މިއީ ‘އިސްޓޮރިއާ ދެ އުން އަމޯރް’ (ލޯބީގެ ވާހަކައެއް) މި ލަވައިގެ ދިވެހި ތަރުޖަމާއެކެވެ. މިލަވައަކީ ޕެނަމާގެ ކާރްލޯސް އެލީޓާ އަލްމަރާން އޭ ކިއުނު މީހަކު އޭނާގެ ލޯބިވެރިޔާއާއި ކައިވެނިކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން އެ ލޯބިވެރިޔާ މަރުވުމުން، އޭނާގެ ހަނދާނުގައި ހެދިފައިވާ ލަވައެކެވެ. ބުނެވޭ ގޮތުގައި މި ލަވައަކީ އިސްޕޭނުބަހުގެ އެންމެ މަޝްހޫރު، އަދި އެތައް ފަންނާނުންނެއް ކިޔައިފައިވާ ލަވަތަކުގެތެރޭގައި ގުނާލެވޭ ލަވައެކެވެ. މި ހުށަހަޅާލުމަކީ މެކްސިކޯގެ އެނާ ގެބްރިލްގެ ކިއުމެވެ.

 

ލަވަ ބިނާވެފައިވަނީ މަރުވެދިޔަ ލޯބިވެރިޔާއާއި މުޚާތަބުކޮށް، އޭނާއަށް ކިޔައިދޭ ވާހަކަތަކެއްގެ ސިފައިގައެވެ. ލަވަ ފެށެނީ އޭނާއާއި މުޚާތަބުކޮށް، ލޯބިވެރިޔާއަކީ ރާވީގެ (ނެރޭޓަރުގެ) ‘ހިތް’  (ކޮރަޒޯން) ކަމުގައި ބުނެ، އޭނާ ނެތްކަން ފާހަގަކުރަމުންނެވެ. އަދި އެކަމުގެ ސަބަބުން ރާވީއަށް ކޮށްފައިވާ އަސަރު ބަޔާންކޮށްދެމުންނެވެ. އޭނާގެ ‘ހިތް’ މިއަދު ދުނިޔޭގައި ނެތުމުން ރާވީ ވަނީ މުޅިން އެކަނިވެރިވެފައެވެ. އޭނާގެ ދުނިޔެއޮތީ އަނދިރިވެފައެވެ. އޭނާގެ ލޯބިވެރިޔާ އާއި އެހާ އަވަހަށް ވަކިވާން ޖެހުން، ތަގުދީރުގައި ލިޔެވިފައި އޮތްކަމަށް ވާއިރު، ރާވީގެ ހިތުގައި އޭނާގެ ލޯބިވެރިޔާގެ މައްޗަށް ލޯބިޖެހެން އިރާދަކުރެއްވީ ކީއްވެގެން ބާވައޭ، ރާވީ އޭނާގެ ހިތާ ސުވާލުކުރެއެވެ. އޭނާއަށް އިތުރު ވޭން ލިބިދިނުމަށްޓަކައި ބާވައެވެ! އެ ސުވާލަށް ޖަވާބު ދެމުން ރާވީ މިހެން ބުނެއެވެ. އާދެ، މިކަމުން، ހާމަވެގެންދަނީ ރާވީގެ ލޯބިވެރިޔާ މަރުވެދިޔުމުން، އޭނާއަށް ކޮށްފައިވާ ފުން އަސަރެވެ. އޭނާ ބަރުދާސްތުކުރަމުންދާ ހިތި ހިތާމައެވެ.

 

ލޯބިވެރިޔާއާއި ދައްކަމުންދާ ވާހަކަތައް ކުރިއަށް ގެންދަމުން، ރާވީ ދެން ފާހަގަކޮށް ބުނެދެނީ، ރާވީގެ ހަޔާތުގައި އޭނާގެ ލޯބިވެރިޔާއަށް ދެވިފައިވާ ޚާއްސަ މަގާމެވެ. ރާވީ ބަޔާންކުރާގޮތުގައި، އޭނާ ދިރިހުރުމުގެ ސަބަބަކީ އޭނާގެ ލޯބިވެރިޔާއެވެ. އޭނާއަކީ ރާވީއަށް އެހާވެސް މުހިއްމު މީހެކެވެ. އަދި ރާވީ، އޭނާގެ ލޯބިވެރިޔާދެކެ އިންތިހާ ދަރަޖައަށް، އާދެ، އަޅުކަންކުރާހާ ވަރަށްވެސް، ލޯބިވާކަން ބުނެ އިއްވައެވެ. އެހެން ނުވާނީވެސް ކީއްވެތޯއެވެ؟ އެ ލޯތްބަކީ އޭނާގެ ހިތުގެ ޖަޒުބާތުތައް ހިލުވާލައި، އޭނާއަށް ދިރުންދޭ ވަރުގަދަ ބާރެވެ. އެއީ އެފަދަ ދެވަނަ މިސާލެއް ނުވާ، ސާފު ތާހިރު ލޯތްބެކެވެ. އުފަލާއި ހިތާމައަކީ ކޮބައިކަން އޭނާއަށް ދަސްކޮށްދިން ލޯތްބެވެ. އެ ލޯބި ހާސިލުވުމުން އޭނާއަށް އުފަލާއި އަރާމު ލިބުނެވެ. އެ ހަމަޖެހުމާއި ބާއްޖަވެރިކަން އޭނާގެ ހަޔާތަށް ގެނެސްދިނެވެ.  އެ ލޯބިން މަހުރޫމުވުމުން، އޭނާގެ ދުނިޔެ އަނދިރިވެ، އޭނާއަށް ހިތާމަތައް މެދުވެރިވިއެވެ. އޭނާގެ ހަޔާތުގެ ހަމަޖެހުން ގެއްލި، އޭނާގެ ހަޔާތް އަބާއްޖަވެރިވެގެން ދިޔައެވެ. އޭނާގެ ލޯބިވެރިޔާގެ މަރުވި ރޭ ސިފަކޮށްދީފައިވާ ގޮތުގެ މައްޗަށް ބަލާލުމުން މިކަން ދޭހަވެގެން ދެއެވެ. އާދެ، އޭނާ ބަޔާންކުރާގޮތުގައި، އެ ރެއަކީ، އޭނާގެ ހަޔާތުގެ މަގުތައް އަލިކޮށްދީ، އޭނާއަށް މަގުދައްކައިދޭ، އަލިގަދަ ދަންމަރު ނިވިގެން ދިޔަ ރެއެވެ. އޭނާގެ ދުނިޔަވީ ހަޔާތުގެ އުޑުގައި ބޯ، ކަޅު ވިލާތައް ނަގައި، އޭނާގެ ދުނިޔެ މުޅިން އަނދިރިކޮށްލި ރެއެވެ. އަދި، އެހެންވެ، ދުނިޔޭގައި އޭނާއަށް ދިރިހުރުން އުނދަގޫވެގެން ދިޔަ ރޭ ވެސް މެއެވެ.

މިލަވަ، ދިވެހި ތަރުޖަމާއާއިއެކު ބައްލަވައިލައްވާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު
ޑރ. ޢަބްދުލްޣަފޫރު އަބްދުއްރަޙީމު އަކީ ލިޔުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. ބައެއް ނޫސް މަޖައްލާތަކަށް ލިޔެ އުޅުއްވައެވެ. އަދި މީގެ އިތުރުން، ތަރުޖަމާގެ މަސައްކަތްވެސް ކުރައްވައެވެ. އޭނާގެ ތަރުޖަމާގެ މަސައްކަތުގެ ތެރޭގައި ލަވަ ތަރުޖަމާ ކުރުން ހިމެނެއެވެ.