ކާރު ސްޓާޓް ކުރުމަށްފަހު ކާރުގެ އޭސީ ޖެއްސުމަކީ ނުރައްކާތެެރި ކަމެއްކަން އެނގޭހެއްވެ؟ އެއްވެސް ވަރަކަށް ވިސްނައިލުމެއް ނެތި ކާރުގެ އިންޖީނުު ސްޓާޓްކޮށްލުމަށްފަހު ކާރުގެ އެއަރ ކޮންޑިޝަނަރ އޮން ކޮށްލުމަކީ ވަރަށް ގިނަމީހުން ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް މިކަން ކުރާ ކޮންމެ ފަހަރަކީ އަހަރެމެންގެ އަމިއްލަ ނަފުސާއި އަދި ކައިރީގައި ތިބޭ އެހެން މީހުންގެ ސިއްހަތު ނުރައްކަލެއްގެ ތެރެއަށް ހުށައަޅާ ކަމެކެވެ.

މިހެން ވާންޖެހޭ ސަބަބަކީ ކާރުގެ ދޮރު ލައްޕާފައި ހިޔާ ތަނެއްގައި ބާއްވާފައި އޮންނަ އިރު 400-800 މިލިގްރާމްގެ ބެންޒީން ކާރު ތެރެއަށް ބޭރުވާތީ އެވެ. ހޫނުމިން 16 ދަރަޖައަށް ވުރެން މަައްޗަށް ހުންނަ މާހައުލެއްގައި، ނުވަތަ އަވީގައި ކާރު ބޭއްވުމުން ބެންޒީން ކާރުތެރެއަށް ބޭރުކުރާ މިންވަރު 2000-4000 މިލިގްރާމް އަށް އިތުރުވެއެވެ. މިއީ ބެންޒީން އަށް ރައްކާތެރި މިންވަރަށްވުރެން 40 ގުނަ މަތީ ޢަދަދެކެވެ.

ދޮރުތައް ލައްޕާފައި ހުންނަ ކާރެއްގެ ތެރޭގައި ތިބޭއިރު، ނޭވާލާ ނިޒާމަށް ބެންޒީން އެތެރެކޮށްދެއެވެ. މިކަމުގެ ސަބަބުން ކިޑްނީއަށް، ލިވަރ އަށް އަދި ކަށީގެ ޓިޝޫއަށް ގެއްލުންދެއެވެ. މީގެއިތުރުން، ހަށިގަނޑަށް އެތެރެވާ ބެންޒީން ހަށިގަނޑުން އެއްކޮށް ބޭރުކޮށްލުމަށް އެތައް ވަގުތެއް ހޭދަވެއެވެ.

ކާރުގެ ‘މެނުއަލް’ ބުނާގޮތުންވެސް، އޭސީ ޖެއްސުމުގެ ކުރިން ދޮރުތައް ހުޅުވައިލާން ނުވަތަ ބިއްލޫރިތައް ކަހައިލަން ބުނެފައި ވެއެވެ. އެހެންނަމަވެސް އެއީ ކޮން ސަބަބަކާހުރެކަން މެނުއަލް ގައި ބުނެފައެއް ނުވެއެވެ.

ސިއްހީގޮތުން މިކަމަށް ބަލައިލަމާ!

ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުން، އެއަރކޯން ޖެއްސުމަށްފަހު ވައި ފިނިކޮށްދިނުމުގެ ކުރިން އެއަރ ކޮންޑިޝަނަރ އިން ހޫނުވައި ކާރުތެރެއަށް ބޭރުކޮށްލައެވެ. މި ވަޔާއި އެކުގައި ބެންޒީން ބޭރުވެއެވެ. ބެންޒީން އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރުވާ ކެމިކަލް އެކެވެ.

އެހެންކަމުން، ކާރަށް އެރުމަށްފަހު ކާރުތެރެއިން ޕްލާސްޓިކް ވިރޭ ޒާތުގެ ވަހެއް ނުދުވިޔަސް، ކުޑައިރުކޮޅެއްވާންދެން ދޮރުތައް ހުޅުވާލާފައި ބެހެއްޓުމަށްފަހު އޭސީ ޖައްސަން ހަނދާންކުރާށެވެ. އަދި ކާރު ސްޓާރޓްކޮށްލާ ވަގުތު ދޮރުތައް ހުޅުވާފައި ނުވަތަ ބިއްލޫރު ކަހާފައި ބެހެއްޓުން މުހިންމެވެ.

ކާރު އަދި ވެހިކަލް ދުއްވާ ފަރާތްތަކުން މިކަން އާދަވެ ކުރުމަކީ ތިމާއާއި އަނެކުންގެ ސަލާމަތާާއި ރައްކާތެރިކަމަށް އަދި ފުރިހަމަ ސިއްޙަތަކަށްޓަކައި ކުރެވިދާނެ ކުޑަކުޑަ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.