ގޭގައި ފިހާ ރޮށި ނުކެވި ބާކީވެފައި ހުރުމަކީ ވަރަށް އާއްމުކޮށް ދިމާވާ ކަމެކެވެ. މިގޮތަށް ބާކީވާ ރޮށިތައް އުކައިނުލާ އަލުން ބޭނުންކޮށްލުމަކީ އިޝްރާފު ކުރުމުން ދުރުހެލިވެވޭނެ ކަމެކެވެ. އެހެންކަމުން މިއަދު މުނިއަވަސް ރަހަފަތުގައި މިގެނެސްދެނީ މިހެން ހުންނަ ރޮށި ބޭނުންކޮށްގެން ތައްޔާރުކޮށްލެވޭނެ ރަހަފަތެކެވެ.
ހުނުރިހާކެރަ ފަތަފޮޅި އަކީ، ފޮނިކޮށް ތައްޔާރުކުރާ ‘ހުނިހަކުރު ފަތަފޮޅި’ ގޮތަށް ރިހާކުރު ލައިގެން ކުޅިކޮށް ތައްޔާރުކުރާ ކެއުމެކެވެ. މިއީ ކިޔުންތެރިއެއްގެ އަމިއްލަ ދިވެހި ރަހަފަތެކެވެ. އަޅުގަނޑުމެންގެ ގޭގައި، މިއީ ވަރަށް ހިނގާ ރަހަފަތެކެވެ. ތަޖުރިބާކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟

ހުނުރިހާކެރަ “ހުނިގަނޑު” ތައްޔާރުކުރެވިފައި -ފޮޓޯ: މުނިއަވަސް / އަޙްމަދު
ބޭނުންވާނެ ތަކެތި:
– 2 ސައިސަމުސާ ރިހާކުރު
– 1 ފިޔާ
– 1 މިރުސް
– އިނގުރު
– 2 ލޮނުމެދު
– 1 ކިބަ ހުނި
– 10 ރޮށި

ހުނުރިހާކެރަ ފަތަފޮޅި ހަދަނީ – ފޮޓޯ: މުނިއަވަސް/ އަޙްމަދު
ތައްޔާރުކުރާނެ ގޮތް:
1- ފިޔާ، މިރުސް، އިނގުރު، ލޮނުމެދު ކުދިކޮށް ކޮށުމަށްފަހު ކުޑަ ތެޔޮފޮދެއްގައި މިތަކެތި ތެލުލާށެވެ.
2- ފިޔާކޮޅު ވަޅޯވުމުން ރިހާކުރު ފޮދު އަޅައިގެން ރިހާކުރު ތެލުލާށެވެ.
3- ރިހާކުރު ތެލުލެވުމުން ހުނިކޮޅު އަޅައިގެން ތެލުލާށެވެ.
4- ރޮށީގެ ތެރެއަށް ހުނިރިހާކުރު އެޅުމަށް ފަހު ރޮށި ފަތްޖަހާލައި އޮޅާލުމަށްފަހު، ތަވާގައި ފިހާށެވެ. ބޭނުންނަމަ އަވަނުގައި ދޮން މަޑުކޮށްވެސް ފިހެވިދާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
