ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ. މިއަދު 1540 ން 1840 އަށް މާލެއިން ފެށިގެން އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ނެރެފައިވާ މި އެލާޓްގައި ބުނެފައިވަނީ ކޮޅިގަނޑުގައި 50 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.

 

މެޓް އޮފީހުން މިއަދު 1530 ގައި ނެރުނު ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު 1540 ން ފެށިގެން 18:40 އާއި ދެމެދުގެ ވަގުތުތަކުގައި މާލެ އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި 30 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

 

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ހެދުނު 10:00 އިންް މާދަމާ ހެދުނު 10:00 އަށް މޫސުން ލަފާކޮށްފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށެވެ. މީގެ އިތުރުން ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް އިރާއި އިރު ދެކުނުން ގަޑިއަކު 05 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި، އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާ 25 ދެމެދު ބާރުމިނުގައި ކަމަށް ވެސް ބުނެއެވެ.  އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ލަފާކުރާއިރު އުތުރާއި މެދުތެރޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށް ބުނެއެވެ.

 

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން، ހާއްސަކޮށް އުތުރާއި މެދުތެރޭގެ އަތޮޅުތަކުގައި، މޫސުމަށް ސަމާލުވެލެއްވުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކުރައްވަ އެވެ.

 

ރެއިން ފެށިގެން ރާއްޖޭގެ ބޮޑުބަޔަކަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.