސަރެއް މިހާރު ފެންނަން ނެތީމައެވެ.
“ކިހިނެއް އެހެންވާނީ. ހަމަ ޔަޤީން އެއީ އަހަންނަށް ހީވިގޮތް ނޫންކަން.” އާހިލް ގެ ހިތަށް ބިރުވެރިކަން ވަނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އާހިލް ގެ ދެލޮލަށް ހަމަ ދެންމައަކު ޔުނާންގެ ގަމީހުގައި ހުރި ލޭތައް ފެނުނު މެއެވެ. އެއީ ހީވި ހީވުމެއްނޫންކަން އާހިލްއަށް ހަމަ ޔަޤީނެވެ.
“އަޅެ ހުރިނަމަ އަހަރެންގެ އަތުގައިވެސް އުނގުޅޭނެއެއްނު. މަށަށް ހީވަނީ ކަލޭގެ ސިކުނޑި އެކަންޏެއް ނޫންހެން ގޮވީ. ކަލޭގެ ދެލޯވެސް ގޮވާފަ ތިހުރީ.” ޔުނާން ހިނގައިގަތީ ކެންޓީނާއި ދިމާއަށެވެ. ފުރަތަމަވެސް ޔުނާންއަށް ބަލާލެވުނީ ފަސް ނަމްބަރު ޖަހާފައި އިން މޭޒާއި ދިމާއަށެވެ. އެއީ އަބަދުވެސް ކަމީލާ އިންނަ މޭޒެވެ. އެންމެ ފުރަތަމަ ޔުނާން އަށް ކަމީލާ ފެނުނީވެސް އެތާގައި އިންދައެވެ. އެހަނދާންތައް ޔުނާންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ޔަޤީނެވެ. ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޔުނާން ވެއިޓަރާއި ކުރިމަތިލީ އޯޑަރު ދޭންވެގެންނެވެ. ނަމަވެސް ޚިޔާލު ބަދަލުވީ ހަމަ ކުއްލިއަކަށެވެ. ޖީބުގައި އޮތް ފޯނު ނަގާ ބައްޕަގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އަދި ފޯނު ކަންފަތުގައި ޖަހައިގެން ބޭރަށް ނިކުތެވެ. މީހުންތަކުން ފުރިފައިވާ ކޮލެޖްގެ އެކި ކޮޅުކޮޅަށް ނަޒަރު ހިންގަމުން ދިޔަ ޔުނާން ގެ ދެލޯ އަދިވެސް އެހޯދަނީ ކަމީލާ ކަން ޔަޤީނެވެ. އެންމެ ފަހުވަގުތުގައިވެސް ކަމީލާ ދެކިލަން ޔުނާން ބޭނުމެވެ. އެގްޒާމް ހޯލުންވެސް ޔުނާންއަކަށް ކަމީލާއެއް ނުފެނުނެވެ. ލިބުނު މާޔޫސްކަމުގައި ޔުނާން ހިނގައިގަތީ ހޮސްޓެލް އަށް އެނބުރިދާށެވެ. ޔުނާން ވީ އެންމެ އަވަހަކަށް މާލެދާން ބޭނުމެވެ. ކަމީލާ ގެ ޚިޔާލުތަކާއި ފަސޭހައިން ދުރުވެވޭނީވެސް އޭރުންކަން ޔުނާން އަށް ހީވާ ކަހަލައެވެ.
ކޮޓަރިއަށްވަދެ ޔުނާން ފޮށި ނަގާ އެއްޗެހި ޕެކް ކޮށްލިއެވެ.
“ހެލޯ. އަސްތާ ފުރަނީތަ؟” އަނެއްކާވެސް އާހިލް އެވެ. ކޮޓަރި ދޮރުހުޅުވާލަމުން އެތެރެއަަށްވަނެވެ. ޔުނާން ގެ ޕެކް ކޮށްފައިވާ ސާމާނުތަކަށް ދެލޯ ބޮޑުކޮށްފައި ބަލަން ހުރި އާހިލްއަށް އަނގަ މަޑުންލައިގެން ނުހުރެވުނެވެ.
ޔުނާން އެއްވެސް ޖަވާބެއްނުދީ ހިނިތުންވެލިއެވެ.
“ކަލޭގެ ކެނޭޑިއަން ޖޭސްމީން ވެސް ގޮވައިގެންތަ ދަނީ؟” ކުއްލިއަކަށް އާހިލް ކޮށްލި ސުވާލުން ޔުނާން ގެ ހިތުގެ ވިންދު އަވަސްވެއްޖެ އެވެ. ހިތުގެ އެންމެ ފުނުގައި ފޮރުވާފައިވާ ހަނދާންތައް ބޮކި ޖަހާފައި މައްޗަށް އަރައިގަންނަން އުޅުނު ކަހަލައެވެ.
“ނޫން. އެކަންތައް ނިމިއްޖެ؟” ޔުނާން އާހިލް އަށް އެއްވެސް ކަމެއް ސިއްރުކުރާކަށް ބޭނުމެއްނުވި އެވެ. ފެށުނީއްސުރެވެސް ކަމީލާ އާއި ޔުނާންގެ ގުޅުން އާހިލް އަށް އެނގޭނެއެވެ. އަދި އެމީހުން އުޅުނު ލޯބިގޮތްވެސް އެންމެ ކައިރިން ފެންނާނީވެސް އާހިލްއަށެވެ.
“ކަލޭ އެންމެ ފަހުން އެމަންޖެގެވެސް ހިތުގައި ޖައްސާލީ ދޯ. ނުވާނެ ކަލޭ ރަނގަޅެއް ދުވަހަކުވެސް.” އާހިލްގެ އަޑުގައިވަނީ އިންތިހާ ދަރަޖައަށް ނުރުހުމެވެ.
ދިފާޢުގައި އެއްވެސް އެއްޗެއް ބުނާކަށްވެސް އަދި ކަމީލާ ކުށްވެރިކޮށްފައި އެވާހަކަ ދައްކާކަށް ވެސް ޔުނާން ބޭނުމެއްނުވިއެވެ.
“ކަލޭ މާލެ ނުދަނީތަ؟” ޔުނާން ބޭނުންވީ މަޢުޟޫ އޮޅުވާލާށެވެ. ކަމީލާ ގެ ވާހަކަ ދައްކަން ޔުނާން އަށް މިހާރު ނޭނގެނީއެވެ. ކަމީލާ ޔުނާން އާއި ވަކިވެގެންދިޔަ އަސްލު ސަބަބުވެސް ބުނެވޭނީ ޔުނާން އަށް އެނގޭނަމަ ތާއެވެ. ކަމީލާގެ ވާހަކަ އެއްވެސް މީހަކާއި ދައްކަން ޔުނާން ބޭނުންނުވަނީ ވެސް އެ ސަބަބަށްޓަކައެވެ.
“ތިޔަށް އެއްޗެއް ބުނަން އެނގޭނީ ރިޒަލްޓް ލިބުނީމަ.” ޓެސްޓް ޕޭޕަރު މަތިން ހަނދާންވީމާ އާހިލްގެ މޫނު އަނެއްކާވެސް ފުސްވެއްޖެއެވެ.
“މިރޭ އަހަރެން މިއުޅެނީ މާލެދާން. ރިޒަލްޓް މެއިލްވެސް ކުރާނެއެއްނު. އަހަންނަށް ޔަޤީން އަހަރެންގެ ރިޒަލްޓް ރަނގަޅުވާނެކަން.” ހިތުގައިވާ ޔަޤީންކަމެއްގެ ބޮޑު ކަމުން ޔުނާން ވާހަކަދެއްކީ މޭ ފުއްޕާލާފައެވެ. އާހިލް ވީ ދެރައިން ކަރު އެލުވާލިއެވެ. ޔުނާންގެ ރިޒަލްޓް ރަނގަޅުވާނެތީއެއް ނޫނެވެ. އެކުވެރިޔާއަށްޓަކައި އޭނާ އުފާކުރެއެވެ. ނަމަވެސް އަމިއްލައަށް ކިޔެވުމާއިމެދު ފަރުވާކުޑަ ކުރެވުނީމާ ދެރަވަނީއެވެ.
ފްލައިޓްގެ ގޮޑީގައި ބުރަކަށި ޖައްސާލުމާއެކު ޔުނާން ފެންކަޅިވިއެވެ. އެންމެ ފަހު ވަގުތު ކަމީލާ ލޮލުންވެސް ނުދެކި އަންނަން ޖެހުނީމައެވެ. ޝިމްލާގައި ކަމީލާ އޭނާގެ މައިންބަފައިންނާއެކީ ދިރިއުޅޭ ގެ ކައިރިއަށް ޔުނާން ދެފަހަރަކު ދިޔައެވެ. އެތަނުގައި އެތައް އިރެއްވަންދެން ކަމީލާ ފެނޭތޯ އެނބުރުނެވެ. ނަމަވެސް ޔުނާން އަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ.
ޔުނާން އަތުގައި އޮތް އޭނަގެ ފޯނުގެ ބެކް ގްރައުންޑަށް ނަޒަރު ހިންގާލިއެވެ. ކަމީލާ ގެ ފޮޓޯއަށެވެ. ދެލޯ މަރާލަމުން ޔުނާން ގެ މޭގައި ފޯނު ޖައްސާލިއެވެ. ކަމީލާ ގެ ހަނދާންތައް އަބަދުވެސް ޔުނާން ގެ ހިތަށް ބާރު ފޯރުވާތީއެވެ. ސިކުނޑި ވިސްނައިދެމުން ދިޔައީ ފޯނުގައި ހުރި ފޮޓޯތައްވެސް ޑިލީޓް ކުރާށެވެ. ހިތާއި ދެކޮޅަށް ޔުނާން ފޯނުގެ ގެލެރީ ހުޅުވާލިއެވެ. އަދި ޑިލީޓް ކުރުމަށްޓަކައި އަތް ހަރަކާތްކޮށްލިއެވެ.
“އަސްލުވެސް އަހަރެން މަތިން ހަނދާންނައްތާލަނީތަ؟” ކަމީލާގެ އަޑު އެހާ ގާތުން އިވުމުން ޔުނާންއަށް ލިބުނު ސިހުމުގައި އަތުގައި އޮތް ފޯނުވެސް ވެއްޓިއްޖެއެވެ.
ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަހައްޓައިގެން އިނދެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ.
“ކަމީލާ.” ޔުނާން އަށް ކަމީލާ އަށް ގޮވާލެވުނީ ނޭފަތް އެތެރެއަށް ދަމާލަމުންނެވެ. މަޑުމަޑު މީރުވަހެއް ނޭފަތުގައި ޖެހުނީމައެވެ.
“އަސްލުވެސް އަހަރެން މަތިން ހަނދާންނައްތާލަނީ ތަ؟” ކަމީލާގެ އަޑު އެހާ ގާތުން އިވުމުން ޔުނާންއަށް ލިބުނު ސިހުމުގައި އަތުގައި އޮތް ފޯނުވެސް ވެއްޓިއްޖެއެވެ.
ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަހައްޓައިގެން އިނދެވުނީ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލު ނުކުރެވިގެންނެވެ.
“ކަމީލާ.” ޔުނާން އަށް ކަމީލާ އަށް ގޮވާލެވުނީ ނޭފަތް އެތެރެއަށް ދަމާލަމުންނެވެ. މަޑުމަޑު މީރުވަހެއް ނޭފަތުގައި ޖެހުނީމައެވެ.
ޔުނާން ގޮވާލި އަޑު ކަމީލާއަށް އިވޭ ކަމަށްވެސް ނުވިއެވެ. ޔުނާން ކައިރީގައި ޖެހިގެން އިން ގޮޑީގައި ކަމީލާ އިށީންނަމުން ސީޓް ބެލްޓް އަޅުވާލިއެވެ.
“ހައު މޭ އައި ހެލްޕް ޔޫ؟” މިފަހަރު އެއްޗެއް ބުނަން އުޅުނު ޔުނާން ހުއްޓުވާލީ ފްލައިޓްގެ ހިތްހެޔޮ ކެބިންކްރޫ އެވެ. ޔުނާން ބޮލުގެ އިޝާރާތުން ކަމެއްނުވާ ކަމަށް އަންގާލަމުން އަނެއްކާވެސް ކަމީލާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“މާލެ ދަނީތަ؟” ޔުނާން ކަމީލާގެ ފިނިއަތުގައި ހިފާލިއެވެ. ޔުނާންގެ ބީހުން އިޙްސާސްވުމާއެކު ކަމީލާ އޭނާގެ މެރިފައިވާ ދެލޯ ހުޅުވާލަމުން ޔުނާން އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“މި ފްލައިޓް ދަނީ މާލެއަށްތަ؟ އެހެން ކަމަށް ވާނަމަ އަހަރެންވެސް މާލެ ދާން ދޯ މީގަ އިންނާނީ.” ކަމީލާގެ ސަމާސާ ރާނގުން ޔުނާންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ. ކަމީލާގެ މަޑުމައިތިރި މިޒާޖާއި ލަދުވެތިކަމަށް ބަދަލު އައިސްފައިވާކަން ޔުނާން އަށް އިޙްސާސް ކުރެވުނެވެ.
“މޯމް އެންޑް ޑޭޑް ނާދޭތަ؟ އެމީހުންނާއި ވަކިން ކަމީލާއަށް އެއްވެސް ތާކަށް ނުދެވޭ ވާހަކަ ކަމީލާ ބުނީމެއްނު.” ޔުނާން އަދިވެސް އިނީ ކަމީލާގެ އަތުގައި ހިފަހައްޓާލައިގެންނެވެ. ޔުނާންއަށް އިނދެވުނީ ހަމަ ރަނގަޅަށްވެސް ވާނުވާ ނޭނގިފައެވެ. ކަމީލާ މީގެ ދެދުވަސް ކުރިން އަމިއްލައަށް ޔުނާން އާއި ގުޅުން ކަނޑާލީއެވެ. އަނެއްކާ މިހާރު އެއިނީ އޭނާގެ ކައިރިއަށް އައިހެވެ. ޔުނާން އުފާވެސް ވެއެވެ. ދުލުން ބަޔާން ނުކުރެވޭހާ ވަރަށެވެ. ނަމަވެސް ހިތް ނުތަނަވަސްވަނީއެވެ.
“ޔުނާން.” ކަމީލާގެ މަސްތީއަޑުން ޔުނާން ދިޔައީ ސިއްސައިގެންނެވެ. ކަމީލާ އެފަދަ ގޮތަކަށް ގޮވާލީމައެވެ. ބޭއިޚަތިޔާރުގައި ކަމީލާގެ ދޮން މޫނު ޔުނާންގެ އަތުގައި ހައްޔަރުކޮށްލެވުނެވެ. އަދި އެހާމެ ލޯބިން ކަމީލާގެ ތުނިތުނި ތުންފަތުގެ މީރު ރަހަ ލިބިގަތެވެ. މެރިފައިވާ ދެލޯ ހުޅުވާލަން ޔުނާން އާއި ކަމީލާގެ ހޭވެރިކަންވެސް ނެތް ކަހަލައެވެ. ތިބެވުނު ތަންވެސް ހަނދާންނެތެވެ. ކުއްލިއަކަށް ޔުނާންއަށް ކަމީލާގެ ދެކޮނޑުގައި ހިފާ ގަޔާ ދުރުކޮށްލެވުނެވެ. ޔުނާންގެ ތުންފަތުން ނަގަމުން ދިޔަ ދިލައެއްގެ ސަބަބުންނެވެ.
ކަމީލާ ލާނެތް ފާޑަކަށް ހިނިތުންވެލިއެވެ.
“އައި އެމް ހޮޓް.”ކަމީލާ ޔުނާންގެ ތުންފަތުގައި އިނގިލިން ފިރުމާލިއެވެ.
“ކިހިނެއް އެނގުނީ ތުންފަތުން ދިލަ ނަގާކަމެއް؟” ޔުނާން ވީ ހައިރާނެވެ. ގައިމު ޔުނާން ގެ ހަރަކާތުންވެސް އެކަހަލަ ކަމެއް ވެގެން އުޅޭކަން ކަމީލާއަށް ދެނެގަނެވޭނެ ވަރުގެ ކަމެއް ނުވެއެވެ.
ކަމީލާ ޔުނާންގެ އަތްތިލަ ނަގާ އޭނާގެ މޭގައި ޖައްސާލިއެވެ.
“މިތާ އޮތީ ޔުނާން މަށަށް ދިން ޔުނާންގެ ހިތޭ. އެހެންވީމަ އެނގޭނެ އެއްނު.” ކަމީލާ ދިން ޖަވާބުން ޔުނާންގެ ހިތަށް ފިނިވެގެން ދިޔައެވެ. އެވަގުތު ފްލައިޓްގެ ބޮކިތައް ނިވުނެވެ. ފްލައިޓްގައި ތިބި އެންމެންކަހަލަ ގޮތަކަށް ލޯމަރާލީ މަންޒިލާއި ހަމައަށް ދެވެންދެން އަރާމުކޮށްލުމަށެވެ. ނަމަވެސް ޔުނާން އާއި ކަމީލާ އެމީހުންގެ ލޯބީގެ ދުނިޔޭގައި ގެއްލިފައި ތިއްބެވެ.
“ދީމާ. ތި އަވަސްކޮށްބަލަ. ފްލައިޓް ލޭންޑް ކުރިޔަސް ދީމާ މޭކަޕްކޮށް ނުނިމޭނެ.” ސިޓިންގް ރޫމްގައި ކޮޅުކޮޅަށް ހިނގަ ހިނގާހުރި ޔާސިރު ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާގެ ހަމައެކަނި ހުރި ދަރިފުޅު މިރޭ މާލެ އެ އަންނަނީ ފަަސް އަހަރު ފަހުންނެވެ.
“މި އައީ އޭ. އަހަރެން ރީތި ތަ؟ ހީވޭތަ އެކްސްޓްރާ ފަލަހެން.” ޔާސިރުގެ ކުރިމަތީގައި އުނަގަނޑުގައި އަތް ވިދެލަމުން ޔާސިރުގެ އަންހެނުން ހިނިތުންވެލިއެވެ. ކައިވެންޏަށް ފަންސަވީސް އަހަރުވީއިރުވެސް ދެމީހުންގެ ހިތް އަދިވެސް ޒުވާނެވެ. ވާ ލޯތްބަށް އެއްވެސް ބަދަލެއް ނާދެއެވެ.
“ވާއު. ލާހިކެއްނޫން މިރޭ ގޮވައިގެން އެއާޕޯޓަށްދާކަށް. ހާދަހާވާ ރީއްޗޭ. ޔަޤީން މިރޭ އަހަންނަށް ގެއްލިދާނެ.” ޔާސިރު އާދައިގެ މަތިން ދީމާ އުފާކޮށްލިއެވެ.
“ހޫން. ދެން ކޮންމެހެން މަ ހައްދާނެކަމެއްނެތް. ހިނގާ ދާން އަވަހަށް.” ދީމާ ޔާސިރުގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އެރައިވަލްސްއިން ނިކުމެގެން އަންނަ މީހުންތަކާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަން ތިބި ޔާސިރުމެންގެ މޫނުމަތި އުޖާލާވެގެން ދިޔައީ މީހުންގެ ތެރެއިން ހިނގާފައި އަންނަ ޔުނާން ފެނުނީމައެވެ.
“ހާދަ ރީއްޗޭ އަޅެ މަގޭ ދަރި. ހީވަނީ ހަމަ އަހަރެންހެން. ކިހާ ވައްތަރުތަ ދޯ ޔާސިރު.” އުފަލުން ގޮސް ދީމާގެ ލޮލުން ކަރުނަ ހިލުނެވެ. ޔާސިރު ހިނިތުންވެލިއެވެ.
“ހެއި ޑޭޑް އެންޑް މޯމް.” ޔުނާން އޭނާގެ މަންމަ އާއި ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. އެތައް އަހަރެއް ކޮށްފައި މަންމައާއި ބައްޕަގެ ފިރުމުންތައް އިޙްސާސްވުމުން ޔުނާން ހުރީ އިންތިހާއަށް ހިތްހަމަ ޖެހިފައެވެ.
“ހިނގާ އަވަހަށް ގެޔަށްދާން.” ދީމާ ޔުނާންގެ އަތުގައި ހިފިއެވެ. ނަމަވެސް ޔުނާން އަށް ބެލެނީ ފަސްއެނބުރި އައިކޮޅަށެވެ. ކަމީލާގެ ހިލަމެއް ނުވީމައެވެ. ގައިމު ޔުނާންގެ ފަސްފަހަތުން ކަމީލާވެސް އައިކަން ޔުނާންއަށް ޔަޤީނެވެ. އަނެއްކާ ދިޔައީ ހެއްޔެވެ؟ ޔުނާން އުޅުނީ މަންމަމެންނަށް ކަމީލާ ތަޢާރަފްކޮށްދޭށެވެ.
“ދަރިފުޅު. އިތުރު މީހަކު އަންނަނީތަ އަދި؟” ނިކުމެގެން އަންނަ މީހުންތަކާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަން ހުރި ޔުނާން ސިހުނީ ޔާސިރު ޔުނާން ގެ އަތުގައި ހިފާ ތަޅުވާލުމުންނެވެ.
“ނޫން. ލެޓްސް ގޯ.” ޔުނާންގެ ހިތް މަރުވި ކަހަލައެވެ. ކަމީލާ އާއި ވަކިން އުޅެން ޔުނާންއަށް ވަރަށް އުނދަގުލެވެ.
“ދަރިފުޅު ތުންފަތް ފިހުނީތަ؟” ލޯންޗަށް އަރަން ދަމުން ދީމާގެ ލޮލުގައި އަޅައިގަތީ އާދަޔާ ޚިލާފަށް ކަޅުވެފައިވާ ޔުނާންގެ ތިރީ ތުންފަތެވެ.
“އޭން ނޭނގެ މޯމް.” ޔުނާންއަށް ތުންފަތުގައި އަތް އުނގުޅާލެވުނެވެ. އެވަގުތު އަނެއްކާވެސް ތުންފަތުން ދިލަ ނަގާ ކަމުގެ އިޙްސާސް ޔުނާންއަށް ކުރެވުނެވެ. ޔުނާން ތިރީ ތުންފަތުގައި ދޫ ހާކާލިއެވެ. ނަމަވެސް ނަގަމުންދިޔަ ދިލައަކަށް ބަދަލެއް ނާދެއެވެ.
“ގެޔަށް ގޮސް ބޭހެއް އުނގުޅާދޭނަން މަންމަ.” ދީމާ ޔުނާންގެ އަތުގައި ހިފެހެއްޓިއެވެ.
ހުރިހާ އެއްޗެއް ބަދަލުކޮށްލީތަ ޑޭޑް.” ގެޔަށް ވަންގޮތަށް ފުރަތަމަވެސް ޔުނާންގެ ލޮލުގައި އަޅައިގަތީ ބަދަލުވެފައިވާ ގޭގެ ފަރުނީޗަރު ތަކެވެ.
“ރީތި ތަ؟ މަންމަގެ ޗޮއިސް.” ޖަވާބު ދިނީ ދީމާ އެވެ. ޔުނާން އާއި ޔާސިރު އަށް އެއްފަހަރާ ހީނގަނެވުނެވެ.
“ހުއް. މި ޔާސިރު ހުންނާނީ މަށަށް މަލާމަތް ކުރާނެ ޗާންސެއް ނުލިބިފަ.” ދީމާ ޔާސިރު އާއި ދިމާއަށް ލޯއަޅައިލި އެވެ. އަދި ޔުނާން ގެ އަތުގައި ހިފައިގެން ގޮސް ކާ ކޮޓަރިއަށްވަނެވެ.
ކާ އެއްޗެހިތަކުން ދުވަމުންދިޔަ މީރުވަހުން ޔުނާންގެ ބަނޑުވެސް ފުރުނުކަހަލައެވެ.
ހުސް ޔުނާންއަށް މީރު ކާއެއްޗެއްސެވެ. މަންމަމެންނާއެކީ ކަމުން އެކި ވާހަކަދައްކާ ސަމާސާ ކުރަމުން ދިޔަ ނަމަވެސް ޔުނާންގެ ބޮލުގެ ތެރޭގައި އަދިވެސް ވަނީ ކަމީލާއެވެ. ވީނުވީ އެއް ނޭނގުމުން ޔުނާންގެ ފިކުރު ބޮޑުވަނީއެވެ.
ކައިނިމިގެން ޔުނާން ވަނީ އޭނަގެ ކޮޓަރިއަށެވެ. މަންމަމެން ނިދަން ދިޔައީމައެވެ. ދަތުރެއްކޮށްފައި އައި ނަމަވެސް ޔުނާންގެ މޫނުމަތިން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. ޔުނާން ދަބަސް ހުޅުވާލުމަށްފަހު ލެޕްޓޮޕް ނެގިއެވެ. އަދި ފޭސްބްކް ހުޅުވާލަމުން ކަމީލާގެ ނަން ޖަހާފައި ސާޗްކޮށްލިއެވެ. އެވަގުތު ވިދުވަރެއްގެ އަލިން މުޅި ކޮޓަރިތެރެ ދިއްލިގެން ގޮސްފައި އެއްކޮށް އަނދިރިވެގެން ދިޔައެވެ. ކަރަންޓްގެ އެއްވެސް އަލިކަމެއް ނެތެވެ. ލެޕްޓޮޕްވެސް ނިވުނެވެ. ލިބުނު ސިހުމުގައި ޔުނާން އަށް ހަޅޭއްލަވައިނުގަނެވުނީ ކިރިޔާއެވެ. މުޅި މީހާ ހާސްވެ ދާހިއްލާ ފޯވަމުން ދިޔައިރުވެސް އެނދުމަތިން ތެދުވާކަށްވެސް ޔުނާންއަކަށް ނުކެރުނެވެ. އިރުކޮޅެއްގެ އަނދިރިކަމަށްފަހު މުޅި ކޮޓަރިތެރެ އަލިވެގެން ދިޔައެވެ. ޔުނާން މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ގެންފައިވާ ބިރެއްގެ ސަބަބުންނެވެ.
ޔުނާންއަށް ބިރުން ކޮޓަރީގެ ނިދާބޮކިވެސް ޖައްސާކަށް ނުކެރުނެވެ. ދެފަރާތަށް ކަޅި އުކަމުން ޔުނާން އެނދުމަތީގައި އޮށޯވެލިއެވެ. ނިދޭތޯ އެވެ. ނަމަވެސް ގެންފައިވާ ބިރެއްގެ ސަބަބުން ޔުނާންއަށް ނިދުނީ އެހެން އޮންނަތާ އެތައް އިރެއްވީ ފަހުންނެވެ.
އާ ދުވަހަކަށް އިރު ފެނުން މައްޗަށް ހިއްލި މުޅި ދުނިޔެ ހޫނު ކުރަމުން ދިޔައިރުވެސް ޔުނާން އޮތީ ގަދަނިދީގައެވެ. ބެލްކަނީގެ ދޮރު ހުޅުވިފައި ހުރުމުގެ ސަބަބުން ކޮޓަރިތެރެއަށް ޖެހެމުން ދިޔަ ފިނިފިިނި ވައިރޯޅިތައް ޔުނާންގެ ފަން އިސްތަށިކޮޅާއި އިރުއިރުކޮޅާއި ސަމާސާކޮށްލައެވެ.
ނަމަވެސް ނިދީގެ ފޮނި މީރުކަމުން ވަށާލެވިފައިވާ ޔުނާން އަށް އެކަމުގެ އިޙްސާސްވާ ހެނެއް ހިއެއް ނުވެއެވެ. ކުއްލިއަކަށް ބެލްކަނިން ކޮޓަރިތެރެއަށް އެޅިފައިވާ އަލީގެ ކުލަ ބަދަލުވަމުން ދިޔައެވެ. މަޑު ރަތް ކުލައަކަށެވެ. އެ އަލި ހިމަ ރޮގެއް ފަދައިން ޔުނާންގެ ތިރީ ތުންފަތަށް އެޅުނެވެ. އަދި ހަމަ އެސިކުންތުގައި ބެލްކަނީގެ ދޮރު ކެހިގެންދިޔައެވެ. އެއްވެސް މީހެއްގެ ބާރަކާއިނުލައެވެ.
ޔާސިރު އާއި ދީމާ ވަށާލެވިފައިވަނީ ރައްޓެހިންނާއި އަވަށްޓެރިންގެ މީހުންތަކުން ނެވެ. ޔުނާން އައި ޚަބަރަށް އެންމެން އައީ ޔުނާން ދެކިލާށެވެ.
“ދެން ދީމާ ނުޖެހޭނެ ދޯ ބަލިވިޔަސް ހޮސްޕިޓަލާއި ހަމައަށް ދާންވެސް.” ދީމާ މެންގެ އަވަށްޓެރިއެއް ކަމަށްވާ ޒުބޭދާ ދީމާ އާ ދިމާކޮށްލިއެވެ. ޒުބޭދާއަކީ ނިކަން އަނގަ ގަދަމީހެކެވެ.
“ކޮބާތަ ޔުނާން؟” ގޭތެރެއަށް ނަޒަރު ހިންގާލަމުން ޒުބޭދާ ދީމާއާއި ދިމާއަށް އެނބުރުނެވެ.
“ރޭގަ ވަރަށް ލަސްވި ފަހުން އައީ. އެހެންވެ ނުހޭލާ އަދި.” ދީމާ ޒުބޭދާއަށް ހިނިތުންވެލިއެވެ.
“އާން. އެސޮރު މެންނަށް މިހާރު ދެން ދަސްވެފަ ހުންނާނީ ދުވާލު ހަތަރު ދަމު ނިދާފައި ރޭގަނޑު ހޭލާ އުޅެން.” ޒުބޭދާ އަނެއްކާވެސް މޮޅު ވާހަކައެއް ދައްކަމުން އަނގަ ގަނޑު ތަޅުވައިގަތެވެ. އެ އަޑު ޔާސިރު އަށްވެސް އިވުނެވެ. ނަމަވެސް މީހުން ކިޔާހާ އެއްޗެއްސަށް ރައްދު ދިނުމަކީ ޔާސިރު ގެ އުސޫލެއް ނޫނެވެ.
“މިރޭ އޮންނާނެ ޕާޓީއެއް. ޔުނާން އައުމުގެ އުފަލުގައި ބާއްވާ. ތި ހުރިހާ އެންމެން އަންނަންވާނެ. އޭރުން ޔުނާން ނުފެނިގެން އުޅޭ މީހުންނަށް އޭނަ ފެންނާނެއެއްނު.” ޔާާސިރު ބޭނުންވީ އެވަގުތު އެތަނުން އެންމެން ފޮނުވާލާށެވެ.
“އާން. ކަލޭމެން މުއްސަދިންނަށް ތި ކަހަލަ ޕާޓީތައް ކިތަންމެ ވަރަކަށްވެސް ބޭއްވިދާނެ. ދީމާ. ގޮސްލީއޭ. އަންނާނަން މިރޭ ޕާޓީއަށް. ނިކަން މީރުކޮށް ކާން ލިބޭނެއެއްނު.” ޒުބޭދާ ދީމާ ގެ ކޮނޑުމަތީގައި އަތްބާއްވާލުމަށްފަހު ހިނގައިގަތެވެ. ދީމާ ބޯޖަހާލިއެވެ. ހިތްހަމަ ނުޖެހިފައި ހުއްޓަސް އެކަން ބޭއްވީ ހިތުގައެވެ.
“ވަރެއްގެ އަންހެނެއްދޯ.” ޒުބޭދާ ދިޔުމުން ދީމާ ޔާސިރު އާއި ދިމާއަށް އެނބުރުނެވެ.
“ކީއްކުރާނީ. ތަފާތު މީހުން އުޅޭނެއެއްނު.” ޔާސިރު ލޮލުގައި އޮތް އައިނު ރަނގަޅުކޮށްލަމުން ޕާޓީގެ ތައްޔާރީތައް ކުުރުމަށްޓަކާ އަވަސްވެގަތެވެ.
މެންދުރު ނަމާދުގެ ބަންގީގެ އަޑަށް ނިދާފައި އޮތް ޔުނާން އަށް ފުންމައިގެން ތެދުވެވުނެވެ. ފުރަތަމަވެސް ޔުނާން އަށް ދުވެފައި ދެވުނީ ލޯގަނޑު ކުރިމައްޗަށެވެ. ތިރީ ތުންފަތުގައި ކަޅުވެފައި ހުރިތަންކޮޅަށް ވެފައި ހުރިގޮތް ބަލާށެވެ. ޔުނާން ހިތް ހަމަޖެހުނީ މިހާރު އޭގެ އެއްވެސް އަސަރެއް ފެންނަން ނެތީމައެވެ.
“ދަރިފުޅު ހޭލީތަ؟” ކޮޓަރި ދޮރުހުޅުވާލާފައި ވަން ދީމާ ގެ އަޑަށް ޔުނާން އެނބުރުނެވެ.
“އަދި ފޮށި ތެރޭގައި ހުރި އެއްވެސް އެއްޗެއް ތަރުތީބު ނުކުރަން ދޯ. ދަރިފުޅު ވަދެބަލަ ފާޚާނާއަށް. މަންމަ މިކަން ކޮށްލާނަން.” ދީމާ ޔުނާންގެ ފޮށީގެ ޒިބު ކަހާލިއެވެ. ޔުނާން ތުވާލި ނަގާ ކޮނޑު މައްޗަށް ލަމުންވަނީ ފާޚާނާއަށެވެ.
“ދަރިފުޅު. މީ ކޮން ކުއްޖެއްތަ؟” ޔުނާން ފާޚާނާއިން ނިކުންއިރު މުޅި ކޮޓަރި ތެރެ ތަރުތީބު ކޮށްލުމަށްފަހު ދީމާ އިނީ ސޯފާާ ގޮޑީގައި އިށީނދެލައިގެންނެވެ. އަތުގައި އޮތް ފޮޓޯ ޔުނާން އަށް ދިއްކޮށްްލުމުން ޔުނާންގެ މޫނުމައްޗަށް އެރި ކުލަވަރު ދީމާއަށް ހަމަރަނގަަށްވެސް ފެނުނެވެ.
“އެއީ ކަމީލާ ތަ؟” ޔުނާންގެ ހިމޭންކަން ފެނިފައި އެއީ ކާކުކަން ދީމާ ދެނެގަތެވެ. ކަމީލާގެ ވާހަކަ ޔުނާން ވަނީ ކުރިންވެސް ހިއްސާކޮށްފައެވެ. ހަމައެކަނި ލޮލަށް ނުފެންނަކަމެވެ.
ޔުނާން ބޯ ޖަހާލީ އިސްޖަހައިގެންހުރެއެވެ. ޔުނާން ގެ ނުތަނަވަސް މޫނު ފެނިފައި ދީމާ އިތުރު ސުވާލު ކުރާކަށް ބޭނުމެއްނުވިއެވެ. ޔުނާން އަމިއްލަ އަށް ފެނިގެން ބުނަން ދެން މަޑުކުރަން ދީމާގެ ސިކުނޑި އޭނައަށް ވިސްނަދިނީއެވެ.
“ރީތިވެގެން އާދޭ ސައިބޯން. މިރޭ ދަރިފުޅުގެ ބައްޕަ ޕާޓީއެއް ބާއްވާ ހޮޓެލް ޖެންގަ. ދަރިފުޅާއި ބައްދަލުކުރަން ބައިވަރު މީހުން ބޭނުންވާތީއާ ދަރިފުޅު އައުމުގެ އުފަލުގަ.” ދީމާ ކޮޓަރިން ނިކުންނަމުން އޮޅުންފިލުވައިދިނެވެ.
ސައިބޮއެގެން ޔުނާން ބޭނުންވީ ޔުނާންގެ ޑްރައިވިން ލައިސަންސް އާ ކުރަންދާށެވެ. ގެއިން ގޯތި ތެރެއަށް ނިކުތްތަނާ ވައި ރޯޅިއާއެކު ވައި އަޑުން ޔުނާންގެ ނަން ކަންފަތް ކައިރީގައި މީހަކު ކިޔާލި ކަހަލަ އިޙްސާސެއް ޔުނާންއަށް ކުރެވުމާއެކު މުޅި ގައިން ހީބިހި ނަގައިގަތެވެ. އެވަގުތު ކުރިން ޔުނާންއަށް ދުވި މީރުވަސް ނޭފަތުގައި ޖެހުނެވެ.
“ޔުނާން. ރަނގަޅު ގަޑިއެއްގަތަ މިއާދެވުނީ.” ދަންނަ އަޑެއް ފަހަތުން އިވިފައި ޔުނާން އެނބުރުނެވެ. ކުރިމަތީގައި ހިނިތުންވެފައި ހުރީ ކުޑައިރުއްސުރެ އެކުގައި އުޅެ ބޮޑުވި ސާހިލްއެވެ.
“އެންމެ ރަނގަޅު ގަޑި މީ. ހިނގާބަލަ ޑްރައިވިން ލައިންސަންސް އާކޮށްލަން ލާފައި ކޮފީއަކަށް އަރާލަން ދޯ.” ސާހިލް އާ ދިމާވިކަން ނަސީބެކޭ ޔުނާންގެ ހިތަށްއެރިއެވެ. އެހެން ނޫނީ ދާންވެސް ޖެހޭނީ އެކަންޏެވެ.
ހަވީރު ފިނީގައި މަގުމަތީގައި އާދަޔާ ޚިލާފަށް ވަނީ މީހުން ގިނަވެފައެވެ. ސާހިލްގެ ސައިކަލް ފަހަތުގައި އިން އިރުވެސް ޔުނާން ދިޔައީ މަގުގެ އެކި ކޮޅުކޮޅަށް ކަޅި އުކަމުންނެވެ.
“ޔުނާން. މާލެ އަލީތަ؟ ވަށައިގެން ތި ހޯދަނީ.” ސައިކަލް ދުއްވަން އިން ސާހިލް ޔުނާން އާއި ދިމާކޮށްލިއެވެ.
“އާން. ވަރަށް ބަދަލުވެފަ ދޯ މިއޮތީ.” ޔުނާން ހިނިތުންވެލިއެވެ.
“ކޮންތާކު. އެއްވެސް ބަދަލެއް ނުވޭ. ތަންތަނުގެ ލޮކޭޝަން ބަދަލުވީ.” ސާހިލް ހީނގަތެވެ.
“މިތަނަށް ވަންނަމާ.” އޮކްސިޖަން ކުރިމައްޗަށް ސައިކަލް މަޑުކޮށްލުމުން ޔުނާން އަވަސް އަވަހަށް ސައިކަލުން ފޭބިއެވެ.
ރެސްޓޯރެންޓްގެ ތިރީގައި އެއްވެސް ހުސް މޭޒެއް ނެތުމުން ޔުނާންމެން އެރީ މައްޗަށެވެ.
“މި ހުސް ގޭން ކާން ނުލިބޭ މީހުންތަ؟” ހުސް މޭޒަކާއި ދިމާއަށް ހިނގައިގަންނަމުން ޔުނާން ހީނގަތެވެ. އެވަގުތު ކައިރީގައި ހުރި މޭޒުގެ ކަނުގައި ޔުނާން ޖެހުނެވެ.
މޭޒުމަތީގައި ހުރި ކޮފީތަށިވެސް ބަންޑުން ވެއްޖެއެވެ.
“ވަރަށް ސޮ-” ޔުނާން އެނބުރިލީ މާފަށް އެދޭށެވެ. ނަމަވެސް ބުނަން އުޅުނު ލަފްޒުތައް ހުއްޓުނެވެ.
“ދެލޯ ނެތީތަ؟ ނޫނީ ތި ހުރީ ހޭބަލިވެފަތަ؟” ރުޅިވެރި ބަސްތައް ކަންފަތުގައި ޖެހުނު އިރުވެސް ޔުނާން އަށް ހުރެވުނީއެވެ. ހަރަކާތެއް ކުރަންވެސް ނޭނގިފައެވެ.
ދުވަހަކު އަންހެނަކު ނުދެކެންތަ؟” ޔުނާންގެ ހުއްޓިފައިވާ ކަޅި ހަރަކާތްކޮށްލީ އަނެއްކާވެސް ކުރިމަތީގައި ހުރި އަންހެންކުއްޖާގެ ހަރުކަށި ބަސްތަކުންނެވެ.
“މާފްކުރޭ ސާހިބާ.” ޔުނާން އެއްޗެއް ބުނަން އަނގަ ހުޅުވި ނަމަވެސް ސާހިލް މާފަށް އެދުމަށްފަހު އަވަސް އަވަހަށް ޔުނާން ގޮވައިގެން ހިނގައިގަތެވެ.
މޫނު ކުނި ކޮށްލަމުން އެ އަންހެންކުއްޖާ ހިނގައިގަތީ ވޮޝްރޫމް އާއި ދިމާއަށެވެ.
“އެހެރަ ބޮޑާކަމެއް ދޯ. އެކަމަކު ހާދަ ތަފާތު ލުކެއް ހުރި ކުއްޖެކޭދޯ.” ހުސް މޭޒެއްގެ ކައިރީގައި ހުރި ގޮޑިއެއް ދަމާލަމުން ޔުނާން އިށީނދެ ހަމަޖެހިލިއެވެ.
“ޔުނާންއަކަށް ނޭނގޭތަ؟ މި ރާއްޖޭގައި ނުހުންނާނެ އޭނަ ނޭނގޭ އެކަކުވެސް.” ސާހިލް ޔުނާން އާއި ދިމާކޮށްލިއެވެ.
“އެއީ. ކީއްވެ ތިހެން ތިބުނީ. އަނެއްކާ އެއީ މާ ގޯސްކުއްޖަކީތަ؟” ޔުނާންގެ ހިތުގައި އެ އަންހެންކުއްޖާއާ މެދު އުފެދިފައިވާ ޝައުޤުވެރިކަން ވީ ހައްތަހާ އިތުރެވެ. ނަމަވެސް އެވަގުތު އެ ވާހަކަތަކަށް ހުއްޓުމެއް ގެންނަން ޖެހުނީ ވެއިޓަރު އޯޑަރު ނަގަން އައުމުންނެވެ. އޯޑަރު ދިނުމަށްފަހު ޔުނާން އަނެއްކާވެސް އެ ސުވާލު ތަކުރާރުކޮށްލިއެވެ. ނަމަވެސް ސާހިލްއަށް ފޯނެއް އައުމުން އަނެއްކާވެސް އެވާހަކަ މެދުކެނޑުނެވެ.
“ޔުނާން. މިތާގަ އިންނައްޗޭ މަ އަންނަންދެން. ވަރަށް އަވަހަށް އެބަ އަންނަން. ޖަަސްޓް ޓެން މިނެޓްސް.” ސާހިލް ގޮޑިން ތެދުވަމުން އަވަސް އަވަހަށް ހިނގައިގަތީ ޔުނާންއަށް އެއްވެސް ސުވާލެއް ކުރާނެ ފުރުސަތެއްވެސް ނުދީއެވެ. އަދި ސާހިލް އަވަސް އަރުވާލާފައި ހުރި ވަރުން ޔުނާން އަކަށްވެސް އެއްވެސް ސުވާލެއް ކުރާކަށް ނުކެރުނެވެ.
ވެއިޓަރު ދެތަށި ކޮފީ ހިފައިގެން އައިސް މޭޒުމަތީގައި ބަހައްޓަމުން ލުއި ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
“ތޭންކްސް.” ޔުނާން ކޮފީތަށި ކައިރިއަށް ދަމާލިއެވެ. ހަމަ އެވަގުތު ޔުނާންއަށް ތެޅިގަނެވުނެވެ. ކޮފީތަށި ބަންޑުން ނުވީ ވެސް ކިރިޔާއެވެ. ޔުނާންއަށް ކޮފީ ފެނުނީ ރަތް ކުލައިގައެވެ. ދެވަނަ ފަހަރަށް ޔުނާން އަށް ބަލާލެވުނީ ބިރުން ވިރި ވިރި އިނދެއެވެ. މިފަހަރު ޔުނާންއަށް އެއްވެސް ރަތް ކުލައެއް ނުފެނުނެވެ. އަނެއްކާ ހީވި ގޮތް ނޫންބާއެވެ.
ޔުނާން ނިތްކުރިމަތީގައި އަތް ހާކާލަމުން ކޮފީތަށި ދުރަށް ޖައްސާލިއެވެ. އަދި ވޮލެޓުން ރުފިޔާ ނަގާ މޭޒުމަތީގައި ބާއްވާލިއެވެ. އެންމެ ހިނދުކޮޅަކުވެސް ދެން އެތާގައި ހުންނާކަށް ޔުނާން ބޭނުމެއްނުވިއެވެ. އަދިވެސް ޔުނާންގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނާދެއެވެ. ހިތަށް ލިބިފައިވާ ބިރުވެރިކަން ފިލައިގެނެއް ނުދެއެވެ. ސިޑިން ފައިބަމުން ދިޔައިރުވެސް ޔުނާން ނުވެއްޓުނީ ކިރިޔާއެވެ. ޔުނާންގެ އަވަސް ހަރަކާތްތަކަށް އެތަނުގައި ތިބި އެތައް ބައެއްގެ ދެލޯ ހުއްޓިފައިވާކަން ވެސް ޔުނާންއަކަށް ނޭނގުނެވެ. ގެންފައިވާ ބިރެއްގެ ސަބަބުންނެވެ.
މަގުމަތިން ކާރެއް ހުއްޓުވުމަށްފަހު ޔުނާން މިސްރާބު ޖެހީ ގެއާއި ދިމާއަށެވެ.
“ދަރިފުޅު. ހާދަ ގޮތަކަށް ތިހުރީ. ކިހިނެއްވީތަ؟” ގޭތެރެއަށް ވަދެގެން އައި ޔުނާންގެ ހާސްކަން އޭނާގެ މަންމަ ދީމާއަކަށް ސިއްރެއް ނުވިއެވެ. ސޯފާއިން ތެދުވެގެން އައިސް ދީމާ ހުއްޓުނީ ސީދާ ޔުނާންގެ ކުރިމައްޗަށެވެ.
“ބުނެބަލަ ވީގޮތެއް ދަރިފުޅާ.” ދީމާ ޔުނާންގެ ބޮލުގައި ފިރުމާލިއެވެ. ޔުނާންއަކީ ދީމާގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން ކިރިޔާ ކަމެއްވިޔަސް ދީމާ ވަރަށް ހާސްވެ ފިކުރުބޮޑުވެއެވެ.
“ކުޑަކޮށް ބޮލުގަ ރިއްސަނީ. އެހެެންވެ ރެސްޓް ކޮށްލަން މިދަނީ.” ދީމާގެ ކުރިމަތީގައި ޔުނާންއަށް ދިމާވަމުންދާ އާދަޔާ ޚިލާފް ކަންތައްތައް ހިއްސާ ކުރާނެހާ ހިތްވަރު ޔުނާންގެ ނެތެވެ. ޔުނާން މަޑު ހިނގުމެއްގައި ސިޑިއާ ދިމާއަށް ދިޔައިރުވެސް ދީމާ ހުރީ ބަލާށެވެ. ފަރުވާތެރިކަމާއެކުގައެވެ. ދީމާގެ ހިތް ބުނެއެވެ. ޔުނާން ކޮންމެވެސް ކަމެއް އެބަ ސިއްރުކުރެއެވެ.
“މިރޭ ނުވައެއް ޖަހާއިރު ޕާޓީ އެބައޮތް އިނގޭ ދަރިފުޅު. ހޮޓެލްް ޖެންގަ.” ސިޑިން މައްޗަށް އަރަމުންދިޔަ ޔުނާން އޭނާގެ މަންމަގެވާހަކައަށް ބޯޖަހާލީ ފަހަތަށް އެނބުރި ބަލާވެސް ނުލައެވެ.
ކޮޓަރިއަށްވަދެ ދޮރު ލެއްޕުމަށްފަހު ޔުނާންއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އަދިވެސް މޭގައިވާ ހިތުގެ ތެޅުމަކަށް ބަދަލެއްނާދެއެވެ. އަދިވެސް ޔުނާންގެ ލޯމައްޗަށް ސިފަވަނީ ކުޑައިރުކޮޅެއްގެ ކުރިން ރެސްޓޯރެންޓްގައި ދިމާވި ހާދިސާއެވެ. އެކަމާމެދު ޔުނާން އަށް ވިސްނެނީއެވެ. އެއީ ހީވި ހީވުމެއްނޫނެވެ. ޔުނާންއަށް ޔަޤީނެވެ.
ކުއްލިއަކަށް ބެލްކަނީގެ ދޮރުން ވަދެގެން އައި ބާރު ވައިރޯޅިއެއް ޔުނާންގެ ފަން އިސްތަށިކޮޅުގެ ތަރުތީބު އޮޅުވާލައިފިއެވެ. ޔުނާން ދިޔައީ ސިއްސައިގެންނެވެ. ބާރުބާރަށް ހިނގާފައި ގޮސް ބެލްކަނީގެ ދޮރު ދަމާލާ ލޮކް އަޅުވާލިއެވެ. ދެއަތުން އިސްތަށިގަނޑުގައި ފުނާ އަޅާލަމުން ޔުނާން އޭސީގެ ރިމޯޓް ނަގާ އޭސީ އޮން ކޮށްލިއެވެ.
ލައިގެން ހުރި ޓީޝާޓް ބާލައި ސޯފާއާއި ދިމާއަށް އެއްލިއެވެ. އެވަގުތު ޔުނާންގެ ފުޅާ މޭމަތީގައި މީހެއްގެ ބީހުމުގެ އިޙްސާސެއް ޔުނާންއަށް ކުރެވުނެވެ. މިފަހަރު ޔުނާންއެއް ނުސިހުނެވެ. ކުރެވުނީ ތަފާތު އިޙްސާސެކެވެ. ލިބެމުންދިޔައީ ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެކެވެ. ޔުނާން އަށް އެނދުމަތީގައި އޮށޯވެލެވުނެވެ. އަމިއްލަ ބާރުގައި ނޫންކަހަލައެވެ. ޔުނާންގެ ދެލޯ މެރިފައިވީނަމަވެސް ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ހެކިދެނީ ޔުނާން އެއޮތީ ހިތްހަމަ ޖެހިފައިކަމެވެ.
ކޮޓަރިތެރޭގައި އޭސީ ފުލްކޮށްލެވިފައި ވާއިރުވެސް ޔުނާންގެ ބިޔަ ހަށިގަނޑު އެވަނީ ދާހިތްލާ ފޯވެފައެވެ. ނުފެންނަ ދެއަތަކުން ޔުނާންގެ ގައިގައި ރަޖާގަނޑު އަޅާލަ ދިނެވެ. ދެން ފެނުނީ ބެލްކަނީގެ ދޮރު ހުޅުވުނުތަނެވެ. އަދި ހަމަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެދޮރު ލެއްޕުނެވެ. އެދޮރު ފަތުގައި ހުރި ރަތްލޭ ކުލައިގެ ދެއަތުގެ ނިޝާންވެސް ފޮހެވެމުން ގޮސް މަޑުމަޑުން ފޮހެވުނެވެ.
އިރުއޮއްސި ދުނިޔެ މައްޗަށް ރަތްވިލާގެ އަސަރު ވެރިވަމުންދިޔައެވެ. މަޑުމަޑުން އެރަތްވިލާގެ އަސަރު ފަނޑުވެ މުޅިދުނިޔޭގެ މައްޗަށް ކަޅު އަނދިރިކަން ވެރިވެގަންނާކަށް މާގިނައިރެއް ނުނެގިއެވެ.
ޔުނާންއަށް ދެލޯ ހުޅުވާލެވުނީ އުނދަގުލުން ކަހަލަ ގޮތަކަށެވެ. އޭރުވެސް ހުއްޓުމެއްނެތި ދޮރުގައި މީހަކު ޖަހަމުންދިޔައެވެ. ޔުނާން އަނދިރިކަން ރަސްކަން ކުރަމުންދިޔަ އޭނާގެ ކޮޓަރީގެ ލައިޓް ޖައްސާލިއެވެ. އަދި އާފުރެމުން ގޮސް ދޮރުހުޅުވާލިއެވެ.
“ސާބަސް ކަލެއަށް. ނިދާކަށް ވަކި އިރެއް ނޯވޭތަ؟” ދޮރުމަތީގައި ހުރި ސާހިލް ޔުނާންގެ ފަހަތުން ކޮޓަރިއަށްވަނެވެ.
“ހާދަ ތަފާތު މީރުވަހެއް މިދުވަނީ މި ކޮޓަރި ތެރޭގައި. ހާދަ ދަންނަ ވަހެކޭ މީ. އޯކިޑް މާ ވަސް.” ސާހިލް ނޭފަތް އެތެރެއަށް ދަމާލަމުން ޔުނާންއަށް ބަލާލިއެވެ.
“އޯކިޑް މާ ވަސްތަ އެއީ. ކަލެއަށް އެވަރުވެސް އެނގިއްޖެތާ. މަށަށް މީގެ ކުރިން ނޭނގުނު އެއްޗެއްތީ.” ޔުނާންގެ މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ. ކިޔޭ ނުކިޔޭ އެއްވެސް ނޭނގޭ ކަހަލައެވެ.
“ކަލޭގެ ތަބީޢަތު ރަނގަޅުތަ؟” ސާހިލް ހެވިފައި އެނދުމަތީގައި އިށީނދެލިއެވެ.
ޔުނާން އެއްވެސް އެއްޗެއް ނުބުނެއެވެ. ވިސްނަން ހުރީއެވެ. ހަނދާންކުރަން އުޅެ އުޅެ އެއްވެސް ކަމެއް ހަނދާންވާ ގޮތެއް ނުވިއެވެ.
“އާން އެހެން އަހާނެދޯ. އިޝާ ފެނުނު ފަހުން ކަލޭ ރަނގަޅެއް ނޫންވިއްޔަ. އެންމެ ދިހަ މިނެޓް ކަލެއަށް ކެތްކޮށް ނުލެވުނު ވިއްޔަ.” ސާހިލް ހުންނަނީ ޔުނާން އާ ދިމާކުރާނެ ފުރުސަތަކަށް ބަލަބަލައެވެ. އެއީ އޭނާގެ ސަކަމިޒާޖުގައި ހުންނަ އާދައެވެ.
“އިޝާއޭ؟” ޔުނާންއަށް ލިބުނީ ހައިރާންކަމެވެ.
“އާން އިޝާއޭ. އިތުރު ޑީޓޭލްސް މަށެއް ދޭކަށް ނެތިން. ޔުނާން އަމިއްލައަށް ހޯދާ.” ސާހިލް އެއް ލޯ މަރާލަމުން އަނެއްކާވެސް ހީނގަތެވެ.
“ނޮޓް އިންޓެރެސްޓެޑް.” ޔުނާން ފަރުވާ ކުޑަ ޖަވާބެއް ދެމުން ހިނގައިގަތީ ފާހާނާއާ ދިމާއަށެވެ.
“އޭ. މަ ގޮސްލީއޭ. މިރޭ ޕާޓީ އޮންނަ ގަޑިއަށް އަންނާނަން.” ސާހިލް އަށް އެހެން ބުނެވުނީ ޔުނާން ފާހާނާއަށް ވަދެ ދޮރު ލެއްޕި ފަހުންނެވެ.
“ދީމާ. އެ ޔުނާން ކޮބާތަ؟” ޔާސިރު އިނީ ސޯފާގައި ޓީވީއަށް ކަޅި ހުއްޓާލައިގެންނެވެ.
“އެބައުޅޭ ކޮޓަރީގައި. މިއަދު ހަވީރު ނިދަންވަން ގޮތަށް އަދި ނުނިކުމޭ. މިހާރު ހޭލާ ކަންނޭނގެ. ދެންމެ އޭނަގެ ރައްޓެހިކުއްޖެއްވެސް ނިކުމުގެން ގޮއްސި.” ދީމާ އައިސް ޔާސިރުގެ ކައިރީގައި އިށީނދެލިއެވެ.
އެވަގުތު ޔުނާންވެސް އެތަނަށް އައިސް ހުއްޓުނެވެ.
“ދަރިފުޅު. މިއޮތީ ދަރިފުޅަށް އޮތް ހަދިޔާއެކޭ.” ޔާސިރު ހިނިތުންވެ ހުރެ ތެދުވެގެން ޔުނާންގެ ކައިރިއަށް ގޮސް ހުއްޓިލިއެވެ.
އަދި ޖީބުން ނަގާ ދިއްކޮށްލީ ކުޑަ ފޮށްޓެކެވެ.
ޔުނާން ހިނިތުންވެލަމުން އެކުޑަ ފޮށިނަގާ ކަނޑާލިއެވެ.
“ތޭންކްސް ޑޭޑް. ޔުނާން ފޮށިތެރޭގައި އޮތް އައިފޯނު ނަގަމުން ހިނިތުންވެލިއެވެ. އަދި ޔާސިރުގެ ގައިގައި ބައްދާލިއެވެ.
“ދަރިފުޅު ކަމީލާ ނާންނަނީތަ؟” ކުއްލިއަކަށް ޔާސިރު ކޮށްލި ސުވާލުން ޔުނާންގެ މޫނުމަތީގައިވާ ހިނިތުންވުން ފިލައިގެން ގޮސްފި އެވެ.
ނަމަވެސް ބައްޕަގެ ކުރިމަތީގައި އެއްވެސް ޖަވާބެއްނުދީ ހުރުމަކީ ޔުނާންއަށް ކުރަން ކެރޭނެ ވަރުގެ ކަމެއް ނޫނެވެ.
“ކަމީލާ އަންނާނެ ކަންނޭނގެ ވަރަށް އަވަހަށް. މިހާރު ނުވިސްނަން އެކަމަކާ އެހާވަރަކަށް. މާދަމާ ޖޮބަށް އެޕްލައި ކުރަން މިއުޅެނީ.” ޔުނާން ޔާސިރުގެ ސުވާލަށް ޖަވާބު ދެމުން މައުލޫއު ބަދަލުކޮށްލީ ގަސްތުގައެވެ.
“ކަންނޭނގެއޭ. ތީ ކޮންކަހަލަ ޖަވާބެއް.” ޔާސިރު ހިތްހަމަ ނުޖެހުނީއެވެ. ހުރިހާ ކަމެއްގެ ތެދު ދޮގު އެނގެން ޔާސިރު ބޭނުމެވެ.
“ޑޭޑް. ކަމީލާގެ ފެމެލީ މީހުން އެހާ ޤަބޫލެއްނޫނޭ.” ޔުނާންއަށް ޔާސިރުއާ އެވާހަކަތައް ހިއްސާކުރަން ވަރަށް އުނދަގުލެވެ.
“ޔާސިރު. ދެން ތިވާހަކަތައް ބަހައްޓަބަލަ. ޔުނާންގެ ލައިފް އަދި އޮތީއެއްނު ކުރިޔަށް. ހިނގާ ޕާޓީއަށް ދާން ރެޑީވަން. މެހެމާނުން އައުމުގެ ކުރިން އެތަނަށް އަހަރެމެން ދާންޖެހޭނެއެއްނު.” ދީމާ ޔާސިރުގެ އަތުގައި ހިފިއެވެ. ޔާސިރުގެ ހަރުކަށި މިޒާޖާއި ކަންކަމުގައި ގެންގުޅޭ އުސޫލުތައް އެންމެ ރަނގަޅަށް އެނގޭނީ ދީމާއަށެވެ. އެހެންވެ ގަސްތުގައި ދީމާ ޔާސިރު އެތަނުން ގެންދިޔައީއެވެ. ކޮންމެ ކަމެއްގެ އެންމެ ފުނަށް ޔާސިރު ދާން ބޭނުންވާނެއެވެ. މީހުންގެ ތެރޭގައި ނުފޫޒުގަދަ މީހެއްގެ ގޮތުގައި ޔާސިރު މަޝްހޫރު ވެފައިވަނީ ވެސް މިސަބަބާ ހުރެއެވެ.
ހޮޓެލް ޖެންގެ ތަނަވަސް ހިތްގައިމު މާހައުލެވެ. ތަފާތު މާމެލާމެލީގެ މީރުވަސްތަކުން މުޅި ތަން ވަނީ އެއްވަސްވެފައެވެ. ޔާސިރު އާއި ދީމާ މެހެމާނުންނަށް މަރުޙަބާ ކިޔުމުގައި އަވަދިނެތި އުޅެއެވެ.
“ދީމާ. ކޮބާތަ ތިފޮރުވައިގެން އުޅޭ ޖަވާހިރު.” އެންމެ ފުރަތަމަވެސް ޒުބޭދާ އައިސް އަހާލީ ޔުނާން ގެ ވާހަކައެވެ. އަދި އެތެރޭގައި ތިބި އެކި މީސްމީހުންނަށް ވަކި ވަކިން ކަޅި އަޅަން ފެށިއެވެ.
“ޖަވާހިރޭ ދޯ ތިބުނީ. އެހެންވީމަ ފޮރުވާފައެއްނު އޮންނާނީ. ވަގުތު އައިސް ޖެހުނީމައެއްނު ދެއްކޭނީ. އެހާ އަގުބޮޑު އެއްޗެއް އެތަން މިތަނަށް އުކާފައި އޮންނަންޏާ މީހަކު ވަގަށްވެސް ނަގާފާނެއެއްނު.” ދީމާ ޒުބޭދާއަށް ވަރުގަދަ ރައްދެއްދިނެވެ. މިވަގުތު ޒުބޭދާގެ ދިމާާކުރުންތަކާއި ކިޔާހާ އެއްޗެއް އަޑުއަހަން ދީމާއަށް ހުރެވޭކަށްނެތެވެ.
“އާން އާން. ނަގާފާނެ ވަގަށްވެސް. ފޮރުވާފައި އޮތަސް ވެސް ނަގާފާނެހަމަ.” ޒުބޭދާ ވަކި އަނގައިން ދެރަވާނެ ހެއްޔެވެ؟ ނަމަވެސް މިފަހަރު ޒުބޭދާވެސް މާގިނަ އަނގައެއް ނުތެޅިއެވެ.
ކާއެއްޗެހިން ދުވަމުންދާ މީރުވަހުން ކަމަށްވެސް ވެދާނެއެވެ. އަވަސް އަވަހަށް ގޮސް އޭނާގެ އެކުވެރިންނާއެކު ހުސްމޭޒެއްގައި އިށީނެވެ.
ސާހިލް އާއެކު ޔުނާން އައިސް ހޮޓެލް ޖެންގެ ދޮރުމައްޗަށް ސައިކަލް މަޑުކޮށްލިއެވެ. ގަދަ މުށިކުލައިގެ ގަމީހާއި ކަޅު ކުލައިގެ ފަޓްލޫނުގައި ޔުނާން ފެންނަލެއް ވަރަށް ހިތްގައިމެވެ. ޕާޓީއަށް ވަންނަން އަންނަ މީހުންނާއި މަގުމަތިން ދާ ކޮންމެ މީހަކަށްވެސް ޔުނާންއާ ދިމާއަށް ބަލާލެވެއެވެ. އެކަމާއި ހުރެ ޔުނާން ހުރީ ހިސާބަކަށް ލަދުވެސް ގެންފައެވެ.
ޔުނާން އާއި ސާހިލް އެތެރެއަށް ވަނީ އެކުގައެވެ. ޔާސިރުއާއި ދީމާ ތިބީ ޔުނާން އަށް ބަލަން ފަޚުރުވެރިކަމާއި އެކުގައެވެ.
ޕާޓީގައި ތިބި އެންމެންނަށް ޔުނާން ތަޢާރަފް ކޮށްދިނީ ޔާސިރެވެ. އަދި މިއަދު ޔުނާން އަކީ ކިޔަވައިގެން ހުރި މޮޅު ޑޮކްޓަރެއްކަން ވެސް ޔާސިރު އަޑަށް ބާރުލަމުން ބުނެލިއެވެ.
“އެކުވެރިޔާ. އަޅުގަނޑު ނާންނަންދެން ހުރިހާ ކަމެއް ނިންމާލަނީތަ؟” އެންމެންގެ ކަޅި ހުއްޓުނީ އެ އިވުނު ބަރުއަޑު އައި ދިމާއަށެވެ.
ޔާސިރު ދުވެފައި ކަހަލަގޮތަކަށް ގޮސް އެމީހާ އާ ކަރާއި ކަރު ޖައްސައި ސަލާމްކޮށްލިއެވެ.
“އަދި ކިރިޔާއެއްނު ޕާޓީ ފެށުނީމި. ދަރިފުޅާ ޔުނާން. ނިކަން އަވަހަށް އާދެބަލަ މިކޮޅަށް.” ޔާސިރު އަށް ހުރެވުނީ ދަތްޕިލަ ނަގާ އަތްމައްޗަށް ލައިގެންނެވެ.
“މީ ބައްޕަގެ އެންމެ ޒަމާންވީ ގާތް އެކުވެރިޔާ ނިހާން. މި ސަރުކާާރުގެ މަތީ ބޭފުޅެއް. ބޮޑު ވިޔަފާާރިވެރިއެއް.” ޔުނާން އަށް ނިހާން ތަޢާރަފްކޮށްދެމުން ޔާސިރު ޔުނާންގެ އަތުގައި ހިފިއެވެ.
“ކިހިނެއް ޔުނާން. އެއްކޮށް ކިޔަވާ ނިމުނީތަ؟” ނިހާން ޔުނާންއާ ސަލާމަށް އަތްދިއްކޮށްލިއެވެ.
ޔުނާން ބޯ ޖަހާލަމުން ހިނިތުންވެލިއެވެ.
“ދަރިފުޅާ އިޝާ.” ނިހާން ދޮރުމަތީގައި ހުރި އަންހެންކުއްޖާއަށް އަތުން އިޝާރާތްކޮށްލިއެވެ.
ފަރިހިނގުމެއްގައި އެންމެންގެ ލޯތަކުގެ އަމާޒަކަށްވެގެން ހުރި އިޝާ އޭނާގެ ބައްޕަގެ ކައިިރިއަށް އައިސް ހުއްޓިލިއެވެ.
“ޔުނާން. މީ އިޝާ. އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.” ނިހާން ޔުނާން އަށް އިޝާ ތަޢާރަފް ކޮށްދެމުން ޔާސިރުއަށް ނިތްއަރުވާލި އެވެ. ޔާސިރު ބޯޖަހާލީ ނިހާންގެ އެ އިޝާރާތުގެ މާނަ އެނގޭތީ އެކަމަށް އެއްބަސްވަމުންނެވެ.
ޔުނާން ހަމައެކަނި ހިނިތުންވެލީއެވެ. ނަމަވެސް އިޝާގެ މޫނުމަތިން ފެންނަމުން ދިޔައީ ކިބުރުވެރިކަމާއި ބޮޑާކަމެވެ. މިއަދު ރެސްޓޯރެންޓުންވެސް ޔުނާން އަށް ވަނީ އިޝާގެ މިޒާޖު އެނގިފައެވެ.
އެތަނުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޔުނާން ސާހިލް އިށީނދެގެން އިން މޭޒުކައިރީގައި އިށީނެވެ.
“އެނގިއްޖެދޯ އިޝާ. މަހުޖަނެއްގެ ހުރި ހަމައެކަނި ޖަވާހިރެއް. ހާދަ ރީއްޗޭދޯ.” ސާހިލްގެ ނަޒަރު ސީދާވެފައި ހުރީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ހުރި އިޝާއަށެވެ.
“ރީތި ވީމަ އެނިމުނީތަ؟ ކިބުރުވެރިކަމާއި ބޮޑާކަމުގެ މިސާލެއް.” ޔުނާން އަށް އިޝާގެ އެސިފަތައް ކަމަކު ނުދިޔައެވެ.
“އަންހެންކުއްޖެއްނު. އަދި އެހާ ރީތި. އެހެންވީމަ ފޮނިކަމެއްވެސް ހުންނާނެތާ. ޔުނާންއަށް އެކަން ނުވާނެތީ ދޯ ތިހެން ތިކިޔަނީ. މިއަދު ރެސްޓޯރެންޓުން ފެނިގެން މީހާ ގާ ވެފައި ހުރި އިރު ތިކަމެއް އެނގިފައެއްނެތް.” ސާހިލް ޔުނާންގެ އަނގަ ބައްދާލިއެވެ.
“އެހެންތަ ހީވަނީ ބަލަން ހުންނައްޗޭ. ތި އިޝާ އަހަރެން ސެޓްކޮށްލާނަން.” ޔުނާން ބަލި ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.
“މިހުރީ ބަލަން. ކޮންއިރަކުންބާ ތިކަމެއް ފެންނަވަރު ވާނީ. ޤިޔާމަތްވީމަތަ؟” ސާހިލް ހަމަ ގަސްތުގައި ޔުނާން ދަށްކޮށްލިއެވެ.
“ބަލަންހުރޭ.” ޔުނާން އިންތަނުން ތެދުވިއެވެ. އޭނާ ސީދާ ހިނގަމުން އެދަނީ އިޝާ އާއި ދިމާއަށެވެ.
ޔުނާން ހުއްދައެއްވެސް ހޯދާކަށް ބޭނުމެއްނުވިއެވެ. ދިޔަގޮތަށް ގޮސް އިޝާގެ އަތުގައި ހިފިއެވެ. އިޝާ އެއްވެސް އެއްޗެއް ބުނަން ޖާގައެއްވެސް ނުދީ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެމަންޒަރު ބަލަން ހުރި ސާހިލް ހުރީ އަނގަ ހުޅުވިފައެވެ.
މީހުންގެ މޫނަށް ބަލާލަމުން އިޝާ އަކަށްވެސް ގަދަ ހަދާކަށްނުކެރުނެވެ. ޔުނާން ގެންދިޔަތާކަށް އެކުގައި ހިނގަމުން ދިޔައީއެވެ.
ޔުނާން ހޯލްގެ މެދުގައި އިޝާ ގޮވައިގެން ގޮސް މަޑުކޮށްލިއެވެ. އެއްޗެއް ބުނަން އަނގަހުޅުވާލިތަނާ މުޅި ތަނުން ކަރަންޓް ކެނޑިއްޖެ އެވެ. މުޅި ތަނުގައި ތޫލި ހަޅޭކެއްގެ އަޑު ގުގުމައިގެން ދިޔައެވެ. އިވުނު މީހުންނަށް ހީވާނީ ޕާޓީގެ ތެރެއިން އަންހެންކުއްޖަކު ބިރުން ހަޅޭއްލަވައިގަތް ކަމަށެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި މުޅިތަން އަނެއްކާވެސް އަލިވެގެން ދިޔައެވެ. އެންމެންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ވެއްޓިފައި އޮތް އިޝާ ފެނުނީމައެވެ.
ނުނިމޭ
ވެއްޓިފައި އޮތް އިޝާ ފެނިފައި ނިހާން މޮޔަ ނުވީ ކިރިޔާއެވެ. ދުވެފައި ގޮސް އިޝާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ޔާސިރު އާއި ދީމާ ވެސް ތިބީ ވާނުވާ ނޭނގޭ ހާލުގައި ކަންބޮޑުވެފައެވެ.
“ދަރިފުޅާ ޔުނާން. ކިހިނެއްތަވީ؟” ދީމާ ޔުނާން ގެ ގައިގައި ހިފައި ތަޅުވައިގަތެވެ. ނަމަވެސް ޔުނާން ހުއްޓުން އަރާފައި ހުރިގޮތަށް ހުރީއެވެ. ދެންމެގައި ޔުނާންއަށް ފެނުނު މަންޒަރު އެއްވެސް މީހަކަށް ނުފެންނަކަން ޔުނާންއަށް ޔަޤީނެެވެ. ކޮންފަދަ ބިރުވެރި ސިފައެއްގައި ހުރި މީހެއް ހެއްޔެވެ؟ ޔުނާންއަށް އެމީހާ ފެންނަންވީ ކީއްވެބާއެވެ. އެހާ ރުޅިއައިސްފައި ޔުނާންއަށް ބަލަންވީ ކީއްވެ ހެއްޔެވެ؟ ޔުނާން އަތު ތެރޭގައި އޮތް އިޝާ ގެ އަތް ވަކި ކޮށްލަންވީ ކީއްވެ ހެއްޔެވެ؟ ޔުނާން އަށް އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ އިޙްސާސްއެއް ނުކުރެވެއެވެ. އެއަށްވުރެ ބޮޑަށް ހިތް ވަނީ ބިރުގެންފައެވެ.
“ދަރިފުޅާ. ޔުނާން.” ދީމާ ޔުނާން ގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
“ކީ-ކީކޭ؟” ލިބުނު ހާސްކަމުގައި ޔުނާން އަށް ތެޅިގަނެވުނެވެ. އަދި ވެއްޓިފައި އޮތް އިޝާ އަށް ނަޒަރު ހުއްޓާލިއެވެ.
“ނޭނގެ ވީގޮތެއް. އަސްލުވެސް ނޭނގެ.” ޔުނާން ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
އިސާހިތަކު އެމްބިޔުލެންސް އެތަނުގެ ދޮރު މައްޗަށް މަޑުކޮށްލަމުން ސައިރަން އަޅަން ފެށިއެވެ. ނިހާންއާއި ޔާސިރު ވެއްޓިފައި އޮތް އިޝާ ނަގައިގަތެވެ.
“ދީމާ. ޔުނާން ގޮވައިގެން އާދޭ ކާރުގަ.” ޔާސިރުގެ ރާގުގައި ވަނީ އަމުރުވެރިކަމެވެ.
ދީމާ އަވަސް އަވަހަށް ބޯޖަހާލަމުން ޔުނާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
“މޯމް. އަހަރެން ދާނީ ގެޔަށް.” ހޮޓެލްއިން ބޭރަށް ނިކުމެ ޔުނާން ދީމާ ގެ އަތު ތެރެއިން އޭނާގެ އަތް ދުރުކޮށްލިއެވެ.
“ދެން ދަރިފުޅާ. އިޝާއަށް ވީގޮތެއް ބަލާލަންވާނެއެއްނު. އަނެއްކޮޅުން ބައްޕަ އެދިޔައީ ބުނެފަ ޔުނާން ގޮވައިގެން އަންނާށޭ.” ދީމާ މަސައްކަތް ކުރީ ޔުނާން އަށް ވިސްނައިދޭށެވެ.
ނަމަވެސް ޔުނާން އެއަޑެއް ނޭހިއެވެ. ޔުނާން ބޭނުންވީ އެކަނިވެލާށެވެ.
ނިހާންގެ ދެފައި އެއްތަނުގައި ނުޖެހެއެވެ. ޑޮކްޓަރުގެ އިންތިޒާރުގައި ވަގުތުތައް ގުނާލަ ގުނާލަ އިން ނިހާން ހުރީ އިންތިހާއަށް ހާސްވެ ކަންބޮޑުވެފައެވެ.
“ނިހާން. ދެން ތިހާ ހާސްނުވެބަލަ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ހުރިހާ ކަމެއްވެސް.” ޔާސިރު ނިހާން ގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
އެވަގުތަކީ އައިސީޔޫ ގެ ދޮރު ހުޅުވުނު ވަގުތެވެ. މާބޮޑު ހާސްކަމެއް ނެތި ޑޮކްޓަރު ނިހާން އާއި ކުރިމަތިލީ ހިނިތުންވެފައި ހުރެއެވެ.
“ނަތިން ޓް ވޮރީ. ލޭމަދުވީމަ ބޮލަށް އެނބުރުން އެރީ. ކެއުމަށް ފަރުވާ ކުޑަ ކުރާާތީ ވާގޮތް މީ.” ޑޮކްޓަރު ގެ ވާހަކަ އަޑުއަހާފައި ނިހާން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
“މިހާރުވެސް ގެޔަށް ގެންދަންވީ.” ޑޮކްޓަރު ނިހާން އާއި ސަލާމްކޮށްލަމުން ހިނިތުންވެލިއެވެ.
ޑޮކްޓަރަށް ޝުކުރު އަދާކުރުމަށްފަހު ނިހާން އަވަސްވެގަތީ އިޝާ ގޮވައިގެން ގެޔަށް ދިއުމަށެވެ.
“ޔާސިރު. އިޝާ ރަނގަޅުތަ؟” ދީމާ އެތަނަށް އެވަގުތު އައިސް ހުއްޓުނެވެ. ޔާސިރު ބޯޖަހާލިއެވެ.
“ކޮބާ ޔުނާން؟” ޔާސިރު ގެ އެސުވާލަށް ނިހާން އާއިއެކީ އެތަނަށް އައިސް ހުއްޓުނު އިޝާ ދީމާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
ހީވާ ކަހަލައެވެ. ޔުނާން ކޮބައިތޯ ބަލަން އިޝާ ގެ ހިތްވެސް އެދެނީއެވެ.
“މިތާ ބޭރުގަ.” ދީމާ ގަސްތުގައި ދޮގު ހެދިއެވެ. ސަބަބަކީ ޔާސިރު ގެ ރުޅިއެވެ. ބުނިގޮތާއި ޚިލާފު ވެއްޖެނަމަ ޔާސިރު ޔުނާން ދެކެ ރުޅި އަންނާާނެއެވެ. ދަރިފުޅުގެ ދިފާޢުގައި ދޮގު ހަދަން ދީމާ އަށް މަޖުބޫރުވީ އެ ސަބަބަށްޓަކައެވެ.
އަނދިރިކަން ރަސްކަން ކުރަމުންދާ ކޮޓަރި ތެރޭގެ ބޮކި ޖައްސާލިއިރުވެސް ޔުނާންގެ އަތް ތުރުތުރުލައެވެ. ދެތިން ފަހަރަކު ސްވިޗް ޖެއްސިއިރުވެސް ބޮކި ނުދިއްލުނެވެ. ހިތަށް ވެރިވެފައިވާ ބިރުވެރިކަން ހައްތަހާވެގެން ދިޔައީ އިތުރެވެ.
“ޔުނާން.” ވައި އަޑަކުން ޔުނާންގެ ކަންފަތަށް ދިޔައީ ފިނިވެގެންނެވެ.
ބިރުން ގޮސް އެނދުގެ އެއްކަނަށް ޔުނާން ބޮޑިވެގަތެވެ.
“އަހަރެންދެކެ ބިރުނުގަނޭ. ތީ މަގޭ ފިރިމީހާއޭ.” އަނެއްކާވެސް އެނުދަންނަ އަންހެންއަޑު ޔުނާންގެ ކަންފަތުގައި ޖެހުނެވެ. މިފަހަރު ބިރަށްވުރެ ބޮޑަށް ޔުނާންވީ ހައިރާނެވެ. ޔުނާން އަދި މީހަކާ ނުއިންނަކަން ޔުނާންއަށް ޔަޤީނެވެ. ވީއިރު އެއަންހެން ކުއްޖާ އެހެން ބުނަންވީ ކީއްވެ ހެއްޔެވެ؟
“ތީ ދޮގެއް. އަހަރެން މީ އެއްވެސް މީހެއްގެ ފިރިއެއްނޫން.” ޔުނާން ހިތްވަރުކޮށްފައި ބުނެލިއެވެ. ނަމަވެސް ޔުނާން އެތައް އިރަކު އިތުރު އަޑެއް އިވޭތޯ ހުރިނަމަވެސް ޔުނާންއަށް ލިބުނީ ހަމަހިމޭންކަން އެކަންޏެވެ. އެއްވެސް ޖަވާބެއް ނުލިބުނެވެ.
ކޮޓަރީގެ ލައިޓް ދިއްލުމާއެކު ޔުނާން ސިހުނެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ޔުނާން ކަޅި އުކަން ފެށިއެވެ. ޔުނާން ފިޔަވާ އިތުރު އެއްވެސް މީހެއް ނެތެވެ.
އަތުގެ ނުފުށުން ނިތްކުރިމަތީގައި ހުރި ދާތައް ފޮހެލަމުން ޔުނާން އެނދުން ތެދުވިއެވެ.
އެވަގުތު ކޮޓަރި ދޮރުހުޅުވާލާފައި ޔުނާންގެ މަންމަ ދީމާ ވަނެވެ.
“ދަރިފުޅާ. ނުނިދަނީތަ؟ ހާދަ ދާހިތްލާފަ ތިހުރީ.” ޔުނާންގެ މޫނުމަތީގައި ހުރި ނުތަނަވަސްކަން ދީމާ އަކަށް ނުފޮރުވުނެވެ. ގަދަކަމުން ހިނިތުންވެލަން މަސައްކަތް ކުރިނަމަވެސް ޔުނާން އަކަށް އެކަން ކާމިޔާބުވާ ގޮތެއްވެސް ނުވިއެވެ.
“ދަރިފުޅު ދެރަވަނީތަ އިޝާއަށް އެހެންވީމަ.” ދީމާ ހީކުރީ ޔުނާން ދެރަވެ ހާސްވެފައި އެހުރީ އިޝާ އަށް އެގޮތަށް ދިމާވީމާ ކަމަށެވެ.
ޔުނާން ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. މަންމަގެ ލޯބިވެތި ފިރުމުންތަކުން ޔުނާން ގެ ހިތަށް ކުރަމުންދިޔައީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ޔުނާން އޭނާގެ މަންމަގެ ކޮނޑުގައި ބޯއަޅައިލީ އެހެންވެގެންނެވެ. ދިމާވެގެން އުޅޭ އާދަޔާ ޚިލާފު ކަންތަކުގެ ވާހަކަ ހިއްސާކުރަން ވެސް ޔުނާން ބޭނުންވެއެވެ. ނަމަވެސް ޔުނާންއަށް ނުކެރެނީއެވެ.
“ދަރިފުޅު ހާދަ ދުވަހެއް ކޮށްފައޭ މަންމަގެ ގައިގައި ތިބައްދާާލީ” ދީމާގެ ލޮލުން ކަރުނަ ހިލުނެވެ. ޔުނާން އަދި ވަކިން ބާރަށް މަންމަގެ ގައިގައި އޮޅުލައިގަތެވެ.
“ދެމައިން ހާާދަ ލޯބިވަނީ.” ޔާސިރުއަށް އެމަންޒަރު ފެނުމުން އޭނާ އިންތިހާއަށް އުފާވިއެވެ.
“ދަރިފުޅު މާދަން އިޝާ ކައިރިއަށް ވަދެލައްޗޭ.” ޔާސިރު ޔުނާންގެ ބޮލުގައި ފިރުމާލިއެވެ.
ޔުނާން ހިނިތުންވެލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
“ދެން އަވަހަށް ނިދާލާ. ދީމާ ހިނގާ ނިދަން ދާން.” ޔާސިރު ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
“ޑޭޑް. މިރޭ ޔުނާންވެސް ބޭނުމީ މަންމަ ކައިރީގައި ނިދާލަން.” ޔުނާންގެ ވާހަކައިން ދީމާ އަށް ހީނގަނެވުނެވެ. އުމުރުން އެހާ ބޮޑުވެފައި ހުރި އިރުވެސް ކުޑަކުދިން އުޅޭގޮތަށް ޔުނާން އުޅޭތީއެވެ.
“އެއްވެސް މައްސަލައެއްނެތް ދޯ ދީމާ.” ލާނެތް ފާޑަކަށް ހީލަމުން ޔާސިރު ޔުނާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.
ފުރަ މެންދަމުގެ ހަމަހިމޭން ވަގުތެވެ. މުޅި ދުނިޔެވެސް ރޭގަނޑުގެ އަރާމު ނިދި ހޯދަމުން ދަނީއެވެ. ޖެހެމުންދާ މަޑު ފިނިފިނި ވައިރޯޅީގެ އަޑާއިއެކު ނަށާލަމުންދާ ގަސްތަކުގެ އަޑުފިޔަވައި އިތުރު އެއްވެސް އަޑެއް ނުއިވެއެވެ.
ނަމަވެސް އެހަމަހިމޭންކަން އެގޮތަށް ދެމިއޮތީ އިރުކޮޅަކަށެވެ. ވިދާލި ގަދަ ވިދުވަރާއެކު ޖެހެމުންދިޔަ ވައިރޯޅި ބާރުވެގެން ދިޔައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ވާރޭ ވެސް އޮއްސާލައިފިއެވެ. އަރާމު ފުން ނިންޖެއްގެ ތެރޭގައި ފީނަމުން ދިޔަ ޔުނާން އަށް ބޯކޮށް ވެހެމުންދާ ވާރޭގެ އެއްވެސް އިޙްސާސެއް ނުވެއެވެ.
އިތުރު މީހަކު ޔުނާން ނިދާފައި އޮތް ކޮޓަރީގައި ޔުނާންއަށް ބަލަން ހުރި ކަމެއްވެސް ޔުނާންއަކަށް ނޭނގެއެވެ. ޔުނާން އޮތީ އެއަށްވުރެ ގަދަ ނިދީގައެވެ.
ކުއްލިއަކަށް ޔުނާންގެ ދެފައިގައި ހިފައި ދަމައިގަތެވެ. ޔުނާން އެއްވެސް ހުރަހެއްނެތި އެ އުސް އެނދުން ވެއްޓުނެވެ. ޔުނާންއަށް ދެލޯ ހުޅުވާލެވުނީ ހަޅޭއްލަވައިގަންނަމުން ނެވެ. ނަމަވެސް ނިދާފައި އޮތް ޔާސިރުއާއި ދީމާގެ ކަންފަތާއި ހަމައަށް އެއަޑެއް ނުފޯރިއެވެ.
“ކާކު؟” ޔުނާން ހާސްވެފައި ދެކޮޅު ހޯދަން ފެށިއެވެ.
އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް ޔުނާން ލައިގެން ހުރި އަތް ދިގު ކުރުތާގެ ގޮށްތައް ދިޔައީ ނެއްޓެމުންނެވެ. ޔުނާންގެ އެއްވެސް އިހްތިޔާރެއްނެތިއެވެ.
މަޑުފިޔަވަޅު ތަކާއެކު ޔުނާން ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އަމިއްލަ އެއްވެސް ބާރެއްނެތެވެ.
އަމިއްލަ ކޮޓަރީގެ ދޮރާއި ހަމައަށް ދެވުމާއެކު ދޮރު ހުޅުވިއްޖެއެވެ. ޔުނާން ކޮޓަރި ތެރެއަށް ވަނެވެ. ޖެހިލި ކުއްލި ބާރު ރޯޅިއަކާއެކު ދޮރުފަތް ލެއްޕުނެވެ. އަދި ބާރު ގަދަ ދެއަތަކުން ޔުނާން ގެ ބުރަކަށީގައި އަޅާ ކޮށްޕާލަމުން އެނދު މައްޗަށް ވައްޓާލިއެވެ. މުޅި ކޮޓަރި ތެރެ އަނދިރިވެގެން ދިޔުމާއެކު އިވެން ފެށީ ދެމީހެއްގެ ފުން ނޭވާތަކެއްގެ އަޑެވެ. އެކަކީ ޔުނާންކަން ޔަޤީނެވެ. މަންޒަރު ބަލާ މީހަކަށް ހީވާނީ ޔުނާން މޮޔަވީ ކަމަށެވެ. ނަމަވެސް މަސްތީ ދުނިޔެއެއްގައި ޔުނާން ރޯވެ އަނދަމުންދަނީއެވެ.
އާދުވަހަކަށް ދުނިޔެ މަރުޙަބާ ކިޔާލީ ޔުނާންގެ މެރިފައިވާ ދެލޯ ހުޅުވާލަމުންނެވެ. މޯޅިއަކަށް ދެމިލަމުން ޔުނާން ތެދުވެލިއިރު ރޭގެ އެއްވެސް ކަމެއް ޔުނާން ހަނދާނެއްނެތެވެ.
ނޫނީ ހަނދާން ކުރިޔަ ނުދެނީއެވެ.
“މި ކޮޓަރިއަށް އައީ ކިހިނެއްބާ؟” ޔުނާން ސުވާލުކޮށްލީ އަމިއްލަ ނަފްސާއެވެ.
ސައިޑް ޓޭބަލް މަތީގައި އޮތް ފޯނު ރިންގްވާ އަޑަށް ޔުނާން އެދިމާއަށް ނަޒަރު ހުއްޓާލިއެވެ. އަދި ކަންނެތް ކަންމަތީގައި ތެދުވެގެން ގޮސް ފޯނު ނެގިއެވެ.
“ކީކޭ ސާހިލް.” ފޯނުގެ ސްކްރީނަށް އަރާފައި އޮތް ސާާހިލްގެ ނަންފެނިފައި ޔުނާން ހިނިތުންވެލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“އޯކޭ. މި ރެޑީވެލަނީ.” ޔުނާން ފޯނު ނަގާ އެނދުމައްޗަށް އެއްލާލަމުން ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ.
“ކަލޭ ތީ އަޅެ ފަހެ އަންހެނެއްތަ. ފެންވަރަން ވެސް ދެގަޑިއިރު.” ޔުނާން ގެއިން ނިކުތްއިރު ސާހިލް ހުރީ އެގޭގެ ދޮރުމަތީގައި ސައިކަލް ޕާކްކޮށްލައިގެން ޔުނާންގެ އިންތިޒާރުގައެވެ.
“ހެވެއްނު އަންހެނަކަސް. ގައިމު ކަލޭވެސް އަންހެނަކަށް އިންތިޒާރު ކުރަން ވެއްޖެއްޔާ ހެޔޮވާނެ އަށް ގަޑި އިރުވިޔަސް. ކުޑަ އިރުކޮޅެއް ލަސްވީމަ ތިހުރީ ކިޔާ އެއްޗެހި.” ޔުނާން ސައިކަލްގެ ފަހަތު ސީޓްގައި އިށީނދެލިއެވެ.
“ކިހިނެއްތަ ކަލޭ ރޭގަ އެމަންޖެއަށް އެހެދީ. ހޭނައްތާލީ ވިއްޔަ.” ސާހިލް ސައިކަލް ދުއްވާލަމުން ޔުނާން އާއި ދިމާކޮށްލިއެވެ.
“މަށެއް ނުހަދަން އެއްގޮތެއްވެސް. ޑައިޓް ކުރަން ނުކައި އުޅެން ހަދައިގެން ލޭމަދު ވީއޯ.” ޔުނާންވެސް ސާހިލް ގެ ސަމާސާގައި ބައިވެރިވެލަމުން ހީނގަތެވެ.
އޭޑީކޭގެ ޕާކިން ޒޯނުގައި ސައިކަލް ޕާކް ކޮށްލުމަށްފަހު ސާހިލްއާ ޔުނާން ހިނގައިގަތީ އެތަނުގެ އޮފީހާއި ދިމާއަށެވެ.
“އޭ ޔުނާން. ހާދަ ލޯބި މަންޖެއެކޭ އެއިނީ ކައުންޓަރުގަ.” ސާހިލް އަތުގެ އިޝާރާތުން ކައުންޓަރު ގައި އިން އަންހެން ކުއްޖާ ޔުނާންއަށް ދައްކާލިއެވެ.
“ކަލެޔަށް ހެޔޮތަ ކޮންމެ މީހަކަސް.” ޔުނާން އެ އަންހެން ކުއްޖާއަށް ބަލާލަމުން ދެފަރާތަކަށް ބޯހޫރާލިއެވެ.
“އާ ދެން ޔުނާންގެ އިޝާ ހާ ރީތި ނުވިޔަސް.” ސާހިލް ހިތުގައި އަތް އުގުޅާލަމުން ކައުންޓަރުގައި އަތް އަޅުވާލިއެވެ.
“ހެލޯ. ކިހިނެއްތަ ކަނބުލޯ.” ސާހިލް ކައުންޓަރުގައި އިން އަންހެން ކުއްޖާ އާ ހަތަރު ކަޅި ހަމަކޮށްލިއެވެ.
“ޔުނާން ތޯ. ކުރިމަތީގައި ހުރި ކެބިން އަށް ދުރުވޭ.” އަތުގެ އިޝާރާތުން ދާން ޖެހޭ ތަން އެ އަންހެންކުއްޖާ ދައްކާލިއެވެ. ސާހިލް އަށް މަލާމާތުގެ ގޮތުން ނިތް އަރުވާލަމުން ޔުނާން ގޮސް ހުއްދަ ހޯދަމުން ކެބިން ތެރެއަށްވަނެވެ.
“މަންޖެ ހުސްތަ؟” ސާހިލް ސަކަ މިޒާޖުން އެ އަންހެން ކުއްޖާ ލަދުގަތެވެ. އަދި ސާހިލް އިތުރަށް އެއްޗެއް ބުނުމުގެ ކުރިން އިން ތަނުން ތެދުވެގެން އޮފީސް ތެރެއަށް ހިނގައިގަތެވެ. ލާނެތް ފާޑަކަށް ހީލަމުން ސާހިލް ނިކުތީ ބޭރަށެވެ. ސާހިލް އެތަނުގައި އިން ހާ ހިނދަކު އެ އަންހެން ކުއްޖާ ލަދުން އެތަނަށް ނާާންނާނެކަން ޔަޤީންވާތީއެވެ.
“އިންޓަވިޔު ކުރަން ހުރީ ވަރަށް ހޮޓް އަންހެން ކުއްޖެއްތަ؟” ގަޑިއެއް ހާ އިރު ކޮށްފައި ޔުނާން ނިކުތުމާއެކު ސާހިލް އަނގަ އަނެއްކާވެސް ހުޅުވުނެވެ.
“ކިހިނެއްތަ ވީ. ކަލޭ މާ ވަރަކަށް އަންހެންކުދިންގެ ވާހަކަ ތި ދައްކަނީ.” ޔުނާން މަޑުހިނގުމެއްގައި އައިސް ސާހިލްގެ ކައިރީގައި އިށީނދެލިއެވެ.
“ނާހާ ވަރެއް ނޫނެއްނު. ތަނަކަށް ވަދެއްޖެއްޔާ ނިކުންނާކަށް އެނގެނީކީ ނޫންވިއްޔަ.” ސާހިލް ޕާކް ކޮށްފައި ހުރި ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
“ތިއެއް ނޫނޭ. ޖޮބް ހަމަ ޖެހުނީއޭ. ނެކްސްޓް ވީކްގަ ނިކުންނަން ޖެހޭ.” ޔުނާން ހުރީ އިންތިހާއަށް އުފާވެފަައެވެ.
“ސޯ ޑޮކްޓަރ ޔުނާން ޔާސިރު. ހިނގާ ތިކަން ސެލެބްރޭޓް ކޮށްލަން ރަނގަޅަށް ކާލަން ދާން.” ސާހިލް ޔުނާންގެ ކޮނޑަށް އަތް ވައްޓާލިއެވެ.
“ދެވިދާނެ. އެކަމަކު އަދި އެއް ޓާސްކް. ބަލި ކުދިންނަށް ގޮވާލަން ގޮއްސަ އައިސް.” ޔުނާން ކުއްލިއަކަށް އޭނާގެ ބައްޕަ ދެއްކި ވާހަކަތައް ހަނދާންވިއެވެ.
“ބަލި ކުދިންނޭ. ކީއްވެތަ ނުބުނީ މަގޭ އިޝާ އޭ.” ސާހިލް ސައިކަލް ސްޓާޓް ކޮށްލުމާއެކު ޔުނާން ސައިކަލަށް އެރިއެވެ.
“މއ. ރޫޓްސް. ހާދަ ރީތި ގެއެކޭދޯ.” ސާހިލް ސައިކަލް މަޑުކޮށްލަމުން އެގޭގެ ނަން އަޑަށް ބާރުލާފައި ކިޔާލިއެވެ.
“ކަލޭ ނުވަންނަނީތަ. އާދެބަލަ މަށާއެކު. ނުކެރޭނޭ އެކަނި ދާކަށް.” ސާހިލް ދިމާކުރިޔަސް ހެޔޮ ކަމަށް ޔުނާން އެކަނި ދާން ނުކެރޭނެކަން ހާމަކޮށްލިއެވެ.
ކަންތައްވީވެސް އެހެންނެވެ. ސާހިލް ބާރު ބާރަށް ހޭންފެށިއެވެ.
“މަޑު ކުރޭ މިއަންނަނީ.” ސާހިލް މަގުގެ އެއްފަރާތުގައި ސައިކަލް ޕާކްކޮށްލިއެވެ.
ސަލާމް ގޮވާލުމާއެކު ދޮރު ހުޅުވީ މުސްކުޅި ފުރައިގެ އަންހެނެކެވެ.
“އިޝާ އާ ބައްދަލުކޮށްލެވިދާނެތޯ.” ޔުނާން އަދަބުވެރިކަމާއެކު ހިނިތުންވެލިއެވެ.
“އެއްވެސް މީހަކު ގެޔަކު ނޫޅުއްވާ. ނޭނގެ އަންނާނެ އިރެއް. ބޭނުމިއްޔާ މަޑުކޮށްލެވިދާނެ.” ދޮރު ބޮޑަށް ހުޅުވާލަމުން އެ އަންހެންމީހާ ޔުނާން މެން ވަންނަން ތަން ދެއްކިއެވެ.
“ނޫން. ޔުނާން އައި ވާހަކަ ބުނެލަދީ.” ސާހިލްއާއި ޔުނާން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.
“ދެން ދަމާ ދޯ ބަނޑަށް ގޮތެއް ހަދާލަން.” ސާހިލް އޭނަގެ ބަނޑުގައި ދެއަތް އުނގުޅާލިއެވެ. ނަމަވެސް ޔުނާންގެ އެއްވެސް ޖަވާބެއް ނައެވެ.
ޔުނާން ދުއްވައިގަތީ ޖެހިގެން އޮތް ގޯޅިއާ ދިމާއަށެވެ.
“ކިހިނެއްވީތަ ޔުނާާން.” ސާހިލްވެސް ޔުނާންގެ ފަހަތުން ދުއްވައިގަތެވެ.
ޔުނާން އެއްވެސް ޖަވާބެއް ނުދިނެވެ. މަގުގެ އެތަން މިތަނަށް ނަޒަރު ހިންގަމުންދިޔައެވެ.
ވާާނީވެސް އެހެން ނޫންހެއްޔެވެ؟ ކުޑައިރުކޮޅެއް ކުރިން އެތަނުގައި ހުރީ ޔުނާން ގެ ހިތުގެ މަލިކާ ކަމީލާ އެވެ. ކަމީލާ ހިނގާފައި ގޮސް އެޅީ އެގޯޅިއަށެވެ. ޔުނާން ގެ ހިތް ބުނަމުންދިޔައެވެ. ޔަޤީނެވެ. ކަމީލާ ދިރިއުޅެނީ އެގޯޅި ތެރޭގައި ހުރި ގެއެއްގައެވެ.
ޔުނާން ފެންކަޅިވިއެވެ. އެހާކައިރިން ފެނިފައި ވެސް ކަމީލާ އަނެއްކާ ގެއްލުމުންނެވެ.
އެތަނުން ދިޔުމަށް ހިނގައިގަތް ތަނާ ޔުނާން ގެ ލޮލުގައި އަޅައިގަތީ ވެއްޓިފައި އޮތް އޮރެންޖް ކުލައިގެ ސްކާފެކެވެ.
ޔުނާން އަވަސް އަވަހަށް ވެއްޓިފައި އޮތް ސްކާފް ނަގައި އަތަށް އޮޅާލިއެވެ. އެއީ މީގެ ދެއަހަރު ކުރިން ޔުނާން ކަމީލާއަށް ގިފްޓް ކޮށްފައިވާ ސްކާފެވެ. ކަމީލާގެ ފެވަރިޓް އޮރެންޖް ކުލައެވެ.
ޔުނާންއަށް ސްކާފް ގެނެސް މޭގައި ޖައްސާލެވުނެވެ. ޔުނާންގެ ފަހަތުގައި ހުއްޓިލައިގެން ހުރި ސާހިލް ދެބުމަ ގޮށް ޖަހާލައިގެން ހުރީ ވާނުވާ ނޭނގިފައެވެ.
“ޔުނާން.” މާޒީގެ ތެރެއަށް ފީނައިގަންނަން ތައްޔާރަށް ހުރި ޔުނާން ސިއްސުވާލީ ސާހިލް އައިސް ޔުނާންގެ ކޮނޑުމަތީގައި އަތް ބާއްވައިލުމުންނެވެ.
އިތުރު މީހަކު ކައިރީގައި ހުރިކަން ޔުނާންއަށް ރޭކާލީވެސް ދެނެވެ. އަވަސް އަވަހަށް މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ޔުނާން ލައިގެން ހުރި ޖިންސްގެ ޖީބަށް ސްކާފް ކޮށްޕާލިއެވެ.
“ރީތި ސްކާފެއްވީމަ. ފޮރުވާލީ.” ޔުނާން ސާހިލްއާ ހަތަރުކަޅި ހަމަކޮށްލަމުން ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.
“އަސްލުވެސް ތަ؟ ޔުނާން ހީކުރީ މަ މީ ދެން ނުވިސްނޭ ވަރުގެ ކުޑަ ކުއްޖެއް ކަމަށްތަ؟” ސާހިލް ހިތްހަމަނުޖެހުން ފާޅުކޮށްލިއެވެ.
“ނޫނޭ. އަސްލުވެސް މާބޮޑު ކަމެއް ނުވެޔޭ. ހަމަ ޖަސްޓް ހަނދާންތަކެއް. އެއްވެސް ކުލައެއްނެތް ހުވަފެންތަކެއް. ޔުނާންގެ ކުރެހިފައިވާ އަޑުގައި ހުރި ހިތްދަތިކަން ސާހިލްގެ ހިތަށްވެސް ތަދުކޮށްލިއެވެ.
“ތަންކޮޅެއް ހަމަޖެހިލައިގެން ދޯ ދެން ތި ވާހަކަ ދައްކާނީ. ހިނގާ ކާލަން ދަމާ.” ސާހިލް ބޭނުންވީ މި ވަގުތަށް ޔުނާން އެހަނދާންތަކުން ދުރުކޮށްލާށެވެ. ޔުނާންގެ ހިތަށް ކޮށްފައިވާ އަސަރު ސާހިލްއަށް ވިސްނުނީމައެވެ. އެ ހުރިހާ ކަމަކަށް މީ އެންމެ ރަނގަޅު ވަގުތުވެސް ނޫން ވީމައެވެ. ބޯ ޖަހާލަމުން ސާހިލްގެ ފަހަތުން ޔުނާން ހިނގައިގަތް ނަމަވެސް އޭނާގެ ސިކުނޑިތެރޭގައި އުފެދިފައިވާ ހައިޖާނުތަކަށް އެއްވެސް ބަދަލެއްނާދެއެވެ. ދެފަހަރަކު ފަސްއެނބުރި ބަލާވެސް ލެވުނެވެ. ނަމަވެސް މާޔޫސްކަން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުލިބުނެވެ.
ހެނދުނުއްސުރެ ދީމާ ގޭތެރެ ސާފްކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެއެވެ. ޔާސިރުގެ އޮފީހުގެ ދެތިން މަސައްކަތު މީހެއްގެ އެހީތެރިކަމާއިވެސް އެކުގައެވެ.
“ދީމާ. ކޮބާ ޖަވާހިރުގެ އަންހެން ވައްތަރު. ބިންމައްޗަށް ވެއްޓި ފުޑުފުޑުވެގެންދިޔަ ޖަވާހިރު އަލުން ބަލުން ރޭވުނުތަ؟” ދޮރު ކައިރީގައި ހުރި ޒުބޭދާ އާދައިގެމަތިން އޭނާގެ ވިޔާނުދާ އަނގަ ތަޅުވައިގަތެވެ.
އަނގަމަތީގައި ފޮތިގަނޑެއް އައްސައިގެން ހުރި ދީމާ އިސްއުފުލާ ޒުބޭދާ އާ ދިމާއަށް ބަލާލިއެވެ.
“ރޯދަމަސް އަންނަން ދެދުވަހަކަށް ވީއެއްނު. ޒުބޭދާ ގޭތެރެ ސާފްކޮށްވެސް ނުލަނީތަ؟” ޒުބޭދާގެ ވިޔާާނުދާ ބަސްތަކަށް ރައްދު ދޭކަށް ދީމާ ބޭނުމެއްނުވިއެވެ. ކައިިރި އަވަށްޓެރިއަކަށް ވީތީ ޒުވާބު ކުރުން އެއީ ރަނގަޅުކަމެއް ނޫންކަން ދީމާ އަށް ވިސްނެއެވެ. ގިނަފަހަރު ޒުބޭދާ ކަހަލަ އަންހެނުންގެ އަނގަދަށަކުން ނާރާނެއެވެ.
“ތި ހުރިހާ ކަމަކާ މަށަކަށް ނޫޅެވޭނެ. ދީމާ މެން ބޮލަށް ފަސޭހައަށް އެންމެ ދަރިއެއް ހޯދީމަ އުޅެން ޖެހޭގޮތް ތީ. ކަމެއްވެގެންނޭ ހަ ދަރިން ވިހާާފައި އެތިބީ.” އަނގަޔަށް ފުރާ ދުފާ އެއްޗެހި އަޅައިގެން ހުރި ޒުބޭދާ ވާހަކަދެއްކީ މޭފުއްޕާލަމުންނެވެ.
ދީމާ ބޯޖަހާލަމުން ހިނިގަނޑެއް ޖަހާލިއެވެ. އެވަގުތަކީ ބޭރުގައި އުޅެފައި ޔުނާން ގެޔަށް އައިސް ވަން ވަގުތެވެ.
ޒުބޭދާ ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަން ހުރީ ކަޅިވެސް ޖަހާނުލައެވެ. ޔުނާންގެ ފިރިހެންވަންތަކަމާއި ފުރިހަމަކަން ޒުބޭދާ ލޮލުގައިވެސް އަޅައިގަތެވެ.
“މަންމާ. ހާދަބުރަކޮށްލައިގެން.” ޔުނާން ފޮތިއަޅާފައި ހުރި ސޯފާގައި އިށީނދެލިއެވެ.
“ދަރިފުޅު ތި ތާ ނުއިށީންނަށްޗޭ. ހުސް ހިރަފުސް.” ދީމާ އަވަސް އަަވަހަށް ޔުނާންގެ އަތުގައި ހިފައި ކޮޅަށް ނެގިއެވެ.
“ތެދެއް. ހިރަފުސްކޮޅެއް ގައިގަ ޖެހުނަދީގެން ނުވާނެ. އެކޮއި ޔުނާން. ތިހެން އުޅެލާފައި ޒުބޭދައްތަ މެން ގެޔަށްވެސް ވަދެލައްޗޭ.” ޒުބޭދާ އެއްމިޔަކަނުން ހީލަމުން ގެއިން ނިކުތެވެ.
“ކޮބާ ޑޭޑް.” ޒުބޭދާ ނިކުތް ދޮރާއި ދިމާއަށް ނަޒަރު ހުއްޓާލައިގެން ހުރި ޔުނާން އަހާލިއެވެ.
“އޮފީހުގައެއްނު ވާނީ. ދަރިފުޅުދޭބަލަ އިހަށް ކޮޓަރިއަަށް. މި ހިރަފުސްތަކުގެ ތެރޭގައި ހުންނަންވެއްޖެއްޔާ ބަލިވެދާނެ.” ދީމާ ޔުނާންގެ ބުރަކަށީގައި ފިރުމާލިއެވެ.
ޔުނާން ބޭނުންވީ ވަޒީފާ ހަމަޖެހުނުވާހަކަ އޭނާގެ މަންމައާއި ހިއްސާކޮށްލާށެވެ. ނަމަވެސް އެ އުފާވެރި ޚަބަރު ޔާސިރުނެތި ބުނާކަށް ޔުނާންގެ ހިތެއް ނޭދުނެވެ.
ހަވީރުގެ ހިތްގައިމު ރަން އަލީގައި ހޭލަމޭލަވަމުންދާ މީހުންނަށް ނަޒަރު ހުއްޓާލައިގެން ހުރި ޔުނާން ހުއްޓިލައިގެން ހުރީ ބެލްކަނީގައެވެ. ޖީބުގައި އޮތް ސްކާފް ނަގާ ޔުނާން ގެ މެޔާއި ކައިރިކޮށްލިއެވެ.
ކަމީލާ ކޮބައިބާއެވެ. އުޅެނީ ކޮން ހާލެއްގަ ބާއެވެ. ކަމީލާ އަހަރެން މަތިން ހަނދާންވެސް ނުވަނީބާއެވެ. ހިތަަށް އަރައިފައިބަމުން ދިޔަ ލަފްޒުތައް ދުލާއި ހަމައަކަަށްނައެވެ. ހިތުގެ ކޮންމެވެސް ކަނެއްގައި ފޮރުވުނީއެވެ.
ކުއްލިއަކަށް މުޅި ފަޒާގައިވާ ރަން އަލިކަން ގެއްލި މުޅި ދުނިޔެ އަނދިރިކޮށްލިއެވެ. އުޑުމަތީގައި ސާފު ހުދު ވިލާތަކުގެ ކުލަ މުޅިން އަޅި ކުލައަށް ބަދަލުވަމުން ދިޔައެވެ. ޔުނާން ކޮޓަރިތެރެއަށް ވަނުމަށްޓަކައި ހިނގައިގަންނަން އުޅެ ފައި ހުރިތަނުން ގުޑާވެސް ނުލިއެވެ. ލިބުނު ހައިރާންކަމާއެކީ ޔުނާންގެ މޭގަނޑު ތެޅިގަތެވެ. ހަމަރަނގަޅަށްވެސް ޔުނާން ބިރުގެންފިއެވެ. ޔުނާން ބޭނުންވީ ހަޅޭލަވައިގަންނާށެެވެ. ނަމަވެސް ކަރުބުޑުގައި އަޑުވެސް ތާށިވެފައިވާ ކަހަލައެވެ.
ކުއްލިއަކަށް ވިދާލި ވިދުވަރާއެކު ވާރޭ އޮއްސާލައިފިއެވެ. ޔުނާން މަސައްކަތް ކުރީ ވާރެއިން ސަލާމަތްވާން ކޮޓަރި ތެރެއަށް ވަންނަންދާށެވެ. ނަމަވެސް ޔުނާންގެ ދެފައި ކަސްތޮޅު އެޅިފައިވާ ކަހަލައެވެ.
“އަޅެ ހިތްގައިމެއް ނޫންތަ؟ މި ވެހެމުންދާ ވާރެއިން ހަށިގަނޑު ތެތްމާލުމަކީ ކިހާ ބޮޑު ހިތްހަމަޖެހުމެއް.” ވަރަށް ގާތުން އިވުނު ތުއި އަޑާއެކު ޔުނާންގެ ގައިގައި ހުރި ލޯލިތައްވެސް ކޮޅަށްޖެހި މުޅިމީހާ ގައިން ހީބިހި ނަގައިގަތެވެ. ޔުނާން އަޑު އައި ދިމާއަށް އެނބުރިލަން ކުރި މަސައްކަތްވެސް ވީ ބޭކާރު ކަމަކަށެވެ.
ޔުނާންއަށް ކަރު އަނބުރާވެސް ނުލެވުނެވެ.
“ހާސްނުވޭ. އަދި ޔުނާންއަށް އަހަރެން ފެންނާނެ.” ފިނިފިނި ދެއަތަކުން ޔުނާންގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. ނަމަވެސް ޔުނާންއަށް ކުރެވޭނެކަމެއްނެތެވެ. އޭނާގެ ހަށިގަނޑު ވަނީ އޭނާގެ ކޮންޓްރޯލްގެ ދަށުގައެއްނޫނެވެ.
“ހާދަ ބިރެކޭ ދޯ ތިގަންނަނީ. ކަލޭމެންނަށް ލިބިފައިވާ ބާރުގެ ބޭނުން ތިކުރަނީވެސް އަހަރެމެން ގާ ކޮށްލައިގެން.” މިފަހަރު ޔުނާން ބިރު ކަނޑާލާފައި ކުރިމަތިލިއެވެ.
އެއްވެސް ޖަވާބެއް ނުލިބުނެވެ. ޔުނާން ހަށިގަނޑަށް އެރި ލޮޅުމާއެކު ދެފައި ހަރަކާތް ކުރެވިއްޖެއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ޔުނާން ގޮސް ކޮޓަރިއަށްވަނެވެ.
އަދި އަވަސް އަވަހަށް ގައިގައި ހުރި ތެތް އެއްޗެހި ބޭލިއެވެ. ހަރުގަނޑުގައި އޮޮތް ތުވާލި ނަގާ ފެން ހިއްކަންފެށިއެވެ.
ނަމަވެސް ޔުނާންގެ ހަރަކާތްތައް އަނެއްކާވެސް ހުއްޓިއްޖެއެވެ. މިފަހަރު ޔުނާންގެ އަމިއްލަ އިޚްތިޔާރުގައެވެ. ޖިސްމަށް ލިބެމުންދިޔަ އަރާމަކުންނެވެ. އަތުގައި އޮތް ތުވާލި ބިންމައްޗަށް ވައްޓާލަމުން ޔުނާންއަށް ތިރިއަށް ބަލާލެވުނެވެ. އެއްވެސް މީހެއް ނުފެނުނު ކަމުގައިވިޔަސް ލިބެމުންދިޔަ ހިތްހަމަޖެހުމުން ޔުނާންގެ ހިތްފުރުނެވެ. ވެހެމުންދިޔަ ވާރޭގެ އަޑު މިއުޒިކެއްފަދައިން ޔުނާންގެ ހިއްސުތަކަށް އިތުރު ހިތްހަމަ ޖެހުމެއް ގެނެސްދެމުންދިޔަ ކަހަލައެވެ.
ގޭތެރެ ހަމައަކަށް އަޅުވާ ނިމުނުއިރު ދީމާ ހުރީ ވަރުބަލިވެފައެވެ. ނަމަވެސް ރޭގަނޑުގެ ކެއުން ތައްޔާރު ކުރުމުގައި ދީމާ ހަރަކާތްތެރިވަމުން ދިޔައެވެ.
“އައްސަލާމް ޢަލައިކުމް.” ސަލާމް ގޮވާލިއަޑަށް ދީމާ ބަދިގެ ފަރާތުން ނިކުތެވެ.
ކުރިމަތީގައި ފެންނަން ހުރި ޔާސިރު ފެނުމުން ދީމާއަށް ހީނގަނެވުނެވެ.
“ތި ކޮންކަހަލަ ސަމާސާއެއް. އަމިއްލަ ގެޔަށްވެސް ވަންނަން ސަލާމް ގޮވަން ޖެހޭތަ؟” ދީމާ ރަކި ގޮތަކަށް ހީލިއެވެ.
“އަސްތާ. މީ އަހަރެންގެ ގެ ތަ؟ ނޭނގޭނެއެއްނު. ހީވަނީ އާ ގެއަކަށް ވަދެވުނުހެން ވިއްޔަ.” ޔާސިރުގެ އެ ސަމާސާއިން ދީމާއަށް ހިނިތުންވެލެވުނެވެ. އުމުރުން ދުވަސްވެފައި ތިއްބަސް ޔާސިރުއާއި ދީމާގެ ލޯތްބަކަށް އެއްވެސް ބަދަލެއް ނާދެއެވެ.
“އަޅެ ކޮބާތަ އެ ޔުނާން. ގުޅާ ގުޅާ ހަންވެއްޖެ. އެކަމަކުވެސް ފޯނެއް ނުނަގާ.” ޔާސިރު ކަރުގައި އޮތް ޓައީގެ ގޮށް ދޫކޮށްލަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.
“ނިދިފަ އޮތީ. އިރުކޮޅަކުން ދާނަން ގޮވަން. ދޭބަލަ ފްރެޝްވެލަން. މިހާރު ޑިނަރ ވެސް ރެޑީ ވަނީއޭ މި.” ދީމާ ހިނިތުންވެލުމަށްފަހު އަނެއްކާާވެސް ހިނގައިގަތީ ބަދިގެ ފަރާތާއި ދިމާއަށެވެ.
މޯޅިއަކަށް ދެމިލުމަށްފަހު ޔުނާން އެނދުން ތެދުވީ ކަންނެތްކަމާއެކުގައެވެ. ރޫ ޖެހިފައި އޮތް ބެޑްޝީޓަށް ބަލާލުމާއެކު ޔުނާން ވީ ހައިރާނެވެ. އެހާވަރަށް އެނދުމަތީގައި ޔުނާންއަށް ފުރޮޅެވުނީބާއޭ ޔުނާންގެ ހިތަށް އެރިއެވެ. މީގެ އިރުތަކެއް ކުރިން އެކޮޓަރި ތެރޭގައި ވީ އެއްވެސް ކަމެއް ޔުނާންގެ ހަނދާނުގައި ނެތްކަހަލައެވެ.
ދޮރުގައި ޓަކި ޖަހަމުން މަންމަ ގޮވާ އަޑު އިވުމާއެކު ޔުނާން އަވަސް އަވަހަށް އެނދުން ތެދުވެގެން ގޮސް ފާހާނާއަށް ވަނެވެ.
“ދަރިފުޅު ހާދަ ވަރަކަށްށޭ ތި ނިދަނީ؟” ކާމޭޒު ކައިރީގައި ޔުނާންގެ އިންތިޒާރުގައި އިން ޔާސިރު ޔުނާން ފެނުމާއެކު ހިނިތުންވެލިއެވެ.
“ނިދާނެއެއްނު. ދެން ކުރިއަށް އޮތް ދުވަސްތަކުގައި އުޅެން ޖެހޭނީ ނިދާލާނެ ވަގުތެއް ނުލިބިގެން.” ދެމާނަ އެކުލެވޭ ބަސްތަކެއް ބޭރުކޮށްލަމުން ޔުނާން ގޮޑިއެއް ދަމާލާފައި އިށީނެވެ. ޔާސިރު ދީމާގެ މޫނަށް ބަލާލީ ޔުނާން އެބުނީ ކީކޭ ހޭ އަހާ ކަހަލަ ގޮތަކަށެވެ.
ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލަމުން ދީމާ ޔުނާން އާއި ދިމާއަށް ބަލާލިއިރު ޔުނާން ހުރީ ހެވިފައި ބަލަހައްޓައިގެންނެވެ.
“އޭޑީކޭ އިން ޖޮބް ހަމަޖެހިއްޖެ.” ޔުނާންގެ ލޮލުން ވިދައިގަތީ އުފާވެެރިކަމުގެ ކަރުނައެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ޔާސިރުއަށް ޔުނާންގެ ގައިގައި ބައްދާލެވުނެވެ.
“މަންމަމެން ވަރަށް އުފާވެއްޖެ. ދަރިފުޅު މިއަދު މަންމަގެ ހުވަފެން ހަޤީޤަތަކަށް ހަދައިދީފި.” ދީމާ އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އުފަލުންނެވެ.
އުފަލާއި މަޖަލުގެ ކޮޅެއްވެސް ނެތެވެ. ނަމަވެސް ހިތާމައަކީ ޔުނާންގެ ހަޔާތުގައި ހިނގަމުންދާ އާދަޔާ ޚިލާފް ކަންތައްތައް އެދެމަފިރިންނަށް ނޭނގޭ ކަމެވެ. ކުރިއަށް އަންނަން އޮތް ތޫފާނުގެ އެއްވެސް އިޝާރާތެއް ވެސް ނުވާކަމެވެ.
“ވާރޭ ހުއްޓާލީތަ؟ އަންނާނަން ސާހިލްއާ އެކީ ބޭރަށް ގޮސްލާފައި.” ކާމޭޒު ދޮށުން ޔުނާން ތެދުވިއެވެ. ދީމާ ހުރީ އަނގަ ހުޅުވިފައި ބަލަހައްޓައިގެންނެވެ.
“ވާރޭ އޭ. ވާރޭ ވެހުނީ ކޮންއިރަކުތަ؟ ކޮންދުވަހެއް ވާރޭ ކޮޅެއް ނުވެހޭތާ؟” ދީމާ ކާމޭޒު މަތީގައި ހުރި ތަށިތައް ނެގިއެވެ.
“އެހެންތަ؟ ވެދާނެ ނިދިފައި އޮތް ގަޑީ ހުވަފެނުގައި ފެނުނީ ކަމަށްވެސް.” ޔުނާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ފުން ވިސްނުމެއްގައި ހުރެގެންނެވެ. ވާރޭ ވެހުނު ހަނދާން އޭނާ އެބަހުއްޓެވެ. ވެދާނެއެވެ. ގޭތެެރޭގައި ބުރަކޮށް އުޅުނީމަ ވާރޭ ވެހުނުކަން މަންމައަށް ނޭނގުނީއެވެ. އަމިއްލަ ހިތަށް ވިސްނައިދެމުން ޔުނާން ހިތްހަމަ ޖައްސާލިއެވެ.
ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ޔުނާން ސައިކަލަށް އެރިއެވެ. މާބްލް ހޮޓެލްއަށް ދިއުމަށް ސާހިލް ކައިރީގައި ބުނުމަށްފަހު ޔުނާން ސައިކަލް ދުއްވާލިއެވެ.
ނަމަވެސް ދެވުނީ ކުޑަ ތަންކޮޅަކަށެވެ.
މީހަކު ޔުނާންއަށް މާ ބާރަކަށް ގޮވާތީ ޔުނާން މަޑުކޮށްލިއެވެ.
“ހާދަ އަވަސް އަރުވާލާފަ ތިދަނީ. ސުވަރުގޭގެ ދޮރުތައް ބަންދުވަނީތަ؟” އެއްކަލަ ޒުބޭދާއެވެ. ޔުނާން އަށް ހިންދިރުވާލެވުނެވެ. ޒުބޭދާގެ ދުފާ ރަތް ކޮށްފައި ހުރި ތުންފަތް ފެނުނީމައެވެ. އަނެއްކާ މި އަންހެނާގެ ކިބައިން ސަލާމަތްވާނެބާއެވެ.
“މާޝީ. ދަރިފުޅާ. ނިކަން އަވަހަށް އައިސްބަލަ.” ޔުނާންއަށް އެއްވެސް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޒުބޭދާ ކޮންމެވެސް މީހަކަށް ގޮވައިފިއެވެ. ޔުނާންއަށް ހުރެވުނީ ވާނުވާ ނޭނގި ބަލަހައްޓައިގެންނެވެ.
އިރުކޮޅެއްފަހުން ޒުބޭދާ މެންގޭގެ ދޮރު ހުޅުވާލާފައި ނިކުތީ އަންހެންކުއްޖެކެވެ. އަރައިގެން ހުރި ފައިވާން އުސްކަމުން ރަނގަޅަށް ހިނގައިނުގަނެވެއެވެ.
“މީ މަގޭ އަންހެން ދަރިފުޅު މާޝީ. ރީތިދޯ.” ޒުބޭދާ އަނގަޔަށް ފޮނި ވައްތަރެއް ޖައްސާލަމުން އަތުން މާޝީ އަށް އިޝާރާތްކޮށްލިއެވެ.
“ހެލޯ. ވަރަށް ލަސްވެގެން މިދަނީ.” ޔުނާން އަވަސް އަވަހަށް ސައިކަލް ދުއްވާލިއެވެ. ޒުބޭދާ ޗޮކެއް ކަނޑާލަމުން މާޝީއަށް ކަޅި އަޅާލިއެވެ.
“ކަލޭ ކައިރީގައި މަ ނުބުނަންތަ ސޯޓްކޮޅެއް ލައިގެން ޔޫރަޕްވެގެން ނިކުންނާށޭ.” ޒުބޭދާ އައި ރުޅީގައި މާޝީގެ ކަންފަތުގައި ހިފިއެވެ.
“ދެން މަންމާ. ފައި ޝޭވް ނުކޮށް ކިހިނެއްތަ ތިބުނި ގޮތަށް ޑްރެސް ކުރާނީ. ހަތަރުދަމު ބަދިގޭގައި އޮވެފައި ކިހިނެއްތަ ހުރިހާ ކަމެއް ކުރާނީ ވަގުތުން. އަނެއްކޮޅުން ވެޖް އެއް ގެންނާށޭ ބުނީމަ މިހުރީ ގެނައި ފައިވާން. ކަށި ބިނދެން ކައިރިވެފައި. އަން މި އޮތީ. މި ފައިވާން ގަނޑު ގެނައި ތާކަށް ގެންދޭ.” މާޝީ މޫނު ކުނި ކޮށްލަމުން ފައިވާން ނަގާ ޒުބޭދާ އާ ދިމާއަށް އެއްލުމަށްފަހު ގޭތެރެއަށް ވަނެވެ.
ޔުނާން މާބަލް ހޮޓެލް ދޮރުމައްޗަށް ސައިކަލްގައި ގޮސް މަޑުކޮށްލިއިރު ސާހިލް ހުރީ ޔުނާންގެ އިންތިޒާރުގައެވެ.
“ހާދަ ލަސްވީ. މިހާރު ލައިވް މިއުޒިކު ފަށައިފި.” ސާހިލް ވާހަކަދެއްކީ ވަރަށް އަވަސް އަރުވާލާފައެވެ.
“ލައިވް މިއުޒިކޭ؟ ކާކުގެ؟” ޔުނާން ސައިކަލު ޕާކް ކޮށްލުމަށްފަހު ސައިކަލުން ފޭބިއެވެ.
“ސަޕްރައިޒް.” ސާހިލް ޔުނާންގެ އަތުގައި ހިފައިގެން ހޮޓެލްގެ ތެރެއަށް ވަނެވެ.
“ފުރަތަމަ ނަޒަރުން…ހަމަ އެހިނދުން…ތިޔަ ސޫރަ ހިތުގާ…ބިންވަޅު ނެގުނޭ…”
އަންހެންކުއްޖެއްގެ ޖާދުވީ އަޑު ޔުނާންގެ ކަންފަތުގައި ޖެހުމާއެކު ޔުނާންގެ ފިޔަވަޅު ބާރުކޮށްލިއެވެ.
އެތެރެއަށް ވަން ވަގުތު މައިކް ހިފަހައްޓަލައިގެން ހުރި އިޝާ ޔުނާންގެ ލޮލުގައި އަޅައިގަތެވެ. ކަޅު ކުލައިގެ ކުރުކުރު ހެދުމުގައި އިޝާ ހުރިއިރު އޭނާގެ ދޮން ހަށިގަނޑުގެ ބޮޑުބައެއް އޮތީ ހާމައަށް ފެންނާށެވެ. ކަޅުކަންގަދަ ދިގު ފަން އިސްތަށިކޮޅު ވައިގެ ތެރޭގައި ނަށަމުންދާއިރު ބަލާ ފޫހި ނުވެއެވެ. ޔުނާން އަށް ހުރެވުނީއެވެ. ކުރިއަށް ހިނގައިގަންނަން ނޭނގިފައެވެ.
” މަ ބުނީމެއްނު އިޝާ ނުދަންނަ މީހެއް ނޫޅޭނެޔޭ.” ސާހިލް ޔުނާންގެ ކަންފަތާއި ކައިރިވެލަމުން ވައި އަޑުން ބުނެލިއެވެ.
ލަވަ ނިމުމާއެކު މީހުންގެ ތަރުހީބުގެ އަޑުން މުޅިތަން ގުގުމައިގެން ދިޔައެވެ. ޔުނާންއާއި ސާހިލް ހުސް މޭޒެއްގެ ކައިރީގައި އިށީންނުމާއެކު އަވަސް މިއުޒިކެއް ޖަހަން ފެށިއެވެ. ޒުވާން ޖޯޑްތަކާއި އަންހެން ކުދިންތައް މިއުޒިކާ އެއްވަރަށް ހަރަކާތްކުރަން ފެށިއެވެ. އިޝާ ވެސް އަތް ދިއްކޮށްލި ކޮންމެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފައިގެން ނަށަމުންދިޔައެވެ.
” މީ އަޅެ ފަހެ ނާސިގެއެއްތަ؟ ހިނގާ ދާން.” ދެޖިންސުގެ މީހުން ގައިގައި ގޯޅިވަމުންދާ މަންޒަރު ބަލަން އެތާ އިންނަން ޔުނާން ބޭނުމެއްނުވިއެވެ.
“މާދަމާ ރޭ ރޯދަ ހިފަން ޖެހޭނެއެއްނު. ދެން އޭރުން މިކަހަލަ މަޖަލެއްވެސް ނުކުރެވޭނެއެއްނު.” ސާހިލް ޕާޓީގެ ފޯރީގައި ބައިވެރިވާން ބޭނުންވިއެވެ.
“ނޫނޭ. ހިނގާބަލަ ދާން އެހެން ތާކަށް.” ޔުނާން ތެދުވީ އެތަނުން ނިކުތުމަށެވެ.
“އޭތް.” އިޝާގެ އަޑުން ޔުނާން ސިހިފައި އެނބުރިބަލާލިއެވެ.
އޭރު އިޝާ ޔުނާންއާ ދިމާއަށް އަތް ދިއްކޮށްލައިގެން ހުއްޓެވެ.
“ނުހިފާނަންތަ؟” އިޝާގެ އަނގައިން ރަލުގެ ނުބައިވަސް ޔުނާންގެ ނޭފަތުގައި ޖެހުމާއެކު ޔުނާންއަށް ދުރަށް ޖެހިލެވުނެވެ. ނަމަވެސް އިޝާ މަޑުމަޑުން ޖެހެމުން ދިޔައީ ޔުނާން އާއި ގާތަށެވެ.
މަންޒަރު ބަލަން އިން ސާހިލް އިނީ ނުލަފާ ހިންޏެއް އައިސްފައެވެ.
ކައިރިވަމުން ދިޔަ އިޝާގެ ދެލޮލަށް ބަލާލަމުން ޔުނާން އިޝާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
އިޝާގެ ބޮޑު ދެލޮލުގައި ވަނީ އަޖައިބެއްފަދަ ޖާދޫއެކެެވެ. ޔުނާން އިސްޖަހާލީ އިޝާގެ އެދެލޮލުގެ ޖާދޫގައި ޖެހިދާނެތީއެވެ. ޔުނާންގެ ހިތާއި ފުރާނައަކީވެސް ކަމީލާގެ އަމާނާތެއްކަން ޔުނާންއަށް އެނގޭތީއެވެ.
“ތި ކަހަލަ ރަނޑު ފިރިހެނުންވެސް އުޅޭތަ؟” ނޭނގި ނަމަވެސް އިޝާއަށް ހިފާ ދެމުނީ ޔުނާންގެ ބަލިފައިގައެވެ. ޔުނާންއަކީ ބަލި ޤަބޫލުކުރާ މީހެއްނޫނެވެ. އަދި މީހަކު ނުވާނޭ ބުނި ކޮންމެ ކަމެއް ކުރާނެއެވެ.
ޔުނާން އިޝާގެ މޫނަށް ނަޒަރު ހުއްޓާލަމުން ކުރިއަަށް ޖެހިލިއެވެ. މިފަހަރު ފަހަތަށް ޖެހެވުނީ އިޝާއަށެވެ.
“ތީ އަންހެންކުދިން އުޅެން ޖެހޭ ގޮތެއްނޫން.” ވެއްޓިފައި އޮތް އިޝާގެ ހެދުމުގެ ކޮނޑު މައްޗަށް ހިއްލާލަމުން ޔުނާން އިޝާއަށް ފުރަގަސްދިނެވެ.
“ތި އުޅެނީ މާ ރަނގަޅު މީހެއްކަމަށް ހެދެން ކަމަށްތަ؟ ދެން ތިހާ ފިލްމީ ނުވިޔަސް އޯކޭއޭ” އިޝާ އޭނާ ލައިގެން ހުރި ހެދުމުގެ ކޮނޑު އަނެއްކާވެސް ތިރިކޮށްލިއެވެ. ލިބުނު ހިތްހަމަ ނުޖެހުމުގައި ޔުނާން އިޝާ އާއި ދިމާއަށް އެނބުރުނެވެ. ޔުނާންގެ ނަޒަރު ސީދާ ހުރީ ހާމައަށް ފެންނަން އޮތް އިޝާގެ ދޮން ކޮނޑަށެވެ.
“ކޯޗެއްތަ ތި ބަލަނީ.” އިޝާ މޫނު ކުނިކޮށްލިއެވެ.
“ތި ދައްކާ އެއްޗެއް މި ބަލަނީ. އަދި މި ކޮނޑުވެސް ބާލާ. އޭރުން އަދި އެންމެ މަންޒަރު ރީތި ވާނީ.” ޔުނާން އިޝާގެ ހެދުމުގެ އަތް ތިރިއަށް ދަމާލުމަށްފަހު ހިނގައިގަތެވެ. އަނގަ ތައްމިނަށް ހުޅުވައިގެން އިޝާއަށް ހުރެވުނީއެވެ. ފުރަތަމަ ފަހަރަށް ޔުނާންގެ ތަފާތު މިޒާޖާއި މެދު އިޝާއަށް ވިސްނާލެވުނެވެ. ޔުނާންގެ ކޮންމެ އާދައެއް އިޝާ ހައިރާންކޮށްލައިފިއެވެ.
“ގުޑް ނައިޓް އިޝާ.” ޔުނާން ދާތަން ފެނިފައި ސާހިލްވެސް އަވަސް އަވަހަށް ތެދުވިއެވެ. އިޝާއަށް ބާއްޖަވެރި ރޭގަނޑަކަށް އެދެމުންނެވެ.
“ކަލޭ ރުޅި އައީތަ މޭން.” ސާހިލް ޔުނާންގެ ފަހަތުން ދުވެފައި އައިސް ޔުނާން އާއި އަރާ ހަމަކުރިއެވެ.
ޔުނާން އަނގަޔަކުން ނުބުނިއެވެ. ލިފްޓްގެ ދޮރު ހުޅުވޭނެ އިރެއްގެ އިންތިޒާރުގައި ހުރީއެވެ.
“މަ ބުނެގެން ނޫނޭ އިޝާ ޔުނާން ކައިރިއަށް އައީ.” ޔުނާން ރުޅި އައިސްފައި ހުރުމުން ސާހިލް ދެރަވެ ކަރު އެލުވާލިއެވެ.
“މި ހިތަށް އަރަނީ ހާދަގޮތެއް ނެތް މީހެކޭ އެ އިޝާއަކީ.” ޔުނާން ފިނި ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. ސާހިލް ހިޔާރުކުރީ ހަމަހިމޭންކަމެވެ. އެއްވެސް ޖަވާބެއްދޭން އޭނާ ބޭނުންވި ނުވާ ކަހަލައެވެ.
“ލެޓްސް ގޯ. ދެން އެވާހަކަ ބާއްވަމާ.” ޔުނާން ސައިކަލާ ދިމާއަށް ހިނގައިގަތުމުން ސާހިލް ވެސް ޔުނާންގެ ފަހަތުން ހިނގައިގަތެވެ.
ކޮޓަރިއަށްވަން ޔުނާން ހުރީ ބިރުންނެވެ. އަނެއްކާވެސް އެބިރުވެރިކަމާއި ކުރިމަތިލާން ޖެހިދާނެތީއެވެ. އެކަނިވާ ކޮންމެ ވަގުތަކީ ޔުނާންއަށް އެތަކެއް ތަފާތު ބިރުވެރިކަމާއި ކުރިމަތިލާން ޖެހޭ ވަގުތެކެވެ. އެނދުގައި އޮށޯވެލަމުން ޔުނާން ދެލޯ މަރާލިއެވެ. ފުރަތަމަވެސް ލޯމައްޗަށް ސިފަވެގެން ދިޔައީ އިޝާގެ ޖާދުވީ ދެލޮލެވެ. ދެފަރާތަކަށް ބޯ ހޫރާލަމުން ޔުނާން ދެލޯ ހުޅުވާލިއެވެ.
އިޝާގެ ސޫރަ ސިފަވާންވީ ކީއްވެބާއޭ ޔުނާންގެ ހިތަށް އެރިއެވެ. ހިތާއި ސިކުނޑި ދެބަސްވާން ފެށުމުން ޔުނާން އަށް ބޮލަށް އުނދަގޫވާން ފެށިއެވެ. އަނެއްކާާވެސް ގަދަކަމުން ދެލޯ މަރާ ބާރުކޮށްލަމުން ޔުނާން ބާލީހުގައި ބައްދާލިއެވެ. މާގިނައިރުތަކެއްނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް ޔުނާން ގެބިގެން ދިޔައެވެ.
ލެއްޕިފައިވާ ބެލްކަނީގެ ދޮރު ކެހިގެން ދިޔައިރުވެސް ޔުނާން އޮތީ ފުން ނިދީގައެވެ. ކޮޓަރިތެރެއަށް ރަތް އައްޔެއް އެޅުމަށްފަހު އަނެއްކާވެސް ކުރިން ހުރި ގޮތަށް ބެލްކަނީގެ ދޮރު ކެހިގެންދިޔައެވެ.
ރޭގަނޑު އަރާމު ނިންޖަށް އެންމެން އިންސާފް ކުރަމުން ދިޔައިރު އެނދުމަތީގައި ދެފައި ވަށް ކޮށްލައިގެން އިޝާ އިނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި މިނިވަންކަމާއެކު އުދުހެމުން އައި ކޮކާލެއް ފަދަ އިޝާގެ ލޮލަށް މިރޭ ނިދިވެސް ނާންނަނީއެވެ. ޔުނާންގެ ސޫރަ އިޝާގެ ލޯމައްޗަށް ސިފަވާތީއެވެ. ޔުނާންގެ ކޮންމެ އަދާއެއް އިޝާއަށް ހިތްގައިމެވެ.
“ދަރިފުޅާ. ނުނިދަނީތަ؟” އާދައިގެ މަތިން ނިހާން ގެޔަށް އައިގޮތަށް އައިސް އިޝާގެ ކޮޓަރިއަށްވަނެވެ. އަބަދުވެސް އެންމެ ފުރަތަމަ ނިހާން ބަލާނީ އިޝާގެ ހާލެވެ. ދުވަހަކުވެސް ނުފެންނަ ތަފާތު މަންޒަރެއް ފެނުމުން ނިހާން އަށް ހިސާބަކަށް ހައިރާންވެސް ވެވުނެވެ.
“ދަރިފުޅު ބަލީތަ؟” ނިހާން އަވަސް ފިޔަވަޅުތަކެއްގައި ގޮސް އިޝާ ކައިރީގައި އިށީނެވެ. އޭރުވެސް އިޝާ އިން ގޮތަށް އިނީއެވެ.
“ޑޭޑް. މިރޭ ހަމަ ނިދިނާންނަނީ.” ނިހާން ގިނަ ފަހަރު އަހަން ފެށުމުން އެންމެ ފަހުން އިޝާ ދިނީ ފަރުވާކުޑަ ޖަވާބެކެވެ. ނިހާން ހިނިތުންވެލަމުން އިޝާގެ ބޮލުގައި ފިރުމާލިއެވެ.
“ބޮކި ދިއްލައިގެން ގަދަ އަލީގައި ކިހިނެއް ނިދި އަންނާނީ. މާދަން ހެދުނު އެބަޖެހޭ ޔާސިރުމެންގެ ގެޔަށް ދާން. އެހެން ވީމަ އަވަހަށް ނިދީމަ ހޭލެވޭނީ..” ނިހާން އިޝާގެ ދެކޮނޑުގައި ހިފާ އެނދުގައި ބާއްވާލީ ކުޑަކުއްޖެއް ބާއްވާލާހެންނެވެ. ތެދެކެވެ. އިޝާ ކިތަންމެ ބޮޑު ވިޔަސް ނިހާންއަކަށް އިޝާ ދުވަހަކުވެސް ބޮޑެއް ނުވާނެއެވެ.
ނިހާން ޔުނާން މެންގެޔަށް ދާ ވާހަކަ ބުނުމުން އިޝާއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ.
ޔުނާން އަބަދުވެސް ފެންނަ ފަށުގައި ހުންނަން އިޝާ ވަރަށް ހިތްހަމަޖެހެއެވެ.
ނިހާން ކޮޓަރީގެ ނިދާ ބޮކި ޖައްސާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
އިރު ފެނުން މައްޗަށް ހިއްލާލުމާއެކުހެން ޔުނާންގެ ދެލޯ ހުޅުވުނެވެ. މާލެ އައިފަހުން ހިތްހަމަ ޖެހިގެން ޔުނާންއަށް ނިދާ އެލެވުނީ އަދި ކިރިޔާއެވެ. ހަމަ ނިދި ލިބުމުން ޔުނާންގެ މޫނުމަތިވެސް ތާޒާވެފައިވެއެވެ.
ގައި މަތީގައި އޮތް ރަޖާގަނޑު އެއްފަރާތްކޮށްލަމުން ޔުނާން އެނދުން ތެދުވިއެވެ. އެވަގުތު ޔުނާންގެ ލޮލުގައި އަޅައިގަތީ ބެލްކަނީގެ ދޮރުގައި ހޭކިފައިވާ ރަތް ކުލައެވެ. ފެންނަ ފެނުމަށް ހީވަނީ އަތް ތިލައެއްގެ ނިޝާން ހެންނެވެ. އަވަސް އަވަހަށް ޔުނާން ގޮސް ބެލްކަނީގެ ދޮރުކަހާލިއެވެ. އަދި ދެލޯ ބޮޑުކޮށްގެން ހުރެ ދޮރުގައި ހޭކިފައިވާ ރަތް ކުލައަށް ބަލަންފެށިއެވެ.
މީ ލޭ ބާވައޭ ޔުނާންގެ ހިތަށް އެރިއެވެ. ބިރުންގޮސް އޭގައި އަތް ޖައްސާލާކަށްވެސް ޔުނާންއަކަށް ނުކެރުނެވެ. ބެލްކަނީގައި ހުރި ކުޑަ ފެން ބާލީދީއަކުން ފެން ނަގާ ޔުނާން އެކުލަތައް އުނގުޅިފައި ހުރި ތަނަށް ވިއްސާލިއެވެ. އިސާހިތަކު ކުލަތައް ފޮހެވިގެންދިޔައެވެ.
ޔުނާންއަށް ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލެވުނީ ލިބުނު ހިތްހަމަޖެހުމުގައެވެ. ނަމަވެސް އޭރުވެސް ޔުނާންގެ ސިކުނޑި ތެރޭގައި އެނބުރެމުންދިޔައީ އެތަނުގައި ކުލަ ހޭކެންވީ ގޮތެވެ.
“ހާދަ މީރޭ ދޯ ދީމާގެ ކެއްކުންގަނޑު.” ޔާސިރުގެ ދެމަފިރިންގެ އިތުރުން ނިހާން އާއި އިޝާ ސައިބޯންތިބީ ޔާސިރުމެން ގޭގެ ބަގީޗާގައެވެ. ނިހާންގެ ތައުރީފުގެ ބަސްތައް އޮހެނީއެވެ. ދީމާ ތައްޔާރުކޮށްފައިވާ ކާއެއްޗެއްސަށެވެ.
“ނިހާން ތިބުނީ ހަމަ ވަރަށް ބޮޑު ތެދެއް. މަވެސް ވަރަށް ފަޚުރުވެރިވޭ ތިކަމާ.” ޔާސިރު ނިހާންގެ ވާހަކައިގައި ބައިވެރިވެލިއެވެ.
އެވަގުތަކީ ޔުނާންވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.
“ދަރިފުޅު. ހޭލީތަ؟ މަންމަ ނުގޮވީ ނިދާފަކަމަށް ހީކޮށް.” ޔުނާން ގޮޑިއެއް ދަމާލާފައި އިށީނުމާއެކު ދީމާ ހުސް ތައްޓެއް ޔުނާންގެ ކުރިމަތީގައި ބެހެއްޓިއެވެ.
ޔުނާން ހިނިތުންވެލިއެވެ. އަދި ލޮލުގެ ހިމަކަޅިން އިޝާގެ މޫނަށް ބަލާލިއެވެ. ރޭގައި އިޝާއަށް އުޅެވުނުގޮތުން ކަން ނޭނގެއެވެ. އިޝާ އިނީ ޔުނާންއާ ދިމާއަށް ބަލާލަންވެސް ނުކެރިފައި ކަހަލައެވެ.
“ކޮބާ ކިހިނެއް؟ ކޮން އިރަކު ނިކުންނަނީ އޮފީހަށް.” ނިހާން ޔުނާންއާއި ދިމާއަށް ބަލާލީ ހިނިތުންވެލަމުންނެވެ.
“އަދި ދެ ދުވަސް ފަހުން.” ޔުނާން ޖޫސްތަށިން ކޯވަރެއް ދަމާލިއެވެ.
“ރޯދަ ވަރުބަލި ވާނެތާ. އެހާ ހިތްވަރު ހުންނާނެތަ ބައްޕަގެ ގައިގައި ހުންނަ ކަހަލަ.” ނިހާން ޔުނާންއާ ދިމާކޮށްލުމުން އެންމެން އެއްފަހަރާ ހީނގަތެވެ.
“އިޝާ ހާދަ މަޑުން މި އިންނަނީ. ކަމަކާ ވިސްނަނީތަ؟” އެންމެން ހީ ސަމާސާ ކުރާއިރުވެސް އިޝާ މާ މަޑުމަޑުން އިންނަކަން ދީމާއަށް ފާހަގަކުރެވުނެވެ.
އިޝާ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނެލިއެވެ.
“އާން. ދެރަވެފަ އެ އިންނަނީ. މިއަދު ހަވީރު އަހަރެން ފުރަން ޖެހޭތީ.” ދީމާ ކުރި ސުވާލަށް ޖަވާބު ދިނީ ނިހާނެވެ.
“އޭން. ކޮންތާކަށް ފުރަނީ ކުއްލިއަކަށް. މާދަމާ ރޯދަމަހުގެ ފުރަތަމަ ދުވަހެއްނު.؟” ޔާސިރު ނިހާންގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ކީއްކުރާނީ. ދާންޖެހޭ އެބަ ޗައިނާއަށް. ވިޔަފާރި ދަތުރެއް.” ނިހާން ޓިޝޫއެއް ނަގާ ތުން ފުހެލިއެވެ.
“އިޝާ ދެރަވަނީ އެކަނިވާނެތީ.” ނިހާން އިޝާގެ ކޮނޑުގައި ހިފަހައްޓާލިއެވެ.
“އެކަންޏެއް ނުވާނެއެއްނު މިގެޔަށް އާދެބަލަ. ދައްތަވެސް މިއުޅެނީ ހަމަ ވަރަށް އެކަނި.” ދީމާގެ ޚިޔާލަށް ޔާސިރުވެސް ތާއީދުކުރިއެވެ. އަދި ނިހާންގެ ކައިރިން އެދުނީ އިޝާ ނިހާން އެނބުރި އަންނަންދެން އެމީހުންގެ ކައިރީގައި ބަހައްޓާދިނުމަށެވެ.
ނިހާންއަށް ބަލާލެވުނީ އިޝާގެ މޫނަށެވެ. ހީވާކަހަލައެވެ. ނިހާން ބޭނުންވަނީ އިޝާ ބޭނުންވާގޮތް ބަލާށެވެ.
“އިޝާއަށްވެސް އޯކޭ ދޯ އެގޮތް. ފޫއްސެއްވެސް ނުވާނޭ. ޔުނާންވެސް އެހުރީނު.” ދީމާ ޔުނާާންއަށް އިޝާރާތްކޮށްލަމުން އިޝާއަށް ހިނިތުންވެލިއެވެ.
“ޑޭޑް ބޭނުންގޮތެއް.” އިޝާ އިސްޖަހާލިއެވެ.
އެންމެފަހުން ނިހާން ނިންމީ އިޝާ ދީމާ އާއި ޔާސިރުގެ ކައިރީގައި ބަހައްޓާށެވެ.
“ތައްޔާރުވެފަ އަންގާލާ. ޔުނާން ދާނެ ބަލާ.” ދީމާ ހުސްތަށިތައް ނަގަން ފެށިއެވެ. ހަޤީޤަތުގައިވެސް ދީމާ އެހުރީ އުފަލުންނެވެ. ޔުނާން އަވަހަށް މީހަކާ އިންނާނެ ދުވަހަކަށްވެސް ދީމާ އިންތިޒާރު ކުރާތާ ކޮންދުވަހެއް ހެއްޔެވެ؟
މަންމަގެ ވާހަކައިން ހާސްވެފައި އިން ޔުނާން އެތަނުން ތެދުވެގެން ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އިޝާ ބަލާދާކަށް ޔުނާން ބޭނުމެއްނޫނެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ؟ މަންމަ އެގޮތައް ބުނީމާ ދެކޮޅު ހަދާކަށްވެސް ނުކެރޭނެއެވެ.
ކޮޓަރިއަށް ވަންގޮތަށް ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ޔުނާން އެނދުގައި އިށީނެވެ. އަދި ޖީބުގައި އޮތް ވޮލެޓް ނަގާ ނިއުޅުވާލިއެވެ. ކަމީލާގެ ހަނދާންތައް ސިކުނޑި ވަށާލުމުން ވޮލެޓް ތެރޭގައި އޮތް ކަމީލާގެ ފޮޓޯ ބަލާލުމަށެވެ. އެ ހިތްދަތިކަން މަތީގައި ޔުނާން ވަގުތު ގުނަމުންއެދަނީ ކިހާ ކެތްތެރިކަމާއި އެކުގައި ހެއްޔެވެ؟ ހަމައެކަނި އުއްމީދެއްގައެވެ. ކަމީލާ އާއި ދިމާވާނެ ކަމަށެވެ. އެލޯބި ޔުނާންއަށް ލިބޭނެ ކަމަށެވެ.
ކޮބާތަ ފޯނު. ހާދަވަރަކަށް ގުޅައިފީމޭ.” ކޮޓަރި ދޮރު ހުޅުވާލާފައި ވަން ސާހިލްގެ އަޑަށް ޔުނާން ދިޔައީ ސިއްސައިގެންނެވެ. އަދި އަވަަސް އަވަހަށް ވޮލެޓް ފައްޖަހާލަމުން ޖީންސްގެ ޖީބަށް ކޮށްޕާލިއެވެ.
“ކިހިނެއްވީ އަނެއްކާ. މާބޮޑު ކަމެއް ލައިގަތީތަ؟” ޔުނާން އިސް އުފުލާ ސާހިލްއަށް ބަލާލިއެވެ.
“އާން. މަސް ދަތުރެއް ރާވާލާފަ މިއައީ. ހިނގާބަލަ ޔުނާންވެސް” ސާހިލް އެދުނެވެ.
“ނެތޭ ދެވޭކަށް.” ޔުނާން ފަރުވާކުޑަގޮތަކަށް ބުނެލިއެވެ.
“ކަލޭ ސީރިއަސްކޮށްތަ؟ ކަލޭ އެކަމަށް ތިޔަށް ފޯރި ހުންނަ މީހާތަ ހަމަ ތިހެން ތިބުނަނީ.” ޔުނާންގެ ޖަވާބު އަހާފައި ސާހިލްވީ ހައިރާނެވެ.
“އާއެކޭ. ދެވޭކަށް ނެތޭ.” ޔުނާން އަނެއްކާާވެސް ހަމަ އެޖަވާބު ތަކުރާރުކޮށްލިއެވެ.
އެވަގުތު ބައިވަރު ފޮތިތަކެއް އަތްފުރާ ހިފައިގެން ދީމާ އައިސް ޔުނާންގެ ކޮޓަރިއެއް ވަނެވެ.
“ހާދަ ބިޒީކޮށްލައިގެން. ހަމަ ރޯދަމަސް އަންނާތީތަ؟” ސާހިލް ހިނިތުންވެލިއެވެ.
“ނޫނޭ. މިގެޔަށް އާ ކުއްޖެއް އަންނާތީ.” ދީމާ ކަބަޑުގެ ދޮރު ފަތް ހުޅުވާލާފައި ފޮތިތައް ފަތްޖަހާލަމުން ކަބަޑު ތެރޭގައި ތަރުތީބުކޮށްލިއެވެ.
ސާހިލްއަށް ބަލާލެވުނީ ޔުނާންއާ ދިމާއަށެވެ. ދީމާ އެބުނި އެއްޗެއް ސާހިލްއަަށް ނުވިސްނުނީއެވެ. ސާހިލްއަށް އިޝާ އެގޭގައި ހުންނަން އަންނަކަން އެނގިއްޖެއްޔާ ދިމާކުރާނެކަން އިނގޭތީ ޔުނާން ހުރީ ހިމޭނުން އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ހަދައިގެންނެވެ.
“ޔުނާން މީހަކާ އިންނަނީތަ؟” ނިތްކުރިމައްޗަށް ގިނަވެގެންދިޔަ ރޫތަކާއެކު ސާހިލް ދެލޯ ކުޑަކޮށްލިއެވެ. ޔުނާން ހުރީ ދީމާގެ ހަރަކާތްތަކަން ބަލަން ނޭވާ ހިފަހައްޓާލައިގެންނެވެ. އިޝާގެ ވާހަކަ ނުބުނޭތޯ ދުޢާ ކޮށްލަ ކޮށްލައެވެ.
“ތި ކަން ހީވޭތަ އަވަސް ރަޙްމަތެއްގަ ވާނެހެން.؟ ރައްޓެއްސެއްގެ ދަރިއެއް އަންނާތީވެ ދުވަސްކޮޅަކަށް.” ދީމާ ހެވިފައި ކޮޓަރިން ނިކުތެވެ.
“އޭ. އަސްލުވެސް ނުދާނަންތަ؟ ދެން ހިނގާބަލަ ދާން..” ސާހިލް އާދޭސްކުރިއެވެ. ނަމަވެސް ޔުނާން އެއްބަހެއްނުވިއެވެ.
ދުވަސް އެއްކޮށް ގޭގައި ހުންނަން ޖެހުމުން ޔުނާން ހުރީ ފޫހިވެގެން މަރުވާ ވަރު ވެފައެވެ. ލެޕްޓޮޕް ނަގައި ހުޅުވާލީ ފިލްމެއް ބަލާލުމުގެ ނިޔަތުގައެވެ. ނަމަވެސް މަންމަ ގޮވާ އަޑަށް ލެޕްޓޮޕް އެނދުމަތީގައި ބެހެއްޓުމަށްފަހު ޔުނާން ކޮޓަރިން ނިކުތެވެ.
“އިޝާ ބަލާ ދާންވީނު.” ދީމާ ހޭ ވައްޓާލާފައި ބަދިގެ ތެރޭގައި ކާއެއްޗެހި ތައްޔާރުކުރަނީއެވެ.
ޔުނާން ބޯޖަހާލަމުން ހިނގައިގަތް ކަމުގައި ވިޔަސް ޔުނާން ދާކަށް ބޭނުމެއްނުވެއެވެ.
“ކިހާ އިރެއްމިތާ ހުންނަތާ. ނޭނގެނީތަ ތަންކޮޅެއް އަވަހަށް އަންނަން.” ޔުނާން އައިލެއް ލަސްކަމުން އިޝާ ހުރީ ރުޅިއައިސްފައެވެ.
ޔުނާން އެއްވެސް ޖަވާބެއް ނުދިނެވެ.
“ހީވަނީ އަލަށް ސައިކަލަކަށް އަރައިގެން އުޅޭހެން. ތިވަރުގެ މީހުން ސައިކަލް ނުދުއްވީމަ ނިމުނީނު.” އިޝާ ކޮނޑުގައި ދަބަސް އަޅުވާލިއެވެ.
“ތީ ކޮން ފާނޑެއްގެ އަންހެނެއްތަ؟” އިޝާގެ ވާހަކަދެއްކުން ހުރި ގޮތުން ޔުނާން ހިތްހަމަ ނުޖެހުނެވެ.
“ކޮން ފާޑެއްގެ އަންހެނެއްތަ އަޅެ މަ މީ. މާ އެނގިގެން ތިއުޅެނީ.” އިޝާ އޭނާގެ ބޮޑު ދެލޯ ޔުނާންގެ މޫނަށް ހުއްޓާލިއެވެ.
“ނޭނގެ މަށަކަށް. ދެން ސައިކަލަށް އަރަންވީނު ދޯ.” ޔުނާން ޒުވާބު ކުރާކަށް ބޭނުމެއްނުވިއެވެ.
“ބުނީމަ ނޫނީ ނާރާނަން.” އިޝާ ހުރީ ގޮތުގައެވެ.
” ދެރަކަމެއްނު. މި ބުނީ ކަލޭތީ ފޮނި ބޮޑާ އަންހެނެކޭ. ކަލެޔާއި އިންނަ މީހަކުވެސް ވާނީ މިދުނިޔެމަތީގައި ހުރި އެންމެ ބަދުނަސީބު މީހާއަށޭ.” ޔުނާން އަޑަށް ބާރުލާފައި ބުނެލިއެވެ.
ޔުނާންގެ ދަތްކޮޅު ވަރާލަފާނަމޭ އިޝާގެ ހިތަށް އެރިއެވެ. އެހެން މީހެއްނަމަ ކަންފަތްމަތި ރަތް އަރުވާލާނެއެވެ. ނަމަވެސް ޔުނާންގެ ގައިގައި އަތްލަން އަދި އިތުރަށް އެއްޗެއް ބުނަންވެސް އިޝާ ފަސްޖެހުނެވެ.
“ދާނަންތަ ނޫނީ މަ ދާންވީތަ؟” އިޝާ ހުއްޓުން އަރާފައި ހުރުމުން ޔުނާން ތަކުރާރުކޮށްލިއެވެ. އިޝާ މަޑުމަޑުން ސައިކަލް ފަހަތުގައި އިށީނެވެ. ޔުނާންގެ ގައިގައި ނުޖެހޭ ހިސާބުގައެވެ. ޔުނާން ސައިކަލް ދުއްވާލިއެވެ.
އިރުއޮއްސުނު ވަގުތު ކަމުން މަގުމަތި ވަރަށް ބާރުބޮޑެވެ. ކުއްލިއަކަށް ވިދާލި ގަދަވިދުވަރާއެކު ވާރޭ އޮއްސާލައިފިއެވެ. ޔުނާން މަގުގެ އެއްފަރާތަށް ސައިކަލް މަޑުކޮށްލުމަށްފަހު ދުވެފައި ގޮސް ގެއެއްގެ ދޮރާށި ތެރެއަށްވަނެވެ. ފަހަތުން އިޝާ ވެސް ދުވެފައި ގޮސް ޔުނާންގެ ކައިރީގައި މަޑުކޮށްލިއެވެ. އޭރުވެސް ދެމީހުން ތިބީ ތެމިފޯވެފައެވެ.
“މަ ބުނީ ދޮގެއްތަ؟ ތީ ހަމަ ވަރަށް ބަދުނަސީބު އަންހެނެއް.” އިސްތަށިގަނޑުން ފެން ފޮޅަން ހުރި އިޝާގެ ހަރަކާތް ހުއްޓުނީ ޔުނާން ބުނެ ދޫކޮށްލި ބަސްތަކުންނެވެ.
“ޔުނާން އަށް ދުއްވަން ނޭނގޭތީއޭ ބުނިނަމަ މާ ތާާހިރުވީސް. ހިންޏެއް ދުވާވަރަށް ދުއްވަންޏާ މިރޭ ބާރަ ޖެހިޔަސް ގެޔަށް ނުދެވޭނެ.” އަނގައިން ދެރަވާކަށް އިޝާވެސް ބޭނުމެއް ނުވިއެވެ.
“އައުޗް.” އިޝާގެ އިސްތަށިގަނޑު ދަބަހުގެ ޒިބުގައި އަޅައިގަތުމުން އިޝާއަށް ތަދުވިއެވެ.
“ޔުނާން. ވަރަށް ތަދުވޭ އެބަ.” އިޝާ އުޅުނީ ޒިބުގައި ތާށިވެފައި އޮތް އިސްތަށިކޮޅު ނުނެއްޓިގެންނެވެ.
“ތި ވަރުގެ މީހުން އަދިވެސް ވާނެ ފުއްޕަން.” ޔުނާން ކުރިއަށް ޖެހިލާފައި އިޝާގެ އިސްތަށިގަނޑުގައި އަތުން ހިފަހައްޓާލުމާއެކު ލަތްކެއް ޖެހިއެވެ. ވީތަދުން އިޝާއަށް ހަޅޭއްލަވައިގަނެވުނެވެ. ނަމަވެސް ވެހެމުންދާ ބޯ ވާރޭގައި އިޝާގެ އަޑުއައީ ފުރޭނިގެންނެވެ.
“ކަލެއާ އަހަރެން ދުވަހަކުވެސް ދެން ވާހަކައެއް ނުދައްކާނަން.” ވާ ތަދުން އިޝާ ބޮލުގައި ފިރުމާލަމުން ވެހެމުންދާ ވާރޭ ތެރެއަށް ނިކުތެވެ. ނަމަވެސް ޔުނާން ކުއްލިއަކަށް އިޝާގެ އަތުގައި ހިފާ ދަމައިގަތެވެ. އެއްވެސް ހުރަހެއްނެތި އިޝާ އޮތީ ޔުނާންގެ އަތު ތެރޭގައި ހައްޔަރުވެފައެވެ. ނަމަވެސް ޔުނާންގެ ބީހުމުން އިޝާއަށް އިޙްސާސްވަމުން ދިޔައީ ވޭންގަދަ ދިލައެކެވެ. ލިބެމުން ދިޔަ ވޭނުން އިޝާއަށް ދެލޯ މަރާލެވުނެވެ.
“މީ ފިލްމެއް ނޫނޭ. މަ ނޫޅެން ކިސް ކުރާކަށް.” ވާނުވާ ނޭނގޭ ހާލުގައި ޔުނާން ހީކުރީ އިޝާ ދެލޯ މަރާލީ ޔުނާން އޭނާއާއި ގާތްވުމަށް ފުރުސަތުދިނުމަށް ކަމަށެވެ.
ޔުނާން އެހުރި ގޮތަށް އިޝާގެ ހަށިގަނޑުން ދޫކޮށްލިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އިޝާ ދިޔައީ ވެއްޓޭށެވެ. ނަމަވެސް ވަރަށް ހުޝިޔާރުކަމާއެކު އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ކޮށްލިއެވެ.
“ޔުނާން. އަޅެ ވަރަށް ތަދުވޭ އެބަ.” ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނުން އިޝާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.
“ކީކޭ. ކިހިނެއްވީ؟” އިޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައި ޔުނާން ހާސްވިއެވެ. އޭރު ހުރީ އިޝާގެ އުނަގަނޑުގައި އަތް އަޅައިގެންނެވެ. ކުޑަކޮށް ފަސްޖެހުނު ނަމަވެސް ޔުނާން އިޝާ ލައިގެން ހުރި ކުރު ޓޮޕް ހިއްލާާލަމުން ފޯނުގެ ލައިޓް އިޝާ އަތުން ހިފަހައްޓައިގެން ހުރި ދިމާއަށް އަޅުވާލިއެވެ. އެއާއިއެކު ޔުނާން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޯނުވެސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
“ކީކޭ. ކިހިނެއްވީ؟” އިޝާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައި ޔުނާން ހާސްވިއެވެ. އޭރު ހުރީ އިޝާގެ އުނަގަނޑުގައި އަތް އަޅައިގެންނެވެ. ކުޑަކޮށް ފަސްޖެހުނު ނަމަވެސް ޔުނާން އިޝާ ލައިގެން ހުރި ކުރު ޓޮޕް ހިއްލާާލަމުން ފޯނުގެ ލައިޓް އިޝާ އަތުން ހިފަހައްޓައިގެން ހުރި ދިމާއަށް އަޅުވާލިއެވެ. އެއާއިއެކު ޔުނާން ދިޔައީ ސިއްސައިގެންނެވެ. އަތުގައި އޮތް ފޯނުވެސް ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ.
ކަޅުރަތް ކުލައިގައި ފެންނަން ހުރި އެތަން ފެންނަލެއް ނިކަން ބިރުވެރިއެވެ.
ޔުނާން އަށް ވޭނުގައި ރޮމުން ގެންދާ އިޝާ ގައިގައި ދެވަނަ ފަހަރަށް އަތްލާކަށް ނުކެރުނެވެ.
“މީ ކުރިންވެސް ވާގޮތެއްތަ؟” ޔުނާންގެ އަޑު ތުރުތުރުއަޅައެވެ.
“ނޫން. އަޅެ ޔުނާން. ހާދަ ދިލައެއް އެބަ ނަގައޭ.” އިޝާ އޭނާގެ ކަރުނުން ފުރިގެންވާ ދެލޮލުން ޔުނާންއަށް ބަލާލިއެވެ.
ޔުނާން ހުރީ ހަދާނެގޮތް ހުސްވެފައެވެ. ޑޮކްޓަރަކަށް ވީ ކަމުގައި ވިޔަސް އެކަމަކީ ޔުނާން ދުވަހަކު ލޮލުން ދެކުނު ނޫނީ އަޑުއަހާފައި ވެސް ވާ ކަހަލަ ކަމެއްނޫނެވެ.
ނަމަވެސް ޔުނާން އަށް އިޝާ އެހާލުގައި ރޮމުން ގެންދާތަން ބަލަންވެސް ކުޅަދާނައެއްނޫނެވެ.
އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ޔުނާން އިޝާގެ އަތުގައި ހިފައިގެން ވެހެމުންދާ ބޯ ވާރޭގެ ތެރެއަށް ނިކުތެވެ.
އިޝާގެ ގިސްލުމުގެ އަޑު ބޯ ވާރޭގެ އަޑާއި އެކުވެގެން ދިޔައީ އެވަގުތުއެވެ. ޔުނާން އިޝާގެ ހަށިގަނޑު އޭނާގެ އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ. އިޝާގެ ގިސްލުމުގެ އަޑު ކެނޑެމުން ކެނޑެމުން ގޮސް އެއްކޮށް ހުއްޓުނެވެ.
“މިހާރު އެއްވެސް ތަދެއްނުވޭ.” އިޝާ އަށް ހިތްހަމަ ޖެހުން ލިބުނު ކަމުގައިވިޔަސް ލިބުނު ހައިރާންކަން މާބޮޑެވެ.
“ތީ އަޖައިބެއް. ބުނަން ހަދަންވީގޮތް. ގެޔަށް ގޮސް މަންމައަށް ކިޔައިދޭތި. މަށަށް އެނގޭ ވާހަކަ އަންގާނެކަމެއް ނެތް.” ޔުނާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ނުކެރޭނެ ކިޔައިދޭކަށް.” އިޝާ އާއި ޔުނާން އަދިވެސް ތިބީ ވާރޭ ތެރޭގައެވެ.
“ތީ ދެން ވަރަށް ހެއްވާކަމެއް. އެތަކެއް ހާސް ފިރިހެނުންތަކުގެ ތެރޭގައި ބަރަހަނާގައި ނަށަން ކެރުނު. ދެން އޯކޭ. އަމިއްލައަށް ފެންނަގޮތެއް ހަދާ.” ޔުނާން ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
“ދެން އިތުރަކަށް ނުއެއް ތެމޭނެ. އަދިވެސް ހުންނަނީތަ؟” އިޝާ ހުރި ފިޔަވަޅުމަތީގައި ގުޑާލަންވެސް ނޭނގިފައި ހުރުމުން ޔުނާން ބަލާލިއެވެ.
“”ބަލާބަލަ މިހާރު. އެއްވެސް ފާހަގައެއްވެސް ނެތް.” ތެމިފޯވެގެން ގޮސް ގައިގައި ތަތްވެފައި އޮތް ޓޮޕް މައްޗަށް ނަގާ އިޝާ ހިއްލާލިތަން ފެނިފައި ޔުނާން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
“ހެޔޮ ނުވާނެ. އިރުއިރުކޮޅާއި ތި ހެދުމެއް ހިއްލާފަ މަށަށް ނުދައްކަބަލަ. އިޝާއަށް އެބަ އެގޭނު އެއްވެސް ކަމެއްވެފަ މިހާރު ނެތްކަން.” ޔުނާންގެ ވާހަކަތައް ހުރިގޮތުން އިޝާ ވީ ދެރައެވެ. އިސްޖަހާލައިގެން ހުރެ މަޑުހިނގުމެއްގައި އައިސް ޔުނާންގެ ސައިކަލް ފަހަތުގައި އިޝާ އިށީނެވެ.
“މަންމަ ކައިރީގައި ތި ކަމުގެ ވާހަކަ ދައްކާތި. މިހެން މިބުނީ އިޝާއަށް ރަނގަޅަކަށް.” ޔުނާން ސައިކަލް ދުއްވާލިއެވެ. ނަމަވެސް އިޝާ އެއްވެސް ވާހަކައެއް ނުދެއްކިއެވެ. ޔުނާންގެ އެ ހަރުކަށި މިޒާޖުން އިޝާގެ ހިތަށް މާބޮޑަށް ތަދުވީއެވެ.
“ކޮންއިރެއް މިހާރު އިންތިޒާރުކުރާތާ. ވިއްސާރައިގަ ތާށީވީތަ؟” ތެމިފޯވެގެން ދޮރުން ވަދެގެން އައި އިޝާ އާއި ޔުނާން ފެނުމާއެކު ދީމާ އެމީހުންގެ ގާތަށް ދިޔައީ ދުވެފައެވެ.
އިޝާ، ދީމާ އަށް ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
“މޯމް. އަހަރެން ނުކާާނަން. ދެން ހާރުކާނީ. ވަރަށް ޓަޔަޑް.” ޔުނާން ތެމިފައިވާ އޭނާގެ ފަން އިސްތަށިކޮޅުން ފެން ފޮޅަމުން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ދީމާގެ ޖަވާބަކަށް އިންތިޒާރުކުރުމެއްވެސް ނެތެވެ.
“މުޅިން ތެމިފޯވެއްޖެ ދޯ. ހިނގާ ރޫމް ދައްކާނަން.” އިޝާގެ ބޮލުގައި ދީމާ ފިރުމާލީ އޯގާތެރިކަމާއި އެކުގައެވެ.
“ރަމަޟާން މުބާރިކް” ކަންފަތުގައި އަޑު ޖެހުމާއެކުވެސް ޒުބޭދާގެ އަޑެއް ދީމާއަކަށް ނޯޅުނެވެ. ކިތަންމެ ހިތް ފޫހިވި ކަމުގައިވިޔަސް ދީމާ ޒުބޭދާއާއި ކުރިމަތިލީ ހިނިތުންވެލަމުންނެވެ.
“އަހާން. ދީމާ. މިފަހަރު ހާދަ ތަފާތު ރޯދަ ހަދިޔާއެއް ތި ލިބުނީ.” ހަސަދަވެރިކަމުން ފުރިގެންވާ ބެލުމަކުން ޒުބޭދާ އިޝާގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ.
“އަސްލުވެސް. މިފަހަރު މި ލިބުނީ ވަރަށް ތަފާތު ވަރަށް ލޯބި ރޯދަ ހަދިޔާއެއް.” ދީމާ އިޝާ އާއި ދިމާއަށް ބަލާލީ ފަޚްރުވެރި ކަމާއެކުގައެވެ.
“ދެން ރަނގަޅުތާ. ވާރޭ ހުއްޓާލީމަ ހަމަ އައިސް ވަދެލީ.” ޒުބޭދާ ހިނގައިގަތީ ގެއިން ނިކުތުމަށެވެ. ނަސީބެކޭ ދީމާގެ ހިތަށް އެރިއެވެ. ދެކޮނޑު އަރުވާލަމުން އިޝާގެ އަތުގައި ހިފައިގެން ދީމާ ހިނގައިގަތީ އިޝާއަށް ތައްޔާާރުކުރެވިފައިވާ ކޮޓަރި ދައްކާލުމަށެވެ.
“ހިތްހަމަ ޖެހޭތަ؟” ދީމާ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށްވަނެވެ. ފަހަތުން އިޝާވެސް ވަނެވެ. އެ ތަނަވަސް ބޮޑު ކޮޓަރިއަށް ވަށައިގެން އެނބުރެމުން އިޝާ ބަލަމުންދިޔައެވެ. މުޅިކޮޓަރިތެރެ އެއް ވަސް ވެފައިވަނީ ކޮޓަރިތެރޭގައި ބެހެއްޓިފައިވާ މާޓުކުރިތަކުގެ މީރު ވަހުންނެވެ. ޗޮކްލެޓް ކުލައިގެ ފަރުނީޗަރު ތަކާއި ކޮޓަރީގައި ލާފައި ހުދުކުލަ ވަރަށް ގުޅެއެވެ.
“ހިތްހަމަ ނުޖެހެނީތަ ކޮޓަރިއާމެދު.” އިޝާ ވަށައިގެން ބަލަމުންދާތީ ދީމާ ހީކުރީ އިޝާ ކޮޓަރިއާމެދު ހިތްހަމަ ނުޖެހެނީކަމަށެވެ.
“ނޫން. ވަރަށް ރީތި.” އިޝާ އަވަަސް އަވަހަށް ބުނެލިއެވެ.
“ތެތް އެއްޗެހި ބަދަލުކޮށްލައިގެން އާދޭ ކާން.” ދީމާ ހިނގައިގަތީ ބަދިގެ ފަރާތަށް ދިއުމަށެވެ.
ކޮޓަރި ތެރޭގައި ކޮޅު ކޮޅަށް ހިނގާލަ ހިނގާލަ ހުރި ޔުނާން ފިކުރު ބޮޑުވެފައިވާ ކަން އޭނާގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރު ހެކިދެއެވެ. މިރޭ ދިމާވި އާދަޔާ ޚިލާފް ހާދިސާ އަދިވެސް ލޯމައްޗަށް ސިފަވަނީއެވެ. ކަމީލާގެ އެކި ހަނދާންތައްވެސް އިރުއިރުކޮޅާއި ބޮލުގައި ކޮށްޓާލައެވެ. ދެއަތުން މޫނުގައި ފިރުމާލަމުން ޔުނާން އެނދުމަތީގައި އޮށޯވެލިއެވެ. ވެހެމުންދާ ބޯ ވާރޭގެ އަޑުން އިރެއްގައި ޔުނާންގެ ހިތަށް ހަމަޖެހުން ލިބުނު ކަމުގައިވިޔަސް މިރޭ އެއަޑުތައް ވެފައިވަނީ ޔުނާންގެ ބޮލަށް އިތުރަށްވާ އުނދަގުލަކަށެވެ. ކައިރީގައި އޮތް މަޑު ބާލީސް ނަގާ ޔުނާން އޭނާގެ މޫނު ބާލީހުން ފޮރުވާލަމުން ފިއްތާލިއެވެ. ފިކުރުތަކާއި ދުރުވޭތޯއެވެ.
ފެންވަރާ ތާޒާ ވެލުމަށްފަހު އިޝާ ލޯގަނޑު ކައިރިއަށް ހުއްޓިލިއެވެ. ޔަޤީނެވެ. މިރޭ އިޝާ ފެނިފައި ހަނދުވެސް ލަދުން ފިލާނެއެވެ. އެހާވެސް އިޝާ ފެންނަލެއް ނަލައެވެ.
ފަނޑު ހިނިތުންވުމެއް ލޯގަނޑުން ފެންނަ އަމިއްލަ ސޫރައަށް ހަދިޔާކޮށްލުމަށްފަހު އިޝާ ކޮޓަރިން ނިކުތެވެ.
ކާމޭޒު ދޮށުގައި ތިބި ޔާސިރު އާއި ދީމާ އަށް އިޝާ ފެނިފައި ތިބެވުނީ ކަޅިވެސް ޖަހާނުލާ ބަލާށެވެ.
“މާތްﷲ އެސްފީނާތަކުން ސަލާމަތް ކުރައްވާށި.” އިޝާ ކައިރިއަށް އައިސް ހުއްޓުމުން ދީމާގެ މައިވަންތަކަމުގެ ލޯބިން އިޝާގެ ހިތްފުރުނެވެ.
“ކޮބާ އިޝާ. ފޫހިތަ މިގެއަށް އައީމަ.” ހިތާހިތުން އިޝާގެ ރީތި ސިފައަށް ތައުރީފް ކުރަމުން ޔާސިރު އިޝާގެ މޫނަށް ބަލާލިއެވެ.
“ނޫން.” އިޝާ ދިނީ ކުރު ޖަވާާބެކެވެ. އަދި އެގެޔަށާއި އެމީހުންނަށް އިޝާ ބީރައްޓެހީއެވެ.
މިހާރު އިޝާއަކީ ކުރީގެ އިޝާ ނޫންކަމަށްވެސް ވެދާނެއެވެ. އެއްވެސް މީހަކަށް އިޙްތިރާމް ކުރަން ނުދަންނަ ގަދަ ބަސް ބުނާ އިޝާގެ އަނގައިން ބަސް ހުސްވެފައިވާ ކަހަލައެވެ. ކައި ނިމުނުއިރުވެސް އިޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ބައެއް ފަހަރު ދީމާ އާއި ޔާސިރު ދައްކާ މަޖާ ވާހަކައިން އިޝާ ހީލައެވެ.
ޔުނާން އަށް ކުއްލިއަކަށް ހޭލެވުނީ ހޫނުވާތީއެވެ. އޭރު މުޅި މީހާއޮތީ ދާހިއްލާ ފޯވެފައެވެ. ޔުނާން އަށް ނިދުނީ ކޮޓަރީގެ އޭސީވެސް ފަންކާވެސް ނުޖައްސައެވެެ. އޭރުވެސް ޔުނާންގެ މަންމަ ދީމާ ހުއްޓާނުލާ ޔުނާންގެ ކޮޓަރީގެ ދޮރުގައި ޖަހަމުން ޔުނާންއަށް ގޮވަނީއެވެ.
“ހޭލައިފީމޭ.” ޔުނާން އަޑުގެ ނެތްކޮޅަށް ގޮވާލުމަށްފަހު އެނދުން ތެދުވެގެން ގޮސް ފާހާނާއަށްވަނެވެ.
އާ ދުވަހަކަށް އިރު ފެނުން ތޮޅިލީ ބަރަކާތްތެރި ރަމަޟާން މަހަށް މަރުޙަބާ ކިޔަމުންނެވެ. ފަތިސް ނަމާދަށް ހޭލިގޮތަށް ދީމާ ނުނިދާ އުޅުނީ ގޭގެ ބަގީޗާތެރެ ސާފުކުރުމުގެ މަސައްކަތުގައެވެ. ދުނިޔެއަށް އަލި ވިލުނުއިރުވެސް ދީމާ އުޅުނީ ހަމައެކަމުގައެވެ.
“ދީމާ. ހާދަ ބުރަކޮށްލައިގެން. އެހެންނޭ ވާނީ އެކަހަލަ ކުދިން ޅީދަރިންނަށް ހަދައިގެން ގެންނަންޏާ.” ގޭގެ ދޮރޯށި ހުޅުވާލާފައި ވަން ޒުބޭދާގެ އަޑަށް ދީމާ އިސްއުފުލާފައި ބަލާލިއެވެ.
“މީ މިގޭ ޅީދަރިއެކޭ ކަލޭ ކައިރީގައި ކާކު ބުނީ.” ޒުބޭދާ އާއި ދީމާ ސިއްސައިގެން ދިޔައީ އެކު އެކީގައެވެ. އިޝާގެ އަޑުގައިވާ ހަރުކަށިކަމުން ޒުބޭދާއަށް ހިންދިރުވާލެވުނީވެސް ބޭއިޚްތިޔާރުގައެވެ.
“ދީމާ. ފިސާރި ކަބަލެއް ތިހުރީ ލިބިފަ. ކުރިމަތީގައި ބަސް ބުނެ ޖަދަލު ކުރުމަކީ ފެޝަނެއް.” ޒުބޭދާ ލޮލުގެ ހިމަކަޅިން ދީމާއަށް ބަލާލަމުން މަލާމާތުގެ ފާޑަކަށް ހިނިތުންވެލިއެވެ. އިޝާ އަނގަ ހުޅުވާލީ ޒުބޭދާއަށް ވަރުގަދަ ރައްދެއްދިނުމަށެވެ. ނަމަވެސް ބޮލަށް އެރި އެނބުރުމާއެކު އިޝާއަށް އޯކާ ދެމުނެމެވެ. އަނގަމަތީގައި އިޝާއަށް އަތް އެޅުނުއިރު ހޮޑުވެސް ލެވިއްޖެއެވެ. އިޝާއަށް ހީވީ އޭނާގެ ފައިދަށުން ބިންގަނޑު ދެމިގަތް ހެންނެވެ. ބަނޑުގައި އަތް ހާކާލެވުނީ ބޭއިޚްތިޔާރުގަ އެވެ.
ކުއްލިއަކަށް ޔުނާން ފެނުމުން ޔާސިރު ވެސް ހުރީ ހާސްވާ ގޮތްވެފައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ހަމަޖައްސާ ނިންމިއިރު އެދަރިފުޅު ކައިރީގައި އަހާވެސް ނުލެވުނީތީއެވެ.
ޔާސިރުގެ ހިތުގައި ޔުނާން އާ ދޭތެރޭގައި އޮތް ޔަޤީންކަން އެހާވެސް ބޮޑެވެ. ޔާސިރުގެ އެދުމާއި ޔުނާން ދެކޮޅު ނުހަދާނެކަމަށް ޔާސިރު ޤަބޫލު ކުރާތީއެވެ.
“ދަރިފުޅު. ކިހިނެއް ފުރަތަމަ ދުވަސް ދިޔައީ ޖޮބްގެ؟” ވެފައި ހުރި ހާސްކަން ފޮރުވުމަށްޓަކާ ޔާސިރުއަށް ވާހަކަ ދެއްކުނީ ވަރަށް އުނދަގުލުންނެވެ.
“ޑޭޑް. އިޝާ އާއި އަހަރެންގެ ކައިވެންޏޭ.” ޔާސިރު މައުޟޫއު އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް ޔުނާން އެގޮތެއް ބޭނުމެއްނުވިއެވެ.
“ދަރިފުޅުގެ ރުހުން ހޯދަން އަހާލާ ވާހަކަ މިބުނީ. އިޝާ ބޭނުން ދަރިފުޅާއި ގުޅެން. ޑޭޑް އަށް ވެސް އިޝާ ވަރަށް ކަމުދޭ.” ޔާސިރު މަޑުމަޑުން ހިނގާފައި ގޮސް ޔުނާންގެ ކުރިމަތީގައި ހުއްޓުނެވެ. ޔުނާން އަށް އިސްޖަހައިލެވުނެވެ. އިޝާ އާއި މެދު އެކަހަލަ ނަޒަރަކުން ވިސްނާކަށްވެސް ޔުނާންގެ ހިތެއް ނޭދެއެވެ. ދީމާ އަށް ހުރެވުނީ ޔުނާންގެ އިސްޖެހިފައިވާ މޫނަށް ބަލާށެވެ.
“ޔުނާން. ދަރިފުޅު ހިތްހަމަނުޖެހޭ ކަމެއްނަމަ އެކަމެއް މަންމަމެން ނުކުރާނަމޭ.” ޔުނާންގެ ހަމަހިމޭންކަމުން އެކަމަކީ ޔުނާން މާ ގަޔާވާ ކަމެއް ނޫންކަން ދީމާ ދެނެގަތެވެ.
“ވިސްނާނަން.” ޔުނާން އިސްޖަހައިގެން ހުރެ އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
އެވަގުތު ސިޓިންގރޫމްގައި ހުރި ބޮޑު ތަނބު ކައިރީގައި ހުއްޓިލައިގެން ހުރި އިޝާ އެއްފަރާތަށް ޖެހިލަމުން އެތަނބުގެ ނިވަލަށް ވަނެވެ. ޔުނާންގެ މޫޑު ހުރިގޮތާއި އެތަނުގައި ދެއްކި ހުރިހާ ވާހަކައެއް ހަމަ ރަނގަޅަށްވެސް އިޝާއަށް އަޑުއިވުނެވެ. ފިިކުރު ބޮޑުވެފައި ހުރި އިޝާގެ ފިކުރުތައް ހައްތަހާވީ އިތުރެވެ. ދުނިޔެއަށް ފަލީޙަތްވުމުގެ ކުރިން ވަކިގޮތަކަށް އެކަން ނިންމަން އިޝާ އަށް ޖެހޭނެއެވެ. ޔުނާންއަށް ޖެހޭނީ އިޝާއާ އިންނާށެވެ. އިޝާގެ އަމިއްލަ ޒަމީރު އިޝާއަށް ވިސްނައިދެމުން ދިޔައެވެ.
ކޮޓަރި ތެރެއަށް ވަން ގޮތަށް ޔުނާން އަތުގައި އަޅުވާލައިފައި އޮތް އޭނާގެ ހުދު ކޯޓް އެނދުމައްޗަށް ނަގާ ހޫރާލިއެވެ. މަންމެންނަށް އިޝާ ކަމުދާންވީ ކީއްވެ ހެއްޔެވެ؟ އިޝާގެ އުޅުމާއި މިޒާޖު މަންމަމެންނަށް ނުވެސް އެނގިހުރެ އެފަދަ ނިންމުމެއް ނިންމައިގެން ނުވާނެ ނޫން ހެއްޔެވެ؟ ބާލީސް ދަށުގައި އޮތް ކަމީލާގެ ފޮޓޯގަނޑު ނަގަމުން ޔުނާން އެނދުގައި އިށީނދެލިއެވެ. ފެންކަޅިވެފައިވާ ޔުނާންގެ ދެލޯ ބަރުވެގެން ދިޔުމާއެކު އަށް ދެލޯ މަރާލެވުނެވެ.
“ފެނޭ ހެއްޔެވެ؟ އަހަރެން އުޅޭ ހާލު ފެނޭ ހެއްޔެވެ؟ ކަމީލާ ތިހުރީ ކޮންތާކުހެއްޔެވެ؟ ފޮނި ހުވަފެން ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަދިވެސް އިންތިޒާރުގައި ހުރިކަން ނޭނގެނީ ހެއްޔެވެ؟” އާވާރާއެއް ފަދައިން ޔުނާން އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައެވެ. ކަމީލާގެ ލޯބި ހިތުގެ އެންމެ ފުންމިނުގައި ފޮރުވައިގެން ޔުނާން އަށް ލިބެމުންދަނީ އިންތިހާ ދަރަޖައިގެ ވޭނެވެ. ނަމަވެސް އެވޭނުން ވެސް ޔުނާން އަށް ލިބެނީ ހިތްހަމަޖެހުމެކެވެ.
ކޮޓަރި ދޮރުގައި ޓަކި ޖެހި އަޑު ކަންފަތުގައި ޖެހުމާއެކު ޔުނާން އޭނާގެ އަތުގައި އޮތް ފޮޓޯގަނޑު ބާލީސްދަށަށް ލައި ފޮރުވިއެވެ. ދެއަތުން މޫނު ފޮހެލަމުން ޔުނާން ގޮސް ދޮރު ހުޅުވާލިއެވެ.
“ކޮބާތަ ފޯނު. ހާދަވަރަކަށް ގުޅައިފީމޭ.” ދޮރުމަތީގައި ހުރި ސާހިލް ފެނުމާއެކު ޔުނާން ހިތްހަމަ ޖެހުނެވެ. މިވަގުތު ޔުނާން އެހުރީ މަޝްވަރާކޮށްލާނެ އެކުވެރިއަކަށް ބޭނުންވެފައެވެ.
“ހިނގާބަލަ ބޭރަށް ގޮސްލަން.” ހޮސްޕިޓަލުން އައި ގޮތަށް ފްރެޝްވެސް ވެނުލާ ޔުނާން ބޭނުންވީ ބޭރަށް ގޮސްލާށެވެ. ގޭތެރޭގައި ހުރެގެން އެއްވެސް ވާހަކައެއް ދައްކަން ޔުނާން ބޭނުންނުވަނީއެވެ.
“އަނެއްކާ ކަމެއް ގޯސްވީތަ؟” ޔުނާންގެ ފުސްވެފައިވާ މޫނުފެނިފައި ޔުނާން އަށް ކަމެއް ވެއްޖެކަން ސާހިލް އަށް އެނގުނެވެ. ނަމަވެސް ޔުނާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ފަހަތުން ސާހިލްވެސް ހިނގައިގަތެވެ.
“ޔުނާން. ރޯދަ ތަ؟” ޒޯނުން ސައިކަލް ނެރެނިކޮށް މާޝީ ޔުނާންގެ ކައިިރިއަށް އައިސް ހުއްޓުނެވެ.
“ރޯދަވާނެ ދޯ ދެން. ތިހެން އަހާއިރުވެސް އެނގޭނެއެއްނު.” މޫޑް ގޯސްވެފައިހުރި ގަޑިއެއްގައި އެގޮތަށް މާޝީ ސުވާލުކުރުމުން ޔުނާން ގާތަށް އައީ އަމަށަކު ރުޅިއެއްނޫނެވެ.
“ހާދަ ރުޅި އައިސްފަ.” މާޝީ ސައިކަލްގެ މުށްގަނޑުގައި ހިފަހައްޓާލިއެވެ.
އެވަގުތު ސާހިލްވެސް އައިސް ޔުނާންގެ ސައިކަލް ފަހަތުގައި އިށީނދެލިއެވެ.
“އަހަންނަކަށް ހިއެއް ނުވޭ ކަލޭ ރޯދަހެންނެއް. ލައިގެން ތިހުރި ބަރަހަނާ ހެދުމާއި މީހާގެ ސިފަ ނޭނގޭވަރަށް ކޮށްފައި ހުރި މޭކަޕުން ހަމަ ރަނގަޅަށްވެސް އެކަން ސާބިތުވޭ.” ޔުނާން ސައިކަލް ދުއްވާލީ މާޝީ ރަކި ކޮށްލާފައެވެ.
“ޔާރައްބީ. އެމަންޖެ ހާދަ ހަރޓް ވާނޭ. ކާކުތަ އެއީ؟” ސާހިލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
“ކައިރި އަވަށްޓެރި ޒުބޭދާގެ ދަރިއެއް. ޒުބޭދާ އޭ ބުންޏަސް އެއީ ފިސާރި ކަނބަލެއް. ނުބެހޭ ކަމެއް ނޯންނާނެ.” ޔުނާން އިނީ ރުޅި އައިސްގެން ގޮސް ދަތްކުނޑި ވިކިފައެވެ.
ސާހިލް އިތުރު އެއްޗެއް ނުބުނެ ޔުނާން ދާތަނަކަށް ދެވެންދެން އިނީއެވެ. ބުނެވޭ އެއްޗަކުން ޔުނާާން ރުޅި އައިސްދާނެތީއެވެ.
ޔުނާން ސައިކަލް މަޑުކޮށްލީ ރަސްފަންނުގެ ހިތްފަސޭހަ މާހައުލަށެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތުކަމުން މީހުންތަކުން މުޅި ރަސްފަންނު ވަނީ ފުރިފައެވެ.
“ޝަހާދަތް މިބުނީ. ގޭގައި މަޑުވެގެން ތިބޭކަށް ނޭނގޭނެ. މުޅި މި ސަރަހައްދު ހިފާލާފައި.” ވަށައިގެން ފެންނަން ތިބި ގިނަ މީހުންތައް ފެނިފައި ޔުނާންގެ ބޯހާސްވިއެވެ.
“ކިހިނެއްވެގެންތަ ތިއުޅެނީ. ހިނގާބަލަ އެހުރީ ހުސް ކުޑައެކޭ. އެތަނުގައި އިށީނދެލަން.” ސާހިލް އަތުގެ އިޝާރާތުން މާދުރުނޫން ހިސާބެއްގައި ހުރި ކުޑައެއް ދައްކާލިއެވެ. ޔުނާންގެ ފިޔަވަޅުގެ ހަލުވިކަމުން ހީވީ އެތަނުގައި އެހެން މީހަކު އިށީނދެ ދާނެތީ ގޮސް އިށީން ހެންނެވެ.
“ތިގޭގައި އިޝާ ކީއްކުރަނީ. މަށަށް އަންގާވެސް ނުލަމެއްނު.” ސާހިލް ދަތްދޮޅީގައި އަތް ވިދެލަމުން ޔުނާންގެ މޫނަށް ބަލާލިއެވެ.
“ހެޔޮނުވާނެ ތި އިޝާއެއްގެ ނަންވެސް ނުގަނޭ. ދުއްޕާނާ ހަމައޭ މިހާރު.” ޔުނާންގެ ރާގުގައި ވަނީ އަމުރުވެރިކަމެވެ. ސާހިލް އަށް ހައިރާންވެފައި ބަލަހައްޓައިގެން އިނދެވުނީއެވެ.
“ފެމެލީ ބޭނުންވަނީ އަހަރެން އިޝާ އާ މެރީ ކުރަން.” ޔުނާން ފުން ނޭވާ އެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
“ދެން އިޝާ ބުނަނީ ކީކޭ.” ސާހިލްއަށް ކުއްލިއަކަށް އަހާލެވުނެވެ.
“އިޝާވެސް ބޭނުމޯ. ދެން ނޭނގެ އަހަންނަކަށް. ސާހިލްއަށް އެނގޭނު އިޝާ. މަސްތުގެ ހާލަތުގައި އަޅާފައި އޮންނަ އެންމެންގެ ތުންފުއްސެއް ކަހަލަ މީހެއް.” ޔުނާން ހިތުގައި އިޝާއަށް ވަނީ އިންތިހާ ދަރަޖައިގެ ނަފްރަތެވެ. އެކަން ހަމަ ރަނގަޅަށްވެސް ޔުނާންގެ ވާހަކަތަކުން ދޭހަވެއެވެ.
“ޔުނާން ލޯބިވާ ކުއްޖެއް ހުންނަނީދޯ.” ހިތުގައި އުފެދިފައިވާ ޝައްކު ސާހިލް ބޭނުންވީ ޔަޤީން ކުރާށެވެ.
ޔުނާން ހިމޭންވިއެވެ. ނަމަވެސް އަމިއްލަ ހިތާއި ދެކޮޅަށް ކަމީލާގެ ވާހަކަ ސާހިލްއާއި ހިއްސާކޮށްލިއެވެ.
“ޔުނާން. އިޝާއަކީ ގޯސް ކުއްޖެއް ނޫން. އެކަނި އުޅެ ބޮޑުވީ ބައްޕައެއްގެ ކައިރީގައި ހުރެ. ބަޓް އިޝާ އަކީ މޮޑަން ކުއްޖެއް. އަހަރެންވެސް ރާބޮން. ޔުނާާން ބުނެފާނަންތަ އަހަރެން ގޯސްމީހެކޭ.” ސާހިލް ވާހަކަ ދައްކަމުން ދިޔައިރު ޔުނާން އިނީ ފަރުވާތެރިކަމާއެކު އަޑުއަހާށެވެ.
“ދެން ތިބުނީ ކަމީލާގެ ވާހަކަ. އަމިއްލައަށް ޔުނާން ދޫކޮށްލާފަ ދިޔައީ. އުޅޭ ތަނެއް ވީ ހިސާބެއްވެސް އެނގެނީއެއްނޫން. އެއްވެސް މީހަކީ ޕަރފެކްޓް މީހެއްނޫން. އިޝާގެ ގޯސް އާދަތައްވެސް ރަނގަޅު ކުރެވިދާނެ. މީހަކު ކުރާ އެންމެ ވިޔާނުދާ ކަމަކުން އެމީހަކީ ގޯސްމީހެއް ގޮތަށް ޖަޖް ކުރާކަށްނުވާނެ.” ސާހިލް މަސައްކަތް ކުރީ ޔުނާން އަށް ވިސްނައިދޭށެވެ.
“ވަރިހަމަ. ކަމީލާ ނުލިބުނަސް މަށެއް އެ އިޝާ އަކާ ނުއިންނާނަން.” ޔުނާން އޭނާގެ ފަހުގެ ނިންމުން ހާމަކޮށްލިއެވެ. ސާހިލް އެތައް ވާހަކައެއް ދެއްކުމުންވެސް ޔުނާން ޤަބޫލެއްނުކުރިއެވެ.
ކާމޭޒުމަތި ތައްޔާރުކޮށް ނިންމާލަމުން ދީމާ ހިންދެމިލިއެވެ. ކައިރީގައި އިޝާ ވެސް އަތް ގާތްކޮށްދޭން އުޅެއެވެ.
ޔުނާން ބޭރުން އައިސް ގެޔަށް ވަނީ އެވަގުތުއެވެ. އިޝާ ފެނުމާއެކު ޔުނާން ވީ ފޫއްސެވެ.
“ދަރިފުޅު ބޭރަށް ދިޔައީ ކޮންއިރަކު. ބަންގި ގޮވަނީ އޭ މިހާރު. ރޯދަ ވިއްލަން އާދޭ.” ދީމާ ހިނިތުންވެލިއެވެ. އަދި ވަރަށް ލޯބިން ޔުނާންގެ އިސްތަށިކޮޅުގައި ފިރުމާލިއެވެ.
ޔުނާން ގޮޑިއެއް ދަމާލަމުން އިށީނދެލިއެވެ.
“ކޮބާ ޑޭޑް؟” ޔުނާން މޭޒުމަތީގައި އަތުރާފައިވާ ކާއެއްޗެއްސާއި ދިމާއަށް ނަޒަރު ހިންގާލިއެވެ.
“މިއައީ ޑޭޑް. ހަމަ ހިތަށް އަރުވާލީމަ މިއައީ.” ޔާސިރު ސަމާސާ ކޮށްލީ ގަސްތުގައި ޔުނާންގެ މޫޑު ރަނގަޅު ކޮށްލާށެވެ. ފަނޑު ހިނިތުންވުމެއް ހަދިޔާ ކޮށްލި ނަމަވެސް ޔުނާން އުފަލެއްނުވެއެވެ.
އިޝާގެ ނަޒަރު އެންމެ ސިކުންތުކޮޅަކަށްވެސް ޔުނާންގެ މޫނުން ވަކިނުވެއެވެ. އިޝާގެ ހިތް ނުތަނަވަސްވަނީއެވެ. މިވަގުތު ޔުނާންގެ އެހީތެރިކަން އިޝާއަށް ވަރަށް މުހިއްމެވެ.
“ޔުނާން. މިރޭ އިޝާ ގޮވައިގެން ޝޮޕަކަށް ދެވޭނެތަ؟ މަންމަ އެބަޖެހޭ ބައްޕަ ގޮވައިގެން ހޮސްޕިޓަލަށް ދާން މިރޭ.” ދީމާ ޔުނާން ކައިރީގައި އަހާލީ ވަރަށް ފަސްޖެހިފައި ހުރެ އިޝާގެ އެދުމުގެ މަތިންނެވެ.
ޔުނާން ބޯޖަހާލުމާއެކު އިޝާގެ މޫނު އުފަލުން ފޮޅިގެން ދިޔައެވެ. ރޯދަވީއްލުމަށްފަހު ޔުނާން އާއި ޔާސިރު މިސްރާބު ޖެހީ މިސްކިތާއި ދިމާއަށެވެ. އިޝާ އާއި ދީމާ ތަށިތަކާއި މޭޒުމަތި ސާފުކުރުމުގެ މަސައްކަތުގައި އަވަދިނެތި އުޅެގަތެވެ.
ކަޅުފޮއެ ރެއެއްގެ އަނދިރިކަން ރަސްކަން ކުރަމުންދާތީ އެއްވެސް އަލިކަމެއް ދުނިޔެމަތީގައެއް ނެތެވެ. ބެލްކަނީގެ ދޮރުގައި ލެގިލައިގެން ހުރި ޔުނާން ވިސްނަމުން އެދަނީ މީގެ ދުވަސްކޮޅެއްކުރިން އޭނާޔާ ދިމާވި އާދަޔާ ޚިލާފްކަންތައްތަކާއި މެދުއެވެ. އެކަންތަކުން ސަލާމަތްވި އިރަށް މިހާރު އަނެއް ކަމެކެވެ.
“ޔުނާން.” އިޝާގެ ވައި އަޑު ކަންފަތުގައި ޖެހުމާއެކު ޔުނާންގެ ގައިން ހީބިހި ނަގައިގެން ދިޔަ ކަހަލައެވެ. ތެޅިގެންފައި ޔުނާންއަށް އެއްފަރާތަށް ޖެހެވުނެވެ.
ހިނިތުންވެފައި ހުރި އިޝާގެ ފައިން ފެށިގެން ބޮލަށް ޔުނާންއަށް ނަޒަރު ހިންގާލެވުނީ ބޭއިޚްތިޔާރުގައެވެ. ޔުނާން އަށް ކުރިމަތީގައި ފެންނަން ހުރި އިޝާ އަލެވެ. ލައިގެން ހުރީ އެހެންޏާ ނުލާ ޒާތުގެ ނިވާކަން ބޮޑު ހެދުމެކެވެ. ރޯދަމަސް ވީމާ ކަމަށްވެސް ވެދާނެއެވެ.
“ރީތި ތަ؟” ޔުނާންގެ ބެލުންތަކުން އިޝާއަށް ލިބުނީ ހިތްހަމަޖެހުމެވެ.
“ތީ ދައްކާ ދަޅައެއްތަ؟” ޔުނާން މަލާމާތުގެ ފާޑަކަށް ހީލިއެވެ.
“ޔުނާން ހިތް ބުނަނީ އެހެންތަ؟” ދަޅައެކޭތަ؟” އިޝާ ޔުނާންއަށް ފުރަގަސްދިނެވެ.
“އަހަރެންގެ ހިތް ބުނާހާ އެއްޗެއް އިޝާއަށް އެނގެން ޖެހޭތަ؟” ޔުނާންގެ ރާގުގައި ވަނީ ހަރުކަށިކަމެވެ.
“އަހަރެންދެކެ ޔުނާން ތިހާ ރުޅި އަންނަނީ ކީއްވެ؟” އިޝާ އަދިވެސް ހުރީ ޔުނާންއަށް ފުރަގަސްދީގެންނެވެ. މިފަހަރު ޔުނާން އަނގަޔަކުން ނުބުންޏެވެ. އެސުވާލަށް ޖަވާބުދިނުން ޔުނާންއަށް މުހިއްމުކަމަށް ނުފެނުނީއެވެ.
“ޔުނާން މަށާ މެރީ ކުރަން ބޭނުން ނޫނީތަ؟” ޔުނާން އާ ދިމާއަށް އެނބުރެމުން އިޝާ ޔުނާންގެ އަތުގައި ހިފަހައްޓާލިއެވެ. އިޝާގެ ގައިން ދުވަމުން ދިޔަ ލުއި ލުއި މީރުވަސް ޔުނާންގެ ނޭފަތުގައި ޖެހުމާއެކު ޔުނާން އިޝާ އާ ހަތަރުކަޅި ހަމަކޮށްލިއެވެ.
“ޝޮޕިން އަށް ދަންޏާ އާދޭ ދާން.” ޔުނާން އިޝާގެ އަތް ދުރުކޮށްލަމުން ހިނގައިގަތެވެ. ނަމަވެސް އިޝާ ޔުނާން ލައިގެން ހުރި ގަމީހުގައި ހިފެހެއްޓިއެވެ.
“ދޫކޮށްލަބަލަ.” ދީމާގެ ހިނިގަނޑު މުޅި ކޮޓަރި ތެރޭގައި ގުގުމައިގެންދިޔައެވެ.
“އެހާ ފަސޭހައިން ކިހިނެއް ދޫކުރާނީ. ކިހާ ދުވަހެއް ވެއްޖެތަ މިގޮތަށް ދުރުގަ ހުންނަތާ.” ބިޔަ ދެއަތެއް ދީމާގެ ހަށިގަނޑު ވަށާލިއެވެ. ދީމާ އެ ތަނަވަސް މޭމަތީގައި ބޯއަޅާލީ އުފަލުންނެވެ. ހަލާލު ފިރިމީހާގެ ހަނދާނެއްނެތެވެ. މިފަދަ ބަރަކާތްތެެރި މައްސަރު ގެ ބިރެއްވެސް ނެތެވެ.
ދީމާ އޮތީ ހިތްހަމަ ޖެހިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިތްގައިމު ހިނިތުންވުމުން އެކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ.
“ޔުނާންއަށް އެނގިއްޖެއްޔާ އޯ.” ދީމާ މޯޅިއަކަށް ދެމިލަމުން އެއްވެސް ފޭރާމެއް ނެތް އޭނާގެ ހަށިގަނޑުގައި ބެޑްޝީޓް އޮޅާލިއެވެ.
ލާނެތްފާނޑަކަށް ހެވިފައި ދީމާގެ މޫނަށް ބަލަން އޮތީ ދެވަނަ ދެ މީހެއްނޫނެވެ. ޔުނާންގެ ގާތް އެކުވެރިޔާ ސާހިލްއެވެ.
“މިހާރު އަހަރެއްވެއްޖެއެއްނު މިކަމަށް. އަހަރެމެން އުޅޭގޮތަކުން އެކަކަށްވެސް ނޭނގެއެއްނު. އަނެއްކާ ކާކު ހީކުރާނީ މަންމައަކާއި ދަރިއަކާއި މިހެން އުޅޭނޭ.” ސާހިލްގެ ހިތުގައިވާ ޔަޤީންކަން އޭނާ ދީމާ އާ ހިއްސާކޮށްލިއެވެ.
“ފްރީއެއް ނުވާނޭ ކިޔާފައި ކިހިނެއްވީ ކުއްލިއަކަށް ތިހާ ޓައިމް ލިބުނީ.” ސާހިލް ދީމާގެ އިސްތަށިކޮޅުގައި ފިރުމާލިއެވެ.
“ފިރިމަނިކުފާނު ޑޮކްޓަރަށް ދައްކަން ދިޔައިރު އެޕޮއިންޓްމަންޓް ކެންސަލްވެފަ އިނީ. އެހެންވެ އޭނަ އޮފީހަށް ދިޔައީ. އެހެންނޫނަސް ތި އުފާ މަށަށް ވަރަށް މުހިއްމޭ.” ދީމާ ގައިމަތީގައި އޮތް ރަޖާގަނޑު ނަގާ ހޫރާލަމުން ސާހިލްއާ ދިމާއަށް އަތް ފުޅާ ކޮށްލިއެވެ.
ޔުނާންގެ ސައިކަލް ފަހަތުގައި އިން އިޝާ ވިސްނަމުން އެދަނީ ޔުނާންގެ ހިތުން ޖާގައެއް ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ. ޔުނާންއާ މިހާރު ކައިވެނި ނުކުރެވިއްޖެއްޔާ އިޝާގެ މުޅި ދިރިއުޅުން ހަލާކުވާނެކަން އިޝާއަށް ޔަޤީނެވެ.
“ނުފައިބަންތަ ތި އިންނަނީ.” ގޭގެ ދޮރުމައްޗަށް ޔުނާން އައިސް ސައިކަލް މަޑުކޮށްލިކަންވެސް އިޝާއަށް ރޭކާނުލިއެވެ. ޚިޔާލީ ކޯރެއްގައި ފަތަމުން ދެވުނީއެވެ.
“ޔުނާން. މަށަށް މާފްކޮށްފާނަންތަ؟” އިޝާގެ އަޑުގައިވަނީ ބަޔާން ނުކުރެވޭ ފަދަ ރިހުމެކެވެ.
“ކޮންކަމަކަށް.” ޔުނާން ވީ ހައިރާނެވެ. އިޝާ ކުރި ކަމެއް ޚުދު ޔުނާާން ވެސް ނުދެނެހުއްޓެވެ. އަދި އެހާ ގޮތުގައި ހުންނަ މީހެއް އެހެން މީހުން ކުރިމަތީގައި އިސްޖަހައިގެން ހުރީމައެވެ.
“ޖަސްޓް ފޯ އެވްރީތިން. ޔުނާން ހިތްހަމަ ނުޖެހޭގޮތަށް ކަމެއް ކުރެވިފައިވާނަމަ.”. އިޝާގެ ފުން ދެލޯ ހުއްޓިފައި ހުރީ ސީދާ ޔުނާންގެ ރީތި ދެލޮލަށެވެ.
“މިރޭ ހަމަތަ އަނެއްކާ؟” ޔުނާންގެ މަލާމާތުގެ ރާގުން އިޝާ ފެންކަޅިވިއެވެ.
އެއްވެސް އެއްޗެއް ނުބުނެ އިޝާ އަތުގައި ހުރި ކޮތަޅުތައް ހިފައިގެން ގެޔާއި ދިމާއަށް މިސްރާބު ޖެހިއެވެ. ޔުނާން އަޅާނުލިތާ ބަލާވެސް ނުލިއެވެ.
ހިތް ފުރޭ ވަރަށް ހިތް އުފާ ކުރުމަށްފަހު ދީމާ އަށް ގެޔަށް އާދެވުނުއިރު އެރޭގެ ބާރަ ޖަހަނީއެވެ. ދީމާ އެހާ ލަހުން އެއައީ ޔާސިރު ގޭގައި ނޫޅޭނެކަން އަދި ގެޔަށް އަވަހަށް ނާންނާނެކަން ޔަޤީންވާތީއެވެ. ދީމާ އަކީ ކިހާ މަކަރުވެރި އަންހެނެއް ހެއްޔެވެ؟ ފިރިމީހާ އާއި އެކީ އުޅޭއިރު ހީވަނީ ތެދުވެރި ލޯބީގެ މިސާލެއް ހެންނެވެ. އުމުރުން ސާޅީސް އަހަރުވީ ނަމަވެސް ހިތް އަދިވެސް ޒުވާނީ ކަމަށްވެސް ވެދާނެއެވެ. ދީމާއަށް ނުވިސްނޭ ކަމަކީ އެއްވެސް މީހެއް އެދުމެއް ނެތި ވެދުމެއް ނުކުރާނެކަމެވެ.
“ދައްތާ؟” އިޝާގެ އަޑުން ކޮޓަރިއަށް ވަންނަމުން ދިޔަ ދީމާ ދިޔައީ ސިއްސައިގެންނެވެ.
“އޭން. ކީކޭ.” ދީމާ އަވަސް އަވަހަށް ހިނިތުންވެލީ ލިބިފައިވާ ހާސްކަން ފޮރުވުމަށްޓަކައެވެ.
“ވާހަކައެއް ބުނަން ބޭނުން.” އިޝާ އިސްޖަހާލިއެވެ. ދީމާ އިޝާގެ އަތުގައި ހިފައިގެން ކޮޓަރި ތެރެއަށް ވަނެވެ. އަދި އެނދުގައި އިށީންނަމުން އިޝާގެ އިސްޖެހިފައިވާ މޫނަށް ބަލަން ފެށިއެވެ. އިޝާ ދައްކަން އުޅޭ ވާހަކަ އަޑުއަހަން އިން ކަހަލަ ގޮތަކަށެވެ.
“ދައްތަގެ ދަރިފުޅު އަހަންނާއި މެރީ ކުރަން ބޭނުން ނުވަނީ ކީއްވެ؟ ކީއްވެ އަހަރެން ދެކެ އެހާ ރުޅި އަންނަނީ.” އިޝާ އޭނާގެ މަޤްސަދު ހާސިލްކުރުމަށްޓަކައި ދެލޮލުން ކަރުނަ ބާލަން ފެށިއެވެ.
“އައްދޭ. ތީ އަދި ރޯ ވަރުގެ ކަމެއް ނޫނެއްނު. ޔުނާން ރުޅި އައިސްގެން އެއްޗެއް ބުނީތަ؟” ދީމާ އިޝާގެ ބޮލުގައި ފިރުމާލިއެވެ.
އިޝާ ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ.
“ދެރަނުވޭ. ޔުނާން އާއި މާދަން ދައްތަ ވާހަކަ ދައްކާނަން. ދެން ދޭ އަވަހަށް ނިދާލަން. ތިނެއް ޖަހާއިރު ހާރުކާންވެސް ހޭލަން ޖެހޭނެއެއްނު.” ދީމާ ބޭނުންވީ އިޝާ އަވަހަށް ފޮނުވާލުމަށްފަހު އަމިއްލަ ހަށިގަނޑު ވެފައިވާ ވަރުބަލި ކަން ފިލުވާލާށެވެ.
ދުނިޔެއަށް އަލިވިލުނު އިރުވެސް މުޅި ދުނިޔެއޮތީ ބަނަކޮށްލާފައެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެންނެވެ. ޔުނާން އަވަސް އަރުވާލާފައި ގެއިން ނިކުތީ ވާރޭ އޮއްސާލުމުގެ ކުރިން ހޮސްޕިޓަލާއި ހަމައަށް ދެވޭތޯއެވެ. ގޭގެ ދޮރު ލެއްޕުމަށްފަހު ގޯތި ތެރެއަށް ނިކުތް ޔުނާންގެ ފައިގައި ކަސްތޮޅު އަޅުވާ ހުއްޓުވާލީ ބަގީޗާ ތެރޭގައި މާތަކުން ވަސްބަލަމުން ދެކޮޅަށް ނަށަމުން ހެލެމުން ގެންދާ އިޝާއެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތެވެ. މިއުޒިކެއް ފަދަ އިޝާގެ އަޑުން ރީތި ރާގެއް އިއްވަމުން ހިނިތުންވަމުންދާއިރު އެތަނުގައި ޔުނާން ބަލަން ހުރިކަން އިޝާ ދެނެހުއްޓެވެ. ނޭނގޭ ކަމަށް ހެދެނީއެވެ. ހައްތާވެސް ޔުނާންގެ ސަމާލުކަން ހޯދުމަށް ކުރާ މަސައްކަތެވެ.
ކުއްލިއަކަށް އޮއްސާލި ބޯ ވާރެއާއެކު އިޝާގެ މަޤްސަދު ފުރިހަމަވެގެން ދިޔަކަހަލައެވެ. ދެއަތް ފުޅާ ކޮށްލަމުން އިޝާ ވެހެމުންދާ ބޯވާރޭ ތެރެއަށް މޫނު މައްޗަށް ހިއްލާލިއެވެ. ބޭނުމަކީ ވާރޭގެ ސާފު ފެނުން މޫނު ދޮވެލުމެއް ނޫނެވެ. ވާރޭގެ ފެނުން ހަށިގަނޑު ތެތްމާލުމެވެ. ލައިގެން ހުރި ތުނި ފޭރާން ގައިގައި ތަތްވެ އިޝާގެ ހިތްގައިމު ހަށިގަނޑުގެ ޖާދޫގައި ޔުނާން ޖެއްސުމެވެ. ވީ ވެސް އެހެންނެވެ. ޔުނާންގެ ސަމާލުކަން އިޝާ ހޯދައިފިއެވެ. ނަމަވެސް ވަގުތުކޮޅަކަށެވެ.
“މަންޖެ ފިލްމު ކުޅެނީތަ؟” ކުއްލިއަކަށް ދާދިގާތުން އިވުނު ޒުބޭދާގެ އަޑާއެކު އިޝާ ދިޔައީ ސިއްސައިގެންނެވެ. އޭރު ބޮޑުކުޑައެއް ބޯމަތީގައި ބަހައްޓައިގެން ނުލަފާ ހިންޏެއް އައިސްފައި ޒުބޭދާ ބަލަން ހުއްޓެވެ. ޔުނާން އަވަސް އަވަހަށް ގޭތެރެއަށް ދެމިގަތެވެ. ޒުބޭދާގެ އަނގަދަށުގައި ހައްޔަރުވެއްޖެއްޔާ ވާނެގޮތާއި އަދި އިޝާ އަށް ބަލަން ޔުނާން ހުރިކަން އެނގިއްޖެއްޔާ ވާނެގޮތް ޔުނާން އަށް ހަމަރަނގަޅަށްވެސް އެނގެއެވެ. ކޮންމެވެސް މޮޅު ވާހަކައެއް މުޅި ހިސާބުގަނޑުގައި ފަތުރާލާނެއެވެ.
“ކަލެއަށް ނޯވޭތަ ވަކި އިރެއް މިގެޔަށް އަންނަން.” އިޝާ ހިނގައިގަތީ ގޭތެރެއަށް ވަންނަންދާށެވެ.
“ކަލެއަށް ކީއް. ކަލެއާއި ބެހޭ ގެއެއްތަ މީ.” އިޝާގެ ދުލުގައި ޒުބޭދާ ތަޅު އަޅުވާލީ ނިކަން މޮޅަށެވެ. ނަމަވެސް އިޝާ ފަސްއެނބުރި ބަލާވެސް ނުލައެވެ. އަތުގެ ކޮޅަށް ދޮރު ލައްޕާފައި ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.
ކަމީލާ.” ބޭސް ސިޓީ ލިޔަން އިން ޔުނާންއަށް ހުއްޓުން އެރީ ކައިރީގައި އިން ބަލި ކުއްޖާ އެކުއްޖާގެ ނަން ބުނުމުންނެވެ. އަނެއްކާވެސް ހިތުގެ އެންމެ ފުނުގައި ރައްކާކޮށްފައިވާ ހަނދާންތައް ސިކުނޑީގައި އެނބުރިގަތެވެ.
“ހާދަ ލޯބި ނަމެއް.” ޔުނާން ހިނިތުންވެލިއެވެ. ހިތުގައިވާ ހުރިހާ ރިހުންތަކެއް ފޮރުވަމުންނެވެ. ދުވަހުގެ ހުރިހާ ވަގުތެއް ކަމީލާގެ ހަނދާނުގައި ޔުނާން ހޭދަކޮށްލީ އަަނެއްކާވެސް ކަމީލާގެ ހަނދާނުގައެވެ.
“ހެލޯ.” ކެބިންގެ ދޮރު ހުޅުވާލާފައި ވަތް ސާހިލްގެ އަޑަށް ޔުނާން އިސްއުފުލާ ބަލާލިއެވެ.
“ކަލޭ ވެސް ބަލީތަ؟ ޔުނާން ހިނިގަނޑެއް ޖަހާލިއެވެ.
“އާން. ހިތް ބަލީ.” ޔުނާންގެ ހުނުމުގައި ސާހިލްވެސް ބައިވެރިވެލިއެވެ.
“ކަލޭ މިހާރު ތަދު ބޭހަކަށްވެސް ފެނިނުލާ.” ޔުނާން ލައިގެން ހުރި ކޯޓް ބޭލިއެވެ.
“ކީއްކުރާނީ. އުޅޭލެއް ބިޒީކަމުން. ޔުނާންވެސް ގުޅާވެސް ނުލަމެއްނު.” ސާހިލް އަތުގައި އޮތް ފޯނު އަތު ތެރޭގައި އަނބުރާލަމުން ހިނިތުންވެލިއެވެ.
“މަގޭ ބްރޭކް ގަޑިއޭ. ހިނގާބަލަ ބޭރަށް ނިކުމެލަން.” ޔުނާން ގޮޑިން ތެދުވެ ހިނގައިގަތުމުން ފަހަތުން ސާހިލް ވެސް ތެދުވިއެވެ.
ބަދިގޭގެ މަސައްކަތް ނިންމާލުމަށްފަހު ދީމާ މިސްރާބު ޖެހީ ކޮޓަރިއާ ދިމާއަށެވެ. ފެންވަރާ ތާޒާ ވެލުމަށްޓަކައެވެ.
“އިޝާ. ޔުނާން ކޮޓަރި ތަންމަތި ރީތިކޮށްލާ ފޮޅާލައްޗޭ.” ދީމާ ހިނިތުންވެލަމުން ކޮޓަރިއަށް ވަދެ ތަަޅުލިއެވެ. އުފަލުން ގޮސް އިޝާ ދަތްކޮޅު ދިއްލާލިއެވެ. ދެފަޔަށް ލެވުނުހާ ބާރެއްލާފައި ދުއްވައިގަތެވެ. ޔުނާން ގެއަށް އަންނައިރު އިޝާ ޔުނާންގެ ކަންތައްތައް ކުރަން ހުއްޓާ ފެނިއްޖެނަމަ އުފާ ވާނެ އޭ އިޝާގެ ހިތް ބުނާ ކަހަލައެވެ.
ޔުނާންގެ ތަނަވަސް ބޮޑު ކޮޓަރިއަށްވަދެ އިޝާ ނަޒަރު ހިންގާލިއެވެ. އެކޮޓަރި ވަރަށް ތަރުތީބެވެ. ހަމައެކަނި ތަންމަތި އަޅާލަން ޖެހޭ ކަމެވެ. ކަރު އެލުވާލަމުން އިޝާ އެނދުމަތި ރީތި ކުރަން ފެށިއެވެ. ޔުނާން އަކީ ތަފާތު މީހެއްކަން އިޝާ އަށް ހަމަރަނގަަޅަށްވެސް އެނގިއްޖެއެވެ.
އެންމެ ފަހުން ކަމީލާ ފެނުނު ގޯޅި ކަންމަތީގައި ފާރުގައި ލެގިލައިގެން ޔުނާން ހުންނަތާ އެތައް އިރެކެވެ. ޚުދު ޔުނާންއަށްވެސް އޭނާ އެތާގައި އެހުރީ ކީއްވެ ކަމެއް ނޭނގެއެވެ.
އެނގޭހާވެސް ކަމަކީ އޭނާގެ ދެލޯ ކަމީލާގެ ސޫރަ އެންމެ ފަހަރަކު ނަމަވެސް ދެކިލަން އެދޭ ކަމެވެ. ނުތަނަވަސް ވެފައިވާ ހިތަށް ހަމަޖެހުމެއްވެސް ލިބޭނީ އޭރުކަން ޔަޤީނެވެ.
ނަމަވެސް ޔުނާންއަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ. ހިތަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. ފެންކަޅިވެފައިވާ ދެލޯ ފުހެލަމުން ޔުނާން މިސްރާބުޖެހީ ގެޔާއި ދިމާއަށެވެ.
“ދަރިފުޅު ހާދަ ލަސްވީ މިއަދު.” ސިޓިންގރޫމްގައި އިން ޔާސިރުއަށް ގެއަށް ވަތް ޔުނާން ފެނުމާއެކު ހިނިތުންވެލިއެވެ.
“ކުޑަކޮށް ބިޒީ ދުވަހެއް.” ޔުނާން މަޑެއް ނުކުރެއެވެ. ކޮޓަރިއާއި ދިމާއަށް ހިނގައިގަތީއެވެ. ޔާސިރު ވެސް އިތުރަށް ޔުނާން ހުއްޓުވާކަށް ނޫޅެއެވެ. ޔުނާން ހުންނާނީ ވަރުބަލިވެފައިކަން އެނގޭތީއެވެ.
“ނިހާން ގުޅި މިއަދުވެސް. އިޝާ އާއި ޔުނާންގެ ކައިވެނީގެ ވާހަކަ ދެއްކި.” ޔާސިރު ވާހަކަދައްކަން ފެއްޓީ ދީމާ އައިސް ކައިރީގައި އިށީންނުމުންނެވެ. އޭރުވެސް ޔާސިރުގެ ނަޒަރު ހުއްޓިފައިވަނީ ހުޅުވާފައިވާ ޓީވީ އަށެވެ.
“ދެން ޔާސިރު ކީކޭ ބުނީ.” ދީމާ އަވަސް އަވަހަށް އަހާލިއެވެ.
“ކީކޭ މަ ވަކި ބުނާނީ. ނިހާން ބޭނުންވަނީ ހަފްތާއެއް ތެރޭގައި އެ ކައިވެނިކުރަން. މިކޮޅުން ހަމަޖައްސަން ޖެހޭ ހުރިހާ ކަމެއް ކުރާނީ އޭނަ. ޔުނާން އާ ވާހަކަ ދައްކަންވެސް ބޭނުން ވާހަކަ ބުނީ. އަޅެ ދީމާ ޔުނާން އާ މިވާހަކަ ދައްކަބަލަ.” ޔާސިރު ހުރީ އިންތިހާ ދަރަޖައަށް ފިކުރުބޮޑުވެފައެވެ. ނިހާންގެ ކުރިމަތީގައި ޔުނާން އެކައިވެންޏާއި މާ ގަޔާ ނުވާކަން ބުނާނެހާ ހިތްވަރު ޔާސިރުގެ ގައިގައި ނެތީއެވެ.
“މިރޭ ތި ވާހަކަ ދައްކާނަން.” ދީމާ ބޯޖަހާލިއެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޔުނާން ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަވެސް ނޭފަތުގައި ޖެހުނީ ލެވެންޑަރގެ މީރުވަހެވެ. ޔުނާންއަށް ސިހުމެއް ލިބުނީ ސޯފާގައި ނިދިފައި އޮތް އިޝާ ފެނުނީމައެވެ. އިޝާގެ ފަން އިސްތަށިކޮޅުން ބައެއް މޫނުމައްޗަށް ވެއްޓިފައި އޮތުމުން އެ ދޮން މޫނުން ފެންނަނީ ތަންކޮޅެކެވެ. ޔުނާންއަށް ހުރެވުނީއެވެ. ކަޅިވެސް ޖަހާލަން ނޭނގިފައެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅުމަށްފަހު ޔުނާން ހުއްޓުނެވެ. ދެން ޖެހެން ފެށީ ފަހަތަށެވެ. މަޑުމަޑުންނެވެ. އެންމެ ފަހުން ނިކުތީ ބޭރަށެވެ.
“މަންމާ. އިޝާ އެބައޮތް ނިދާފައި. ގޮވާބަލަ ގޮސް.” ޔުނާން ވާހަކަދެއްކީ ލަދުންހުރެއެވެ.
“އަނެއްކާ ކިހިނެއްވީތަ؟ ދަރިފުޅު އިޝާ ހޯދަނީ ތި ކީއްކުރަން.” ދީމާ ވީ ފާޑަކަށް ހައިރާނެވެ. މި ނޫނީ ދުވަހަކުވެސް ޔުނާން އިޝާ ހޯދާކަށް ނޫޅޭވިއްޔާއެވެ.
“ކަމެއް ނުވޭ. އިޝާ ނިދާފައި އޮތީ އަހަރެންގެ ރޫމްގައޭ.” ޔުނާން އޮޅުންފިލުވައިދިނެވެ. އިޝާއަށް ގޮވާދޭށޭ ބުނީ ކީއްވެކަމެވެ.
“އާން. މިއަދު ޔުނާން ކޮޓަރިތެރެ ސާފުކޮށްދިނީ އިޝާއޭ. މަންމަ ބިޒީކޮށް އުޅުނީމަ.” ދީމާ ތެދުވެގެން ހިނގައިގަތީ އިޝާއަށް ގޮވާށެވެ. ޔުނާން ހުރިގޮތަށް ހުރީއެވެ. ޔުނާން އެކޮޓަރިއަށް ވަންނަން ބޭނުންވަނީވެސް އިޝާ އޭނާގެ ކޮޓަރިން ނިކުތީމައެވެ.
ކުޑަ އިރުކޮޅެއްފަހުން ދީމާ ނިކުތީ އިޝާ ގޮވައިގެންނެވެ.
“ރޯދަ ވީއްލަން އާދޭ ދަރިފުޅު އަވަހަށް އެއްޗެހި ބަދަލުކޮށްލައިގެން.” ދީމާ ޔުނާންއަށް ބަލާލަމުން ހިނގައިގަތީ ބަދިގެ ފަރާތަށެވެ. އިޝާގެ ދެލޯ ޔުނާންއަށް އަމާޒުވެފައި ހުރިކަމުގައި ވިޔަސް ޔުނާން އިޝާއާ ދިމާއަށް ބަލާވެސްނުލިއެވެ.
ޖެހެމުންދިޔަ ހިތްގައިމު ފިނި ރޯޅިތަށް މޫނުގައި ބޮސްދެމުން ދާއިރު ޔުނާން މަޑުކޮށްލައިގެން ހުރީ ބެލްކަނީގައެވެ.
“ދަރިފުޅު. މަންމަ ވަންނަންތަ؟” ދީމާގެ އަޑަށް ޔުނާން އެނބުރިބަލާލިއެވެ.
“މަންމަ މިކޮޓަރިއަށް ވަންނަން ހުއްދަ ނަގަން ޖެހޭތަ އަޅެ.” ޔުނާން ބެލްކަނީގެ ދޮރު ލައްޕާލާފައި ކޮޓަރިތެރެއަށްވަނެވެ.
ދީމާ ކޮޓަރިތެރެއަށް ވަދެ އެނދުމަތީގައި އިށީނދެލިއެވެ.
“ކޮބާ ކަމީލާ؟” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ދީމާ ވާހަކަދައްކަން ފެށިއެވެ.
“ނޭނގެ.” ޔުނާން ޖަވާބު ކުރެވެ. ދެން ވަކިން ބުނާނީވެސް ކީކޭ ހެއްޔެވެ؟ ޔުނާންއަށް ކަމީލާ ވީތަނެއްވެސް ނޭނގެއެވެ. ދުނިޔޭގައި ހުރިކަމެއްވެސް ނެތްކަމެއްވެސް ނޭނގެއެވެ.
“އެ ކީއްވެ؟” ދީމާ ބޭނުންވީ ވާނުވާ ބަލާށެވެ. މީގެ ކުރިންވެސް ޔުނާން ކަމީލާގެ ހުރިހާ ވާހަކައެއް ވަނީ ދީމާ އަށް ކިޔާދީފައެވެ.
ޔުނާން ހުރިގޮތަށް ހުރީއެވެ. ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ.
“އޯކޭ. ދަރިފުޅަށް ޖަވާބުދޭން އުނދަގޫ ސުވާލެއް މަންމަ ނުކުރާނަން. އެކަމަކު.” ދީމާ ބުނަން އުޅުނު ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލިއެވެ.
“ދަރިފުޅު މަންމަ އެދޭކަމެއް އެއްވެސް ސުވާލެއް ނުކޮށް ކޮށްދީފާނަންތަ؟” ދީމާ ވިސްނަމުން ދިޔައީ ޔުނާން އިޝާ އާ ކައިވެނިކުރަން ރުހުން ހޯދާނެ ގޮތަކާއި ދޭތެރޭގައެވެ.
“އިޝާ އާ އިންނާށޭ ދޯ މަންމަ ބުނަން ތިއުޅެނީ.؟” ދީމާ ދައްކަން އުޅޭ ވާހަކަ ޔުނާން ދެނެގަތެވެ.
ދީމާ އަވަސް އަވަހަށް ބޯޖަހާލިއެވެ.
“މައްސަލައެއްނެތް. އަހަރެން އިޝާ އާ ކައިވެނި ކުރާނަން. އެކަމަކު އަހަރެންގެ އެބައޮތް ޝަރުތެއް.” ޔުނާން މަޑުމަޑުން ހިނގާފައި ގޮސް ބެލްކަނީގެ ދޮރު ކައިރީގައި ހުއްޓިލަމުން ދީމާއަށް ފުރަގަސްދިނެވެ.
ނުނިމޭ
ކެތްތެރިކަމެއްނެތި ދީމާ ޔުނާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރީ ޔުނާން ބުނާނީ ކީކޭ ކަން ޚިޔާލަށްވެސް ގެންނަން ނޭނގޭ ހާލުގައެވެ.
“މި ކައިވެނި ކުރަން ބޭނުންވަނީ ސިއްރުން.” ޔުނާން އަދިވެސް ހުރީ ދީމާ އަށް ފުރަގަސްދީގެންނެވެ.
“ކީކޭ؟ ތި ބުނީ؟” ދީމާ ދެލޯ ބޮޑުކޮށްގެން ޔުނާން އަށް ބަލަން ހުއްޓެވެ.
“އިޝާ ބޭނުން ވެދާނެ ބޮޑު ޕާޓީއެއް ބާއްވާ ނޫނީ ރައްޓެހިން ގެނެސް ހަދަން. އެކަމަކު އެގޮތް އަހަރެން ބޭނުން ނޫން ވާހަކަ މިބުނީ.” ޖިންސްގެ ޖީބަށް ދެއަތް ޖަހާލަމުން ޔުނާން ދީމާ އާއި ދިމާއަށް އެނބުރުނެވެ.
“ތީ ކޮންކަހަލަ ޝަރުތެއް.” ކޮޓަރިތެރެއަށް ވަދެގެން އައި ޔާސިރުގެ އަޑަށް ދީމާ އާއި ޔުނާން އަށް ބަލަައިިލެވުނީ އެއްފަހަރާއެވެ. ކުއްލިއަކަށް އެތަނަށް ޔާސިރު އައުމުން ޔުނާން ހުރީ ހާސްވެ ކަންބޮޑުވެފައެވެ.
“ދަރިފުޅުގެ އެކަނި ދިރިއުޅުމެއް ނޫނެއްނު ތީ. އަލަތު ކައިވެނި ކުލަގަދަކޮށް އެންމެން ފާހަގަ ކުރަން ބޭނުންވަނީ. އެކަމަކު ދަރިފުޅުގެ ވިސްނުން ތި ހުރި ގޮތުން އަޖައިބުވެއްޖެ.” ޔާސިރު މަސައްކަތް ކުރީ ލޯބިން ޔުނާން އަށް ވިސްނައިިދޭށެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ޔާސިރު ބޭނުންވެއެވެ.
ދީމާ އެއްޗެއް ނުބުނެ ހިމޭނުން ހުއްޓެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅާއި ބަލާލައެވެ. ހުއްޓުމެއްނެތި ސާހިލް ގުޅަމުންދާތީއެވެ. ގޭތެރޭގެ ކަންތައްތަކާއި ހެދި ދީމާ އަށް ނުދެވިގެން ދީމާ އެހުރީ ރުޅިގަނޑު ފިއްތާލައިގެންނެވެ.
“މީ އަޅުގަނޑު ބޭނުންވާ ގޮތް. އެހާ ދެއްކުންތެރިކަމެއް އަޅުގަނޑު ބޭނުމެއްނޫން.” ޔުނާން ހުރީ ގޮތުގައެވެ. މުޅި ރަށަށް މަޝްހޫރު ރަންޑިއަކާއި ކައިވެނި ކުރާކަށް ޔުނާން ބޭނުމެއްވެސް ނޫނެވެ. ނަމަވެސް މަންމައަށްޓަކައި، މަންމަ އެދުނީތީ ޔުނާން އެހުރީ ކައިވެނި ކުރަން ތައްޔާރަށެވެ. އެންމެންނަށް ސިއްރުންނެވެ.
ޔުނާންގެ ޖަވާބުން ޔާސިރު ރުޅި އައިސްގެން ހިނގައިގަތެވެ. ޔުނާންގެ ގޮތްދޫނުކުރާ މިޒާޖު ޔާސިރު އަށް އެނގޭތީ ދެބަސްވުމަކަށް ދާކަށް ޔާސިރު ބޭނުން ނުވީއެވެ. ފުރުސަތުގެ ބޭނުން ހިފަމުން ދީމާވެސް އެދަނޑިވަޅުގައި އޭނާގެ މަންޒިލަށް ދިއުމަށް އަވަސްވެގަތެވެ.
ޖީބުގައި އޮތް ފޯނު ނަގައި ސާހިލް އަށް ދެފަހަރަކު ޔުނާން ގުޅާލިއެވެ. ނަމަވެސް އެތައް އިރަކު ރިންގްވުމަށްފަހު އަންގަނީ ޖަވާބެއްނުދޭ ކަމުގައެވެ. ސިކުނޑިއަށް ބަރުބޮޑުވި ވަގުތު ޚިޔާލެއް ހޯދާލާނެ މީހެއް ނެތުމުން ޔުނާންގެ ބޮލުގައި ރިއްސަން ފެށިއެވެ. އެއްވެސް ހުރަހެއްނެތި ބިޔަ ހަށިގަނޑު އެނދު މަތީގައި ދަމާލަމުން ޔުނާން އޮށޯވެލިއެވެ.
ދުވާލުގެ ރަން އަލި މޫނަށް އެޅުމާއެކު ޔުނާން ދެލޯ ހުޅުވާލިއެވެ. ފުރަތަމަވެސް ބަލައިލެވުނީ ގަޑިއަށެވެ. ފުންމައިގެން ތެދުވެ ފާހާނާއާއި ދިމާއަށް ޔުނާން ދުއްވައިގަތީ ގަޑިޖެހެން ވިއްސަކަށް މިނެޓަށް ކައިރިވެފައި ހުރީމައެވެ.
ތައްޔާރުވެ ނިމިގެން ސިިޑިންވެސް ޔުނާން ފޭބީ ދުވެފައެވެ.
“ދަރިފުޅާ ޔުނާން.” ޔާސިރުގެ އަޑު އެހާ ގާތުން އިވުމުން ޔުނާން އަށް ހުއްޓެވުނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ސިޓިންގްރޫމަށް ގޭގެ އެންމެން ޖަމާވެފައި އޮތެވެ. ނިހާން އާއި އިޝާ ވެސް ތިއްބެވެ.
“ދެ ދުވަސް ތެރޭގައި ކައިވެނި ކުރަން އިޝާ ބޭނުންވަނީ. ޔުނާންގެ ޝަރުތާވެސް އިޝާ އެއްބަސް.” ޔާސިރު އަތުގެ އިޝާރާތުން އިށީންނުމަށް ޔުނާން އަށް އަންގާލިއެވެ.
“ދެދުވަސް ފަހުންނޭ.” ދުލުން ބޭރުކުރަން ބޭނުންވި ލަފްޒުތައް ހިތުގެ އެއްކަނުގައި ހަރުލާފައި އޮތީއެވެ. ދުލާއި ހަމައަށް އަންނަން ނުކުޅެދިފައި ކަހަލައެވެ. ދެދުވަސް ތެރޭގައި ޔުނާންގެ ދިރިއުޅުމުގެ ނިޔާ ކަނޑައަޅަން ހެޔޮ ވާނެ ބާއޭ ޔުނާންގެ ހިތަށް އެރިއެވެ.
“މިވަގުތު އިޝާ ގެންދާނަން. ދެދުވަސް ފަހުން މިލްކު ވާނެއެއްނު އެއްކޮށް.” ނިހާންގެ ސަމާސާ ރާގުން ޔާސިރު އާއި ދީމާ ހީލިއެވެ.
“ކައިވެނީގެ ހުރިހާ ކަމެއް ހަމަޖައްސާފަ ގުޅާލާނަން. ޕާޓީއެއް ނުބޭއްވިޔަސް ބޭރު ޤައުމަކަށް ގޮސްލަންވާނެއެއްނު.” ޔާސިރު ސޯފާއިން ތެދުވެ ނިހާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“ޑޭޑް. އަޅުގަނޑަށް ވަޒީފާ ހަމަޖެހުނުތާ ހަފްތާއެއްވެސް ނުވެ ޗުއްޓީއެއް ނުލިބޭނެ. ތިން މަސް ފަހުން ވިޔަސް ދެވިދާނެއެއްނު.” ޔުނާން ލޮލުގެ ހިމަކަޅިން އިޝާ އަށް ބަލައިލިއެވެ. އެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެންނަން ހުއްޓެވެ.
“ތެދެކޭ ޔުނާން އެބުނީ. އެހާ އަވަސް އަރުވާލާނެ ކަމެއްނެތޭ.” ޔުނާންގެ ހިތުން ޖާގަ ހޯދުމަށްޓަކައި އިޝާ މަސައްކަތް ކުރަމުން ދާ ކަހަލައެވެ. އިޝާ ޔުނާންގެ މޫނަށް ބަލައިލީ ޔުނާން އިޝާ އަށް ޝުކުރުގެ ނަޒަރުން ބަލާލާނެ ކަމަށް ހީކޮށްފައެވެ. ނަމަވެސް ގަޑި ޖެހެނީ ކަމަށް ބުނެ ޔުނާން އަވަސް އަވަހަށް އެތަނުން ދިޔައީއެވެ.
ޔުނާންގެ މުޅި ދުވަސް ހަރާބުވި ކަހަލައެވެ. އާވާރާއެއް ފަދައިން މުޅި ތަނުގައި ޔުނާން ކޮޅުކޮޅަށް ހިނގަ ހިނގާ ހުއްޓެވެ. ބޮލުގެ ތެރޭގައި ކަމީލާ ނޫން ދެވަނަ މީހެއްނެތެވެ. މި ހުރިހާ ކަމެއް މިވަނީ ހަމަ ކަމީލާގެ ސަބަބުންނެވެ. ކަމީލާ އޭނާގެ ދިރިއުޅުމާއި ބޭނުން ގޮތަކަށް ކުޅެނީއެވެ. އޭނާގެ އިޙްސާސްތަކާއި ކުޅުމަކީ ކަމީލާ އަށް ލިބޭ ހިތްހަމަޖެހުމެވެ. ޔުނާން ހިތާއި ހިތުން ހުރިހާ ރުޅިއެއް ބާލަމުން ދިޔައީ ކަމީލާ އަށެވެ.
މޭޒު މަތީގައި އޮތް ފޯނު ރިންގް ވިތަނާ ޔުނާންގެ ޚިޔާލީ ވާފަށް ކަނޑައިގެން ދިޔައެވެ.
“ވަދެބަލަ. ފްރީކޮށް މި އިނީ.” ޔުނާން ފޯނު މޭޒުމަތީގައި ބާއްވާލިއިރު ސާހިލް ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ.
“ކަލެއަށް އަދި ކިރިޔާތަ ގުޅަން އެނގުނީ.” ހިތްހަމަ ނުޖެހިފައި ހުރިވަރުން ފުރަތަމަވެސް ޔުނާންއަށް ކުރެވުނީ ޝަކުވާއެވެ.
“ހުން ވައްތަރުވެގެން ނިދިފައި އޮތީ. އަނެއްކާ ކަމެއް ގޯސްވީތަ؟” ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ރޫތަކާއެކު ސާހިލްގެ ދެލޯ ކުޑަކޮށްލިއެވެ.
“ގޯސްވެ ނިމިއްޖެ. ދެން ނުކުރެވޭނެ އެއްކަމެއްވެސް.” ޔުނާން ކަރުއެލުވާލަމުން ގޮޑިއަށް ވެއްޓިގަތެވެ. ސާހިލް ހުރިގޮތަށް ކަޅިވެސް ޖަހައިނުލާ ބަލަހައްޓައިގެން ހުއްޓެވެ. ޔުނާން އެހާ މާޔޫސް ވާންވީ ކީއްވެކަން ނޭނގިފައެވެ.
“ދެ ދުވަސް ފަހުން ކައިވެނި. އަދި ކިރިޔާ މަށަށް މި އެނގުނީ. އެވެސް ރަންޑިއަކާ.” ޔުނާން އަމިއްލަ ނަފްސަށް މަލާމަތް ކޮށްލިއެވެ.
“ޔުނާން އާ ބަސް ނުބުނަންދެން ޑޭޓެއް ހަމަޖައްސާކަށް ނުވާނެއެއްނު. ދެން މަނާ ކުރަންވީނު ތި ކައިވެންޏަށް.” ސާހިލް ބޭނުންވީ ޔުނާން އަށް ހިތްވަރުދޭށެވެ.
“އަހަރެން ރުހުން ދިނިން. އެކަމަކު ދެދުވަސް ފަހުންވީމަ ހާދައަވަހޭ.” ޔުނާން ސާހިލްގެ މޫނަށް ބަލައިލީ މޮޅިވެރިކަމާއި އެކުގައެވެ.
“އަދި އެއްފަހަރު ބައްޕަމެންނާއި ވާހަކަ ދައްކާލަންވީނު.” ސާހިލް ރަނގަޅު ޚިޔާލެއް ދިނެވެ. ޔުނާން ބޯ ޖަހާލި ނަމަވެސް އެކަމެއް އޭނާ އަކަށް ނުކުރެވޭނެއެވެ. ސާހިލްއަށްވުރެ ބޮޑަށް ޔާސިރުގެ ގޮތް އެނގޭނީ ޔުނާން އަށެވެ. ފިކުރުތަކުން ފޯވެގެން ހުރި ޔުނާން ސާހިލްގެ ފަހަތުން ނިކުތީ ގެޔަށް ދިއުމަށެވެ.
އަލަތު ކައިވެނީގެ ހުދުކުލައިގެ ޖަރީ ހެދުމުގައި އިޝާ އެނދުމަތީގައި އިނެވެ. ޔުނާންގެ އިންތިޒާރުގައެވެ. ބޭނުންވި ގޮތަށް ކައިވެނި ކުރެވުނަސް އަދި ޔުނާންގެ ފަރާތުން އެއްފަހަރު ނަމަވެސް ކައިވެނީގެ އުފާ ހޯދަން އިޝާ އަށް މަޖުބޫރެވެ. ކޮށްފައިވާ ފާފައަށް ފަސްއަޅާ ފޮރުވުމަށްޓަކައި އިތުރު ގޮތެއް ނެތެވެ. ބައްޕައަށް އެނގިއްޖެއްޔާ އިޝާ މަރާލާނެއެވެ. ރާއްޖެއިން ބޭރަށް އެކަނި އެބޯޝަން ހަދާކަށް ނުދެވޭނެއެވެ. ނިހާން އިޝާ އެކަނި ނުފޮނުވާނެތީއެވެ.
“ދީމާ. އަދިވެސް އެ ޔުނާން ގެޔަށް ނާންނަނީތަ؟” ބަދިގެ ފަރާތުގައި ކައްކަން ހުރި ދީމާއަށް ޔާސިރު ގޮވާލިއެވެ.
“ކީކޭ ދެން ބުނާނީ. މިހާރު ދެގަޑި އިރު ވީ ވިއްޔަ. ހަމަ މިރޭތަ ޔުނާންއަށް މުހިއްމުކަމެއް ދިމާވަން ޖެހުނީ.” ދީމާގެ ޖަވާބެއް ނައުމުން ޔާސިރު ބަދިގެ ތެރެއަށް ބޯ ދިއްކޮށްލިއެވެ.
“ދެން ނޭނގެ. ޔާސިރުވެސް މާ އަވަސް އަރުވާލީ ވިއްޔަ. ރޯދަމަހެއްގަ ވިއްޔަ ތި ކައިވެނިވެސް ކުރުވީ.” ދީމާ ދެއަތުން ފެން ފޮޅަމުން ޔާސިރުއާ ކުރިމަތިލިއެވެ.
“ގުޅާބަލަ މިހާރު ޔުނާން އަށް.” ޔާސިރުގެ ރާގު ގައިވަނީ އަމުރުވެރިކަމެވެ.
“އަހަރެން މިހުރީ ގޭގައޭ.” ފަހަތުން ޔުނާންގެ އަޑުއިވުމުން ޔާސިރު ސިހުނެވެ. މަންމަ މެން ދެއްކި ހުރިހާ ވާހަކައެއް ގެ އަޑުވެސް ޔުނާން އަށް އިވުނެވެ. ޔާސިރު ދީމާގެ މޫނަށް ބަލާލަމުން ހިނގައިގަތެވެ. ޔުނާން ދެކެ ހިތްހަމަ ނުޖެހިގެންނެވެ.
“ދިރިއުޅުމެއް ފެށިފަ ތިހުރީ މިހާރު ދަރިފުޅާ. ފިރިމީހާގެ ޒިންމާ ނަގާ އަނބިމީހާގެ ޙައްޤުތައް އަދާކޮށްދިނުމަކީ ދަރިފުޅުގެ ވާޖިބެއް.” ޔުނާން ހިނގައިގަތީ ދީމާ ވާހަކަ ދައްކަ ދައްކާ ހުއްޓައެވެ. މަންމައަށް އިޙްތިރާމް ނުކުރުމުގެ ގޮތުންނެއް ނޫނެވެ. ފަހަރުގައި މަންމަ ހިތުގައި ޖެހޭ ފަދަ އެއްޗެއް ބުނެވިދާާނެތީއެވެ. މިވަގުތު ޔުނާންގެ ހިތުގެ ހާލު އެނގޭނީ ހަމަ އެކަނި ޔުނާން އަށެވެ.
ކޮޓަރީގެ ދޮރާއި ހަމައަށް ގޮސް ޔުނާން މަޑުޖެހިލިއެވެ. އަމިއްލަ ކޮޓަރިއަށް ވަންނަން ވެސް މިއަދު ޔުނާން ފަސް ޖެހެނީއެވެ.
މޫނުގައި ދެއަތް އުނގުޅާލަމުން ޔުނާން ދޮރު ހުޅުވާލިއެވެ. އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަތީ އެނދުމަތީގައި އިށީނދެލައިގެން އިން އިޝާއެވެ.
ކިތަންމެ ބޭނުންނޫނަސް މިއަދު ޔުނާން އިޝާ އާއި ކުރިމަތިލާން ޖެހެއެވެ. އިޝާ އަކީ މިއަދު ޔުނާންގެ އަނބިމީހާއެވެ. ޔުނާން އަކީ އިޝާގެ ހައްޤެކެވެ.
މަޑުމަޑުން ހިނގާފައި ގޮސް އެނދުގައި އިށީނދެލިއިރުވެސް ޔުނާންގެ ނިތްކުރިމަތިން ދާތިކިތައް ވިދަވިދާ ހުއްޓެވެ. ކޮޓަރި ތެރެ އޭސީގެ ފިނިން ގަނޑުވެފައި ވާއިރުވެސް އޭގެ އެއްވެސް އަސަރެއް ޔުނާންއަށް ކުރާ ހެނެއް ހިއެއްނުވެއެވެ.
“އަހަރެން-“
“އިނގޭ ލޯބި ނުވާކަން. އަދި އެކަކު އަނެކަކަށް ދަސްކުރަން ޓައިމް ބޭނުންވާނެކަންވެސް. އެކަމަކު ވީ އާ މެރިޑް ނައު. އެއްފަހަރު ނަމަވެސް މި ގުޅުން ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރެވިދާނު.” ޔުނާން ބުނަން އުޅުނު ވާހަކަ މެދުކަނޑާލުމަށްފަހު އިޝާ ވާހަކަ ދައްކަން ފެއްޓިއެވެ. އޭރުވެސް އިޝާ އިނީ އިސްޖަހައިގެންނެވެ.
ޔުނާން އިޝާގެ އިސްޖެހިފައިވާ މޫނަށް ނަޒަރު ހުއްޓާލިއެވެ. ރީތި މޭކަޕެއް ކޮށްލާފައިވުމުން އިޝާ ފެންނަލެއް ނިކަން ރީއްޗެވެ. ހިނދުކޮޅަކަށް ނަމަވެސް އިޝާގެ ރީތިކަން ޔުނާންގެ ހިތުގައި ކުރެހެމުން ދިޔައެވެ.
“ޔުނާން.” އިޝާ އިސްއުފުލާލަމުން ޔުނާން އާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ޔުނާން ހުރީއެވެ. އެ އަތުގައި ހިފަން ޔުނާން ބޭނުން ނުވިޔަސް މިއަދު ޔުނާން އަށް މަޖުބޫރެވެ. އިރުކޮޅެއް ވަންދެން އިޝާގެ މޫނަށް ބަލަން ހުރުމަށްފަހު ޔުނާން އިޝާގެ އަތުގައި ހިފާލިއެވެ.
ހަމަ އެސިކުންތުގައި އިޝާ އަވަސް އަވަހަށް ޔުނާންގެ ގައިގައި އޮޅުލައިގަތެވެ. ޔުނާން އިޝާގެ ހަށިގަނޑު އޭނާގެ ދެއަތުން ވަށާލިއެވެ. ޔުނާންގެ މޭތެރޭގައި މޫނު ފޮރުވައިގެން އޮތް އިޝާ ހިތްހަމަޖެހުމުގެ ނޭވާ އެއްލިއެވެ. ޔުނާންގެ ހަރަކާތްތައް މިހާރު ކުރިއަށް އެދަނީ އިޝާ ބޭނުންވާ ގޮތަށެވެ. ހުރިހާ ހާސްކަމެއް ފިލުވާލަމުން އިޝާގެ ތުންފަތުގައި ކުޅެލީ މަކަރުވެރި ހިނިތުންވުމެކެވެ.
“އޭތް ދީމާ. ބޮޑެތި ކަންތައްތައް ކޮށް ނިންމާލާއިރު އަންގާލުމެއްވެސް ނެތް ތަ؟” ހެނދުނު ހެނދުނާއި ޒުބޭދާގެ އޭނާގެ އަނގަ ގަނޑު ތަޅުވަމުން އައިސް ދީމާ މެންގެޔަށް ވަނެވެ. އެވަގުތު ދީމާ ހުރީ ބަގީޗާގައި ހުރި ގަސްތަކަށް ފެންދޭށެވެ.
“ކީކޭތަ ޒުބޭދާ ތި ކިޔަނީ.” ފަރުވާކުޑަ ގޮތަކަށް ދީމާ އަހާލިއިރުވެސް ޒުބޭދާ ކިޔަން އެއުޅެނީ ކީކޭކަން ދީމާ އަށް އެނގެއެވެ.
“ނޭނގޭ ކަމަށް ހަދާނެ ކަމެއްނެތޭ. ދެކުނީމޭ ރޭގައި ގާޟީ ޙަސަން ފަރީދް ތިގެއިން ނިކުމެގެން ދަނިކޮށް. މާ ސިއްރު ސިއްރުން އުޅުނަސް މަށަކަށް ސިއްރަކުން ނުވާނެ އިނގޭ އެއްކަމެއްވެސް.” ލައިގެން ހުރި ހައުސްކޯޓް ނަގައި އަރުވާ ޖަހާލަމުން ޒުބޭދާ މޭ ފުއްޕާލިއެވެ.
“ސާބަސް ޒުބޭދާއަށް. އެއީ ޔާސިރުގެ ރައްޓެއްސެކޭ. މިތާ ކައިރީ ގެޔަކަށް އައިއްސަ މިގެޔަށްވެސް ވަދެލީއޭ.” ދީމާ ޒުބޭދާ އަށް ހިނިތުންވެލަމުން ފެން ހޮޅީގެ އިސްކުރު ބާރުކޮށްލިއެވެ.
“ހޯ ހޯ. މަށަށް އޮޅުވާލަން ނޫޅޭ. މަގޭ މި ސިކުނޑިއަކަށް އޮޅުވައެއްނުލެވޭނެ. ދެނެހުރިން ޔުނާންގެ ކައިވެނި އިޝާ އާ ކުރެވުނުކަން. އެކަހަލަ ކަންތަކެއް ސިއްރެއް ނުކުރެވޭނޭ. މިދަނީ ސުރުޚީ އަޅާލަން އެންމެންނަށް.” ޒުބޭދާ ދެއަތް ހޫރުވާލި ގޮތުން ހީވީ ނަށާލި ހެންނެވެ. އިތުރު އެއްޗެއް ދީމާ ބުނުމުގެ ކުރިން ޒުބޭދާ އެގެއިން ނިކުތެވެ.
ދުވަސްތައް މާޒީ ވަމުންދެއެވެ. ކައިވެނީގެ ފުރަތަމަ ރޭވެސް އިޝާ އަކީ ބާ ފޮތިގަނޑެއްކަން ޔުނާން ދެނެގަތެވެ. ނަމަވެސް ކައިވެނިވެސް ކުރެވިއްޖެއެވެ. ޔުނާން މަސައްކަތް ކުރަމުން އެދަނީ ދިރިއުޅުން އާ ރާސްތު ކުރެވޭތޯއެވެ. ނަމަވެސް އިޝާގެ އަސްލު ކުލަ ޔުނާން އަށް ފެންނަމުންދިޔައެވެ. ޔުނާން އޮފީހަށް ދާއިރުވެސް އިޝާ އޮންނަނީ ނިދާފައެވެ. ހޭލާ ގޮތަށް އިޝާ އުޅެނީ އުޅޭނެ ތާކުއެވެ. އޮފީހުން ޔުނާން ގެއަށް އަންނައިރުވެސް އިޝާ ގެއަކަށް ނާދެއެވެ. ރޭގަނޑުގެ ބޮޑުބައެއް ހޭދަކުރަނީ ރައްޓެހިންނާއި އެކުގައެވެ. ޔުނާންގެ ލޯބިވެސް އިޝާ ބޭނުންވީ ކައިވެނީގެ ފުރަތަމަ ރޭގައި ކަހަލައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިޝާގެ ކައިވެންޏަކީ އިޝާގެ ފާފަ ފޮރުވުމަށްޓަކައި އިޝާ ބޭނުންކުރި ހަތިޔާރެވެ. ހުރިހާ ކަމެއްވެސް ދަނީ އިޝާ ބޭނުންވާ ގޮތަށެވެ.
ފިނިފިނި ރެއެކެވެ. އާޖެންޓް ކޭސް އެއްގައި ހޮސްޕިޓަލްގައި އަވަދިނެތި އުޅުމަށްފަހު ޔުނާން ނިމުނުއިރު ވަރަށް ލަސްވެއްޖެއެވެ. ނަމަވެސް ޔުނާން ހާހެއް ނުވެއެވެ. ކިތަންމެ ލަހުން ދިޔަސް އަދި ގެޔަށް ނުދިޔަސް ޔުނާން ލަސްވެގެން ގެއަށް ނައިސްގެނެއްް އިޝާއެއް ނޫޅޭނެއެވެ. މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއްނެތެވެ. ދުއްވާ އެއްޗެއްވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. ޔުނާން ސައިކަލަށް އަރާ ސްޓާޓްކޮށްލިތަނާ ނޭފަތުގައި ޖެހުނީ މަޑުމަޑު މީރުވަހެކެވެ. އެވަސް ޔުނާންއަށް އަލެއް ނޫނެވެ. މީގެ ކުރިންވެސް ޔުނާންއަށް އެވަސް ވަނީ ދުވާފައެެވެ.
“ޔުނާން” ރޮއެފައިވާ އަޑެއް ކަންފަތުގައި ޖެހުމާއެކު ޔުނާން ތެޅިގެންފައި ބަލާލިއެވެ. އެ އަޑު ޔުނާން އަށް އޮޅޭނެ ހެއްުޔެވެ؟ ދެލޯ ފަދަ ލޯބިވާ ކަމީލާގެ އަޑު ކޮންމެ ތަނަކުން އިވުނަސް ޔުނާންއަށް އެނގޭނެއެވެ.
“މެރީ ކުރީތަ؟ އަހަންނަށް އިންތިޒާރުވެސް ޔުނާން އަށް ނުކުރެވުނު.” ކަމީލާގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ބުދެއްހެން ބަސް ހުއްޓިފައި ޔުނާން ހުއްޓެވެ. އެންމެންނަށް ސިއްރުކޮށްފައި އޮތް ކަމެއް ކަމީލާ އަށް އެނގުނީ ކިހިނެއް ހެއްޔެވެ؟
“ޔުނާން އަހަރެން ބޭނުމެއްނޫންތަ؟” ހިތުގެ އަޑިން އަހަރެން މީ ޔުނާންގެ އަނބިމީހާއޭ ބުނީމެއްނު.” ކަމީލާ ޔުނާންގެ އަތުގައި އަތް ޖައްސާލިއެވެ. އެވަގުތު ޔުނާން އަށް ތެޅިގަނެވުނެވެ. ޔުނާންއަށް ހީވީ އޭނާގެ އަތުގައި އަލިފާން ޖެއްސިހެންނެވެ.
ނުނިމޭ
ނަގައިގަތް ދިލައާއިއެކު ޔުނާން އަށް އަތުގައި ފިރުމާލެވުނެވެ. ކަމީލާ ހުރީ ކަޅިވެސް ޖަހައިނުލާ ޔުނާން އަށް ބަލާށެވެ. އޭނާގެ ކަރުނުން ފުރިފައިވާ ދެލޮލުންނެވެ.
“އިނގޭ މިހާރު އަހަރެން އަތް ލަން ޔުނާންއަށް ކަމުނުދާކަން. އެކަމަކު ތީ މަގޭވެސް ފިރިމީހާ.”. ކަމީލާ ޔުނާން އަށް ފުރަގަސްދިނެވެ.
“ކިހިނެއް ކަމީލާ އަށް އެނގުނީ އަހަރެން މެރީ ކުރިކަމެއް.” ޔުނާން އެހާ ސިއްރުން ކުރި ކަމެއް ކަމީލާއަށް އެނގެންވީ ކީއްވެ ހެއްޔެވެ؟
“އިނގޭނެ ދޯ ހޯދަން އުޅެންޏާ. ޔުނާންއަށް ނޭނގޭ ބައިވަރު ކަންތައްތައް އަހަންނަށް އިނގޭ.” ކަމީލާ ޔުނާން އާ ދިމާއަށް އެނބުރެމުން ސީދާ ޔުނާންގެ ލޮލަށް ބަލާލިއެވެ. އެދެލޮލުގެ ތެރެއިން ފެންނަމުންދަނީ ކޮންއެއްޗެއްތޯ ކަމީލާ ދެނެގެންނަން ބޭނުންވާ ކަހަލައެވެ.
“އަހަރެން ކަމީލާ ދެކެ އަދިވެސް ލޯބިވޭ. ވަރަށް އިންތިޒާރުކުރިން.” ޔުނާންގެ އަޑުގައިވާ ރިހުން ކަމީލާގެ ހިތް ތޮރުފާލިކަހަލައެވެ. ޔުނާންގެ މޭތެރެއަށް ކަމީލާ ބޮޑިވެގަތެވެ. ރޮމުންނެވެ. ހިތުގައި ހުރި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވަމުންދަނީއެވެ.
“އަހަރެން މީ މީހެއްގެ ފިރިއެއް.” ޔުނާން ކަމީލާ ދުރުކޮށްލިއެވެ. މޫނުގައި ދެއަތް އަޅައިގެން ހުރެ ކަމީލާ ދުއްވައިގަތެވެ. ކަމީލާ ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި ޔުނާންގެ ހިތް އެދެމުން ދިޔައީ ފަހަތުން ގޮސް ކަމީލާ ހުއްޓުވާށެވެ. ނަމަވެސް ޔުނާންގެ ފައިގައި އެޅިފައިވާ ކަސްތޮޅުގެ ސަބަބުން އެކަން ކުރަން ކިތައްމެ ބޭނުންވިޔަސް އެކަން ކުރެވޭކަށްނެތެވެ. ޔުނާންގެ ހަށިގަނޑަކީ އިޝާ ގެ މިލްކެކެވެ. އެހެންވެ ޔުނާން މިސްރާބު ޖެހީ ގެޔާއި ދިމާއަށެވެ.
ޔުނާން ކޮޓަރިއަށް ވަދެ އެނދުމަތީގައި އިށީނދެލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ފިކުރުތައް ޔުނާން ގެ ސިކުނޑި ވަށާލާފައިވާތީ ޔުނާންއަށް އުނދަގޫވަނީއެވެ.
އެވަގުތު އިޝާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އައިސް ވަނެވެ.
“އިޝާ. އަދި ކިރިޔާތަ ގެއަށް ތި އައީ. މިހާރު އެހެރަ އެކެއް ޖަހާ ދިޔައީ.” ޔުނާން ފުރަތަމަ ފަހަރަށް ނުރުހުން ފާޅުކުރިއެވެ.
“ކޮބާ މައްސަލައަކީ. ޔުނާންވެސް ތިއައީނު އަދި.” އިޝާ ކޮނޑުގައި އޮތް ދަބަސް ނަގާ ސައިޑް ޓޭބަލްމަތީގައި ބަހައްޓާލިއެވެ.
“މަށާއި އިޝާ އާ ހަމަހަމަތަ؟ މިރޭ އަހަރެން މިދިޔައީ ދާން ޖެހިގެން. ހޮސްޕިޓަލަށް.” އިޝާގެ ވާހަކަ ހުރި ގޮތުން ޔުނާން ގާތަށް ރުޅި އަންނަ ގޮތް ވިއެވެ.
“ހަމަ ހަމަ ވާނެ. ހަމަ ހަމަ ވާންޖެހޭނެ. އަހަރެން ވެސް މިއައީ ރައްޓެހިންނާއެކު ބޭރުގައި އުޅެފައި.” ޔުނާންއަށް އެއްވެސް ގަދަރެއް އިޝާގެ ހިތުގައި ނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އިޝާ އަށް ޔުނާން މުހިއްމުވީ ހިނދުކޮޅަކަށެވެ.
އިތުރަށް ޒުވާބުކުރަން ބޭނުންނުވާތީ ޔުނާން ވަނީ ފާހާނާއަށެވެ. އެއްޗެހި ބަދަލުކޮށްގެން ޔުނާން އެނދުގައި އޮށޯވެލީ ނިދޭތޯއެވެ.
“ހާދަ ވަސްގަނޑު ރަނގަޅޭ.” ހެނދުނު ހެނދުނާ އޮފީހަށް ދާން ތައްޔާރުވެގެން ނިކުތް ޔާސިރުގެ ނޭފަތުގައި ފުރަތަމަވެސް ޖެހުނީ ދީމާ ގެ މީރު ކެއްކުންގަނޑުގެ ވަހެވެ. ނޭފަތް އެތެރެއަށް ދަމާލަމުން އައިސް ޔާސިރު ބަދިގެ ތެރެއަށްވަނެވެ.
“އިޝާ ނުހޭލަނީތަ؟” ބަދިގެ ތެރޭގައި އިޝާ ފެންނަންނެތްކަން ޔާސިރު ފާހަގަކުރިއެވެ.
“ޔާސިރު އަށް ހަމަ އެއްވެސް ކަމެއް ފާހަގައެއް ނުވޭތަ؟” ދީމާ ހިތްހަމަނުޖެހިފައި ހުރިވަރު މޫނުމަތިން ފެންނަން ހުއްޓެވެ.
“ތިބުނީ؟” ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ރޫތަކާއިއެކު ޔާސިރުގެ ދެލޯ ކުޑަވިއެވެ.
“މިބުނީ ޔުނާން އުޅޭ ހާލު ޔާސިރުއަށް ފެނޭހޭ. އިޝާ ޔުނާންގެ އެއްވެސް ކަމެއް ނުކުރެއޭ. ގޭގަވެސް މަޑުކޮށްނުލައޭ.” ދީމާ އަށް އައި ރުޅިން ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ.
“ބަލަ އިޝާ ގެންގުޅެފަ ހުރިގޮތުން އަދި ދިރިއުޅުމަކީ ކޯޗެއްކަމެއް ނޭނގެނީއޭ. ދީމާ ނިކަން އޭނަ ޒިންމާދާރު ކޮށްބަލަ.” ޔާސިރު އިޝާ ގެ ދިފާޢުގައި ވާހަކަދެއްކުމުން ދީމާ ގެ ރުޅި ވީ ހައްތަހާ ގަދައެވެ.
“ބުނަންތަ ޔާސިރު. އަހަންނަކީ ރާއްޖެތެރޭގެ މީހަކަށް ވިޔަސް އަހަރެންގެ މައިންބަފައިން ވެސް އަހަރެން ގެންގުޅުނީ ރަނެއް މަލެއްހެން. ގޭތެރޭގެ އެއްވެސް ކަމެއް ނުޖައްސާ. އެކަމަކު އަހަރެން އުޅުނީ އެހެންތަ؟ ކިތަންމެ މޮޑަން ވިޔަސް ކޮންމެ އަންހެނަކަށްވެސް ދިރިއުޅުމުގެ އުސޫލުތައް އެނގޭނެ.” ޔާސިރުގެ އަނގަ ބެދުނީ ކަންނޭނގެއެވެ. ދީމާ ދެއްކީވެސް ހުސް ރަނގަޅު ވާހަކައެވެ.
“ތިބުނީ ދީމާ އަބަދުވެސް ތިގޮތުގަ ހުންނާނަމޭތަ؟ މަށަށްޓަކާ؟” ޔާސިރު ދީމާގެ މޫނަށް ބަލާލީ ލޯބިން ފުރިގެންވާ ފަދައިންނެވެ.
” ނޭނގެ. އިންސާނުން ދޯ މިއީ. ބަދަލުވެސް ވާ ބައެއް އިންސާނުންނަކީ. ބަދަލުވާނީވެސް ސަބަބަކާ ލައިގެން. ކޮންމެ މީހަކަށްވެސް އުފާ ހައްޤުވާނެ. ފިރިމީހާގެ ވަގުތުވެސް.” ދީމާ ޖަޒުބާތުގައި ޖެހި ގެބެމުންދަނީއެވެ. ފެންކަޅިވެފައިވާ ދެލޮލުން ކަރުނަ އޮހެނީއެވެ.
“ކިހިނެއްވީތަ މަގޭ ބުލްބުލް.” ޔާސިރު ދީމާގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ. އެވަގުތު ޔުނާންވެސް އެތަނަށް އައިސް ހުއްޓުނެވެ.
“ދަރިފުޅު އާދޭ ސައިބޯން.” ޔުނާން ފެނުމުން ދީމާ އަވަސް އަވަހަށް ދެލޯ ފޮހެލިއެވެ.
ޔުނާން ކާމޭޒުކައިރީގައި ހުރި ގޮޑި ދަމާލަމުން އިށީނެވެ.
“ދަރިފުޅު. ހާދަ ނެގިމަޑުވެފަ ތިހުންނަނީ. އިޝާ ދަރިފުޅަށް ރަނގަޅުތަ؟” ޔާސިރު ޔުނާން އާއި ޖެހިގެން އިށީނދެލިއެވެ.
“އާން. އިޝާ ރަނގަޅު.” ޔުނާންގެ ޖަވާބު ކުރެވެ.
ކުއްލިއަކަށް އިވުނީ އެއްޗެއް ވެއްޓި ފުނޑުފުނޑުވި އަޑުފައްގަނޑެވެ. ދީމާ އާއި ޔާސިރުއަށް ދުއްވައިގަނެވުނީ އެކުއެކީގައެވެ.
“ޔާރައްބީ. ކިހިނެއް މިހެން ވާނީ.” ޓީވީ ރެކް މަތީގައި އަތުރާފައި ހުރި ހުރިހާ އެއްޗެއް ހުރީ ބިންމަތީގައި ފުނޑުފުނޑުވެފައެވެ.
ދީމާއާއި ޔާސިރު ތިބީ ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފައެވެ. ޔުނާން އަށް ވެސް އެމަންޒަރު ފެނިފައި ވީ ހައިރާނެވެ. ޓީވީރެކް މަތީގައި އެއްޗެހިތައް ތަރުތީބުކޮށްފައި ހުންނަނީ އެއްވެސް އެއްޗެއް ވެއްޓޭ ފަދަ ގޮތަކަށް ނޫނެވެ.
ދީމާ އަވަސްވެގަތީ ފިހިގަނޑު ނަގައިގެން ބިއްލޫރިތައް ސާފުކުރުމަށެވެ.
އިރު އޭގެ ހޫނު އަލި ފަތުރަމުންދަނިކޮށް ކަޅު ބޯ ވިލާތައް އުޑުމައްޗަށް ސަވާރުވެގަތެވެ. މުޅި ދުނިޔެ އަނދިރިކޮށްލިއެވެ. މެންދުރުގެ އެވަގުތުގައިވެސް ހީވަނީ އިރުއޮއްސެން އުޅޭހެންނެވެ.
ޔުނާންގެ ކޮޓަރީގެ ބެލްކަނީގެ ދޮރު ދެފަރާތަށް ކެހިގެން ދިޔައެވެ. އެއްވެސް މީހެއްގެ ބާރަކާނުލައެވެ. އަރާމު ފުން ނިންޖެއްގައި ނިދާފައި އޮތް އިޝާ އަށް ރޭކާވެސްނުލައެވެ. ކޮޓަރި ތެރޭގައި ބަރު ފިޔަވަޅުތަކެއް ނެގެމުންދާ އަޑުވެސް އިޝާއަށް ނީވެނީއެވެ. ޗަކަ ކުލައިގެ ފިޔަވަޅުތައް އެންމެ ފަހުން ހުއްޓުނީ އިޝާ ނިދާފައި އޮތް އެނދާއި ހަމައިންނެވެ. ކުއްލިއަކަށް އިޝާގެ އުނަގަނޑާއި ހަމައަށް އަޅާފައި އޮތް ބޯރަޖާގަނޑު މައްޗަށް އަރަމުން ދިޔައެވެ. ފަޅި ސިކުންތެއްގެ ތެރޭގައި އިޝާގެ ހަށިގަނޑު އެއްކޮށް ރަޖާގަނޑުން އޮޅާލިއެވެ. ނޭވާ ނުލެވިގެން ތެޅި ފޮޅެމުންދާ އިޝާ ރޯމަހެއް ހެން ތެޅެމުންދެއެވެ. އިޝާއަށް ހަޅޭލަވައިގަނެވޭނީވެސް ނޭވާ ލެވިގެންނޫންހެއްޔެވެ؟
ބާރުގަދަ ދެއަތަކުން އިޝާގެ ބަނޑުގައި ހިފާ ފިތާލުމާއެކު ރަޖާގަނޑުން އިޝާގެ ހަށިގަނޑު ސަލާމަތްވިއެވެ. އަނގައިން ނިކުތް ބިރުވެރިއަޑާއެކު އިޝާގެ ދެލޯވެސް މެރިއްޖެއެވެ.
މަޑުމަޑުން ޗަކަ ކުލައިގެ ހުރި ފިޔަވަޅުތައް ފޮހެވިގެން ދިޔުމާއެކު ހީވީ ކޮޓަރިތެރެއަށް ތޫފާނެއް އައިހެންނެވެ. ބާރުގަދަ ވައިރޯޅިއެއް މުޅި ކޮޓަރި ތެރޭގައި ބޫންއަޑުލައްވަމުން ދިޔައެވެ. ހަރުގަނޑާއި ސައިޑް ޓޭބަލްމަތީގައި ހުރި ކަރުދާސްތަކާއި ހެދުންތައް ބިންމަތީގައި ހޫރެން ފެށިއެވެ. ހީވަނީ ކުޑަވަރެއްގެ ހަނގުރާމައެއް ފެށިގެން އުޅޭހެންނެވެ.
ބެލްކަނީގެ ދޮރު ލެއްޕިގެން ދިއުމާއެކު ކޮޓަރި ތެރޭގެ ހުރިހާ އެއްޗެއް ކުރިން ހުރި ގޮތައް ތަރުތީބުވެގެން ދިޔައެވެ. އުޑުމަތީގައިވާ ކަޅު ބޯ ވިލާތައް ފިލައިގޮސް އަވިދިއްލާލިއެވެ.
ގޭތެރޭގައި ހިނގަމުންދާ އެއްވެސް ކަމެއް ނޭނގޭ ހާލު ދީމާ އޭނާގެ އެއްވެސް ފޭރާމެއް ނެތް ހަށިގަނޑަށް ހެދުން ހެޔޮވަރުކޮށްލިއެވެ.
“ދީމާ އަދިވެސް އަހަރެންގެ ސުވާލަށް ޖަވާބެއް ނުދެމެއްނު.” އެނދުމަތީގައި އޮށޯވެގެން އޮތް ސާހިލް ގެ މޫނުމަތިން ފެންނަމުން ދިޔައީ ވަރުބަލިކަމެވެ.
“ސާހިލް ވެސް އަހަރެންގެ ސުވާލަކަށް ޖަވާބެއް ނުދެމެއްނު.” ދީމާ އެނދުމަތީގައި އިށީނދެލިއެވެ.
“ލޯބިވާތީ ދީމާ އާ އެކީ މިއުޅެނީ. ކީއްވެތަ ޤަބޫލުނުކުރަނީ.؟” ސާހިލް ދީމާގެ ފަލަފަލަ ކޮލުގައި ހިފާލިއެވެ.
“ނުކުރެވޭނެ ޤަބޫލެއް. އަހެރެންގެ ދަރިއެއްގެ އުމުރުގެ ކުއްޖެއް އަހަރެންދެކެ ލޯބި ވާނެތަ؟ ނުވާނެ. ކޮންމެވެސް އެހެން ބޭނުމެއްގަ ތި އުޅެނީ.” ހިތުގައި ހުރި އެއްޗެއް ބޭރުކުރާކަށް ދީމާ ފަހެއް ނުޖެހުނެވެ.
“އަހަންނަށް ލިބެނީ ކޯޗެއް؟ ދީމާ އަތުން އަހަރެން އެއްޗެއް ބޭނުންވެގެން ވެސް ނޫޅެމެއްނު.” ސާހިލް މަސައްކަތް ކުރީ ދީމާ އަށް ވިސްނައިދޭށެވެ.
“އަދި ދޯ. ފަހުން ނަގާ ރާޅު ބޮޑުވާނެއެއްނު.” ދީމާ އެނދުކައިރީގައި ބަހައްޓާފައި ހުރި ތަރުކާރީ ކޮތަޅުތައް އަތަށް ހެޔޮ ވަރުކޮށްލަމުން ތެދުވިއެވެ. ނަމުގައި ދީމާ ނިކުތީ ބާޒާރަށެވެ.
ކާރުގައި ދީމާ އައިސް ގެޔަށް މަޑުކޮށްލިއިރު ދެއަތް ފުރާ ކޮތަޅު ހިފައިގެން ޒުބޭދާވެސް އެހިސާބަށް އަރާ ހަމަވަނީއެވެ.
“ހާދަ ސާމާނެއް.” އަލަށް އިސްވެ ދީމާ ވާހަކަ ދެއްކުމުން ޒުބޭދާ އަޖައިބުވިއެވެ.
“ދީމާ މިހާރު ފިލައިގެންތަ ތިއުޅެނީ. ފެނިވެސް ނުލާ.” ދީމާ އާ ވާހަކަ ދެއްކިކަމުގައިވިޔަސް ޒުބޭދާގެ ދެލޯ ހުރީ ދީމާގެ އަތުގައި ހުރި ކޮތަޅުތަކަށެވެ.
“އުޅޭލެއް ބިޒީކަމުން.” ދީމާ ހިނިތުންވެލިއެވެ.
“ތިހެއްނޭ ވާނީ. މިޒަމާނުގެ ޅީދަރިއެއް ގެއަށް ގެނެސް ވެއްދީމަ.” އެތެރެއަށް ހިނިގަނޑު ކޮންޓްރޯލް ކުރަމުން ޒުބޭދާ ދީމާ އަށް މަލާމަތްކޮށްލިއެވެ.
“ނޫނޭ. ހަމަ އަމިއްލަ ކަންތައްތަކުގަ ބިޒީ. އެހެންނޫނަސް ގޭގައި މަސައްކަތް ކުރާނެ ބޭރު މީހެއް ގެންނަން މިއުޅެނީ.” ދީމާ ދޮރާށި ހުޅުވާލާފައި އެތެރެއަށްވަނެވެ. ޒުބޭދާއަށް ހީވީ އޭނާގެ އަނގަޔަށް މީހަކު ހުތް ލިބޯއެއް ފިތާލިހެންނެވެ. އަނގަޔަށް ޖައްސާލި ވައްތަރާއެކު ދީމާއަށް ކުދި ކިޔަމުން ޒުބޭދާ ހިނގައިގަތެވެ.
ހަމަހިމޭންކަން ރަސްކަން ކުރަމުންދާ އެބޮޑު ގެއަށް މިއަދު ދީމާ ވަނީ ފަސްޖެހިފައި ހުރެއެވެ. މުޅި ގޭތެރެ ހީވަނީ ބިރުވެރި ހޮހޮޅައެއް ހެންނެވެ. އެހާވެސް އަދިރިއެވެ.
ބޮކިތައް ޖައްސާލާ ގޭތެރެ އަލި ކޮށްލުމަށްފަހު އެންމެ ފުރަތަމަވެސް ދީމާ ބަލާލީ ބޫޓް ބަހައްޓާ ހަރުގަނޑަށެވެ. އިޝާގެ ފައިވާން ހުރިތޯއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. މިއަދު އިޝާއާ ވާހަކަދައްކާ އޭނާގެ ނުރަނގަޅު ކަންކަން އިސްލާހުކުރަން ދީމާ ބޭނުމެވެ. އޭނާގެ ހަމައެކަނި ހުރި ދަރިފުޅުގެ ދިރިއުޅުމަކަށް އިޝާ އަކަށް ބޭނުންހާ ގޮތެއް ނުހެދޭނެއެވެ. ހިތުން އިޝާ އަށް އެތިވަރު ގޮވަމުން ދީމާ ގޮސް އިޝާ ގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“އައްޗީ.” ފުރަތަމަވެސް ޖެހުނު ލޭކުނި ވަހާއެކު ދީމާއަށް ނޭފަތުގައި އަތް އަޅައިލެވުނެވެ.
ދީމާ އެކޮޓަރި ތެރެއަށް ވަނީ ފަކުރުން ހުރެއެވެ.
އެނދުމަތީގައި ދެމިފައި އޮތް އިޝާ އާއި މުޅި އެނދުގައި އުނގުޅިފައި ހުރި ލޭތައް ދީމާއަށް ފެނުނީ އެވަގުތުއެވެ. ނިކަން ބާރަށް ހަޅޭލަވައިގަންނަމުން ދީމާއަށް ފަހަތަށް ޖެހެވުނެވެ.
ގަތް ބިރުން ދީމާ ދުއްވައިގަތީ ކޮޓަރިން ނިކުންނާށެވެ.
އެ ކޮޓަރިން ނިކުތް ގޮތަށް ދީމާ ގުޅީ ޔުނާނަށެވެ.
އެވަގުތު ޔުނާންވެސް ހުރީ ގެ ކައިރީގައި ކަމުން ވަރަށް އަވަހަށް ގެޔަށް އާދެވުނެވެ.
އިޝާ ފެނިފައި ޔުނާން އަށް ވެސް ލިބުނީ ކުއްލި ޝޮކެކެވެ.
“މޯމް. ގުޅާބަލަ އެމްބިޔުލެންސްއަށް.” ޔުނާން ގެ އަތް މައްޗަށް އިޝާ ނަގައި އުފުލާލިއެވެ. އެވަގުތު އިޝާ ލައިގެން އޮތް ކުރު ސޯޓްގެ ތެރެއިން އެއްޗެއް ވެއްޓުނުހެން ހީވެގެން ޔުނާން ބަލާލިއެވެ. ކުކުޅުބިހެއްގެ ބައްޓަމަށް އޮތް އެ އެތި ފެނިފައި ޔުނާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ނުނިމޭ
ޔުނާން އަކީ ޚުދު ޑޮކްޓަރެއް ކަމުން އެއީ ކޮން އެއްޗެއްކަން ދެނެގަންނާކަށް މާގިނައިރެއް ނުނެގިއެވެ. އެވަގުތު ޔުނާން އަށް އިޝާގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ ހުއްޓުން އަރާފައެވެ. އިޝާ ބަނޑު ބޮޑު ކަން އޭނާާއަށް ސިއްރުކުރަންވީ ކީއްވެގެންބާއެވެ.
“ދަރިފުޅާ. އިޝާއަށް ކިހިނެއްވީތަ؟” އިޝާ އަތްމައްޗަށް އުފުލާލައިގެން ސިޑިން ފައިބައިގެން އައި ޔުނާންގެ ކައިރިއަށް ދީމާ ދިޔައީ ދުވެފައެވެ.
“އިޝާ ބުނިތަ މަންމަ ކައިރީގައި އިޝާ ބަނޑުބޮޑު ވާހަކަ.” ޔުނާންގެ ނިތްްކުރިމަތީގައި ވިދަމުންދާ ދާ ތިކިތަކުން ދޭހަވަނީ ޔުނާން ހާސްވެފައިވާ މިންވަރެވެ.
“އޭން. ކީކޭ. ތިބުނީ ކީކޭ. އިޝާ ބަނޑުބޮޑުތަ؟” ޔުނާން އެކޭ އެއްގޮތަށް ދީމާއަށްވެސް ލިބުނީ ޝޮކެކެވެ.
“ދަރިފުޅުމެން ނުވެސް ބުނަމެއްނު.” ޔުނާންގެ ހިމޭންކަމުން ދީމާއަށް ނެނގުނީ ތަފާތު މާނައެކެވެ.
“އެމްބިޔުލެސް އެއައީ ކަންނޭނގެ.” ސައިރަންގެ އަޑު ކަންފަތުގައި ޖެހުމާއެކު ޔުނާން އިޝާ އުފުއްލާލައިގެން ހިނގައިގަތެވެ. ނަމަވެސް ޔުނާންގެ ސިކުނޑި ތެރޭގައި އިޝާ އާ މެދު އެތަކެއް ސުވާލުތަކެއް އުފެދެމުންދިޔައެވެ. އެހުރިހާ ކަމެއް އޮޅުންފިލުވަން ޔުނާން ބޭނުމެވެ. ނަމަވެސް ވަގުތުގެ ގޮތުން މިވަގުތަށް އެންމެ މުހިއްމީ އިޝާއަށް ފަރުވާ ކުރުމެވެ.
އޮޕަރޭޝަން ތިއޭޓަރުުގެ ނިވިދިއްލެމުންދާ ބޮތްކަށް ބަލަހައްޓައިގެން ޔުނާން އިނެވެ. އޭނާގެ ކައިރީގައި އޭނާގެ މަންމައާއި ބައްޕަވެސް ތިއްބެވެ.
“ކިހިނެއްތަ ވީ؟” ޔާސިރު ހުރީ ވީނުވީއެއް ނޭނގިގެން ހާސްވެފައެވެ.
“އަހަރެން ބާޒާރުން ގެޔަށް އައިސް އިޝާގެ ކޮޓަރިއަށް ވަން އިރު އިޝާ އޮތީ ލޭތަކާއެކު އެނދުމަތީގައި ހޭނެތިފަ.” ޔުނާން ޔާސިރުއަށް ވީގޮތް އޮޅުންފިލުވައިދިނެވެ.
“ލެޔޭ”؟ ޔާސިރު ބަލާލީ ޔުނާންގެ މޫނަށެވެ.
“އަހަންނަށް ހީވަނީ އިޝާ ބަނޑުބޮޑުވެ ބައިގެން ދިޔައީހެން. ކައިވެންޏަށް މަހެއް ވެއްޖެއެއްނު.” ދީމާ ލޮލުގެ ހިމަކަޅިން ޔުނާންގެ މޫނަށް ބަލާލިއެވެ.
“އެވަރު ކަމެއް ވިއިރު ކީއްވެ ބައްޕަމެންނަށް އަންގާނުލީ. ދީމާ ބުނާނެ އިޝާ ޔުނާންގެ ދިރިއުޅުން ހަލާކު ކުރާ ވާހަކަ އެކަމް.” ޔާސިރު ހިތްހަމަ ނުޖެހުނީ ޔުނާން ދެކެއެވެ.
ކިތަންމެ ފަހަރަކު ބައްޕައަށް ރައްދު ޖަވާބުދީފާނަމޭ ޔުނާންގެ ހިތަށް އަރަމުންދިޔައެވެ. ނަމަވެސް ހުރިހާ ކަމެއް އެންމެންނަށް އެނގި ފާޅުވަންދެން ޔުނާން ބޭނުންވީ ކެތްތެރިވެގެން ހުންނާށެވެ.
އޮޕަރޭޝަން ތިއޭޓަރުގެ ބޮކި ނިވުމާއިއެކު ދޮރުވެސް ހުޅުވިގެން ދިޔައެވެ.
ނިތްކުރިމަތީގައި އަތް ހާކަމުން އަންނަމުން ދިޔަ ޑޮކްޓަރު ގެ މޫނަށް އެންމެންގެ ނަޒަރު ސީދާވެފައި ހުއްޓެވެ.
“ސޮރީ. ޝީ ހެޑް އަ މިސްކެރިއޭޖް. ބަނޑުތެރޭގައި ބައެއް ގަނޑު ލޭކޮޅުތައް ހުރުމުން ސާފުކޮށްލީ. ނައު ޝީ އިޒް އޯކޭ.” ޑޮކްޓަރު ޔުނާންގެ ކޮނޑުމަތީގައި އަތް ބާއްވާލިއެވެ.
“ޑޮކްޓަރ. އަޅުގަނޑު ދިނީމެއްނު ކުޑަ ޕްލާސްޓިކް ބޭގް އެއްގަ އޮތް އެއްޗެއް؟” ޔުނާން ޑޮކްޓަރާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ޔެސް. ބޭބީ ދޯ.” ޑޮކްޓަރަށް ޔުނާން ބުނަން އެއުޅެނީ ކީކޭ ކަމެއް ނޭނގުނު ކަހަލައެވެ.
“ކިތައް މަސް.؟” ޔުނާން ދެލޯ މަރާލިއެވެ. ޔުނާން އެ ސުވާލު ކުރީވެސް އޭގެ ޖަވާބު އެނގިހުރެއެވެ.
“އޯ. ޔަޤީން ޓޫ ޕްލަސް ކަން. ކުރިން ނޭނގޭތަ؟ ސްކޭންއެއް ނުކުރަންތަ؟” ޑޮކްޓަރު ޔުނާން އާ ސުވާލު ކުރީ ހައިރާންވެފައި ހުރެއެވެ.
ދީމާ އާއި ޔާސިރުއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ޑޮކްޓަރު ދެއްކި ވާހަކަތައް އެމީހުންނަށް ޤަބޫލުކުރަންވެސް ދައްޗެވެ.
“ވައިފް އާ މީޓް ކޮށްލަން އެކަކަށް ވަދެވިދާނެ. ކުޑަ އިރުކޮޅަކަށް އޮބްޒަވޭޝަންގަ ބާއްވާފަ އެއޮތީ.” ޔުނާންގެ އަތުގައި ޖަހާލަމުން ޑޮކްޓަރު އަނެއްކާވެސް ހިނގައިގަތީ އެތެރެއަށް ވަންނާށެވެ.
“އެ ވަރު ވީ އިރުވެސް ދަރިފުޅަށް ނޭނގޭތަ؟” މިއަދު ދީމާ އެހުރީ ޔުނާންގެ ކުރިމަތީގައި އިސްޖަހައިގެންނެވެ. ދީމާ ގެ އެދުމުގެ މަތިން ޔުނާން ފެށި ދިރިއުޅުމަކީ އިޝާގެ މަކަރުވެރި މަޅި އެއްކަން އެނގުނީމައެވެ.
“ދެން އެވާހަކަ ނުދައްކާ. އަޅުގަނޑު މިދަނީ އިޝާ ކައިރިއަށް.” ޔުނާން ހިނިތުންވެލިއެވެ. އެ ދަނޑިވަޅުގައިވެސް ޔުނާން ހިތްވަރުކުރިއެވެ.
“ދަރިފުޅު ގޮސްގެން ނުވާނެ. އެކަހަލަ ވިޔާނުދާ މީހުން ކައިރިއަށް ދާނެކަމެއްނެތް. ބައްޕަ މިގުޅަނީ ނިހާން އަށް.” ހަޤީޤަތް އެނގުމުން ޔާސިރުވެސް އިޝާ އަށް ނަފްރަތުކުރަން ފެށިއެވެ.
އެކަން ހަމަރަނގަޅަށްވެސް ޔާސިރުގެ ވާހަކަތަކުން އެނގެއެވެ.
“ނޫން ޑޭޑް. އިޝާ އަކީ އަދި އަޅުގަނޑުގެ އަނބިމީހާ.” ޔުނާންގެ ކެތްތެރިކަމާއި އޯގާތެރިކަމާއިމެދު ހައިރާންވާހާ ވެއެވެ.
މަޑު ހިނގުމެއްގައި ޔުނާން ގޮސް އިޝާގެ އެނދު ކައިރީގައި ހުއްޓިލިއެވެ. އިސްޖެހިފައިވާ އިޝާގެ މޫނާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން ޔުނާން އަށް ހުރިހާ ކަމެއް ފަޅާއަރައިފިކަން އިޝާއަށް އެނގޭކަން ހާމަވެއެވެ. ތަނަށް ވެރިވެފައިވަނީ އާދަޔާ ޚިލާފް ހިމޭން ކަމެކެވެ.
ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.
ދައްކާނެ ވާހަކައެއް ނެތީ ނޫންކަން ޔަޤީނެވެ. ފަށާނެ ކޮޅެއް ނޭނގެނީއެވެ. ޔުނާން އަށް އިޝާ ޤަދަރު ކުރެއެވެ. އިޝާ އަށްވެސް މިއަދު ޔުނާން އަކީ ކިހާ މާތް އިންސާނެއްކަން އެނގިއްޖެއެވެ
ނަގަމުންދިޔަ ބިޔަ ރާޅުތަށް ތޮށި ގަނޑު މައްޗަށް ބިންދާލާއިރު އެ އަންނަ ބޮޑެތި ލޮނު ތިކިތައް އިރުއިރުކޮޅާއި އެދޮން މޫނު ތެންމާލައެވެ. ނަމަވެސް ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ވާން އުޅޭކަން އެނގޭތީ މިއަދު އެލޮނު ތިކިތަކުންވެސް ލިބެމުންދަނީ ހިތްހަމަޖެހުމެވެ.
އެއް އަތުގައި އަޅާފައި އޮތް ކެވެލި ކޮޅާއި އަނެއް އަތުން ކުޅެލަމުންދާއިރު ރަންކުލައިގެ ފަން އިސްތަށިގަނޑު ދެފަރާތަށް ވިހުރެމުންދާއިރު މަންޒަރު ބަލާ ފޫހިނުވެއެވެ. ޖަންބު ކުލަ އަރައަރާ ހުރި ކޯތާފަތް ދިއްލިފައި ހުރިއިރު ސާދަ ފަނަރައިގެ ހަނދަށްވުރެވެސް ފުރިހަމަވެއެވެ. ނަމަވެސް އެ ހަލަބޮލި މާހައުލުގައި ހޭލަމޭލަވަމުންދާ އެއްވެސް މީހަކަށް ތޮށިގަނޑުމަތީގައި އެ އިން ހޫރަލްއީނެއް ފަދަ އަންހެން ކުއްޖާ ނުފެންނަކަން ޔަޤީނެވެ. ފެންނަ ނަމަ އެންމެންގެ ލޯތައް އަމާޒުވެފައި ހުންނާނީ އެ އަންހެން ކުއްޖާއަށް ކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ.
އިރު އުދަރެހުން ގެއްލި ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެބުމާއިއެކު ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާންފެށިއެވެ. ކަޅު ބޯ ވިލާތަކުން އުދަރެސް ބައްދާލީ އެވަގުތުއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ބޯކޮށް ވާރޭ އޮއްސާލުމާއިއެކު ތޮށިގަނޑުމަތީގައި އިން އަންހެންކުއްޖާ ގެއްލުނެވެ. އެޔާއެކު ވެހެންފެށި ވާރޭ ވެސް ހުއްޓާލައިފިއެވެ.
“ޔުނާން. އަހަންނަށް މާފްކުރޭ.” ކަރުނުން ފުރިފައިވާ ދެލޮލުން އިޝާ ޔުނާންއަށް ބަލާލިއެވެ.
މިއަދު އިޝާ ދެރަވެއެވެ. އިންތިހާއަށެވެ. އެހެން މީހެއްނަމަ އިޝާގެ ކަންކަށިމަތި ދުއްވާލަފާނެކަން ވެސް އިޝާ ޤަބޫލުކުރެއެވެ. ޔުނާން އަކީ މާތް އިންސާނެއްކަން މިއަދު އިޝާއަށް އެނގިއްޖެއެވެ. މާފު ނުކުރިޔަސް އިޝާގެ އެއްވެސް ޝަކުވާއެއް ނެތެވެ. މި ދުވަސް ދެކެން މި ޖެހުނީ ޚުދު އިޝާގެ ސަބަބުންކަން އިޝާ ވެސް ޤަބޫލުކުރެއެވެ.
“އަންނާނަން ކުރުނބާ ފެން ފޮދެއް ހިފައިގެން. ޑޮކްޓަރ ބުނީ މިވަގުތު އެއްވެސް ހަރު އެއްޗެއް ނުކާށޭ.” ޔުނާން އިޝާގެ ގައިމަތީގައި އޮތް ބެޑްޝީޓް ރަނގަަޅުކޮށްލައި ދިނެވެ.
“އިރުކޮޅަކުން ރޫމަށް އިޝާ ބަދަލު ކުރާނެ. މި އަންނަނީ ވަރަށް އަވަހަށް.” ޔުނާން އެތަނުން ނިކުތެވެ. ޔުނާން ދިޔަ މަންޒަރު ބަލަން އޮތް އިޝާ އަށް އަޑުގެ ނެތްކޮޅަށް ރޮއެގަނެވުނެވެ.
“މާ ބޮޑަށް ތަދުވަނީތަ؟” އިޝާގެ އަޑަށް ނަރުސް ކުއްޖެއް ދުވެފައި ކަހަލަ ގޮތަކަށް އެތަނަށް އައެވެ. ބޮލުގެ އިޝާރާތުން ނޫނެކޭ ބުނަމުން އިޝާ ދެލޯ މަރާލިއެވެ.
އާއެކެވެ. ތަދުވެއެވެ. ވޭން އަޅައެވެ. އިޝާގެ ހިތުގައެވެ. އެއްވެސް ޑޮކްޓަރަކަށް ފަރުވާއެއް ނުދެވޭނެއެވެ. އުމުރު ދުވަހުން ވެސް އިޝާ އަކަށް ދެން ހިތްހަމަ ޖެހުމެއްނެތެވެ. އިޝާ ވާހަކަ ދައްކަމުންދިޔައީ އަމިއްލަ ހިތާއެވެ.
ގާޑިޔަލަކުން ކުރުނބާ ގަނެގެން ޔުނާން ސައިކަލަށް އަރާ ސްޓާޓް ކޮށްލިއެވެ.
“ޔުނާން.” ކަންފަތުގައި ޖެހުނު އަޑުން ޔުނާން އަށް ބަލައިލެވުނީ ސިހިފައެވެ. އޭރު ފުސް ވެފައިވާ ކަމީލާގެ ބޮޑު ދެލޯ ޔުނާންގެ މޫނަށް ހުއްޓާލައިގެން ކަމީލާ ހުއްޓެވެ.
“މިތާގަ ކީއްކުރަނީތި؟” ޔުނާން އަށް އަހައިލެވުނީ ބޭއިޚްތިޔާރުގައެވެ.
“ޔުނާން ފެނިގެން އައީ ހަމަ.” ހިތްގައިމު ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން ކަމީލާ ޔުނާންގެ އަތުގައި ހިފިއެވެ. މިފަހަރު ޔުނާން ކަމީލާގެ އަތް ފޮޅާ ނުލާނެކަން ކަމީލާއަށް ޔަޤީންވާ ކަހަލައެވެ.
“ދީބަލަ ނަމްބަރު. މިރޭ ފްރީ ވެލާފަ ގުޅާނަން.” މަގުމަތިން ހިނގަމުންދާ މީހުންނަށް ނަޒަރު ހިންގާލަމުން ޔުނާން އެދުނެވެ.
“ނަމްބަރު ވެސް ދޭނަން ފަހުން. ޔުނާން އަހަރެން މަތިން ހަނދާންކޮށްލާ އިރަށް އަހަރެން އަންނާނަމޭ.” ވަޔާ ވިހުރުވެމުންދާ އިސްތަށިގަނޑު ކަމީލާ އޭނާގެ އަތުން އެއްފަރާތް ކޮށްލުމާއެކު ކަމީލާގެ ދޮން ކަރުން ބައެއް ހާމަވެގެން ދިޔައެވެ. އެ މަންޒަރު ފެނުމާއެކު ޔުނާންއަށް ހިންދިރުވާލެވުނެވެ. މާޒީގެ ހިތްގައިމު ހަނދާންތައް ސިކުނޑިތެރޭގައި އެނބުރިގަތެވެ.
ހާލަތުގެ ގޮތުން ކަމީލާ އާއި އެހާ ދުރުކޮށް ވާހަކަ ދެއްކި ނަމަވެސް ކަމީލާ ދެކެ އަދިވެސް ޔުނާން ވަރަށް ލޯބިވެއެވެ. ސައިކަލަށް އަރައި ދުއްވާލަމުން ޔުނާން ފަސްއެނބުރިލިއެވެ. ކަމީލާގެ ވަސް ވެސް ފެންނާކަށްނެތެވެ. އެހާ އަވަހަށް ކަމީލާ ގޮސް އެވަނީ ކޮންތާކަށްބާއޭ ޔުނާންގެ ހިތަށް އެރިއެވެ. ނަމަވެސް އަވަހަށް ދާން ޖެހޭތީ ޔުނާން ދިޔައީއެވެ.
ޔުނާން އައި އިރު އިޝާ ރޫމަށް ބަދަލު ކޮށްފިއެވެ. އިޝާ އަށް އޮތީ ނިދިފައެވެ. އެ ރޫމް ތެރޭގައި ހުރި ސޯފާއެއްގައި ދީމާ އިށީނދެލައިގެން އިނެވެ.
“އިޝާ ނިދީތަ؟” ޔުނާން ކުރުނބާތައް މޭޒުމަތީގައި ބަހައްޓާލިއެވެ.
“ދަރިފުޅު ކޮންއިރަކު އިޝާ ވަރިކުރަނީ.؟” މަންމަގެ ސުވާލަށް ޔުނާން ސަމާލުކަމެއް ނުދިނުމުން ދީމާ ސޯފާއިން ތެދުވެގެން އައިސް ޔުނާންގެ ކުރިމައްޗަށް ހުއްޓުނެވެ.
އެއްޗެއް ބުނަން ޔުނާން އަނގަ ހުޅުވާލިތަނާ ޑޮކްޓަރ ދޮރު ހުޅުވާލާފައި އައިސް އެތެރެއަށްވަނެވެ.
“މާދަން ހެނދުނު ގެޔަށް ދޫކޮށްލާނަން. ޝީ އިޒް އޯކޭ މިހާރު.” ނިދިފައި އޮތް އިޝާ ބޮލުގައި ފިރުމާލަމުން ޑޮކްޓަރު ޔުނާން އަށް ބުނެލިއެވެ.
“ތޭންކްސް ޑޮކްޓަރ.” ޔުނާން ޑޮކްޓަރާއި ސަލާމްކޮށްލިއެވެ.
“މަންމަ ދޭ ގެޔަށް. އަހަރެން މަޑުކޮށްލާނަން.” ޔުނާން ބޭނުންވީ ދީމާ އެތަނުން ދާށެވެ. އިޝާ އެހާލަތުގައި އޮއްވާ އެއްވެސް ކަހަލަ މަސްލަހަތު ގޯސް ވާ ކަހަލަ ވާހަކައެއް ދީމާ ދައްކާކަށް އިޝާ ބޭނުމެއްނޫނެވެ.
ނަމަވެސް ކަންތައްތައް ވެގެން ދިޔައީ ޔުނާން ހީކުރި ގޮތަކަށް ނޫނެވެ.
ޑޮކްޓަރު އެ ރޫމުން ނިކުތުމާއެކު ނިހާން އާއި ޔާސިރު އެތަނަށް އައެވެ. ދެމީހުންގެ މޫނުމަތިން ފެންނަންހުރި ރުޅިވެރިކަމުން ދެމީހުންގެ މެދުގައި ދެބަސްވުމެއް ހިނގައިފިކަން ޔުނާން ދެނެގަތެވެ.
“ކަލޭ ހެޔޮވާނީ ކިހިނެއް އަހަރެންގެ ދަރިފުޅަށް ތިހާބޮޑު ދެރައެއް ދޭން. ޒަމާންވީ ރައްޓެހިކަމާ މެދު ވެސް ވިސްނާލަން ކީއް؟” ޔާސިރު ހަޅޭލަވައިގަތް އަޑަށް ނިދާފައި އޮތް އިޝާއަށް ވެސް ހޭލެވުނެވެ.
“ޔާސިރު ކަލޭ ކީކޭ ތަ ތި ކިޔަނީ؟ ބަލަ އެއީ ކަލޭގެ ދަރިފުޅުގެ އަންހެނުންނޭ.” އިޝާ ދެލޯ ހުޅުވާލިތަން ފެނިފައި ނިހާން އަވަސް އަވަހަށް އިޝާ ކައިރިއަށް ދިޔައެވެ.
“އަންހެނުންނޭ. މިހާރު ޔުނާންގެ އަންހެނުންނެއް ނޫން އެއީ. އަހަރެންގެ ދަރިފުޅު އަދި އަލަށްވެސް މީހަކާއި ނުއިދޭ.” ޔާސިރުއަށް ރައްދު ދިނީ ދީމާއެވެ. އެންމެންވެސް ހީކުރަނީ އިޝާ ކުރި ކުށުގައި ނިހާން ވެސް ފުރިހަމައަށް ހިއްސާވާ ކަމަށެވެ. އަދި ނިހާންވެސް ގަސްތުގައި އެމީހުންނަށް އޮޅުވާލީ ކަމަށެވެ.
“އަހަރެންގެ ދަރިފުޅު ކީއްތަ ކުރީ. ތިހާ އެއްޗެހި ކިޔަން ވާނީ ކުރި ކަމެއް ބުނެފައި.” ވާނުވާ ނޭނގިހުރެ ނިހާންވެސް އިސްކުރީ ރުޅިއެވެ.
“އަހާބަލަ ނިކަން ކަލޭގެ ރަންދަރި ކައިރިން. އަމިއްލައަށް ލަދުހަޔާތް ކަނޑުވާފައި އެވާހަކަ ދައްކަން ވެސް ވާނީ އަމިއްލައަށް ދޯ.” ދީމާ މަލާމާތުގެ ފާޑަކަށް ހީލަމުން އިޝާ އާއި ދިމާއަށް ބަލާލިއެވެ.
ޔުނާން ހިނގައިގަތީ އެތަނުން ނިކުންނާށެވެ. ނަމަވެސް ޔުނާންގެ އަތުގައި ހިފަހައްޓަމުން ޔާސިރު ޔުނާން ހުއްޓުވިއެވެ.
“ދަރިފުޅު ކީއްކުރީތަ މި އެންމެން ޑޭޑްއަށް އެހާ މަލާމަތް އެކުރަނީ.” އިޝާއަށް ބަލާލުމާއެކު ނިހާންގެ ލޮލުން ކަރުނަ ހިލުނެވެ. ބައްޕައަށް ޖަވާބު ދިނުމުގެ ބަދަލުގައި އިޝާ އަށް ރޮވުނީއެވެ.
“ޔުނާން. ދަރިފުޅު ބުނެދީބަލަ ވެގެން އުޅޭގޮތެއް.” އާދޭހުގެ ރާގެއްގައި ނިހާން ބުނެލިއެވެ.
“އިޝާ ބަނޑުބޮޑު. މިބުނީ އިޝާ މެރީ ކުރީ ބަނޑުބޮޑުވެގެން ނޭ.” ޔުނާން ވާހަކަ ދެއްކީ ސީދާ ނިހާން އާ ހަތަރު ކަޅި ހަމަކޮށްލަމުންނެވެ.
“އާން. އެބުނީ ވެގެން އުޅޭގޮތް. އެ ކައިވެނި ވެސް ހަލާލެއް ނުވާނެ. ޔާސިރު ހިނގާ ދާން.” ދީމާ މޫނު ކުނިކޮށްލަމުން ޔާސިރަށް އަމުރުކޮށްލި ކަހަލައެވެ.
ޔާސިރު ހިނގައިގަތީ ޔުނާންގެ އަތުގައި ހިފައިގެންނެވެ.
“ޔުނާން. ސޮރީ.” ދޮރުން ނިކުމެ ނިކުމެ ހުރި ޔުނާންއަށް އިޝާގެ އަޑުއިވުނެވެ. ނަމަވެސް ޔާސިރު ޔުނާންގެ އަތުގައި ހިފައިގެން ދިޔައީއެވެ.
“ހުންނަ ގޮތްކުޑަކަން ދޯ.” ނިހާން އިޝާގެ ކަންކަށިމަތީގައި ހޫނު އެތިފަހަރެއް އަޅާލިއެވެ.
“ކަލޭގެ ވިޔާނުދާ އުޅުމުގެ ސަބަބުން އަހަރެންގެ ޒަމާންވީ އެކުވެރިޔާވެސް އަހަންނާއި ގުޅުން ކަނޑާލީ.”
މިއަދު ހަޤީޤަތުގައިވެސް ނިހާން ވަރަށް ދެރަވެއްޖެއެވެ. އިޝާގެ ސަބަބުން އެންމެންގެ ކުރިމަތީގައި އޭނާގެ އަގުވެސް ވެއްޓިއްޖެއެވެ. ނަމަވެސް މިއަދު އޭނާ ނޫން މީހެއް އިޝާގެ ނެތްކަން ނިހާން ޤަބޫލުކުރިއެވެ. އިޝާ އެކަނި ދޫކޮށެއްވެސް ނުލެވޭނެއެވެ.
ރުއިން ނޫން ފިޔަވައި އެއްވެސް ކަމެއް އިޝާއަކަށް ނުކުރެވުނެވެ. އެންމެންވެސް އިޝާ އަށް އެކިޔަނީ މިއަދު ހައްޤު އެއްޗެއްސެވެ.
އުޑުމަތީގައި ވިދަމުންދާ ތަރިތަކާއި ދިމާއަށް ބަލަހައްޓައިގެން ޔުނާން ހުރީ ބެލްކަނީގެ ދަގަނޑުގައި އަތް އަޅުވާލައިގެންނެވެ.
ވަޔާއިއެކު ޖެހިލި މަޑުމަޑު މީރުވަހެއް ޔުނާންގެ ނޭފަތުގައި ޖެހުމާއެކު އާދަޔާ ޚިލާފަށް ވައިރޯޅި ބާރުވެގެން ދިޔަ ކަހަލަ އިޙްސާސެއް ޔުނާން އަށް ކުރެވިގެންދިޔައެވެ.
ދެފަރާތަކަށް ބޯ ހޫރާލަމުން ޔުނާން ކޮޓަރިތެރެއަށް ވަނެވެ. އަދި މަޑުމަޑުން ބެލްކަނީގެ ދޮރު ލައްޕާލިއެވެ.
އެވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގް ވާން ފެށިތަނާ ޔުނާން އަވަސް އަވަހަށް ފޯނަށް ޖަވާބުދިނެވެ.
“މި ނިކުންނަނީ މިހާރު.” ސާހިލް ގުޅީ ޔުނާންގެ ގެޔަށް އަންނަ ވާހަކަ ބުނާށެވެ.
ލޯގަނޑު ކުރިމަތީގައި ހުއްޓި އިސްތަށިކޮޅުގައި އަތުން ފުނާ އަޅާލަމުން ޔުނާން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
“ހާދަ މީރުވަސް ދުވައޭ.” ޔުނާން ގޭގެ ދޮރުމަތީގައި ހުރިތަން ފެނިފައި މާޝީ ޔުނާން ކައިިރިއަށް އައިސް ހުއްޓިލިއެވެ.
ޔުނާން އެއްވެސް އެއްޗެއް ނުބުނެ ހިނިތުންވެލިއެވެ. ނަމަވެސް މާޝީ ޖެހެމުންދިޔައީ ޔުނާން އާއި ގާތަށެވެ. މާޝީ މެން ކަހަލަ އަންހެން ކުދިންނަށް ޔުނާން މެން ކަހަލަ ލަދުރަކި ކުދިންގެ އިޙްސާސްތަކާއި ކުޅެލަން ފަސޭހަވާނެ ކަމަށް މާޝީ އަށް ހީވާ ކަހަލައެވެ.
މާޝީގެ ކޮންމެ ފިޔަވަޅަކަށް ޔުނާން ދުރަށް ޖެހިލައެވެ. އެންމެ ފަހުން ޔުނާން ޖެހުނީ ގޭގެ ދޮރާށީގައެވެ.
“ހާދަ ލަދުން ތިއުޅެނީ.” މާޝީ ޔުނާންގެ މޫނާއި ކައިރިވެލިއެވެ. އޭރުވެސް މާޝީގެ އަނގައިން ސިގެރޭޓް ވަސް ދުވަމުންދެއެވެ.
މާޝީ އުޅުނީ ޔުނާން އާ ވީހާވެސް ކައިރިވާށެވެ. ނަމަވެސް ޔުނާން މާޝީގެ މޭގައި އަޅާ ކޮށްޕާލިއެވެ. މާޝީ ނުވެއްޓުނީ ކިރިޔާއެވެ.
“އަންހެނެއްހެން އުޅެން ދަސްކޮށްބަލަ.؟” ޔުނާން ރުޅި އައިސްގެން ދެލޯ އަޅައިލުމާއިއެކު މާޝީ މޫނު ކުނިކޮށްލިއެވެ.
ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން އިރުވެސް މާޝީ ދިޔައީ ޔުނާންއަށް ކުދި ކިޔަމުންނެވެ.
ވަށައިގެން ގަސް ހައްދާފައިވާ އެ ގޯތި ތެރެ ވަރަށް އަނދިރިއެވެ. އަތުގައި އޮތް ފޯނުގެ ފްލެޝް ލައިޓް ދިއްލާލައިގެން ހިނގަމުން ދަނިކޮށް ކުއްލިއަކަށް ފޯނު ނިވުނެވެ.
“އަނެއްކާ މިޔަށް ކީއްތަ މިވީ؟ ގައިމު ފުލް ޗާޖް ހުރި ދެންމެވެސް.” މާޝީ ފޯނުގައި އަތުން ތަޅައިގަތެވެ.
“މާޝީ.” މީހެއް ނުފެނުނަސް ޔުނާންގެ އަޑު ކަންފަތުގައި ޖެހުމާއެކު މާޝީ އުފާވިއެވެ.
“އަޅެ ޔުނާން. މިތަން ވަރަށް އަނދިރިއޭ. އާދެބަލަ ކައިރިއަށް.” މަސްތީ ރާގެއް އަޅުވައިލަމުން މާޝީ ތުއިވެލިއެވެ. އެއާއިއެކު ދެއަތަކުން މާޝީގެ އުނަގަނޑު ވަށާލިއެވެ.
“އަޅެ ޔުނާން. އަހަރެން ހާދަ ލޯބިވެއޭ ޔުނާން ދެކެ. އަހަރެންގެ ހިތް ދީފިން ޔުނާން އަށް. މުޅި އުމުރަށް.” މާޝީ ވާހަކަ ދެއްކީ ވައި އަޑުންނެވެ.
“ހިތް ނަގަންވީތަ އަސްލުވެސް.” ޔުނާންގެ އަތް މާޝީގެ މޭމަތީގައި ބާއްވާލިއެވެ. މާޝީ ދެލޯ މަރާލަމުން ޔުނާންގެ އަތް މަތީގައި އަތް ބާއްވާލިއެވެ.
ކުއްލިއަކަށް މާޝީގެ ކަރުބުޑުން ނިކުތް ބިރުވެރި އަޑާއެކު ދެލޯ ބޮޑުވެގެން ދިޔައެވެ. ޔުނާންގެ އަތް އެއޮތީ މާޝީގެ މޭތެރޭގައެވެ. އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް މާޝީގެ ފޯނުގެ ލައިޓް ދިއްލުނެވެ. ބިރުވެރި ސިފައެއްގައި ހުރި އެމީހާގެ މޫނު މާޝީ އަށް ފެނުނު ނަމަވެސް މާޝީގެ އެއްވެސް ހަރަކާތެއް ނެތެވެ. މޭމަތީގައި ހުރި ބޮޑު ލޯވަޅުން ހޯސްލާފަައި ލޭފައިބަމުންދެއެވެ. ކުއްލިއަކަށް މާޝީގެ ތެޅިތެޅި އޮތް ހިތް ބިންމައްޗަށް ވެއްޓުމާއެކު މާޝީގެ ފުރާނަ ހަށިގަނޑާއި ވަކިވެ އެހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެއެވެ.
އާ ދުވަހެކެވެ. ހެނދުނު ހޭލިގޮތަށް ޔާސިރު އޮފީހަކަށް ނުދެއެވެ. ޔުނާންގެ ދިރިއުޅުމުގައި ކަންތައްތައް ވީ ގޮތުން ދީމާ އާއި ޔާސިރު ތިބީ މޮޅިންނެވެ.
“ސައިބޯން ވީނު.” ބަގީޗާ ތެރޭގައި ހުރި ގޮނޑިއެއްގައި މޮޅިން ސާލުލައިގެން އިން ޔާސިރު ކައިރިއަށް ދީމާ އައިސް ހުއްޓުނެވެ.
އެވަގުތު މީހަކު ސަލާމް ގޮވާލި އަޑަށް ޔާސިރު އާއި ދީމާ ބަލައިލީ އެއްފަހަރާއެވެ.
“ތީ ކާކު؟” އަނގަ ތަންމިނަށް ހުޅުވިފައި ހުރި ދީމާ އިތުރަށް ސިހުނީ ކުރިމަތީގައި ހުރި މީހާގެ ފުރަގަހުން ނިކުތް އަންހެންކުއްޖާ ފެނިފައެވެ.
ނުނިމޭ
“ތީ ކާކު؟” އަނގަ ތަންމިނަށް ހުޅުވިފައި ހުރި ދީމާ އިތުރަށް ސިހުނީ ކުރިމަތީގައި ހުރި މީހާގެ ފުރަގަހުން ނިކުތް އަންހެންކުއްޖާ ފެނިފައެވެ.
އެއީ ކަމީލާ ނޫން ދެވަނަ މީހެއް ނޫނެވެ. ދީމާ އަށް ހުރެވުނީއެވެ. ބަސްހުއްޓިފަ އެވެ. ހިނިތުންވެލަން ނޭނގުނުތާގައި ދައްކާނެ ވާހަކައެއްވެސް ދީމާއަށް ނޭނގުނެވެ.
“ޔުނާން އެބައުޅޭތަ؟” ކަމީލާ ދިވެހިން ވާހަކަ ދެއްކުމުގައި ނުފަރިތަ ގޮތެއް ހުއްޓެވެ.
“ތީ ކަމީލާތަ؟” ލޮލަށް ފެންނަމުން ދިޔަ މަންޒަރު ދީމާއަށް ޤަބޫލު ނުކުރެވޭ ކަހަލައެވެ.
ކަމީލާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ދީމާ އަށް އިތުރު ސުވާލެއް ކުރެވުނީ އެހެންވެއެވެ.
“އަހަރެން ދަންނަންތަ؟” ދީމާ އަށް ކަމީލާ އެނގުނީތީ ކަމީލާވެސް ވީ ހައިރާނެވެ.
“އިށީންދޭ. މީ ޔުނާންގެ ޑޭޑް. އެބައަންނަން ޔުނާން އަށް ގޮވާލާފައި.” ޔާސިރު ތަޢާރަފް ކޮށްދެމުން ދީމާ ކަމީލާ އާއި އޭނާގެ ބައްޕައަށް އިށީންނުމަށް އިޝާރާތްކޮށްލިއެވެ. ޔާސިރު އާއި ކަމީލާގެ ބައްޕަ ޕުލިން އެކަކު އަނެކަކާއި ސަލާމްކޮށްލީ ހިނިތުންވެލަމުންނެވެ.
“އަހަރެން ދަން ތަ ޔުނާން އަށް ގޮވަން؟ އިފް ޔޫ ޑޯންޓް މައިންޑް؟” ގޭތެރެއަށް ވަންނަން ގޮސް ގޮސް ހުރި ދީމާ ހުއްޓުނީ ކަމީލާގެ އަޑަށެވެ. އެނބުރި އައި ކޮޅަށް ދީމާ އައީ ކަމީލާ އެދުނު ގޮތަށް ކަމީލާއަށް އެފުރުސަތު ދެމުންނެވެ. އެންމެ ރަނގަޅު ވާނީވެސް އެގޮތް ކަން ދީމާއަށް ވެސް ވިސްނުނީމައެވެ. މިވަގުތު ޔުނާންގެ އެކަނިވެރި ހަޔާތަށް ކަމީލާ އަކީ ކިހާ މުހިއްމު މީހެއްކަން ވެސް އެންމެ ރަނގަޅަށް އެނގޭނީވެސް ދީމާ އަށެވެ.
ގޭގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ކަމީލާ އެސްފިޔަ ޖަހާ ހާ ފަޅި ސިކުންތެއްގެ ތެރޭގައި ހުރީ ޔުނާންގެ ކޮޓަރީގައެވެ. ނިދާފައި އޮތް ޔުނާން އަށް ބަލަހައްޓައިގެން ކަމީލާ ހުރިއިރު ކަމީލާގެ ތުންފަތުގައި ކުޅެވިގެން ދިޔައީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެތައް ދުވަހެއް ކުރިން ދެކެމުން އައި ހުވަފެންތައް ހަޤީޤަތަކަށް ވާން އުޅޭތީ ކަންނޭނގެއެވެ. ނަމަވެސް ތަޤުދީރުގަ ލިޔެވިފައިވާ ގޮތް އެނގޭނީ ކާކަށް ހެއްޔެވެ؟
ހުޅި ޖަހާފައި މައްޗަށް ނަގާފައިވާ ރަން ކުލައިގެ އިސްތަށިގަނޑު ނިއުޅުވާލަމުން ކަމީލާ ޔުނާން ނިދާފައި އޮތް އެނދާއި ދިމާއަށް ހިނގައިގަތެވެ.
އަދި ޔުނާން ކައިރީގައި ކަމީލާ އޮށޯވެލީ ޔުނާންގެ މޫނަށް ބަލަހައްޓައިގެން ހުރެއެވެ.
ޔުނާން ހޭލާއިރު ކަމީލާ ކައިރީގައި އޮއްވާ ފެނުމުން ޔުނާން އަށް ވާގޮތް ބަލަން ކަމީލާ ބަލަން ބޭނުމެވެ. ދެލޯ މަރާލީވެސް ނިދާކަމަށް ހެދެންވެގެންނެވެ. އަދި ގަސްތުގައި ނިދާފައި އޮތް ޔުނާންގެ ބަނޑު މަތީގައި ކަމީލާގެ ދޮން އަތްތިލަ ބާއްވާލިއެވެ.
ސިހިފައި ޔުނާން އަށް ދެލޯ ހުޅުވާލެވުނީވެސް އެވަގުތުއެވެ. ޔުނާންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ އޭނާގެ ބަނޑު މަތީގައި އޮތް ދޮން އަތް ތިލައެވެ. ބިރުން ގޮސް ތެޅިގެންފައި ޔުނާން އަށް އެ އަތް ނަގާ ދުރުކޮށްލެވުނެވެ. އޭރު ޔުނާންގެ ދެލޯ ވެސް ހުރީ ބޮޑުވެފައެވެ.
ނަމަވެސް ޔުނާންގެ މޫނުމަތިން އެ ބިރުވެރިކަން ފިލާކަށް މާގިނައިރެއް ނުނެގިއެވެ. ވަޔާ ވިހުރުވެމުން ދިޔަ ކަމީލާގެ ފަން އިސްތަށިކޮޅު އިރުއިރުކޮޅާ ކަމީލާގެ މޫނުމަތިން އެއްބައި ފޮރުވާލައެވެ. ޖެހި ބުދެއްހެން ޔުނާން ހުރީ އެއީ ކަމީލާ ކަމާމެދު ޝައްކުވެފައެވެ. އަނެއްކާ މީ ފެންނަ ހުވެފެނެއްބާއެވެ. އެއީ ހަމަ ކަމީލާ ބާއެވެ. ދެލޯ މަރައިގެން އޮތް ކަމީލާގެ މޫނާއި ޔުނާން ކައިރިވެލީ ފަސްޖެހިފައި ހުރެއެވެ. އެ އޮމާން މޫނުގައި އިނގިލިތަކުން ބީހިލި ވަގުތު މީ ފެންނަ ހުވެފެނެއް ނޫންކަން ޔުނާން އަށް ޔަޤީންވެއްޖެއެވެ.
“ކަމީލާ.” ކަމީލާގެ ހަށިގަނޑުގައި ޔުނާން އޮޅުލައިގަތީ މޮޔައެއް ފަދައިންނެވެ. ރޮމުންނެވެ. އެތައް ދުވަހަކަށްފަހު ހިތުގެ ފުނުގައި ރޯވެފައިވާ ހުޅުގަނޑު ރޯވެ ފަަޅައިގެން ދިޔައީއެވެ.
ޔުނާން އުޅުނު ގޮތުން ދެރަވެގެން ކަމީލާ އޭނާގެ ދެލޯ ހުޅުވާލިއެވެ.
“އައްދޭ. ބޯއީ ކުދިން ނުރޯނެޔޭ ޔުނާން ބުނީމެއްނު” ކަރުނަ ފައިބަމުންދާ ޔުނާންގެ ދެލޯ ކަމީލާ ފޮހެދޭން ފެށިއެވެ. ކިތަންމެ ވަރަކަށް ކަމީލާ ފޮހެ ދިނަސް މިއަދަކު އެ ކަރުނަތަކެއް ހުއްޓުމެއްނެތެވެ.
“އަހަރެން އައީމަ ވެސް ރޮނީތަ؟” ކަމީލާ ޔުނާންގެ މޭގައި ބޯއަޅާލިއެވެ. ޔުނާންގެ ބަލި ހިތުގެ ތެޅުން އަޑުއަހާލުމަށެވެ.
“ކަމީލާ ތި އައީ ދާގޮތަށްތަ އަނެއްކާ؟ ރޭގަވެސް ދިމާވިއިރު ކީއްވެ ނުބުނީ އަންނާނެ ވާހަކަ.” އަމިއްލަ ހިތަށް ހަމަޖެހުންދޭން ޔުނާން ބޭނުންވާ ކަހަލައެވެ. ނުތަނަވެސްވެފައިވާ ޔުނާންގެ ހިތް ބުނަނީ އަނެއްކާވެސް ކަމީލާ ގޮސްދާނެ ކަމަށެވެ.
“ހިނގާބަލަ ބޭރަށް. އޭރަށް ޔުނާންގެ ހުރިހާ ސުވާލެއްގެ ޖަވާބުވެސް ލިބޭނެ.” ކަމީލާ ހިނިތުންވެލަމުން ޔުނާންގެ އަތުގައި ހިފާލިއެވެ.
އަދިވެސް ޔުނާން އަށް ބެލެނީ ކަމީލާގެ މޫނަށެވެ. ކަަޅިވެސް ޖަހާލަން ހަނދާންނެތެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކަމީލާ އޭނާގެ ދިރިއުޅުމަށް އައިސްދާނެ ކަމަށް ޔުނާން ހުވަފެނުންވެސް ނުދެކެއެވެ.
ކަމީލާގެ އަތުގައި ހިފައިގެން ޔުނާން ނިކުތީ ބޭރަށެވެ. ބަގީޗާގައި އިށީންދެގެން އިން ކަމީލާގެ ބައްޕަ ޕުލިން ފެނުމާއެކު ޔުނާންގެ އަނގަ ތައްމިނަށް ހުޅުވުނެވެ. ހިނިތުންވެފައި ހުރި ކަމީލާ އަށް ޔުނާން އަށް ބަލާލެވުނީ ބޭއިޚްތިޔާރުގަ އެވެ. ކަމީލާ ބޯޖަހާލީ ޔުނާންއަށް އިތުރަށް ޔަޤީންކަން ދިނުމަށެވެ. ޔުނާން އަށް ހީވެގެން އެ އުޅެނީ ރަނގަޅަށް ކަމަށެވެ.
“ދީމާ..ދީމާ..ޔާސިރު.” ތަނުގެ އުފާވެރިކަން ގެއްލުނީ އެގޭގެ ދޮރޯށި ހުޅުވާލާފައި ވަން ޒުބޭދާ ފެނިފައެވެ. ރަތްވެފައިވާ ޒުބޭދާގެ ދެލޯ ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިންތަނުން ތެދުވެވުނީ ދީމާ އަށްވެސް އެހެންވެއެވެ. ޒުބޭދާ އެގޮތަށް ހުއްޓާ ދުވަހަކު ފެނިފައެއްވެސް ނުވެއެވެ.
“ކިހިނެއްވީ ޒުބޭދާ؟ ކިހިނެއްވެފަ ތިހުރީ؟” ދީމާ އަވަސް އަވަހަށް ގޮސް ޒުބޭދާގެ ކުރިމައްޗަށް ހުއްޓުނެވެ.
“އަ-އަހަ- މާޝީ.” ޒުބޭދާ އަކަށް ވާހަކައެއް ނުދެއްކުނެވެ. އަޑުގެ ނެތްތަނަށް ރޮއެގަތީއެވެ.
ދީމާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ޒުބޭދާ އަރި އަޅާލައިފިއެވެ. ޔާސިރުމެން ނަށް ދުވެފައި އެހިސާބަށް ދެވުނީ ކިރިޔާއެވެ.
“ޔުނާން. ދަރިފުޅު ބަލާލަބަލަ ޒުބޭދާ ހޭއަރާތޯ. ޔާސިރު ހިނގާބަލަ ވެގެން އުޅޭގޮތެއް ބަލަން އެ ގެޔަށް.” ދީމާ ހިނގައިގަތީ ދެފަޔަށް ލެވުނުހާ ބާރެއްލާފައެވެ. ފަހަތުން ޔާސިރުވެސް ހިނގައިގަތެވެ.
އެންމެންގެ މޫނުމަތިން ހާސްކަން ފެންނަން ހުރިއިރު އެތަނުގައި ހަމައެކަނި ހަމަޖެހިފަ ހުރި މީހަކީ ކަމީލާ އެވެ. ކަމީލާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ފެންނާކަށްނެތެވެ.
“ކަމީލާ. ޑޭޑް ހޭވް ޓު ގޯ ނައު. ކަމް ސޫން. ޑޯންޓް ބީ ލޭޓް.” އެފަދަ ދަނޑިވަޅެއްގައިވެސް ވީނުވީ ބަލާނުލާ ކަމީލާގެ ޑޭޑް ދާން އުޅޭތީ ޔުނާން ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“ޑޭޑް ވަރަށް ބިޒީކޮށް އުޅެފަވެސް ކަމީ ބުނީމަ އެ އައީ. ޑޯންޓް ވޮރީ. މީ އެހާވަރުގެ ކަމެއް ނޫން.” ޔުނާންގެ ހިތުގައި އޮތް އެއްޗެއް ކަމީލާއަށް އެނގުނީ ކިހިނެއްބާއެވެ. ފުން ވިސްނުމެއްގައި ހުރި ޔުނާން އަށް ހަމަބިމަށް އާދެވުނީ ކަމީލާ އައިސް އަތުގައި ހިފީމައެވެ.
އެހެން ހުރިހާ ވިސްނުމެއް ދޫކޮށްލުމަށްފަހު ޔުނާން އަވަސްވެގަތީ ޒުބޭދާ ހޭއަރުވާށެވެ.
ޒުބޭދާ ގެ ގޭދޮށަށް އެއްވެފައިވާ މީހުންތަކުގެ ތެރެއިން ދީމާ އާއި ޔާސިރު ދެމިގަންނަމުން ކުރިޔަށް ދިޔައީ ވަރަށް އުނދަގުލުންނެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމާއި ހާސްކަމެވެ. ޕޮލިހުންގެ ޓީމެއްވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.
“ޔާރައްބީ.” ދީމާ އަށް އަނގަ މަތީގައި އަތް އަޅައިލެވުނީ ލެއިން ކަޅިވެފައި އޮތް މާޝީ ފެނުމުންނެވެ. މޭގައި ހެދިފައިވާ ލޯވަޅުވެސް ހާމައަށް ފެންނަން ހުއްޓެވެ. ބޮލަށް އެނބުރުން އަރަން އުޅޭހެން ހީވުމުން ދީމާއަށް ޔާސިރުގެ ގައިގައި ހިފެހެއްޓުނީ ވަރަށް ބާރަށެވެ.
ޔާސިރުވެސް ހުރީ ބިރުގެންފައެވެ. އިންސާނަކަށް ކޮށްލާފައިވާ ވަރު ފެނިފައެވެ.
ޔާސިރު އަވަސް އަވަހަށް ދީމާ ގޮވައިގެން ގެއާއި ދިމާއަށް ހިނގައިގަތީ އެތަނުގައި ހުންނަން ނުކެރިގެންނެވެ.
“ހާދަ ރަޙުމްކުޑަ މީހެކޭ ދޯ އެވަރު ކޮށްފަ އެ އޮތީ.” މީހުންގެ ތެރެއިން ނިކުންނަން ދަމުން ދީމާ ވާހަކަ ދެއްކީ ޔާސިރުއަށް އެކަނި އަޑުއިވޭ ވަރަށެވެ.
“މީހެއްގެ ކަމެއް ހެނެއް ހިއެއްނުވޭ. މަށަށް ހީވަނީ ރޫޙާނީ ކަމެއް ހެން.” ޔާސިރު މަޑުމަޑުން ބުނެލިއެވެ. ޔާސިރު ދެކޭގޮތުގައި އިންސާނަކަށް އެފަދަ ޢަމަލެއް ކުރާކަށް ނުކެރޭނެއެވެ. މީހަކު މަރާލިޔަސް އެހާ ރަހުމު ކުޑަކޮށް އެކަން ކުރާކަށް ނުކެރޭނެއެވެ.
ދީމާ މެންނަށް މަގުމައްޗަށް ނިކުމެވުނުއިރު ޔުނާން އާއި ކަމީލާ އެގޭގެ ދޮރުމަތީގައި ތިއްބެވެ.
“ކޮބާ ޒުބޭދާ.؟” ފުރަތަމަވެސް ދީމާއަށް ދެކޮޅު ހޯދާލެވުނީ ޒުބޭދާ ފެންނަން ހުރިތޯއެވެ.
“އެމްބިޔުލެންސްގަ ގެން ގޮއްސި. އޭނަގެ ބޭބެއެއް ދިޔައީ ގޮވައިގެން.” ޔުނާން އަށް ޖަވާބު ދެވުނީ އެއްވެފައި ތިބި މީހުންނަށް ބަލަހައްޓައިގެން ހުރެއެވެ. ވާނުވާ ނޭނގި ގެންނެވެ.
“މާޝީ އެއްވާ ނެތް. މޭފަޅާލާފައި އޮތީ. ލޭވެސް ހުސްވެފަ ގައިން.” ދީމާ އަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.
“ކީކޭ؟ އެކަމަކު ރޭގަވެސް ހަމަ ރީއްޗަށް ހުރި ކުއްޖެއްނު އެއީ.” މާޝީ އާ އެކީގައި ރޭގައި ހިނގި ހާދިސާ ޔުނާންގެ ހަނދާނަށް އައެވެ. އޭރުވެސް ކަމީލާ ހުރީ ޔުނާންގެ އަތުގައި ހިފަހައްޓައިގެންނެވެ.
“ހިނގާ ދަމާ ގެޔަށް. ގެޔަށް ގޮއްސަވެސް ވާހަކަ ދެއްކޭނެ.” ޔާސިރު ގެ މޭގައި ދީމާ ލައްކޮށްލައިގެން ހިނގައިގަތެވެ.
ލިބިފައިވާ ޝޮކުން ކަމީލާގެ ބައްޕަ އެތަނުގައި ނެތް ކަމެއްވެސް އަދި އޭނާގެ ވާހަކަ އަހާލާކަށްވެސް ދީމާ އާއި ޔާސިރު ގެ ވިސްނުމަކަށް ނައެވެ.
މާޝީގެ މަރަށް ހަފްތާއެއް ވީއިރުވެސް ޓީވީ އިން އަދި ޝޯޝަލް ނެޓްވޯކް ތަކުގައި އޮތީ އެ އާދަޔާ ޚިލާފް މަރުގެ ވާހަކައެވެ. އެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ލާއިންސާނީ އަމަލެކެވެ. އަނެއްބަޔަކު ޤަބޫލުކުރާ ގޮތުގައި އެއީ ރޫޙާނީ ކަމެކެވެ. ޒުބޭދާ އާއި އޭނާގެ އާއިލާ އެ ހާދިސާއަށް ފަހު އެގޭގައި އުޅެން ބިރުވެސް ގަނެއެވެ.
އެއްބަޔަކު ހިތާމައިގައި އުޅޭއިރު އަނެއްބަޔަކު އުޅޭނީ އުފަލުގައެވެ. އެއީ ދުނިޔޭގެ އުސޫލެވެ.
ޔުނާންގެ ޙަޔާތަށް އޭނާގެ ހިތުގެ މަލިކާ އައިސް ޔުނާންގެ ދުނިޔެ އުޖާލާ ކޮށްދީފިއެވެ. ޔުނާންގެ މޫނު.މަތިން ފެންނަނީ އަބަދުވެސް ހިނިތުންވުމެވެ. ވަށައިގެންވަނީ ލޯތްބާއި އޯގާތެރިކަމެވެ. ކަމީލާގެ ކޮންމެ އަދާއަކަށް ޔުނާން ގެ ހިތް ފިދާވެއެވެ. އެކުގައި އަބަދު ވަގުތު ހޭދަކުރަމުންދާއިރު ޔުނާންއަށް ދުނިޔޭގެ އެހެން އެއްވެސް ކަމެއްގެ ޚިޔާލެއް ފިކުރެއްނެތެވެ.
އޮފީސް ނިމުނު ގޮތަށް ޔުނާން ގުޅީ ކަމީލާއަށެވެ.
ކަމީލާ ބަލާ ދާންވެގެންނެެވެ.
“އަޅެ ފަސްއެނބުރި ބަލާލަބަލަ.” ޔުނާން ފަސްއެނބުރިލީ ކަމީލާގެ އަޑު އެހާ ގާތުން އިވުނީމައެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ކަމީލާ އަށް ގުޅާލާއިރު ކަމީލާ ހުންނަނީ ޔުނާންގެ ކައިރީގައެވެ.
“އަޅެ ކީއްވެތަ ތި ގެޔަށް މަ ނުގެންދަނީ. މަންމަ ޤަބޫލު ނޫނީތަ މަށާ؟” އަބަދު ހިތުގައި އެނބުރޭ ސުވާލަކަށްވާތީ އެންމެ ފަހުން ކެތްނުވެގެން ޔުނާން އެސުވާލު ކަމީލާ އާ ކޮށްލިއެވެ.
އެންމެ ދުވަހަކުވެސް ޔުނާން އަށް ކަމީލާ ގެޔަށް ގެން ގޮސްދޭކަށް ފުރުސަތެއް ކަމީލާ ނުދެއެވެ. އަދި ގެޔަށް ބަލާ ދާކަށްވެސް ނުޖެހެއެވެ. ކަމީލާ ކައިރިން އެތައް ފަހަރަކު ސުވާލު ކުރުމުންވެސް ކަމީލާގެ ގެ ހުންނަ ހިސާބުވެސް ބުނެނުދިނެވެ.
ކޮންމެ ފަހަރަކުވެސް މަޢުޟޫ ބަދަލުކޮށްލަމުން ކަމީލާ ވާހަކަ އޮޅުވާލަނީއެވެ.
ޔުނާންގެ ސައިކަލް ފަހަތުގައި އިން ކަމީލާ ހިމޭނުން އިނީއެވެ. ޔުނާންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކަމީލާ އިސްޖަހައިލީއެވެ.
“ބޭބީ. ވައި ޔޫ އާ ސައިލެންޓް.” ސައިކަލްގެ ލޯގަނޑު ޔުނާން ސެޓް ކޮށްލީ ސީދާ ކަމީލާގެ މޫނު ފެންނަ ގޮތަށެވެ.
“ޑޭޑް އެންޑް މޯމް ޤަބޫލޭ. އެމީހުން ގޮއްސި ކެނެޑާއަށް. ދުވަސްކޮޅަކަށް. ޑޭޑް ގެ ބިޒްނަސް ކަމެއްގަ ދާން ޖެހުނީ.” ޔުނާން ތަކުރާރުކޮށް އެއްވާހަކައެއް އަހާތީ އެންމެ ފަހުން ކަމީލާ ބުނެލިއެވެ.
“ވަޓް. ދެން ކަމީލާ އޯ.؟” ޔުނާން އަށް ކުއްލިއަކަަށް ސައިކަލްގެ ބުރެކި ޖައްސާލެވުމާއެކު ކަމީލާ އަށް އައިސް ޔުނާންގެ ބުރަކަށީގައި ތަތްވެވުނެވެ.
“ޑޭޑް ދިޔައީ މިސިޓީ ދީފަ. ދެން ކަމީލާ ހުންނަނީ ހޮޓެލްގަ. އޭރު ޑޭޑްމެން ވެސް ތިބީ ހޮޓެލްގައޭ ހަމަ.” ކަމީލާގެ ވާހަކަ އަހާފައި ޔުނާން ހިތްހަމައެއް ނުޖެހުނެވެ. އެކަހަލަ ތަނެއްގައި ކަމީލާ އެކަނި ހުންނާކަށް ޔުނާން ބޭނުމެއްނޫނެވެ.
“ތީ އަހަރެމެންގެ ކައިވެންޏަށް ރުހުން ދޭކަމަށް ބުނެ ޑޭޑް ދެއްވި ސިޓީއެއް.” ޔުނާން ކަމީލާ އަތުން ސިޓީ ނެގުމާއެކު ކަމީލާ ހިނިތުންވެލިއެވެ.
“ކަމީލާގެ ކައިވެންޏަށް ޑޭޑްމެން ނާދޭތަ؟” ޔުނާން ވީ ހައިރާނެވެ. ހުރިހަމައެކަނި ދަރިފުޅުގެ ކައިވެންޏަށް މަންމަ އާއި ބައްޕަ ނާންނާތީއެވެ. ނަމަވެސް ކަމީލާ ދެރަވެދާނެތީ ޔުނާން އިތުރަކަށް އެވާހަކައެއް ނުދެއްކިއެވެ.
“ކީއްވެ ޔުނާން ކައިރީގައި އިޝާގެ އެއްވެސް ވާހަކައެއް ނާހަނީ؟ ކަންތައް ވީގޮތް އެނގެން ބޭނުމެއް ނޫންތަ؟” އަނެއްކާވެސް ޔުނާން ކޮށްލީ އޭނާގެ އަމިއްލައަށް ސިކުނޑިއަށް ބަރު ކުރާ ސުވާލެކެވެ.
“ކީއްކުރަން. ޔުނާން އަކީ މިހާރު މަގޭ މީހެއް. އިތުރު ކަމެއް އެނގޭކަށް ބޭނުމެއްނޫން. އެހެން ނޫނަސް މަށަށް ހުރިހާ ކަމެއްވެސް އެނގޭ.” ޔުނާންގެ ކޮނޑުމަތީގައި ދަތް ދޮޅި ވިދެލަމުން ކަމީލާ ހިނިތުންވެލިއެވެ. ދެ މާނަ އެކުލެވޭ ކަމީލާގެ ފަހު ޖުމްލައެއް ޔުނާންގެ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އޭގެ ބަދަލުގައި ޔުނާން ވީ އުފަލެވެ. ކަމީލާ އޭނަާ ދެކެ އެހާ ލޯބިވާތީއެވެ.
ޔުނާން ސައިކަލްގެ ދުވެލި ބާރުކޮށްލުމާއެކު ކަމީލާ ޔުނާންގެ އުނަގަނޑުގައި ބާރަށް ހިފަހައްޓާލިއެވެ.
“ހާދަ ބާރަކަށް؟” ސާހިލް އޭނާގެ ކޯމަތީގައި ފިރުމާލީ ނަގައިގަތް ދިލަ އަކުންނެވެ. ނަމަވެސް ސާހިލްގެ މޫނުމަތިން ފެންނަން ހުރީ މަލާމާތުގެ ހިނިތުންވުމެކެވެ.
“އަދި ތިވަރުވެސް މަޑު.” ސާހިލްގެ ކުރިމަތީގައި ހުރި އިޝާ ހަޅޭލަވައިގަތެވެ.
“ޕިސް ޕިސް. އެކަނިވެރިކަމަކީ ތިހާ ފުން އަސަރުތަކެއް ކުރުވާ ކަމެއްތަ؟” ސާހިލް އިޝާ ގެ މޫނާއި ދިމާއަށް ގުދުވެލިއެވެ.
“ގޮތެއް ނެތްކަން ދޯ. ކަލޭ މަގޭ ދިރިއުޅުން ހަލާކު ކޮށްލީ. ކަލޭގެ ނަހަލާލު ދަރި.” ރުޅި އައިސްގެން އިޝާއަށް ކިޔޭ ނުކިޔޭވެސް ނޭނގެއެވެ.
“އެކްސް ކިޔުޒް މީ. އެކަމެއް ވީ ކަލޭ ދިރިއުޅުމެއް ފެށުމުގެ ކުރީގައި. ކަލޭވެސް ބޭނުންވެގެން ވީ ކަމެއް ވީ. މަށަށް ކިހިނެއްތަ އެނގެނީ އެހާ ފާސްޓް އަންހެނެއް ކަމެއް ތީ.”ސާހިލް ޖީބަށް އަތް ޖަހާލަމުން އިޝާއަށް ފުރަގަސްދިނީ ހެމުންނެވެ.
އިޝާއަށް ޔަޤީންވިއެވެ. ސާހިލް ކުރިމަތީގައި ވާހަކަ ދެއްކުމަކީ ބޭކާރުކަމެކެވެ. އިޝާ ގެ ބައްޕަވެސް އިޝާ ދެކެ ރުޅި އައިސްގެން މާލެ ދޫކޮށްވެސް ދިޔައީއެވެ. އިޝާ ގެ އެކަކުވެސް ނެތެވެ. އޮތީ ހަމައެކަނި މުއްސަނދި ދިރިއުޅުމެކެވެ.
“ގަދަޔަށް ޕާޓީ ކޮށްފަ އިޝާ ބޭނުންވީ އަހަންނާއެކު މަޖާކޮށްލަން. އެރޭ އެކަނި. ފަހުން އަހަރެން ފެނުނީމަ އިޝާ އަހަރެން ދަންނަ ކަމަށްވެސް ނުހަދަމެއްނު. އޭގެ މަހެއް ފަހުން ގުޅާފަ ބަނޑު ބޮޑޭ ބުންޏަސް ކިހިނެއް ޤަބޫލު ކުރާނީ. ޔަޤީންތަ މަގޭ ކަމެއްކަން އަނެއްކާ؟” ވިސްނުމަކަށް ގެއްލިފައި އިން އިޝާ އަށް އަނެއްކާވެސް ހޭވެރިކަންވީ ސާހިލްގެ މަލާމާތުގެ ވިހަ ބަސްތަކުންނެވެ.
“ކާކުތަ ބުނީ އަހަރެން ބަނޑު ބޮޑޭ؟ ޕްރޫފެއް އެބައޮތްތަ؟ ކިހިނެއް އެނގެނީ ކަލޭތީ ދަރިން ނުލިބޭ މީހެއް ނޫންކަމެއްވެސް.” ސާހިލް އާ ދިމާއަށް ދެލޯ އަޅާލަމުން އިޝާ ހިނގައިގަތީ ހިތަށް އައިހާ އެއްޗެއް ގޮވަމުންނެވެ.
ދެރައީ ސާހިލް ކަހަލަ މީހުންނަށް ކަހާތަން ހިރުވާވެސް ނުލާކަން އިޝާ އަށް ނުވިސްނުނީމައެވެ. ސާހިލް މެންނަށް ހުރިހާވެސް އެއްޗަކީ ފައިސާއެވެ.
ޖީބުގައި އޮތް ފޯނު ނަގާ ދީމާގެ ނަމްބަރަށް ގުޅާލަމުން ސާހިލް ޕާކް ކޮށްފައި ހުރި ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
އިރުއޮއްސި އުދަރެހަށް ރަތްވިލާގެ އަސަރު ވެރިވާން ފެށިއިރުވެސް ޔުނާން އިނީ ގޭގެ ބަގީޗާގައެވެ. ކަމީލާގެ އިންތިޒާރުގައެވެ. ޔުނާން ކަމީލާ އޭނާގެ އަމިއްލަ ގެޔަށް އެގެންނަނީ މައިންބަފައިންގެ ރުހުމާއިވެސް އެކުގައެވެ.
ގޭގެ ދޮރާށި ހުޅުވުނު އަޑަށް ޔުނާން ތެދުވީ ފުންމައިގެންނެވެ.
“ކޮންއިރެއް އިންތިޒާރުކުރާތާ؟” ޔުނާން ހެވިފައި ދޮރާއި ދިމާއަށް އެނބުރުނެވެ. އެވަގުތު ކުރިޔަށް އަޅަން ނެގި ފިޔަވަޅުވެސް ހުއްޓުނެވެ. މޫނުމަތީގައި ހުރި އުފާވެރިކަންވެސް ވަގުތުން ގެއްލުނެވެ.
ނުނިމޭ
“އަސްލުވެސް ޔުނާން ތި އިންތިޒާރު ކުރަނީ މަށަށްތަ؟” ކުރިމަތީގައި ހުރި އިޝާ ހުރީ އޭނާގެ ފެންކަޅިވެފައިވާ ދެލޮލުން ޔުނާންއަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް އިޝާ އައިސް ކުރިމައްޗަށް އަރާނޭ ހީކުރެވިފައި ނެތުމުން ޔުނާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ހަރަކާތެއްވެސް ކުރަން ނޭނގިފައެވެ.
“ޔުނާން. ނާހާނަންތަ އަހަރެން މިއައީ ކީއްކުރަންތޯ؟” ތަނަށް ވެރިވެފައިވާ ހިމޭންކަން ފޫދުއްވާލީ އަނެއްކާވެސް އިޝާގެ އަޑެވެ. ދެން ވެސް ޔުނާންގެ ފަރާތުން ޖަވާބެއް ނުލިބުނެވެ.
ހުރި ފިޔަވަޅު މަތީގައި ގުޑިވެސް ނުލާ ހުރީއެވެ. އިޝާ އާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލާށެވެ. އެވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އިޝާގެ ހަށިގަނޑަށާއި މީހާގެ ސިފައަށް އައިސްފައިވާ ބަދަލުތަކާމެދު ޔުނާން ވިސްނަމުންދާ ކަހަލައެވެ. އިޝާގެ ހިމަ އުނަގަނޑު މިހާރު މާބޮޑަށްވެސް ހިމަހެން ހީވެއެވެ. ދެލޯ ވަޅު ވަދެފައިވާއިރު އިޝާގެ ދޮން މޫނު ވަނީ މުޅިން މިލާފައެވެ.
ޔުނާން ހުއްޓުން އަރާފައި ހުރުމުން އިޝާއަށް ނެގުނީ މުޅިން އެހެން މާނައެކެވެ. ދުވެ ގޮސް އިޝާ އަށް ޔުނާން ގެ ގައިގައި އޮޅުލައި ގަނެވުނެވެ. އޭރު އިޝާ އަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“އަޅެ އަހަންނަށް މާފްކުރޭ ޔުނާން. ހެޔޮނުވާނެ.” އިޝާ ގެ ގިސްލުމުގެ އަޑުން މުޅި އެހިސާބުގަނޑު ދިޔައީ ގުގުމައިގެންނެވެ. ނަމަވެސް އިތުރަށް ޔުނާން އެއްޗެއް ބުނުމުގެ ކުރިން ފެނުނީ އިޝާ ޔުނާން އާއި ދުރަށް ޖެހިލިތަނެވެ. ދުރަށް ޖެހުނީކީ ނޫނެވެ. ބާރުގަދަ ދެއަތަކުން އިޝާ ގެ ކަދުރާގައި ހިފާ ދުރަށް ގެންދިޔައީއެވެ.
“މަގޭ ފިރިމީހާގެ ގައިގައި އަހަރެން ނޫން މީހަކަށް އަތެއް ނުލެވޭނެ.” ކަމީލާ ގެ އަޑުން އިޝާއަށް ވުރެ ބޮޑަށް ސިހުނީ ޔުނާނެވެ. ކަމީލާ އައި ކަމެއްވެސް ޔުނާން އަކަށް ނޭނގެއެވެ. ގައިމު ދޮރު ހުޅުވި އަޑެއްވެސް ޔުނާނެއް ނާހައެވެ.
ރުޅި އައިސްގެން ރަތް ވެފައިވާ ދެލޮލުން ކަމީލާ އިޝާ އަށް ބަލަން ހުރިއިރު ޢިޝާއަށް ހުރެވުނީ ކަމީލާ ނޭނގިފައެވެ.
ކަމީލާ އަވަސް އަވަހަށް ގޮސް ޔުނާންގެ އަތުގައި ބާރަށް ހިފެހެއްޓިއެވެ. ހީވަނީ އިޝާ ޔުނާން ގެން ގޮސް ދާނެތީ އުޅޭހެންނެވެ.
“ޔުނާން މެރީ ކުރީތަ؟” އިޝާ އޭނާގެ އުދާސްވެފައިވާ ދެލޮލުން ޔުނާންއަށް ބަލާލިއެވެ.
“އަޅެ ފަހެ ތީ ގަމާރެއްތަ؟ ނޫނީ ގަމާރު ހެދެނީތަ؟” އިޝާ އާއި ކުރިމަތިލީ ކަމީލާއެވެ. ކަމީލާ އެހާ ރުޅި ގަދަވެފައި ހުއްޓާ ދުވަހަކުވެސް ފެނިފައި ނުވާތީ ޔުނާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މި ބުނީނު މީ މަގޭ ފިރިމީހާ އޭ. މާފަށް އެދެވިއްޖެއެއްނު. ނައު ލީވް.” ކަމީލާ ޔުނާންގެ އަތު ތެރެއަށް ބޮޑިވެ ގަތީ ނުރުހުންތެރި ކަމާއެކު އިޝާ އަށް ބަލަމުންނެވެ. އިޝާ މިއަދު ދެރަވެއެވެ. ރުއިން ނޫން އެހެން ކަމެއް ކުރެވޭކަށް ނެތެވެ. އަމިއްލަ ކުށްކަން ވެސް ޤަބޫލު ކުރެއެވެ. އެނބުރި އައި ކޮޅަށް އިޝާ ހިނގައިގަތެވެ.
“އިޝާ.” ޔުނާން ކަމީލާ ދުރު ކޮށްލަމުން އިޝާ އާއި ދިމާއަށް ހިނގައިގަތެވެ. ފަސްއެނބުރި ބެލުމެއްނެތި އިޝާ ހުއްޓުނެވެ.
“ވެދިޔަ ތަނުގެ ވާހަކަ ނުދައްކާ ދެން. އަހަރެން މާފްކޮށްފިން އިޝާ އަށް. ހަމަ ހެޔޮހިތުން.” ޔުނާން އިޝާގެ ކުރިމައްޗަށް ހުއްޓި ހިނިތުންވެލިއެވެ.
“ފްރެންޑްސް.” އިޝާ ޔުނާންއާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. ގަދަކަމުން ހިނިތުންވެލަމުންނެވެ.
ޔުނާން އިޝާގެ އަތުގައި ހިފީ ބޯޖަހާލަމުންނެވެ. އިޝާގެ އެކުވެރިކަން ޤަބޫލުކުރުމުގެ ގޮތުންނެވެ. ނަމަވެސް މަންޒަރު ބަލަން ހުރި ކަމީލާ އެކަމާއި މެދު އެހާ ހިތްހަމައެއް ނުޖެހުނެވެ. ދެބުމަ ގޮށް ޖަހައިގެން ކަމީލާ ހުރިއިރު ވަރަށް ސާފުކޮށް ކަމީލާގެ ހިތްހަމަނުޖެހުން މޫނުމަތިން ފާޅުވޭވޭ ހުއްޓެވެ.
“ވާ ވަރު ވީތަ؟” އިޝާ ނިކުމެގެން ދިއުމާއެކު ކަމީލާ ތުން ދަމައިގެން ހުރެ ޔުނާން އަށް ދެލޯ އަޅާލިއެވެ.
“ވަޓް!!؟ އާ ޔޫ ޖެލަސް؟” ޔުނާން ލާނެތް ފާޑަކަށް ހީލުމުން ކަމީލާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.
“މިސް ކަމީލާ ޖޭސްމީން ޕުލިން އިޒް ޖެލަސް.” ޔުނާން ބޭނުންވީ ކަމީލާ އިތުރަށް ރުޅި އަރުވާލާށެވެ.
“އައި އޭމް ލީވިން.” ކައިރީގައި ބަހައްޓާފައި ހުރި ލަގެޖް ހިފައިގެން ކަމީލާ ހިނގައިގަތީ ނިކުންނާށެވެ. ނަމަވެސް ޔުނާން ހުޝިޔާރު ކަމާއެކު އެއްލި އަތުން ކަމީލާގެ އަތުގައި ހިފެހެއްޓިއެވެ.
“ދޫކޮށްލާ. މި ބުނީނު ދޫކޮށްލާށޭ.” ދީމާ ސާހިލްގެ އަތް ފޮޅުވާލިއެވެ.
“މިސާލަކަށް ދޫކޮށްނުލައިފިއްޔާ؟” ސާހިލް ހިނިގަނޑެއް ޖަހާލީ މަލާމާތުގެ ފާޑަކަށެވެ.
“އަހަރެން މިދޭ ލޯތްބަށްޓަކާ ކިހާ ކުޑަކުޑަ ކަމަކު އަހަރެން މިއެދުނީ.؟” ސާހިލް އޭނާ ލައިގެން ހުރި ޖިންސްގެ ޖީބަށް އަތް ޖަހާލަމުން ދީމާގެ މޫނާއި ކައިރިވެލިއެވެ. ދީމާއަށް ޖެހިލެވުނީ ދުރަށެވެ.
ސާހިލް އެދޭ ކަންތައް ދީމާ ކުރާނީ ކިހިނެއް ހެއްޔެވެ؟ ފައިސާ ނަމަ ކިތަންމެ ބައިވަރެއްވެސް ދެވިދާނެއެވެ. ނަމަވެސް ސާހިލް އެ އެދެނީ ދީމާގެ ފުރާނަ ދިނުން ފަދަ ކަމަކަށެވެ.
“ވިސްނާނަން.” ދީމާ ހިނގައިގަތީ ސާހިލްގެ ޖަވާބަކަށް އިންތިޒާރުވެސް ކުރުމެއްނެތިއެވެ. ދީމާ ކުރާނެކަން ޔަޤީންވާތީ ކަންނޭނގެއެވެ. ސާހިލްވެސް ދީމާ ހުއްޓުވާކަށް އިތުރަކަށް މަސައްކަތެއް ނުކުރެއެވެ.
“ކޮންތާކުންތަ ދީމާ ތި އައީ؟” ދީމާ ގެޔަށް އައިސް ވަން އިރު ޔާސިރު ހުރީ ސިޓިންރޫމް ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައެވެ.
ދީމާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އަދި ކިރިޔާ ފިހާރަތައް ހުޅުވާނީއެވެ. އެހެންވީމާ ޝޮޕިންއަކަށޭ ވެސް ނުބުނެވޭނެއެވެ.
“ނުދަންތާކަށް. ޒުބޭދާމެންގެ ހާލު ބަލާލާފަ މިއައީ.” އިތުރަށް ދައްކާނެ ބަހަނާއެއް ނެތުމުން އެންމެ ފަހުން ދީމާއަށް ބުނެވުނެވެ.
“ކަމީލާ އައިއްސަ އެބައުޅޭ. ދޭބަލަ އެމަންޖެ ކައިރިއަށް.” ޔާސިރު ސޯފާގައި އިށީނދެ ޓީވީ ހުޅުވާލިއެވެ.
ނަމަވެސް ދީމާ ގޮސް ވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ.
ކަމީލާގެ ނަން އިވުނު އިރަށް ވަގުތުން ދީމާގެ މޫޑް އޯފްވެއްޖެ އެވެ.
ސާދަ ފަނަރައިގެ ފުރިހަމަ ހަނދަށް ނަޒަރު ހުއްޓާލައިގެން ޔުނާންއާއި ކަމީލާ އޮށޯވެލައިގެން ތިބީ ގޭގެ ޓެރަސްގައެވެ.
“އެ ކީއްވެތަ ކަމީލާ ގައިން އަބަދު އޯކިޑް މަލުން ދުވާ ކަހަލަ ވަހެއް ދުވަނީ.” ކަމީލާގެ ރަން އިސްތަށިގަނޑާއި ކުޅެލަމުން ޔުނާން އަހާލިއެވެ.
“ނޭނގެ ދުވާތަ؟” ކަމީލާ ލާނެތް ފާޑަކަށް ހީލިއެވެ.
“އާން. އެކަމަކު މިވީހާ ދުވަހު ނުދުވާ. މާލެ އައީމަ އެކަނި. ކޮން ކަހަލަ ސެންޓެއްތަ ޖަހަނީތި އަނެއްކާ؟” ޔުނާންގެ ރާގުގައި ވަނީ ސަމާސާއެވެ.
ކަމީލާ ހޭންފެށިއެވެ. ކަމީލާ އުފާވެފައި ހުރިތަން ފެނިފައި ޔުނާންގެ ހިތްވެސް އުފަލުން ފުރުނު ކަހަލައެވެ. ކަމީލާގެ ތުނިތުނި ހަށިގަނޑު އަތު ތެރޭގައި ފިއްތާލަމުން ޔުނާން ކަމީލާގެ ފިނިފިނި ތުންފަތުގައި އޭނާގެ ހޫނު ތުންފަތް ޖައްސާލިއެވެ. އެކަކު އަނެކަކަށް ޝަކުވާ ކޮށްލަ ކޮށްލާ އެގޮތައް ތިބެވުނީ ކިހާއިރެއް ވަންދެން ނޫންކަމެއްވެސް ނޭނގެއެވެ. ކުއްލިއަކަށް ޔުނާން ކަމީލާގެ މޫނުގައި ހިފާ ދުރުކޮށްލިއެވެ.
ވީގޮތެއް ކަމީލާ އަހާވެސް ނުލިއެވެ. ވީ ކީއްކަން ކަމީލާއަށް އެނގޭ ކަހަލައެވެ.
ޔުނާން އޭނާގެ ތުންފަތުގައި އަތް ޖައްސާލިއެވެ. ހޫނު ދިލައެއްގެ އިޙްސާސް ކުރެވޭތީއެވެ.
“ހާދަ ހޮޓޭ!” ނަގަމުންދާ ދިލައާއެކުވެސް ޔުނާން ހިނިތުންވެލިއެވެ.
ނަމަވެސް ކަމީލާ އިސްޖަހާލައިގެން އޮތީ އެވެ.
“ޔުނާން ލޯބިވޭތަ؟” ކުއްލިއަކަށް ކަމީލާގެ އަޑު ކުރަކިވުމުން ޔުނާން ކަމީލާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
ކުރިން ހުރި އުޖާލާ ކަމެއް އެމޫނުގައި ފެންނަން ނެތުމުން ޔުނާން ވީ ހައިރާނެވެ.
“އަހަރެން މީ ކޮންމެ މީހަކަށް ވިޔަސް ޔުނާން އަހަރެން ދެކެ ލޯބިވާނަންތަ؟” ކަމީލާގެ ލޮލުން ވެއްޓުނު ކަރުނަތިކި ޔުނާން އަށް ހަމަ ރީއްޗަށްވެސް ފެނުނެވެ.
ބަލާކަށް ނުހުރެ ޔުނާން ކަމީލާގެ އަތުގައި ހިފައި ގަޔާއި ކައިރިކޮށްލިއެވެ.
“މަގޭ ބުލްބުލް. ކޮންކަހަލަ ވާހަކައެއްތަ ތި ދައްކަނީ؟ ކަމީލާ ދެކެ އަހަރެން ވަރަށް ލޯބިވޭ. އަބަދުވެސް ލޯބިވާނަން.” ޔުނާންގެ ޖަވާބުން ކަމީލާއަށް އަނެއްކާވެސް ދެލޯ މަރާލެވުނެވެ. ހިތުގައި އެތަކެއް ވޭންތަކެއް އަޅަމުންދާ ހާލުގައެވެ.
އިރުގެ ރަން އަލިން ދުނިޔެ ފަވާލުމާއެކު މުޅި ފަޒާ އަލިކޮށްލިއެވެ. ލޯގަނޑު ކުރިމަތީގައި ކަތުރެއް ހިފައިގެން އިން އިޝާ ޖެހި ބުދެއްހެން ހުއްޓެވެ. ލޯގަނޑުން ފެންނަމުންދާ އަމިއްލަ ސޫރައަށް ބަލާށެވެ. މަޑުމަޑުން އިޝާގެ އަތް ހަރަކާތްކުރަން ފެށިއެވެ. އެއް އަތުން އިޝާގެ ދިގު އިސްތަށިގަނޑުގައި ހިފަހައްޓާލިއެވެ. އަދި އަނެއް އަތުގައި އޮތް ކަތުރު އިސްތަށިގަނޑާއި ކައިރިކޮށްލުމަށްފަހު އަނެއްކާވެސް އިޝާގެ ހަރަކާތް ހުއްޓުނެވެ.
ދެލޮލުން އޮހެން ފެށި ކަރުނަތަކާއެކު އިޝާ އަތުކޮޅަށް ކަތުރު ނަގާ ހޫރާލިއެވެ. އަމިއްލަ ނަފްސް ދެކެވެސް އިޝާ މިހާރު ރުޅި އާދެއެވެ. މި ހަލަބޮލި ދުނިޔޭގައި އިޝާ މުޅިން ބާކީ ވެއްޖެއެވެ. ކުށްވެރިޔަކީ ޚުދު އިޝާ ކަން އިޝާ ޤަބޫލުވެސް ކުރެއެވެ.
ދޮރުގައި ދެތިން ފަހަރަކު މީހަކު ޖަހާލިތަނާ އިޝާ ގޮސް ދޮރު ހުޅުވާލިއެވެ.
ކުރިމަތީގައި ހުރި ޕޯސްޓްބަހާ މީހާ އިޝާ އަށް ބަލަހައްޓައިގެން ހުރީ ހައިރާންވެފައެވެ. ހޭވިފައިވާ އިޝާގެ އިސްތަށިގަނޑާއި ރަތް ވެފައިވާ ދެލޯ ފެނިފައި ކޮންމެ މީހެއްގެ ހިތުގައި ވެސް ސުވާލު އުފެދޭނެކަން ޔަޤީނެވެ.
ދޮރު ލައްޕާލުމަށްފަހު އިޝާ ސިޓީ އުރަ ކަނޑާލިއެވެ. މާޔޫސްކަމުން ފުރިގެންވާ އިޝާގެ ތުންފަތުގައި ލުއިލުއި ހިނިތުންވުމެއް ކުޅެލީ އެވަގުތުއެވެ.
ބޭރު ކުންފުންޏެއްގެ އޮފީހަކުން އިޝާއަށް ވަޒީފާ ހަމަ ޖެހުނީއެވެ. މީގެ ދެތިން މަސް ކުރިން އިޝާ ކުރި މެއިލަށް ޖަވާބު އެ އައީ އަދި ކިރިޔާއެވެ. އަވަސް އަވަހަށް ދެއަތުން މޫނު ފޮހެލަމުން އިޝާ އެ ސިޓީ މޭގައި ޖައްސާލިއެވެ. އިޝާގެ ޙަޔާތުގެ އާ ސޮފްޙާ ތަކެއް ފެށުނީއެވެ. ނަމަވެސް އެކަންޏެވެ. އިތުރު މީހެއްގެ ސަޕޯޓެއް އިޝާ ބޭނުމެއްނޫނެވެ. ކުށެއް ކުރެވުނަސް މުޅި އުމުރަށް އެކުށުގެ ޝަޒާ އިޝާއަށް ލިބެން ޖެހޭނެ ކަމަށް އިޝާއެއް ޤަބޫލެއް ނުކުރެއެވެ.
ބަދިގެއަށް ވަން ގޮތަށް ދީމާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ހައިރާންވެފައެވެ. މިއިން ދުވަހަކު ކާމޭޒުމަތި ތަނަވަސް ނުވާ ވަރަށް މިއަދު ތަފާތު ވައްތަރުތަކުން ކާމޭޒުމަތި ފުރިފައިވާތީއެވެ.
“ތަފާތު ފެނޭތަ؟ ހާދަ ވަސްގަނޑުވެސް ރަނގަޅޭ.” ޔާސިރު ދީމާގެ ފަހަތުން އައިސް ކާމޭޒު ކައިރިއަށް ހުއްޓުނެވެ.
“ރަނގަޅުތަ މަންމާ؟ ސައިބޯން ފަށާ އަވަހަށް.” ހެވިދިލިފައި ހުރެ ކަމީލާ ބަދިގެ ތެރެއިން ނިކުތެވެ.
ޔާސިރު ހުރީ ހިތްހަމަ ޖެހިފައެވެ. ޔުނާން ގެ ހަޔާތަށް ރަނގަޅު ކުއްޖަކު އައީތީއެވެ. ފުރަތަމަ ދުވަހުން ވެސް ކަމީލާ އެމީހުންގެ ހިތް އަތުލައިފިއެވެ.
ޔުނާންވެސް މިއަދު އެހެން ދުވަސް ދުވަހަށްވުރެ ރަނގަޅަށް ސައިބުޔެވެ. އެންމެން އޮފީހަށް ދިއުމާއެކުހެން ދީމާ އާއި ކަމީލާ ގޭތެރޭގައި އެކަނިވިއެވެ.
“މަށާ ދޭތެރޭ ތި ހާ ހާސްނުވެބަލަ؟ އެކަމެއް ނުވާނެޔޭ.” ކަމީލާގެ އަޑުން ކާމޭޒު ކައިރީގައި ތަށިތައް ނަގަން ހުރި ދީމާ ދިޔައީ ސިއްސައިގެންނެވެ. އަތުގައި ހުރި ތަށިތައްވެސް ބިންމައްޗަށް ވެއްޓި ފުޑުފުޑުވެގެން ދިޔައެވެ.
ނުނިމޭ
ދީމާއަށް ހުރެވުނީ ގަނޑުވެފައި ބަލަހައްޓައިގެންނެވެ. ދީމާގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ކަމީލާއަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ކަމީލާގެ ހަމަޖެހިފައިވާ މޫނުން ދީމާއަށް އެއްވެސް އެއްޗެއް ދެނެއެއް ނުގަނެވުނެވެ.
“ކިހިނެއް ތި ހެދީ؟ ޔުނާން މަޑުކޮށްލައްޗޭ؟” ކަމީލާ އަވަސް އަވަހަށް ފުނޑުވެފައިވާ މުށިތައް ނަގަންފެށިއެވެ.
“ޔުނާން އޭ؟ ކޮބާތަ ޔުނާން؟” ދީމާ ވަށައިގެން ހޯދާލިއެވެ.
ކަމީލާ އަތުގެ އިޝާރާތުން ކަންފަތަށް ޖަހާފައިވާ އިއާރ ފޯނު ދައްކާލުމާއެކު ދީމާގެ މެޔަށް ހީވީ މީހަކު ގަނޑުފެންތަކެއް އޮއްސާލިހެންނެވެ. އެހާވެސް ބޮޑަށް މެޔަށް ފިނިވެގެން ދިޔައެވެ.
“މި ތަށިތައް ހާދަ ސަކަރާތޭ މިހާރު. ވަރަށް ފަސޭހައިން އަތުން ދޫވެގެން ދޭ. މިރޭ ދާން ވާނެ އަލުން ތަށި ގަންނަން.” ދީމާ ހަމަޖެހޭ ގޮތް ދައްކަމުން ފިހިގަނޑު ނަގައިގެން ސާފުކުރަން ފެށިއެވެ.
ކަމީލާގެ ތުންފަތުގައި ކުޅެވިގެން ދިޔަ މަލާމާތުގެ ހިނިތުންވުމާއެކު ލޮލުގެ ހިމަކަޅިން ކަމީލާ ދީމާގެ މޫނަށް ބަލާލިއެވެ. ހީވާ ކަހަލައެވެ. ކަމީލާއަށް ނޭނގޭ އެއްކަމެއްވެސް ނެތެވެ.
ގަދަ ނޫ ކުލައިގެ އަތް ދިގު ގަމީސް ގަޔަށް ހެޔޮ ވަރު ކޮށްލަމުން އިޝާ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ކިތަންމެ ހަމަޖެހޭ ގޮތް ދައްކަން އިޝާ މަސައްކަތް ކުރި ނަމަވެސް ހިތްދަތި މާޒީ ލޯމައްޗަށް އަބަދުވެސް ސިފަވާތީ ދެލޮލުން މާޔޫސްކަން ސާފުކޮށް ފެންނަން ހުއްޓެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން އިޝާ ފުނާ ނަގައި ބޯ އޮމާން ކުރަން ފެށިއެވެ. ހިތްވަރުކޮށް ކެތްކުރުން ނޫންގޮތެއް ނެތްކަން މިއަދު އިޝާއަށް އެނގެއެވެ.
އިސްތަށިގަނޑު މައްޗަށް ނަގައި ހުޅިއެއް ޖަހާލަމުން އިޝާ އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލިއެވެ. އާ ފެށުމަކަށް ފުރުސަތުދެމުންނެވެ. ހިތްދަތި މާޒީ އެއްކައިރިކޮށްލަމުންނެވެ.
ލިފްޓް ދޮރު ހުޅުވާލުމާއެކު ނޭފަތުގައި ޖެހުނު މީރުވަހާއެކު އިޝާ އިސް އުފުލާ ބަލާލިއެވެ. ލިފްޓްގައި އަތް ވިއްދާލައިގެން ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރި ޒުވާން ފިރިހެން ކުއްޖާ ވައްތަރީ ޔޫރަޕް ކުއްޖަކާއެވެ. އިޝާ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތް ކަހަލައެވެ. ލިފްޓްގެ ދޮރު ލެއްޕެމުން ދިޔައިރުވެސް އިޝާ ހުރިގޮތަށް ހުރީއެވެ. ހޭވެރިކަން ވީ ލިފްޓްގެ ދޮރު ލެއްޕުމުންނެވެ. ދެފަހަރަކު ދޮރުގައި އިޝާ އަށް ބާރަށް ޖަހާވެސް ލެވުނެވެ. ކުރާނެ ކަމެއްނެތެވެ. ލަސްވިޔަސް ޖެހޭނީ މަޑުކޮށްގެން ހުންނާށެވެ. ނުވަވަނަ ފްލޯއަށް ސިޑިން އަރާނެހާ ހިތްވަރެއް އިޝާގެ ނެތެވެ.
ގޭގެ ބަގީޗާގައި ކަމީލާ ހުއްޓި ހުއްޓެވެ. ހޫނު ގަދަ އަވީގައެވެ. އިރުއިރުކޮޅާއި ދެއަތް މައްޗަށް ނަގާލައެވެ. އިރުގެ ގަދަ ހޫނުން ކަމީލާ ގެ ހަށިގަނޑަށް އެއްވެސް އަސަރެއްވެސް ނުކުރާ ކަހަލައެވެ.
“ދީމާ.” އެތައް ދުވަހަކަށްފަހު ޒުބޭދާ އޭނާގެ އާދަކަދައިގެ މަތިން ދުފައި ރަތް ކޮށްގެން ދީމާއަށް ގޮވަމުން އައިސް ވަނެވެ.
ކަމީލާ މޫނު އެއްފަރާތަށް އަނބުރާލަމުން ޒުބޭދާއަށް ނަޒަރު ހުއްޓާލިއެވެ. ނަމަވެސް އަޖައިބަކީ ޒުބޭދާގެ ދެލޮލަށް ކަމީލާ ނުފެނުނު ކަމެވެ.
ކަމީލާ އެނބުރި ގޭތެރެއަށް ވަން އިރު ޒުބޭދާ އާއި ދީމާ އޮލަ ވާހަކައެއްގައި ސިޓިންގރޫމްގައި ތިއްބެވެ.
“މިހާރު ޔުނާން އެ ފަރަންޖީ މަންޖެއާއި އިނީތަ؟” ކަމީލާ އަރައިގެން ދިޔަ ސިޑިއާއި ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ޒުބޭދާ އަހާލިއެވެ.
“މި އަންނަ ހުކުރު ދުވަހު. ޕާޓީ ކާޑް ފޮނުވާނަން. އަންނަންވާނެ.” ދީމާ ހިނިތުންވެލިއެވެ.
“ދީމާ. ފެން ފޮދެއް.” ގޭގެ ދޮރު ހުޅުވާލާފައި މޭގައި އަތް އަޅައިގެން ހުރެ އައިސް ވަން ޔާސިރުގެ އަޑުން ދީމާއަށް ލިބުނީ ސިހުމެކެވެ.
އެހެންޏާ ގެޔަށް ނާންނަ ގަޑިއެއްގައި ޔާސިރު އައީމައެވެ.
“ކިހިނެއްވީ؟” ޔާސިރު މޭގައި އަތް އަޅައިގެން ހުރިތަން ފެނިފައި ދީމާއަށް ޔާސިރު އާއި ދިމާއަށް ދެވުނީ ދުވެފައެވެ.
“ކުޑަކޮށް މެޔަށް ތަދުވަނީ. އެހެންވެ ރެސްޓްކޮށްލަން މިއައީ.” ޔާސިރު ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ފަހަތުން ދީމާވެސް ދިޔައެވެ.
“ޑޮކްޓަރަށް ދައްކާލަން ހިނގާ.” ޔާސިރު އޮށޯވެލުމާއެކު ދީމާ ޔާސިރުގެ ފައިން އިސްޓާކީނު ބާލަން ފެށިއެވެ.
“ދައްކާލާފަ މިއައީ. މާބުރަކޮށް އުޅޭތީ އޯ. އަނެއްހެން އެއްވެސް މައްސަލައެއް ނެތް.” ޔާސިރުގެ ޖަވާބުން ދީމާ ހިތްހަމަ ޖެހުނެވެ. ނަމަވެސް ދީމާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައީ ކުއްލިއަކަށެވެ. ސާހިލްއާއި ބައްދަލުކުރަން ކޮންމެހެންވެސް މިއަދު ދޭއް ޖަހާއިރު ދާން ޖެހެއެވެ. ޔާސިރު ބަލިވެ އޮއްވާ ދާނީވެސް ކިހިނެއް ހެއްޔެވެ؟ ދީމާ ނުގޮސްފިއްޔާ ސާހިލް ހަދާނެ ގޮތެއްވެސް ނޭނގެއެވެ. ކޮންމެ ގޮތެއް ހަދާފަ ނަމަވެސް ދާން ޖެހޭނެއެވެ.
ފުން ވިސްނުމެއްގައި އިން ދީމާއަށް ޔާސިރު ނިދި އިރުވެސް ނޭނގުނެވެ.
“މަންމާ. ބޭރަށް ނުދަނީތަ؟” ދޮރު ހުޅުވާލާފައި އެތެރެއަށް ވަން ކަމީލާގެ އަޑުން ދީމާއަށް އޭނާގެ ޚިޔާލީ ދުނިޔެއިން އެނބުރި އާދެވުނެވެ.
“އާން. ނޫން. ދާން ޖެހޭނެ. އެކަމަކު ބައްޕަ ބަލިވެ އޮއްވާ ދާނީވެސް ކިހިނެއް؟” ދީމާ ނިދިފައި އޮތް ޔާސިރުގެ މޫނަށް ބަލާލިއެވެ.
“ބޭކާރު ކަމެއް ކަން ނޭނގެ ދިއުމަކީ؟” ކަމީލާގެ ދެމާނަ އެކުލެވޭ ޖުމްލައިން ދީމާއަށް ހައިރާންވެފައި ކަމީލާއަށް ބަލާލެވުނެވެ.
“މިބުނީ ބައްޕަ ކޮންމެ ގަޑިއެއްގަވެސް ހޭލަފާނެއެއްނު. އެހެންވީމަ ބޭރަށް ދިއުމަކީ ބޭކާރު ކަމެއްނު.” ކަމީލާ ހިނިތުންވެލީ ދީމާގެ ހާސްކަން ފިލުވާލުމަށެވެ.
“އާން. އެކަމަކު.” ދީމާ އަށް ހަދާނެގޮތް ހުސްވިކަހަލައެވެ.
“މަންމަ ބޭނުމިއްޔާ އަހަރެން މަޑުކޮށްލަދީފާނަން.” ކަމީލާގެ ވާހަކައަށް ދީމާ އެއްބަސްވިލެއް ވަރަށް އަވަހެވެ. އަވަސް އަވަހަށް ބޯޖަހާލަމުން ދީމާ ގޮސް ވަނީ ފާހާނާއަށެވެ.
ކަމީލާ އެކޮޓަރިން ނިކުމެ ސިޓިންގްރޫމްގެ ޓީވީ ހުޅުވާލަމުން ސޯފާގައި ބުރަކަށި ޖައްސާލިއެވެ.
އަތް ދަބަސް ކޮނޑަށް ހެޔޮވަރު ކޮށްލަމުން ދީމާ އެތަނަށް އައިސް ހުއްޓުނީ އެވަގުތުއެވެ. ޓީވީން ކިޔަމުންދިޔަ ޚަބަރު އަޑުއިވިފައި ދީމާގެ ދެފައިގައި ތަޅު އެޅުވެނު ކަހަލައެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ދީމާ ހީވަނީ ޓީވީ ތެރެއަށް ވަދެ ހުރިހެންނެވެ.
ކަމީލާ ހިނިއައިސްފައި ހުރީ ދީމާގެ ހަރަކާތްތަކަށް ބަލާށެވެ.
ސާހިލްގެ ކުއްލި މަރުގެ ޚަބަރު ޓީވީއިން ކިޔަމުންދިޔައިރު ދީމާއަށް އެވާހަކަ ޤަބޫލުކުރަން ދަތިވި ކަހަލައެވެ.
“މަންމަ ދަންނަ މީހެއްތަ އެއީ؟” ކަމީލާ ޓީވީގެ އަޑު ބާރު ކޮށްލިއެވެ.
“އާން. ޔުނާންގެ ބެސްޓް ފްރެންޑް އެއީ.” ދީމާ ހުރީ އަދިވެސް ހުރި ފިޔަވަޅުމަތީގައެވެ.
ހުރިހާ ފިކުރުތަކާއި ހާސްކަމެއް ދީމާގެ ފިލައި ދިޔައީއެވެ. ލިބުނު ހިތްހަމަ ޖެހުމުގައި ދީމާއަށް ފިނި ނޭވާއެއް ލެވުނެވެ. އަތް ދަބަސް ހިފައިގެން ދީމާ އަނެއްކާވެސް ގޮސް ވަނީ ކޮޓަރިއަށެވެ. ކަމީލާ އިތުރު ސުވާލެއް ކުރުމުގެ ކުރިން ދީމާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
ވަންނަންތަ؟” ފައިލެއް ހިފައިގެން ހުރެ އިޝާ އޮފީސް ބޮޑު މީހާގެ ކެބިންގެ ދޮރުގައި ޓަކިޖަހައިލިއެވެ.
“އޯކޭ؟”
ލިބުނު ފަރުވާކުޑަ ޖަވާބާއެކު އިޝާ ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ލިފްޓް ތެރެއިން ދިމާވި ޒުވާނާއެވެ.
އިޝާ އަށް އިސްޖަހާލެވުނެވެ. ފަހަރެއްގައިވެސް އެޒުވާނާގެ ލޮލުގެ ޖާދޫގައި ޖެހިދާނެތީއެވެ. އިޝާގެ ދިރިއުޅުމުގައި ދެން އެއްވެސް ފިރިހެނަކަށް ޖާގައެއް ދޭކަށް އިޝާ ބޭނުން ނުވާ ކަހަލައެވެ.
“ސައިން ކޮށްލަން.” އިޝާ ފައިލް ދިއްކޮށްލިއެވެ. އެ ޒުވާނާގެ އެއްވެސް ޖަވާބެއް ނުލިބުމުން އިޝާ އިސްއުފުލާލިއެވެ.
“ގިވް މީ. މިހާރު އޯކޭ އޭ. އިސްޖަހައިގެން ހުރެ މީހުންނާއި ވާހަކަ ދެއްކުމަކީ ހަޑިކަމެއް. ކުށްވެރިންގެ ސިފައެއް. ބައި ދަ ވޭ. އައި އޭމް ޔާމިން.” އިޝާ ދިއްކޮށްލި ފައިލްގައި ހިފަމުން ޔާމިން އަމިއްލައަށް ތަަޢާރަފްވެލިއެވެ.
އަދި އިޝާއާއި ސަލާމް ކުރަން އަތް ދިއްކޮށްލިއެވެ.
“ޑޯންޓް ވޮރީ. ތި މަންޖެއަކާއި ހިތާާއެއް މަށެއް ނުވާނަމޭ. އައި އޭމް މެރިޑް. މަގޭ ވައިފް މާ ރީތި ވާނެ.” ޔާމިންގެ ޖެހިލުންކުޑަ ކެރޭ މިޒާޖުން އިޝާއަށް ހެވުނެވެ.
މަޑުމަޑުން ޔާމިންގެ އަތުގައި އިޝާ ހިފާލިއެވެ.
“ފަސްޓް ޑޭ ދޯ. ގުޑް ލަކް. މީ އަދި ބޮސް އެއް ނޫން އިނގޭ. ބޮސް ވީ ރާއްޖޭން ބޭރުގަ. ވަގުތީ ގޮތަކަށް މަށާއި ހަވާލުކޮށްފަ.” ޔާމިން އިޝާ އަށް އޮޅުން ފިލުވައިދިނެވެ. ޔާމިންގެ ހިތްހެޔޮ މިޒާޖުން ޔާމިން އާއި ފާޅުގައި ވާހަކަ ދައްކަން އިޝާއަށް ފަސޭހަވެގެން ދިޔައެވެ. އަދި މަޑުމަޑުން އިޝާގެ ބީރައްޓެހިކަންވެސް ފިލައިގެން ދިޔައެވެ.
އޮފީސް ނިންމާފައި ގެޔަށް އައި އިރު ޔުނާންގެ މޫޑް ރަނގަޅެއް ނޫނެވެ. ސާހިލްގެ މަރުން ޔުނާން އަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ.
“ދަރިފުޅާ ޔުނާން. އާދެބަލަ މިތާ މަންމަ ކައިރީގައި އިށީންނަން.” ދީމާ އަށް ޔުނާންގެ މޫނުމަތިން ފެންނަން ހުރި އުދާސްކަން ފާހަގަވިއެވެ. ޔާސިރުއާއި ކަމީލާ ވެސް އެތަނުގައި ތިއްބެވެ.
“ކާކުގެ ކަމެއްތަ އެއީ؟ ހާދަ ރަހުމްކުޑަކޮށޭ ދޯ މަރާލާފަ އޮތީ؟” ޔުނާން އައިސް ދީމާ ކައިރީގައި އިށީނުމާއެކު ޔާސިރު ސާހިލްގެ މަރުގެ ވާހަކަ ދައްކަން ފެށިއެވެ.
“ބޯވެސް ހަށިގަނޑާއި ވަކި ކޮށްލާފަޔޯ ދޯ އޮތީ.” ދީމާ ޔާސިރުގެ ވާހަކައިގައި ބައިވެރިވެލިއެވެ.
ޔުނާން ތެދުވެގެން ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ސާހިލްގެ ވާހަކަތައް އަޑުއަހަން ޔުނާން އަަކަށް އެހާ ފަސޭހައެއް ނޫން ކަހަލައެވެ.
“ދަރިފުޅު ދޭބަލަ ޔުނާން ހަމައަކަށް އަޅުވާލަން. ސާހިލްއަކީ ޔުނާންގެ ކުޑައިރުއްސުރެ އެއްކޮށް އުޅުނު ކުއްޖެއް ވިއްޔަ ދެރަވާނެއެއްނު.” ދީމާ ކަމީލާއަށް އިޝާރާތްކޮށްލުމާއެކު ކަމީލާ ބޯޖަހާލަމުން ތެދުވިއެވެ.
ބެލްކަނީގެ ހޮޅީގައި އަތް އަޅުވާލައިގެން ޔުނާން ހުރިއިރު އޭނާގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ސާހިލްގެ މަރު އަދިވެސް އޭނާގެ ސިކުނޑިއަކަށް ޤަބޫލެއް ނުކުރެވެއެވެ.
“ބޭބީ. އާދޭ. ހިތްފުރެންދެން ރޯލަން މިތަނަށް.” ކަމީލާ ޔުނާންގެ އަތުގައި ހިފާލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް އެނދުމަތީގައި އިށީނެވެ.
އޭރުވެސް ޔުނާންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ކަމީލާ ޔުނާންގެ މޫނު ގެނެސް އޭނާގެ މޭތެރެއަށްލިއެވެ. ހިތްހަމަ ޖެހެންދެން ޔުނާން ރޯލަން ފުރުސަތުދެމުންނެވެ. ކަމީލާގެ ފިރުމުންތަކުން ޔުނާންގެ ހިތަށް ކޮންމެވެސް ވަރަކަަށް ލުޔެއް ލިބުނު ކަހަލައެވެ. ނޫނީ ރޮއެރޮއެ ޔުނާން ވަރުބަލިވީކަންވެސް ނޭނގެއެވެ.
“ޤަބޫލުކުރަންވާނެ. މަރު އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް. މަށަށްވެސް. ޔުނާންއަށްވެސް. އެންމެންނަށްވެސް. ހެޔޮ ދުޢާ ކުރުން އަހަރެމެންނަށް ކުރެވޭނެ ކަމަކީ.” ކަމީލާ ޔުނާންގެ ބޮލުގައި ފިރުމާލަމުން ޔުނާން އަށް ވިސްނައިދެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ކަމީލާގެ އެތައް މަސައްކަތަކުން ޔުނާން ހަމައަކަށް އެޅުނު ނަމަވެސް ސާހިލްގެ އެކިއެކި ހަނދާންތައް ޔުނާންގެ ސިކުނޑިއަށް އަދިވެސް ބާރު ފޯރުވަނީއެވެ. ނިދުނު އިރުވެސް ޔުނާންގެ ހާލަކީ އެއީ އެވެ.
ސާހިލްގެ މަރުން އެންމެ އުފާވީ އިޝާއެވެ. ދުވަހަކުވެސް ހިތްހަމަ ނުޖެހޭ ވަރަށް އިޝާގެ ހިތް ހަމަޖެހުނެވެ. އިޝާއަށް މިރޭ ހިތްހަމަ ޖެހިގެން ނިދާލެވޭނެކަން ޝައްކެއްވެސް ނެތެވެ. އިޝާ ޤަބޫލު ކުރާގޮތުގައި އިޝާގެ މުޅި ދިރިއުޅުން ހަލާކުވުމުގެ އަސްލަކީ ސާހިލް އެވެ. ދެވަނަ ދެ މީހެއް ނޫނެވެ.
ސާހިލްގެ މަރަށް މަސް ދުވަސް ފާއިތުވިއިރުވެސް ޔުނާން ހުންނަނީ ނެގިމަޑުވެފައެވެ. ކަމީލާއާއި ކައިވެނި ކުރުމަށްފަހުވެސް ޔުނާން ހަނީމޫންވެސް ލަސްކޮށްލިއެވެ. ކަމީލާވެސް އެކަމަކާ ޝަކުވާއެއް ނުކުރެއެވެ. ޔުނާން ހަމައަކަށް އެޅެންދެން ޔުނާންއަށް ވަގުތުދީގެން ހުރީއެވެ.
ހިމަ ފޮދު ވާރޭ ވެހެމުންދިޔައެވެ. ޔުނާން ހޮސްޕިޓަލުން ނިކުތީ ޖެހިގެން ހުރި މާ ވިއްކާ ފިހާރަައަށް ވަނުމަށެވެ. ކަމީލާ އުފާކޮށްލުމަށެވެ. މީހާ ހަމައަކަށް ނޭޅޭތީ އަޅާލަން ޖެހޭ ވަރަށް ޔުނާން އަށް ކަމީލާ އާއި އަޅާވެސް ނުލެވޭތީއެވެ.
“އައުޗް.” ފިހާރަ ދޮރު ހުޅުވާލުމާއެކު ފިހާރަ ތެރޭގައި ހުރި މީހެއްގެ ގައިގައި ދޮރުން ޖެހުނެވެ.
“ސޮރީ.” ޔުނާން ފިހާރަ ތެރެއަށް ވަންނަމުން އަވަސް އަވަހަށް މާފަށް އެދުނެވެ.
އިޝާ އެނބުރިބަލާލި އެވެ. އަޑުންވެސް އެއީ ޔުނާންކަން އިޝާއަށް އެނގުނެވެ.
އެއްވެސް އެއްޗެއް ނުބުނެ އިޝާ ހިނގައިގަތީ ނިކުންނާށެވެ. އެތައް ދުވަހަކަށްފަހު އިޝާ ފެނުމާއެކު ޔުނާންއަށްވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ބަދަލުވެފައިވާ އިޝާ ފެނިފައި ޔުނާން ހައިރާންވެސް ވިއެވެ. މިހާރު އަދި އިޝާ ކުރިޔަށްވުރެވެސް ވަކިން ރީތިހެން ހީވެއެވެ.
އޮފީހަށް ވަން ގޮތަށް އިޝާ މޭޒުމަތީގައި ބޯއަޅާލިއެވެ. އިޝާ އަދިވެސް ޔުނާން ދެކެ އިންތިހާއަށް ލޯބިވެއެވެ. އެހާ ކައިރިން ފެނުމުން މާޒީގެ ހުރިހާ ހަނދާންތަކެއް ލޯމަތީގައި ސިފަވެގެން ދިޔައެވެ.
“އެކުސްކިޔުޒް.” ނުދަންނަ އަޑަކުން އިޝާ ބަލާލިއެވެ. ހަމަ އެވަގުތު އިންތަނުން ފުންމައިގެން ތެދުވެވުނެވެ. ކުރިމަތީގައި ހުރި ކަމީލާ ފެނިފައެވެ.
“ޔާމިން ދިޔަ ތަނެއް އިނގޭތަ؟” އިޝާގެ ބޮޑުވެފައިވާ ދެލޮލަށް ބަލަން ކަމީލާ ހުރީ ހައިރާންވެފައެވެ.
“ނޭނގެ.” އިޝާއަށް ވާހަކަ ދެއްކުނީވެސް އަމިއްލަ އިޚްތިޔާރުގައި ނޫންކަހަލައެވެ. އެންމެ ހައިރާންވީ ކަމީލާ، އިޝާ ދަންނަ ކަމަށްވެސް ނުހެދީމައެވެ. އެ ދުވަހު ހިތަށް އައި ހާ އެއްޗެއް ގޮވިއިރު ހީވަނީ އިޝާ ރޮލާ ކާލަފާނެހެން ނެވެ.
ކަމީލާ ނިކުމެގެން ދިޔައިރުވެސް އިޝާ ހުރީ ޖެހި ބުދެއްހެން ޚިޔާލީ ދުނިޔެއަށް ގެއްލިފައެވެ.
ނުނިމޭ
ކަމީލާ ދަމުން ދިޔައީ އިޝާއަށް ހިނިތުންވެސް ވެލާފައެވެ.
“އަނެއްކާ ކަމީލާ އަކީ ޔާމިންގެ ކޮއްކޮއެއް ބާއެވެ.” އިޝާ ވާހަކަދައްކަމުންދިޔައީ އަމިއްލަ ނަފްސާއެވެ. އެކަމަކު ޔުނާންގެ ކައިރީގައި ހުރި ދުވަހު އިޝާއަށް ފެނުނީ އެހާ ސާދާ ސީދާ ކަމީލާއެއް ނޫނެވެ. ވެދާނެއެވެ. ކަމީލާއަށް އިޝާ ނޭނގުނީއެވެ. އެނގުނުނަމަ ހީލަން ކީއްކުރަން ބަލައިވެސްނުލާނެ އެވެ. އޮފީހުން ވެސް ބޭރު ކުރާނެ ކަންނޭނގެއެވެ.
“މަށަށްވެސް އަންނަން އެނގުނީ އެ ކަމީލާގެ އޮފީހަށް ހެއްޔެވެ؟” އިޝާއަށް ރުޅި އާދެވުނީ އަމިއްލަ ނަފުސުދެކެ އެވެ.
ހިތް ނުތަނަވަސްވެފައި އިޝާއަށް އިނދެވުނީ ކިހާއިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ.
“މެޑަމް ގެޔަށްވެސް ނުދަނީތަ؟” ޔާމިން ކަރުކެހިލަމުން އައިސް އިޝާގެ މޭޒުގައި އަތުން ޖަހާލިއެވެ. ޚިޔާލުތަކުން ފޯވެފައިވާ އިޝާ ދިޔައީ ސިއްސައިގެންނެވެ.
“އާން. ނޫން. މި އުޅެނީ ދާން.” ހާސްވެފައި ހުރި ވަރުން އިޝާގެ ދޫ އޮޅުނެވެ.
ޔާމިން ހީލަމުން ހިނގައިގަތީ ބޭރަށް ނިކުންނާށެވެ.
“ޔާމިން.” އިޝާގެ އަޑު ނިކުތީ ބޭއިޚްތިޔާރުގަ އެވެ. އިޝާ އަށް ވަގުތުން އޭނާާގެ ތުންފަތް ހަފާލެވުނެވެ. މި ނޫނީ ދުވަހަކުވެސް ޔާމިންއަށް ނަމުން އިޝާ ގޮވާފައެއް ނުވެއެވެ.
“ކީކޭ؟” ޔާމިންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އިޝާގެ މޫނުމަތިން ފެންނަން ހުރި ހާސްކަން ފެނިފައެވެ.
“ކޮއްކޮއެއް އައި ހޯދަން. ކަމީލާ.” އިޝާ ވާހަކަ ދެއްކީ ސީދާ ޔާމިންގެ ލޮލަށް ބަލަން ހުރެއެވެ. ކަމީލާގެ ނަންވެސް އިޝާއަށް ބުނެވުނީ އަޑަށް ބާރުލަމުންނެވެ.
އިޝާ ބޭނުންވީ ކަމީލާ އެއީ ޔާމިންގެ ކާކުކަން ޔަޤީން ކުރަން ކަހަލަައެވެ.
ބޯޖަހާލަމުން ޔާމިން ހިނގައިގަތެވެ. އެއްވެސް ސުވާލެއްވެސް އިޝާއަކާއި ނުކުރިއެވެ.
އިޝާއަށް ޔަޤީން ކުރެވުނެވެ. ކަމީލާއަކީ ޔާމިންގެ ކޮއްކޮއެކެވެ. ޔުނާންގެ އަނބިމީހާއެވެ. އިޝާ ދެރަވިއެވެ. އިޝާ ބޭނުންވަނީ ޔުނާންގެ ހަޔާތާއި އެންމެ ދުރުގައި ހުންނާށެވެ. ނަމަވެސް އިޝާގެ ތަޤުދީރުގެ ނިންމުން ދެކިބަލާށެވެ. ދެލޮލުން ކަރުނަ ހިލުމާއެކު އިޝާ މޭޒުމަތީގައި ބޯ އަޅާލިއެވެ.
ޔުނާން ގެޔަށް އައިއިރު ކަމީލާ ހުރީ ގޯތި ތެރޭގައެވެ. ޔުނާން ފެނުމާއެކު ކަމީލާއަށް ތެޅިގަނެވުނެވެ.
“ކިހިނެއްވީ؟” ކަމީލާގެ ކުރިމައްޗަށް ޔުނާން އައިސް ހުއްޓުނެވެ. އެވަގުތު ބަގީޗާގައި އިށީންދެގެން އިން ދެބައި އުމުރުގެ އަންހެނަކު ޔުނާންގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެންމީހާގެ އަތުގައި އޮތް ކުޑަ ވަށިގަނޑަކަށް ބަގީޗާގައި ހުރި މާގަސްތައް އުފުރާލާފައި އަޅަމުންދެއެވެ.
“ކަމީލާ. މަންމަގެ ގަސްތަކަށް ކިހިނެއް ތި ހަދަނީ؟” ޔުނާންގެ ދެލޯ ބޮޑުވީ އެމަންޒަރު ފެނިފައެވެ. އެ މާ ގަސްތަކަކީ ދީމާ ވަރަށް ލޯބިން ގެންގުޅޭ އެއްޗެއްކަން ޔުނާން އަށް އެނގެއެވެ.
“މަންމަ އަށް އިނގެޔޭ. މި ބަގީޗާގަ ހައްދާނީ ހުސް އޯކިޑް މާ ގަސް.” ކަމީލާ ހިނިތުންވެލިއެވެ.
ޔުނާންއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެޔޮށް ރީތި ބަގީޗާ އޮތީ މުޅިން ބިމާ ހަމަކޮށްފައެވެ.
“އަސްލުވެސް މަންމައަށް އިނގޭތަ؟” ޔުނާން އަދިވެސް ހުރީ ހިތް ޝައްކުވެފައެވެ.
“މީ މަށަށްތަ؟” ކަމީލާ ގަސްތުގައި މައުޟޫ ބަދަލުކޮށްލަމުން ޔުނާންގެ އަތުގައި އޮތް މާބޮޑި އަތުލިއެވެ.
ޔުނާން ބޯޖަހާލަމުން ހިނިތުންވެލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. ކަމީލާ ޔުނާންގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެޔާއި ދިމާއަށެވެ.
“މަންމާ؟” ޔުނާން ގެޔަށް ވަން ގޮތަށް ދީމާ އަށް ގޮވަން ފެށިއެވެ.
“ޔުނާން. މަންމަ އޮތީ ނިދާފައޭ.” ކަމީލާ ޔުނާންގެ ތުންފަތުގައި ތުންފަތް ޖައްސާލީ ޔުނާން އަޑު ހަރުކޮށް ވާހަކަ ދައްކާތީއެވެ.
ކޮޓަރި ދޮރުހުޅުވާލުމާއެކު ޔުނާންގެ އަތުގައި އޮތް ދަބަސް ވެއްޓުނެވެ. މުޅި ކޮޓަރި ތެރެ އޮތީ ރަތް ކުލައިގެ އުއްބަތިތަކުން ފުރާލާފައެވެ. އޯކިޑް މަލުގެ ވަހުންވެސް މުޅި ކޮޓަރި ތެރެ ވަނީ އެއްވަސް ކޮށްލާފައެވެ.
ކަމީލާ އެއްމިޔަކަނުން ހީލަމުން ބުދެއްހެން ހުއްޓިފައި ހުރި ޔުނާންގެ އަތުގައި ހިފާލިއެވެ.
ކަމީލާގެ ފިނިފިނި ދެއަތުގެ ބީހުން އިޙްސާސްވުމާއެކު ޔުނާންގެ ހަށިގަނޑުވެސް ފިނިވެގެން ދިޔައެވެ.
“ސަޕްރައިޒްޑް؟” ކަމީލާ އޭނާ ލައިގެން ހުރި ކަޅުކުލައިގެ ހެދުމުގެ ޒިބް ކުޑަކޮށް ކަހާލިއެވެ. އޭރު ހެދުން އޮތީ ކޮނޑާއި ހަމައަށް ވެއްޓިފައެވެ. ދަގަތް ފާނަށް ދަގަނޑު ދަމާ ފަދައިން ޔުނާން ގޮސް ކަމީލާގެ ހަށިގަނޑުގައި ތަތްވެގަތެވެ. ޔުނާންގެ ހޫނު ތުންފަތުން ކަމީލާގެ ފިނި ހަށިގަނޑު ހޫނު ކުރަމުން ދިޔައިރު ކަމީލާ ހުރީ ދެލޯ މަރާލައިގެންނެވެ. އިންތިހާއަށް އުފާވެފައެވެ. ޔުނާންގެ ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދާތީއެވެ.
އިރު އުނދަރެހުން ކަނޑުގެ ލޮނުގަނޑު ތެރެއަށް ގެނބިގެން ދިއުމާއެކު ނިދިފައި އޮތް ދީމާގެ ދެލޯ ހުޅުވުނެވެ. މީގެ ކުރިން ދުވަހަކުވެސް މީ ދީމާ ނިދި ގަޑިިއެއްވެސް ނޫނެވެ.
މޯޅިއަކަށް ދެމިލަމުން ދީމާ އެނދުން ތެދުވި ވަގުތު ޔާސިރު ދޮރު ހުޅުވާލާފައި ކޮޓަރި ތެރެއަަށް ވަނެވެ.
އެނދުމަތީގައި އިށީނދެލައިގެން އިން ދީމާ ފެނިފައި ޔާސިރުއަށްވެސް ލިބުނީ ހައިރާންކަމެވެ.
“ނިދާފަތަ ތި ހޭލީ؟” ދީމާގެ ބޯވެފައިވާ މޫނަށް ބަލަން ހުރެ ޔާސިރު އަހާލިއެވެ.
ދީމާ އެެއްވެސް އެއްޗެއް ނުބުނެ އިނީއެވެ. އަދިވެސް ދެލޮލުން ރަނގަޅަށް ނިދި ނުފިލަނީ ކަހަލައެވެ.
“ކިހިނެއް ހަދާފަތަ އެއޮތީ ބަގީޗާއަށް. ހުރިހާ މާގަސްތައް ބިމުން ލުހެލާފައި. އަނެއްކާ ބައްޔެއް ޖެހުނީތަ ގަސްތަކަށް.؟” ޔާސިރުގެ އަޑުން ދީމާއަށް އެނދުން ތެދުވެވުނު ގޮތްވެސް ނޭނގެއެވެ. ދެފަޔަށް ބާރުލަމުން ދީމާ ދުއްވައިގަތީ ބަގީޗާއާއި ދިމާއަށެވެ.
އެތައް އަހަރު ދުވަހުގެ ބުރަ މަސައްކަތްތައް ބިމާއި ހަމަކޮށްފައި ވާ ތަން ފެނިފައި ދީމާގެ ލޮލުން ކަރުނަ ހިލުނެވެ.
“މީ ކާކު ކުރި ވިޔާނުދާ ކަމެއްތަ؟ ކަމީލާ!…..” ދީމާ އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތެވެ. ޔާސިރުއާއި ޔުނާންވެސް ބޭރަށް ނިކުތީ ދުވެފައެވެ.
“މަންމައަށް އެނގިގެން ނޫންތަ ކަމީލާ އެކަން ކުރީ؟” ޔުނާން ވާހަކަ ދެއްކީ ފަސްޖެހިފައި ހުރެއެވެ. ދީމާ ގެ ރުޅިއައިސް ރަތްވެފައިވާ މޫނު ފެނިފައެވެ.
“އެހެންވީމަ މީ އޭނަގެ ކަމެއް ދޯ؟ މަށަށް އެނގުނު ނަމަ އެކަން ކުރިޔަ ދޭނެތަ؟ ޔަޤީނޭ މިއަދު މަ ނިދާފައި އޮތް ގަޑި ބަލާފައި އެކަން ކުރީކަން.” ދީމާ ރުޅި ގަދަވެގެން ގޮސް ދަތްކުނޑި ވިކުނެވެ.
އޭރު ސިޑިން ފައިބައިގެން ކަމީލާ އަންނަނީއެވެ. ވަރަށް ހަމަޖެހިފައި ހުރެއެވެ.
ދީމާ ކަމީލާއާއި ދިމާއަށް ދިޔަގޮތުން ހީވަނީ ދެންމެ ދެންމެ ކަމީލާ ރޮލާ ކާލަފާނެހެންނެވެ.
ނަމަވެސް ހިނދުކޮޅެއްގެ ހަމަހިމޭންކަމަށްފަހު ދީމާ ކަމީލާ އާއި ދުރަށް ޖެހެން ފެށިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ސޯފާގައި އިށީނެވެ.
ޔާސިރުއާއި ޔުނާން ހާސްވެފައި ތިބީ ދީމާގެ ހަރަކާތްތަކަށް ބަލާށެވެ.
“މަށަށް އާއެކޭތަ ބުނެވުނީ އަޅެ. ދެން ރަނގަޅުވާނެ. އޯކިޑް މަލަކީ މަށަށްވެސް އެންމެ ރީތި މަލޭ.” ދެންމެ ރުޅި އައިސްގެން ފަޅައިގެން ދާން ކައިރިވެފައި ހުރި ދީމާ މިހާރު އެހުރީ ހަމަޖެހިފައެވެ.
“ޑޭޑް. މަންމައަށް ކިހިނެއްތަ ވަނީ އެ؟ ބަލީތަ އަނެއްކާ؟” ޔާސިރުގެ ކަންފަތާއި ކައިރިވެލަމުން ވައި އަޑުން ޔުނާން އަހާލިއެވެ.
“ކީކޭ ބުނާނީ؟ ބުނާނެ އެއްޗެއް ނޭނގިފަ މިހުންނަނީ؟” ޔާސިރު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ.
“ހިނގާ އަރާމު ކޮށްލަން ކޮޓަރިއަށް.” ޔާސިރު ދީމާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން މޭގައި ލައްކޮށްލިއެވެ.
އެ މަންޒަރު ބަލަން ކަމީލާ ހުރީ ފޮނި ގޮތަކަށް ހެވިލާފައެވެ. ހީވާ ކަހަލައެވެ. ކޮންމެ ކަމެއްވެސް ވާނީ ކަމީލާ ބޭނުން ގޮތަކަށެވެ.
“ބޭބީ؟ ނުދަންތަ؟” ކޮޓަރިއާއި ދިމާއަށް ހިނގައިގަތް އިރުވެސް ކަމީލާ ހުރި ފިޔަވަޅުމަތީގައި ހުއްޓާ ފެނުމުން ޔުނާން ފަސްއެނބުރި ބަލައިލިއެވެ.
“ޔުނާން ދޭ. ކާން ހަދަން ޖެހޭނެއެއްނު.”ކަމީލާ ހިނގައިގަތީ ބަދިގެ އާއި ދިމާއަށެވެ.
“އަދި ހަ ގަޑި ބައެއްނު އެވީ؟ މިހާ އަވަހަށް އެކަކުވެސް ނުކާނެއެއްނު.” ޔުނާން ކަމީލާ އާއި ދިމާއަށް އަތް ދިގުކޮށްލިއެވެ. އަތުގައި ހިފާށޭ ބުނާ ކަހަލަގޮތަކަށެވެ.
“ކާން ހެދުން އެކަންޏެއް ނޫނޭ. ވަރަށް ގިނަ މަސައްކަތް އެބަހުއްޓޭ. ދެން ޔުނާން އިހަށް ދޭބަލަ. ވަރަށް ޓަޔަޑެއްނު.” ކަމީލާ ދެކޮޅު ހެދިއެވެ. އަދި ހޭވިފައިވާ ރަން ކުލައިގެ އިސްތަށިގަނޑު އަތަށް ހެޔޮވަރުކޮށްލަމުން ހުޅިއެއް ޖަހާލިއެވެ.
ދެކޮނޑު އަރުވާލަމުން ޔުނާން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
ހަމަ ހިމޭން އެދަންވަރުގައި އިޝާ އޮތީ އެކަންޏެވެ. ނިދާ ބޮކީގެ ފަނޑު އަލީގައިވެސް އިޝާގެ ދެލޮލުން ފެންނަމުން ދިޔައީ މާޔޫސްކަމެވެ. އެ ދެލޮލުގެ އުދާސްކަން އިޝާގެ މިލާފައިވާ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ.
ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހުމާއެކު އިޝާ ދިޔައީ ސިއްސައިގެންނެވެ. ހަމަ ޔަޤީނުންވެސް ކޮޓަރިއާއި ހަމައަކަށް އެއްވެސް މީހަކަށް ނާދެވޭނެއެވެ. ގޭގެ ދޮރާށިވެސް ހުންނާނީ ތަޅުލާފައެވެ. އިޝާ ސަމާލުވެލިއެވެ. ދެވަނަ ފަހަރަށް އެ އަޑު އިވޭތޯއެވެ. އަނެއްކާވެސް ދޮރުގައި ޓަކި ޖަހާލައިފިއެވެ. އިޝާ ގެ ހިތް ބިރުން ތެޅިގަތެވެ. ހަށިގަނޑުގައި ޖަހަމުންދިޔަ ވިންދުތައް އަވަސްވާން ފެށިއެވެ.
“ކާ-ކާކު؟” ބިރުން ހުރި ވަރުން އިޝާގެ އަޑުވެސް ތުރުތުރުލައެވެ. ނަމަވެސް އެއްވެސް ޖަވާބެއްނައެވެ.
ހިތްވަރުކޮށްލާފައި އިޝާ އެނދުން ތެދުވިއެވެ. މަޑު ފިޔަވަޅުތަކެއް ނަގަމުން އިޝާ ގޮސް ދޮރު ކައިރިއަށް ހުއްޓިލިއެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ތުރުތުރުއަޅާ އަތަކުން އިޝާ ދޮރުގެ ތަޅު އަނބުރާލިއެވެ.
ތަޅުގައި ހިފަހައްޓައިގެން ހުރެ އިޝާ ބޭރަށް ބޯ ދިއްކޮށްލީ ސިއްރުސިއްރުންނެވެ. އަދި އެހާމެ ބިރުން ހުރެއެވެ. އެއްވެސް މީހެއް ފެންނާކަށްނެތެވެ.
“ކާކުހޭ؟” ބިރުން ގޮސް އިޝާއަށް ހިންދިރުވައިލެވުނެވެ.
އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އިޝާ ދޮރު ލައްޕާލިއެވެ. އަދި ކޮޓަރި ތެރެ އަލި ކޮށްލިއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެ އިޝާއަށް ނިދުނީ އިރުއަރަން ކައިރިވެފައި ހުއްޓައެވެ.
ޔާސިރު އޮފީހަށް ދާން ހޭލިއިރުވެސް ދީމާ ނިދާފައި އޮތުމުން ހައިރާންވިއެވެ. ދީމާގެ ބަދަލުވެފައިވާ މިޒާޖު ޔާސިރު ވިސްނަން މަޖުބޫރު ކުރަނީއެވެ.
ކޮޓަރިން ނިކުތް އިރު ކަމީލާ ދޮރުމަތީގައި ހުއްޓާ ފެނުމުން ޔާސިރު ސިހުނެވެ.
“މަންމަ އަނެއްކާ ނިދީތަ؟” ކަަމީލާ ބޯ އަރިކޮށްލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.
“އަނެއްކާ އޭ ތިބުނީ؟” ޔާސިރުގެ ނިއްކުރިމައްޗަށް ކުދި ރޫތައް ގިނަވެގެންދިޔައެވެ.
“މަންމަ ފަތިހު ތެދުވެ ސައިހަދާފައޭ އެވަނީ ކޮޓަރިއަށް.” ކަމީލާ ޔާސިރުގެ މޫނަށް ބަލާލަމުން ހިނިތުންވެލިއެވެ.
“އާދޭ ސައިބޯން. ޔުނާންވެސް އެބައިން.” ކަމީލާ ހިނގައިގަތީ ކާގެޔާއި ދިމާއަށެވެ. ކަރުގައި އަޅާފައިވާ ޓައީ ގެ ގޮށް ރަނގަޅުކޮށްލަމުން ޔާސިރުވެސް ކަމީލާގެ ފަހަތުން ހިނގައިގަތެވެ.
ނިދިފައި އޮތް އިޝާ އަށް ހޭލެވުނީ ހޫނުވެގެންނެވެ. އޭރު މުޅި މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. ފުރަތަމަވެސް ބަލާލެވުނީ ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށެވެ.
“އޯ ޝިޓް.” ގަޑިން ދިހަ ގަޑި ބައިވެފައި ހުރިތަން ފެނިފައި އިޝާ އަވަސް އަވަހަށް ތެދުވިއެވެ. ބާލީސްތައް ޖެހުނުތާކަށް އުކަމުން ފޯނު ހޯދަން ފެށިއެވެ. އެނދާއި ފާރާއި ދެމެދަށް ފޯނުވެއްޓިފައި އޮތްތަން ފެނިފައި އިޝާގެ ގާތަށް ރުޅި އާދެވުނެވެ. ކުދި ކިޔަމުން ގޮސް އިޝާ ފޯނު ނެގިއެވެ. އޮފީހުން އެތައް ފަހަރަކު ގުޅާފައި އޮތެވެ.
މޫނުގައި ދެއަތް ހާކާލާމުން އިޝާ ދުއްވައިގަތީ ފާހާނައާއި ދިމާއަށެވެ.
މެންދުރުގެ އެންމެ ހޫނު ގަޑީގައި އިޝާއަކަށް ކާރެއްވެސް ނުލިބުނެވެ. އޮފީހާއި ދިމާއަށް އިޝާ އެންމެ ފަހުން މިސްރާބު ޖަހަން ޖެހުނީ ހިނގާފައެވެ.
“މެޑަމް. ހާދަ އަވަސް އަރުވާލާފަ.” ދާދިގާތުން ޔާމިންގެ އަޑުއިވުމާއެކު އިޝާ ސިހުނެވެ. އެންމެ ބޮޑަށް ހައިރާންވީ ޔާމިންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިން ކަމީލާ ފެނިފައެވެ. އިޝާއަށް ހުރެވުނީއެވެ. ކަޅިވެސް ޖަހާލަން ހަނދާން ނެތިފައެވެ. ކޮއްކޮއެއް އެހާ ގައިގޯޅިވެގެން އިނދެފާނެ ހެއްޔެވެ؟
“މަގޭ ވައިފް. ކަމީލާ. ރީތި ދޯ؟” އިޝާގެ ލޮލާއި ދިމާއަށް އަތް ހޫރާލަމުން ޔާމިން ބުނެލިއެވެ. އިޝާ އެހާވަރަށް ކަމީލާ އާއި ދިމާއަށް ބަލަން ހުރީމައެވެ.
“ވަޓް؟” އިޝާ ގެ އަނގައިން ބޭއިޚްތިޔާރުގައި ނިކުތީ ހަަމަ އެނެމް ބަހެކެވެ.
ނުނިމޭ
އިޝާ ވަގުތުން ހުއްޓުން އެރިކަހަލައެވެ. ނިތްކުރި މައްޗަށް ގިނަވެގެން ދިޔަ ރޫތަކާއެކު އިޝާއަށް ހުރެވުނީ ބަލާށެވެ.
“މިދަނީ ލަންޗަށް ދާން. އަދި ތި ދަނީތަ އޮފީހަށް؟ ބަލީތަ އަނެއްކާ؟” ޔާމިން ހިތްގައިމު ހިނިތުންވުމެއް ހަދިޔާ ކޮށްލިއިރު ވެސް އިޝާއަށް ހުރެވުނީއެވެ. ގަބުކައިފައެވެ.
“އިޝާ؟” ޔާމިން އަށް އިޝާގެ ނަން ކިޔާލެވުނީ ވަރަށް ބާރަށް ކަމުން އިޝާ ދިޔައީ ސިއްސައިގެންނެވެ.
“ކީކޭ؟” އިޝާ ހިނިތުންވެލީ ގަދަކަމުންނެވެ.
“ބަލީތަ؟ ދޭ ގެޔަށް ރެސްޓް ކޮށްލަން. ތި ހާލުގަ ހުރެ އޮފީހަށް ނިކުންނާނެ ކަމެއް ނެތް.” ޔާމިންގެ ހިތްހެޔޮ ކަމަށް ޝުކުރު އަދާކުރަމުން އިޝާ ބޯޖަހާލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
ހަޤީޤަތުގައިވެސް މިއަދު ދެން އޮފީހަށްދާނެހާ ހިތްވަރެއް އިޝާގެ ގައިގައެއް ނެތެވެ. ސިކުނޑި އިންތިހާއަށް ވަރުބަލިވެއްޖެއެވެ. މީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ ކަމީލާގެ ޓްވިންއެއް ހުންނަނީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު އެއް ނަމެއް ދެމީހުންނަށް ކިޔަންވީ ކީއްވެ ހެއްޔެވެ؟
ޔާމިން އާއި ކަމީލާ ލޮލުގެ ކޮޅަށް ގޮސް ގެއްލުނުއިރުވެސް އިޝާ ހަމަ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ޔުނާންގެ ކުރިމައްޗަށް ދެވަނަ ފަހަރަކަށް ދާކަށް އިޝާ ބޭނުމެއްނުވެއެވެ. އެކަމަކު ކަމުގެ ހަޤީޤަތް ބަލަންވެސް އިޝާ ބޭނުމެވެ. އިޝާ އެނބުރި އައިކޮޅަށް ހިނގައިގަތެވެ. ދެން ހަދާނެ ގޮތަކާއިމެދު ވިސްނަމުންނެވެ.
ދީމާގެ އުޅުމަށް ކުއްލިއަކަށް އައި ބަދަލާއިމެދު ފިކުރު ބޮޑުވެފައި ޔާސިރު އިނެވެ. އޭޑީކޭގެ ގޯތިތެރޭގައިވާ ކުޑަ ބަގީޗާގައި ހުރި ގޮޑިއެއްގައެވެ. ޔުނާންގެ އިންތިޒާރުގައެވެ. ޔުނާން ފިޔަވައި މަޝްވަރާ ކުރަން ޔާސިރުގެ ހުރީވެސް ވަކި ކާކު ހެއްޔެވެ؟
“ޑޭޑް. ލެޓްސް ގޯ. މިތާ އެތެރޭގައި މި އިން ކެފޭއަށް ވަންނަންވީނު. މިގަޑީގަ ތަންކޮޅެއް މީހުން މަދުވާނެހެން ހީވަނީ.” ޔުނާން އައިސް ޔާސިރު ކައިރީގައި ހުއްޓުނެވެ.
“ގެޔަށް ދާނީ. ގޭގައި މާ ރަނގަޅުވާނެ.” ފުން ނޭވާއެއް ދޫކޮށްލަމުން ޔާސިރުތެދުވިއެވެ.
ޔުނާންވެސް އަވަސް ފިޔަވަޅުތަކެއްގައި ސައިކަލާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަހިނގާ ހުރި އިޝާގެ ހިތަށް ކުޑަ ނަމަވެސް ހިތްހަމަ ޖެހުމެއް ނުލިބެއެވެ. ވިސްނާ ވިސްނާ އިޝާ މޮޔަވާން ކައިިރިވެއްޖެއެވެ. ޔުނާންގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ނެތެވެ. ޔާމިން ކައިރީގައި އަމިއްލަ ވާހަކަ ދައްކާކަށްވެސް އިޝާ އަކަަށް ލާހިކެއްނޫނެވެ. އެއްވެސް ކަމަކާއި އިޝާ އަޅާނުލާ ހުންނަންވެސް ސިކުނޑި ވިސްނައިދެއެވެ. ނަމަވެސް ބަސް ނާހަނީ ހިތެވެ. ކުރާނީ ކީއްހެއްޔެވެ؟ ޔުނާން އަށް ދެރައެއް ލިބޭކަށް އިޝާގެ ހިތެއް ނޭދެއެވެ. އަދިވެސް ޔުނާންގެ ލޯބި އެހިތުގެ އެންމެ ފުނުގައި ވަނީ ރައްކާކުރެވިފައެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަަހައްޓާލަމުން އިޝާ އެނދުގައި އޮށޯވެލިއެވެ.
“މަންމަ މިހާރު-” ގެޔަށް ވަދެވަދެ ހުރި ޔާސިރު ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކުރިމަތީގައި ހެވި ދިލިފައި ސަކަރާތް ޖަހަން ތިބި ކަމީލާއާއި ދީމާ ފެނިފައެވެ.
“ކީކޭ ޑޭޑް.” ޔުނާން އަށް ހުރެވުނީ ޔާސިރުގެ ފަހަތުގައި ކަމުން ޔުނާން އަކަށް އެމަންޒަރެއް ނުފެނެއެވެ. ޔާސިރުގެ ވާހަކަ މެދުކެނޑުމުން ޔުނާން އަށް ނޭނގުނީ ޔާސިރު ދައްކަން އުޅުނު ވާހަކައެވެ.
“ހާދަ އުފާވަނީތި؟ އަނެއްކާ ކިހިނެއްވީތަ؟” ޔުނާންގެ ސުވާލަށް ޖަވާބު ނުދީ ޔާސިރު ދީމާ އަށް ހިނިތުންވެލިއެވެ.
“އެއީ ސިއްރެއް ދޯ ކަމީލާ؟” ދީމާ ކަމީލާ އަށް އެއް ލޯ މަރާލިއެވެ.
“މަގޭ ކައިރީގައިވެސް ނުބުނާނަންތަ؟” މަންމަމެންގެ ސަމާސާގައި ޔުނާންވެސް ބައިވެރިވެލިއެވެ.
“ނޫނޭ. ދެން ތިވަރަށް ރޮންޏާ ބުނަންތާ ޖެހޭނީ.” ދީމާ ބާރު ބާރަށް ހީނގަތެވެ.
“ޔާސިރު. އަހަރެމެން މުސްކުޅިވީ. ޔާސިރު ކާފަޔަކަށްވަނީ.” ދީމާގެ ލޮލުން ފާއްދާލީ އުފާވެރިކަމުގެ ކަރުނައެވެ.
“ހަމަ ރަނގަޅަށްވެސް ތަ؟ އަލްޙަމްދުލިﷲ” ޔާސިރު އަށް އުފަލުން ރޮވުނެވެ.
ކަމީލާ ލަދުން މޫނުގައި އަތް އަޅައިގެން ގޭތެރެއާއި ދިމާއަށް ދުއްވައިގަތެވެ.
“ކަމީލާ. ޑޯންޓް ރަން. އިޓްސް ނޮޓް ސޭފް.” ޔުނާންގެ އަޑު ކަމީލާއަށް އިވުނުހެނެއް ހިއެއް ނުވެއެވެ. ކަމީލާ ދުވެފައި ގޮސް ގޭތެރެއަަށް ވަދެއްޖެއެވެ.
“މަރުޙަބާ ދަރިފުޅު. މަންމަމެން ވަރަށް އުފާވެއްޖެ. ކަމީލާއަށް ބަލާތި ރަނގަޅަށް.” ދީމާ ޔުނާންގެ ބޮލުގައި ފިރުމާލިއެވެ.
“ތޭންކްސް.” ބެލްކަނީގެ ދަގަނޑުގައި ހިފަހައްޓާލައިގެން ހުރި ކަމީލާގެ އުނަގަނޑުގައި ޔުނާންގެ ދެއަތް ވަށާލުމާއެކު ކަމީލާ ދެލޯ މަރާލިއެވެ. އެ އުފާވެރި ރޭގައިވެސް ކަމީލާގެ މޫނުމަތިން ހިނިތުންވުމެއް ނުފެނެއެވެ.
“ހަމަ ތި ކަހަލަ އަންހެން ކުއްޖެއް އަހަރެން ބޭނުމީ.” ޔުނާން ކަމީލާގެ ދެކޮނޑުގައި ހިފައި ގަޔާއި ދިމާއަށް އަނބުރާލިއެވެ. އިސްޖެހިފައިވާ ކަމީލާގެ ދަތް ދޮޅީގައި ހިފައި ޔުނާން ހިއްލާލިއެވެ. ވަރަށް މަޑުން އެހާމެ ލޯބިންނެވެ. އެވަގުތު ޔުނާންގެ އަތުގައި ތެތް އެއްޗެއް އުގުޅުނުހެން ހީވެގެން ޔުނާން އަށް އަވަސް އަވަހަށް އަތަށް ބަލާލެވުނެވެ.
“މީ ކޯޗެއް؟” އަތުގައި އުގުޅިފައި ހުރީ މުށި ކުލައިގެ ޗަކައެވެ. ޔުނާންއަށް އަވަސް އަވަހަށް ކަމީލާގެ ދަތް ދޮޅީގައި ހިފައި ހިއްލާ ބަލާލެވުނެވެ.
“މީ ކިހިނެއް ވީ ކަމެއްބާ؟” ކަމީލާގެ ދަތްދޮޅީގައިވެސް ކަރުގައިވެސް އެއްވެސް އެއްޗެއް އުނގުޅިފައި ނެތުމުން ޔުނާން އަށް ލިބުނީ އިންތިހާ ދަރަޖައިގެ ހައިރާންކަމެވެ.
ކަމީލާ ޔުނާން އަށް ފުރަގަސްދިނެވެ. ބުނާނެ އެއްޗެއް ނޭނގިގެން ކަހަލައެވެ.
ޔުނާން ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. އަތް ދޮވެލުމަށެވެ.
ޔުނާން ފާހާނާއިން ނިކުތް އިރު ކަމީލާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ.
“ކޮންތާކުން މަގޭ އަތުގައި އުނގުޅުނު ޗަކައެއް ބާ އެއީ؟ ކުރިން މަގޭ އަތުގައި ހުރިނަމަ ކަމީލާގެ މޫނުގައިވެސް ހުންނަންވާނެއެއްނު. ހާދަ އަޖައިބު ކަމެކޭ މީ.” ޔުނާން ކަމީލާއާއި ޖެހިގެން އޮށޯވެ ހަށިގަނޑު ދަމާލިއެވެ.
“ކީކޭ ބުނާނީ. ތި ވީނުވީއެއް ނޭނގުނު.” ކަމީލާ ލޮލުގެ ހިމަކަޅިން ފުން ވިސްނުމެއްގައި އޮތް ޔުނާންގެ މޫނަށް ބަލާލިއެވެ.
“މަށަށް ވައްތަރީ ޝިމްލާގައި އުޅުނު އިރު އެތަނުން ފެންނަ ޗަކައާ. ކުރިން އަހަރެމެން މަޖަލަށް އެކަކު އަނެކަކަށް ލަނޑުދޭން ޗަކައިން ބޯޅަ ހަދައިގެން ކުދިން ގަޔަށް އުކައިވެސް ހަދަން.” ޔުނާންގެ ވާހަކައިން ކަމީލާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނަމަވެސް ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޔުނާން އަކަށް އެމަންޒަރެއް ނުފެނެއެވެ.
“ޔުނާން. އަހަރެންދެކެ ލޯބިވެދާނަންތަ؟ ހަމަ އަހަރެން މިހުރި ގޮތަށް.” ކަމީލާ ޔުނާންގެ މޭތެރެއަށް ވަނެވެ.
“އޭން. އަހަރެން ކަމީލާދެކެ ވާ ލޯބި އިޙްސާސް ނުވަނީތަ ތިހެން ތިބުނީ.” ޔުނާން ވީ ހައިރާނެވެ. ކަމީލާ ބުނެ ދޫކޮށްލި ޖުމްލައިންނެވެ.
“އަހަރެން ދެކެ ލޯބިވެބަލާށޭ.” ކަމީލާގެ އަޑު ބެދުނެވެ. ހީވަނީ ދެންމެ ދެންމެ ބަޑިފަޅައިގެން ގޮސްދާނެ ހެންނެވެ.
“ލޯބިވާންވީ؟ މިހާރުތަ؟ ޔަޤީންތަ؟” ޔުނާން ސަމާސާކޮށްލީ ކަމީލާ ހެއްވާލާށެވެ. ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. ކަމީލާގެ ލޮލުން ފައިބަމުންދާ ކަރުނަތައް އެކަމަށް ހެކިދެއެވެ.
“އޯ. ބޭބީ. ސޭޑް ވީތަ؟ ޔުނާން ސަމާސާ ކޮށްލީއޭ. ލޯބިވާ ކަމުގެ ހެއްކެއްނު މި އޮތީ.” ޔުނާން ކަމީލާގެ ބަނޑުގައި ފިރުމާލިއެވެ.
“މީހުން ބުނަނީ ރަނގަޅަށް. ޕްރެގްނެންޓް ވީމަ މި އަންހެންވެރިން އަދި ވަކިން ބޮޑަށް ޑްރާމާ ވާނެ.” ޔުނާން ކަމީލާގެ ދެކޮލުގައި ހިފައި ފިތާލިއެވެ.
ފަނޑު ނަމަވެސް ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ކަމީލާ ޔުނާންގެ މޭމަތީގައި އަނެއްކާވެސް ބޯއަޅާލިއެވެ.
“ބަނޑުހައި. ތައްޔާރުވެލާބަލަ ބޭރަށް ގޮސްލަން.” ޔުނާން ބަނޑުގައި އަތް ހާކާލި ގޮތުން ކަމީލާއަށް ހެވުނެވެ.
މަ ރެޑީ.” އިޝާ އަތް ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނިކުތީ ކަންފަތާ ލައި ފޯނު ފިއްތާލައިގެން ހުރެއެވެ.
“ޗީބޯ އަށް ދޭބަލަ މިހާރު. މަވެސް މިދަނީ.” އިޝާ ފޯނު ކަންފަތުން ނައްޓާލަމުން ލައިގެން ހުރި ޖީންސްގެ ޖީބަށް ފޯނު ޖަހާލިއެވެ.
މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާގެ ހިތްގައިމު އަޑު މުޅި ޗީބޯ ތެރޭގައި މަޑު ރާގެއް ކުޅެމުން ދިޔައެވެ.
* ފެނުނީމާ ބެލޭ، ނުބަލާ ނުހުރެވޭ
ލޯ އެންމެ ބޭނުންވީ ސޫރަ ތީ އިނގޭ
ތީ އޭ ކުރަހާލާފަވާ ތަސްވީރު ހިތް މަގޭ.
ޗީބޯ އަށް ވަދެގެން އައި އިޝާގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެއްފަރާތެއްގައިވާ މޭޒެއްގެ ކައިރީގަަައި ތިބި ކަމީލާ އާއި ޔުނާންއެވެ. ނަމަވެސް މީރާގެ ލަވައިގެ ލަފްޒުތައް ވަކިވަކިން އިޝާގެ ހިތާއި ކުޅެމުން ދިޔައިރު އިޝާއަށް ކަޅިވެސް ޖަހާނުލާ ބަލަން ހުރެވުނީ ޔުނާންގެ މޫނަށެވެ. އިޝާގެ ހިތްފުރިގެން ދިޔަ ކަހަލައެވެ. ޔުނާން ފެނުނީމައެވެ. ލޯ ދެކެން އެންމެ ބޭނުންވި ސޫރަ ކުރިމަތީގައި ފެންނަން ހުރީމައެވެ. ހިތުގައި ޔުނާންގެ ރީތި ތަސްވީރު ކުރަހާވެސް ލެވިއްޖެއެވެ. ދުވަހަކުވެސް ފަނޑު ނުވާނޭ ގޮތަކަށެވެ.
ނިތްކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިކޮޅު އަތުން ރީތި ކޮށްލަމުން އިޝާ ހުސް މޭޒެއްގެ ކައިރީގައި އިށީނދެލިއެވެ.
ޔުނާން އަށް ފުރަގަސްދީގެންނެވެ. ކަމީލާއަށް ފެނިދާނެތީއެއް ނޫނެވެ. އިޝާގެ އަމިއްލަ ހިތުގެ ހާލު އިޝާއަށް އެނގޭތީއެވެ. ޒަހަމްވެފައިވާ ހިތަށް އިތުރަށް ތަދު ނުކުރާން ވެގެންނެވެ.
ޔުނާންގެ ލޯބި އިޝާ އަތުން ބީވެ އެހެން މީހަކަށް އެލޯބިި ލިބޭ ތަން ބަލަން ހިތަށް ކުޅަދާނަ ނުވަނީއެވެ.
އެތައް އިރެއް ވަންދެން އެގޮތަށް އިނުމަށްފަހު އިޝާ ތެދުވިއެވެ. އިންތިޒާރު ކުރަމުންދާ މީހާގެ ޚަބަރެއް ނުވުމުން އެތަނުން ދިއުމަށެވެ.
އޭރު ޔުނާން މެން ވެސް އެތަނުން ބޭރަށް ނިކުންނަނީއެވެ. އިޝާ ޖެހުނީ ސީދާ ޔުނާންގެ ކުރިމައްޗަށެވެ.
“އިޝާ.” ކަންފަތުގައި ޖެހުނު އަޑާއެކު އިޝާ ބަލާލިއެވެ. އޭރު އާހިލް އައިސް އިޝާގެ ކައިރީގައި ހުއްޓެނީއެވެ.
“އައި މަގުމަތީގައި ފޯނު ނިވުނީ. ސޮރީ އިނގޭ ލަސްވީމަ.” އާހިލް އިޝާ ކުރިމައްޗަށް ގުދުވެލަމުން މާފަށްއެދުނެވެ.
ޖަވާބުގައި އިޝާ ހިނިތުންވެލިއެވެ.
“އޭ މޭން. ކަލޭތަ؟” ޔުނާން އައިސް އާހިލްގެ ގައިގައި ހިފައިގަތެވެ. އާހިލްވެސް ހަމަ އެފަދައެވެ. ޝިމްލާ ގައި އެއްކޮށް ކިޔަވަން އުޅުނު އިރުގެ ރައްޓެއްސެއް ދިމާވީތީ އާހިލްވެސް އިންތިހާއަށް އުފާވިއެވެ.
އިޝާ ކަމީލާގެ މޫނަށް ބަލާލިއެވެ. އޭރު ކަމީލާވެސް ހުރީ އޭނާގެ ބޮޑު ދެލޯ އިޝާއަށް ހުއްޓާލައިގެންނެވެ. ރުޅި އައިސްފައެވެ.
އިޝާ ވީ ހައިރާނެވެ. ޔުނާން ކައިރީގައި ހުންނައިރު އިޝާ ދެކެ އިންތިހާއަށް ރުޅި އައިސްފައި ޔާމިން ކައިރީގައި ހުންނައިރު ހިނިތުންވެލާތީއެވެ.
އަނެއްކާވެސް އެ ޚިޔާލުތައް އިޝާގެ ސިކުނޑިއަށް ބާރު ފޯރުވަން ފެށުމާއެކު އިޝާއަށް އުނދަގޫވާން ފެށިއެވެ.
“އޯ. ލަކީ މޭން. ރޮއެ މަރުވެގެންވެސް އެކަން ކޮށްފިން ދޯ.” އާހިލް އަށް ޔުނާން އާއެކީ ހުރި ކަމީލާ ފެނުމާއެކު ދިމާކޮށްލިއެވެ.
“އާން. ނަސީބަކުން. މިތާގަ ކީއްކުރަނީ؟” ޔުނާން އަހާލީ އިޝާއަށް ކަތިނަޒަރަކުން ބަލާލަމުންނެވެ.
“މި ދެން އައިސްލީ ހަމަ ފްރެންޑަކާއެއްކޮށް. އެހުރީ. އިޝާ. އާދެބަލަ.” އާހިލް އިޝާއަށް އިޝާރާތްކޮށްލުމާއެކު ޔުނާން އިސްޖެހިއެވެ.
“ޔުނާން. ލަސްވޭ އެބަ. ލެޓްސް ގޯ.” ކަމީލާ ޔުނާން އާއި ކައިރިއަށް ޖެހިލަމުން ޔުނާންގެ އަތުގައި ހިފިއެވެ. އާހިލް އަށް ވާނުވާ ނޭނގުނަސް އިޝާ އާއި ޔުނާން އަށް ހުރިހާ ކަމެއްވެސް އިނގެއެވެ.
“ދިމާ ކޮށްލަންވާނު. މިއޮތީ މަގޭ ކާޑް.” ޔުނާން އާހިލްގެ ކޮނޑުގައި ޖަހާލަމުން ހިނގައިގަތެވެ.
“ހިނގާ ދާން ދޯ އެތެރެއަށް.” އާހިލް އިޝާގެ އަތުގައި ހިފަމުން އެތެރެއަށް ވަނެވެ.
“ކޮބާ ޑޭޑް.” ގޮޑިއެއް ދަމާލަމުން އިށީނދެލަމުން އާހިލް އަށް ފުރަތަމަވެސް އަހާލެވުނީ ނިހާންގެ ވާހަކައެވެ. އާހިލްއަށް ނިހާންގެ ވާހަކަ ފުރަތަމަވެސް އެހޭނެ ނޫން ހެއްޔެވެ. މިއަދު އާހިލް މީހަކަށް ހަދާފައި އެހުރީ ނިހާނެވެ. މޮޅަށް ކިޔަވައިދީފައި އެހުރީ ނިހާންގެ ހެޔޮފުޅުކަމުންނެވެ. އާހިލްގެ ބައްޕައަކީ ނިހާންގެ ވަފާދާރު މުވައްޒަފެކެވެ. އެކްސިޑެންޓެއްގައި އާހިލްގެ ބައްޕަ ނުކުޅެދޭ މީހަކަށްވުމާއެކު އާހިލްގެ ހުރިހާ ޒިންމާއެއް އެދުވަހުން ފެށިގެން ނިހާން އާހިލް އަަށް ބަލާތާ ފަނަރަ އަހަރުވީއެވެ. އާހިލްގެ މަންމައަށްވެސް އަބަދުވެސް ނިހާންގެ ދީލަތި އެހީ ލިބެއެވެ.
“ތި ވާހަކަ ބާއްވާފަ އިހަށް އަޑުއަހާބަލަ.” އިޝާ ދެކޮޅު ހޯދާ ބަލާލީ އަޑުއިވޭ ހިސާބެއްގައި މީހެއް ހުރިތޯއެވެ. ހިތާމަޔަކީ ނުފެންނަ ރޫހާނީ ކަންފަތްތައްވެސް އެތަނުގައި ތިބެދާނެކަން އިޝާއަށް ނުވިސްނުނު ކަމެވެ.
“ޔުނާން އާއި ކަމީލާ ދަންނަނީ ކިހިނެއް؟” އިޝާގެ އަޑުގައިވާ ސީރިއަސްކަމުން އާހިލްއަށް އިޝާގެ މޫނަށް ބަލާލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
ނަމަވެސް އާހިލް އިޝާ އަށް އޭނާއަށް ޔުނާން އާއި ކަމީލާ އެނގޭ ގޮތް ކިޔައިދިނެވެ. ޔުނާން އާއި ކަމީލާ އަކީ ކޮލެޖްގައި އުޅުނު ދެމީހުންކަމެވެ. އެކަކު އަނެކަކު ދެކެވާ ލޯތްބެވެ.
“ކިހިނެއްވީ؟ އިޝާ ދަންނަންތަ އެމީހުން.” އާހިލް އޭނާގެ ހިތުގައި އޮތް ސުވާލު ކޮށްލިއެވެ.
“ފެމެލީ ފްރެންޑްސް. ބަޓް ކުރީގެ. އައި ހޭވް ޓް ލީވް. ފަހުން ދިމާވާނެ.” އިޝާ އަވަސް އަރުވާލާފައި ހުރިވަރުން އާހިލް އަށް އިތުރު ވާހަކައެއްވެސް ނުދެއްކުނެވެ. ހަމައެކަނި ބަލަން ހުރެވުނީއެވެ. ސުވާލުގެ ނަޒަރަކުންނެވެ.
ގޭގެ ދޮރުމައްޗަށް ޓެކްސީ އައިސް މަޑުކޮށްލިތަނާ އިޝާ އަވަސް އަވަހަށް ފޭބިއެވެ. އާދަޔާ ޚިލާފަށް އަވަސްވެފައިވާ އިޝާގެ ހަރަކާތްތަކުން އިޝާގެ އަމިއްލަ ބާރެއް ނެތް ކަހަލައެވެ. ހިނގަމުންވެސް ދިޔައީ އާދަޔާ ޚިލާފަށް ބާރަށެވެ.
ގޭގެ ދޮރޯށި ހުޅުވާލާފައި ވަންތަނާ އިޝާގެ ނަން ދާދި ގާތުން ގޮވާލުމާއެކު އިޝާއަށް އެނބުރިބަލާލެވުނެވެ.
“ޔާމިން؟” އިޝާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެ ގަޑީގައި ޔާމިން އެތަނުގައި ހުންނަންވީ އެއްވެސް ސަބަބެއް އިޝާއަކަށް ނޭނގެއެވެ.
ހުއްޓުން އަރާފައި އިޝާ ހުއްޓާ ޔާމިން ބާރު ބާރަށް އައިސް އިޝާގެ އަތުގައި ހިފަމުން ގޭތެރެއަށް ވަދެ ދޮރު ތަޅުލިއެވެ.
މިހާރު އިޝާ އެހުރީ ޔާމިންގެ އަތު ތެރޭގައެވެ. ގޭތެރޭގައި ރަސްކަން ކުރަމުންދާ އަނދިރި ތެރޭގައި އިޝާއަށް ޔާމިންގެ ދޮން މޫނު ހަމަ ސާފުކޮށްވެސް ފެނެއެވެ.
ޔާމިން އިޝާގެ އަތާއި އަތް ޖޯޑް ކޮށްލަމުން އިޝާގެ އާއި ކައިރިވާން ފެށިއެވެ.
ނުނިމޭ
ފަހަތަށް ޖެހިލަން އިޝާ ކުރި މަސައްކަތްވީ ބޭކާރެވެ. އެހާވެސް ބާރަށް ޔާމިން ވަނީ އިޝާގެ އަތުގައި ހިފަހައްޓާލާފައެވެ.
“ޔޫ އާ މެރިޑް.” އިޝާގެ އަޑު ތުރުތުރުލައެވެ.
“ވެލް އައި އެމް ނޮޓް.” ޔާމިން އިޝާގެ ކަންފަތާއި ކައިިރިވެލިއެވެ.
“ވަޓް.” ލިބުނު ހައިރާންކަމުގައި ޔާމިންގެ އަތު ތެރޭގައި އޮތް އިޝާގެ އަތް ދަމައިގަނެވުނެވެ.
“ޤަބޫލެއް ނުކުރެވޭ ދޯ. އެދުވަހު އެހެން ބުނީ މަޖަލަކަށް. ކަމީލާ އަކީ މަގޭ ކޮއްކޮއެއް.” ޔާމިން އަނެއްކާވެސް އިޝާ އާއި ގާތަށް ޖެހެން ފެށިއެވެ.
“ފުރަތަމަ ދުވަހުން ފެށިގެންވެސް މަށަށް ކަމުދަނީ އިޝާ.” ޔާމިން ކަމީލާގެ ތުނިތުނި ހަށިގަނޑު އަތު ތެރޭގައި ހައްޔަރުކޮށްލިއެވެ.
އެވަގުތު ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. އިޝާއަށް ބަލާލެވުނީ ޔާމިންގެ މޫނަށެވެ. ނަމަވެސް ޔާމިންގެ މޫނުމަތިން އެއްވެސް ހާސްކަމެއް ކަންބޮޑުވުމެއް ފެންނާކަށްނެތެވެ.
“ދޭބަލަ ދޮރު ހުޅުވަން. މަށެއް ނުފެންނާނަން. އެހެން ނޫނަސް އެހާ ހާސްވާ އެއްޗެއް ނޫނެއްނު.” ޔާމިންގެ ތުންފަތުގައި ކުޅެލީ ލާނެތް ހިނިތުންވުމެކެވެ.
ނަމަވެސް އިޝާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. ވަމުންމިދާ ކަންތައްތަކާއިމެދު އިޝާ ހާސްވަނީއެވެ. މީ ކޮންފަދަ ކަންތައްގަނޑެއް ބާއެވެ.
ކުރިން ބުނީ ކަމީލާ އަކީ ޔާމިންގެ އަނބިމީހާ ކަމުގައެވެ. މިހާރު ކޮއްކޮއެވެ. ޔުނާންގެ އަނބިމީހާއަކީވެސް ކަމީލާއެވެ. އަނެއްކޮޅުން ޔާމިން ދުވަހަކުވެސް އިޝާ އާއި މިކަހަލަ ގޮތަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެންމެ ގާތް ކޮށް ދެކޭ ބޭބެ އާހިލްއަކީ ވެސް ޔުނާންގެ ގާތް ރައްޓެއްސެކެވެ.
ފިކުުރުތަކުން ސިކުނޑި ފޯކޮށްލައިގެން ހުރި އިޝާ ހިނގަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ.
ދޮރާއި ހަމައަށް ގޮސްފައި އިޝާ ފަސްއެނބުރި ބަލާލިއެވެ. އިޝާ ހައިރާންވީ ޔާމިން ފެންނަން ނެތީމައެވެ. ވެދާނެއެވެ. ޔާމިން އިޝާ ދޮރު ހުޅުވަންދެން ފިލީއެވެ.
ތުރުތުރު އަޅާ އަތަކުން އިޝާ ދޮރު ހުޅުވާލިއެވެ.
“އިޝާ؟ ނިދަނީތަ؟” ދޮރުމަތީގައި ހުރީ އާހިލްއެވެ.
އިޝާ އަވަސް އަރުވާލާފައި ދިޔުމުން އިޝާ އަށް ކަމެއް ވީކަމަށް ހީކޮށް އާހިލް އައީއެވެ.
“ނުނިދަމޭ. ކިހިނެއްވީ؟ ކަމަކުތަ؟” އިޝާ އަދިވެސް ހުރީ ދޮރުގައި އަތް އަޅާލައިގެންނެވެ.
އިޝާގެ ހަރަކާތް ހުރިގޮތުން އާހިލްވެސް ހުރީ ހައިރާންވެފައެވެ. އިޝާ ހީވަނީ އާހިލް އެތެރެއަށް ވަދެފާނެތީ އުޅޭހެންނެވެ.
“ކުއްލިއަކަށް އިޝާ އެހާ އަވަސް އަރުވާލައިގެން އައީމަ ހީވީ ކަމެއް ވީއޭ. އެހެންވެ ބަލާލަން އާދެވުނީ.” އާހިލް ހިނިތުންވެލި ނަމަވެސް އިޝާގެ މޫނުމަތިން ހިނިތުންވުމުގެ އެއްވެސް އަސަރެއް ނުފެނުނެވެ.
“ނިދަން މިއުޅެނީ. މާދަން އޮފީހަށްވެސް ދާން ޖެހޭ.” އަވަސް އަވަހަށް އިޝާ ދޮރު ލައްޕާލީ އާހިލް އެއްވެސް އެއްޗެއް ނުބުނަނިސްއެވެ.
ދޮރު ތަޅުލުމަށްފަހު އިޝާ ގޭގެ ލައިޓް ޖައްސާލިއެވެ. ވަގުތުން މުޅި ގޭތެރެ އަލިވެގެންދިޔައެވެ. ވަށައިގެން އިޝާ ނަޒަރު ހިންގާލީ ޔާމިންގެ ހިލަމެއްވޭތޯއެވެ. މުޅި ގޭތެރެ ހޯދި އިރުވެސް ޔާމިންގެ ވަސް ވެސް ނެތެވެ.
ކުޑަދޮރުން ގޯތި ތެރެއަށް ފުންމާލައިގެން ދިޔައީ ކަމަށް ހީކޮށް އިޝާ ހިތްހަމަ ޖައްސާލިއެވެ. ނަމަވެސް ކުޑަ އިރުކޮޅެއް ކުރިން ޔާމިން ދެއްކި ވާހަކަތައް އިޝާގެ ސިކުނޑީގައި ވިކަމުން ދިޔައެވެ. އިޝާ އަށް ނިދުނީވެސް އެޚިޔާލުގައި އޮއްވައެވެ.
ފުރާ ފުރިހަމަވެފައިވާ ހަނދުގެ އަލިން މުޅި ދުނިޔެ ދިއްލާފައި ވީ ނަމަވެސް ޖެހެމުންދާ ބާރު ވައިރޯޅިތައް ދެމުން ގެންދަނީ ނާމާން ކަމެއްގެ ސިގްނަލެވެ. މަގުމަތީގައި ދިރޭ ފުރާނައެއްގެ އެއްވެސް އަސަރެއްނެތެވެ. ނަމަވެސް މަގުގެ އެއްފަރާތުން މުށި ކުލައިގެ ފިޔަވަޅުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ. އެ ފިޔަވަޅުތަކުގެ ނިޝާންތައް ހުއްޓިފައިވަނީ ޒުބޭދާމެން ގޭގެ ދޮރާއި ހަމައިންނެވެ.
ފުން ނިންޖެއްގައި އޮތް ޒުބޭދާގެ ދެލޯ ހުޅުވުނީ ހަމަ ކުއްލިއަކަށެވެ. ތެދުވި ގޮތަށް ޒުބޭދާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. އެއްވެސް ފަރާތަކަށް ބެލުމެއްވެސްނެތެވެ. ހީވަނީ ޒުބޭދާގެ އެއްވެސް އިޚްތިޔާރަކާއި ނުލައި ޒުބޭދާ ހިނގަމުންދާހެންނެވެ.
ގޯތި ތެރޭގައި ހައްދާފައިވާ ބޮޑު ހިިރުދުގަސް ކައިރީގައި ޒުބޭދާ ހުއްޓިލިއެވެ. އޭރުވެސް ޒުބޭދާ ހުރީ ނުލަފާ ހިންޏެއް އައިސްފައެވެ.
އިރުކޮޅަކުން ފެނުނީ ދޮން ދޮން ދެ އަތްތިލައަކުން ޒުބޭދާގެ ކަރުގައި ހިފިތަނެވެ. އަޖައިބަކީ ޒުބޭދާގެ އެއްވެސް ނުރުހުމެއް ނެތްކަމެވެ. ކަރު އެނބުރިގެން ދިޔުމާއެކު ޒުބޭދާގެ ހަށިގަނޑު ބިންމައްޗަށް ވެއްޓިއްޖެއެވެ. ހަމަ އެވަގުތު ޒުބޭދާ ލައިގެން ހުރި ހެދުމުގެ ކަރު އިރައިގެން ގޮސް މޭ ތެރެއިން ބޮޑު ބާގަނޑެއް ހެދި ލޭތައް އޮހެން ފެށިއެވެ. ނަމަވެސް އަޖައިބަކީ އެއްވެސް މީހެއްގެ ހިލަމެއްވެސް ނެތި ޒުބޭދާާގެ ހަށިގަނޑުން އޮހެމުންދާ ލޭތައް ބިންމައްޗަށް އޮހުމުގެ ބަދަލުގައި ގެއްލެމުންދާ ތަނެވެ.
ޔުނާން އަށް ހޭލެވުނީ ފިނިވެގެންނެވެ. ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު އޮތީ އެނދުގެ އެއްފަރާތަށް ވެއްޓިފައެވެ. ރަނގަޅަށް ދެލޯ ނުވެސް ހުޅުވާ ޔުނާން ރަޖާގަނޑު ނަގާ ގައިގައި އޮޅާލިއެވެ. އަދި ޖެހިގެން އޮތް ކަމީލާގެ ގައިގައި ބައްދާލުމަށްޓަކާ އަތް ހަރަކާތްކޮށްލިއެވެ. ނަމަވެސް ޔުނާންގެ އަތް ޖެހުނީ ހުސް ބާލީހެއްގައެވެ. ދެލޯ ތަންމިނަށް ބޮޑުކޮށްލަމުން ޔުނާންއަށް ފުންމައިގެން ތެދުވެވުނެވެ. ކަމީލާ ފެންނަން ނެތުމުން ޔުނާން ގަތީ ބިރެވެ. ލިބުނު ހާސްކަން އިންތިހާއެވެ.
“ކަމީ..” އަޑުގެ ނެތްކޮޅަށް ކަމީލާ އަަށް ގޮވަމުން ޔުނާން އެނދުން ތެދުވިއެވެ. ފުރަތަމަވެސް ޔުނާން ބެލީ ފާޚާނާ އެވެ. ނަމަވެސް ކަމީލާއެއް ފާހާނާގައެއް ނެތެވެ.
ޔުނާން އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ދޮރު ހުޅުވާލިތަނާ ޔުނާން ދިޔައީ ސިއްސައިގެންނެވެ. ދޮރުމަތީގައި ހުރި ކަމީލާ ފެނިފައެވެ.
“ކޮންތާކުން މިޔޮށް ދަންވަރު ތިއައީ؟ ކަމީލާ ތީ އެކަނި ބިރުން ކޮޓަރިންވެސް ނިކުންނަން ކެރޭ މީހެއް ނޫނެއްނު؟” ޔުނާން ހުރީ އަދިވެސް ހާސްވެފައެވެ.
“ފެން ބޯންވެގެން ދިޔައީ. ކާގެޔަަށް. އަބަދު ދެން އެހާ ބިރަކުން އުޅޭކަށް ނުވާނު.” ކަމީލާ ޔުނާންގެ އަތުގައި ހިފައި އެއްކައިރި ކޮށްލަމުން ކޮޓަރި ތެރެއަށްވަނެވެ.
“އެކަމަކު އެހުރީ ޖަގު ގަވެސް ފެނެއްނު.” ޔުނާން ހައިރާންވީ ސައިޑް ޓޭބަލް މަތީގައި ހުރި ޖަގުގައި ފެެން ހުއްޓާ ކަމީލާ ފެން ބޯން ބޭރަށް ނިކުތީމައެވެ.
ކަމީލާ އެއްވެސް އެއްޗެއް ނުބުނެ އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ.
އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ޔުނާންވެސް އެނދުގައި އޮށޯވެލިއެވެ. ބައްޕައަކަށް ވާން އުޅޭތީ ޔުނާންއަށް މާބޮޑަށް ކަންތައްތަކާއި ވިސްނެނީ ކަމަށް ހީކުރަމުން ޔުނާން ކަމީލާގެ ބޮލުގައި ފިރުމަންފެށިއެވެ.
ދުނިޔެއަށް އަލިވިލުމާއެކު މީހުންތައް މަގުތައް މަތީގައި ހޭލަމޭލަވާން ފެށިއެވެ. އާދައިގެ މަތިން އިޝާ އޮފީހަށް ދިއުމަށް ގެއިން ނިކުތެވެ. ޓެކްސީއެއްގެ އިންތިޒާރުގައި ގޭގެ ދޮރުމަތީގައި ހުރި އިޝާ އަދިވެސް ވިސްނަމުން އެދަނީ ރޭގައި ޔާމިން އުޅުނު ގޮތާއި ދޭތެރޭގައެވެ. އޭނާ ދެއްކި ވާހަކައާއި ދޭތެރޭގައެވެ.
އެއީ ހަމަގައިމުވެސް ހުވަފެނެއްނޫނެވެ. ހަޤީޤަތެކެވެ. ރޭގެ ހާދިސާ އަދިވެސް އިޝާގެ ލޯ ކުރިމައްޗަށް ސިފަވެއެވެ.
ކާރުގެ ބަރުގޮނުގެ އަޑާއެކު އިޝާ ދިޔައީ ސިއްސައިގެންނެވެ. ޚިޔާލުތަކަށް ގެއްލިފައި ހުރުމުން އިޝާއަށް ކާރު އައިސް މަޑުކޮށްލިއިރުވެސް ނޭނގުނެވެ.
“ހާދަ ފުން ވިސްނުމެއްގައި؟ ފޮތް އަތަށް ލައިގެން ތިބެ މީހުން ވިސްނާތަ؟” ޔާސިރުގެ އަޑުން ސޯފާގައި ފޮތެއް ކިޔަން އިން ދީމާ އިސްއުފުލާ ބަލާލިއެވެ.
“ސައި ހަދަންތަ؟” ދީމާ އުޅުނީ ކިޔަން އިން ފޮތް ބާއްވާފައި ތެދުވާށެވެ.
ނަމަވެސް ޔާސިރު ދީމާގެ ދެކޮނޑުގައި ހިފައި ބޭންދިއެވެ.
“ނެތް ސައިބޯ ހިތެއް. މިހާ ހެނދުނު އެއްޗެއް ކައިފިއްޔާ ފާޚާނާއިން ނާރާނެ.” ޔާސިރު ދީމާގެ ކުރިމަތީގައި ހުރި ސޯފާގައި އިށީނދެލިއެވެ. ހިނިތުންވެލާފައި ދީމާ އަނެއްކާވެސް ފޮތުގެ ގަނޑުތައް އުކަން ފެށިއެވެ.
“މާ އިންޓްރެސްޓިން ވާހަކައެއްތަ؟” ދީމާ ފޮތުގެ ތެރެއަށް ގެއްލިފައި އިންވަރުން އުނދަގޫވެގެން ޔާސިރު އަނެއްކާވެސް އެހިއެވެ.
“ހޫމް. މީ ހުސް ފްލޯކް ވާހަކަ ހުރި ފޮތެއް. އާން ފަހެ.. ބޭރު ޤައުމެއްގެ ބަގީޗާއެއްގައި ލޯބިވެރިޔާ މަރާލާފައި ވަޅުލީއޯ. އެ ބަގީޗާގައި ހުންނަނީ އޯކިޑް ގަސް ހައްދާފަޔޯ ހުސް. ދެން އެ ފިރިހެން ކުއްޖާ މުޅި ބަގީޗާ ރޯކޮށްލީ އޯ. އޭގެ ފަހުން އަބަދުވެސް ކިތަންމެ ހޫނު އަވިގަދަ ދުވަސް ވަރަކަސް އެތާގެ ބިންގަނޑު އަބަދުވެސް އޮންނަނީ ތެމިފަޔޯ.” ދީމާ ވާހަކައިގެ ކުރު ޚުލާސާއެއް ކިޔައިދިންތަނާ ޔާސިރު ފެށީ ހޭށެވެ.
“ތީ ދެން ކާކު ޤަބޫލުކުރާނެ މޮޔަ ވާހަކައެއްތަ؟” ޔާސިރު އެވާހަކައަށް ޖޯކު ޖެހީ އޭނާގެ ބުއްދި ޤަބޫލުކުރާ ކަހަލަ ވާހަކައަކަށް ނުވީމައެވެ.
“އެހެން ހަމަ ވެދާނެއެއްނު.” އެވަގުތު އެތަނަށް އައިސް ހުއްޓުނު ކަމީލާ އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.
“މާރަނގަޅެއްނު. ދީމާގެ މޮޔަ ވާހަކަ ޤަބޫލުކުރާނެ މީހަކުވެސް ވެއްޖެއެއްނު. އަހަރެން ނައްޓާލީމި އޮފީހަށް ދާން.” ޔާސިރު އަދިވެސް ހެނީއެވެ. ދީމާ ވެސް ޔާސިރުގެ ވާހަކަ ހުރިގޮތުން ހުރީ ހެވިފައެވެ. ނަމަވެސް ކަމީލާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ.
އެހެން ދުވަސް ދުވަހާއި ޚިލާފަށް އިޝާ އޮފީހަށް ވަނީ ވަގަކު އޮފީހަށް ވަންނަ ކަހަލަ ގޮތަކަށް އެހާ ސިއްރުންނެވެ. އެކި ދިމަ ދިމާއަށް ލޯ އެއްލަމުންނެވެ. ޔާމިންއަށް ފެންނަން އިޝާ ބޭނުންނުވާ ކަހަލައެވެ.
އިޝާ އިންނަ މޭޒާއި ހަމައަށް ދިޔަތަނާ އިޝާއަށް ފެނުނީ ޔާމިން އާއި ކަމީލާ ކޮންމެވެސް އޮލަ ވާހަކައެއްގައި ގޮސް މީޓިން ރޫމް ތެރެއަށް ވަންނަނިކޮށެވެ. އެތަނުގައި ހުރި ތަނބަކާއި ވަގުތުން އިޝާ ނިވާ ވެލިއެވެ.
މުޅި ދުވަސް އެއްކޮށް އޮފީހުގެ މަސައްކަތުގައި އުޅުނުއިރުވެސް އިޝާ ޔާމިންގެ ކުރިމައްޗަކަށް ނުދެއެވެ.
އިޝާ ހުރީވެސް އޮފީސް ނިމޭ ގަޑި ނުޖެހިގެން ކަހަލައެވެ. ހަތަރެއް ޖެހި އިރަށް އަތް ދަބަސް ކޮނޑަށް ހެޔޮވަރުކޮށްލަމުން އިޝާ ހިނގައިގަތީ ގެޔަށް ދިއުމަށެވެ.
“އިޝާ.” އޮފީހުން ނިކުމެ ނިކުމެ ހުރި އިޝާ ފަސްއެނބުރުނީ މީހަކު ގޮވާލި އަޑަށެވެ.
“މާދަން ދިހައެއް ޖަހާއިރު އެންމެންނަށް މީޓިންއަށް ކިޔާލައްޗޭ.” އާދައިގެ މަތިން ޔާމިން އިޝާއަށް ހިނިތުންވެލިއެވެ. އަދި އަވަސް އަވަހަށް ގޮސް އޭނާގެ އަމިއްލަ ކެބިންއަށްވަނެވެ. އިޝާ އަށް އަނެއްކާވެސް ލިބުނީ ހައިރާންކަމެވެ. ރޭގައި އިޝާ ކައިރީގައި ދެއްކި ވާހަކަތަކާއި މިއަދު ފެންނަމުން މިދާ ޔާމިން އާއި އުޑާއި ބިމާހައި ތަފާތެވެ. ޔާމިންގެ އެއްވެސް ޝައުޤެއް އިޝާއަކަށް ނެތެވެ. ބުނަން ބޭނުން އެއްޗެއް ބުނެލުމަށްފަހު ދިޔައީއެވެ. އެކަމަކު ރޭގައި ހީވަނީ ލޯބިން ގޮސް މަރުވަން އުޅޭހެންނެވެ.
ހަމަ ރަނގަޅަށްވެސް އިޝާއަށް ޔާމިން އޮޅިއްޖެއެވެ. ހުރި ފިޔަވަޅު މަތީގައި އިޝާ ހުއްޓެވެ. ހިނގަމުން މިދަނީ ކޮން ކަންތައްގަނޑެއްކަން ނޭނގޭ ހާލުގައެވެ.
“ކޮން ފިކުރެއްގަ؟” ޔުނާން ނެގި މަޑުވެފައި އިންތަން ފެނިފައި އާހިލް އަހާލިއެވެ. އެ ދެމީހުން އޮފީސް ނިންމުމަށްފަހު ތިބީ އޭޑީކޭގެ ކެންޓީންގައެވެ. ޔުނާން އޮފީސް ނިމުނު ގަޑިއަށް އާހިލް ޔުނާން އާއި ބައްދަލުކުރަން އައީއެވެ.
ޔުނާން މާ ބަސް މަދުވެފައި ހުރިކަން އާހިލް އަށް ފާހަގަވުމާއެކު ވީގޮތެއް އޮޅުންފިލުވަން އާހިލް ބޭނުންވިއެވެ.
“ދެން ފިކުރުތައް ހުންނާނެތާ. ބައްޕައަކަަށް ވަނީއޭ.” ޔުނާން ދޫކޮށްލީ ފުން ނޭވާއެކެވެ. ތެދެކެވެ. ކަމީލާ ބަނޑު ބޮޑު ވީއްސުރެ ޔުނާން ކަމީލާ އާއި ދޭތެރޭގައި ވަރަށް ވިސްނައެވެ.
“އޯ. ކޮންގްރާ މޭން. ވަރަށް ބަލާތި ކަމީލާ އަށް.” އާހިލް ޔުނާންގެ އުފަލުގައި ބައިވެރިވެލިއެވެ.
“އިޝާ ދަންނަންތަ؟” ގާލްފްރެންޑްތަ؟” ޔުނާން ކުއްލިއަކަށް ކޮށްލި ސުވާލުން އާހިލް ޔުނާންގެ ލޮލަށް ބަލާލިއެވެ.
އޭރު ޔުނާންވެސް އިނީ ފަރުވާތެރިކަމާއެކު އާހިލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަ މަންޒަރު ބަލާށެވެ.
“ނޫނޭ. އިޝާގެ ބައްޕަ މަށަށް ކިޔަވަދީ ބަލައި ބޮޑު ކުރީ.” އާހިލްގެ ރާގުގައިވާ ވޭނީ އަސަރުން ޔުނާން ހިމޭންވިއެވެ.
އަދި އެހެން މައުލޫއަކަށް ވާހަކަ ބަދަލުކޮށްލަމުން މޭޒުމަތީގައި ހުރި ކޮފީތަށި ނަގާ ތުބުގައި ޖައްސާލިއެވެ.
ހަވީރު ފިންޏަށް ޝޮޕިން ކުރަން ދިއުމަށް ތައްޔާރުވެލައިގެން ދީމާއާއި ކަމީލާ ގެއިން ނިކުންނަން ހިނގައިގަތެވެ. ގޭގެ ބަގީޗާއާއި އަރާ ހަމަވިތަނާ ގޭގެ ބޮޑު ދޮރުގެ ބެލް ޖަހާލި އަޑު އިވުނެވެ.
“ޔުނާން މެން އައީ ކަންނޭނގެ އޮފީހުން. ދޯ.” ދީމާ ކަމީލާއަށް ދޯ ދެމުން ގޮސް ދޮރު ހުޅުވާލިއެވެ. އެވަގުތު ދީމާއަށް ފަހަތަށް ޖެހެވުނެވެ. ކުރިމަތީގައި ފުލުހުންގެ ޔުނިފޯރމްގައި ތިބި ދެމީހުން ފެނިފަައެވެ.
ނުނިމޭ
“އެތެރެއަށް ވަންނަންތޯ؟ އަޅުގަނޑަކީ ނަދީމް. ކުޑަ މަޢުލޫމާތެއް ސާފްކޮށްލަން.” އެތަނުން އެކަކު ކުރިޔަށް ޖެހިލާ ދީމާ އާއި ވާހަކަ ދައްކަންފެށިއެވެ.
ފުލުހުންގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި ދީމާ އަށް ފަސްއެނބުރި ބަލާލެވުނީ ކަމީލާގެ މޫނަށެވެ.
“ދުރުވޭ. އަނެއްކާ ކިހިނެއްތޯވީ؟” ދީމާ ފުލުހުންގެ ދެމީހުންނާއި އެކު ގޯތި ތެރޭގައި ހުރި ހުސް ގޮޑިތަކާއި ދިމާއަށް ހިނގައިގަތެވެ.
“ވަރަށް ރަޙުމުކުޑަ ގޮތަކަށް ދެވަނަ މަރެއް އެއް ގެއަކުން ވެފައިވާތީ މިކަންތައް ވަރަށް ސީރިއަސްކަމާއި އެކީގައި ބަލަމުން މިދަނީ. އެހެންވެ އަވަށްޓެރިންނަށްވާތީ އެނގޭ މަޢުލޫމާތެއް އޮތްތޯ ބަލާލަންވެގެން.” ނަދީމް އަތުގައި އޮތް ފައިލް ނިއުޅުވާލިއެވެ.
“ދެވަނަ މަރޭ؟” ދީމާ އަށް ލިބުނީ ކުއްލި ޝޮކެކެވެ. މާޝީގެ މަރަށްފަހު އިތުރު މަރެއް ހިނގި ކަމެއްވެސް ދީމާ ނުދެނެ ހުއްޓެވެ.
“އާދެ. ދެނެނުލައްވަމުތޯ. ޒުބޭދާ އާދަމް މިއަދު ހެނދުނު މަރުވެފައި އޮތްވާ ފެނުނީ އެގޭގެ ބަގީޗާގަ. ހިތްވެސް އޮތީ މެޔާއި ވަކި ކޮށްލާފަ.” ނަދީމްއަށް ބުނެވުނީ އެހާވަރަށެވެ. ދީމާ އަށް ހަޅޭލަވައިގަނެވުނެވެ.
“ނުވާނެ ތިހެނެއް. ތިހާ ބޮޑު ކަމެއްވީ އިރު އަހަރެމެންނަށް ނޭނގި ހުންނާނެތަ؟” ދީމާގެ ދެލޯ ކަރުނުން ފުރި ބާރުވެއްޖެއެވެ.
“މިހާރު ވަޅުވެސްލައިފި. ކާކުތޯ ޒުބޭދާގެ އާއިލާދެކެ އެހާ ނަފުރަތު އެކުރަނީ؟ އެހާ ރަޙުމްކުޑަ ޢަމަލެއް ހިންގާނީ އެހާ ނަފުރަތު ހިތުގައި އޮތީމަ ދެއްތޯ.” ނަދީމް ކަރު އެއްފަރާތަށް އަނބުރާލަމުން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.
“ކިހިނެއް ތިއެއް އެނގޭނީ. ޒުބޭދާއަކީ ވަރަށް އަނގަ ގަދަ މީހެއް. ނުބެހޭ ކަމެއް ނޯންނާނެ. އެކަމަކު ތިފަދަ ޢަމަލެއް ހިންގަފާނެވަރުގެ މީހަކު ހުންނާނެއެކޭ ބުނާކަށް ނުކެރޭނެ.” ލެވެމުންދިޔަ ފުން ނޭވާތަކުން ދީމާ އަދިވެސް ހުރީ ހާސްވެފައިކަން ހަމަ ރަނގަޅަށް ފާޅުވެއެވެ.
އެއްވެސް އަލިމަގެއް ނުފެނި ފުލުހުން ހުސްއަތާ ނިކުމެގެން ދިއުމާއެކު ދީމާ ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
“މަންމާ. ފިހާރަޔަށް ނުދަނީތަ؟” ކަމީލާގެ އަޑު ދީމާއަށް އިވުނު ކަމަކަށްވެސް ނުވިއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ޒުބޭދާއަކީ އެންމެ ކުރިއްސުރެވެސް ދީމާ ދަންނަ ރައްޓެއްސެކެވެ.
ދީމާ ނިވާވެ ދަންދެން ބަލަން ހުރުމަށްފަހު ކަމީލާގެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.
މަޑު ހިނގުމެއްގައި އިޝާ ހިނގަމުންދިޔައިރު ފެހިކުލައިގެ ބޯޑު ދިއްލިފައިވާ އެތަކެއް ކާރެއް އިޝާ އާއި އަރާ ހަމަވުމުން މަޑު ޖައްސާލައެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގެ ހިލަމެއް އިޝާ އަށް ވާހެނެއް ހިއެއް ނުވެއެވެ.
“އިޝާ؟” އިޝާ ސިހުނީ އާހިލްގެ އަޑުންނެވެ.
އޭރު އާހިލްއާއި ޔުނާން އެކުއެކީގައި އައިސް އިޝާގެ ކައިރިއަށް ސައިކަލްގައި މަޑުކޮށްލަނީއެވެ.
“ގެޔަށް ގެންގޮސްދެންތަ؟” އާހިލް ހިނިތުންވެލިއެވެ. އާހިލްގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިޝާއަށް ބަލާލެވުނީ އާހިލްއާއި ޖެހިގެން ހުރި ސައިކަލްގައި އިން ޔުނާންގެ މޫނަށެވެ.
އިޝާ ބަލާލުމާއެކު ޔުނާން ހިނިތުންވެލިއެވެ. އެވަގުތު މާޒީގެ ހިތި ސޮފްޙާތައް އިޝާގެ ލޯމަތީގައި ފެވެން ފެށުނެވެ.
އަމިއްލަ ނަފްސާއި ސިކުނޑީގެ މައްޗަށް ބާރު ފޯރުވަމުން އިޝާ އަވަސް ފިޔަވަޅުތަކެއްގައި އައިސް އާހިލްގެ ސައިކަލް ފަހަތުގައި އިށީނދެލިއެވެ.
އާހިލްގެ ހިތް އުފަލުން ނަށަން ފެށި ކަހަލައެވެ. ކުޑަ އިރުއްސުރެ އިޝާއަށްޓަކައި އާހިލްގެ ހިތުން ދެކެމުން އައި ހުވަފެންތަކުގައި ކުލަ ޖެހެން ފެށި ކަހަލައެވެ.
ލިބުނު ހިތްހަމަ ޖެހުމުގައި ކައިރީގައި ޖެހިގެން ހުރި ޔުނާން މަތިންވެސް އާހިލް ހަނދާންނެތެވެ. އިޝާ ގޮވައިގެން އާހިލް ސައިކަލް ދުއްވާލިއެވެ.
ގޭގެ ދޮރު ހުޅުވާލުމާއެކު ޔުނާން އަށް ފަހަތަށް ޖެހެވުނެވެ. އަލިކަމުގެ ކަންފުޅެއްވެސް ނެތްތާގައި ގޭތެރެ ހީވަނީ ބިރުވެރި ހޮހޮޅައެއް ހެންނެވެ.
“ގޭތެރޭގައި މުޅި ދުވަސް ހޭދަކުރާ މީހުންނަށް އަޅެ މިވަރު ކޮށްލަން ނުކެރޭވިއްޔަ.” ޖީބުގައި އޮތް ފޯނު ނަގާ ފްލެޝް އޮން ކޮށްލަމުން ޔުނާން ގޭތެރެއަށްވަދެ ލައިޓް ޖައްސާލިއެވެ.
“މަންމާ؟” ޔުނާން ސިޑިން މައްޗަށް އަރަމުން ދީމާއަށް ގޮވަންފެށިއެވެ. ޔުނާންގެ އަޑަށް ކޮޓަރި ދޮރުހުޅުވާފައި ކަމީލާ ނިކުތެވެ.
“މަންމަ ނިދިފައި ކަން ނޭނގެ އޮތީ.” ކަމީލާ ކުރިއަށް ޖެހިލާ ޔުނާންގެ އަތުގައި އޮތް ދަބަސް އަތުލިއެވެ.
“ކޮބާ ހައުޒް ޔޫ ޓްޑޭ.” ކަމީލާގެ އުޖާލާވެފައިވާ މޫނު ފެނުމާއެކު ޔުނާންގެ ހިތަށް ލިބިގެންދިޔަ ފިނިކަން ދޭހަކޮށްދެނީ ޔުނާންގެ އުފަލުން ފޮޅިފައިވާ މޫނެވެ.
“ރަނގަޅު.” ސައިކަލުން އިޝާ ފޭބީ އާހިލް އިޝާގެ ހާލު އަހާލީތީ އެސުވާލަށް ޖަވާބު ދެމުންނެވެ.
އާާހިލް ސައިކަލްމަތީގައި ހިނިތުންވެފައި ބަލަން އިނީ އިޝާ ގޭތެރެއަށް ވަންނަން ދަޢުވަތުދޭނެ ކަމުގެ އުއްމީދުގައެވެ. އިޝާ ފެންނަ ހިސާބުގައި ހުންނަން އަބަދުވެސް އާހިލް ބޭނުންވާތީއެވެ. ނަމަވެސް އިޝާ ހިނގައިގަތީ އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ.
އުފަލުން ދިއްލިފައިވާ އާހިލްގެ މޫނު ވަގުތުން މޮޅިވެގެންދިޔައެވެ.
އާހިލް ސައިކަލް ސްޓާޓްކޮށްލީ ލިބުނު މާޔޫސްކަމުގައެވެ.
“އާހިލް.” ކަންފަތުގައި އިޝާގެ އަޑު ޖެހުމާއެކު ނާއުއްމީދުވެފައިވާ އާހިލްގެ ހިތަށް ފިނިވެގެން ދިޔަކަހަލައެވެ. އިސް އުފުލާ އިޝާގެ މޫނަށް އާހިލް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އިޝާ އާހިލްއަށް ގޮވި ބޭނުން އަހާލާފަދަ ގޮތަކަށެވެ.
“ބިޒީ ނޫނިއްޔާ އާދެބަލަ އެތެރެއަށް ވާހަކައެއް ދައްކާލަން.” އިޝާ އަނެއްކާވެސް ހިނގައިގަތީ ގޭތެެރެއަށް ވަންނާށެވެ. އެވަގުތު ގޭގެ ދޮރާށި މައްޗަށް ވައްޓާލެވިފައިވާ ބޯގަންވިލާ ގަހުގެ ފަތް ތަކާއި މާތައް ބާރު ބާރަށް ހެލިގަތެވެ. ހީވާ ކަހަލައެވެ. އިޝާއަށް ފާރަލާ ކޮންމެވެސް މީހަކު އެބައުޅެއެވެ.
ސައިކަލް ޕާކް ކޮށްލުމަށްފަހު އާހިލްވެސް އަވަސް އަވަހަަށް އިޝާގެ ފަހަތުން ގޭތެރެއަށް ވަނެވެ.
ކިހިނެއްވީ މާ ހާސްވެފަ ތިހުރީ.” ފާހާނާއަށް ވަދެ ފްރެޝްވެލައިގެން ނިކުތް ޔުނާންގެ ލޮލުގައި ފުރަތަމަވެސް އަޅައިގަތީ އެނދުގެ އެއްކަނުގައި ފިކުރުކުރަން އިން ކަމީލާއެވެ.
“އިނގޭތަ ޒުބޭދާ މަރުވިކަން.” ކަމީލާ ވާހަކަދެއްކީ ދުރުބަލަހައްޓައިގެން އިނދެއެވެ.
“މަންމަ ގުޅާފަ ބުނި. ދެން ކީކޭ ބުނާނީ. ފުލުހުން ތަޙްޤީޤް ކުރެޔޯ އެބަ.” ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލަމުން ޔުނާން އައިސް އިށީނީ ކަމީލާގެ ކައިރީގައެވެ.
ކަމީލާ ޔުނާންގެ ކޮނޑުގައި ބޯއަޅާލިއެވެ.
“ދެން ކަމީ ނުވިސްނަބާ ތިހުރިހާ ކަމަކާއި. މިހާރުދެން މަންމަ އުޅޭގޮތަށް ތިއުޅެނީ. އެކަންތައް ބަލަންޖެހޭ މީހުން އެބަ ބަލައޭ މިހާރު. މިދުވަސްކޮޅު ފިކުރުކޮށް ވިސްނުން ކަމީލާ އަށް ރަނގަޅެއް ނުވާނެއޭ.” ކަމީލާގެ ރަންކުލައިގެ އިސްތަށިގަނޑުގައި ޔުނާން ފިރުމާލީ ވަރަށް ލޯބިންނެވެ.
“ވިސްނާނެތާ ދޯ ދެން.” އިޝާ ޖަވާބުދިނީ ޖެހިގެން ހުރި ސޯފާގައި އިން އާހިލްގެ ސުވާލަށެވެ.
“ޔުނާންގެ ވައިފް ކޮބާތަ؟” ވާހަކަ ފަށާނެ ކޮޅެއް ނޭނގިފައި އިން އިޝާ ލޮލުގެ ހިމަކަޅިން އާހިލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ.
“ހާދަ އެހެން ކަހަލަ ސުވާލެއް؟ ކަމެއް ގޯސްވީތަ؟” އާހިލް އިނީ ފާޑަކަށް ހައިރާންވެފައެވެ. ކުރީ ދުވަހު ޔުނާންވެސް އިޝާއާއި ބެހޭ ގޮތުން ސުވާލުކޮށް އަނެއްކާ މިއަދު އިޝާ ޔުނާންއާއި ބެހޭގޮތުން ސުވާލު ކުރީމައެވެ.
އިޝާ އަށް ވަގުތުން އިސްޖަހާލެވުނެވެ. އިޝާގެ މާޒީގެ ހިތްދަތި ސޮފްޙާތައް ހުޅުވާލާނެހާ ހިތްވަރެއް އިޝާގެ ނެތީމައެވެ. އަލުން އެހަނދާންތައް އާކުރަންވެސް އިޝާ ބޭނުމެއްނޫނެވެ.
“ޔުނާންގެ ވައިފް އެބައުޅޭ. މިހާރު ބަނޑު ބޮޑު. އިތުރު ސުވާލެއް؟” އިޝާގެ ހިމޭންކަން ފެނިފައި އާހިލް ވާހަކަ ދައްކަންފެށިއެވެ.
އާހިލްގެ ވާހަކަތައް ހުރިގޮތުން އިތުރު ސުވާލެއް އަހާކަށްވެސް އިޝާއަކަށް ނުކެރުނެވެ.
އިޝާއަށް ކުރެވުނު ހާވެސް ކަމަކީ ބޮލުގެ އިޝާރާތުން ނޫނެކޭ ބުނުމެވެ.
ކުރަން ހުރި ހުރިހާ ސުވާލުތަކެއް ތުންފަތަށް ވެރިކުރުވާލި ހިނިތުންވުން މައްޗަށް އޮއްބާލަމުން އިޝާ ތެދުވިއެވެ.
“ކޮންތާކަށް؟” އާހިލް އަހާލިއެވެ.
“ކޮފީ އެއް ބޮއެގެންނު ދާންވާނީ؟” އިޝާ ވާހަކަދެއްކީ ފަސްއެނބުރި ބަލާވެސް ނުލައެވެ.
“މިގަޑީގަ ކޮފީ ބޮއެފިއްޔާ ނުވެސް ނިދޭނެ.” ޔުނާން އެނދުގައި ބުރަކަށި ދަމާލަމުން ކަމީލާގެ މޫނަށް ބަލާލިއެވެ.
“ކޮންމެ ރެޔަކުވެސް ޔުނާން ބޮމެއްނު. އެހެންވެ އަހާލީ.” ކަމީލާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ.
ނަމަވެސް އެއްލި އަތުން ޔުނާން ކަމީލާގެ ދޮން އަތްތިލައިގައި ހިފިއެވެ.
“ކޮންމެ ރެޔަކު ބޮނީ ކޮފީ އެކަންޏެއްވެސް ނޫނެއްނު.” ޔުނާންގެ ރާގުގައިވާ ލާނެތްކަން ކަމީލާ ރަކިކޮށްލިއެވެ. މޫނުމަތީގައި ވަގުތުން އަތް އަޅާލަމުން ކަމީލާ ޔުނާންއަށް ފުރަގަސްދިނެވެ. ކަމީލާގެ ލޯބި އަދާތައް ފެނުމާއެކު ޔުނާން އަކަށްވެސް އެނދުގައި ނޯވެވުނެވެ. އަވަސް އަވަހަށް އެނދުން ތެދުވެ ކަމީލާގެ ގައިގައި ޔުނާން ލައްވެގަތެވެ.
ފުރަމެންދަމުގެ ހަމަހިމޭންކަމާއެކު ދުނިޔެ މައްޗަށް ވެރިވެފައިވާ އަނދިރިކަންވެސް އިންތިހާއެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ނާމާންކަމެވެ.
ނިދާފައި އޮތް ޔާސިރުގެ މޫނަށް ދީމާ ބަލަހައްޓައިގެން އޮތެވެ. ސިކުނޑި ތެރޭގައި އެނބުރެމުންދަނީ ޒުބޭދާގެ މަރެވެ. އެވާހަކަ ޤަބޫލުކުރަން ދަތިވަނީއެވެ. ބައެއް ފަހަރު ދީމާގެ ސިކުނޑީގައި ސާހިލްގެ ހަނދާންތައްވެސް ޓަކި ޖަހާލައެވެ. ހިތްބުނެއެވެ. މީހުން އެމަރަނީ ސާހިލްގެ ރޫޙް ކަމަަށްވެސް ވެދާނެއެވެ. އެކަމަކު ޒުބޭދާމެންނާއި ސާހިލް އާއި ކޮން ގުޅުމެއްބާއެވެ. އަނެއްކާ އެއީ ދީމާއަށް ދިން އިންޒާރެއް ހެއްޔެވެ؟ ދެން ސާހިލް މަރާލާނީ ދީމާ ހެއްޔެވެ؟ އެ ޚިޔާލުތައް ހިތަށް ވަނުމާއެކު ދީމާ އަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ކޮޓަރީގެ އޭސީ ފުލް ކޮށް ފިނިން ގަނޑުކޮށްލާފައިވާ އެކޮޓަރި ތެރޭގައި އޮތް އިރުވެސް ދީމާގެ މޫނުމަތިން ދާތިކިތައް ވިދަ ވިދާ ހުއްޓެވެ.
ފިކުރުތަކުން ބޮޑިވެފައވާ ހާލުގައި ދީމާ ދެލޯ މަރާ ބާރުކޮށްލިއެވެ. އެގޮތަށް ދީމާއަށް އޮވެވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭނގެއެވެ.
އަރައިގެން އައި އިރާއެކު ވާރޭ ވެހެން ފަށައިފިއެވެ. އަތަށް ބާލިދީ އެއް ހެޔޮ ވަރުކޮށްލައިގެން ދީމާ ނިކުތީ ގޭގެ ގޯތި ތެރެއަށެވެ. ވެހެމުންދާ ބޯވާރެއަށް ވެސް ބެލުމެއްނެތެވެ. ރަތް ވެފައިވާ ދީމާގެ ދެލޮލާއި ބޯވެފައިވާ މޫނުން ހެކިދެނީ ދީމާއަށް ފުރިހަމަ ނިދިވެސް ނުލިބޭ ކަމެވެ.
ނަމަވެސް ދީމާ އެންމެ ކުރާ ހިތްވާ މަސައްކަތް ކަމަށްވާ ގަސް އިންދުމުގެ މަސައްކަތައިގެން މަސްޢޫލުވެއްޖެއެވެ.
“އައްސަލާމް ޢަލައިކުމް.” ސަލާމް ގޮވާލި އަޑަށް ދީމާ އިސް އުފުލާލިއެވެ.
އާދައިގެ ހެދުމުގައި ބޯ ކޯޓެއް ލައިގެން ހުރި ނަމަވެސް އެއީ ފުލުހުންކަން ދީމާއަށް އެނގޭކަށް މާގިނަ އިރެއް ނުނެގިއެވެ.
“އަޅުގަނޑު ނަދީމް އިނގޭތޯ އަނެއްކާވެސް.” ލައިގެން ހުރި ކޯޓުން ބައެއް ބޮލުގައި އަޅާލަމުން ނަދީމް ކުރިޔަށް ޖެހިލިއެވެ.
“މިހާ ހެނދުނު. އަނެއްކާ ކިހިނެއްތޯވީ؟” ދީމާ ހުރީ އިންތިހާއަށް ހާސްވެފައެވެ.
ޖަވާބުގައި ނަދީމް އޭނާ ލައިގެން ހުރި ކޯޓްގެ ޖީބުން ނަގާ ދިއްކޮށްލީ ހިތް ތަކެއް ޖަހާފައިވާ ކެވެލި ކޮޅެކެވެ.
އަތުގައި އޮތް ގަސް އިންދާ ޕޮޓް ވަގުތުން ވެއްޓުނުއިރު ދީމާގެ ލޯ އިހުނަަށްވުރެ ބޮޑުވެގެން ދިޔައެވެ.
އަދި ބޭއިޚްތިޔާރުގައި ނަދީމްގެ އަތުގައި އޮތް ކެވެލި ކޮޅާއި ދިމާއަށް ދީމާއަށް ދުވެފައި ދެވުނެވެ.
ނުނިމޭ
ނަދީމްގެ އަތުގައި އޮތް ކެވެލިކޮޅު ދީމާ އަތުލީ ތެޅިތެޅި އޮތް ހިތަކާއި އެކުގައެވެ.
“އެކަމަކު މީ ކޮންތާކުން ފެނުނު އެއްޗެއް؟” ދެބުމަ ގޮށް ޖެހިފައިވާ ދީމާގެ ހާސްކަމުން ދޭހަ ވަނީ އެ ކެވެލިކޮޅާއި ދީމާ އާއި ގުޅުމެއްވާ ކަމަށެވެ.
“ތީ ޒުބޭދާ މަރުވިއިރު ލައިގެން ހުރި ހެދުމުގައި އެޅިފައިވާ ކެވެލިކޮޅެއް. ތީ ދީމާގެ އެއްޗެއް ތޯ.؟” ނަދީމް ދީމާއަށް ބަލަމުން ގެންދިޔައީ ޝައްކުގެ ނަޒަރަކުންނެވެ.
“އާން. މީ އަޅުގަނޑު.-” ދީމާ ބުނަމުން ގެންދިޔަ ޖުމްލަ ފުރިހަމަ ކުރަން ހުރަސް އެޅީ ފުލުސް އޮފިސަރ ނަދީމެވެ.
“ހިންގަވާ ޕޮލިސްޓޭޝަނަށް އިތުރު މަޢުލާމާތު ސާފުކޮށްލަން.” ނަދީމްގެ ރާގުގައި ވަނީ ހަރުކަށިކަމެވެ.
“ބައްލަވާ. ތީ ވަރަށް ބޮޑު އޮޅުމެއް. ތީ އަޅުގަނޑުގެ ދަރިފުޅު ޔުނާންގެ އަންހެނުންގެ އަތުގައި އަޅުގަނޑު އެޅުވި ކެވެލިކޮޅެއް.” ދީމާ އޮޅުންފިލުވައިދިނެވެ. ޕޮލިސްޓޭޝަނަށް ގެންދާ ވާހަކަ އިވިފައި ދީމާގެ ހާސްކަން އިތުރުވެގެން ދިޔަ ކަހަލައެވެ.
“ކޮބާތަ ތިބުނާ ކަމީލާއަކީ؟” ނަދީމް ހިނގައިގަތީ ގޭތެރެއަށް ވަންނާށެވެ.
“ކަމީލާ ބަނޑު ބޮޑު. މިވަގުތު ނިދިފައި އޮތީވެސް.” ދީމާ ފަހަތުން އައިސް ނަދީމް އާއި އަރާ ހަމަކުރިއެވެ.
“މައްސަލައެއްނެތް. މިވަގުތު ކަމީލާއާއި ވާހަކަދައްކަން ޖެހޭ އެބަ. ގޮސް ގޮވާ.” ނަދީމް އަމުރުކޮށްލިއެވެ.
ހީވާ ކަހަލައެވެ. ނަދީމް ދެކޭގޮތުގައި ޒުބޭދާގެ ޤާތިލަކީ އެ ކެވެލިކޮޅުގެ ވެރިފަރާތެވެ.
ނަދީމްގެ އަމުރުވެރި ރާގުން ދީމާ އަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. ތެމިފޯވެގެން ހުރެވެސް ބާރު ބާރަށް ހިނގާފައި ގޮސް ގޭތެރެއަށް ވަނެވެ.
ނަދީމްއާއި އޭނާގެ ޓީމް ގޭގެ ދޮރު ކައިރީގައި މަޑުކޮށްލައިގެން ދީމާއަށް އިންތިޒާރު ކުރަން ފެށިިއެވެ.
އެގޮތަށް މާގިނައިރަކު އިންތިޒާރުގައި ތިބޭކަށް ނުޖެހުނެވެ.
ދީމާއާއި އެކު ސިޑިން ފައިބަައިގެން އެ އަންނަނީ ކަމީލާއެވެ. ކަމީލާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސްކަމެވެ.
“މީ ކަމީލާގެ އެއްޗެއްތަ؟” ކަމީލާ އައިސް ކުރިމައްޗަށް ހުއްޓުމާއެކު ނަދީމް ކުރިއަަށް ޖެހިލާފައި އޭނާގެ އަތުގައި އޮތް ކެވެލިކޮޅު ދައްކާލިއެވެ.
“އާން. އާން. އެކަމަކު ކިހިނެއްތޯވީ؟” ކަމީލާގެ ވާހަކައިން އެނގެނީ ދީމާ ޕޮލިހުން ދެއްކި އެއްވެސް ވާހަކައެއް އަދި ކަމީލާ އާއި ހިއްސާ ނުކުރާކަމެވެ. ދީމާ އެގޮތަށް ކަންތައް ކުރީވެސް ސީދާ ނަދީމްގެ އެދުމުގެ މަތިންނެވެ.
“އެއްވެސް އިރެއްގައި މި ކެވެލިކޮޅު ގެއްލުނުތަ؟” ކަމީލާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ނަދީމް އަނެއްކާވެސް ކޮށްލީ ސުވާލެކެވެ.
“ނޫން. ނުގެއްލޭ. އަސްލު ކިހިނެއްތަ ވީ؟” ކަމީލާ އަނެއްކާވެސް ވެގެން އުޅޭގޮތް އޮޅުން ފިލުވަން ބޭނުންވާކަން އަންގާލިއެވެ.
“ސޮރީ. މިވަގުތު ކަމީލާ ގެންދާނަން.” ނަދީމްގެ އިޝާރާތަށް ދެފުލުހަކު ކަމީލާ ވަށާލިއެވެ.
އެވަގުތަކީ ޔުނާންވެސް އެތަނަށް އައިސް ހުއްޓުނު ވަގުތެވެ.
“ވަޓް. އަދި ތިހެނެއް ހައްޔަރެއް ނުކުރެވޭނެ. ކޮބާ ކަމީލާގެ ކުށަކީ؟” ރުޅި އައިސްގެން ގޮސް ޔުނާންގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. އޭރުވެސް ކަމީލާ ހުއްޓާނުލާ ރޮނީއެވެ.
“އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުމިއްޔާ ދުރުވޭ ޕޮލިސްޓޭޝަނަށް. ފުލުހުންގެ މަސައްކަތަށް ހުރަސް އަޅަން ހިތަށްވެސް ނާރުވާތި. މިވަގުތު ކަމީލާ ގެންދާނަން.” ޔުނާން ކުރިއަށް ޖެހިލުމުން ޔުނާންގެ ހަރަކާތް ނަދީމްއަށް ވިސްނުނުކަހަލައެވެ.
ޔުނާންއަށް ހުރެވުނީއެވެ. ލޯ މަތީގައި ފެންނަމުންދާ މަންޒަރު ޤަބޫލުނުކުރެވިފައެވެ. އަނެއްކާވެސް އޭނާގެ އުޖާލާވެފައިވާ ދިރިއުޅުމުގައި އަނދިރިކަމުގެ ސާލެއް އޮޅިގެން ދަނީއެވެ.
“ދަރިފުޅާ. އަވަހަށް ހިނގާ ޕޮލިސްޓޭޝަނަށް ދާން. މަންމަ އަންނާނަން ބައްޕައަށް ގޮވާފައި.” ކަމީލާ ހައްޔަރުކުރުމުން ދީމާއަށް ވެސް ވަރަށް ފުން އަސަރުތަކެއް ކޮށްފި ކަހަލައެވެ.
އަނގައިން ބަސް ހުއްޓި ގަބުވެފައި އަދިވެސް ޔުނާންއަށް ހުރެވުނީއެވެ. ހުރިހާ ސުވާލެއް އޭނާ ކުރަމުން ދިޔައީ އަމިއްލަ ހިތާއެވެ. އަނެއްކާ ކަމީލާ އެވަރުގެ ކުށެއް ކުރީބާއެވެ.
“ދަރިފުޅާ ޔުނާން.” ޔުނާންގެ ބަނޑިފަޅައިގެން ދިޔައީ ޔާސިރު އޭނާގެ ކޮނޑުގައި ދެއަތުން ހިފައި ތަޅުވައިގަތުމުންނެވެ. ޔާސިރުގެ މޭގައި ލައްވެގެން އޮވެ ރޮމުން ދިޔައިރު ޔުނާން ހީވަނީ ކުޑަކުއްޖެއް ހެންނެވެ.
“ހިތްވަރު ކުރޭ ދަރިފުޅާ. ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ހިނގާބަލަ ދާން އަވަހަށް.” ޔާސިރު ޔުނާންގެ ބުރަކަށީގައި ހުއްޓުމެއްނެތި ފިރުމަމުން ދިޔައެވެ.
ހަޤީޤަތުގައި ޔާސިރުވެސް ހުރީ ކަންބޮޑުވެފައެވެ. އާއިލާގެ އަގު ވެއްޓިދާނެތީވެސް ޔާސިރު ދިޔައީ ވިސްނަމުންނެވެ. އެންމެންގެ ޤަދަރާއި އިޙްތިރާމް ލިބިފައިވާ އާއިލާއަށް ހުތުރުނަމެއް ލިބުމަކީ ޔާސިރުއަށް ކެތް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ.
“ތީ އަޖައިބެއްނު. ކިހިނެއްހޭ ތިހެން ވާނީ؟” ޔުނާންމެން ޕޮލިސްޓޭޝަނަށް ވަދެވުނު ވަގުތު އެތެެރެއިން އިވެން ފެށި ބާރު ހަޅޭކުގެ އަޑުން ހުއްޓުން އެރިއެވެ.
އެވަގުތު އެތެރޭގައި ހުރި ދޮރު ހުޅުވާލާފައި ނަދީމް ނިކުތެވެ.
“ކަމެއް ގޯސްވީތަ؟ ކިހިނެއްވެގެން މިއުޅެނީ؟” ނަދީމްގެ ހާސްވެފައިވާ މޫނު ފެނިފައި ޔުނާން އަށް ސުވާލުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.
“ކީކޭ ބުނާާނީ. ކަމީލާ ފިލައިފި. ކަމީލާ ގެނެސް އިންވެސްޓިގޭޓް ކުރާ ކޮޓަރީގައި ބޭންދީ. މިތަނަކީ ވަށައިގެން ކެމެރާ ހަރުކޮށްފައި ހުރިތަނެއް. އެކަމަކު އެއިން އެއްވެސް އެއްޗެއްގަވެސް ނެތް އެއްވެސް އެއްޗެއް ރެކޯޑްވެފައެއް. މިއަދާއި ހަމައަށް ހަމަ ބަރާބަރަށް އެކެމެރާތައް މަސައްކަތް ކުރި. ކަމީލާ ގެޔަށް ދިޔަތަ؟” ނަދީމް ވާހަކަދެއްކީ ވަރަށް ފަސްޖެހިފައި ހުރެއެވެ.
“ތި މޮޅެތި ޑްރާމާތައް ކުޅެން ނޫޅެ ކަމީލާ ވެއްދިތާކުން ނެރޭ.” ޔުނާން ހަޅޭލަވައިގަތެވެ. އޭރު މުޅި މީހާ ތުރުތުރު އަޅަމުންދިޔައެވެ.
ޔާސިރު ޔުނާންގެ ގައިގައި ނުހިފެހެއްޓިނަމަ ޔުނާން ނަދީމްއަށް ވަރުގަދަ ހަމަލައެއް ދިނީހެވެ.
“ރުޅި މަޑުކޮށްފަ އަޑުއައްސަވާ. މީ ހަޤީޤަތް. ކަމީލާ ހައްޔަރުކުރީ ޒުބޭދާގެ މަރުގެ ތަޙްޤީޤަށް. ޒުބޭދާގެ ހެދުމުގައި ހަރުވެފައިވާ ކަމީލާގެ މި ކެވެލިކޮޅު ފެނުމުން.” ނަދީމް ޖީބުން ނެގި ކޮތަޅެއްގައި އޮތް ކެވެލިކޮޅު ޔުނާންއަށް ދައްކާލިއެވެ.
“ކަމީލާ އަކާއި ތިކަމަކާއި ގުޅުމެއް ނޯންނާނެ.” ޔުނާން ޔަޤީންކަން ދިނެވެ.
“ކަމީލާގެ ފޮޓޯއެއް ދެވިދާނެތަ؟” ނަދީމް އަހާލިއެވެ.
“ކަމީލާ ހޯދަން ފޮޓޯއެއް ބޭނުންވާނެތީ.” އަނެއްކާވެސް ވާހަކަ ދެއްކީ ނަދީމެވެ.
ޖީބުގައި އޮތް ވޮލެޓް ނަގާ ކަމީލާގެ ޕާަސްޕޯޓް ސައިޒްގް ފޮޓޯއެއް ނަދީމް އާއި ދިމާއަށް ހޫރާލަމުން ޔުނާން ހިނގައިގަތެވެ. މާޔޫސްވެފައި ހުރެއެވެ. ކުއްލިއަކަަށް ބަދަލުވެގެން ދިޔަ ހާލަތާއި މެދު ވިސްނާ ފިކުރު ކުރަމުންނެވެ. ކަމީލާ އަނެއްކާ އެދިޔައީ ކޮންތާކަށް ބާއެވެ. ކުށެއް ނުކުރާނަމަ ފިލަންވީ ކީއްވެ ހެއްޔެވެ؟ ޔާސިރު އާއި ދީމާ ޔުނާންއަށް ގޮވަ ގޮވާ އޮއްވާ އަޑުއިވޭ ކަމަށްވެސް ނުހަދާ ޔުނާން ސައިކަލަށް އަރާ ދުއްވާލިއެވެ.
ފަޒާގައިވާ ތެތް ފިނީގެ އަސަރުން މުޅި ދުނިޔެވަނީ ކަންނެތްކޮށްލާފައެވެ. ނިދިފައި އޮތް އިޝާ ދެލޯ ހުޅުވާލަމުން މޯޅިއަކަށް ދެމިލިއެވެ. ދުވަހުގެ ހިތްގައިމުކަމުން އަދިވެސް އިޝާ ބޭނުންވީ ނުތެދުވެ އޮންނާށެވެ. ރޭގައިވެސް އިޝާ އަކަށް ހަމަ ނިންޖެއް ނުލިބުނެވެ. ޔުނާންގެ ދިރިއުޅުމާއި ކަމީލާއާއި ދޭތެރޭގައި ވިސްނެނީއެވެ. އިޝާގެ ބޮސް ޔާމިންގެ އަންހެނުންނަށްވެސް ކަމީލާ ކިޔާތީ އާއި އެދެމީހުންގެ ސިފަ ވައްތަރުކަމުންނެވެ.
ބޯވެފައިވާ އިޝާގެ ދޮން މޫނުގައި ދެއަތުން ފިރުމާލަމުން އިޝާ ތެދުވެ ފާހާނާ އާއި ދިމާއަށް ހިނގައިގަތެވެ.
އެވަގުތު ބެލް ޖަހާލި އަޑު އިވުނެވެ.
ލައިގެން ހުރި ތުނި ނައިޓީ މަތިން ޖެކެޓް ވައްޓާލަމުން ބާރު ހިނގުމެއްގައި އިޝާ ގޮސް ދޮރު ހުޅުވާލިއެވެ.
ކުރިމަތީގައި ފެންނަން ހުރި ޔާމިން ފެނިފައި އިޝާއަށް ފަހަތަށް ޖެހެވުނީ ލިބުނު ސިހުމުގައެވެ
“ކޮބާތަ ފޯނު. ހާދަ ގުޅައިފީމޭ. ވައިފް ޑޮކްޓަރަށް ދައްކާލަން ދާން ޖެހޭ އެބަ. އޮފީހުގެ އެހެން ސްޓާފަކާއި ހަވާލު ނުކުރަންވެގެން އިޝާގެ ގެޔަށް މިއައީ. މިއަދު އެގާރަ ޖަހާއިރު އޮންނަ މީޓިންއަށް ތައްޔާރުވެލައްޗޭ.” ފައިލް ދިއްކޮށްލަމުން ޔާމިން ހިނިތުންވެލިއެވެ. ނަމަވެސް އިޝާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ކުރީ ދުވަހެއްގެ ހަނދާންތަކެކެވެ. ޔާމިންގެ ބީހިލުމާއި ލޯބިވެތި ބަސްތަކެވެ.
“ދަނީ އިނގޭ. ސީ ޔޫ.” އިޝާގެ ޖަވާބެއް ނައުމުން ޔާމިން ހިނގައިގަތެވެ.
“ޔާމިން.” އިޝާގެ އަޑު ނިކުތީ ބޭއިޚްތިޔާރުގައެވެ. އެ ހާދިސާގެ ހަޤީޤަތް އިނގެން އިޝާ ކޮންމެހެންވެސް ބޭނުމެވެ. ވިސްނާ ވިސްނާ އިޝާގެ ސިކުނޑި ވަރުބަލި ވެއްޖެއެވެ.
“ޔާމިން މިގެޔަށް ކުރިންވެސް އައިން ދޯ؟” ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދުމަށް އިޝާ މަގުކޮށަން ފެށިއެވެ.
“ނޫނޭ. މިގެޔަކަށް ނާންނަން. އަހަރެން ކީއްކުރަން މިގެޔަށް އަންނަންވީ؟”އިޝާގެ ސުވާލުން ޔާމިންއަށް ލިބުނީ ހައިރާންކަމެވެ. އެކަން އޭނާގެ މޫނުމަތިންވެސް ވަރަށް ރަނގަޅަށް ހާމަވަމުންދިޔައެވެ.
“ޔާމިން އަހަރެންދެކެ ލޯބިވޭތަ؟” އިޝާ އިސްޖަހާލީ ލަދުންނެވެ.
އިޝާގެ ސުވާލު އަޑުއިވުމާއެކު ޔާމިން ފެށީ ހޭށެވެ.
“އިޝާ. އާ ޔޫ އޯކޭ؟ އައި އޮންލީ ލަވް މައި ވައިފް. ދަނީ ދެން. ލަސްވެއްޖެ.” ޔާމިން ހެމުން ހެމުން ނިކުތެވެ.
އަނގަ ހުޅުވިފައި އިޝާއަށް ހުރެވުނީއެވެ. އެއީ ފެނުނު ހުވަފެނެއް ނޫން ކަން އިޝާއަށް ޔަޤީނެވެ.
ހިތަށް ބިރުވެރިކަން ވަނުމާއެކު އިޝާ އަވަސް އަވަހަށް އާހިލްގެ ނަމްބަރަށް ގުޅާލިއެވެ. ދެތިން ފަހަރު ގުޅިއިރުވެސް ނަމްބަރު ބިޒީއެވެ.
“ނަމްބަރު ބިޒީ ކުރަނީ ކީއްވެތަ؟ މިހާރު ސަތޭކަ ފަހަރު ގުޅިއްޖެ.” އާހިލް ސައިކަލްގައި އައިސް މަޑުކޮށްލުމާއެކު ޔުނާން ހިތްހަމަ ނުޖެހިފައި ބުނެލިއެވެ.
“ފޯނު އޮތީ ޖީބުގަ. ދުއްވަމުން ވާހަކަ ނުދެއްކޭނެއެއްނު.” އާހިލް ސައިކަލް ޕާކް ކޮށްލިއެވެ.
ޔުނާންގެ އޮއްސިފައިވާ މޫނު ފެނިފައި ކޮންމެވެސް ބޮޑު ކަމެއް ވެއްޖެކަން އާހިލް ދެނެގަތެވެ.
ޔުނާންއާއި އާހިލް ވާހަކަ ދައްކަން ތިބީ ދަރުބާރުގެ ބިއްދޮށުގައެވެ.
ޔުނާންގެ ވާހަކަތައް އަޑުއަހާފައި އާހިލް ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.
“ކޮބާ ކަމީލާ މިހާރު.” އާހިލްއަށް އަވަސް އަވަހަށް އަހާލެވުނެވެ.
“މުޅި ގެވެސް ހޯދައިފިން. ފުލުހުންވެސް ހޯދަނީ. ދެން ކީކޭ ބުނާނީ.” ޔުނާން ނިއްކުރީގައި އަތް އަޅާލިއެވެ. އޭނާގެ މުޅި ދުނިޔެވެސް ފުނޑު ފުނޑުވެއްޖެ ކަހަލައެވެ. ހަދާނެ ގޮތް ހުސްވެއްޖެއެވެ. އާހިލްގެ ހިތް ޔުނާނަށްޓަކައި ހަމްދަރުދީއިން ފުރުނެވެ. ޔުނާންގެ އަތުގައި ހިފަހައްޓައިގެން ހުރެ އާހިލް އޭނައަށް ހިތްވަރުދެމުން ދިޔައެވެ.
ކަމީލާގެ ފޮޓޯ މުޅި އިންޓަރނެޓްގައި ދައުރުވާން ފެށިއެވެ. ޓީވީއިންނާއި ރޭޑިޔޯއިން ކަމީލާ ގެއްލިގެން ހޯދަމުން ދާކަމުގެ ޚަބަރު ހުއްޓުމެއްނެތި ތަކުރާރު ކުރަމުންދިޔައެވެ.
މެމޯ ހައްދައިގެން ޔާމިން ކައުންޓަރު ފަސްދެމުން އެނބުރިލިއެވެ. އެވަގުތު ޓީވީއިން ކަމީލާގެ ނަން ކީ އަޑުއިވިފައި ޔާމިން އަށް ހުއްޓެވުނެވެ.
އެއްފަރާތުގައި ބަހައްޓާފައި ހުރި ޓީވީއަށް ޔާމިން އަށް ނަޒަރު ހުއްޓުވާލެވުނީ ކަންފަތަށް އިވެމުންދާ އަޑުތަކާއި މެދު ޔަޤީން ކުރާށެވެ.
ޚަބަރު އަޑުއިވުމާއެކު ޔާމިންއަށް ތެޅިގަނެވުނެވެ. ވާނުވާ ނޭނގޭ ހާލުގައި ޔާމިން އަށް ދުއްވައިގަނެވުނެވެ. ކަމީލާގެ ކައިރިއަށެވެ. ޔާމިން މެމޯ ހައްދަން އައީ ކަމީލާ ވެއިޓިން އޭރިޔާގައި ބައިންދާފައެވެ.
ނަމަވެސް ކަމީލާ ހުރި ހިސާބަށް އާދެވުނު އިރު ކަމީލާގެ ކުރިމަތީގައި ތިބި ހަތަރު ފުލުހުންގެ މީހުން ފެނިފައި ޔާމިން ގަނޑުވި ކަހަލައެވެ. ކުރިޔަށް އަޅަ އަޅާހުރި ފިޔަވަޅުވެސް ހުއްޓުނީ ބޭއިޙްތިޔާރުގައެވެ.
ނުނިމޭ
މީ އަނެއްކާ ކޮންފަދަ ކަންތައްގަނޑެއްބާއޭ ޔާމިންގެ ހިތަށް އަރަމުންދިޔައެވެ. އެވަރުގެ ކުށެއް ކަމީލާ ކުރީ ވަކި ކޮންކަމެއް ހެއްޔެވެ؟
ހިތް ނުތަނަވަސްކަމުން ފުރިގެންވާ ހާލު އަނެއްކާާވެސް ޔާމިން ކުރިޔަށް ހިނގައިގަތެވެ.
“ތީ ކުށްހީއެއް އިނގޭތޯ؟ އަޅުގަނޑު ނުފިލަން.” ދެލޯ ބޮޑުކޮށްގެން ހުރެ ކަމީލާ ވާހަކަ ދައްކަމުން ދިޔައީ ފުލުހުންނާއެވެ.
ޔާމިން ފެނުމާއެކު ކަމީލާ ދުވެގޮސް ޔާމިންގެ ގައިގައި އޮޅުލައިގަތެވެ. އަދި ބާރުބާރަށް ރޯން ފެށިއެވެ. އެތަނުގައި ތިބިހާ ބައެއްގެ ނަޒަރު އަމާޒުވެފައިވަނީވެސް ސީދާ ކަމީލާއަށެވެ.
“ތީ ކޮންބޭފުޅެއްތޯ؟” ނަދީމް ކުރިޔަށް ޖެހިލަމުން ޔާމިންގެ މޫނަށް ބަލާލިއެވެ.
“އަޅުގަނޑަކީ ޔާމިން. ކަމީލާގެ ފިރިމީހާ.” ޔާމިން ކަމީލާގެ ބޮލުގައި ފިރުމަމުން ނަދީމްގެ ސުވާލަށް ޖަވާބުދިނެވެ.
“ވަޓް. ކިހިނެއް ތިހެން ވާނީ. ކަމީލާގެ ފިރިމީހާއަކީ ޔުނާން. ޔުނާން ޔާސިރު. ކަމީލާ ހައްޔަރު ކުރީ ޔުނާންމެން ގޭގެ އަވަށްޓެރި ޒުބޭދާގެ މަރުގެ ތަޙްޤީޤަށް. އެކަމަކު ހައްޔަރުކުރި ތަނާ ކަމީލާ ފިލީ. ބަޔަކު ކުރި ރިޕޯޓަކަށް މިތަނަށް މިއައީ.” ލައިގެން ހުރި ކަނޑު ނޫ ކުލައިގެ ބޯ ފަޓްލޫނުގެ ޖީބަށް ދެއަތް ކޮށްޕާލަމުން ނަދީމް ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
އެވަގުތު ޔާމިންގެ މޭތެރޭގައި ބޮޑިވެގެން އޮތް ކަމީލާ ކުއްލިއަކަށް ތެދުވިއެވެ.
“ޔުނާން އޭ. ޔުނާން އޭ. އެކަމަކު.” ބުނަން އުޅުނު ޖުމްލަ ކަމީލާ އަކަށް ފުރިހަމައެއް ނުކުރެވުނެވެ. ކަމީލާގެ އަރު ބެދިއްޖެއެވެ. އަހަރުތަކަކަށްފަހު މާޒީގެ ހަނދާންތައް ސިކުނޑިއާއި ހިތަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބާރު ފޯރުވަން ފަށައިފިއެވެ.
“ބޭފުޅާ. ތިދެން ވަރަށް ހެއްވާ ވާހަކައެއް. ކަމީލާ އަކީ އަޅުގަނޑުގެ އަންހެނުން. ކޮން ޔުނާން އެއްތަ؟” ޔާމިންގެ ގާތަަށް ރުޅިއައެވެ. އޮފިސަރ ނަދީމް ދައްކާ ވާހަކަތައް ޔާމިންއަށް ޤަބޫލުނުކުރެވެނީއެވެ.
“ކަމީލާ ޔުނާން އެއް ނުދަންނަންތަ؟” ޔާމިންގެ ވާހަކައަށް އެއްވެސް ސަމާލުކަމެއް ދިނުމެއްނެތި ނަދީމް ސުވާލުކުރީ ކަމީލާ އާއެވެ.
ކަމީލާ އަށް އިސްޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ދޭނެ ޖަވާބެއްވެސް ކަމީލާއަކަށް ނޭނގުނެވެ.
އެވަގުތު ނަދީމްގެ އިޝާރާތަށް ކައިރީގައި ތިބި އަންހެން ދެފުލުހުން ކަމީލާގެ އަތުގައި ބިޑި އެޅުވިއެވެ.
“ތިކަން ތިގޮތަކަށް ނުވާނެ. އަޅުގަނޑުމެން އަބުރުގެ ދައުވާ ކުރާނަން.” ޔާމިން އަތުން ކަމީލާ ދުރުކޮށްލައިގެން ފުލުހުން ކަމީލާ ގެންދަން ފެށުމުން ޔާމިންގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. ކަމީލާ ރޮއެ ރޮއެ އޮއްވާކަމީލާ ޖިޕަށް އަރުވައިގެން ފުލުހުންގެ ވެހިކަލް ދުއްވާލިއެވެ. މޮޔައެއް ފަދައިން ހޫރެމުން ޔާމިން ސައިކަލަށް އަރާ ދުއްވާލީ ގެޔާއި ދިމާއަށެވެ.
އެ ދެމީހުންގެ ކައިވެނީގެ ލިޔުންތަކާއި ބައެއް ފޮޓޯތަކާއި އަދި މުހިއްމު އެކި އެއްޗެހި ހިފައިގެން ފުލުސް އޮފީހާއި ދިމާއަށް ދިޔުމަށެވެ.
ކަމީލާ ހައްޔަރުކުރި ޚަބަރަަށް ޔުނާންއާއި އާއިލާވެސް އަވަސް އަވަހަށް ފުލުސް އޮފީހަށް ދިޔައެވެ.
ވެއިޓިން އޭރިޔާގައި މަޑުކޮށްގެން ތިއްބާ އެތަނަށް ފައިލެއް ހިފައިގެން އައިސް ނަދީމް ހުއްޓުނެވެ.
“ޔުނާން. ކަމީލާ ބުނަނީ ޔުނާން ދަންނަ ކަމަށް. އެކަމަކު ކަމީލާ އަކީ ޔުނާންގެ އަތްބެއް ނޫންކަމަށް. ތިގެ ނުވެސް އިނގޭ ކަމަށް. އަދި ކަމީލާ ބަނޑުބޮޑުވެސް ނޫން ކަމަށް.” ވާނުވާ ނޭނގޭތީ ނަދީމްވެސް ހުރީ ހިސާބަކަށް ހާސްވެފައެވެ.
ލިބުނު ހައިރާންކަމުގައި ޔުނާން އަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ބުނާނެ އެއްޗެއް ނޭނގިފައި އޭނާއަށް ބަލައިލެވުނީ އޭނާގެ ބައްޕައާއި މަންމަގެ މޫނަށެވެ.
“އެއީ ތެދެއް. ކަމީލާ ބަނޑު ބޮޑެއް ނޫން.” ނަދީމް އިތުރުކޮށްލިއެވެ.
“ތި ދެމީހުން ދިމާވި ގޮތާއި ކައިވެނި ކުރެވުނުގޮތް ކިޔާލަދީފާނަންތަ؟ ޒާތީ ދިރިއުޅުމުގެ މައުލޫމާތު ހޯދަން މަޖްބޫރު. ސަބަބަކީ ކަމީލާ އޭނަގެ ފިރިއެއް ކަމަށް ބުނެ ދައްކަނީ އެހެން މީހަކު.” ދެން ވެސް ވާހަކަދެއްކީ ނަދީމެވެ.
ފެށިގެން ނިމެންދެން ކަމީލާއާއި ޔުނާން ގެ ވާހަކަތައް އޮފިސަރ ނަދީމާއި ޔުނާން ހިއްސާކޮށްލިއެވެ. އޭރު އެމީހުންނަށް ނުފެންނަ ގޮތަށް އެތަނުގައި ހުރި ތަބަކާއި ނިވާވެ ހުރި ޔާމިން އަށް ޔުނާން ދެއްކި ހުރިހާ ވާހަކައެއް އަޑު އިވުނެވެ.
ޔާމިންވެސް ހުރީ ފާޑަކަށް ގަބު ވެފައެވެ. ވާނުވާ ނޭނގިފައެވެ.
“އެހެންވީމަ ކަމީލާ ދެއްކި ބައެއް ވާހަކަތަކާއި ދިމާވޭ އެބަ. އެކަމަކު ތަފާތުވަނީ ކޮލެޖްގެ ފަހުން ދިމާވި ކަންތައްތައް.” ނަދީމް ފުން ވިސްނުމެއްގައި ހުރެ ބުނެލިއެވެ.
“އެއީ ޔުނާން ދޮގު ހަދާތީ ދިމާ ނުވަނީ. މިހުރީ ހުރިހާ ހަޤީޤަތެއް.” ޔާމިންގެ އަޑަށް އެންމެންނަށްހެން ބަލާލެވުނީ އެއްފަހަރާއެވެ.
އޭރު ޔާމިން އެމީހުންގެ ފަހަތުގައި ބޮޑު ފައިލެއް ދިއްކޮށްލައިގެން ހުއްޓެވެ.
ހާލަތުގެ ނާޒުކު ކަމުގެ ގޮތުން ނަދީމް އެ ހުރިހާ އެންމެން ވެއްދީ ވަކި ކޮޓަރިއަކަށެވެ. އަދި ޔާމިން ދެއްކި ހުރިހާ ލިޔުންތަކާއި ކައިވެނީގެ ފޮޓޯތައް އެންމެން ކުރިމަތީގައި ހުޅުވާލިއެވެ.
ޔުނާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޖަވާބު ނޭނގޭ އެތައް ސުވާލުތަކެއް ހިތުގައި ފުނި ޖެހެމުންދިޔައެވެ. ނަމަވެސް ސުވާލު ކުރާނީވެސް ވަކި ކާކާ ހެއްޔެވެ؟
“ކަމީލާ ގެނެވިދާނެތަ މިތަނަށް.” އެންމެ ފަހުން ޔުނާންގެ ބޯ ހާސްވިއެވެ. އެއީ ޔުނާން އަށް ވިސްނުނު އެންމެ ރަނގަޅު ގޮތެވެ.
“ކަމީލާގެ ބައްޕަވެސް އިރުކޮޅެއްގެ ތެރޭގައި އެބަ އާދޭ.” ޔާމިންގެ ރާގުގައި ވަނީ މަލާމާތެވެ. އެކަން ޔާމިންގެ ތުންފަތުގައި ކުޅެލި ފަނޑު ހިނިތުންވުމުން ވަރަށް ސާފުކޮށް ފެނިގެން ދިޔައެވެ.
ބޯ ޖަހާލަމުން ނަދީމް ނިކުތީ ބޭރަށެވެ.
“ބޯ ޖަހާލަ ޖަހާލަ އިންނަނީތަ؟ ކިހިނެއްތަ މިވަނީ؟” އިޝާ އާހިލްގެ އަތުގައި ހިފައި ތަޅުވައިގަތީ އާހިލް ބޯޖަހާލަ ބޯޖަހާލަ ހުރެ އިޝާގެ ވާހަކައަށް އެއްވެސް ޖަވާބެއް ނުދިނުމުންނެވެ.
އާހިލްއާއި އިޝާ ވާހަކަ ދައްކަން ތިބީ އިޝާމެން ގޭގެ ޓެރަހުގައި ހުރި ކުޑައެއްގެ ދަށުގައެވެ.
“ހިނގާބަލަ މީހަކަށް ދައްކާލަން. މިބުނީ ފަންޑިތަ ހަދާ މީހަކަށް. އިޝާއަށް ތިއިވޭ އަޑުތަކާއި ދިމާވި ހާދިސާއާއި މެދު މަށަށް ފެންނަނީ ފާލެއް ބަލާލަން.” ކުޑައިރުކޮޅަކު ވިސްނަން އިނދެފައި އާހިލް ލަފާ އެރުވިއެވެ.
“ދެން ދޯ. މަށަކަށް ހިއެއްނުވޭ މީ ތިކަހަލަ ކަމެއް ހެނެއް. އާހިލް އަށް އިނގެއެއްނު. އަހަރެން ޤަބޫލުކުރާ ކަމެއް ނޫންކަން އެކަހަލަ ކަންތަކަކީ.” އިޝާ އަކަށް އާހިލްގެ އެ ޚިޔާލެއް ކަމަކުނުދިޔައެވެ.
އެތައް ވާހަކައެއް ދެއްކުމަށްފަހުވެސް ވާހަކަ ހުއްޓާލަން ޖެހުނީ އެކަމަށް އެއްވެސް ގޮތެއް ނުނިމިއެވެ.
އޮފިސަރ ނަދީމް ދޮރު ހުޅުވާލާފައި ވަން އަޑަށް އެންމެންނަށް އެއްފަހަރާ ބަލައިލެވުނެވެ.
އެކަމަކު ކަމީލާގެ ދެލޯ އަމާޒުވެފައިވަނީ ސީދާ ޔުނާން އަށެވެ. ހީވާ ކަހަލައެވެ. އެހާ ގިނަ ދުވަސްތަކަކަށްފަހު ޔުނާން ދެކިލަން ކަމީލާ ބޭނުންވަނީއެވެ. އަދިވެސް މާޒީގެ ފޮނި ހަނދާންތައް ކަމީލާގެ ލޯމަތީގައި ސިފަވަނީއެވެ. ޔުނާންގެ ސަކަ މިޒާޖެވެ. ލޯބިވެތި ބެލުންތަކެވެ. އެތަނުގައި އެހެން މީހުން ތިބި ކަންވެސް ކަމީލާއަށް ހީނުވާ ކަހަލައެވެ.
“ކަމީލާ. ކޮބާ މިތަނުން ކަމީލާގެ ފިރިމީހާއަކީ.” އޮފިސަރ ނަދީމްގެ ލޯ އަމާޒުވެފައިވަނީ ސީދާ ކަމީލާއަށެވެ.
ނޭވާ ހިފަހައްޓާލައިގެން އެންމެން ތިބީ ކަމީލާގެ ޖަވާބުގެ އިންތިޒާރުގައެވެ.
ކަމީލާއަށް އިސްޖަހައިލެވިއްޖެއެވެ. ޔުނާންގެ ކުރިމަތީގައި ހުންނަން ޖެހުމުން މުޅި މީހާ ފިނިވެއްޖެއެވެ.
“ބަލަ މި ލިޔެކިޔުންތަކުގައި އެއްވެސް އަގެއް ނެތީތަ؟ މިއަށްވުރެ ބޮޑު ހެއްކެއް ދައްކަންތަ އަދި. މި ރޫމްގެ ދޮރު ހުޅުވާލާފައި ބޭރު ބަލާާލަބަލަ. އޭރުން ފެންނާނެ.“ ޔާމިންއަކަށް އަނގަ މަޑުންލައިގެން ނުހުރެވުނެވެ.
ދެބުމަ ގޮށް ޖަހާލަމުން ނަދީމް ދޮރު ހުޅުވާލިއެވެ. އެވަގުތު އެންމެ ބޮޑަށް ސިހުނީ ޔުނާނެވެ. ދޮރުމަތީގައި އެހުރީ ކަމީލާގެ ބައްޕަ މިސްޓަރ ޕުލިން އެވެ. ޔުނާންއަށް ކުރިން ފެނިފައިވުމުން އެއީ ކަމީލާގެ ބައްޕަކަން ޔުނާން އަށް އެއްވެސް މީހަކު ބުނެދޭކަށް ނުޖެހުނެވެ.
“ވެއާ އިޒް މައި ޑޯޓަރ ކަމީލާ.” ޕުލިންގެ މޫނުމަތިން ފެންނަމުން ދިޔައީ ނުރުހުމެވެ.
ބައްޕަ ފެނުމާއެކު ކަމީލާ ދުވެފައި ގޮސް ބައްޕަގެ ގައިގައި އޮޅުލައިގަތެވެ. ޕުލިން އައީ ވަކީލަކުވެސް ގޮވައިގެންނެވެ.
ހުރިހާ ހެއްކާއި މީހުންގެ ބަޔާންތަކަށްފަހު ކަމީލާ ދޫކޮށްލެވުނެވެ. އަދި ޓީވީ މެދުވެރިކޮށްވެސް ކަމީލާގެ ކުށެއް ނެތްކަން އިއުލާން ކުރެވުނެވެ.
ހައިރާންކޮށް އަޖައިބު ކުރުވަނިވި ހާދިސާއެއް ނަމަވެސް ފުލުހުންނަށް އެ މައްސަލަ އިތުރަކަށް ކުރިއަކަަށް ނުގެންދެވުނެވެ. ތަފާތު ގޮތްގޮތަށް އަޑު ފެތުރިގެން ދިޔައެވެ. ބައެއް މީހުން ދެކޭ ގޮތުގައި ޒުބޭދާމެންގެ މަރާާއި ގުޅިގެން ފުލުހުންނަަށް މައްސަލަ ހައްލު ނުކުރެވިގެން ޖެއްސި ގޭމް ގަޑެކެވެ. އަދި ބައެއް މީހުން ނިންމީ ރޫޙާނީ ކޮންމެވެސް ކަންތައްގަޑެއް ކަމުގައެވެ.
ނަމަވެސް އެއްވެސް ކަމެއްގެ އަސްލު ޙަޤީޤަތެއް އެނގޭ ހަމަ އެކަކުވެސް ނެތެވެ.
“ކިހިނެއްތަ އެހެންވާނީ ޔާސިރު.” ދީމާ އަކަށް ވެދިޔަ ކަންތައްތަކެއް ޤަބޫލެއް ނުކުރެވުނެވެ. ޔާސިރުވެސް ހުރީ ފާޑަކަަށް ގަބު ކައިިފައެވެ.
“މީހުން ހާދަ މަލާމާތެއް ކުރެޔޭ. ޔުނާންއާއި ކައިވެނި އެކުރީ ދެން ކާކުތަ؟” ޔާސިރުއަށްވެސް އަދިވެސް ވިސްނެނީއެވެ.
“ޔާސިރު. އަހަރެން ހާދަ ބިރެއް ގަނެޔޭ އެބަ. ހިނގާބަލަ މީ ކިހިނެއްވާ ކަމެއްތޯ ބަލަން. މޮޅު މީހަކަށް ދައްކާލަން.” ދީމާގެ ހިތް ހަމަ ބިރުގަންނަނީއެވެ.
“ތިކަމާ އުޅެންވީ. އެބަ އަންނަން ބޭރަށް ގޮސްލާފައި.” ޔާސިރު ހިނގައިގަތެވެ.
އިރުއޮއްސި އަނދިރިވާން ފެށިއިރުވެސް ޔުނާން އަށް ރޭކާނުލައެވެ. ދެލޮލުން އޮހޮރެމުންދާ ކަރުނަތައް އަތުގެ ނުފުށުން އިރުއިރުކޮޅާ ފޮހެލައެވެ. ގޭގެ ބަގީޗާގައި ހާމަކޮށް އެއްވެސް މީހަކަށް ނުފެންނާނެހެން ޔުނާން ހުއްޓެވެ. އަނެއްކާާވެސް ޔުނާންގެ ހަޔާތުގެ އުފާވެރިކަން ގެއްލުނީއެވެ.
“ޔުނާން.” ދާދިގާތުން ކަމީލާގެ އަޑު އިވުމުން ޔުނާން ދިޔައީ ސިއްސައިގެންނެވެ.
އިރުއޮއްސި އަނދިރިވެއްޖެކަންވެސް ޔުނާންއަށް އެނގުނީ ދެނެވެ.
ވަށައިގެން އަދިވެސް ޔުނާން އަށް ހޯދެނީއެވެ.
“އަހަރެންގެ ސަބަބުން ވަރަށް އުނދަގޫތަކާއި ކުރިމަތިވެއްޖެ ދޯ. މާފްކުރޭ. ލޯބިވެވުނީ.” ކަމީލާގެ އަޑު މުޅި ހިސާބުގައި ގުގުމަމުންދިޔައެވެ. އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ މޮޅިވެރިކަމެވެ.
“ކާކު ތީ؟ ފެނިބަލަ.” ޔުނާން އަށް އަދިވެސް ވަށައިގެން ހޯދެނީއެވެ. ކޮންމެވެސް ވަރަކަަށް ޔުނާން ބިރުވެސް ގަންނަން ފަށައިފިއެވެ.
“އަދި ފެންނާނެ. ޔުނާން އަށް އަހަރެން ސާބިތުކޮށްދޭނަން ޔުނާން ދެކެ އަހަރެންވާ ލޯބި.” ކުއްލިއަކަަށް މުޅި ހިސާބުގަނޑު އަލިވެގެން ދިޔުމާއެކު ގަސްތައް ހެލިގަތެވެ.
ޔުނާންއަށް ހަޅޭލަވައިގަނެވުނީ ނާމާން ޒާތަކަށެވެ. އެޔާއެކު ޔުނާން އަރިއަޅާލިއެވެ. ނަމަވެސް ޔުނާންގެ ބައްޕަ ޔުނާން ވެއްޓުމުގެ ކުރިން ދުވެފައި ގޮސް ޔުނާންގެ ގައިގައި ހިފިހެއްޓިއެވެ. ޔުނާންއަށް ހަޅޭލަވައިގަނެވުނު ވަގުތަކީ ޔާސިރު ބޭރުން އައިސް ގެޔަށް ވަން ވަގުތަށްވީ ކަން ނަސީބެކެވެ.
އެހެން ނޫނީ ޔުނާން ވެއްޓުނީހީ ގާތަކުގެ މައްޗަށެވެ.
ޔާމިންގެ މޫނުން ރުޅި ފިލައިގެނެެއް ނުދެއެވެ. ކަމީލާގެ މާޒީ ޔާމިންއަށް ސިއްރު ކުރީތީއެވެ. ކަމީލާއަކާާއި ޔާމިން އަނގަޔަކުންވެސް ނުބުނެއެވެ.
ކަމީލާގެ ހާލަކީތޯއެވެ. ޔުނާންގެ ހަނދާންތަކުން ހިތް ފޯކޮށްލައިގެން އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލުގައި އިނދެވެނީއެވެ. ކަމީލާއަށް ޔަޤީނެވެ. ޔުނާން ދޮގެއް ނުހަދާނެއެވެ.
އަދި ޔުނާންއަކީ މޮޔައެއް ނޫނީ ގަމާރެއްވެސް ނޫނެވެ. ކޮންމެވެސް ގޯހެއް އެބައުޅެއެވެ.
“ތައްޔާރުވެބަލަ އޮފީހަށް ވަދެލަން ދާން.” ހަރުގަނޑުގައި އޮތް ތުވާލި ނަގާ ކޮނޑު މައްޗަށް އެއްލަމުން ޔާމިން ގޮސްވަނީ ފާހާނާއަށެވެ.
ޔާމިން ދާ ކޮންމެތާކަށްވެސް ދެން ދާން ބޭނުންވަނީ ކަމީލާ ގޮވައިގެންނެވެ. އެއްވެސް ވަރަކަށް އެކަނި ބަހައްޓާފައި ޔާމިން ދެން އެއްވެސް ތާކަށް ނުދާނެއެވެ. ޔާމިންގެ ނިންމުމެވެ. ކަމީލާ އަތުން ބީވެދާކަށް ޔާމިންގެ ހިތް ނޭދޭތީއެވެ.
ޔާމިން ފާހާނާއަށް ވަނުމާއެކު ކަމީލާ ތައްޔާރުވެލިއެވެ. ދާހިތް ނުވިޔަސް ކަމީލާއަކީ ފިރިމީހާއަށް ނިކަން ކިޔަމަންވާ ރަނގަޅު އަތްބެކެވެ. ކުރަން ބޭނުން ނުވާ އެތައް ކަމެއް ޔާމިންގެ އުފަލަށްޓަކައި ކަމީލާ އަބަދުވެސް ކޮށްދެއެވެ.
ގަޑިއިރެއްހާއިިރު ވީ އިރުވެސް ޔާމިން ފާހާނާއިން ނުނިކުތެވެ. އެއްވެސް އަޑެއް ބަޑެއްވެސް ނީވެއެވެ.
“ޔާމިން ނުނިމޭތަ؟” ފާާޚާނާ ދޮރުގައި ޖަހާލަމުން ކަމީލާ ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެފަހަރަކު ކަމީލާ ތަޅުގައި ހިފައި ތަޅުވައިވެސް ގަނެފިއެވެ. އެންމެ ފަހުން ކަމީލާ ޑަބަލް ކީ ނަގައިގެން ގޮސް ފާހާނާގެ ދޮރު ހުޅުވާލިއެވެ.
ނުނިމޭ
ލޯބިވެވުނީ އެވެ. – 23
ގަޑިއިރެއްހާއިިރު ވީ އިރުވެސް ޔާމިން ފާހާނާއިން ނުނިކުތެވެ. އެއްވެސް އަޑެއް ބަޑެއްވެސް ނީވެއެވެ.
“ޔާމިން ނުނިމޭތަ؟” ފާާޚާނާ ދޮރުގައި ޖަހާލަމުން ކަމީލާ ގޮވާލިއެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެފަހަރަކު ކަމީލާ ތަޅުގައި ހިފައި ތަޅުވައިވެސް ގަނެފިއެވެ. އެންމެ ފަހުން ކަމީލާ ޑަބަލް ކީ ނަގައިގެން ގޮސް ފާހާނާގެ ދޮރު ހުޅުވާލިއެވެ.
ދޮރު ހުޅުވައިލުމާއެކު ޔާމިންގެ ހަށިގަނޑު ވެއްޓުނީ ކަމީލާގެ ގައި މައްޗަށެވެ. ކަމީލާއަށް ހަޅޭއްލަވަައިގަނެވުނެވެ. ރޮމުން ހަޅޭއްލަވަމުން ކަމީލާއަށް ޔާާމިންގެ ހަށިގަނޑު ދުރަށް އެއްލާލެވުނު ގޮތް ނުވެސް އެނގުނެވެ. އަވަސް އަވަހަށް ތެދުވަމުން ކަމީލާ ފާހާނާއިން ނިކުތްއިރު މުޅި މީހާ ތުރުތުރުއަޅައެވެ.ނަމަވެސް އެވަގުތު ކަމީލާގެ އަޑުއިވޭ ހިސާބުގައި އެކަކުވެސް ނެތެވެ. ބިރުން ގޮސް ވިރިވިރި ހުރެ ކަމީލާ އަނެއްކާވެސް ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ހީވާ ކަހަލައެވެ. ކަމީލާއަށް ކުރިމަތިން ފެންނަމުންދިޔަ ޙަޤީޤަތް ޤަބޫލުނުކުރެވެނީއެވެ.
ކަމީލާ ފާހާނާގެ ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން ވެއްޓިފައި އޮތް ޔާމިންގެ ހަށިގަނޑަށް ލޮލުގެ ހިމަކޮޅުން ބަލާލިއެވެ. ފެންނަ ފެނުމަށް ޔާމިން އަށް އެއްވެސް އަނިޔާއެއް، ޒަޚަމެއް ލިބިފައެއްނެތެވެ. އޭރު ބިރުން ހުރިވަރުން ކަމީލާއަށް ޔާމިންއާއި ދިމާއަށް ރަނގަޅަށް ބަލައިނުލެވުނީއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ކަމީލާ ފާހާނާގެ އެތެރެއަށް ވަންއިރު ހުރީ ކޮންމެވެސް ވަރަކަށް ހިތް ހަމަޖެހިފައެވެ.
“ޔާމިން.” ކަމީލާ ފަސްޖެހިފައި ހުރެ ގޮވާލިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ކަމީލާ ޔާމިންގެ މޫނާއި ދިމާއަށް ގުދުވެލަމުން ޔާމިންގެ ނޭފަތުގައި އަތް ޖަައްސާލިއެވެ.
އިރުކޮޅަކު އިން ގޮތަށް އިނުމަށްފަހު ކަމީލާ ތެދުވިއިރު އަނެއްކާވެސް ހާސްކަމާއި ބިރުވެރިކަން ކަމީލާގެ ސިކުނޑި ވަށާލައިފިއެވެ. ކަމީލާ ފާޑަކަށް ގަބުވިކަހަލައެވެ. ޔާމިންގެ ނޭވާ ނުހިނގާކަން ކަމީލާއަށް އިޙްސާސް ކުރެވުނީމައެވެ. ކުއްލިއަކަށް މަޑުމަޑު އަތްތިލައަކުން ކަމީލާގެ ލޯމަތީގައި އަތް އަޅާލިއެވެ. ކަމީލާ ސިހުނެވެ. ނަމަވެސް އިތުރު އެއްވެސް ހަރަކާތެއް ކުރާކަށް އަދި ވާހަކަ ދައްކާކަށްވެސް ކަމީލާއަކަށް ފުރުސަތެއް ނުލިބުނެވެ. ކަމީލާގެ ލޯމައްޗަށް ކަޅު އަނދިރިކަން ވެރިވެއްޖެއެވެ.
“ތި ސޮރު ބާއްވާ މި އެނދުގަ.” އަލިފުތާބެ ތުންތަޅުވާލުމަށްފަހު ޔާސިރުއަށް އިޝާރާތްކޮށްލިއެވެ.
ފެންކަޅިވެފައިވާ ހާލުގައި އަލިފުތާބެ އިޝާރާތަށް ޔާސިރު އެއްފަރާތެއްގައި ބަހައްޓާފައި ހުރި ސަތަރި އެނދެއްގައި ޔުނާން ބާއްވާލިއެވެ.
އެވަގުތު ލައިގެން ހުރި މުންޑު ގަނޑު ނަގާ އަރުވާ ޖަހާލަމުން އަލިފުތާބެ ޔުނާން އޮތް އެނދުގެ ބޯލާކޮޅުގައި ހުރި ގޮޑިއެއްގައި އިށީނދެލިއެވެ. އަދި ތުންތަޅުވާލަމުން ޔުނާންގެ ނިއްކުރިމަތީގައި އަތް ބާއްވާލިއެވެ.
އެމަންޒަރު ބަލަން ހުރި ދީމާގެ ލޮލުން ކަރުނަ ނުހިކެއެވެ. ހުރި ހަމައެކަނި ދަރިފުޅަށް ވާނުވާ ނޭނގިފައި ޔާސިރު އަށް ހުރެވުނީ ކަރު އެލުވާލައިގެންނެވެ.
“އަހަރެން ގަދަކަމުން ހައްޔަރުކޮށްފައި ނުބެހެއްޓިޔަސް ޔުނާންއަކަށް އެއްވެސް ދެރައެއް ނުދޭނަން.” ކުއްލިއަކަށް ސީލިންގް މަތިން އިވުނު ނާމާން ބިރުވެރި އަޑަކުން ދީމާ ފުންމައިގެން ގޮސް ޔާސިރުގެ ގައި ތެރެއަށް ވަނެވެ.
މުޅި އެތަނަށް ތޫފާނެއް އައި ކަހަލައެވެ. ބަންދުވެފައި ހުރި ކޮޓަރިތެރެއަކަަށް އެހާ ގަދަ ވައިގެ އަސަރެއް ކުރަންވީ ގޮތެއް ޔާސިރަކަށް ނުވިސްނުނެވެ. ހާސްވެފައި ޔާސިރު އަލިފުތާބެގެ މޫނަށް ބަލާލިއެވެ. ނަމަވެސް އަލިފުތާބެގެ މަސައްކަތަކަށް ހުއްޓުމެއް ނާދެއެވެ.
“މިއައީ އަހަރެން.” ފަހަތުން އިވުނު އަޑާއެކު އެންމެންނަށް އެއްފަހަރާ ބަލާލެވުނެވެ. ފަހަތުގައި ހުރި ކަމީލާ ފެނިފައި ދީމާ އާއި ޔާސިރު ދުވެފައި ގޮސް އަލިފުތާބެގެ ފުރަގަހަށް ވަނެވެ. ހީވަނީ ބިރެއް ފެނިގެން ދިޔަ ހެންނެވެ.
އަލިފުތާބެ އަތުގެ އިޝާރާތުން މަޑުން ތިބުމަށް ޔާސިރުމެންނަަށް އަންގާލިއެވެ.
“ކަލޭ އައީ އެއް ނޫން. ކަލޭ ގެނައީމި.” އަލިފުތާބެ ގެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.
“އަވަހަށް އަމިއްލަ ސޫރައަަށް ބަދަލުވޭ. ތިހާ ބާރުގަދަ މީހުން ނުވާނެ އަހަރެމެން ކަހަލަ ނިކަމެތި އިންސާާނުންގެ ސޫރައިގައި އުޅޭކަށް.” އަނެއްކާވެސް އަލިފުތާބެ ކަމީލާގެ ސިފައިގައި ހުރި ޖިންނިއަށް މަލާމަތުގެ ބަހެއް ރައްދުކޮށްލިއެވެ.
އެވަގުތު އެނދުގައި އޮތް ޔުނާންވެސް ދެލޯ ހުޅުވާލިއެވެ.
އެއްވެސް ބާރެއް ދެއްކެން ނެތް ކަން އެނގޭތީ ކަމީލާ ދެއަތް މައްޗަށް ނަގާ އެނބުރިގަތެވެ.
މަދު ސިކުންތުކޮޅެއްގެ ތެރޭގައި ޖިންނި އޭތީގެ އަސްލު ސިފަ ދައްކާލިއެވެ. ޗަކަ ކުލައިގެ ކިސަނޑުން ފެންވަރައިގެން ހުރި ފަދައެވެ. ދެލޮލުގެ ކަޅި ހުރީ ކަޅު ރަތް ކުލައިގައެވެ. ދީމާއަށް ހަޅޭލަވައިގަނެވުނެވެ. ނުބައި ސިފައެއް ޖަހާ އެޖިންނި ފެނުނީމައެވެ. މިޔޮށް ހާ ދުވަހު ކައިރިކޮށްގެން އުޅެވުނީ އިންސާނެއް ނޫންކަން އެނގުނީމައެވެ.
ޔުނާންވެސް ބިރުން ތުރުތުރުއަޅަމުން ދެއެވެ.
“ޔުނާން. އަހަންނަށް މާފްކުރޭ. އަހަންނަށް ލޯބިވެވުނީ. ޝިމްލާއިން ޔުނާން ފެނުނު ފުރަތަމަ ދުވަހުން ފެށިގެން. ޔުނާންގެ ހަޔާތަށް އަންނަން ތަޤްދީރު މަށަށް ފުރުސަތު ދިނީ.” ޖިންނި ޔުނާންއަށް އޭނާގެ ހަޤީޤަތް ކިޔައިދެމުން ދިޔަައިރު އޭތީގެ ކަޅު ރަތް ކުލައިގެ ލޮލުން ކަރުނަ އޮހޮރެމުންދެއެވެ.
“ކަލޭ މަށަށް އޮޅުވާލީ. އަލިފުތާބޭ އޭތި މަރާލާ” ޔުނާން ހަޅޭލަވައިގަތެވެ.
“ޔުނާން. މަރަކަށް އަހަރެން ބިރެއްނުގަނޭ. ޒުބޭދާއާއި އޭނާގެ ދަރިވެސް މަރާލީ އަހަރެން. އަދި ޔުނާންގެ މަންމަގެ ލޯބިވެރިޔާ ސާހިލް ވެސް. އިޝާގެ ބަނޑުގައި އޮތީވެސް ހަމަ އެ ސާހިލްގެ ދަރިއެއް.”ޖިންނި ބޭނުންވަނީ އަމިއްލަ ކުށަށް އިއުތިރާފްވެގެން ވެސް ޔުނާންގެ އިތުބާރު ހޯދަން ކަހަލައެވެ.
ޖިންނިގެ ވާހަކައިން ޔާސިރުގެ މޭތެރޭގައި ބޮޑިވެގެން އޮތް ދީމާ ތެޅިގަތެވެ. ޔާސިރު ވެސް ބުނާނެ އެއްޗެއް ނޭނގިފައި ދީމާގެ މޫނަށް ބަލަމުންދިޔައެވެ.
“ކަލޭ ތީ މީހުންނަށް އޮޅުވާލާ މީހެއް. މަގޭ މަންމައޭ ކިޔައިގެން ދޮގު ވާހަކަ ނުދައްކާ ކަލޭ އައިތާކަށް ކަލޭ ދޭ.” ޔުނާންގެ ރުޅި ކޮންޓްރޯލުން ނެއްޓީ ޖިންނި އޭނާގެ މަންމައޭ ކިޔާފައި ދެއްކި ހަޑި ހުތުރު ވާހަކަތަކުންނެވެ.
“ޔުނާން ޤަބޫލު ނުކުރިޔަސް މީ ހަޤީޤަތް. ޔުނާންގެ ލޯބި މަށަށް ނުލިބުނަސް މިއަދު އަހަރެންނާއި އަހަރެންގެ ބަނޑުގައި މިއޮތް ޔުނާންގެ ދަރިފުޅު މިދުނިޔެއިން ދާނީ ޔުނާންއަށް ޔުނާންގެ ހަޤީޤީ ލޯބި ހޯދަ ދީފައި. ކަމީލާގެ ގޭގައި ކަމީލާ ޔުނާން އަށް އިންތިޒާރު ކުރޭ އެބަ.”
އެންމެފަހުން ޖިންނީގެ އަޑު ބެދުނީއެވެ. ނަމަވެސް މިއަދު އެތަނުގައި އެޖިންނިއަށް ރަހުމް ކުރާނެ އެކަކުވެސް ނެތެވެ.
ޔުނާންގެ އިޝާރަތަށް އަލިފުތާބެ އޭނާގެ އަތުގައި ހުރި ފެންތަށި ޖިންނިގެ ގަޔަށް ބުރުވާލިއެވެ.
ވަގުތުން އަޅިއަށްވެގެން ބިންމައްޗަށް އެޖިންނި ކުދިކުދި ވެގެންދިޔައެވެ.
“މިކަން މިނިމުނީ. މިކަހަލަ ދަނޑިވަޅެއްގަ ޖިންނިން ދޮގެއް ނުހަދާނެ.” އަލިފުތާބެ ބޮލުގައި އޮތް ފޮށާ ނަގަމުން ޔާސިރު އަށް ބަލާލިއެވެ. ޔާސިރު ހުރީ ގަބުވެފައެވެ. އޭނާގެ އަންހެނުންގެ އެފަދަ ވިޔާނުދާ ގުޅުމެއް ހާމަވީމައެވެ. ކުށްވެރިއެއް ފަދައިން ދީމާ އިސްޖަހައިގެން ހުރުމުންވެސް ދީމާ އަކީ ހަމަ އަސްލަށްވެސް ކުށްވެރިއެއްކަން ހާމަވާ ކަހަލައެވެ.
“އެކޮއެ ޔުނާން. ދެން ދުވަހަކުވެސް އޭތީގެ އުނދަގުލެއް ނުޖެހޭނެ.” އަލިފުތާބެ ޔުނާންގެ ބޮލުގައި ފިރުމާލިއެވެ.
ސައިކަލަށް އަރާ ޔުނާން މިސްރާބު ޖެހީ ކަމީލާގެ ގެއަށެވެ. ޕޮލިސްޓޭޝަނުން ދީފައި އޮތް ބަޔާނުގައިވާ ކަމީލާގެ އެޑްރެހަށެވެ.
ޔުނާން އެގޭގެ ދޮރު މައްޗަށް ސައިކަލްގައި ގޮސް މަޑުކޮށްލިއިރު އެގޭގެ ދޮށުގައި އާދަޔާ ޚިލާފަށް މީހުން ގިނަވެފައިވާކަން ޔުނާންއަށް ފާހަގަވިއެވެ. އަނެއްކާ އެޖިންނި ކަމީލާ އަށް ކަމެއް ކުރީބާއެވެ.
ޔުނާންއަށް ދުއްވައިގަނެވިއްޖެއެވެ. މޮޔައެއް ފަދައިން ކަމީލާ އަށް ގޮވަމުން ޔުނާން ގޭތެރެއަށް ގޮސް ވަނެވެ. އެއްވެފައި ތިބި މީހުންގެ ސީދާ ވެފައިވާ ނަޒަރަކަށްވެސް ޔުނާން ސަމާލުކަމެއް ނުދިނެވެ.
ގޭތެރެއަށް ވަދެވުމާއެކު ޔުނާންގެ ފިޔަވަޅު ހުއްޓިއްޖެއެވެ. ހުދު ފޮތި ގަނޑަކުން ބަދެފައިއޮތް ޔާމިން ފެނިފައެވެ.
‘މިދުނިޔެއިން ދާނީ ޔުނާންއަށް ޔުނާންގެ ހަޤީޤީ ލޯބި ހޯދައިދީފައި.’ އެވަގުތު ޖިންނި އެންމެ ފަހުން ބުނެލި ލަފްޒުތައް ޔުނާންގެ ސިކުނޑި ތެރޭގައި ތަކުރާރުވެގެން ދިޔައެވެ.
އެކަމަކު ޔުނާންގެ ހިތުން އަނެއްކާވެސް އެޖިންނިއަށް ކުރަމުންދިޔަ ނަފްރަތު ހައްތަހާ ވީ އިތުރެވެ. ޔުނާން ކަމީލާ ދެކެ ކިތަންމެ ލޯބިވިޔަސް ޔުނާން އެދެނީ ކަމީލާގެ އުފަލަށެވެ. ޔުނާން ބޭނުންވީ އަވަސްވީ ގޮތަކަށް އެތަނުންދާށެވެ. ޔާމިންގެ މަރުގެ ނާޖާއިޒް ފައިދާ ނަގާ ކަމީލާގެ ލޯބި އަލުން ހޯދާކަށްނޫނެވެ.
އެނބުރި އައިކޮޅަށް ޔުނާން ހިނގައިގަތް ވަގުތު ފުރަގަހުން ދޮން ދޮން ދެއަތެއް ޔުނާންގެ އުނަގަނޑު ވަށާލައިފިއެވެ.
އެބީހިލުމުންވެސް އެއީ ކަމީލާކަން ޔުނާންއަށް އެނގުނެވެ.
“ޕްލީސް ނުދޭ. އަހަރެން ދޫކޮށްފަ ނުދޭ.” ކަމީލާގެ ޖަޒްބާތީ އަޑު ބެދުނުކަހަލައެވެ. ޔުނާން ކަމީލާގެ ތެމިފައިވާ ދެލޯ ފޮހެލަދަމުން ކަމީލާ ގެނެސް މޭގައި ލައްކޮށްލިއެވެ.
މަގޭ ގައިގައި ބައްދާނެކަމެއްނެތް.” ޔާސިރު ދީމާ ދުރުކޮށްލިއެވެ. ދީމާގެ ދުލުން އަމިއްލަ ކުށަށް އިއުތިރާފްވީ ނަމަވެސް ޔާސިރު އަށް ދީމާ އަކަށް މާފެއްނުކުރެވޭނެއެވެ.
ދީމާ އަޑުން އަޑު ނަގާ ރޮނީއެވެ. ނަމަވެސް ޔާސިރުގެ ހިތް ހިލަގަނޑެއް ފަދައެވެ. ވާނީވެސް އެހެން ނޫންހެއްޔެެވެ؟ ޒަމާންވީ ދިރިއުޅުމުގެ އެއްވެސް އަގެއްނެތެވެ.
“ދީމާ ތިހުރީ ވަރިކޮށްފަ. އެކަމަކު މިގޭގަ ހުރެވޭނެ. އެއީ އަހަރެންގެ ދަރިފުޅު ޔުނާން އަށްޓަކާ.” ޔާާސިރުގެ އަޑުގައިވަނީ ވޭނީ ރިހުމެކެވެ. ދެލޯ މަރާލައިގެން ހުރެ އޭނާ ދީމާ ދޫކޮށްލީ އަމިއްލަ ނަފުސުގެ އަގު ހިފެހެއްޓުމުގެ ގޮތުންނެވެ. ރޮއެ ރޮއެ ދީމާއަށް އިނދެވުނީއެވެ. ޝަކުވާ ކުރާނެ ޖާގައެއްވެސް ނެތީމައެވެ. މިއަދު ދީމާއަށް މިހެން މިވީ ޚުދު ދީމާގެ ކުށުންކަންވެސް ދީމާ ޤަބޫލުކުރެއެވެ. ޔާސިރުގެ ސާދާ ސީދާ މިޒާާޖު އެންމެ ރަނގަޅަށް އެނގޭނީވެސް ދީމާއަށެވެ. ޒަމާންވީ ދިރިއުޅުމުގައި މިއަދު އަލިފާން ޖެހުނީ ސީދާ ދީމާގެ އިހުމާލުންނެވެ.
ޔާސިރު ހިނގައިގަތީ ގެއިން ނިކުންނާށެވެ. ދީމާ ރޯމަންޒަރު ބަލަން ހިތަށް ކެތްނުވީ ކަންނޭނގެއެވެ.
“ކޮންތާކަށް ތިދަނީ؟” ގެއިން ނިކުމެ ނިކުމެ ހުރި އާހިލް ހުއްޓުނީ އިޝާގެ އަޑަށެވެ.
“މިހާ ދަންވީމަ މަޑުކޮށްލަންވީނު.” އިޝާ ހިނިތުންވެލިއެވެ.
“ބިރުންތަ؟” އާހިލް އޭނާގެ ފުން ދެލޮލުން އިޝާއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
“ހޫމް. ބިރުވެސް ގަނޭ.” އިޝާ ބޯޖަހާލިއެވެ.
“ވާހަކައެއް ބުނަންތަ؟” އާހިލް އަދިވެސް ބަލަން ހުރީ އިޝާގެ ބޮޑު ދެލޮލަށެވެ.
އިޝާ ބަލަހައްޓައިގެން ހުރީ އާހިލްގެ ވާހަކައަށް އިންތިޒާރުކުރާ ފަދަ ގޮތަކަށެވެ.
“މަށަށް ވަރަށް ކަމުދޭ އިޝާ. އަބަދުވެސް. ކުޑައިރުވެސް. މިހާރުވެސް” އާހިލް ރަކި ގޮތަކަށް ހީލަމުން މިހުރިހާ ދުވަހު ހިތުގައި ފޮރުވާފައިވާ ސިއްރު އިޝާއަށް ހާމަކޮށްލިއެވެ. ނަމަވެސް އިޝާގެ މޫނު ވަގުތުން ފުސްވެގެންދިޔައެވެ.
އާހިލްއަށްވެސް އެމަންޒަރު ހަމަރަނގަޅަށް ފެނުނެވެ.
“ހިތްހަމަ ނުޖެހެންޏާ ހަމަ ނުދައްކާ ވާހަކައެއް. އިޝާވެސް ކޮންމެވެސް ދުވަހަކުން މީހަކާއި އިންނަން ޖެހޭނެ ދޯ.” އާހިލްގެ ހިތް މުޅިން އުދާސްވިކަހަލައެވެ.
“އަހަރެން މީހަކާއި އިނީމޭ.” އިޝާގެ ޖުމްލައިން އާހިލްއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ބުނާނެ އެއްޗެއް ނޭނގިފައި އާހިލްއަށް ބަލަން ހުރެވުނީވެސް އެހެންވެގެންނެވެ.
“އެވެސް އާހިލްގެ އެކުވެރި ޔުނާން އާ.” އިޝާ އަނެއްކާވެސް އާހިލް ސިއްސުވާލިއެވެ.
އިޝާ އެއްވެސް ލަދެއްނެތި އިޝާގެ ހިތްދަތި މާޒީ އާހިލްގެ ކުރިމަތީގައި ހުޅުވާލިއެވެ.
“އަބަދުވެސް އިޝާ ދެކެ ދީވާނާއެއް ފަދައިން ލޯބިވާނަން.” އާހިލް އިޝާއާއި ދިމާއަށް އަތް ދިއްކޮށްލިއެވެ. އިޝާ ދެލޯ މަރާލަމުން އާހިލްގެ އަތުގައި ހިފާލިއެވެ. އެވަގުތުވެސް ލޯމައްޗަށް ސިފަވެގެން ދިޔައީ ޔުނާންގެ ރީތި ސޫރައެވެ.
އިޝާގެ ހިތް އެދި ގޮވަނީ އަދިވެސް ޔުނާން އަށެވެ. ނަމަވެސް އިޝާގެ ހަޔާތަށް ދުވަހަކުވެސް ޔުނާން ނާންނާނެކަންވެސް އިޝާއަށް އެނގެއެވެ. މިއަދު އާހިލްގެ އަތުގައި އިޝާ އެ ހިފީވެސް ދިރިއުޅުމުގައި ކުރިޔަށްދާށެވެ. ނަމަވެސް ހިތުގެ އެންމެ ފުނުގައި ޔުނާންގެ ނަން ލިޔެލަމުންނެވެ.
ފިނި ފިނި މެންދަމެކެވެ. ޔުނާން އޭނާގެ ސާފު ދެލޮލުން ނިދިފައި އޮތް ކަމީލާގެ މޫނަށްބަލަން އޮތެވެ. އިންތިހާއަށް އުފާވެސް ވެފައެވެ. އަދި އެހާމެ ހިތް ބިރުވެސް ގެންފައެވެ. ކަމީލާ ކަމާއިމެދު ޝައްކުވަނީއެވެ.
މިއަދު ޔުނާންއަށް ކަމީލާ މިލްކުވީއެވެ. އެތަކެއް ހުރަސްތަކާއި ބިރުވެރި ތަޖުރިބާތަކަކަށްފަހު އެވެ. ކިތަންމެ ނުވިސްނަން ހުއްޓަސް ޝިމްލާއިން ޔުނާންއާއި އަވަލެވި ޖިންނި މަތިންވެސް ޔުނާން ހަނދާންވެއެވެ. މިއަދު ކަމީލާ ޔުނާންގެ އަތު ތެރޭގައި އެއޮތީ ހަމަ އެޖިންނީގެ ސަބަބުންކަމަށް ސިކުނޑި ޤަބޫލުނުކުރިޔަސް ހިތް ވިސްނައިދެއެވެ. އިންސާާނަކަށް ނުވިޔަސް ޔުނާންދެކެ އެޖިންނި ކިހާ ލޯބިވޭބާއޭ ޔުނާންގެ ހިތަށް އަރަމުންދިޔައެވެ.
ޔުނާންގެ ޚިޔާލީ ވާފަށް ކެނޑުނީ ނިދިފައި އޮތް ކަމީލާ ޔުނާންގެ މޭތެރެއަށް ބޮޑިވެލުމުންނެވެ.
ހިނިތުންވެލަމުން ޔުނާން ކަމީލާގެ ނިއްކުރީގައި ތުންފަތް ޖައްސާާލިއެވެ. ކުރިޔަށް އޮތް އުފާވެރި ދުވަސްތަކާއި މެދު ހިތްހަމަޖައްސާލަމުން މަޑުމަޑުން ޔުނާން ދެލޯ މަރައިލިއެވެ. މާޒީގެ ހިތްދަތިކަމާއި ބިރުވެރިކަން ސިކުނޑިން ފޮހެލަން މަސައްކަތް ކުރާ ހާލުގައެވެ.
ނިމުނީ
ފިރިހެން މޮޑެލް: ޔުނާން – މުޙައްމަދު ޔުނާން (ބޮސް ގެ ފިރިހެން ލީޑް)
އަންހެން މޮޑެލް: ޒާނާ – ފަރުޒާނާ
ފޮޓޯގްރަފީ: އަޙްމަދު ސާމިޙް – ޒަޢީމް ފޮޓޯސް
ކޮސްޓިއުމް: އާމިނަތު ލަޠީފް
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.
ޒާނާ ލިޔަންފެށި ވާހަކަ ކޮބައިދޯ
….. Update kohba