ރާއްޖޭގެ ލިޖެންޑް އެކްޓްރެސް ‘މަރިޔަމް ރަޝީދާ’ އާއިއެކު ދިވެހިފިލްމު ‘އިތުބާރު’ ގެ ސީން އެއް މަޝްހޫރު ކޮމީޑިއަން އަދި މޮޅު އެކްޓަރ ޝާޒް (ތަޖޫބެ) ކުޅެފި އެވެ. ފިލްމު އިތުބާރުގައި މަރިޔަމް ރަޝީދާ (ލަތީފާ) ގެ ދޮންމަންމަގެ ބައި ކުޅެފައިވާ ހާޖަރާ ގެ ޑައިލޮގުތައް ވަރަށް ކުޅަދާނަ ކަމާއެކު ޝާޒްގެ އަޑު ހާޖަރާގެ އަޑަށް ބަދަލުކޮށް މިމިކް ކޮށްގެން ލަތީފާ އާއި ދިމާއަށް ދޮންމަންމަ ބަވާލާ މަންޒަރު ކުޅެމުން ދިޔައިރު މަރިޔަމް ރަޝީދާ ވެސް ހުރީ ލަތީފާގެ ކެރެކްޓަރ ތެރެއަށް ވަރަށް ރަނގަޅަށް ވަދެފައެވެ.

ޝާޒް ގެ ކުޅަދާނަ އެކްޓިން އާއިއެކު ހާޖަރާގެ ޑައިލޮގު ޖައްސައިގެން ލިޖެންޑް އެކްޓްރެސް މަރިޔަމް ރަޝީދާ އާއިއެކުގައި ޝާޒް ކުޅެފައިވާ ވީޑިއޯކޮޅު ވަނީ އޭނާގެ ފޭސްބްކް ގައި އާއްމުކޮށްފައެވެ. ޝާޒް ގެ އިތުރުން ދިވެހި ފިލްމީ ތަރި މުޙައްމަދު މަނިކް (މަނިކް) ވެސް މަރިޔަމް ރަޝީދާ އާއިއެކުގައި ނަގާފައިވާ ބައެއް ފޮޓޯތައް އާއްމުކޮށްފައި ހުއްޓެވެ. މި ފޮޓޯތަކާއި ވީޑިއޯ އާއި ގުޅޭގޮތުން މުނިއަވަސް އަށް މަނިކް ބުނީ އައްޑުއަށް ކޮށްލެވޭ ކޮންމެ ދަތުރެއްގައި ލިޖެންޑް އެކްޓްރެސް މަރިޔަމް ރަޝީދާ އާއި ބައްދަލުކުރާ ކަމަށެވެ.

“އަހަރެމެން އައްޑު އަށް ކުރާ ކޮންމެ ދަތުރެއްގަ މަރިޔަމް ރަޝީދާ އާއި ބައްދަލުކުރަން. މިފަހަރު ވެސް އޮފީސް ދަތުރެއްގަ ގޮސްފަ ހަމަ ކަމާކަންފަށާ ބައްދަލުކޮށްލަން ދިޔައީ. ނަމަވެސް މިފަހަރު މި ބައްދަލުކޮށްލެވުނީ 12 އަހަރު ފަހުން.” މަރިޔަމް ރަޝީދާ އާއި އެކުގައި މަނިކް އަދި ޝާޒް ގެ ބައްދަލުވުން މުނިއަވަސް އާއި ހިއްސާކުރަމުން މަނިކް ބުންޏެވެ.

މަރިޔަމް ރަޝީދާއި އާއި އެކުގައި ޝާޒް އަދި މަނިކް ގެ އިތުރުން މަރިޔަމްގެ ދޮށީ ދަރިފުޅު ފޮޓޯ: ޝާޒް

މަނިކް އަށް މަރިޔަމް ރަޝީދާ އާއި ކުރިން ބައްދަލުކުރެވިފައި ވިޔަސް މި ބައްދަލުވުން އެންމެ ޚާއްޞަވެގެން ދިޔައީ މިއީ އަޙްމަދު ޝާޒް އަށް މަރިޔަމް ރަޝީދާ އާއި ބައްދަލުކޮށްލެވުނު އެންމެ ފުރަތަމަ ފަހަރު ކަމަށްވުމުންނެވެ. މަރިޔަމް ރަޝީދާ އާއި ބައްދަލުކޮށްލެވުމުން ވަރަށް ހިތްހަމަޖެހިފައި ހުރި ޝާޒް މުނިއަވަސް އަށް ބުނީ މިއީ ވަރަށް ގިނަދުވަސް ވާންދެން ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ވުން ކަމަށެވެ.

“އައްޑު އަށް ދެވުނީމަ ކޮންމެހެން މީޓްކޮށްލީ. މިއީ އަލަށް ބައްދަލުވި ފަހަރު. މަރިޔަމް ރަޝީދާ ފިލްމުކުޅުނު އިރު އަހަރެން އުޅެނީ ސްކޫލްގަ. އޭރު މާލޭގެ މަގުމަތިން ފެނޭ. އެދުވަސްވަރު މާލޭގެ މަގުމަތިން ސައިޑް ބޭގް އަޅައިގެން އުޅޭ މީހަކަށް ފެންނާނީ ހަމައެކަނި މަރިޔަމް ރަޝީދާ.” އެދުވަސްވަރުގެ ހަނދާންތައް ގެންނަމުން ޝާޒް ބުންޏެވެ.

މަރިޔަމް ރަޝީދާ އާއި އެކުގައި ޝާޒް – ފޮޓޯ: ޝާޒް

“އަސްލު ވަރަށް ރީތި އަންހެނެއް އެއީ. އުމުރާ އަޅާ ބަލާއިރު އޭޖް ނުވެހުރި ރީތި އަންހެނެއް. އޭނަގެ ސްމައިލްވެސް ވަރަށް ރީތި. ދެން އެއްގޮތަކަށްވެސް އަހަރުމެންނަކީ އަލަށް ދިމާވި ބައެއްގެ އިހްސާސެއް ނުވޭ. ވަރަށް ކްލޯޒް ކޮށް ފެނުނީ.” ރާއްޖޭގެ ލިޖެންޑް އެކްޓްރެސް މަރިޔަމް ރަޝީދާ އާއި ބައްދަލުކޮށްލެވުމުން ކުރެވުނީ ކޮންކަހަލަ އިޙްސާސެއްތޯ އަހައިލުމުން ޝާޒް ބުންޏެވެ.

ޝާޒް އިތުރަށް ބުނީ މިއީ އޭނާ ވަރަށް ކުރިންފެށިގެންވެސް ދެކެމުން އައި ހުވަފެނެއް ކަމަށާއި ތިރީސް އެތައް އަހަރެއްގެ އިންތިޒާރެއްގެ ނިމުން ކަމަށްވެސް ޝާޒް ސިފަކުރިއެވެ. އެހެންކަމުން މިއީ މަރިޔަމް ރަޝީދާ އަށް ކުރާ ރެސްޕެކްޓް (އިޙްތިރާމު) ގައި ކުރި ޒިޔާރަތެއް ކަމަށާއި ކޮންމެވެސް ދުވަހަކުން މަރިޔަމް ރަޝީދާ އާއިއެކުގައި އެކްޓް ކޮށްލުމަކީ ވެސް ދެކެމުން އައި ހުވަފެނެއް ކަމަށް ޝާޒް ބުންޏެވެ.

“އެހެންވެ އަސްލު އެ ޑައިލޮގު ޖައްސައިގެން އެކްޓްކޮށްލީ އޭނައަށް ކުރާ ރެސްޕެކްޓްގަ.” ޝާޒް ބުންޏެވެ.

ޝާޒް އަދި މަނިކް ގެ މިދަތުރުގައި މަރިޔަމް ރަޝީދާ އާއި އެކުގައި ނަގާފައިވާ ފޮޓޯތަކުން މަރިޔަމް ރަޝީދާގެ ދޮށީ ފިރިހެން ދަރިފުޅާއި އެކުގައި ނަގާފައިހުރި ފޮޓޯއެއްވެސް ޝާޒް ވަނީ އާއްމުކޮށްފަ އެވެ.

އައްޑިހަ އާއި ނުވަދިހައިގެ އަހަރުތަކުގައި ނިކުތް ދިވެހި ފިލްމު ތަކުގެ ތެރެއިން ގިނަ ފިލްމު ތަކެއްގައި ލީޑް ރޯލް ކުޅެފައިވަނީ މަރިޔަމް ރަޝީދާ އެވެ. ހާއްސަކޮށް މުހައްމަދު ރަޝީދު (ދަރާ) އާ އެއްކޮށް އޭނާ ކުޅުނު ފިލްމްތައް މަތިން ބެލުންތެރިން އަދިވެސް ހަނދާން ހުންނާނެ އެވެ. އެދުވަސްވަރުގެ ދިވެހި ފިލްމު އޯޑިއަންސަށް ‘ދިވެހި ފިލްމު އިތުބާރުން ލަތީފާ’ ނުވަތަ ‘ދިވެހި ފިލްމު ލޭކަރުނައިން  ޒައިނާ’ ގެ ނަމުން މަޝްހޫރު ވެފައިވާ މަރިޔަމް ރަޝީދާ އަކީ އައްޑު އަތޮޅު މަރަދު އަށް އުފަން ފަންނާނެކެވެ. ‘ލޭކަރުނަ’، ‘ހާލި’ އަދި ‘އިތުބާރު’ މިއީ މަރިޔަމް ރަޝީދާ ކުޅެފައިވާ ފާހަގަކޮށްލެވޭ ބައެއް ފިލްމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.