މިދިޔަ ޖޫން މަހުގެ 27 ވީ ބުދަ ދުވަހު ސާބިޔާ އަތުން ދެ ލަނޑު ސުންލަނޑުން ބްރެޒިލް މޮޅުވުމުން ސަޕޯޓަރުން އުފަލުންގޮސް ލައްކަ މަޖާނެގި އެވެ. އެހެންނަމަވެސް ބައެއް ސަޕޯޓަރުންނަށް އެ އުފާވެރިކަން ދުށުމުގެ ފުރުޞަތު ލިބުނީ ކުޑަވަގުތުކޮޅަކަށެވެ.

 

މިހާރު ކުޅެވެމުންދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުން ބްރެޒިލް މޮޅުވުމުން ޓަމްރާ މައިއޮޗީ އޭނާގެ ރައްޓެހިންނާއި އެކު ‘ވައިން’ ތައްޓެއް ހިފައިގެން ލިބުނު މޮޅުގެ ކާމިޔާބީ ފާހަގަކުރަމުން ދަނިކޮށް ދިމާވި އެކްސިޑެންޓެއްގައި ޓަމްރާ މައިއޮޗީ މަރުވީ ހުރިހައި ރައްޓެހިންގެ ކުރިމަތީގައެވެ.

 

އުމުރުން 30 އަހަރުގެ ޓަމްރާ މައިއޮޗީ މެޗް މެޗްބަލަން އިނީ ބްރެޒިލްގެ ސައޯ ޕޯލޯ ގެ ސްޓޭޓެއް ކަމަށްވާ އިޓަޓިބާ ގައި ރައްޓެއްސެއްގެ ގޭގައެވެ. ޓަމްރާ ގެ މަރާއި ބެހޭގޮތުން ފުލުހުން ބުނީ ޓަމްރާ އިނީ އެއް އަތުން ފޯނު ހިފައިގެން އަނެއް އަތުން ބިއްލޫރި ތައްޓަކަށް ވައިން އަޅައިގެން އެތިފޮދުފޮދުން ވައިން ބޯށެވެ. އެހެން އިނދެފައި ކުޅެވެމުންދިޔަ މެޗް ނިމުނުކަން އެންގުމަށް ރެފްރީ ކަށިގަނޑު ފުމެލުމާއެކު ހުރިހައި ރައްޓެހިން އެކުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން މަޖާ ނެގުމަށް ކޮޅަށް ތެދުވި އެވެ. ޓަމްރާ މައިއޮޗީ ތެދުވި ވަގުތު ބެލެންސް ކަޓައިގެން ވެއްޓެންދިޔައެވެ. ކައިރީގައި ހުރި ކޮފީމޭޒެއްގައި ހިފަހައްޓަން އުޅުނު ނަމަވެސް އެކަން ކާމިޔާބުނުވެ ޓަމްރާ ވެއްޓުނީ އަތުން ދޫވެ ތަޅުންމައްޗަށް ވެއްޓުނު ވައިން ތަށި މައްޗަށެވެ. ތަޅައިގެންގޮސްފައި އޮތް ތަށީގެ ބިއްލޫރިގަނޑެއް ހެރުނީ އޭނާގެ ކަރަށެވެ. ތޮރުފިގެން ދިޔައީ ޖެގިއުލަރ ވެއިން (ކަރު ތެރޭގައި ހުންނަ ލޭދައުރުކުރާ ލޭހޮޅިތަކުން ހޮޅިއެއް) އެކެވެ.

 

ޓަމްރާ މައިއޮޗީ ގެ ކަރުން ދުނިޖަހާފައި އޮހޮރެމުންދިޔަ ލޭ މަނާކުރުމަށް އޭނާގެ ރައްޓެހިން ތުވާއެއްޔެއް އައްސައިގެން މަސައްކަތްކުރި އެވެ. އެހެން ނަމަވެސް އިމަޖެންސީ ޚިދުމަތްދޭ ފަރާތްތައް އެގެއަށް ދިޔައިރު ޓަމްރާ މައިއޮޗީ އޮތީ މަރުވެފައެވެ.

 

ފުލުހުންގެ ޗީފް ލުސިއާނޯ ކާނެއިރޯ ޑި ޕައިވާ ބުނީ ޓަމްރާ މައިއޮޗީ ގެ މަރުގެ ތަހްޤީޤެއް ފަށާފައިވާ ކަމަށާއި އެހެން ނަމަވެސް އެ މަރުގެ ހުރިހައި ކަމެއްވެސް ހެކިދެނީ އެއީ އެކްސިޑެންޓަކުން ކުރިމަތިވި މަރެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.