ރޭހުރިތަކެތި (ލެފްޓްއޮވަރސް) ނުވަތަ ރޭގަނޑު ކެއުމަށް ތައްޔާރުކުރެވޭ ތަކެތީގެ ތެރެއިން ބޭނުން ނުކުރެވި ނުވަތަ ހުސްނުކުރެވި އަނެއްދުވަހަށް ހުންނަ ތަކެއްޗަކީ ބައެއް މީހުން ކައިބޮއެ އުޅޭ ތަކެއްޗެވެ. ހަމަ އެގޮތަށް އިއްޔެ ކެއްކި އެއްޗެހި މިއަދުގެ ކެއުމަށްވެސް ބޭނުންކުރާ މީހުން މަދެއް ނޫނެނެވެ. އިއްޔެ މެންދުރަށް ކެއްކި ރިހަ، މިއަދު މެންދުރަށްވެސް ހުރެއެވެ. ހުކުރު ދުވަހު މެންދުރަށް ތައްޔާރުކުރާ ކުކުޅު ރިހަގަނޑުގައި ހުސްނުކުރެވި ހުންނަ ބައި ޖެހިގެން އަންނަ ދުވަހު ބޭނުންކުރެއެވެ. އިއްޔެ ކެއްކި ބަތް މިއަދުވެސް ބޭނުންކުރާ މީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. ޚާއްޞަކޮށް ބަންގްލާދޭޝް އަށް ނިސްބަތްވާ ބައެއް ފަރާތްތަކުން މިފަދަ ބަތް އާދަވެ ބޭނުންކުރެއެވެ.
ދެވަނަ ފަހަރަށް ހޫނުކޮށްގެން ކެއުން އެކަށީގެންނުވާ ބައެއް ކާބޯތަކެތި ހުރެއެވެ. އެގޮތަށް ހޫނުކޮށްގެން ބައެއް ކާބޯތަކެތި ބޭނުންކުރުމުން ލިބޭ ފައިދާއަށްވުރެން ލިބޭ ގެއްލުން މާބޮޑެވެ. އެހެންކަމުން މި ގެނެސްދޭ ކާބޯތަކެތީގެ ހަތަރު ބާވަތް ހޫނުކޮށްގެން ބޭނުން ނުކުރާށެވެ. ޚާއްޞަކޮށް 4 ވަނަ އަށް ހުށައަޅާލާ އައިޓަމެވެ.
ތަރުކާރީ
ރަނގަޅަށް ތަރުކާރީ ރައްކާތެރި ނުކުރެވުން ނުވަތަ އަލުން ހޫނުކޮށްގެން ކެއުމަކީ ހަމައެކަނި އާދައިގެ ނުރައްކާތެރި ކަމަކީއެއް ނޫނެވެ. ބައެއް ފަހަރަށް އެއީ ފުރާނައަށް ނުރައްކާތެރި އެއްޗެއްވެސް މެއެވެ. އެމެރިކާގެ ސެންޓަރ ފޯރ ފުޑް ސޭފްޓީން ބުނާގޮތުން ފަހަށް ބަހައްޓާ ތަރުކާރީ ރައްކާކޮށްފައި ހުންނަން ޖެހޭނީ މައިނަސް 4 ޑިގްރީ ސެލްސިއަސް (-4 C) ގައެވެ. ވަރަށް ދިގުމުއްތަކަށް ތަރުކާރީ ބަހައްޓަން ބޭނުންނަމަ ގަނޑުކޮށްފައި ބަހައްޓާށެވެ. ސްޕިނޭޗް، ބީޓްރޫޓް ގެ ބާވަތްތައް، ލެޓިއުސް އަދި ސެލިރީ އަކީ އޭގައި ނައިޓްރޭޓްސް ގެ މިންވަރު މަތީ އަދަދަކަށް ހުންނަ ތަރުކާރީ ތަކެކެވެ. އާދައިގެ ކޮޓަރި ފިނިހޫނުމިނުގައި އެފަދަ ތަރުކާރީތައް ބެހެއްޓުމުން އޭގައި އެކުލެވޭ ނައިޓްރޭސް ގެ މިންވަރު އިތުރުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން އެތަކެއް ގިނަގުނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ދިސާރާތައް ދައްކާގޮތުން، ނައިޓްރޭޓްސް ގެ ސަބަބުން ތުއްތުކުދިންނަށް މެތީމޯގްލޯބީނީމިއާ methaemoglobinaemia (ލޭގައި މެތީމޯގްލޯޯބިން ނުވަތަ އޮކްސިޑައިޒް ވެފައި ހުންނަ ހިމޮގްލޯޯބިން (ރަތަނަ) ހުރުން) މެދުވެރި ކުރުވައެވެ. މިއީ ލެއަށް ވަރަށް މަދުން ޖެހޭ ބައްޔެކެވެ. މިކަމުގެ ސަބަބުން ވެއްޓޭބަލި (ޝީޒަރ)، ނޭވާކުރުވުން އަދި ފެޓީގް ނުވަތަ ވަރުބަލިވުން ހިމެނެއެވެ.
ތަރުކާރީ ތެޔޮ
ކުކިންއޮއިލް ނުވަތަ ކެއްކުމާއި ތެލުލުމަށް ބޭނުންކުރާ ތެޔޮ، އެއް ފަހަރަށް ވުރެން ގިނަ ފަހަރަށް ހަމަ އެއް ތެޔޮފޮދެއް ބޭނުންކުރުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމުކަމެކެވެ. މަސް ތެލުލާފައި ހުންނަ ތެލުން ޕާޕަރު ތެލުލުން ނުވަތަ މިރުސް ތެލުލުން ފަދަ ކަންކަމަކީ ހަމަ އާއްމު ކަމެކެވެ. އެއްފަހަރު ހެދިކާ ތެލުލާ ތެލުން އެތައް ފަހަރަކު ހެދިކާ ތެލުލައެވެ. ރާއްޖޭގެ ސައިހޮޓާތަކާއި ހެދިކާ ހަދާ ތަންތަނުން ހަދާ ހެދިކާތަކުގެ 99 އިންސައްތަ އަކީ މިފަދަ ތެލުން ތެލުލާފައި ހުންނަ ހެދިކާ ކަމަށް އެއްވެސް ދިރާސާ އެއް ނެތިވެސް ބުނަން ކެރިދާނެ އެވެ.
މީގެ އިތުރުން ތެލުލާފައި ހުންނަ ތަކެތި އަލުން ތެލުލައިގެން ބޭނުންކުރުމަކީ ހިތުގެ ބަލިތައްޖެހުން، ސްޓްރޯކް އަދި ކެންސަރު ޖެހުން އިތުރުވުމުގެ ފުރުޞަތު ބޮޑުކަމެކެވެ. ވަރަށް ފަހުން ކޮށްފައިވާ ދިރާސާއެއް ބުނާގޮތުން ކުކިން އޮއިލްފަދަ ޕޮލީއަންސެޗޫރޭޓެޑް ތެޔޮ އަލުން ހޫނުކުރުމުން އޭގައި ހުންނަ ލިނޮލިއެކް އެސިޑް linoleic acid (ސަންފްލާވަރ އޮއިލް، ކެނޯލާ އަދި ކޯން އޮއިލް) އިން ވިހަ މާއްދާއެއް ކަމަށްވާ 4ހައިޑްރޯކްސީ-ޓްރާންސް-2-ނޮނަލް (އެޗްއެންއީ) 4-hydroxy-trans-2-nonenal (HNE) ބޭރުކޮށްދެ އެވެ. މިއީ ފެޓީ އެސިޑްސް އިން އުފައްދައިދޭ ސިއްޙަތަށް ގެއްލުންހުރި ވިހައެކެވެ. މި ވިހަ މާއްދާ އަކީ ހިތުގެ ބަލިތަކާއި ފުރަމޭ (ލިވަރ) ގެ މައްސަލަތައް، އެލްޒީމަރސް ހަންޓިންގޓަންސް އާއި ބައެއް ވައްތަރުގެ ކެންސަރުތައް ޖެހުމަށް މަގުފަހިކޮށްދޭ އެއްޗެކެވެ. ތަރުކާރީ ތެލަކީ ނުވަތަ ކައްކާތެލުގެ ބާވަތްތަކަކީ އެއްފަހަރު ބޭނުންކުރުމަށް އެކަށީގެންވާގޮތަށް ތައްޔާރުކޮށްފައި ހުންނަ ތެލެކެވެ. އެހެންކަމުން މިއީ އެތައް ފަހަރަކު އެއްޗެހި ތެލުލަށް ބޭނުންކޮށްގެންވާނެ ތެލެއް ނޫނެވެ.
ކުކުޅު
ކުކުޅު މަހަކީ އޭގައި ޕްރޮޓީންގެ ބައި ގިނަ ޢަދަދަކަށް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން ދެވަނަ ފަހަރަށް ކުކުޅު ކެއްކުމުން ނުވަތަ ހޫނު ކުރުމުން އޭގައި އެކުލެވޭ ޕްރޮޓީންގެ ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ) އަށް ބަދަލުތަކެއް އައިސް މާ ނުރައްކާތެރި މާއްދާއަކަށް ބަދަލުވެއެވެ. މީގެ އިތުރުން ކައްކާފައި ހުންނަ ކުކުޅު މަހަކީ 2 ދުވަހަށް ވުރެން ގިނަ ދުވަހު ބޭނުންކުރަން އެއްގޮތަކަށްވެސް ރަނގަޅު އެއްޗެއް ނޫނެވެ.
ބަތް
ބަތަކީ ވަރަށް ރަނގަޅަށް ކައްކައިގެން ކާން ޖެހޭ އެއްޗެއް ކަމަށް އެމެރިކާގެ ފުޑް ސްޓޭންޑަރޑް އެޖެންސީ އިން ބުނެއެވެ. އެހެނީ ރޯ ހަނޑުލުގައި ހުންނަ ކުދިކުދި ލޯވަޅުތަކުގައި ނުރައްކާތެރި ބެކްޓީރިއާ ހުރެއެވެ. އެހެންކަމުން ކައްކާފައި ހުންނަ ބަތް އާދައިގެ ފިނިހޫނުމިނުގައި ބެހެއްޓުމުން ކުރިން މި އިޝާރާތްކުރި ފަދަ ބެކްޓީރީއާތައް ދެގުނައަށް އިތުރުކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ކާނާ ހަޖަމުކުރުމުގައި އެތަކެއް މައްސަލަތަކަކާއި ކުރިމަތިލާން ޖެހެއެވެ. ދެވަނަ ފަހަރަށް ބަތް ހޫނުކުރުމުން ވެސް ބެކްޓީރީތައް ހުރެއެވެ. އެހެންކަމުން ބަތަކީ އެ ކައްކާ ފަހަރެއްގައި ތާޒާކޮށް ހުއްޓާ ކެއުން ބުއްދިވެރި ކާނާއެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!