ފިލްމީ ދާއިރާގެ ސްކްރީނުން ނިޢުމާ މުޙައްމަދު ނިވައިވުމުގެ ކުރިން ގެނެސްދޭ “ނިވައިރޯޅި” ގެ ޝޫޓިން ބަލައިލަން ނިޢުމާ ބުނިގޮތަށް އޭނާގެ އެންމެ ބޮޑު ފޭން އަށް ފުރުޞަތު ދީފިއެވެ. ނިޢުމާގެ އެންމެ ބޮޑު ފޭން މިވަގުތު ހުރީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ރަށުގައި ފިލްމުގެ ޝޫޓިން ކުރިއަށްދާ މަންޒަރު ބަލާށެވެ.
ނިޢުމާގެ ހުރިހައި ފިލްމުތަކާއި ޑްރާމަތަކާއި ލަވަތައް ބަލައި، އޭނާއަށް ލޯބިކުރާ އެތައް ފޭނުންނެއް ދިވެހި ފިލްމީ ފަންނާނުންނަށް ލޯބިކުރާ މީހުންގެ ތެރޭގައި ތިބޭނެކަން ޔަޤީނެވެ. އެހެންނަމަވެސް އެ ހުރިހައި އެންމެންގެ ތެރެއިންވެސް އެއްވަނައިގައި ކޮންމެވެސް މީހަކު ހުންނާނެތާއެވެ. އެއީ އުމުރުން އެންމެ 13 އަހަރުން ފެށިގެން ނިއުމާގެ ހުރިހާ ފިލްމުތަކެއް ބަލާ ފޭނެކެވެ. ޑްރާމާތަކާއި ލަވަތައްވެސް ބަލައެވެ. ނުވީތާކަށް އޭނާގެ އިންޓަވިއުތައް ބަރާބަރަށް އަޑުއަހައެވެ. ނޫސްތަކުން ނިޢުމާގެ ހުރިހައި ޚަބަރުތައްވެސް އަޑުއަހައި ކިޔާ ހަދައެވެ. އެކަން ނިޢުމާއަށް ވެސް އެނގެއެވެ. ނިޢުމާ އާ އޭނާ އާ އަލަށް ދިމާވީ ފިލްމު ‘ޔޫސުފް’ ކުޅުނު ފަހުންނެވެ. ނިޢުމާގެ އެންމެ ބޮޑު ފޭން އަކީ މިއަދު ނިޢުމާގެ ހާލުވެސް ގާތުން ބަލާ ރައްޓެއްސެއްވެސް މެއެވެ. އެއީ ނިއުމާގެ އެންމެ ބޮޑު ފޭން، ހުސައިން އަސްލަމް އެވެ.
ޖުލައި 05 ވަނަ ދުވަހު މެންދުރުފަހުގެ ވަގުތެއްގައި “ނިވައިރޯޅި” ގެ ޝޫޓިން ދައްކައިލުމަށް ނިޢުމާ ވަނީ ރ. އިނގުރައިދޫ އަށް އަސްލަމް ގެންގޮސްފައެވެ. މުނިއަވަސް އަށް މަޢުލޫމާތު ދެމުން ނިޢުމާ ބުނީ ތިން ދުވަސް ވާންދެން ފިލްމުގެ ޝޫޓިން ތެރޭގައި އަސްލަމް ހަރަކާތްތެރިވާނެ އެވެ. ނިޢުމާ ވަޢުދުވިގޮތަށް ފިލްމުގެ ޝޫޓިން ބަލައިލުމަށެވެ.
“….އަބަދުވެސް ރާއްޖޭގެ އަދި ބޮލީވުޑްގެ ފިލްމީ ޚަބަރުތައް އަޕްޑޭޓް ކޮށްލަކޮށްލާ ހުންނަނީ (އޮންލައިން ތަކުން ކިޔައިގެން). ދެން ހަމަ ކުއްލިއަކަށް ކުއްޖަކު ފޭސްބްކްން އަޅުގަނޑަށް ޓެގްކޮށްލާފަ އިން ނޮޓިފިކޭޝަނެއް ބަލައިލީ. ބަލާލިއިރު އިނީ ނިޢުމާގެ ސަޕްރައިޒް އެއްޗެއް އަވަސް (އަވަސް ޑޮޓް އެމްވީ) ގަ. ދެން އަޅުގަނޑަށް ނޭނގުނު ހަމަ ހުރެވުނު ތަންވެސް. ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް ވަރަށް އުފާވި. ހިއެއްވެސް ނުކުރަން ނިޢުމާގެ ފަރާތުން މިކަހަލަ ޗާންސެއް ލިބޭނެ ކަމަކަށް. މި ދެން އަޅުގަނޑު ލައިފްގަ ލިބުނު ހަމަ އެންމެ ބޮޑު ސަޕްރައިޒް އަސްލު. އެދުވަހު ހެނދުނު ދެން ހަމަ އަޅުގަނޑަށް ނިޢުމާ ގުޅާފަ ބުނި.”
“އެންމެ ފުރަތަމަ ނިޢުމާ އަޅުގަނޑަށް ގުޅި. އާޓިކަލް ޖެހުމުގެ ކުރިން ގުޅާފަ ބުނި އިންނާނޭ ސަޕްރައިޒް އެއް އޭތި އެކްސެޕްޓް ކުރައްޗޭ. އޭރުގަ ހިއެއް ނުކުރަން ނޫހުގަ ޖަހާފަ މިގޮތަށް މި ފުރުޞަތު ލިބޭނެ ކަމަކަށް.”
ވ. ފެލިދުއަށް އުފަން ހުސައިން އަސްލަމަށް “ނިވައިރޯޅި” ޝޫޓިން ބަލައިލަން ދާން ފުރުޞަތު ލިބުނު ކަން އެނގުނުގޮތް މުނިއަވަސް އާއި ހިއްސާކުރަމުން ބުންޏެވެ.
“ނިވައިރޯޅި” ޝޫޓިން ބަލައިލަން ދިއުމަށް އަސްލަމް އަށް ނިޢުމާ ފުރުޞަތު ދިނީ ބޮޑު ސަޕްރައިޒަކުންނެވެ. އެކަމާ އަސްލަމް ހުރީ ނުހަނު ބޮޑަށް އުފަލުންނެވެ.
ނިޢުމާގެ ފިލްމުތަކަށާއި ފިލްމީ ދާއިރާއަށް އަސްލަމް އެހާބޮޑަށް ޝައުޤުވެރިކަން ދެނީ ފިލްމު ކުޅޭހިތަކުން ނޫނެވެ. އަސްލަމް ބޭނުންވަނީ ނިޢުމާގެ ފޭން އެއްގެ ގޮތުގައި ހުންނާށެވެ.
މުނިއަވަސް އިން އަސްލަމް އާއި ވާހަކަދައްކައިލުމަށް ނިޢުމާ ފަހިކޮށްދިން ފުރުޞަތުގައި ނިޢުމާގެ ފޭން އެއްގެ ގޮތުން އަސްލަމް ގެ ޝައުޤުވެރިކަން ހުރިގޮތް ވެސް އޮޅުންފިލުވައިލީމެވެ.
“އަޅުގަނޑަކީ އެއްވެސް އިރެއްގަ ކެމެރާ ކުރިމައްޗަށް އެހާބޮޑަށް އަރަން ބޭނުންވާ މީހެއް ނޫން. ނިޢުމާ އާ އެއްކޮށް ފިލްމެއް ނުވަތަ ލަވައެއް ކުޅޭކަށްވެސް އަޅުގަނޑު އެހާ ބޭނުމެއް ނޫން. ފޭން އެއްގެ ގޮތުގަ ހުންނަން ބޭނުންވަނީ.” ނިޢުމާ އާއި އެކުގައި އެކްޓް ކޮށްލުމަށް ޝައުޤުވެރިވޭތޯ އަހައިލުމުން އަސްލަމް ޖަވާބުދިނެވެ.
“އަޅުގަނޑު އެއްވެސް ވަރަކަށް ޚިޔާލެއް ނުކުރަން ކެމެރާ ކުރިމަތީގަ މަސައްކަތް ކުރާކަށެއް. ދެން އަޅުގަނޑު ވަރަށް ކުޑައިރުގެވެސް ބޮޑު އުއްމީދެއް އަޅުގަނޑުގެ ވާހަކަ އަކަށް އަޅުގަނޑު ސްކްރީންޕްލޭ އެއް ތައްޔާރުކޮށްގެން ނިޢުމާ ލައްވާ ފިލްމު ކުޅުވަން އޭރު އުއްމީދު ކުރީ.” ނިޢުމާގެ އެންމެ ބޮޑު ފޭން އަސްލަމް ގެ އުއްމީދު ވަރަށް ތަފާތު ކަން އެނގުނެވެ. އަސްލަމް އަކީ ވާހަކަ ޑޮޓް އެމްވީ ގައި ވާހަކަ ލިޔަމުން އަންނަ ނަން ހިނގާ ލިޔުންތެރިއެއްކަން ވެސް މިހިސާބުން އެނގުނެވެ.
“ދެން މިހާރު ނިޢުމާ ސްކްރީން ކުރިމަތިން ގެއްލޭތީވެ ދެން އޮތް އެންމެ ބޮޑު އުއްމީދަކީ ނިޢުމާ ލައްވާ އަޅުގަނޑުގެ ވާހަކައަކަށް ފިލްމެއް ޑައިރެކްޓް ކުރުވުން.”
އަސްލަމް ލިޔުނު ވާހަކަތައް މިދިޔަ ރޯދަމަހު ވާހަކަ ޗެލެންޖުން ފެނިގެން ދިޔައިރު ވާހަކަ ޗެލެންޖް ގެ ތެރެއިން ވެސް އަސްލަމް ވަނީ ނިޢުމާ އަށް ޚާއްޞަކޮށްގެން ދެވާހަކަ އެއް ލިޔެފައެވެ.
“ޗެލެންޖުގެ ތެރެއިން ޢީދުގަ އިންނާނެ އަޅުގަނޑު އެންމެ ކުޑައިރުން ފެށިގެން ނިޢުމާ އަށް ތާއިރު ކުރަމުން އައި ހިސާބުން ފެށިގެން އަޅުގަނޑަށް ނިޢުމާގެ އެންމެ ބޮޑު ފޭން ގެ ލަގަބު ލިބުނު ހިސާބަށް ކަންކަން ހިމަނައިގެން އަޅުގަނޑު ލިޔެފަ އިން ވާހަކައެއް.” ނިޢުމާ އަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އަސްލަމް ލިޔުނު ވާހަކަ އާއިބެހޭ މަޢުލޫމާތު ދެމުން ބުންޏެވެ.
“އަދި އަންހެނުންގެ ދުވަހު ނިޢުމާ އަށް ސަޕްރައިޒެއް ދިނުމުގެ ގޮތުން އަޅުގަނޑު އިންނާނެ ‘ހީވާގި ރާނީ‘ ގެ ނަމުގަ ވާހަކަ އެއް ލިޔެލާފަ.” އަސްލަމް އަކީ ނިޢުމާގެ އެންމެ ބޮޑު ފޭންއަށް ވާއިރު އަސްލަމް ނިޢުމާ ސިފަކުރަނީ އޭނާގެ ރާނީގެ ގޮތުގައެވެ. ނަމޫނާ އަންހެނެއްގެ ގޮތުގައެވެ. އެކުރެވި ހިތްހެޔޮ ރައްޓެއްސެއްގެ ގޮތުގައެވެ.
ނިޢުމާގެ އެންމެ ބޮޑު ފޭން އަސްލަމް އެބުނާ ‘ހީވާގި ރާނީ‘ ގެ ތަންކޮޅެއް ކިޔައިލީ އެހާ މޮޅަށް ނިޢުމާގެ ޙަޔާތުގެ ޞަފްޙާތައް ސިފަކޮށްފައި ހުރެދާނެ ކަމަށް ކުޑަކޮށްވެސް ހީކޮށްގެނެއް ނޫނެވެ.
“އަސްލަމްއަކީ އަހަންނަ ވަރަށް ސަފޯޓްކުރާ އަދި ވަރަށް ހިތްވަރުވެސްދޭ ކުއްޖެއް. އަހަރެން ހުރިހާ ފިލްމުތަކެއްވެސް އޭނަ ހުރީ ބަލާފަ. އަހަރެން އެންމެފަހު ފިލްމު “ނިވައިރޯޅި” ބަލާލުމަށް ވެސް އޭނާ އެބައިން އެއް ޝޯ އެއްކޮށް ބުކްކޮށްފަ.” އަސްލަމް އަކީ ނިޢުމާގެ ކިހާވަރެއްގެ ބޮޑު ފޭން އެއްކަން ނިޢުމާ ބުނެދިނެވެ.
“ނިވައިރޯޅި” ގެ ޝޫޓިން މިވަގުތު ކުރިއަށްދަނީ ރ. އިނގުރައިދޫގަ އެވެ. ނިޢުމާގެ އެންމެ ބޮޑު ފޭން ވެސް މިވަގުތު ހުރީ ޝޫޓިން ކުރިއަށްދާއިރު އެ މަންޒަރުތައް ބަލަން ވަރަށް އުފަލުންނެވެ.
“މިއީ އަޅުގަނޑު ދުވަހަކުވެސް އުއްމީދުވެސް ކުރިކަމެއް ނޫން. ދެން އަޅުގަނޑަށް ނިޢުމާ މި ފުރުޞަތު ދިން ހިސާބުން ފެށިގެން އަޅުގަނޑު މިތަނަށް އަންނަން ދެން ނިޢުމާ އެ ބެހެއްޓި އޯގާތެރިކަމާ ލޯތްބާ އަދި މިހާރުވެސް ލިބެމުންދާ އޯގާތެރިކަމާ ލޯތްބާ ހަމަ އަޅުގަނޑު ހިތުގެ އެންމެ އަޑިން ނިޢުމާ އަށް ވަރަށް ލޯތްބާއެކު ޝުކުރު އަދާކުރަން ބޭނުން.” މި ފުރުޞަތު ލިބުމުން އުފަލުން ހުރި އަސްލަމް ބުންޏެވެ.
“ޝޫޓިން ބަލައިލަން ފުރުޞަތު ލިބުން މީ އަސްލު މުޅިން އާ އެކްސްޕީރިއަންސެއް މިކުރެވުނީ. މިހާ ކައިރިން މިފުރުޞަތު ލިބުނީމަ އަޅުގަނޑު ހިތަށް އަރަނީ އެކްޓްރެސް އެއްގެ މަޤާމުގަ ނިޢުމާ 25 އަހަރު ހޭދަކުރީ ހާދަ ކެތްގަދަ އަންހެނެކޭ އަޅުގަނޑު ބުނާނީ. ފިލްމީ ދާއިރާގެ ‘މަންމަ’ ނުވަތަ ‘ރާނީ’ ގެ ގޮތުގަ އަޅުގަނޑަށް ނިޢުމާ ސިފަވަނީ.” އަސްލަމް ގެ އުފާވެރިކަން ހުރި މިންވަރު އަސްލަމްގެ އަޑުން ކިތަންމެ ހާވެސް ރަނގަޅަށް އެނގުނެވެ.
“ނިވައިރޯޅި” ގެ ޝޫޓިން ފެށީ މި މަހު 17 ގަ އެވެ. ފިލްމުގެ ޝޫޓިންނަށް 25 ދުވަސް ހޭދަވާނެ ކަމަށް ނިޢުމާ ބުނެއެވެ.
ވަދާއީ ފިލްމެއްގެ ގޮތުގައި “ނިވައިރޯޅި” ގެނެސްދޭނެކަން ނިއުމާ އިއުލާނުކުރީ ފިލްމީ ދާއިރާގައި އޭނާ ހަރަކާތްތެރިވާތާ 20 އަހަރު ފުރުން ފާހަގަކުރުމަށް “ސެލެބްރޭޓިން 20” ގެ ނަމުގައި އަލްބަމެއް ނެރުމުގެ ގޮތުން މިދިޔަ އަހަރު އޮކްޓޯބަރު މަހު ބޭއްވި ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ. ނިއުމާ ފިލްމީ ދާއިރާއަށް ނިކުތީ 1994 ގައި ޑްރާމާ ސިލްސިލާ “ހިތި ތަޖުރިބާ” އިންނެވެ.
މި ފިލްމު ރިލީޒްކުރާ ގޮތަށް އަދި ނިންމާފައި އޮތީ 2019 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި