“ޔާﷲ، ކީއްވެބާ މިޝަލް އާ ވާހަކަ ދައްކަން އަހަންނަށް މިހާރު އުނދަގޫވެގެން މިއުޅެނީ؟” ހިތާހިތާ ސިބްޢަތުﷲ އަށް ބުނެވުނެވެ. ސިބްޢަތުﷲ ކޮންމެހެން ބޭނުންވީކީ މިޝަލް ފިހާރައަށް ދާގަޑި ބަލާކަށް ނޫނެވެ. އޭނާ ބޭނުންވަނީ މިޝަލްގެ ކިބައިން މަޢާފަށް އެދޭށެވެ. އަމިއްލަ އަތުން ހަލާކުކޮށްލެވުނު ދިރިއުޅުން އަލުން އާރާސްތު ކުރާށެވެ. އެކަމަކު އެ ފުރުޞަތު މިޝަލް ދޭނެބާވައެވެ؟

ސިބްޢަތުﷲ ވެސް ކޮޓަރިން ނިކުމެގެން ބޮޑުފެންޑާ އަށް ނިކުމެއްޖެއެވެ. ގޭގެ ހުރިހައި އަންހެންވެރިން ބޮޑުފެންޑާގައި މާ އޮލަ ވާހަކައެއްގައި ތިއްބެވެ. ހުރިހައި އެންމެންވެސް ތިބީ ހެނދުނުގެ ނާސްތާ ކޮށްގެންނެވެ. ސިބްޢަތުﷲ ފިޔަވައެވެ. ހުރިހައި އަންހެންވެރިންގެ މޫނުމަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ހަފުތާއެއް ފަހުން، ގޭގައި ކުރެވޭ ބޮޑު ކައިވެނީގެ ހަފުލާއަށް ތައްޔާރުވުމުގެ މަސައްކަތުގައި ބިޒީކޮށް ނޫޅޭ ހަމަ އެކަކުވެސް ނެތްކަހަލަ އެވެ.

ކާމޭޒާއި ދިމާއަށް ސިބްޢަތުﷲ ގެ މިސްރާބުހުރިކަން އެނގުމުން މިޝަލް ވެސް އެދިމާއަށް ހިނގައިގަތެވެ. ސިބްޢަތުﷲ ގެ ފަސްފަހަތުންނެވެ. ކާމޭޒު ކައިރީގައި ސިބްޢަތުﷲ މަޑުކޮށްލިއި ވަގުތު އޭނާއަށް ނާސްތާ ތައްޔާރުކޮށްދިނުމަށް މިޝަލް ހަރަކާތްތެރިވާންފެށިއެވެ. މިޝަލް ގެ ކޮންމެ ހަރަކާތަކަށް ސިބްޢަތުﷲ ބަލަމުން ދިޔައީ ހިތްހަމެޖެހުމުގެ ހިނިތުންވުމަކާއި އެކުގައެވެ. ސައިތައްޔާރުކޮށް ނިމިގެން އެތަނުން ދިއުމަށް މިޝަލް މަސައްކަތް ކުރި ނަމަވެސް އޭނާގެ އަތުގައި ސިބްޢަތުﷲ ހިފައި ހުއްޓުވައިފިއެވެ.

“އިށީންދެބަލަ.” ރޭވެސް ބުނިގޮތަށް މިޝަލް ކައިރީގައި އިށީންނުމަށް އެދުނެވެ.

އިތުރު އެއްވެސް އެއްޗެއް ނުބުނެ، ސިބްޢަތުﷲ އާއި ޖެހިގެން ހުރި ގޮނޑީގައި މިޝަލް އިށީންނުމުން ސިބްޢަތުﷲ ސައިބޯން ފެށިއެވެ. އަނެއްކާވެސް ދެމީހުންގެ ދެމެދަށް ރޭގައިވެސް އުފެދުނުފަދަ ހަމަހިމޭންކަމެއް ވެރިވެއްޖެ އެވެ. އެހެންނަމަވެސް މިއަދު އެ ދެމީހުންނަށް އިހްސާސް ކުރެވެމުން ދަނީ ހަމައެކަނި އެ އޮތް ހަމަހިމޭންކަން އެކަންޏެއް ނޫނެވެ. ދެމީހުންނަށް އެކީގައި ތިބެވުމުގެ ފޮނި އިޙްސާސެއްވެސް ކުރެވެމުންދެއެވެ.

ސައިބޮއެ ނިމިގެން ސިބްޢަތުﷲ އަތް ފޮހެލިއެވެ.

“އެހެންކަމެއް ބޭނުންތަ؟” މިޝަލް އަހައިލިއެވެ. ސިބްޢަތުﷲ ނޫނެކޭ ބުނުމަށް ބޯ ހޫރާލިއެވެ.

މިޝަލް ތެދުވެ ތަށިތައް ނަގައިގެން ގެންގޮސް ބަދިގޭ ސިންކަށް ލިއެވެ. ސިންކަށް ތަށިތައް ލާފައި އެނބުރިލި ވަގުތު ސިބްޢަތުﷲ ސައިބުއި ސައިތަށީގެ އެއްބައި ބަހައްޓާފައި ހުރިކަން ފާހަގަ ކުރެވުނެވެ. ތަށި ނަގައި އޭގެއިން އެތިފޮދެއް ބޮއެލަމުން ހިނިތުންވެލިއެވެ. ހިނިތުންވެ ހުރެ ކާމޭޒާއި ދިމާއަށް އެނބުރުނު ވަގުތު ސިބްޢަތުﷲ އޭނާ އާއި ދިމާއަށް ބަލަން ހުއްޓިލައިގެން ހުރިކަން ފާހަގަ ކުރެވުނެވެ. މިޝަލް ގެ ހިތަށް ނުތަނަވަސް ކަމެއް ވެރިވެގެން ދިޔައީ މިޝަލް ކުރި ކަންތައް ސިބްޢަތުﷲ އަށް ފާހަގަކުރެވުނުކަން އެނގުމުންނެވެ. މިޝަލް އާއި ދިމާއަށް ސިބްޢަތުﷲ ފިޔަވަޅެއް އެޅިކަން އެނގުމުން މިޝަލްގެ ނުތަނަވަސްކަން އިތުރުވިއެވެ. ބަދިގޭ ކަބަޑު ޝީޓް މަތީގައި ބާރަށް ހިފަހައްޓާލައިގެން ކޮންމެވެސް ވަރަކަށް ބިރުގެންފައި މިޝަލް އަށް ހުރެވުނީ އެވެ.

“ކިހިނެތްވީ؟” ސިބްޢަތުﷲ އެއްވެސް އެއްޗެއް ނުބުނެ ބަލަން ހުރުމުން މިޝަލް އަށް އަހައިލެވުނެވެ.

“ކަމެއް ނުވޭ.” ކުރު ޖަވާބެއް ދެމުން ސިބްޢަތުﷲ އެތަނުން ނިކުންނަން ހިނގައިގަތެވެ.

★★★

ސިބްޢަތުﷲ ގެ އާއިލާގައި ކުރެވޭ ބޮޑު ކައިވެނީގެ ދުވަސް އަތުވެއްޖެއެވެ. ގަދަ ވިއްސާރަ މޫސުމީ ދުވަހެކެވެ. ބޯކޮށް ވާރޭވެހެއެވެ. ވައިބާރުވެފައި ގުގުރައެވެ. ޖަހާލާ ގަދަ ގުގުރީގެ ސަބަބުން ހަތަރެސްފައި ކޮޅަށް ޖެހޭވަރު ވެއެވެ. ކައިވެނި ކުރަން ހަމަޖައްސާފައި ވަނީ ރަށު ސްކޫލް ހޯލުގައެވެ. ދެ އާއިލާގެ ގިނަ މެންބަރުން ތިބީ ސްކޫލަށް ނުދެވި ގޭގައި ތާށިވެފައެވެ. ނަމަވެސް ބައެއް މީހުން އެމީހަކަށް ދެވުނު ގޮތަކަށް ސްކޫލާއި ދިމާއަށް ދިއުމަށް ވަނީ ނައްޓާލާފައެވެ.

ސިބްޢަތުﷲ ގެ ސައިކަލް ފަހަތުގައި އިނީ މިޝަލް އެވެ. މިޝަލް އިނީ ކުޑައެއް ނަގައިގެން ދެމީހުންނަށް ހިޔާކުރެވޭތޯ މަސައްކަތް ކުރުމުގައެވެ. ނަމަވެސް ޖެހޭ ގަދަވަޔާާއި ވެހެމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ދެމީހުންތިބީ ގާތްގަނޑަކަށް ތެމި ފޯވެފައެވެ. ސިބްޢަތުﷲ މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަރުވާތެރިކަމާއެކު، ދުއްވުނު އެންމެ ބާރަކަށް ސައިކަލު ދުއްވޭތޯ އެވެ. ނަމަވެސް މޫސުން ގޯސްކަމުން ސައިކަލު ކުރިއަށްދާވަރެއްވެސް ނުވެއެވެ.

ބައި ފޫޓަށް ފެންގަނޑު ހެދިފައި އޮތް މަގެއްގެ އަރިމަތިން ވަރަށް ބަލައިގެން ސައިކަލު ދުއްވާލިވަގުތެވެ. ކުއްލިއަކަށް ކަހާލައިގެން ގޮސް ސައިކަލު ޖެހުނީ މަގު ކައިރީގައި ހުރި ރުކެއްގައެވެ. އެވަގުތު މިޝަލް އަށް ހަޅޭއްލަވައިގަނެވުނީ މީން ދުވަހަކު ހަޅޭއް ނުލަވާހާ ބާރަށެވެ. ބުރައިގެން ގޮސް މާދުރަށް ޖެހިފައި އޮތް ސިބްޢަތުﷲ އަށް ހޭވެރިކަން ވެގެން އަވަސްވެގަތީ މިޝަލް ވީ ހިސާބެއް ބެލުމަށެވެ. ސިބްޢަތުﷲ ގެ ބޯ ޖެހުނީ ކައިރީގައި ހުރި ފާރުބުރިއެއްގައެވެ. ޖެހުނުލެތް ބާރުކަމުންނާއި ބޮލަށް ވެފައި ހުރި އައްސިކަމުން އޭނާ ބިރުގަތެވެ. ބޮލުން ލޭ އާދޭތޯ ބަލައިލިއިރު ނަސީބަކުން ލޭގެ އެއްވެސް އަސަރެއް ނެތެވެ.

“މިޝަލް. މިޝަލް…. މިޝަލް” ސައިކަލާއި މާދުރުނޫން ހިސާބަކަށް ބުރައިގެން ގޮސްފައިވާ އޮތް މިޝަލް ކައިރިއަށް ފިރުކެމުން، ދެމެމުން ގޮސް ސިބްޢަތުﷲ މަޑުކޮށްލަމުން މިޝަލް އަށް ގޮވަން ފެށިއެވެ. މިޝަލް ގެ ދެލޯވަނީ މެރިފައެވެ. އެތަން ފެނުމުން ސިބްޢަތުﷲ ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. މިޝަލް ގެ ގައިގައި ކޮއްޓަމުން މިޝަލް އަށް ގޮވަމުން މިޝަލްގެ ހޭވެރިކަން ވޭތޯ ސިބްޢަތުﷲ މަސައްކަތް ކުރަން ފެށިއެވެ.

“ނޫން މިޝަލް. ޕްލީޒް ތިހެން ނުހަދާ. މިޝަލް ލޯ ހުޅުވާލަބަލަ.” މިޝަލް ގެ ހަށިގަނޑުގައި ހިފައި ވަރަށް ބާރަށް ތަޅުވައިގަންނަމުން ސިބްޢަތުﷲ ހަޅޭއްލަވަމުންދިޔައެވެ. އެވަގުތު މިޝަލް ލޯހުޅުވައިލައިފިއެވެ. ހާސްވެ ކަންބޮޑުވެފައިވާ ސިބްޢަތުﷲ އަށް ބަލަން އޮވެވުނެވެ. ސިބްޢަތުﷲ ގެ ދެއަތުން މިޝަލްގެ ދެކޮލާއިއެކުގައި މޫނުގައި ހިފަހައްޓަމުން މިޝަލް ގެ ނިތްކުރިއަށް ދޮނެއް ދީފައި މިޝަލްގެ ގައިގާ ބާރަށް ބައްދައިގަތެވެ.

“އަހަރެން ބިރުން ކިރިޔާ ހަލާކުނުވީ!” މިޝަލް ގެ ގައިގާ ވަރަށް ބާރަށް ބައްދައިގެން އިނދެ ތުރުތުރު އަޅައަޅައި އޮތް އަޑަކުން ސިބްޢަތުﷲ ބުންޏެވެ.

“ސިބުތު ވެސް ބިރުގަނޭތަ؟” ސިބްޢަތުﷲ ގެ ހަށިގަނޑުގައި މިޝަލްގެ ދެއަތުން ބާރަށް ބައްދައިލަމުން އެވަގުތުވެސް ކޮށްލެވުނީ ސަމާސާއެކެވެ. ސިބްޢަތުﷲ އޭނާގެ ގައިގައި އެހާ ވަރަށް ބައްދާލައިގެން ކަންބޮޑުވެފައި އިންތަން ފެނުމުން މިޝަލް އަށް އިނދެވުނީ އާދަޔާޚިލާފް ހިތްހަމަޖެހުމެއް ލިބިފައެވެ.

“މިޝަލް އަށް ވީގޮތެއް ނޭނގުނީމަ ބިރުގަތީ.” ވަރަށް ލޯބިން މިޝަލްގެ ބޮލުގައި ފިރުމަމުން ސިބްޢަތުﷲ ބުންޏެވެ.

“ހަމަ އަސްލުވެސްތަ!؟؟ ސިބްޢަތުﷲ ހަމަ އަސްލުވެސް އަހަންނަށް ވީގޮތެއް ނޭނގިގެން އެހާވަރަށް ކަންބޮޑުވީތަ؟” މިޝަލް ބޭނުންވީ ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން ހިފާށެވެ. ވެހެމުންދިޔަ ބޯ ވާރޭގެ ތެރެއިންވެސް ސިބްޢަތުﷲ ގެ ދެލޯވަނީ ކަރުނައިން ފޯވެފައެވެ. ނަމަވެސް މިޝަލްގެ ސަމާސާ ޖަވާބު އަޑުއިވުމުން ސިބްޢަތުﷲ ގެ މޫނަށް އުފާވެރި ހިނިތުންވުމެއް އައެވެ.

މަގުމަތީގައި ހެދިފައިވާ ފެންކޯރު ތެރޭގައި އެދެމީހުންނަށް އެގޮތުގައި އެތައް އިރަކު ތިބެވުނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ގައިގައި ބައްދަމުން ދިޔައީ ތިބެވުނީ މަގުމަތީގައި ކަންވެސް ހަނދާން ނެތިގެން ކަހަލައެވެ. ދެމީހުންގެ ލޮލުންވެސް އުވާފެރިކަމުގެ ކަރުނަތައް ވާރޭގެ ތިކިތަކާއެކު އޮހެމުން ދިޔައެވެ. އެކަކު އަނެކަކުގެ ގައިގާ ބާރަށް ބައްދާލައިގެން ދެމީހުންގެ ހިތުގެ ވާހަކަތައް އަޑުއަހަމުންދިޔައީ ކިހާއިރެއް ވާންދެން ކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.

“އެއްވެސް ތަނަކަށް ތަދުވިތަ؟ ތަނެއް މަށައިގެން ދިޔަތަ؟ ބޮލަށް ކަމެއް ވިތަ؟” ދެމީހުންނަށް އެއްފަހަރާ ހަމަ އެއް ސުވާލުތަކެއް ކުރެވެން ފެށުނީ އިރުކޮޅެއް ފަހުންނެވެ. ދެމީހުން ނޫނެކޭ ބުނުމަށް ޖަވާބުދިނީވެސް ހަމަ އެކުއެކީގައި ބޯ ހޫރާލަމުންނެވެ.

“އައި އޭމް ސޮރީ.” ރޮއެގަންނަމުން ސިބްޢަތުﷲ ގެ އަނގައިން ކުއްލިއަކަށް ނިކުތީ އެ އަނގައިން ދުވަހަކުވެސް ނިކުމެދާނެކަމަށް މިޝަލް ހީވެސް ނުކުރާ ތިން ލަފުޒެވެ.

“އައި އޭމް ސޮރީ އަހަރެންގެ ފަރާތުން މިޝަލް އަށް ދެވުނު ކޮންމެ އަނިޔާއަކަށް. މިޝަލް ރޮއްވުނީތީ ވެސް ވަރަށް ބޮޑަށް ސޮރީ. މިޝަލްގެ ހަށިގަނޑާއި ރޫހަށް އަހަރެންގެ ސަބަބުން ލިބުނު ކޮންމެ ޒަޚަމަކަށް ވެސް ވަރަށް ބޮޑަށް ސޮރީ.” ވާހަކަ ދައްކަމުން ދިޔައީ ސިބްޢަތުﷲ އެވެ. މިޝަލް އިނީ އަޑުއަހާށެވެ.

މިޝަލްގެ ޖަވާބެއް ނުލިބުމުން ސިބްޢަތުﷲ އަށް މިޝަލް އާއި ދުރަށް ޖެހިލެވުނެވެ. ކަރުނައިން ފޯވެފައިވާ މިޝަލްގެ ދެލޮލަށް ވަރަށް އަސަރާއެކު ސިބްޢަތުﷲ ބަލަންފެށި އެވެ. އަނެއްކާވެސް ސިބްޢަތުﷲ ދެއަތުން މިޝަލްގެ މޫނުގައި ހިފަހައްޓާލަމުން މިޝަލްގެ ކަނާތު ކޮލުގައި ފިރުމަން ފެށިއެވެ.

“މި ލޯބިލޯބި ކޯތާފަތުގަ އަހަރެންގެ މި މުޑުދާރު އަތުން ބޮނޑިއެއް ޖެހުނީތީ ވެސް ވަރަށް ވަރަށް ބޮޑަށް ސޮރީ.” މިހެން ބުނުމާއެކު ސިބްޢަތުﷲ ތުންފަތް މިޝަލް ގެ ކޯތާފަތުގައިި ޖައްސައިލިއެވެ. އެވަގުތު މިޝަލް އަށް ލޯމަރައިލެވުނެވެ.

“އަހަންނަކީ ރީތި މީހެއްވެސް ނޫނެއްނު!” ގިސްލަމުން މިޝަލްގެ ހިތް ބަންޑުންކޮށްލެވުނީ ހަމަ އެންމެ ޖުމްލައަކުންނެވެ. އެވަގުތު ސިބްޢަތުﷲ އަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވިއްޖެ އެވެ. މިޝަލް އަށް އިނދެވުނީ ރޮވިފައެވެ. މިޝަލް ދެލޯ މަރައިލުމާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ދެ ކޯތާފަތް މައްޗަށް އޮހިގެންފިއެވެ.

މިޝަލް އެ ބުނި ޖުމްލައަކީ ތަކުރާރުކޮށް ސިބްޢަތުﷲ ގެ ފަރާތުން މިވީހާ ދުވަހު މިޝަލް އަށް ދޫކުރަމުން ދިޔަ އެންމެ ފުން އަސަރެއް ކުރުވި ޖުމްލައެވެ. ވިހަ ތީރެއް ފަދަ ޖުމްލައެކެވެ. އެ ޖުމްލަ މިޝަލްގެ އަނގައިން އިވުމުން މިފަހަރު ހިތުގައި ޖެހުނީ ސިބްޢަތުﷲ ގެ އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.