ލިޔުނީ: އަޙްމަދު ރަޝީދު، ރިކާޒް ލ. ފޮނަދޫ
ދީނީ މަޢުލޫމާތު ހޯދީ: ނޫރުލް އިސްލާމް ވެބްސައިޓާއި ރާއްޖެ އިސްލާމް ވެބްސައިޓުން
ތާރީޚް: 28 އޮކްޓޯބަރ 2011 ހުކުރު

މިއީ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ “އަހަރީ ކޮންސެޓް 2011” ގައި ‘ކުރެދި ހައުސް’ އިން ގެނެސްދިނުމަށް ތައްޔާރުކުރި ޑްރާމާއެކެވެ. ޑްރާމާ ތައްޔާރުކޮށް ގެނެސްދިނުމުގައި ހައުސްގެ ޓީޗަރުންނާއި ދަރިވަރުން ކުރި ބުރަ މަސައްކަތް ފާހަގަކޮށްލައެމެވެ.

https://www.youtube.com/watch?v=5YA5hUMI6tk&feature=emb_title

ފަރުދާ 1 :

ފަރުދާ ފެށިގެން ދާއިރު ފެނިގެން ދާނީ އަނދިރި ކަމެވެ. ނުވަތަ ފަރުދާ ހުންނަން ޖެހޭނީ ކަހައި ނުލައެވެ. އަނދިރި ކަމުގެ ތެރެއިން ނުވަތަ ފަރުދާގެ ފުރަގަހުން އިވެމުންދާނީ ޒުވާނުންތަކެއް މަޖާ ނަގަމުން ބާރު ސްޕީޑްގައި ސައިކަލް ބުރުޖަހަމުން އަންނަ އަޑެވެ. ދެ ސައިކަލުގައި ހަތަރު ޒުވާނުންނެވެ. އެއް ސައިކަލްގައި ދެ ފިރިހެން ކުދިންނެވެ. އަނެއް ސައިކަލްގައި އަންހެން ކުއްޖަކާ ފިރިހެން ކުއްޖެކެވެ.

ކުއްލިއަކަށް އިވިގެން ދާނީ ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ދެ ސައިކަލް ކޮންމެވެސް ވެހިކަލްއެއްގައި ޖެހި އެކްސިޑެންޓް ވެގެން ދާ އަޑެވެ. (ވެހިކަލްތައް އެކަތި އަނެކައްޗާ ޖެހޭ އަޑާއި ޒުވާނުންތައް ހަޅޭއް ލަވައިގަންނަ އަޑެވެ.) މިހިސާބުން ފަރުދާ ކަހާލެވޭއިރު ނުވަތަ ސްޓޭޖް މައްޗަށް އަލިކޮށްލާއިރު ސައިކަލް ތަކާއި ކުދިންތައް އެކްސިޑެންޓެއް ވެގެން ބުރައިގެންގޮސް ތިބޭގޮތަށް އަތުރާލާފައި ހުންނަން ޖެހޭނެއެވެ. ރަތް ކުލައިގެ ދިޔާ ކާކުލައިން ލޭ އުނގުޅައި ބޮޑެތި ޒަޚަމްތައް ހަދާފައި ހުންނަން ވާނެއެވެ. (ކުލަޔާ ގޮދަން ފުށް އެއްކޮށްގެން ޒަޚަމްތައް އިތުރަށް ފުރިހަމަ ކުރެވޭނެއެވެ.)

ފަރުދާ 2 : (ޝައިޠާނާ އަމިއްލަ އަށް ތަޢާރަފް ވުން)

ފަރުދާ ކެހިގެންދާއިރު ފެންނާނީ ބޮޑެތި ޒަޚަމް ތަކަކާއި އެކު ލެއިން ކަޅިވެފައިވާ ނަވާލް އެވެ. މިތާނގައި ނަވާލްގެ މޫނު ދައްކާކަށް ނުޖެހޭނެއެވެ. (މި ފަރުދާގައި ޒަޚަމް ވެފައިވާ ނަވާލް ގެ އިތުރުން ނަވާލް ޝައިޠާނާގެ ދަލުގައި ޖެހުނު ގޮތް ދައްކައިދޭ މަންޒަރުގައި އެހެން ނަވާލެއް ދައްކަން ޖެހެއެވެ.)

ކުއްލިއަކަށް އިވެން ފަށާނީ ބަރު ފިރިހެން ނުލަފާ ހިނިގަނޑެއްގެ އަޑެވެ. ހަމަ އެއާއެކު ސްޓޭޖަށް އަރައިގެން އަންނާނީ ނުލަފާ ސިފައަކަށް ހުރި މީހެކެވެ. މިއީ ޝައިޠާނާ އެވެ. ޝައިޠާނާގެ މޭކަޕް ހުންނަން ވާނީ ފޮޓޯއިން ފެންނަން ހުރިގޮތާއި ވީހައިވެސް ވައްތަރުކޮށްނެވެ.

ޝައިޠާނާ: އެނގިއްޖެތަ އަހަންނަކީ ކާކުކަން؟ (އޯޑިއެންސާއި ކުރާ ސުވާލެއް)

އަހަންނަކީ ކަލޭމެންގެ ޢަދުއްވު އިބްލީސް. އަހަރެން އާދަމުގެ ދަރިންނާއެކު އުޅެމުން މި އަންނަނީ. އަހަރެން ކައިބޮއެ ނިދާ ހަދަނީވެސް ކަލޭމެންނާއެކު. އެކަމަކު ކަލޭމެންނަށް އެކަމެއް ނޭނގޭނެ. ހަނދާންވޭތަ އަހަރެން އާދަމުގެފާނަށް އޮޅުވާލައި މަގުފުރެއްދުމުން އެކަލޭގެފާނު ސުވަރުގެއިން ބޭރުކުރައްވާ ދުނިޔެއަށް ފޮނުއްވެވިގޮތް. އޭގެ ފަހުން ﷲ ވަނީ ތިޔަބައިމީހުންނަށް އިންޒާރުދެއްވާފަ އަހަންނާ ދުރުވެ އުޅުމަށް. އެކަމަކު ކަލޭމެން ތި އަންނަނީ އަހަރެންގެ ބަސް ޤަބޫލު ކުރަމުން. ކަލޭމެން ﷲ ދެކެ ލޯބިވާނަމަ ކީއްވެ އެކަލާންގެއަށް އުރެދެނީ؟ އަހަރެން ދެކެ ރުޅި އަންނައިރު އަހަރެންގެ ބަސް ކީއްވެ ޤަބޫލުކުރަނީ؟ އެކަމަކުވެސް ކަލޭމެން ބުނާނެ ސުވަރުގެއަށް ދާން ބޭނުންވާ ވާހަކަ.

އެންމެ ރަނގަޅު. އަހަންނަކީ އެތަކެއް ހާސް އަހަރުގެ ތަޖުރިބާ ލިބިފަ ހުރި މީހަކީމު. ކަލޭމެންނަށް އޮޅުވާލާ މަގު ފުރައްދައި ކަލޭމެންނަށް ޖޯކް ޖެހުމުގަ. ކަލޭމެން އަބަދުވެސް ވެގެން ތި ދަނީ މޮޔައިންތަކެއްގެ ގޮތުގަ. އަހަރެން ބޭނުން ގޮތަކަށް ކަލޭމެން ބައްޓަން ކޮށްލާނަން. މާބޮޑު ކަމެއް ނުކުރެވުނަސް ކަންފަތް ދޮށުގަ ނުބައި ވަސްވާސް ދެވޭނެތާ! އަހަރެންގެ ނުބައި ވަސްވާހުގަ ކަލޭމެން ފިސާރި އަވަހަށް ޖެހޭނެ.

ބަލާލަބަލަ ދެންމެ އެކްސިޑެންޓްގަ މަރުވެފަ އެތިބަ ޒުވާނުންނަށް. (އެކްސިޑެންޓް ސީން އާއި ކައިރިއަށް ޖެހިލަމުން) މިއޮތީ އުމުރުން އެންމެ 19 އަހަރުގެ ނަވާލް. އޭނާ މަގުފުރައްދާ ލުމަށް އަހަރެން ނުނަގަން ސިކުންތު ކޮޅެއްވެސް. ބަލާލަން ބޭނުންތަ އަހަރެންގެ އެކަން ކުރިގޮތް.

(ކުއްލިއަކަށް ސްޓޭޖް މައްޗަށް ހުދުކުލައިގެ ހެދުމެއްގައި ހުންނަ ޞާލިޙް އަޅުވެރިއެއް އާދެއެވެ. އަޅުވެރިޔާގެ މަސައްކަތަކީ އިބްލީސްގެ ވަސްވާސްތައް އޮޅުންފިލުވައިދީ ބެލުންތެރިންނަށް ރަނގަޅުގޮތް އަންގައިދިނުމެވެ.)

އަޅުވެރިޔާ: ތިޔަކުދިންނަށް އެނގޭތަ؟ އާދަމު އަދި ޙައްވާ ޢަލައިހިމައްސަލާމް ދެކަނބަލުންނަށް ﷲ ތަޢަލާ ނަހީކުރެއްވި ކަމަކަށް އަރައިގަނެވުމުން ވަގުތުންތަޢުބަވެ ރުޖޫއަވި. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވަ ތައުބާ ޤަބޫލުކުރައްވާ އިލާހް.

ނަމަވެސް ލަޢުނަތްލެއްވި އިބްލީސް ކަންތައްކުރީ ކިހިނެތްކަން ތިކުދިންނަށް އެނގޭތަ. އޭނާ ﷲ ތައާލާގެ އަމުރަށް ނުކިޔަމަންތެރިވީ. ﷲ ތަޢާލާ އިބްލީހަށާއި މަލާއިކަތުންނަށް އަމުރުކުރެއްވީ އާދަމު ޢަލައިހިއްސަލާމް އަށް  ސަޖިދަ ޖެހުމަށް. އެއްމެހާ މަލާއިކަތުން ސަޖިދަޖެހި. ނަމަވެސް ބޮޑާކަމާއި އެކު އިބްލީސް އެކަމަށް އިންކާރު ކުރި. އޭނާގެ ކިބުރުވެރިކަމުގެ ސަބަބުން ﷲ ތަޢާލާގެ ރަޙްމަތުން އިބްލީސް ބޭރުކުރެވުނު. އަދި ކާފިރުންގެ ތެރެއިން ވެގެންދިޔަ. އާދަމު ޢަލަހިއްސަލާމްގެ ދަރިފަސްކޮޅުގެ އެއްމެ ބޮޑު ދުޝްމަނަކީ ލަޢުނަތްލެއްވިގެންވާ އިބްލީސް.

 

ފަރުދާ 3 : (ނަވާލްގެ ދިރިއުޅުމާއި ޝައިޠާނާގެ ދަލުގައި ޖެހިގެން އުޅެވުނު ގޮތް)

ފަރުދާ ކެހިގެންދާއިރު ފެންނާނީ ނަވާލް ގެ ކޮޓަރިއެވެ. ނަވާލް އޮންނާނީ އެނދުގައި ގަދައަށް ނިދާފަ އެވެ. އެނދާއި ދުރުނޫން ހިސާބެއްގައި ނަވާލްގެ ބޭބެ ނަވީން ފިލާވަޅު ދަސްކުރަން މޭޒެއް ކައިރީގައި އިންނާނެއެވެ. ނަވާލު ނިދަން އޮތް އެނދުގެ ކޮޅު ފަޑީގައި ލެނގިލައިގެން އިބްލީސް ނިދާފައި އިންނާނެއެވެ.

ކުއްލިއަކަށް ފަތިސް ނަމާދުގެ ބަންގީގެ އަޑު ޖެހިގެން ދާނެއެވެ. (الصلوة خير من النوم މިހިސާބުން ފެށިގެން ނިމެންދެން)

މޭޒުކައިރީގައި ފިލާވަޅު މުޠާލިޔާ ކުރުމަށް އިން ނަވީން ބަންގީގެ އަޑު ޖެހުމާއެކު މަޑުމަޑުން أشهد أن لا اله إلا الله ، اشهد أن محمدا رسول الله ކިޔާލައެވެ. މިހެން ކިޔާލުމަށްފަހު ފޮތްތައް ލައްޕާލައި ނަމާދު ކުރަން ދިއުމަށް ތެދުވެ ހިނގައިގަނެއެވެ. އެވަގުތު ކުއްލިއަކަށް އިބްލީސް ފުންމައިގެން ދެތުވެއެވެ. އިބްލީސް ގޮސް ނަވީންގެ ވަށައިގެން ހިނގަމުން ނަވީންގެ ގައިގާ އަތްލަމުން ފިރުމަމުން.

ޝައިޠާނާ: އޭ ޕާޓް. މިހާ އަވަހަށް ނަމާދަށް ދަނީތަ؟ ކަލޭ ހާދަ ހެއްވައޭދޯ! މާދަމާ އެބައޮތެއްނު ޕާޓްގެ ފައިނަލް އެގްޒާމްވެސް! މާދަމާ ޓެސްޓް އޮންނަކަން ހަނދާން ނެތުނީތަ؟ ކަލޭ ރަނގަޅު މާރކްސް ހޯދައިގެނެއްނު އޯލެވެލް އިން ފާސްވާނީވެސް. އަދި ނަމާދު ކޮށްލަން ވަގުތު އެބައޮތެއްނު. ކުޑަކުޑަ އެކްސްކިއުޒް ކޮޅެއް ނަގާފަ އަދި އިނދެލަބަލަ! އަދި ބަޔޯ ފޮތް ނިންމާލާފަ ތެދުވަން މަޑުކޮށްލަބަލަ ނިކަން.

ނަވީން: أعوذ بالله من الشيطان الرجيم

(ނަވީންގެ ކަންފަތުގައި އިބްލީހުގެ ވަސްވާސް ޖެހެން ފެށުމުން އަޢޫޛް ކިޔާލައެވެ. އެވަގުތު އިބްލީސް ބިރުން ފަހަތަށް ޖެހިލައެވެ. ބިރުން ތުރުތުރު އަޅަމުން މާނޭވާ ލަމުން ނަވީން އާއި ދުރަށްގޮސް ބިންމައްޗަށް ޖެހިގަނެއެވެ.)

ނަވީން ވުޟޫކުރަން ދާން ފައިކުރި އޮޅަން ފަށައެވެ. އެވަގުތު ރުޅި އައިސް ރަތްވެފައިވާ އިބްލީސް ތެދުވެ ނަވީން އާއި ދިމާއަށް އެއްޗެހި ގޮވަން ފަށައެވެ. ނަވީން އަކަށް އިބްލީސް އެއް ނުވެއް ފެންނާނެއެވެ. ހަމައެކަނި އިވޭނީ އިބްލީސް ދޭ ވަސްވާހުގެ އަޑެވެ. އެހެން ކަމުން ނަވީން ގެ އައިކޮންޓެކްޓް އިބްލީސްގެ އެއްވެސް ޙަރަކާތަކަށް ނުހުއްޓޭނެއެވެ.

ޝައިޠާނާ: ކަލޭ ތިއުޅެނީ އަހަރެން ނައްޓުވަންތަ؟ އަދި ކިރިޔާ ބަންގިގޮވާ އެ ނިމުނީނު! އަދި ނަމާދަށް ދާން މާ އަވަހެއްނު! ފިލާވަޅު ނުކިޔަންޏާ ނިކަން ސްޓާ މޫވީސް އަޅުވާލަބަލަ. އެބަ އާދޭ ވަރަށް ހަބޭސް ފިލްމެއް.

(މިހިސާބުން އަނެއްކާވެސް ނަވީން އަޢޫޛް ކިޔާލައެވެ. އެއާއެކު އިބްލީސް ވައި އަޑަކުން ހަޅޭއްލަވައިގަންނަނަމުން ފަހަތަށް ޖެހިގަނެއެވެ. ރުޅިއައިސް ދަތްކުނޑިވިކައިގަނެފައި ބާރުބާރަށް މާނޭވާ ލާން ފަށައެވެ. އެވަގުތު އޭނާގެ އަތުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފަށައެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ފޯނު ނަގައި ކަންފަތުގައި ޖަހާލައެވެ.)

ޝައިޠާނެއްގެ އަޑު ފޯނުން: ކަލޭ ތީ ބޮޑު ފިނޑިއެއް. ބޮޑު ލޫޒަރ އެއް. އެ ނަވީން ނަމާދަށް ދިޔަދިނީ ކީއްވެ؟ (އެކޮޅުން އިވެމުންދިޔަ އިންޒާރުގެ ބަސްތައް އަޑު އަހަމުން ދެލޯބޮޑުކޮށްފައި ހުރެ މާ ނޭވާލަމުން ދޫ ނެރެފައި ވައްދާފައި ނެރެމުން އިބްލީސް ގެންދެއެވެ.) ފިލްމު ބަލާ ވާހަކަ ބުނެގެންވެސް ހައްލައެއް ނުލެވުނުދޯ؟

ޝައިޠާނާ: (ފޯނަށް ޖަވާބު ދޭން ފަށަމުން) ބައްޕާ އެކަލޭގެ އަހަރެން މޮޔަކޮށްލައިފި. އެއީ އީމާންކަމާ ޢަޤީދާ ވަރަށް ވަރުގަދަ އިންސާނެއް. އަހަރެންގެ އެއްވެސް އުކުޅެއް އޭނާގެ މައްޗަކަށް ނުހިނގި.

ޝައިޠާނެއްގެ އަޑު ފޯނުން: ކަލޭ ތީ ބޮޑު ފިނޑިއެއް. ދެންވެސް ގޮސް ނިދިން އެ ހޭލާ ކަލޭގެ ހައްލާލަބަލަ. ނަމަ ނަމަ އޭނާ ނަމާދަށް ދިޔަ ނުދޭތި! އަވަސް ކުރޭ!!

(އިބްލީސް އަވަހަށް ގޮސް އެނދުކައިރީގައި ހުއްޓެއެވެ. އޭރު ނަވާލް އެނދުން ތެދުވަނީއެވެ. އިބްލީސް ނަވާލްގެ ކޮނޑުގައި އަތްއަޅައި އޮއްބާލަމުން އެނދުގައި ބައިންދަމުން:-)

ޝައިޠާނާ: އަދި ހަމަ ބަންގި ގޮވައި ނިމުނީނު! ނަމާދު ފެށުމާމެދު ފަނަރަ ވަރަކަށް މިނެޓްވެސް އެބައޮތެއްނު! އަދި އޮށޯވެ ނިދާލާފަވެސް ހޭލެވޭނެ. މަވެސް ގޮވާނަމޭ ކަލެޔަށް.

(އިބްލީސް ދިން ވަސްވާހަށް ނަވާލް ހެއްލުނެވެ. އަވަހަށް އެނދުގައި އޮށޯއްވެ ލޯމަރާލައެވެ. ކުޑައިރުކޮޅެއް ފަހުން ރޭޑިއޯ އަކުން:- މިހާރު ގަޑިން 7 ޖެހީ . އައްސަވުން ތިޔަގެންދަވަނީ ރާއްޖެ ރޭޑިއޯ ….. ރޭޑިއޯއިން އިވެންފަށާ އަޑާއެކު އިބްލީސް ތެދުވެ އެނދުގައި އިށީންދެ ނަވީން އަށް ބަލައިލާ ވިހަގޮތަށް ހީލަމުން:-)

ޝައިޠާނާ: ހަނދާންވޭތަ؟ ނިދަން ތިބުމަށްވުރެ ނަމާދަށް އަވަސްވެގަތުން މޮޅެއްނު. އެކަމަކު ޣާފިލުން ތިބޭނީ އެގޮތަށް. މިއަދު އޭނާ އެކްސިޑެންޓް ވެ މަރުއެވީ ސްކޫލް ކަޓުވާލާފަ ސައިކަލް ބުރުޖަހަން ފުރެންޑުންނާއެކު އުޅެނިކޮށް. އެވެސް މެންދުރު ނަމާދު އަޅާފަ. އެނގޭތަ މަގޭ ވަސްވާހުން އޭނާ ޖަހާލި މަކަރު.

އަޅުވެރިޔާ: ތިޔަކުދިންނަށް އެނގޭތަ؟ ޝައިޠާނަކީ އަހަރެމެން އިންސާނުން މަގު ފުރެއްދުމުގައި ޤިޔާމަތާ ހަމައަށް މަސައްކަތް ކުރާނެ އެއްޗެއްކަން ޤުރުއާނާ ހަދީޘުން ޘާބިތުވޭ. އަހަރެމެން އިންސާނުންގެ ބައްޕަ އާދަމް އަލައިހިއްސަލާމުން ފެށިގެން އެންމެ ފަހު މީހާއާ ޖެހެންދެން ޝައިޠާނާގެ އުނދަގޫ ނުފޯރާނެ މީހަކު ނުހުންނާނެ. އަދި ޝައިޠާނާގެ ކިބައިން ސަލާމަތް ވުމަށްޓަކައި ވިސްނުންތެރިކަމާއެކު ކުރިމަތި ނުލައިފިނަމަ މަގު ގެއްލިފައިވާ އަބާއްޖަވެރިންގެ ތެރޭގައި އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުމެ ވެގެން ހިނގައިދާނެ.

 

ފަރުދާ 3 : (ނަވާލް މަރުވުމުގެ އެއްގަޑިއިރު ކުރިން)

ނަވާލް އޭނާގެ ކޮޓަރި ތެރޭގައި ލަވަ ޖަހާ ނަށަމުން ގެންދިޔައެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމުން އިވެމުންދިޔަ ލަވައިގެ އަޑު މަޑުކޮށްލާ ފޯނު ކަންފަތުގައި ޖަހަމުން އެނދުމައްޗަށް އުޑުތިލަމަތިން ވެއްޓިގަތެވެ.

ނަވާލް: އާނއެކޭ މަ ދާނަމޭ. ކޮބާ ޝިޔަންޓޭ އާ އުރައްޓޭ. އެގޮލާތައްވެސް ގެންދަންވާނެ. ކޮންމެހެންވެސް ނަންނި ގެންދައްޗޭ.

(ނަވާލްގެ ކޮޓަރީ ބޭރުން ދޮރުކައިރީ ހުއްޓިހުރެ ނަވާލްގެ މަންމަ އޭނާއަށް ގޮވަން ފެށިއެވެ.

މަންމަ: ނަވާލް…. ނަމާދުވަގުތު އެއޮއްގެން ފާއިތުވަނީ. (ނަވާލް އެނދުން ތެދުވެ ސެޓް ނިއްވާލައެވެ. އޭރުވެސް ކަންފަތުގައި ފޯނު ހުއްޓެވެ. ނަވާލް މަންމަގެ ގޮވުމަށް އެއްވެސް ސަމާލުކަމެއް ނުދީ އެނދުގައި އިށީނދެ ފޯނުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަވާލްގެ މަންމަ ދެވަނަ ފަހަރަށްވެސް ގޮވަން ފެށިއެވެ. ކޮޓަރީގައި ޓަކި ޖަހަމުން:- )

ޝައިޠާނާ: މަންމަ އެހެން ގޮވާނެ. އަޅާލާނެ ކަމެއްނެތް. އެ ދެން ނަވާލްގެ ޕްރައިވެސީ އާ ބެހެނީއޭ.

މަންމަ: ނަވާލް. ދަރިފުޅާ ދޭބަލަ ނަމާދުކޮށްލައިގެން އަންނަން.

ޝައިޠާނާ: އެކަމުން ސަލާމަތްވެބަލަ. ކޮންމެވެސް ފޭކެއް ޖައްސާލާ! މަންމަ ހީކުރާނީ ނަމާދު ކުރަން ފެށީކަމަށް.

ނަވާލް: (ފޯނުގައި އަތް އަޅަމުން) އޯކޭ މަންމާ. އޯކޭ މިކުރަނީއޭ. (މިހެން ބުނަމުން ފޯނު ކަންފަތުގައި ޖަހަމުން) الله أكبر

އަޅުވެރިޔާ: ތިޔަކުދިންނަށް އެނގޭތަ؟ ނަމާދު ގަސްތުގައި ދޫކުރުން ހުއްދަވާނެ އެއްވެސް އުޛުރެއް އިސްލާމްދީނަކު ނޯންނާނެ. ނަމާދުގެ ވަގުތު ފާއިތު ނުވަނީސް ނަމާދު ކުރުމަކީ އަހަރަމެންނަށް ވާޖިބެއް. އަދި އަމުދުން ދެންމެ ނަވާލް މަކަރު ހެދިގޮތަށް މަކަރު ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫން. ކުރަން ހެޔޮވާވަރު ކަމެއްވެސް ނޫން.

ފަރުދާ 4 : (ނަންނިގެ ދިރިއުޅުމާއި ޝައިޠާނާގެ ދަލުގައި ޖެހިގެން އުޅެވުނު ގޮތް)

ފަރުދާ ފެށިގެން އަންނައިރު ފެނިގެން ދާނީ ނަންނިގެ ދައްތަ ސުމައިނާ ލޯގަނޑު ކުރިމަތީގައި ހުއްޓިހުރެ ރީތިވަމުން އަންނަ މަންޒަރެވެ. އޭނާ ލައިގެން ހުންނާނީ ކަޅު ހައުސްކޯޓް ވައްތަރުގެ ހެދުމެކެވެ. އަޅައިގެން ހުންނާނީ ވަށް ބުރުގާއެކެވެ. ބުރުގާ ރީތިކޮށްލާ ހެދުން ހެޔޮވަރު ކޮށްލިވަގުތު ލޯގަނޑު ފުރަގަހުން އިބްލީސް ނިކުމެއެވެ.

ޝައިޠާނާ: ކަނބުލޮ ތިހެން ހުރެ ބޭރަށް ދާންތަ ދިއުޅެނީ؟ މީހުން ކިހާ މަލާމާތެއް ކުރާނެ. މީހުން ބުނާނެ ތި ރީތި މޫނުގަ އެއްވެސް އުޖާލާ ކަމެއް ނެތޭ. ކަނބުލޮގެ ދެލޯވެސް ހީވަނީ ދުޅަވެފަ ހުރިހެންނޭ. ނިކަން ކޮންމެވެސް ވަރަކަށް މޭކަޕް ކޮށްލަބަލަ. ކުޑަކުޑަކޮށް ކޮށްލިޔަސް މީހަކަށް ނޭނގޭނޭ. މިހާރު ހީވަނީ މީހެއްގެ ޖަނާޒާއަކަށް ދާން އުޅޭހެން. ބަލާލަބަލަ ލާފަ ހުރި އެތި. (ސުމައިނާގެ ވަށައިގެން އެނބުރިލަމުން) ހީވަނީ ކަޅު ގޯންޏަކަށް އެރި ހުރިހެން. ކަލޭ ރައްޓެހިންގެ ފަރާތުން މަލާމާތުގެ ބަސްތައް އަޑުއަހަންތަ ދާން ތިއުޅެނީ؟ އެމީހުން ޖޯކް ޖެހީމަ ބުނާނީ މަންމަގެ ޖުއްބާ ހެދުންގަނޑޭތަ ތީ؟ ނިކަން ތަންކޮޅެއް ކޫލް ހެދުމެއް ލާބަލަ. ބަލާލަބަލަ ނަންނި އަށް (ނަންނި ޓޮޕަކާ ޖިންސެއް ލާ މޭކަޕް ކޮށްލާފައި ހުއްޓެވެ.) ކީއްކުރަންތަ މުޅި ބޮލުގެ އިސްތަށިގަނޑު ފޮރުވަންވީކީ؟ ނިކަން ކޮންމެވެސް ވަރަކަށް ސަޅި އިސްތަށިކޮޅެއް ބުރުގާއިން ބޭރުކޮށްލަބަލަ. މީހަކު ކަލޭ ގައިގަ ތަދެއް ނާޅާނޭ.

ސުމައިނާ: أعوذ بالله من الشيطان الرجيم

(ސުމައިނާ އަޢޫޛް ކިޔާލުމުން އިބްލީސް ބިރުން ފަހަތަށް ޖެހިލިއެވެ. ހަމަ އެއާއެކު ނަންނިގެ ކައިރިއަށް ޖެހިލައެވެ.)

ޝައިޠާނާ: ނަންނި ދައްތަ ހާދަ ކަޓް ޚިޔާލޭ ދޯ ގެންގުޅެނީ. ނަންނި ވެސް މަބުނިގޮތަށް ހެދީމަ މިހާރު ކިހާ ސަޅި. އަދި ބުނަން. ދައްތަ އާއެކު ނުދާތި މާމަގެ ޙާލު ބަލާލަން ހޮސްޕިޓަލަށް. އެބަ ޖެހެއެއްނު ހުޅުމާލެއަށް ބޫން ބޫން ލައްވާލަން ދާން.

(އެވަގުތު ނަންނިގެ ފޯނު ރިންގުވާން ފަށައެވެ.)

ނަންނި: ހެލޯ. އަތުހަރު ގަނޑުދޯ. އާނއެކޭ ނަންނި ދާނަމޭ. …… ކޮން… އުހުނ… މަގޭ މަންމައަށް ނުކެރޭނެ ޗުއްޕުވެސް ބުނަން. އަތޫ ކަހަލަ ކުދިންނާ ފްރެންޑްޝިޕް ނުބާއްވާ ކިހިނެތް އުޅޭނީދޯ… ދެން އާނއެކޭ. އޭތް މަޑު ކޮށްލައްޗޭ…. އެބަ އާދޭ މަންމަގެ ފޯނެއް…. (ލައިން ސްވިޗް ކޮށްލަމުން) އޭތް މޯޑްދޯ… އެ މަންމަގެ ފޯނެއްގަ ދެންމެ ހުރީ…. އާނއެކޭ…. ހަމަ މިރޭ އަންނާތި. ބައި.

ޝައިޠާނާ: މިއީ ނަންނިގެ ފައްކާ ކަމަކީ. އަހަރެން ހަމަ ބުނާހާގޮތެއް ހަދާނެ.

(އެވަގުތު އެތަނަށް ނަންނިގެ މަންމަ އައިސް ވަދެއެވެ.)

ނަންނިގެ މަންމަ: ދަރިފުޅާ… ނަމާދު ކޮށްލައިގެން އިނގޭ މާމަ ކައިރިއަށް ދަނީ. ދަރިފުޅާ.. އަޑު އިވިއްޖެތަ؟ (މިހެން ބުނަމުން އެތަނުން ނުކުމެގެން ދެއެވެ.)

ޝައިޠާނާ: ނަމާދުކޮށްލެވިދާނެ ހުޅުމާލެއަށް ގޮސްފަ އައިސްވެސް. އަދި ނުގުޅަމެއްނު ފިރައްޓޭ އަށްވެސް. އޭނަ އަށް ގުޅާލަބަލަ. މިހާރު ހުންނާނެ ނަންނިގެ އިންތިޒާރުގަ.

ނަންނި: އާނ މަންމާ. (މަންމަ ނުކުމެގެން ދިއުމުން ފޯނު ނަގައި ގުޅާލިއެވެ.)

އަޅުވެރިޔާ: ތިޔަކުދިންނަށް އެނގޭތަ؟ ނަމާދުކުރުމަށް އަންގަވައި، ނަމާދު ނުކުރާ މީހުންނަށް ވަރަށް ވަރުގަދަ އިންޒާރުން މާތް ﷲ އިންޒާރު ދެއްވާފައިވޭ. ނަމާދަކީ، ދީނުގެ ތަނބު. ދީނުގައި ނަމާދުގެ މިސާލަކީ، ޓެންޓެއްގެ މެދުގައި ޖަހާފައި ހުންނަ ދަނޑީގެ މިސާލު. އެ ދަނޑި ވައްޓާލައިފިނަމަ، ޓެންޓްވެސް ވެއްޓޭނެ ދޯ. ހަމައެފަދައިން، ނަމާދާއި ނުލައި މީހެއްގެ އިސްލާމްކަން ސީދާ ނުވާނެ.

 

ފަރުދާ 5 : (އަތުހަރުގެ ދިރިއުޅުމާއި ޝައިޠާނާގެ ދަލުގައި ޖެހިގެން އުޅެވުނު ގޮތް)

ސިޓިންގ ރޫމްގެ ސޯފައިގައި އަތުހަރު އިންނާނީ ޕީއެސްޕީ ގޭމް ކުޅޭށެވެ. މޭޒުމަތީގައި ޕޮޓޭޓޯ ޗިޕްސް ދަޅަކާއި ކޯކް ފުޅިއެއް ހުންނާނެއެވެ. ކައިރީގައި އަޅިކެނޑިއެއްގެ ތެރޭގައި ރޯކޮށްފައިވާ ސިނގިރޭޓް ބުރިއެއް އޮންނާނެއެވެ. ސޯފާގެ އެއްފަރާތުގައި އިބްލީސް އިންނާނީ ނިޔަފަތި އޮފުކުރާ ފީރަކުން ނިޔަފަތިތައް ގާނާށެވެ. އިރުކޮޅަކުން އެތަނަށް އަތުހަރުގެ ބައްޕަ އައިސް ވަދެއެވެ. ބައްޕަ ހުންނާނީ ނަމާދަށް ދިއުމަށް ތާކިހާ އަޅައިގެންނެވެ.

ބައްޕަ: އެކަމަކު ދަރިފުޅާ. ތިހެން މުޅި ދުވަސް ތި ހޭދަކޮށްލަނީ ގައިމު ކުޑަކުއްޖެއް ނޫނެއްނު ތީކީ. ތި ބަހައްޓާފަ ހަމަ މިހާރު ދޭ ފެންވަރައިގެން ނަމާދަށްދާން އުޅެން.

(އަތުހަރު ބައްޕައަށް އިހްތިރާމު ކުރުމަށް ތެދުވެއެވެ. އެވަގުތު އިބްލީސް ވަސްވާސް ދޭން ފަށައެވެ.)

ޝައިޠާނާ: އޭ އޭ އަތޫ ތި ލެވެލް ނިންމާވެސް ނުލާ ތެދުވަނީތަ؟ އިހަށް މަޑުކޮށްލަބަލަ. ބައްޕަ ކައިރީ ބުނޭ ބައްޕާ ދާށޭ ނަމާދަށް. ފަހުން ދާނަމޭ ބުނެފަ އަވަހަށް ފޮނުވާލާ. މުސްކުޅި ވީމަ އެކަހަލަ ބޭކާރު އަނގަ ތަޅާނެ.

އަތުހަރު: ބައްޕާ އެބަދަމޭ. މި ލެވެލް ނިންމާލާފަ މިދަނީ.

ބައްޕަ: ތިބުނާ ލެވަލެއް ނުނިމޭނެ ދުވަހަކުވެސް. މިހާރުދެން ތިކަންތައްވެސް މާ ބޮޑު ތިވަނީ.

އިބްލީސް: އަހަން ހާ…. މިއޮތީ ރަނގަޅު ޗާންސެއް. މިފަހަރުވާނީ މި ދެބަފައިން މޫނު ކަނޑުވާލަން. (އަތުހަރު ބައްޕަ ކައިރިއަށް ޖެހިލަމުން) އެވެސް ކަލޭގެ ދަރިއެއްތަ؟ ބަލާބަލަ ހުރި ގޮތްކުޑަކަން. އެއްވެސް އަދަބެއް އަޚްލާޤެއް ނެތެއްނު. އެކަމަކު ދަރިން ކުރިމަތިމަތީގަ ތިހާ ދަށްވެގެން އުޅޭކަށް ނުވާނެ. ނިކަން ކުޅި ދައްކާލަބަ!

ބައްޕަ: (ރުޅި އައިސް ރަތްވެފައި ހުރެ އަތުހަރު އަތުގައި އޮތް ގޭމްގެ ހޭންޑް މޯޑް އަތުލަމުން ހޫރާޖެހިއެވެ. ގޭމްގެ މައިގަނޑު ބައިވެސް އުފުރިގެން ގޮސް ބިންމަތީގައި ޖެހި ކުދިކުދިވެއެވެ. އަތުހަރު ރުޅިއައިސް ރަތްވެގެން ތެދުވެ ބައްޕައާއި ދިމާއަށް ހިނގައިގަތްވަގުތު ބައްޕަ އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެވަގުތު އިބްލީސް ވަރަށް ދެރަވެލާފައި އަތުހަރު ކައިރިއަށް ޖެހިލައެވެ.)

އިބްލީސް: ގައިމު ބުނާނެ އަތޫ ދެކެ ލޯބިވެޔޭ. އެއީތަ ބަފައިން ދަރިންދެކެ ލޯބިވާ ގޮތަކީ؟ މަށަށް ހަމަ ރަނގަޅަށްވެސް އޮޅިއްޖެ؟

(އަތުހަރު ސޯފާގައި އިށީންނަމުން ހަމަޖެހިލެވޭތޯ މަސައްކަތް ފަށައެވެ. އެއަށްފަހު ބޮންދަށް ގޮވަން ފަށައެވެ.)

އަތުހަރު: ބޮނދޫ. ނިކަން އާދެބަލަ މިތަނަށް؟

(ސޯފާގެ އަނެއް ފަރާތުގައި ނިޔަފަތި ގާނަން އިން އިބްލީސް އަނގައިން ވައި އަޑެއް ލައްވާލަމުން:- )

އިބްލީސް: ކީކޭ؟ ބޮނދޫ ނިކަން އައިސް ބަލާށޭ؟ (މަލާމާތުގެ ރާގަކަށް) އަޅެފަހެ މީހަކު އަންތަރީހެއް ނުވާނެތަ؟ ތި ގޮވަނީ ރައްޓެއްސަކަށްތަ ނޫނީ ތިމާގެ މީހަކަށްތަ؟ ބަލަ އެއީ މިގޭ ގެންގުޅޭ ނޯކަރެއް ނޫންތަ؟ ނޯކަރުންނާމެދު ޖެހޭނެ ނިކަން ހަރުކަށިވާން. އެމީހުންނަށް ބަވާ ކުޑަކޮށްފަ ބަހައްޓަން ޖެހޭނީ އެހެންނޫނީ އެމީހުން އިސާހިތަކުން ކަލޭމެންގެ ބޮލަށް އަރާފާނެ.

އަތުހަރު: (ކުރީ ފަހަރަށްވުރެން ހަރުކަށިކޮށް) ބޮންދޫ! ބޮންދޫ!!!

އިބްލީސް: ތިއޭ އެމީހުން ހަލާކުވާ ގޮތަކީ. ކަލޭ ތިވަރަށް ގޮވާއިރުވެސް އެ ބޮންދު ގަނޑު ނައިސް އެ ހުންނަނީ އެހެންވެގެނޭ. ނޯކަރުން ކިޔަމަން ކުރެވޭނީ ފިސާރި ބަވައިގެން.

އަތުހަރު: (ރުޅިއައިސް ރަތްވެފައި) ބޮންދޫ!! އޭތް ކަލެޔަށް އަޑެއްވެސް ނީވޭތަ؟

ބޮންދު: ކީކޭތޯ ބޭބޭ. (އެތަނަށް އައިސް ވަންނަމުން، އޭނާގެ އަތުގައި ގޭތެރެ ފޮޅަން ބޭނުންކުރި ފޮތިގަނޑު އޮންނާނެ)

އަތުހަރު: ކިތައް ފަހަރު ކަލޭ ކައިރީ ބުނާނީ މަގޮވީމަ އަންނަ އިރު ތި ތުވާލި ގަނޑު ނުގެންނާށޭ. ނޭނގޭތަ ހިރަފުހަށް މަ އެލާޖިކް ވާކަމެއް. ގޮވީމަ އޮތްތާކުން އަންނާކަށްވެސް ނޭނގޭތަ.. އޭން. މިހާރު ކަރު ހަން ހިނގައްޖޭ.

ބޮންދު: ބޭބޭ… އަޅިގަނޑު… އަ.. އަ… އަޅުގަނޑު ކުޑަ ކާއެތިކޮޅު ކަނީ…

އަތުހަރު: އަބަދު ކެއުންނޫން އެހެން ކަމެއް ކަލެޔަށް އެނގޭތަ ކުރަން؟ ބައްޕަ ކަލޭ ދޮންފުތު ކޮށްގެން ގެންގުޅުނަސް ހީނުކުރާތި މަ މަޑުން ހުންނާނޭ. މިގެއަށް ކަލޭ ގެނައީ ހަމަ އެކަނި ކައިގެން ހުންނާކަށް ނޫން އިނގޭ. ހުރެބަލަ ނިކަން. މިމަހު މުސާރަވެސް ނުދޭނަން މަށަށްވެގެން ވަންޏާ. އަޑު އިވިއްޖެތަ؟

(އިސްދަށަށް ޖަހައިގެން ހުރި ބޮންދު ރޮވޭގޮތްވަމުން އެތަނުން ނުކުމެގެން ހިނގައްޖެއެވެ.)

އަޅުވެރިޔާ: ތިޔަކުދިންނަށް އެނގޭތަ؟ ނަމާދު އަޅާ މީހާއީ، ނަމާދު ވާޖިބުވުމާމެދު އިންކާރުކުރާ މީހެއް ކަމުގައި ވަނީނަމަ، އޭނާއަކީ އިސްލާމްދީނުން ބޭރުވެފައިވާ ކާފިރެއް ކަމަށް އެންމެހައި މުސްލިމުން ވަނީ އިޖުމާޢުވެފަ. އެހެނީ، ނަމާދު ކުރުމަކީ، އަދާކުރަން ޖެހޭ ވާޖިބެއް ކަމުގައި ޤަބޫލުކުރަން ޖެހޭ. އަދި އެކަން ޤަބޫލުކުރުމަކީ، ދީނުން ކޮންމެހެން އެނގެން ޖެހޭ ކަމެއް ކަމުގައި މުސްލިމުން ވަނީ، އިޖުމާޢުވެފަ.

ފަރުދާ 5 : (ރިވާޝް ދިރިއުޅުމާއި ޝައިޠާނާގެ ދަލުގައި ޖެހިގެން އުޅެވުނު ގޮތް)

ސިޓިންގ ރޫމްގެ ސޯފައިގައި ރިވާޝް އިނީ ފުޓްބޯޅަ މެޗެއް ބަލާށެވެ. ސޯފާގެ އަނެއް ފަރާތުގައި އިބްލީސް އިންނާނީ ބޮލުގައި ޖެލް ލައިގެން ތަފާތު ގޮތްގޮތަށް ސްޕައިކް ޖެއްސުމުގައި އަވަދިނެތިއެވެ.

(މެޗްގެ ފޯރީގައި ރިވާޝް އިންދާ އޭނާގެ މަންމަ ގޮވަން ފަށައެވެ.)

މަންމަ: ރިވާޝް. ރިވާޝް!!

އިބްލީސް: އަޅާވެސްނުލާ އިނދޭ! އަޑު އިވުނު ކަމަށްވެސް ނުހަދާތި! އެހާ މުހިންމު ކަމަކު ނަމަ ދެވަނަ ފަހަރަށްވެސް ގޮވާނެ.

(ރިވާޝްގެ މަންމަ ތައްޔާރުވެގެން އަތްދަބަސް ހާވަމުން އެތަނަށް އައިސް ހުއްޓެއެވެ.)

މަންމަ: ރިވާޝް! އެބައިނިންދޯ މިތާ؟ މަންމަ ގޮވާލި އަޑު ނީވެނީތަ އަޅެ؟

ރިވާޝް: މަންމަ ގޮވިންތަ އަޅެ؟ (މަންމަގެ މޫނަށް ބަލާވެސް ނުލާ ޓީވީއަށް ގެއްލި އިނދެ)

މަންމަ: އާނ ދަރިފުޅާ. މަންމަ ބޭނުން ޑޮކްޓަރަށް ދާން. ހިނގާބަލަ މަންމަ ގޮވައިގެން ސައިކަލްގަ ގޮސްލާފަ އަންނަން.

(ރިވާޝް ޓީވީ ނިއްވާލުމަށް މޭޒްމަތީގައި އޮތް ރިމޯޓް ނަގައެވެ. އެވަގުތު އިބްލީސް އޭނާގެ މަސައްކަތް ފައްޓައެވެ.)

އިބްލީސް: މިއޮއް ފައްކާ މެޗް ދޫކޮށްލާފަ މަންމަ ގޮވައިގެން ދަނީތަ ހަމަ؟ ބަލަ ރިއްޓެގެ ފޭވަރިޓް ޓީމު ފައިނަލްގަ ކުޅެކުޅެ އޮއްވާ ދަނީތަ؟ މަންމަ ކައިރީ ބުނޭ ޓެކްސީއެއްގަ ދާށޭ.

ރިވާޝް: މަންމަ ކީއްތަވާނީ ޓެކްސީއެއްގަ ދިޔައިއްޔާ؟

މަންމަ: ޓެކްސީ އެއްގަ ދިޔައިމަ ކިހާ ލާރިއެއް ބޭކާރުވެގެން އެދަނީ. މަންމަ އެހާ ލަހެއްވެސް ނުވާނޭ ދަރިފުޅާ.

ރިވާޝް: މަންމާ އިރުކޮޅަކުން މިމެޗް ނިމޭނޭ. ނިމެންދެން މަޑުކޮށްލަބަލަ.

މަންމަ: ދެންހެވޭ. ކިތަންމެ ކުޑަކަމަކު ބުންޏަސް އެހާ ހާސަރު ދަމާނެ. މަންމަ އަށް އެޕޮއިންޓްމެންޓް ލިބިފަ އިނީ މިއަދު 3 ގެ ކުރިން.

އިބްލީސް: (ހަޅޭއް ލަވައިގަންނަމުން) ހާދަ ގޮތްދޫނުކުރާ މަންމައެކޭ ދޯ. އަނެއްކާވެސް ބުނެބަލަ ޓެކްސީގަ ދާށޭ.

ރިވާޝް: މަންމަ އަށް ލަސްވަންޏާ ދެންވެސް ޓެކްސީގަ ދޭބަލަ.

(އެވަގުތު ރިވާޝްގެ ފޯނު ރިންގުވާން ފެށުމުން ފޯނު ނަގައެވެ. މަންމަ ދެރަވެފައި ހުރެއެވެ.)

ރިވާޝް: އޭނ.. ކީކޭ. ނާސިރު މެންގެއަށް މެޗްބަލަން އެންމެން ދޭތަ؟ އޯކޭ އޯކޭ… މަވެސް ހަމަ މިހާރު މި ކަނޑަނީ. ވަރަށް އަވަހަށް އެބަދަން.

މަންމަ: (ރިވާޝް ނުކުމެގެން ދާތަން ބަލަން ދެރަވެފައި ހުރެ) ކީކޭ ދެން ބުނާނީ. މައިންބަފައިންނަށް ކުޑަކޮށްވެސް ރަޙްމެއް ނެތް. ޔާ ﷲ. މަގޭ ދަރިފުޅަށް ހެޔޮގޮތް މިންވަރު ކޮށްދެއްވާފާންދޭވެ!

އިބްލީސް: އަދިވެސް އެވަރުންވެސް އޭނާ އަށް ހެޔޮ ދުޢާތަ ކުރަނީ.

(އޯޑިއަންސަށް) ޝައުބާން މަސް ނިމި ރަމަޟާން މަސް މިއޮއްގެން ކައިރިވަނީ. ރަމަޟާން މަސް އަންނާތީ ކަލޭމެން ތި ތިބީ ވަރަށް އުފަލުންދޯ؟! ރަމަޟާން މަހު އަހަންނަށް މިނިވަންކަން ނެތަސް ބަލަންތިބޭތި ރަމަޟާން މަހަށް ރޭވިގެންދާ ބޮޑެތި ރޮކެޓް ތަކަށް. ދީނީ ޕްރޮގްރާމްތައް ފިޔަފައި ހަމަ ކޮންމެ ޓީވީ ޕްރޮގްރާމަކީ މަގޭ މި ޝައިޠާނީ ސިކުނޑިން ވިސްނައިގެން އުފައްދާ ޕްރޮގްރާމް ތަކެއް. ދުވާލު ރޯދަޔަށް ތިބެފަ ރޭގަނޑު މަޖާ ނަގާނެ ކަންތައްގަނޑެއް ދައްކާފަ ކޮޅެއް އަޅާ ފަހުން މަގޭ އަތްފައިގަ ހިލިހިލާ އެޅޭނީ.. ހައްހައްހާ …..

އަޅުވެރިޔާ: މައިންބަފައިންނަށް ކަމޭހިތުމަކީ ކޮބައިކަން ތިކުދިންނަށް އެނގޭތަ؟ މައިންބަފައިންނަށް ކަމޭހިތުމަކީ މައިންބަފައިންގެ ބަސް އަހައި، އެ މީހުންނަށް އިޙްތިރާމްކޮށް، އެ މީހުން ދެކެ ލޯބިވެ، އަދި އެހީތެރިވެވޭ ހުރިހާ ގޮތަކުން މައިންބަފައިންނަށް އެހީތެރިވުން. އަދި މައިންބަފައިންނާ އެކު ވާހަކަ ދައްކާއިރު އަދަބުވެރިކަމާ އެކު ވާހަކަ ދައްކާ މާތްކޮށް ހިތުން. އަދި މައިންބަފައިން ވާހަކަ ދައްކަންޏާ އެ ވާހަކައެއް ކަނުލާ އަޑު އަހާ، އެ މީހުން ކުރިމަތީގައި ރުޅިވެރިކަމާއެކު ނުވަތަ ހަރު އަޑުން ވާހަކަ ނުދެއްކުން. އަދި މައިންބަފައިން ދެކެ ރުޅި ނައުމާއި މައިންބަފައިންނަށް ރުޅި މޫނު ނުދެއްކުން.

މައިންބަފައިންނަށް ކަމޭހިތުމަކީ، އިސްލާމްދީން ވަރަށް ބޮޑަށް ބާރު އަޅާ ކަމެއް. މައިންބަފައިންނަށް ކަމޭ ހިތުމަކީ ހަމަ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެއް. ކުޑަ ކުއްޖަކަސް ބޮޑު މީހަކަސް، އަދި އަންހެން ކުއްޖަކަސް ފިރިހެން ކުއްޖަކަސް، މައިންބަފައިންނަށް ކަމޭހިތަން ޖެހޭނެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.