“ގޮއްޔޭ ތި ކާށީގެ ފެންފޮދު އުކައިނުލާތި!”
ހަސީނާ ކާށިބިނުމަށްފަހު ކާށީގެ ފެންފޮދު އުކައިލުމަށް ފަރިއަޅައިލިތަނުން މުޙައްމަދު ބުންޏެވެ.
“އެއްކަލަ މުޙައްމަދު. މިއަދު އަނެއްކާ ކާށިފެން ބޮއެގެން ހުންނަން އުޅޭ ދުވަހަކީތަ؟” ހަސީނާ އަތުގައި އޮތް ކާށި ކިބަ މުޙައްމަދު އަތުލުމަށް އަތްދިއްކޮލުމުން ހަސީނާ ރާގުލާފައި ބުންޏެވެ.
“ނޫނޭ ހަސީ. މިއުޅެނީ ކާށިފެނުގެ ފައިދާތައް ލިޔެފަ އޮތް ވަރަށް ފައްކާ ލިޔުމެއް ފެނިގެން. ނިކަން އަޑު އަހާބަލަ!” އެބުނާ ލިޔުމެއް ފޯނުން ހޯދަމުން މުޙައްމަދު ބުންޏެވެ. އެއާއެކު ލިޔުން ކިޔައިދޭން ފަށައިފި އެވެ.
ކާށި ފެނަކީ ޞިއްޙަތަށް ވަރަށް ފައިދާހުރި ފެނެކެވެ. ދިރޭ އެއްޗެއް އެންމެ ރަނގަޅަށް ޑީޓޮކްސިފައި (ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރު) ކޮށްދޭނެ އެކައްޗަކީ ކާށި ފެނެވެ. ކާށިފެން ބުއިމުން ދިފާޢީ ނިޒާމު ވަރުގަދަކޮށްދެ އެވެ. ކުޑަކަމުދާ ނިޒާމަށް ބަލިޖައްސާ ޖަރާސީމާއި ބެކްޓީރިއާ ތައް ނައްތައިލައެވެ. ހިރުގަނޑުގެ ބަލިތަކަށް ރަނގަޅު ފަރުވާއެކެވެ. އިންފެކްޝަން ތަކުން ދުރުހެލިކޮށްދެއެވެ. ޓައިފޮއިޑް ހުމަށް ރަނގަޅު ފަރުވާއެކެވެ.
ކާށި ފެނަކީ ކްރޮނިކް ފެޓީގުން (މާބޮޑަށް ހަކަތަ ދެރަވެ ވަރުބަލިވުން) ކުރިމަތިވާ ފަރާތްތަކަށް ހަކަތަ ލިއްބައިދިނުމަށް ރަނގަޅު ވަޞީލަތެކެވެ. މިއީ ކިޑްނީގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްލުމަށް ވެސް ވަރަށް އެކަށީގެންވާ އެއްޗެކެވެ. އެގޮތުން ކާށިފެން ބުއިމުން ކުޑަކަމުދާ ހޮޅި އާއި މަސާނާ (ބްލެޑަރ) ސާފުކޮށްދިނުމާއި ކިޑްނީގައި ހިލަ އުފެދުމުން ކުރިމަތިވާ މައްސަލަތައް ހައްލުކޮށްދިނުމުގައިވެސް އެހީތެރިވެދޭ އެއްޗެކެވެ.
ކާށި ފެނުގެ ފައިދާތައް
ކާށި ފެނަކީ އޭގައި ވަރަށް މަތީ ނިސްބަތަކަށް ފައިބަރު އެކުލެވޭ އެއްޗެކެވެ. މޭ އެންދުމަށް މޮޅު ފަރުވާއެކެވެ. ފެޓްސް ނުވަތަ ސަރުބީ އެކުނުލެވޭ އެއްޗެއް ކަމުން މި ފެން ބުއިމުގައި ވިސްނަންޖެހޭ އެހެން ކަމެއް ނެތެވެ. ކާށިފެން ބުއިމުން ބަނޑު ފުރިފައި ހުންނަކަމުގެ އިޙްސާސް ކުރެވޭނެ އެވެ. ނަތީޖާއެއްގެ ގޮތުން ކާހިތް ކަނޑުވައިލާނެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކެއުން މަދުކުރެވޭނެ އެވެ. އެހެންކަމުން މިއީ ބަރުދަން ލުއިކޮށް، ހިކެން ބޭނުންވާ މީހުންނަށް ރަނގަޅު އެއްޗެކެވެ.
ގައިގެ ހަންގަނޑުގައި ޚާއްޞަކޮށް މޫނުގައި އުނގުޅުމުން ބިހި ނެގުމާއި އޮށާޅަ ނެގުން މަދުކުރެވޭނެ އެވެ. އެހެން ޒާތްޒާތުގެ ކިރީމް ތައް އުނގުޅުމުން ހަމުގައި ހުންނަ ކުދިކުދި ލޯވަޅުތައް ބެދުނަސް، ކާށިފެން ބޭނުން ކުރުމުން އެހެންނެއް ނުވާނެ އެވެ.
ކާށި ފެނާއި ޒައިތޫނި ތެލާއި އެއްކޮށްގެން ބުއިމުން ގޮހޮރުގައި އުފެދޭ ޕެރަސައިޓްސް ތައް ނައްތައިލައެވެ. ބަލިވެ އިނުމުން މާބަނޑު އަންހެނުންނަށް ކުރިމަތިވާ އުނދަގޫތައް ކުޑަކުރުމަށް ކާށި ފެން ބުއިމަށް ބައެއް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ބޮލުގައި ރިއްސުންފަދަ ކަންކަމަށް ފަރުވާއެއްގެ ގޮތުގައި ކާށި ފެނަނީ ވަރަށް ރަނގަޅު އެއްޗެކެވެ.
ބަރުދަން ލުއި ކުރުމަށް ކާށި ފެން
ކާށިފެނަކީ ޤުދުރަތީ އައިސޮޓޮނިކް (އަވަހަށް ކަރުހިއްކުން ފިލުވައިލާ އަވަހަށް ހަކަތަ ލިއްބައިދޭ) ބުއިމެކެވެ. މިނަރަލްސް ތަކުން މުއްސަނދި އަދި ކެލޮރީސް އެހާމެ ދަށް ބުއިމެކެވެ. އެހެންކަމުން އާދަވެ ކާށި ފެން ބުއިމުން ބަރުދަން ލުއިކޮށްދެ އެވެ.
މީގެ އިތުރުން، ކާށި ފެނާއި ލުނބޯ ހުތް އެއްކޮށްގެން ބުއިމުން ލޭގައި ހަކުރު ހުންނަން ޖެހޭ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެ އެވެ.
ހުސްބަނޑާ ހުރެ ކާށިފެން ބުއިމުން ދުވަސް ފެށިގެންދާނީ ހަކަތައާއި ބުންވަރާއި އެކުގައެވެ. ކާހިތްވުން ކުޑަކޮށްދެއެވެ. ނަތީޖާއެއްގެ ގޮތުން ކެއުމުގެ އެދުންވެރިކަން ކުޑަކޮށްދެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!