ހަމަ ޙަޤީޤަތުގައިވެސް މިއީ ދުނިޔޭގައި ހުރި އެންމެ ރީތި ފިރިހެންކުއްޖާ ހެއްޔެވެ؟ ހަމަގައިމުވެސް ވަރަށް ގިނަމީހުންނަށް މި ފިރިހެން ކުއްޖާ ވަރަށް ރީތިވެއްޖެ އެވެ. ރީތިކަމުގެ ގޮތުން ހުނިޖަހައި ހޮވައިފި އެވެ. ގިނަމީހުން އެބުނާހެން އެކަމާ ދެކޮޅުހެދުމަކީ ފަސޭހަކަމެއްވެސް ނޫނެވެ. މިކުއްޖާ އެހާވެސް ސަޅި އެވެ. އިންޓަނެޓްގައި ވިދާ ފިޔަޖަންފެށި މި ތަރީގެ ކާމިޔާބީގެ ވާހަކަ އަކީ އެހާ އާދަޔާޚިލާފު ވާހަކައެއް ވެސް ނޫނެވެ.

 

އުމުރުން 14 އަހަރުގެ ވިލިއަމް ފްރޭންކްލިން-މިލަރ އަކީ ހަމަ ވަރަށް އާދައިގެ ކުއްޖެކެވެ. އެހެން ކުދިންނެކޭ އެއްފަދައިން އޭނާވެސް ސްކޫލަށް ދެއެވެ. ރަގްބީ ކުޅުމަށް ޝައުޤުވެރިވެއެވެ. ރައްޓެހިންނާއެކު ބޭރަށް ނިކުމެވެސް އުޅެއެވެ. މިކުއްޖާ އަށް ހީވެސް ނުކުރާފަދަ މަޝްހޫރުކަމެއް ލިބިގެންދިޔައީ އެކުގައި އުޅޭ ރައްޓެހިކުދިންގެ ސަބަބުންނެވެ.

މީސްމީޑިއާ މަންސައެއް ކަމަށްވާ ގޮވެލި (ޓްވިޓަރ) އަށް ޖަޕާނުގެ އަންހެން ކުއްޖަކު ވިލިއަމް ގެ ފޮޓޯ އެއް ލުމާއިއެކު ހީވީ ޓްވިޓަރ ބަޑިޖެހިހެންނެވެ. މިއަދު ވިލިއަމް އަކީ ހަމައެކަނި ޓްވިޓަރ އާއި އިންސްޓަގްރާމުން ފާހަގަކޮށްލެވޭ ތަރި (ސެލެބްރިޓީ) އެއް ނޫނެވެ. އޭނާ އަށް މީސްމީޑިޔާ ތަކުގައި ފޮލޯކުރާ 152 ހާހަށްވުރެން ގިނަ މީހުން އެބައުޅެއެވެ.

“ކޮންމެ ތިން ސިކުންތެއްގެ ތެރޭގައި އަހަރެންގެ ޕޭޖަށް ސަތޭކައެއްހާ މީހުން ސަބްސްކްރައިބް ކުރޭ.” ޒުވާން ތަރި ވިލިއަމް ބުންޏެވެ. އެންމެ ފުރަތަމަ ވިލިއަމް ހީކުރީ އޭނާގެ އެކައުންޓް ހެކްކޮށްފައިވާ ކަމަށެވެ. އޭނާ އެހާ މަޝްހޫރު ވެއްޖެކަމަށް ޤަބޫލުކުރެވެން ފެށީ ކޮމެންޓްތައް އޮހެން ފެށުމުންނެވެ. ޓްވިޓަރ އިން އޭނާގެ ފޮޓޯ ފެނުނު ވާހަކަ މީހުން ލިޔަންފެށި އެވެ. މިހިސާބުން ނަސީބު އަތުގައި ހިފައިފިކަން މިކުއްޖާ އަށް އެނގުނެވެ. ނުވެސް އެނގި ހުއްޓާ އަސްލު ސްޓާރަކަށް ވީ އެވެ. ހުރިހައި ކަމެއްވެސް ވީ ވަރަށް އަވަހަށެވެ. ހަމަ ކުއްލިއަކަށޭ ބުނާހާވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ވިލިއަމް އަކީ ކާކުހެއްޔެވެ؟ މިއަދު ވިލިއަމް ފްރޭންކްލިން-މިލަރ އަކީ ހަމައެކަނި ސަމައްތަރުހެޔޮ (ހޭންޑްސަމް) ޒުވާން ފިރިހެން ކުއްޖެއް ނޫނެވެ. ޒުވާން ތަރިއެކެވެ. ސެލެބްރިޓީ އެކެވެ. އިންޑޮނީޝިޔާ، ޗައިނާ އަދި ޖަޕާނުގައި އޭނާގެ އެތަކެއް ބައިވަރު ފޭނުންނެއް އެބަތިބި އެވެ. މިއަދު އޭނާއަކީ މޮޑެލް އެކެވެ. ‘ޖެކް ދި އައިރިޝްމޭން’ ނަމަކަށް ކިޔާ ޓީވީ ޝޯ އެއްގެ އެކްޓަރެކެވެ. މީގެ އިިތުރުން، އޭޝިޔާ ސަރަހައްދުގައި ކުރިއަށް ގެންދާ ބައެއް އެހެން ޓީވީ ޕްރޮޖެކްޓަކުގައި ވެސް އޭނާ މަސައްކަތް ކުރެއެވެ. އެތައް ފަހަރެއްގެ މަތިން ސްކައިޕް މެދުވެރިކޮށް އޭނާގެ އިންޓަރވިއުތައް ގެނެސްދީފި އެވެ. އެތަކެއް ނޫސްތަކެއްގައި އޭނާގެ ވާހަކަ ޖަހައިފިއެވެ.

ވިލިއަމް ފްރޭންކްލިން-މިލަރ ސަޅި ވި ކުދިން ހިތް ކިޔައިފިދޯ އެވެ. އެހެންކަމުން ވިލިއަމްގެ ބިޓެއް ހުރޭތޯ ބަލައިލަން ބޭނުންވެދާނެ އެވެ. އެ ސުވާލަށް ޖަވާބު ދޭނީ ޚުދު ވިލިއަމް އެވެ. ތިރީގައިވާ ވީޑިއޯ ބަލައިލާށެވެ. އޭގެ އިތުރުންވެސް ވިލިއަމް ގެ ޝައުޤުތައް އަޑުއަހާލާށެވެ.

ވިލިއަމް ގެ ފޭނުން އޭނާ އަށް ހަމައެކަނި ކޮށްފައި ހުންނަނީ ޕޮޒިޓިވް ކޮމެންޓްތަކެވެ. ކިތަންމެ މަޝްހޫރު ވެފައި ހުއްޓަސް ވިލިއަމް ގެ މައިގަނޑު ފޯކަސް އަމާޒު ހިފާފައިވަނީ ކިޔެވުމަށެވެ. ނަމަވެސް މޮޅު އެކްޓަރަކަށް ވުމަކީ އޭނާގެ އެންމެ ބޮޑު އެއް ހުވަފެނެވެ. ވިލިއަމް އަކީ ލަންޑަނަށް އުފަން ޒުވާން އެކްޓަރެކެވެ. ސީޑަބަލިޔޫ ޗެނަލްގެ ޓީވީ ސީރީޒް ‘އެރޯ’ އާއި ސެވަން ނެޓްވޯރކްސް ގެ ‘ނެއިބަރސް’ އަކީ އޭނާ ހަރަކާތްތެރިވެފައިވާ ފިލްމުތަކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.