ދިވެހި ފިލްމުބެލުންތެރިން މިވަގުތު އެންމެ އިންތިޒާރު ކުރަމުން ދާނީ އެންމެ އަވަހަށް ސިނަމާގައި ފިލްމެއް އަޅުވާނެ ތާރީޚަކާއި އެންމެ އަވަހަށް އަޅުވާނެ ފިލްމެއް ބަލައިލުން ކަމަށް ޤަބޫލުކުރެވއެވެ. އެހެންކަމުން ދިވެހި ސިނަމާ އަށް ދެން އެންމެ އަވަހަށް އަންނަން އޮތީ ކޮން ފިލްމެއްތޯ ބަލައިލާނަމެވެ.

އެންމެ އަވަހަށް ސިނަމާއަށް އަންނާނީ ކޮން ފިލްމެއްކަން ސާފުސީދާކޮށް ބުނާކަށް އަދި އެހާ ފަސޭހައެއް ނޫނެވެ. ނަމަވެސް އަހަރުގެ ބާކީ މިއޮތް މުއްދަތުގެ ތެރޭގައި ރިލީޒް ވާނެ ކަމަށް ބެލެވޭ ފިލްމްތަކެއް އެބަ ހުއްޓެވެ.

“ލީނާ”:

އަބްދުﷲ (މުއާ) މުއާޒް ޑައިރެކްޓް ކުރި ފުރަތަމަ ފީޗާ ފިލްމް “ލީނާ” އަކީ އެންމެ އަވަހަށް ސިނަމާ އަށް އަންނަން އޮތް ފިލްމަށްވެސް ވެދާނެ އެވެ. “ލީނާ” އަކީ މި އަހަރުގެ ކުރީކޮޅު ޝޫޓިން ވެސް ނިމިފައި އޮތް ފިލްމެވެ.

“ފޯޓީ ޕްލަސް”:

މި އަހަރުގެ އިތުރު ފިލްމްތަކުގެ ތެރޭގައި “ފޯޓީ ޕްލަސް” ވެސް ހިމެނެ އެވެ. މިއީ “ނޯޓީ 40” ގެ ދެވަނަ ބައެވެ.

“ބާކީވެފައި”:

މުހައްމަދު ޝަރީފް ޑައިރެކްޓްކޮށްފައިވާ “ބާކީވެފައި” އަކީ ވެސް މި އަހަރު ފެންނާނެ ކަމަށް އުންމީދު ކުރެވޭ ފިލްމެކެވެ. ފިލްމްގެ ކާސްޓުންގެ ތެރޭގައި ކުރީގެ މަޝްހޫރު ބަތަލާ މަރިޔަމް އަފީފާ ހިމެނެ އެވެ.

“ނިވައިރޯޅި”:

ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމް “ނިވައިރޯޅި” މި އަހަރުގެ އޮކްޓޯބަރުގައި ސިނަމާ އަށް ގެނެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ނިޢުމާ ވަނީ ބުނެފައެވެ. މިއީ މުއުމިން ފުއާދު ޑައިރެކްޓްކުރާ ފިލްމެކެވެ.

ޑާކް ރެއިން އެންޓަޓައިންމަންޓްގެ “ގޮށްރާޅު” ތާވަލުކޮށްފައިވަނީ މިއަހަރުގެ ޑިސެމްބަރު މަހަށެވެ. މިއީ އަހުމަދު ޝިނާން އެކަނި ޑައިރެކްޓްކުރާ ކްރައިމް ތުރިލާއެކެވެ. ލީޑް ކާސްޓަކީ ޖުމައްޔިލް (ޖުމަލް) ނިމާލާ އެވެ.

“ފިނިފެންމާ: ގައްދާރު ވީ ކާކު؟”:

ފިނިފެންމާ ލޯންޗްގައި އެއްޗެއް ގޮއްވައިލި ހާދިސާ އަށް އަލީ ސީޒަން ހަދަން ނިންމާފައިވާ “ފިނިފެންމާ: ގައްދާރު ވީ ކާކު؟” އަކީ ވެސް މި އަހަރު ފެންނާނެކަމަށް ބެލެވޭ ފިލްމެކެވެ.

“ފަރީ”:

އަންނަ މަހު ޝޫޓިން ފަށާ މި ފިލްމަކީ ވޯކިން ޓައިޓްލްއަކަށް “ފަރީ” ގެ ނަން ދީފައިވާ ފިލްމެކެވެ. މިއީ މަދޮށިޕް ގެ ފިލްމެކެވެ.

މީގެ އިތުރުން މުހައްމަދު (ޓެޑްރީ) ނިޔާޒް އިއުލާން ކުރި “ލަސްވިޔަސް” އާއި މުހައްމަދު ފައިސަލް ޑައިިރެކްޓް ކުރާ “ހައްޔަރު”، އަލީ ޝަޒްލީމް ޑައިރެކްޓް ކުރާ “ނަފުސު” އަދި ޔޫއްޕެ ޑައިރެކްޓް ކުރާ “ކަޅަކި” އަކީވެސް މިއަހަރު ނިކުތުން އެކަށީގެންވާ ފިލްމުތަކެކެވެ.

މީގެ އިތުރުން ނައިފަރު ޒުވާނުންތަކެއް ތައްޔާރުކޮށްފައިވަ ފިލްމު “މަރިޔަމް މާ” އަދި އަމްޖަދު (އަމްޖޭ) އިބްރާހީމްގެ “ގިލަން” ވެސް މި އަހަރު ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.