ކަދުރު ކެއުން އިތުރުކޮށް ކޮންމެ ދުވަހަކުވެސް ކެއުމުގައި ކަދުރު ބޭނުންކުރަން ޖެހޭ 10 ސަބަބެއް ބުނެދެން ހެއްޔެވެ؟ ސައިންސްގެ ހޯދުންތަކުން ޔަޤީންވެފައިވާ ގޮތުން ކަދުރަކީ ހިތުގެބަލި ޖެހުން، ލޭމައްޗަށް ދިއުން، ސްޓްރޯކް ޖެހުން އަދި ކޮލެސްޓްރޯލް މައްޗަށް ދިއުމަށް އެންމެ ރަނގަޅު ފަރުވާކަން ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން ކީރިތި ޤުރުއާނާއި މާތް ރަސޫލާ صلى الله عليه وسلم ހެ ޙަދީޘްފުޅުތަކުގައި ވެސް ވަނީ ކަދުރުގެ ފައިދާތައް ބަޔާންކުރައްވާފައެވެ.

 

ކަދުރާއި ކަދުރު ރުކާއި ބެހޭގޮތުން ޤުރުއާނުގައި ވިހި ފަހަރުމަތިން ޛިކުރުކުރެވިފައި ވެއެވެ. މީގެން ކަދުރުގެ މުހިއްމުކަން ހާމަވެގެން ދެއެވެ. ނަބިއްޔާ (صلى الله عليه وسلم) ކަދުރު ރުކެއް ސިފަ ކުރައްވާފައިވަނީ މުސްލިމެއްގެ މިސާލުންނެވެ. ”ގަސްތަކުގެ ތެރެއިން މުސްލިމެއް ފަދަ ގަހެއް ވެއެވެ. އޭގެ ފަތްތަކެއް ނުއެއް ފައިބައެވެ.“

 

ކަދުރަކީ ގިނަ ޢަދަދެއްގެ ވިޓަމިންސްއާއި މިނަރަލްސްއިން މުއްސަނދިވެގެންވާ އެއްޗެކެވެ. ހަށިގަނޑުގައިވާ ”ޓްރޭސް އެލިމެންޓް“ ގެ މިންވަރު ދަށަށް ދިއުމުން ލޭހޮޅިތަކަށް އެކަމުގެ އަސަރު ކުރެއެވެ. އަދި ހިތުގެ ވިންދު އަވަސްވެ އޭގެ މަސައްކަތް، އޭތީގެ ޢާއްމު ޙާލަތުގައި ވާއިރު ހިނގާ ގޮތުގައި ހިނގުމަށް ހުރަހަކަށް ވެއެވެ. ކަދުރަކީ ކެލްސިއަމްގެ މުއްސަނދިކަން ލިބިގެންވާ އެއްޗެއް ކަމުން ކަށި ވަރުގަދަކޮށްދެއެވެ. ހަށިގަނޑުގައިވާ ކެލްސިއަމްގެ މިންވަރު ހުންނަން ޖެހޭ މިންވަރަށް ވުރެ މަދު ވެއްޖެނަމަ ކުޑަކުދިންގެ ކަށި މަޑުވެ ބަލިވުމަށް މެދުވެރިވެއެވެ. އަދި ބޮޑެތި މީހުންގެ ކަށި މުރަނަވެ ބަލިކަށިވެއެވެ.

 

ކަދުރުން ލިއްބައިދޭ ފައިދާތަކުގެ ތެރެއިން 10 ފައިދާއެއް

 

1- ބަނޑުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ

ކަދުރަކީ ބަނޑާއި ގޮހޮރުގެ ޞިއްޙަތު ރަނގަޅުކޮށްދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އަދި ބަނޑާއި ގޮހޮރުގައި ފާރު އުފެދުމުގެ ނުރައްކަލުން ދުރުކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ.

 

2- ހިތުގެ ޞިއްޙަތު ވަރުގަދަ ކޮށްދޭ

މުށެއްހައި ކަދުރު ފެން ތަށްޓަކަށް އަޅާފައި ރޭގަނޑު ބެހެއްޓުމަށްފަހު ހެނދުނު ހޭލައިގެން ހުސްބަނޑާ ހުރެ އާދަކޮށް ކާންފެށުމުން ހިތުގެ ޞިއްޙަތު ރަނގަޅުކޮށްދޭނެ އެވެ.

 

3- ލޭގެ ޕްރެޝަރު މިންހެޔޮ ވަރެއްގައި ބަހައްޓައިދޭ

ކަދުރަކީ ގިނަ މިންވަރަކަށް ޕޮޓޭސިއަމް އެކުލޭވޭ އަދި އޭގައި ސޯޑިއަމް ނުހުންނަ އެއްޗެއްކަމުން އާދަވެ ކަދުރު ކާންފެށުމުން ލޭގެ ޕްރެޝަރު އެއްވަރެއްގައި ހިފަހައްޓައިދޭން ފަށައެވެ. އެހެންކަމުން ދުވާލަކު ފަހެއް ނުވަތަ ހަ ވަރަކަށް ކަދުރުތޮޅި ކާން އާދަކުރާށެވެ. އޭރުން ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް މުހިއްމު ދައުރެއް އަދާކުރާ މެގްނީޒިއަމް ވެސް ލިބި ލޭގެ ދައުރާނަވުން ރަނގަޅުކޮށްދޭނެ އެވެ.

 

4- ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ

ކަދުރަކީ އޭގާއި ގިނަ މިންވަރަކަށް ޕޮޓޭސިއަމް އެކުލޭވޭ އެއްޗެއްކަމުން ނާރުތަކުގެ މަސައްކަތަށް އިތުރު އެއްބާރުލުމެއް ލިއްބައިދީ ނާރުތަކުގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ސްޓްރޯކް ޖެހުމުން ދުރުހެލިކޮށްދޭނެ އެވެ.

 

5- ދަގަނޑުގެ ބައި އިތުރުކޮށްދިނުން

ދުވާލެއްގެ މައްޗަށް ހަޑިގަނޑަށް ބޭނުންވާ މިންވަރަށް ދަގަނޑުގެ ބައި ލިއްބައިދިނުމަށްޓަކައި 100 ގްރާމުގެ ކަދުރު ކޮންމެ ދުވަހަކުވެސް ކާށެވެ. އޭރުން ލޭގައި ހުންނަ ރަތް ސެލްތަކުގައި ހުންނަން ޖެހޭ އާއްމު ނިސްބަތް  ހުންނަން ޖެހޭ މިންވަރުގައި ހިފަހައްޓައިދީ ހަށިގަނޑުގެ ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުން ރަނގަޅުކޮށްދޭނެ އެވެ.

 

6- ބަރުދަން ލުއިކޮށްދޭ

ހެނދުނު ހުސްބަނޑާހުރެ އާއްމުކޮށް ކަދުރު ކާންފެށުމުން ހަށިގަނޑަށް ލިއްބައިދޭން ޖެހޭ ޤުދުރަތީ ހަކުރު ލިއްބައިދީ ލޭގައި ހުންނަ ކޮލެސްޓްރޯލްގެ މިންވަރު އެއްވަރެއްގައި ހިފަހައްޓާއިދީ ހަޖަމުކުރުން ރަނގަޅުކޮށްދެއެވެ. މީގެ އިތުރުން ކަދުރު ކެއުމުން ބަރުދަން ލުއިކޮށްދިނުމަށް އެއްބާރުލުންދެއެވެ.

 

7- ބަނގުރަލުގެ މަސްތުކަން ފިލުވައިދޭ

ބަނގުރަލަކީ ޙަރާމް އެއްޗެއް ނަމަވެސް ބަނގުރާ ބޯމީހުން މަދެއް ނޫނެވެ. ބަނގުރާ ބުއިމުން ލިބޭ މަސްތުކަމާއި ބަނގުރާ ބުއިމަށްފަހު އެ އަންނަ ‘ހޭންގްއޯވަރ’ އިން ބޮލުގައި ރިއްސުން ފިލުވައިލުމަށް ކަދުރަކީ ރަނގަޅު އެއްޗެކެވެ. މިކަމަށް ކަދުރު ކާން އެންމެ ރަނގަޅީ ރޭގަނޑު ފެނުގައި ބަހައްޓާފައި ހުންނަ ކަދުރު، ހެނދުނު ހުސްބަނޑާހުރެ ކެއުމެވެ.

 

8- އެއްވަރެއްގައި ކޮލެސްޓްރޯލް ގެ މިންވަރު ހިފެހެއްޓުމަށް

ކަދުރަކީ އެލްޑީއެލް ކޮލެސްޓްރޯލް ނުވަތަ ހަޑިގަނޑަށް ގެއްލުންދެނިވި ކޮލެސްޓްރޯލްގެ މިންވަރު ދަށްކޮށްދިނުމުގެ ޤާބިލުކަން ލިބިފައިވާ އެއްޗެކެވެ. އެހެންކަމުން މިއީ ހަކުރުބަލި ޖެހިފައިވާ މީހުން ކެއުމަށް ވަރަށް ފައިދާހުރި މޭވާއެކެވެ. ކަދުރަކީ ޤުދުރަތީ ކެލޮރީސް އާއި ހަކުރުގެ މިންވަރު ނިސްބަތުން ގިނަކޮށް ހުންނަ މޭވާއެއްކަމުން ހަކުރުބަލި ހުންނަ މީހުން ކަދުރު ކާންވާނީ ވަރަށް މަދުން އެހެން ނަމަވެސް ކޮންމެ ދުވަހަކު އެވެ.

 

9- ބޭރަށް ހިންގުމުން ދުރުކޮށްދޭ

ކަދުރަކީ ހަށިގަނޑުގައި ހުންނަ ރަނގަޅު ބެކްޓީރީޔާގެ މަސައްކަތް އިތުރުކޮށްދިނުމަށް ބާރުއަޅައިދޭ އެއްޗެއްކަމުން ގޮހޮރުގައި ހުންނަ ރަނގަޅު ބެކްޓީރީޔާގެ މަސައްކަތް ރަނގަޅުކޮށްދެއެވެ. އެހެންކަމުން ބޭރަށް ހިންގުން ރަނގަޅުކޮށްދިނުމަށް މަސައްކަތް ކޮށްދެއެވެ.

 

10- ބަނޑުހިކުން (ކޮންސްޓިޕޭޝަން) ރަނގަޅުކޮށްދޭ

ރޭގަނޑު ފެންތަށްޓަކަށް އަޅާފައި ބަހައްޓާފައި ހުންނަ ކަދުރު، އާދަަކޮށް ހެނދުނު ގަޑީގައި ކާންފެށުމުން ބަނޑުހިކުމުގެ މައްސަލައަށް ރަނގަޅު ހައްލެއް ލިބޭނެ އެވެ. ކަދުރު އަޅާފައި ހުންނަ ފެންފޮދަކީވެސް ބޯން ކަމުދާ އެއިން ބަނޑުދިޔާކޮށްދިނުމަށް ބާރުއަޅައިދޭ އެއްޗެކެވެ.

 

ކަދުރަކީ މީގެ އިތުރުންވެސް އެތަކެއް ފައިދާތަކެއް ލިއްބައިދޭ މޭވާއެކެވެ. އެގޮތުން ކަދުރަކީ ލޮލޮގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ވެސް އެހީތެރިވެދޭ އެއްޗެކެވެ. އަނދިރި ތަންތަނުގައި ލޮލުގެ ފެނުން ބަލިކަށިވުމުން ދުރުހެލި ކޮށްދެއެވެ. ޞަޙާބީންގެ ދައުރުތަކުގައި މުސްލިމު މުޖާހިދުނަށް ދެވޭ ޚާއްޞަ ކާނާއެއް ކަމުގައި ކަދުރު ވިއެވެ. އެބޭފުޅުން ހަނގުރާމަތަކަށް ވަޑައިގަންނަވާ ހިނދު ކޮތަޅެއްގައި ކަދުރުކޮޅެއް ގެންދަވައެވެ. ކަދުރަކީ މަސްގަނޑު ވަރުގަދަ ކޮށްދިނުމަށް އެންމެ ރަނގަޅު ކާނާއެވެ. ހަނގުރާމައަކަށް ދާ މުޖާހިދަކަށް އެންމެ ރަނގަޅު ކާނާވެސް މެއެވެ.

 

ނަބިއްޔާ (صلى الله عليه وسلم) ކޭންބަލަވާއިރު ރޮއްޓާ އެކުގައި ކަދުރު ކޭންބައްލަވައެވެ. އަނެއްބައިފަހަރުގައި ދޮންވެ ފައްކާވެފައިވާ ކަދުރު ކިއުކަންބާޔާ އެކުގައި ކޭންބައްލަވައެވެ. އަދި ގިތޮޔޮ އާއި އެކުގައިވެސް ކޭންބައްލަވައެވެ. އެކެލޭގެފާނު ހުރިހާ ވައްތަރެއްގެ ކަދުރެއްވެސް ކޭންބައްލަވައެވެ. އަދި ޚާއްޞަކޮށް އަޖްވާ ކަދުރު ކޭންބެއްލެވުމަށް ލޯބިކުރައްވައެވެ.

 

މަޢުލޫމާތު ނެގީ: ޓޮޕްބަޒް އަދި ދިއިސްލާމް ވެބްސައިޓުން

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.