ލިޔުނީ: ޙުސައިން ޝިނާން – ހަފްތާ އެމްވީ
ތިންވަނަބައި ގެ ތެރެއިން… މާ ބޮޑު ސަމާލު ކަމެއް އަހަރެން ނުދީ ކެއުމާއިގެން އަވަދި ނެތި އުޅުނު އަހަރެންނަށް އޭނާ އެކީ ގޮތްގޮތަށް ސިގުނަލް ދެމުން ދިޔައެވެ. ގަމާރެއް ކަމަށް ހެދިގެން އަހަރެން އިނީމެވެ. ނަމަވެސް އެ ގޮތަށް އިންނަން އަހަންނަށް ފަސޭހައެއް ނުވިއެވެ.
ކައިރީގައި ރީތި އަންހެން ކުއްޖަކު އިނދެފަ އަހަރެން އޭނާ އާއި ވާހަކަ ނުދެއްކުމަކީ ވަރަށް ވެސް ހަަޑި ކަމެކެވެ. އަހަރެން ގަސްތު ކުރި ފުރަތަމަ ވާހަކަ އަކަށް އޭނާގެ ނަން އަހާލުމަށެވެ. އަދި ޖަވާބު ގައި އޭނާގެ ނަމަކަށް ކިޔަނީ ޝަމްނާ (އަސްލު ނަމެއް ނޫން) ކަމަށް ބުނެލިއެވެ. އަދި ދެމީހުން ގެ ވާހަކައިގެ ކުރި އަރުވަމުން ގޮސް ދެމުން ވަރަށް ގާތް ވެއްޖެއެވެ. ދެމީހުން މައްލާ ކުރުމުގެ ތެރޭގައި އަވަދި ނެތި އުޅެނިކޮށް އައްޔާ ގެއަށް އައެވެ. އަދި ދެމީހުން އެކަނި ތިބުމުން އޭނާ އަކަށް ޖޯކު ޖަހަން ފެށިއެވެ.
އަހަންނާއި ޝަމްނާއި ދެމީހުން ގެ ގުޅުން ވަރުގަދަ ވެ އެކުގައި އުޅެވެން ފެށުނެވެ. ޝަމްނާ ދެކެ އަހަރެން ލޯބި ނުވިޔަސް އަހަރެން އޭނާއަށް ވަރަށް އަޅާލަމެވެ. އަދި ޝަމްނާ ގެ ހިތް ރުހޭ ގޮތަށް އުޅެވޭތޯވެސް ބަލަމެވެ. ފަޒޫ އަހަންނަށް ދިން ލަނޑު ގެ ސަބަބުން އަހަރެން އަންހެނުން މަތިން ވީ ފޫހި އަދިވެސް ވެއެވެ. ޝަމްނާ އަށް ވެސް އެކަން އިނގޭނެވެ. އަދި އަހަރެން އޭނާ އަށް ވެސް އިތުބާރު ކުރަން ބޭނުން ނުވާ ވާހަކަ ވެސް ބުނަމުއެވެ.
އަހަރެންގެ ވަރަށް ގާތް އެކުވެރިއެއް ހުންނާނެވެ. އޭނާ އަށް ވަގުތު ވާ ވަރަކުން ވަގުތު ހުސްކޮށްދެއެވެ. އަދި އަހަރެންނަށް އެހީ ވާން ވަރަށް މަސައްކަތް ވެސް ކުރެއެވެ. އޭނާ އަކީ އަހަރެންނާއި އެކު ސުކޫލް ދައުރުގައި ކިޔެވި އެކުވެރިޔެކެވެ. އަހަރެންގެ އިހްތިރާމް އޭނާ އަށް އަހަރެން ދެމެވެ.
އޭނާގެ އަސްލު ނަމަށް ވުރެ ގިނަ މީހުންނާށް އޭނާ އިނގެނީ އޭނާގެ ވިޔަފާރީގެ ނަމުންނެވެ. ނާން (އަސްލު ނަމެއް ނޫން) އަކީ ވަރަށް ކުޑައިރުއްސުރެ އޭނާގެ އަމިއްލަ މަސައްކަތުން ހޯދާ ލާރިން ދިރިއުޅެމުން އަންނަ ޒުވާނެކެވެ. އޭނާ ގެ ދައްތަ އާއި އެކު މާލޭގައި ދެ ކޮޓަރީގެ އެޕާރޓްމެންޓެއް ހިފައިގެން އުޅެމުން އައި އިރު އޭނާގެ ކޮޓަރީގައި އޭނާގެ ވިޔަފާރީ ގެ ވަރަށް ގިނަ މަސައްކަތް ކުރުން ވެގެން ދިޔައީ އަހަންނަށް އޭނާ ގެ ކޮޓަރިން ޖާގަ އެއް ނުލިބުނު އެންމެ ބޮޑު އެއް ސަބަބަށެވެ.
އެއްރޭ އަހަރެން ނާނު އާއި އެކު ކޮފީ އަކަން ދަނިކޮށް އަހަންނަށް މަގުމަތިން އަހަރެންގެ ފުރަތަމަ ލޯބިވެރިޔާ ފެނުނެވެ. ޒަމްހާ (އަސްލު ނަމެއް ނޫން) ސައިކަލެއްގެ ފަހަތު ސީޓުގައި އިންދާ އަހަންނަށް ފެނުނު އިރު އަހަރެން އިން ސައިކަލާއި ޒަމްމު އިން ސައިކަލު ވެސް ދުއްވަމުން ދިޔައީ އެއް މިސްރާބަކަށް އަދި ދާދި އެއްވަރަށެވެ. ބަލާ ބެލުމަށް ހީވަނީ ޒަމްމު އިނީ އޭނާގެ މިހާރުގެ ލޯބިވެރިޔާއި އެކުއެވެ.
އުފަލުން ފޮޅިފައި އިން އެ ރީތި ކަމުގެ ވެރިޔާ ގެ ހިނިތުންވުން ވަރަސް ފުރިހަމަކޮށް އަހަންނަށް ފެންނަމުން ދިޔައެވެ. އަހަރެން ލަދުވެސް ގަތެވެ. ދެރަވެސް ވިއެވެ. އަހަރެން އެންމެ ލޯބިވާ އަންހެން ކުއްޖާ އެހެން ފިރިހެނަކާއި އެކު ދުއްވާލަން އެދަނީ އަހަރެންގެ ލޯ ކުރިމަތިންނެވެ.
އިތުރަށް އެ މަންޒަރު ބަލަން ބޭނުން ނުވުމުން އަހަރެން ނާން ކައިރިން ތަންކޮޅެއް ބާރަށް ދުއްވުމަށް ފަހު އެންމެ ފުރަތަމަ އެޅެން ހުރި ގޯޅިން އެޅުމަށް އެދުނީމެވެ. ކޮފީއަކަށް އަރައި އަހަރެން އިން ގޮތުން ނާނު އަށް އެއްޗެއް ހީވެގެން އަހާލުމުން އަހަރެން އެވާހަކަ ކިޔައިދިނީމެވެ. އަހަރެން އެއްވެސް ކަމެއް ނާނު އަކަށް އޮޅުވައި ނުލަމެވެ. އޭނަ ކައިރީގައި އަހަރެން ހުރިހާ ވާހަކަވެސް ކިޔައިދެނީ އޭނާގެ ފަރާތުން އެކަންތައްތަކަށް އެންމެ އެކަށޭނެ އެހީ އެއް ލިބޭނެ ތީއެވެ.
ޖެހިގެން އައި ދުވަހު ހެނދުން ލޭންޑް ލައިން ނަންބަރަކުން އަހަންނަށް ސަރުކާރު ހިއްސާވާ ބޮޑު އޮފީހަކުން ގުޅިއެވެ. އަދި އިންޓަވިއުއަށް ދިޔުމަށް އެންގިއެވެ. ވީ އުފަލެއްގެ ބޮޑު ކަމުން ހަދާނެ ގޮތް ހުސްވެފައި ހުރި އަހަރެންނަށް އަހަރެން ވަޒީފާ އަދާކުރަން ހުށަހެޅީ ކޮން މަގާމަކަށް ކަމަށްވެސް ނޭނގުނެވެ.
އެ ކުންފުނިން އެދުނު ގޮތަށް އެ މީހުން ބުނި ގަޑިއަށް އަހަރެން އިންޓަވިއު އަށް ދިޔައިމެވެ. އިންޓަވިއު ކުރަން ތިބި މީހުން އަހަރެންގެ ކިޔެވުމުގެ ފެންވަރު އެގުމުން ތަކުރާރު ކޮށް އަހަންނާއި ސުވާލު ކުރިއެވެ. “ މިހާ ރަނގަޅު ނަތީއްޖާއެއް ހޯދައިގެން ކީއްކުރަން ލޭބާރ މަގާމަށް އެޕްލައި ކުރީ؟“ ވަޒީފާއަކަށް ފެންބޮވައިގަނެފައި ހުރި އަހަރެން އެ ދުވަހު ގެ އިންޓަވިއު ނިންމާލީ ދޮގެއް ހެދުމަށް ފަހު އެވެ. ޖަވާބުގައި އަހަރެން ބުނެލީ، އަހަރެންނަކީ އަބަދުވެސް ބުރަ މަސައްކަތް ކޮށްގެން ފައިސާ ހޯދަން ބޭނުންވާ މީހަކަށް ވީމައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ