ޑާކްރެއިން އެންޓަޓައިންމަންޓު ގެ ފިލްމް “ގޮށްރާޅު”05 ނޮވެމްބަރުގައި ރިލީޒްކުރާނެ ކަމަށް އެ ސްޓޫޑިއޯ އިން ބުނެފިއެވެ.

 

“ގޮށްރާޅު” އަކީ މޫމިން ފުއާދުގެ ވާހަކައަކަށް ޢަހުމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި މޮގާ އާއި އާއިޝަތު ފުވާދު ތައުފީޤެވެ.

 

ފިލްމުގެ އެއް ލީޑް ރޯލުން ފެނިގެންދާ ޖުމައްޔިލްގެ އިތުރުން މި ފިލްމުން ދެން ފެނިގެންދާނީ މިދާއިރާއަށް އަލަށް ތަޢާރަފްވާ ހަސަން އިރުފާން (ޒަކިއްޓެ)، ޢައިޝަތު ތަސްނީމާއެވެ. މީގެ އިތުރުން އައިމިނަތު ރަޝްފާ، ނުޒުހަތު ޝުޢައިބު (ނުޒޫ)، ޢަބްދުﷲ އަޒާން، ނާޝިތު މުޙައްމަދު އަދި ހަމްދާން ފާރޫޤްގެ އިތުރުން މަރިޔަމް ޝަކީލާ އައި އިސްމާއިލް ރަޝީދެވެ.

 

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޝޫޓިން ފަށާފައިވާ މި ފިލްމުގެ ޝޫޓިންތައް ނިންމައި މިހާރު ކުރިއަށް ދަނީ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްތައް ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.

 

މިއަހަރު ފެބްރުއަރީ ދެވަނަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައި ‘ގޮށްރާޅު’ ގެ ޕޯސްޓަރު ވަނީ ރިލީޒްކޮށްފަ އެވެ. މީގެއިތުރުން ގޮށްރާޅު ގެ ޕޭޖުގައި ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް ވަނީ ރިލީޒްކޮށްފައެވެ. މި މޯޝަން ޕޯސްޓަރުން ފެންނަނީ ފިލްމުގެ ލީޑް ޖުމައްޔިލް ނިމާލް (ޖުމަލް) ރަސްމީ ހެދުމެއްގައި ހުއްޓައެވެ. އަނިޔާތަކެއް ލިބިފައިވާ ނުވަތަ އެހެންވެސް ސަބަބަކާހުރެ ޖުމަލް ގެ އަނގައިން ދަވަ އާއި ލޭ ފައިބަމުންދާތަން ފެނެއެވެ.

‘ގޮށްރާޅު’ ގެ ޕޯސްޓަރާއި އެނިމޭޓެޑް ޕޯސްޓަރުންވެސް ޖުމަލް ގެ ބޮލުގެ އިސްތަށިގަނޑެއް ނުފެނެ އެވެ. އަދި މި ފިލްމުގެ ޝޫޓިން ފެށިފަހުން ޖުމަލް ފެންނަނީ ބޮލަށް ކޯރިއެއް މަހައިގެން ހުންނަތަނެވެ. އެހެންކަމުން މި ފިލްމުގައި ޖުމަލް ގެ ބޯ ބާލާފައި ހުންނަނީ ކަމަށް ގަބޫލުކުރެވެ އެވެ.

 

ޑާކްރެއިން އެންޓަޓެއިންމެންޓުން މިއަހަރު ރިލީޒްކުރި ފުރަތަމަ ފިލްމު ‘ވަކިން ލޯބިން’ ގެ ކާމިޔާބު ޝޯތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކާފައިވާއިރު މި ފިލްމަށް ބޮޑު ތަރުހީބަކާއި ތަޢުރީފެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.