“އަހަންނަކީ ރީތި މީހެއްވެސް ނޫނެއްނު!” ގިސްލަމުން މިޝަލްގެ ހިތް ބަންޑުންކޮށްލެވުނީ ހަމަ އެންމެ ޖުމްލައަކުންނެވެ. އެވަގުތު ސިބްޢަތުﷲ އަށް ބޭއިޚްތިޔާރުގައި ފަހަތަށް ޖެހިލެވިއްޖެ އެވެ. މިޝަލް އަށް އިނދެވުނީ ރޮވިފައެވެ. މިޝަލް ދެލޯ މަރައިލުމާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ދެ ކޯތާފަތް މައްޗަށް އޮހިގެންފިއެވެ.
މިޝަލް އެ ބުނި ޖުމްލައަކީ ތަކުރާރުކޮށް ސިބްޢަތުﷲ ގެ ފަރާތުން މިވީހާ ދުވަހު މިޝަލް އަށް ދޫކުރަމުން ދިޔަ އެންމެ ފުން އަސަރެއް ކުރުވި ޖުމްލައެވެ. ވިހަ ތީރެއް ފަދަ ޖުމްލައެކެވެ. އެ ޖުމްލަ މިޝަލްގެ އަނގައިން އިވުމުން މިފަހަރު ހިތުގައި ޖެހުނީ ސިބްޢަތުﷲ ގެ އެވެ.
“މިޝަލް ވަރަށް ލޯބި.” މިޝަލްގެ މޫނުގައި ހިފަހައްޓާލަމުން ސިބްޢަތުﷲ ވަރަށް މަސްތީ ރާގެއްގައި ބުންޏެވެ. ސިބްޢަތުﷲ ގެ ޖުމްލަ އަޑުއިވުމުން މިޝަލް ލޯހުޅުވައިލި އެވެ. އިވުނު ޖުމްލަ އެއީ ހަމަ އަސްލަށްވެސް އިވުނު ޖުމްލައެއްކަން ޤަބޫލުކުރަން ދަތިވެފައި މިޝަލް އަށް އިނދެވުނެވެ.
“މިޝަލް ތީ އަބަދުވެސް ރީތި ކުއްޖެއް. އަހަރެންގެ އުމުރުން 10 އަހަރުން ފެށިގެން އަހަރެން ހުންނަނީ މިޝަލް އާހެދި މޮޔަވެފަ. އޭރު މިޝަލް އަށް ވާނީ 7 އަހަރު. ލޯތްބަކީ ކޮން އެއްޗެއްކަން ނުވެސް އެނގޭއިރުން ފެށިގެން އަހަންނަށް މިޝަލް ދެކެ ލޯބިވެވިއްޖެ. މިޝަލް ދެކެ އަހަރެން ވާ ލޯތްބާއި އަހަރެން، އެކަނިމާއެކަނި ދޫކޮށްލާފަ އޭރު މިޝަލް ރާއްޖެއިން ބޭރަށް ހިނގައްޖެ. އަހަރެން މުޅި ފުރާވަރު ހޭދަކޮށްލީ މިޝަލް އެނބުރި އަންނާނެ ކަމަށް އިންތިޒާރުކޮށްކޮށް. އެހެން ހުއްޓާ މިޝަލް އައީ. މިޝަލް އައުމުން އަހަރެން ހުރީ ވަރަށް އުފަލުން. އެކަމަކު މިޝަލް އަހަންނާ ގުޅެން ދެކޮޅު ހެދީ. އެހިސާބުން އަހަރެން އެކީ ހަފުސްވި ކަހަލަ. އަހަރެން އެހާލުގައި ހުއްޓާ މިޝަލް އުޅުނީ ފިލައިގެންދާން. އެދަނޑިވަޅުގެ ނާޖާއިޒު ފައިދާ ނަގަން އަހަރެންގެ ބައްޕަ ބުނީ އަހަންނަކީ އެއްވެސް ތާކުންތާކު ޖެހޭ މީހަކަށް ނުވާތީ ކަމަށް މިޝަލް ބުނެފައޭ މިޝަލް އަހަންނާ ގުޅެން ދެކޮޅުހެދީ.” ސިބްޢަތުﷲ ގެ ހިތުގެ އެންމެ ފުނުގައި ފޮރުވައިގެން އުޅުނު ޖަޒުބާތުތައް މިޝަލްގެ ކުރިމައްޗަށް ބަންޑުންކޮށްލިއެވެ. މިޝަލް އިނީ އަޑުއަހާށެވެ.
“އަހަރެންގެ ފަރާތުން މިޝަލް އަށް ވަރަށް އަނިޔާ ދެވިއްޖެ. އައި އޭމް ރިއަލީ ރިއަލީ ސޮރީ.” މިޝަލްގެ ކޮލުގައި ސިބްޢަތުﷲ ގެ އިނގިލިތަކުން ފިރުމަމުން ވަރަށް އަސަރާއެކު އަނެއްކާވެސް މިޝަލްގެ ކިބައިން މަޢާފަށް އެދުނެވެ.
“ސިބްޢަތުﷲ އަސްލު ވަރަށް ގޯސް. އެރޭ އަހަރެންގެ ހުރިހައި ތަނޑިތަކާއެކު އަހަރެންގެ ނަފުސާ ރޫހުވެސް ސިބްޢަތުﷲ ތިހުރީ ފުނޑުފުނޑުކޮށްލާފަ.” ނުރޯން މަސައްކަތް ކުރަމުން މިޝަލް ވަރަށް ހިތްވަރާއެކު ބުންޏެވެ. ނަމަވެސް މިޝަލް އަށް ރޮވިއްޖެއެވެ. އިރުކޮޅެއް ވާންދެން ސިބްޢަތުﷲ ގެ ތަނަވަސް މޭމަތީގައި މިޝަލްގެ މޫނު ފޮރުވައިގެން އިނދެ ރުޔެވެ.
ސިބްޢަތުﷲ ގެ ތަނަވަސް މެޔާއިލައި މިޝަލް ފިއްތާލަމުން އޭނާގެ ފިރިހެންވަންތަ ދެއަތުން މިޝަލްގެ ގައިގާ ވަރަށް ލޯބިން ބައްދާލި އެވެ.
“ތިކަން އެނގޭ. އެހެންވެ އަހަރެން ޕްރޮމިސް ކޮށްފަ ބުނަން ދެން ދުވަހަކުވެސް އަހަރެން ފަރާތުން އެފަދަ ކަމެއް ނުފެންނާނެ.” މިޝަލްގެ އިސްތަށިގަނޑަށް ދޮނެއް ދެމުން ވަރަށް ޔަޤީންކަމާއެކު ސިބްޢަތުﷲ ބުންޏެވެ.
“އެހެންވިޔަސް ހެޔޮ. އަދިވެސް ތީ ގޯސް މީހެއް.” ރޮމުން، ސަމާސާގެ ރާގުގައި ތުއިގޮތަކަށް މިޝަލް ބުންޏެވެ. އެވަގުތު މިޝަލް ބޭނުންވިފަދަ ހިނިތުންވުމެއް ސިބްޢަތުﷲ ގެ މޫނަށް ވެރިވެގެން ދިޔައެވެ.
ރޮމުން، ގިސްލަމުން، ސިބްޢަތުﷲ އަކީ ގޯސް މީހެއްކަމަށް ބުންނަސް މިޝަލްގެ މޫނު ސިބްޢަތުﷲ ގެ މޭތެރޭގައި ފޮރުވައިގެން، ސިބްޢަތުﷲ ގެ ފިރިހެންވަންތަ މުލައްދަނޑީގެ ފުރިހަމަ ހިމާޔަތުގައި މިޝަލް އޮތީ ރައްކާތެރިކަމާއެކުގައެވެ. އެހެން އޮއްވާ ކުއްލިއަކަށް ވަރަށް ބާރަށް ގުގުރާލައިފިއެވެ. އެވަގުތު ސިބްޢަތުﷲ ގެ މޭތެރެއަށް ކުރިއަށްވުރެންވެސް ބޮޑަށް މިޝަލް ބޮނޑިވެގަތެވެ.
“އައި ލަވް ޔޫ.” އެންމެފަހުން ސިބްޢަތުﷲ ގެ ދުލުކުރީގައި މިހާދުވަސް ވާންދެން ގެންގުޅު ތިން ލަފުޒު ބޭރުކޮށްލައިފިއެވެ. އެ ތިން ލަފުޒަކީ އެ އަޑެއް އެހުމަށް މިޝަލް އަށްވެސް މިފަހަކަށް އައިސް އިންތިޒާރު ކުރެވެމުން އައި ތިން ލަފުޒުގެ އަޑެވެ.
ސިބްޢަތުﷲ ގެ ލޯބީގެ އިޒުހާރާއި އެކު މިޝަލް އަށް ޖެހިލެވުނީ ސިބްޢަތުﷲ އާއި ދުރަށެވެ. ސިބްޢަތުﷲ ގެ އެ ޖުމްލަ ޤަބޫލުކުރަން ދަތިވެގެންނެވެ. އެކަމުގެ ޔަޤީންކަން ހޯދުމަށް މިޝަލް ބޭނުންވީ ސިބްޢަތުﷲ ގެ ދެލޮލުން ދޭ މެސެޖް އެއްވެސް ހުރަހެއް ނެތި ދެނެގަންނާށެވެ. އެސްފިޔަވެސް ޖަހައިނުލާ މިޝަލް ބަލަމުން ދިޔައީ ސިބްޢަތުﷲ ގެ ދެދޮލަށެވެ. ހައިރާންވެފައި އިން މިޝަލްގެ މޫނަށް ބަލައިލަމުން ސިބްޢަތުﷲ ހިނިތުންވި އެވެ. އޭނާގެ ދެއަތުން މިޝަލްގެ މޫނުގައި ހިފަހައްޓައިލަމުން އެ މޫނާއި ކައިރިއަށް ސިބްޢަތުﷲ ގެ މޫނު ހަރަކާތްކޮށްލިއެވެ.
“އަހަރެންގެ ރީތީގެ ރާނީދެކެ އަހަރެން ވަރަށް ލޯބިވަން. ހަނދާން ވޭތަ ކުރިން އަހަރެން ބުނީމެއްނު މިޝަލް އުފަންވީ ވެސް އަހަރެންގެ މީހެއްގެ ގޮތުގައޭ. ހަމަ އެގޮތަށް އަހަރެން އުފަންވީވެސް މިޝަލް ދެކެ ލޯބިވުމަށް.” އިއްޔެ އާއި ހަމައަށް ލޯބީގެ އެއްވެސް ކަންފުޅެއް ވެސް ނެތް ސިބްޢަތުﷲ ގެ އަނގައިން މިއަދު ބޭރުވަމުން އެދާ ލޯބީގެ ބަސްތައް އަޑުއަހަން އެސްފިޔަވެސް ޖަހައިނުލާ އަދިވެސް ހައިރާންވެފައި މިޝަލް އަށް އިނދެވުނީ އެވެ.
“އާނ. އަހަރެން އުފަންވީވެސް މިޝަލް އަށް ލޯބިދިނުމަށް. ރުޅިއާއި ނަފުރަތު އޮތް އިރުވެސް އަހަރެންގެ ހިތުގެ އެންމެ ފުނުގައި މިޝަލް އަށްޓަކައި ލޯބި އޮތް. މިޝަލް އަށް އަހަރެންގެ އަތްފައިންނާއި އަހަރެންގެ ބަސްތަކުން އަނިޔާ ދިނުމަށްފަހުވެސް އަހަރެންގެ ހިތުގައި މިޝަލް އަށް އޮތް ލޯބީގެ ބޮޑުކަމުން އަހަންނަށް ގިސްލައި ރޮވުނުވަރު އެނގޭނީ ޚުދު އަހަންނަށް. އަހަރެންގެ ދެލޯ ކަރުނައިން ފުރިގެން ދިޔައީ އަހަރެންގެ ހިތަށް ތަދުވި ވަރުން.” މިޝަލް ދެކެ ސިބްޢަތުﷲ ލޯބިވާ މިންވަރު ބަޔާން ކުރުމުގައި އެންމެ ތަންފުކެއްވެސް ދޫދޭކަށް މިއަދު އޭނާ ބޭނުމެއް ނޫނެވެ. ސިބްޢަތުﷲ ގެ ހިތުގެ އަޑު އިވުމުން މިފަހަރު މިޝަލްގެ މޫނަށް ހިތްގައިމު ހިނިތުންވުމެއް ވެރިވެއްޖެއެވެ.
މިޝަލްގެ މޫނުމަތިން މިފަހަރު ފެނިގެން ދިޔަ ހިނިތުންވުމަކީ އެމީހުންގެ ކައިވެނީގެ ފަހުން މިޝަލްގެ މޫނަށް ވެރިވި ޙަޤީޤީ ފުރަތަމަ ހިނިތުންވުންކަން ސިބްޢަތުﷲ އަށް އެނގުނެވެ.
“އެހެންވީމަ ބުނެބަލަ! … އަހަރެން ދެކެ ލޯބި ވެވިދާނެތަ މިޝަލް އަށް؟” ސިބްޢަތުﷲ ގެ ސުވާލަށް މިޝަލް ޖަވާބު ދިނީ އުފާވެރި ހިނތުންވުމަކާއެކު ސިބްޢަތުﷲ ގެ ގައިގާ ބާރަށް ބައްދާލަމުންނެވެ.
“އައި އޭމް އޮލްރެޑީ އޮން މައި ވޭ ޓު ލަވް ޔޫ.” ކިތަންމެ މަޑުމަޑުން މިޝަލް އެހެން ބުނި ނަމަވެސް ސިބްޢަތުﷲ އަށް ހަމަ ރަނގަޅަށް އެ ޖުމްލަ އިވުނެވެ. އެވަގުތު ހިތްހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ސިބްޢަތުﷲ ދޫކޮށްލީ ހިތުގެ އަޑިން މާތްﷲ އަށް ޝުކުރުވެރިވަމުން ނުހަނު އުފަލާއެކު ގައެވެ.
“ސިބްތޫ.” ފުދޭވަރަކަށް ބާރަށް މިޝަލް ގޮވައިލި އެވެ. ސިބްޢަތުﷲ ޖަވާބު ދިނީ ހޫމް އަޅަމުންނެވެ.
“ސިބްތޫ.” އަނެއްކާވެސް މިޝަލް ގޮވައިލި އެވެ.
“އަހަރުން މިތަނުން ދެން ނުގޮސް މިހެން ތިބެނީތަ؟” ސަމާސާ ރާގެއްގައި ސުވާލެއް ދޫކޮށްލަމުން ސިބްޢަތުﷲ އާއި ދުރަށް މިޝަލް ޖެހިލިއެވެ.
“އަހަރެން އަބަދުވެސް ބޭނުންވަނީ މިޝަލްގެ މޫނުން ހިނިތުންވުން ފެންނަން. އެންޑް އައި ޕްރޮމިސް މިޝަލްގެ ތި ލޯބިލޯބި ދެލޮލަށް ދެން އެންމެ ކަރުނަފޮދެއް ވެސް އަޔަކަ ނުދޭނަން.” ސިބްޢަތުﷲ ބުންޏެވެ. މިޝަލް ބޯ ޖަހައިލިއެވެ.
“މަށަށް އެނގޭ ތިކަން.” މިޝަލް ޖަވާބުދެމުން ވެއްޓިފައި އޮތް ސައިކަލާއި ދިމާއަށް ހިނގައިގަތެވެ.
“އެކަމަކު މިޝަލް ނުބުނަމެއްނު އަދިވެސް އެހެންނެއް!” މިޝަލްގެ ފަހަތުން ހިނގައިގަންނަމުން ސިބްޢަތުﷲ ޝަކުވާކޮށްލި އެވެ.
“ކޮން އެހެންނެއްތަ؟” އެނގިހުރެ މިޝަލް ކޮށްލީ ސަމާސާއެކެވެ.
“މިބުނީ މިޝަލް އަހަރެންދެކެ ލޯބިވަމެކޭ ބުނި އަޑެއް އަދި އަހަރެންގެ މި ދެކަންފަތަކަށް އަޑެއް ނީ-ވެ-ޔޭ.” ޖުމްލައިގެ ފަހުބަހުގެ އަކުރުތަކަށް ރާގުލާފައި ދަމަމުން ސިބްޢަތުﷲ ވެސް މިޝަލްގެ ސަމާސާގައި ބައިވެރިވި އެވެ. ސިބްޢަތުﷲ އެހެން ބުނުމުން މިޝަލް ބާރަށް ހޭންފެށިއެވެ.
ސިބްޢަތުﷲ މިޝަލް އާއި އަރައިހަމަކޮށްފައި މިޝަލްގެ ކުރިމަތީގައި ހުއްޓުނެވެ. މިޝަލްގެ ހުނުން ދެކިލުމަށެވެ. ހުނުމުގެ އުފާވެރިކަމުން ފަރިވެ ފޮޅިފައިވާ މިޝަލްގެ މޫނު ފެނުމުން ސިބްޢަތުﷲ އަށް ހިނިތުންވެވުނެވެ. މިހާރު އެއީ މީގެ މަހެއްވަރު ކުރިން ފެނުނު މިޝަލް އޭ ސިބްޢަތުﷲ ގެ ހިތަށްއެރި އެވެ.
“އެނގޭތަ؟ މިޝަލް ތިހެން ހެމުންދާއިރު ހާދަ ލޯތްބޭ ހާދަ ޗާލޭ މިޝަލް.” ސިބްޢަތުﷲ ގެ އަނގައިން ތަޢުރީފުގެ ބަސްކޮޅެއް އިވުމުން މިޝަލް އަށް ލިބުނީ ވަރަށް ބޮޑު އުފަލެކެވެ. ލިބުނު އުފާވެރިކަމާއެކު ލަދުވެސް ގެންފިއެވެ. ހުނުން ހުއްޓައިލަމުން މިޝަލް އަށް ލަދުން އިސްޖަހައިލެވިއްޖެ އެވެ.
މިޝަލް އާއި ދިމާއަށް ސިބްޢަތުﷲ އެފަދަ އިޝްޤީ ގޮތަށް ބަލަމުންދާ މިއީ ފުރަތަމަ ފަހަރެވެ. މިއީ ސިބްޢަތުﷲ ގެ ޙައްޤުގައި މިޝަލް ގެ މިޒާޖަށް އެފަދަ ފޮނި ޖަޒުބާތީ ލަދުވެތިކަމެއް އައި ފުރަތަމަ ފަހަރުވެސް މެއެވެ. މިޝަލް އާއި ދިމާއަށް އެގޮތަށް ބަލަން މުޅި އުމުރަށްވެސް ހުންނަން ސިބްޢަތުﷲ ބޭނުމެވެ. ކުއްލިއަކަށް މިޝަލް އަށް އަނގައިލުމެއްވެސް ނެތި އޭނާގެ އުނގަނޑުގައި ހިފާފައި ސިބްޢަތުﷲ އާއި ކައިރިއަށް ގެނެސްފި އެވެ. މިޝަލް އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މަގުމަތީގައި މީހެއްގެ ހިލަމެއް ނެތްކަން އެނގޭއިރުވެސް ލަދުންގޮސް މިޝަލް އަށް ހަދާނެގޮތެއްވެސް ނޭނގުނެވެ.
“ކީއްވެ ހުނުން ހުއްޓާލީ؟” މަޑު ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާފައިވާ މިޝަލްގެ ތުނި ތުންފަތަށް ބަލައިލަމުން ސިބްޢަތުﷲ ސުވާލުކުރިއެވެ.
ސިބްޢަތުﷲ ގެ އެ ކަތި ނަޒަރުން މިޝަލްގެ ކޯތާފަތަށް ޒާތެއްގެ ހޫނުކަމެއް އިޙްސާސް ކުރެވުމާއިއެކު ލަދުން އިސްޖަހައިލިއެވެ. ސިބްޢަތުﷲ އަތުގެ އިނގިލިތަކުން މިޝަލް ގެ އެ މައުސޫމު ތުންފަތުގައި ޖައްސައިލި އެވެ. އެއީ އަދިވެސް ބިކުރުވެރި ދެ ތުންފަތްކަން ސިބްޢަތުﷲ އަށް އެނގެެއެވެ. ސިބްޢަތުﷲ ގެ މަސްތީ ނަޒަރު ހުއްޓާލާފައިވަނީ މިޝަލްގެ ތުންފަތަށެވެ.
“އޯކޭތަ އަހަރެން…؟” ހުއްދަ ނަގަން ނުޖެހުނަސް މިފަހަރު މިޝަލް ގެ ކިބައިން ހުއްދައަށް ސިބްޢަތުﷲ އެދުނެވެ.
މިޝަލް އެއްވެސް އެއްޗެއް ނުބުނެ މަޑުން ހުރީއެވެ. މަސްތީ ޖަޒުބާތުގެ ކަސްތޮޅުގައި އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ހައްޔަރުވެފައެވެ. އެހެންކަމުން މިޝަލް އަށް ދެލޯ މަރައިލެވުނެވެ. ސިބްޢަތުﷲ ގެ މޫނު މިޝަލް ގެ މޫނާއި ކައިރިކުރަމުންގޮސް މިޝަލްގެ ތުންފަތުގައި ސިބްޢަތުﷲ ގެ ތުންފަތް ޖައްސައިލިއެވެ. މިޝަލް އަށް ހީވީ ކަރަންޓުގައި ޖެހުނު ހެންނެވެ. ސިބްޢަތުﷲ ގެ ތުންފަތުން ކުރަމުންދިޔަ ކޮންމެ ހަރަކާތަށް އިޖާބީ ރައްދަމަލެއް ދެމުން މިޝަލް ވެސް ބޭނުންވީ މަސްތީ އޮއެވަރުގައި ބެހިގެން ދާށެވެ. ނަމަވެސް މިޝަލް އާއި ދުރަށް ސިބްޢަތުﷲ ޖެހިލުމާއެކު މިޝަލްގެ މެރިފައިވާ ދެލޯ ހުޅުވައިލެވުނެވެ. އޭރު މިޝަލްގެ މޫނަށް ބަލަން ސިބްޢަތުﷲ ހެވިފައިހުރީ މިޝަލްގެ މޫނުމަތިން ފެންނަމުންދާ މެސެޖުތައް ދެނެގަތުމަށެވެ. މިޝަލް ވެސް ރަކި ގޮތަކަށް ހިނިތުންވަމުން އަނެއްކާވެސް ބަލައިލެވުނީ ސިބްޢަތުﷲ ތުންފަތަށެވެ.
“އައި ލަވް ޔޫ.” މިޝަލްގެ ގައިގައި ބާާރަށް ބައްދައިގަންނަމުން ސިބްޢަތުﷲ ބުންޏެވެ.
“އައި ލަވް ޔޫ ޓޫ.” މިޝަލް ގެ ޖަވާބުން ސިބްޢަތުﷲ އަށް ލިބުނީ އުފާވެރިކަމުގެ ޝޮކެކެވެ.
“އަދި ބުނެފާނަންތަ!!” އުފަލުން ފޮޅިފައި ހުރެ ސިބްޢަތުﷲ އެދުނެވެ.
“ލަވް ޔޫ ޓޫ.” ލަދުން ހުރެ މިޝަލް ޖަވާބުދެމުން ދުރަށް ޖެހިލިއެވެ.
“ތޭންކްސް.” މިޝަލް އާއި ކައިރިއަށް ޖެހިލަމުން ނިތްކުރިއަށް ދޮނެއް ދެމުން ސިބްޢަތުﷲ ބުންޏެވެ.
“ދެން އަޅެ ހިނގާބަ ދާން.” ސިބްޢަތުﷲ އަށް ވަދެވިފައިހުރި ލޯބީގެ ޢާލަމުން ނިކުންނަން ޖެހުނީ މިޝަލް ޅަވެލަމުން ސިބްޢަތުﷲ ގެ އަތުގައި ހިފައި ދަމައިގަންނަމުން ބުނެލި ޖުމްލައިންނެވެ. އެވަގުތު ވީ އުފަލުން ސިބްޢަތުﷲ އަށް ބާރަށް ހީނގަނެވިއްޖެ އެވެ.
ސައިކަލާއި ހަމައަށް ގޮސް ސައިކަލު ނަގައި ކޮޅަށް ޖެހުމަށްފަހު ސިބްޢަތުﷲ ސައިކަލަށް އަރާ ސްޓާޓް ކުރެވޭތޯ މަސައްކަތް ކުރަން ފެށިއެވެ.
“މީތިގަނޑު ސްޓާޓް ނުވެއްޖެއްޔާ މިޝަލް ޖެހޭނެ މަށާއެކު ގޮސް ހަމަ އެ ފެންގަނޑުގަ އިށީންދެފަ މަ ބުނާ ތާކަށް ދާން.” ސައިކަލް ސްޓާޓް ކުރުމަށް ފައިން ކިކް ޖަހަމުން ފުން މާނައެއް އެކުލެވޭ ޖުމްލައެއް މިޝަލް އަށް އަމާޒުކޮށްލި އެވެ.
“އެހެންތަ. ފެންގަނޑުގަ އިށީންދެފަ ކޮންތާކަށް ދެވޭނީ؟” އެނގިހުރެ މިޝަލް ވެސް ކޮށްލީ ސުވާލެކެވެ.
“އޭރު އަހަރެމެންތިބި އުލްފަތުގެ ގުލްޝަނަށް. އެ ފެންގަނޑަކީ ކިތަންމެ ޗަކަ ފެންގަނޑެއް ނަމަވެސް އެއީ އަހަރުމެންގެ އެންމެ ފުރަތަމަ ލޯބީގެ ބަގީޗާ.” ވަރަށް ބާރަށް ކިކެއް ޖަހަމުން ސިބްޢަތުﷲ ބުންޏެވެ. އެވަގުތު ސައިކަލް ސްޓާޓްވެސް ވެއްޖެ އެވެ.
ސައިކަލް ފަހަތުގައި އިންއިރު މިޝަލް އިނީ ސިބްޢަތުﷲ ގެ ގައިގާ ބާރަށް ބައްދައިގެންނެވެ. އެމީހުންގެ ދެމެދަށް މިހާރު ބޮނބިނަރެއް ވަންނާނެ ޖާގައެއް ދޭކަށްވެސް އެމީހުން ބޭނުމެއް ނޫނެވެ. މިޝަލްގެ މޫނުން މިހާރު ފެންނަނީ ހިތްހަމަ ޖެހުމާއި އުފާވެރިކަމެވެ. ސިބްޢަތުﷲ ގެ އަނގައިން ބޭރުވި ‘ޗާލޭ’ އެ ލަފުޒުގެ ސަބަބުން ހަމައެކަނި އިތުރުވެގެން ދިޔައީ މިޝަލްގެ ޗާލުކަން އެކަންޏެއް ނޫނެވެ. އޭނާގެ ހިތަށް ކުރިން ވެރިވެފައިވާ ޚަރީފު މޫސުމް ވެސް ބަހާރު މޫސުމަށް ބަދަލުވެ މޫސުމްވެސް ޗާލުވެއްޖެ އެވެ.
ސިބްޢަތުﷲ ގެ ކޮނޑުގައި އެލިގަންނަމުން ސައިކަލް ޕެޑަލް މަތީގައި ދެފައި އަޅާފައި މިޝަލް ކޮޅަށް ތެދުވެ ސިބްޢަތުﷲ ގެ މޫނަށް ބަލައިލި އެވެ. އެއީ މީގެ ކުރިން އޭނާގެ ދިރިއުޅުން ނަރަކައަކަށް ހަދައިލި ސިބްޢަތުﷲ އެވެ. ނަމަވެސް މިހާރު އެއީ އޭނާގެ ޙަޔާތަށް ޗާލުކަން ގެނެސްދިން ސިބްޢަތުﷲ އެވެ. ލެއްވި ނިޢުމަތަށް މާާތްﷲ ގެ ކިބަފުޅަށް ހިޔަހާސްފަށުން މިޝަލް ގެ ހިތާހިތުން ޝުކުރުކުރަމުން އަނެއްކާވެސް ސިބްޢަތުﷲ އަށް ބަލައިލިއެވެ.
” ♩ ♪ ♫ ♬ޗާލޭ ކަލާ ހާދަ ޗާލޭ …. ހަނދުވެސް ލަދުން އޮއްސިގެން ދާނޭ.
ނިމުމެއް ނުވާނޭ ބަދަލެއް ނުވާނޭ …. ލޯބިން މިހިތް ފުރިއަރާނޭ ♩ ♪ ♫ ♬”
ސިބްޢަތުﷲ އަށް މިޝަލް ބަލައިލުމާާއެކު ސިބްޢަތުﷲ ގެ ބަރު އަޑުން ރާގު އަޅުވާލާފައި ލަވަކިޔަން ފެށިއެވެ.
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!