ދެހަށިގަނޑު އެއްހަށިގަނޑަކަށް ވެގެންދިޔަ ވަގުތު މަޢުރީން އަށް ހަޅޭއްލަވައިގަނެވުނެވެ. ލޯބީގެ ލައްޒަތުގެ އެންމެ ފޮނިމީރުކަން ދެމީހުންވެސް ހޯދަމުން ދިޔައީ އެކަކު އަނެކަކަށް ބޭނުންވެގެންނެވެ. މިކަން ވާންޖެހެނީ މިހާވަރަށް ކަމަށް އޭނާގެ ހިތް ބުނެދެމުން ދިޔައެވެ. އެންމެފަހުން މަޢުރީންގެ ހަށިގަނޑު ވާތާވި ވަގުތު އޭނާގެ ސިކުނޑި ތެރެއިން ފުން އަޑެއް އިވިގެންދިޔައެވެ. “މަޢުރީން ތީ މުޅި އުމުރަށްވެސް އަހަރެންގެ މީހެއް.” އެ ޖުމްލައިގެ އަޑު ގުގުމާލުމާއެކު މަޢުރީންގެ ލޯ މެރިއްޖެ އެވެ.
ގޭތެރޭގެ ކޮންމެވެސް ހިސާބެއްގައި ހުރި ސޯނާ ގަޑިޔަކުން ސޯނާވާއަޑަށް މަޢުރީން އަށް ފުންމައިގެން ތެދުވެވިއްޖެ އެވެ. ފުރަތަމަވެސް މަޢުރީން އަށް ފާހަގަކުރެވުނު ކަމަކީ އޭނާއަށް އޮވެވުނީ ސިޓިންގރޫމްގައި ކަމެވެ. ފިރިމީހާ ޝާއިލް ކައިރީގައި އެނދުގައި ނޫންކަމެވެ. އޮވެވުނީ ރޯ ބަރަހަނާއަށް ކަންވެސް ފާހަގަކުރެވުނެވެ. ވާނުވާއެއް ނޭނގިހުރެ ދެފަރާތަށް ބޯ ހޫރާލަމުން ކޮޅަށް ތެދުވެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް ރޭގައި ކަންތައް ވީގޮތް އޭނާގެ ހަނދާނަށް އަންނަން ފަށައިފި އެވެ.
‘ހުވަފެނެއް. ޔަޤީން އެވާނީ ހުވަފެނަކަށް. އެކަމަކު ހާދަ ހަޤީޤަތާ އެއްގޮތް ހުވަފެނެކޭ!’ މަޢުރީންގެ ހިތަށްއެރި އެވެ. ނަމަވެސް އެވަގުތު އޭނާއަށް ކުރެވެމުން ދިޔަ ތަފާތު އިޙްސާސެއްގެ ސަބަބުން އިތުރު ހާސްކަމެއް ލިބިއްޖެއެވެ. އެފަދަ އިހްސާސެއް ހަށިގަނޑުގެ އެފަދަ ނާޒުކު ހިސާބަކަށް އެހާ ބޮޑަށް ކުރަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
‘އެކަމަކު ރޭގަ އެކަން ނިންމާފަ އަހަރެން ނުލާހިކު ރަނގަޅަށް ދޮވުނިން!’ ހައިރާން ކަމުގައި ހުރެ ވިސްނެން ފެށުނެވެ. ރޭގައި ފެނުނު އެ އާދަޔާޚިލާފު ހުވަފެނުގެ ސަބަބުން ޝަބްނަމްގެ ތިކިތައް ބަންޑުންވީކަމަށް ހީކޮށްލި އެވެ. އެހެން ހިތަށް އެރުމާއެކު މަޢުރީން ގެ މޭމައްޗަށް އިތުރަށް ބާރުވެގެން ދިޔަހެން ހީވިއެވެ. އަވަސް އަވަހަށް ފާޚާނާ އަށް ވަދެ ފެންވަރައިލި އެވެ. ފެންވަރާ ނިމިގެން ފިރިމީހާ އަށް ގޮވުމަށް އަވަސްވެގަތެވެ.
މަޢުރީން އާއި ޝާއިލް ގެ ކައިވެންޏަށް ނެގީ ހަފުތާއެއްގެ ޗުއްޓިއެކެވެ. އެހެންނަމަވެސް ކައިވެނީގެ ފުރަތަމަ ދުވަހުވެސް ޝާއިލް އޮތީ 05:45 ވީއިރުވެސް ގަދަ ގުގުރީގައި ނިދާށެވެ. ޝާއިލް އަށް ގޮވުމަށްފަހު ފަތިސް ނަމާދުކޮށްލައިގެން މަޢުރީން ދިޔައީ ބަދިގެއަށެވެ. ފްރެންޗް ޓޯސްޓާއި ހޮޓްޖޮކްލެޓް ޑްރިންކެއް ތައްޔާރުކޮށްލުމަށްފަހު ޝާއިލް އަށް ކޮފީ އެއް ގިރަންފެށިއެވެ. އޭރު ފާޚާނާ ތެރޭގައި ޝާއިލް ފެންވަރަމުންދާ އަޑު އިވެމުންދެއެވެ. މަޢުރީން އަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ޝާއިލް ފާޚާނާ ތެރޭގައި ހުންނާނެ ގޮތާއިމެދު ހީކޮށްލެވުމުންނެވެ. ހަމައެއާއެކު އަމިއްލަ ދިރިއުޅުމާމެދު ވިސްނައިލެވުމުންނެވެ. އިއްޔެ ޝާއިލް އަަކީ ގެ ކައިރީގައި އުޅެންފެށި އަވަށްޓެރިއެކެވެ. ނަމަވެސް މިއަދު އެއީ އޭނާގެ ފިރިމީހާއެވެ. ޙަޔާތުގެ ބައިވެރިޔާ އެވެ. އެކުގައި ޒަވާޖީޙަޔާތް އާރާސްތުކުރުމަށް އަތުގައި ހިފައިގެންހުރި ބައިވެރިޔާ އެވެ. ދެމީހުން އެއް އެނދެއް، އެއް ފާޚާނާއެއް ބޭނުންކޮށްލުމަށް މިއަދު އެއްވެސް ހުރަހެއް ނެތެވެ.
“ހެއި ޑިއަރ ވައިފީ.” ފުރަގަހުގައި ހުއްޓެމުން މަޢުރީންގެ ގައިގައި ބާރަށް ބައްދާލަމުން ކޮލަށް ދޮނެއް ދިނެވެ.
“ޔެސް މައި ޑިއަރ ހަސް. ހޭލެވިއްޖެ ދޯ.” އުފާވެރި ހިނިތުންވުމަކާއެކު މަޢުރީން ޖަވާބުދިނެވެ. “އަހަރެން ހީކޮށްގެން މިހުރީ ސީދާ ބެޑަށް ބްރެކްފާސްޓް ގެންދަން ކަމަށް.”
“އެހެންތަ؟ އަހަރެން ހީކޮށްގެން މިހުރީ ބަދިގެއަށް އެނދު ގެންނަން ކަމަށް.” މަޢުރީންގެ ކަނދުރާގައި ބޮސްދެމުން، މަޢުރީންގެ މޭމައްޗަށް ޝާއިލްގެ އަތް ގެންދަމުން ބުންޏެވެ.
“ތިކަމެއްވާ ނޭނގޭ. ރޭވެސް އަހަރެން އެހާލުގަ ބާއްވާފަ ޝާއިލް ނިދީ. އަހަރެން އޮތީ ހާދަ ބޭނުންވެފައޭ.” މަސްތީ އަޑަކުން މަޢުރީން ބުންޏެވެ.
“ސޯ ސޮރީ މައި ޑާރލިންގ، އެހެންވީމަ އެކަމުގެ އަދަބު ލިބިގަންނަން އަހަރެން މިހުރީ ދަނޑިވިއްދައިގެން ތައްޔާރަށް.” މަސްތުން ފުރިފައިވާ ރާގެއްގައި ޖަވާބުދެމުން މަޢުރީން ލައިގެން ހުރި ހެދުމުގެ ފަސްބައިގައި ހިފަމުން މައްޗަށް ނަގަން ފެށިއެވެ. މަޢުރީންގެ ފުރަގަހުގައި ހުރެގެން މަޢުރީންގެ ގައިގައި ފިރުމަމުންނެވެ. މަޢުރީން ދޮންނަން ހުރި ތަށި ސިންކުމަތީގައި ބެހެއްޓިއެވެ. ތަށި އަތުން ދޫވެ ތެޅިދާނެތީ އެވެ. މަޢުރީން އަށް ކެތްކުރަން ދަތި ހިސާބަށް ޝާއިލްގެ އަތް ގެންގޮސް އެ އަތުގެ ޖާދޫގައި އޭނާ ޖައްސައިފިއެވެ. މަޢުރީންގެ ދެއަތުން ޝާއިލްގެ ގައިގައި ބާރަށް ހިފަހައްޓައިލެވުނީ ލިބެމުންދިޔަ ފޮނިމީރުކަމުން ކެތްކުރަން ދަތިވެގެންނެވެ. މަޑުމަޑުން ކުކުރެން ފެށުނީ ލިބެމުންދިޔަ ރާހަތުގެ ޖަޒުބާތުގައި ބެހިގެން ދެވުނުލެތް ބޮޑުކަމުންނެވެ. ޝާއިލްގެ ހަރަކާތްތަކަށް ހުއްޓުމެއް ނުގެނެސް މަޢުރީން ގެންގޮސް ބެހެއްޓީ ކާމޭޒު ކައިރީގައެވެ. އެވަގުތު ބޭއިޚްތިޔާރުގައި މަޢުރީން އަށް މޭޒުގައި ހިފަހައްޓައިލެވުނެވެ. ޝާއިލްގެ ހޫނުކަން އިޙްސާސްކުރެވެން ފެށުމުން ހަޅޭއްލަވަން ފެށުނެވެ. ދެމީހުންގެ ވިންދު ގުޅިލާމެހި އެކުގައި ވިންދުޖަހަން ފެށިއެވެ. ނަމަވެސް އެވަގުތު މަޢުރީންގެ ސިކުނޑިއަށް ރޭގައި ކުރިމަތިވި ޙަޤީޤަތެއް ފަދަ ހުވަފެނީ އިޙްސާސްތައް ވެރިވެގެން ހިނގައްޖެ އެވެ. ޝާއިލްގެ ކޮންމެ ހަރަކާތެއްގެ ފޮނި ލައްޒަތު ކިތަންމެ ރަނގަޅަށް މަޢުރީން އަށް ކުރެވުމެން ދިޔަޔަސް ރޭގައި ދިމާވި މީހާގެ ހަރަކާތްތަކުގެ މަތިން ނުވިސްނައެއް ނުހުރެވުނެވެ. މިހާރު ކުރެވެމުންދާ އިހްސާސް ތަކަކީވެސް އެމީހާގެ ފަރާތުން ލިބެމުންދާ އިހްސާސްތަކެއް ކަމަށް ޚިޔާލަށް ގެނެވުނެވެ. ނަތީޖާއެއްގެ ގޮތުން މަޢުރީންގެ ހިއްސުތައް ކުރިއަށްވުރެންވެސް ބޮޑަށް ހޭލައިފިއެވެ. ޝާއިލްގެ ކޮންމެ ހަރަކާތަކަށް އިޖާބަދެވެން ފެށުނީ ކުރިއަށްވުރެންވެސް ބޮޑަށެވެ. ހަޅޭއްލަވަމުންގޮސް މަޢުރީންގެ ހަޅޭއްލެވުން ހުއްޓުނީ ހަށިގަނޑަށް ވެރިވި ގަދަ ސުނާމީއެއް ފަދަ އޮއިވަރަކަށް ފަހުގައެވެ.
“މަޢުރީން އެންމެ ބޭނުންވާ ވަރަށް ތިކަން ކޮށްދެވޭނީ ހަމައެކަނި އަހަންނަށް.” މަޢުރީންގެ ކަންފަތްދޮށުގައި އެމީހާގެ ބަރު އަޑު ޖެހުނެވެ. ޝާއިލް ކޮޓަރިއާއި ދިމާއަށް މާނޭވާލަމުން ދިޔަތަން ބަލަން މަޢުރީން އަށް ހުރެވުނީ ރޭގައި ދިމާވި ސަމައްތަރުހެޔޮ މީހާގެ މުށުތެރޭގައި ވުމަށް އެދެވެމުންނެވެ.
***~~~***
މީޓިން ކުރިޔަށް ދިޔައިރު މަޢުރީން ދެލޯ ހުޅުވައިގެން އިނދެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. ހަނީމޫނަށްޓަކައި ހަފުތާއެއްގެ ޗުއްޓީއެއް ނަގައިގެން ހުރުމަށްފަހު އޭނާ މަސައްކަތަށް ނިކުތީ މިއަދު އެވެ. ޗުއްޓީއެއް ހޭދަކޮށްލެވުމަށްވުރެން ބޮޑަށް މަޢުރީން އަށް ހޭދަކޮށްލެވުނީ ބުރަ ހަފުތާއެއްހެން ހީވާކަހަލައެވެ. އޭނާ ވަރުބަލިވެފައި ހުރިވަރު އެކުގައި މަސައްކަތްކުރާ އެހެން މީހަކަށް ފާހަގަވުމަކަށް ބޭނުމެއް ނޫނެވެ. އެކަން އެނގިއްޖެއްޔާ ވޭތިވެދިޔަ ހަފުތާގައި ސައުވީސްގަނޑިއިރު އުޅުނީ އެނދުގައިހޭ ކިޔައި އެމީހުން ދިމާކުރާނެ ވަރު އެނގޭތީއެވެ. އެމީހުންގެ ގޮތް މަޢުރީން އަށް ނިކަން ރަނގަޅަށް އެނގެއެވެ.
ޝާއިލް އަކީ ލޯބި ފިރިއެކެވެ. އެހާ ރޮމޭންޓިކްވެސް މެއެވެ. އެކަމަކު އެއީ މަޢުރީން އުއްމީދުކުރި ވަރަށް ‘އެކަން’ ބޭނުންވާ މީހެއް ނޫނެވެ. ނުވަތަ މަޢުރީން ގެ ހިތްއެދޭވަރަށް ޝާއިލް އަކަށް ނޫޅެވެއެވެ. ވޭތިވެދިޔަ ހަފުތާގެ އެންމެ ފައްކާ ވަގުތުތައް ޝާއިލް ހޭދަކޮށްލީ ނިދުމުގައެވެ. ނަމަވެސް މަޢުރީން އަކަށް ރަނގަޅަކަށް ނުނިދެއެވެ. ލޯމަރާލާއިރަށް ފެންނަނީ ކައިރީގައި ސަމައްތަރުހެޔޮ ރީތި ފިރިހެނާ އޮންނަތަނެވެ. ޝާއިލް އާއިއެކުގައި އެނދުގައި އޮންނައިރުވެސް އަނެއްފަރާތުގައި އެމީހާ އޮއްވާ ފެނެއެވެ. ޝާއިލް އެނދުގައި އޮތަސް މަޢުރީން ބޭނުންވާ އުފާތައް އެމީހާގެ ކިބައިން ކޮންމެދުވަހަކު ލިބެމުންދެއެވެ. ލައްޒަތުގެ ފޮނިކަމާއެކު މަޢުރީންގެ އަނގައިން ނިކުންނަ އާހްގެ އަޑަށް ޝާއިލް އަށް ހޭނުލެވެނީ ކީއްވެބާއޭ އިއްޔެވެސް މަޢުރީންގެ ހިތަށް އެރިއެވެ. ލިބެމުންދާ ފޮނިމީރުކަމާއި ލައްޒަތުގެ ވާހަކަތައް އެހެން މީހަކާއި ހިއްސާކުރަން މަޢުރީން ކިތަންމެ ބޭނުމަސް އެފަދަ ވާހަކަތަކެއް ހިއްސާކުރަން އިތުބާރުކުރެވޭ ވަރުގެ ރައްޓެއްސެއްވެސް މަޢުރީން އަކަށް ނުލިބުނެވެ. އެހެންނޫނަސް މަޢުރީން އަށް ކުރިމަތިވަމުން އަންނަ އެ އާދަޔާޚިލާފް ތަޖްރިބާ ތަކަކީ އަސްލެއްކަމެއް ނުވަތަ ހުވަފެނެއް ކަމެއް އަދިވެސް އޭނާ އަށް ޔަޤީނެއް ނުވެއެވެ. އެމީހާއާއި އެކުގައި އުޅޭ ހުރިހައި ވަގުތެއްގައި ހުރިހައި ކަމެއްވެސް ހިނގަނީ ވަރަށް އަސްލާއި އެއްގޮތަށެވެ. ނަމަވެސް އެކަން ނިމުމަށްފަހު ދެން މަޢުރީން އަށް ހީވަނީ އެއީ ފެންނަ އާދަޔާޚިލާފް ހުވަފެނެއް ކަމަށެވެ. ފަހަރެއްގައި އެއީ ޝާއިލްގެ ފަރާތުން މަޢުރީން އެންމެ ހިތްއެދޭވަރަށް ތަންމަތީގެ އުފާވެރިކަން ނުލިބޭތީ ވާގޮތެއްކަމަށްވެސް ވެދާނެއޭ އޭނާގެ ހިތަށް އަރައެވެ.
ކޮންމެ ރެއެއްގައިވެސް އެ ހިތްގައިމު މީހާ އާއިއެކުގައި ހޭދަކުރެވޭ ވަގުތުތައް މަޢުރީން އަށް ވަރަށް ކަމުދެއެވެ. އެންމެ ރެއަކުވެސް އެމީހާގެ މޫނެއް އޭނާއަށް ރީތިކޮށް ފެންނަގޮތެއް ނުވެއެވެ. އެމީހާ އަންނަ ކޮންމެ ވަގުތަކީ ކޮޓަރިތެރެއަށް ކަޅު އަނދިރިކަމެއް ފެތުރޭ ވަގުތެކެވެ. އެހެންވެ އެމީހާގެ ސޫރަވެސް ފެންނަނީ ހިޔަންޏެއްގެ ސިފައިގައެވެ.
އެކަމަކު އެމީހާގެ މޫނުގައި މަޢުރީންގެ އަތުން ބީހިލައި އެމޫނުގެ ބައްޓަން ހިތަށް ގެންނަނީ އެރީތިކަމުގެ ޖާދޫ މަޢުރީންގެ މުޅި ޖިސްމަށް އިހްސާސްކުރުވުމަށެވެ. އެއީ މަޑުމަޑު ތުންފަތެއް ހުންނަ މީހެކެވެ. ދަތްދޮޅީގެ ބައްޓަމަކީ އެންމެ ހޭންޑްސަމް ފިރިހެން މޮޑެލުންގެ ދަތްދޮޅީގެ ބައްޓަމެވެ. ގަދަ ކަޅުކުލައިގެ ލޮލުގެ ކަޅިން އެމީހާ މަޢުރީން އަށް ބަލައިލާ ކޮންމެ ފަހަރަކު މުޅި ހަށިގަނޑުން ވާގިދޫވެގެން ދެއެވެ. އެމީހާގެ ހަށިގަނޑު ތެރެއަށް އެރި އަމިއްލަ ނަފުސު ޣަރަޤުކޮށްލުމަށް ހިތްއެދެވެއެވެ.
އެމީހާގެ އަތުން މަޢުރީންގެ ހަށިގަނޑުގައި ބީހިލާ ބީހިލުމަކީ މިދުނިޔޭގެ ކަމެއް ހެނެއް ހިއެއް ނުވެއެވެ. މަޢުރީންގެ މައިބަދައިގެ އެންމެ ފުނަށް ހީވަނީ ކަރަންޓްގެ ޝޮކެއް ލިބޭހެންނެވެ. އެވަގުތު އޭނާގެ އަނގައިން އެމީހާގެ ނަމުން ގޮވާލުމަށް ހިތްއެދެވެނީ އަމަށަކު ވަރަކަށް ނޫނެވެ. އެކަމަކު އެމީހާގެ ނަމެއް ނުއެއް އެނގެއެވެ.
ރޭގެ ކުރިންނެވެ.
‘ޝަމްހޫރިޝް.’
މަޢުރީން ގެ ސިކުނޑިތެރޭގައި އެ ނަން ގުގުމާލީ ވައިއަޑަކުންނެވެ. އެވަގުތު މަޢުރީންއަށް ލިބެމުންދިޔަ ލައްޒަތުގެ އެންމެ މަތީހަރުފަތަށް ގޮސް އަލިފާން ފަރުބަދައެއް ގޮވައި އޭގެ އަލިފާން ފައިބައިގަންނަ ފަދަ އިޙްސާސެއް މަޢުރީން އަށް ކުރެވެން ފެށުމާއެކު ހަޅޭއްލަވައިގަނެވުނެވެ.
‘ޝަމްހޫރިޝް!!….. މިއީ ކޮންކަހަލަ ނަމެއްހެޔެވެ؟’ މަޢުރީންގެ ހިތަށްއެރިއެވެ.
މީޓިން ނިމުނުއިރު މީޓިންގައި ކުރެވުނު އެއްވެސް މަޝްވަރާއެއް، ދެކެވުނު އެއްވެސް ވާހަކައެއް ނަގައިނުގަނެވޭކަން މަޢުރީން އަށް އިޙްސާސް ކުރެވުނީ ޚިޔާލީ ދުނިޔެއިން ނިކުމެވުނުތާ އިރުކޮޅެއް ފަހުންނެވެ.
ހުރިހައިކަމެއް އަތްނުފޯރާ ހިސާބަށް ދަނީނޫންބާއޭ މަޢުރީންގެ ހިތަށްއެރީ އެވަގުތުއެވެ.
މަޢުރީންގެ ކައިވެންޏަށް މަހެއްވެސް ނުވެ އުޅެނިކޮށް މިހާރުވެސް ފިރިމީހާއަށް އޮޅުވައިލާ މަކަރުހެދެނީ އޭ ހިތަށްއެރިއެވެ.
‘އެކަމަކު އެއީކީ އޮޅުވައިލުމެއް ނޫނެވެ!’ އަމިއްލަ ނަފުސާއި މަޢުރީން ޖަދަލުކުރަން ފެށިއެވެ. ‘އެއީ ހަމައެކަނި އަހަންނަށް ފެންނަ ހުވަފެނެކެވެ. ކިތަންމެ ވަހުޝީކަމެއް ހުއްޓަސް އެއީ ހުވަފެނެކެވެ.’
ހޮސްޕިޓަލުގެ ކާޑިއޮލޮޖީ އާއި ދިމާއަށް މަޢުރީން މިސްރާބުޖެހިއެވެ. މިމަހުގައި އޭނާ މަސައްކަތްކުރަން ޖެހެނީ ކާޑިއޮލޮޖީ ޑިޕާޓްމެންޓްގައި ކަމަށްވާތީ އެވެ.
ކާޑިއޮލޮޖީގެ ވޯޑަށް ވަތްއިރު އިދްރީސް ހުރީ ރުޅިއައިސްފައެވެ. ވަރަށް ބޮޑަށް ރުޅިއައިސް ރަތްވެފައެވެ. ވޭތިވެދިޔަ ދެގަޑިއިރު ހޭދަވެގެން އެދިޔައީ އޭނާގެ ބައްޕަ ކައިރީގައި ޑޮކްޓަރެއް އަދި ނަރުހެއްވެސް ނެތިއެވެ. އިދްރީސް އިންތިޒާރުކުރަމުން ދިޔައީ އޭނާގެ ބައްޕަ ދޫކޮށްލުމަށް ޑިސްޗާޖް ފޯމުގައި ޑޮކްޓަރު ސޮއި ކުރާނެ ވަގުތަކަށެވެ.
އިދްރީސް ހުރީ ތައްޔާރަށެވެ. ކެކިއަރަމުންދާ އޭނާގެ ސިކުނޑިން ބައެއް ނަމަވެސް ޑޮކްޓަރަކު އައިސް ވަންނައިރަށް ބޭރުކޮށްލާނަމޭ ހިތަށްއަރައަރަ އެވެ.
“އައްސަލާމު ޢަލައިކުމް. އެހާގިނައިރު މަޑުކޮށްލަން ޖެހުނީތީ ވަރަށް ބޮޑަށް ސޮރީ.” އިދުރީސް ގެ ފުރަގަހުން ތުއި އަޑެއް އިވުނެވެ. އަޑު އައިދިމާއަށް އިދްރީސް އެނބުރުނީ ސިކުނޑިތެރޭގައި ރިހާސަލްކޮށް ނިންމާފައިވާ ބަސްތައް ޑޮކްޓަރާއި ދިމާއަށް ބޭރުކޮށްލުމަށް ތައްޔާރުވެގެންނެވެ. ނަމަވެސް ކުރިމަތިން ފެނުނު ސޫރައިން އިދްރީސް ގަނޑުވިކަހަލަ އެވެ. ކުރިމަތީގައި ހުރީ އަންހެން ޑޮކްޓަރެކެވެ. ކަޅުކުލައިގެ ބުރުގާއެއް އަޅައިގެންނެވެ. ބުރުގާ އަޅާފައިހުރިގޮތުން ޑޮކްޓަރުގެ މޫނުގެ ސައިޒް ފެންނަނީ ކުޑަކޮށެވެ. ލައިގެންހުރި ޑޮކްޓަރުގެ ކޯޓް އޭނާގެ ގަޔަށް މާބޮޑެވެ. މޫނުމަތިން ފެންނަންހުރީ ވަރުބަލިކަމެވެ. އަރާމުކުރަން ތަނެއްގައި ބާއްވަން ޖެހިފައިވާ މީހަކާ ހާދަވައްތަރޭ އިދްރީސްގެ ހިތަށްއެރިއެވެ. އޭނާގެ ބޮޑު ދެލޯވެސް ހުރީ ރަތްވެފައެވެ. އެހާ ޒުވާން ޑޮކްޓަރެއްގެ މޫނުން ފެންނަން ހުރީ ވަރުބަލިކަމުގެ އިންތިހާއެވެ.
އިދްރީސް ބައްޕަގެ ޑިސްޗާޖް ފޯމުތަކުގައި ސޮއިކުރުމާއެކު އޭނާގެ ބައްޕަ ނަގައި ފުރޮޅުލީ ގޮނޑީގައި ބޭންދިއެވެ. އޭރުވެސް އިދްރީސް ގެ ސިކުނޑީގެ ލޮލަށް އެޒުވާން ޑޮކްޓަރުގެ ސޫރަ ފެންނަމުންދެއެވެ. ޑޮކްޓަރާއިމެދު ވިސްނެމުން ދިޔައީ ކީއްވެގެންކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާ ބޭނުންވަނީ އެ ޑޮކްޓަރާއި ވާހަކަދައްކާށެވެ. އޭނާއަށް އެހީވާށެވެ.
“އެއީ ބޮޑުސިންގާ ނުރައްކަލެއްގެ ތެރޭގަ ހުރި ކުއްޖެއް، އިރްދީހާ.” އިދްރީސްގެ ޚިޔާލީ ދުނިޔެއިން ނިކުމެވުނީ އޭނާގެ ބައްޕަގެ އަޑަށެވެ.
“ބައްޕަ ކީއްވެ ތިހެން ތިބުނީ؟” އިތުރަށް ޔަޤީން ކުރުމަށް އިދްރީސް ބައްޕައާއި ދިމާއަށް އެނބުރުނެވެ.
“ބަލަ ދަރިފުޅަށް ވެސް އެނގޭނެ ބައްޕައަކީ އެފަދަ ކަންކަމުގަ ކިހާވަރެއްގެ ތަޖްރިބާކާރު މީހެއްކަން. އޭނާގެ ލޮލަށް އެކަނި ބަލައިލިޔަސް އެކަން ފެންނަން އެހެރީ. ވެދާނެ ދަރިފުޅަށް ފެނުނީ ވަރުބަލިވެފަ ހުރި ޑޮކްޓަރެއް ކަމަށް. އެކަމަކު ބައްޕައަށް ފެނުނީ ރޫހާނީ ހައިޖާނެއްގަ ބަނދެވިފަ ހުރި އަންހެން ކުއްޖެއް. މާތްﷲ އެކުއްޖާއަށް އެހީތެރިވެވޮޑިގަންނަވާށި!”
ކާރު ދުއްވައިލަމުން އިދްރީސް އަށް ފުންނޭވައެއް ދޫކޮށްލެވުނީ އޭނާގެ ބައްޕަގެ ވާހަކައިގައި ހުރި ސީރިއަސްކަން ހިތަށް ވަނުމުންނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!