“މާދަމާ ހެނދު ނު ނިދާނިދޯ!” އެކުވެރިޔާ އާއި ވާހަކަދައްކާން ފެށުމުގެ ގޮތުން އަހަރެންގެ އަނގައިން ބޭރުވީ މި ހަމަނުޖެހޭ ޖުމްލައެވެ.
އެކުވެރިޔާއަށް ކަމެކޭވެސް ހީނުވެއެވެ.
“ކިހިނެއްވެފަ ތިއިންނަނީ… އަނެއްކާ ނިދިއައީތަ؟… މަވެސް ނިދިއަންނަވަރުން މިހާރު ދެފަހަރަށް މޫނު ދޮވެފިން!” އަހަރެން ބޮޑު ބަންޖެއް އަމުނާލީމެވެ.
“މި ވަރުން ނިދި އަންނާނެތަ… މިއުޅެނީ ހިތަށް ތަދުވާ ވަރުން ނެއްނު!” އަހަރެންގެ އަތުނުޖެހޭ ހިސާބުން އެކުވެރިޔާ ވާހަކަ ކުރިޔަށް ގެންދިޔައެވެ.
“މިއުޅެނީ އަހަރެންގެ ހިތުގަ އަންހެން ކުއްޖަކު ވިކައިގަތްގަތީނުން ތަދު ނުފިލައިގެނެއްނު.” އޭރު އެކުވެރިޔާ ދެއްކި ވާހަކަތަކެއް އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. އެހެންކަމުން އަނގައިން ނުބުނެއިނީމެވެ.
“ތި ޔަ ކިޔާ ބަންޖެއް އަހަންނަށް ނޭނގުނު..” އެކުވެރިޔާގެ ވާހަކަތައް މެދުކަނޑާލަމުން އަހަރެން ބުނެލީމެވެ.
އެކުވެރިޔާ ކިއި ބަނދީގެ މާނަ އަހަންނަށް ކިޔައިދިނެވެ. ހީވެސް ނުކުރެވޭ ކަހަލަ މާނައެކެވެ. އެބަނދީގެ ޝަރަޙަ އަޑުއިވުމުން އަހަރެންގެ ހިތަށް ގޮތެއްވާން ފެށިއެވެ. އެކުވެރިޔާ ކުއްޖަކާ ހެދި މޮޔަވިއްޔޯލައެވެ. ހިތާމައަކީ އެކުވެރިޔާގެ ހިތަށް ލޮނުމިރުސް އަޅައިދިން ކުއްޖާއަކީ އަހަރެންގެ ހިތުތެރޭގައި ފޮރުވައިގެން އުޅޭނަމަކަށް ވީކަމެވެ. މިކަމަކީ އަހަރެން ގެ އެކުވެރިޔާއަށް އެނގިފައިވާ ކަމެއް ނޫނެވެ. އެކަމަކު އެކުވެރިޔާގެ ޙައްޤުގައި އަހަރެންގެ ހިތުން އެކުއްޖާގެ ނަންފޮހެލުމަށް އެރޭ ނިންމީމެވެ.
❀****❀❀****❀
އެތަކެއް ދުވަސްތަކެއް ފާއިތުވެ ހިގައްޖެއެވެ. އެކުވެރިޔާ އާއި އޭނާގެ ލޯބިވެރިޔާ ރަށުގެ އެކިހިސާބު ހިސާބުން ފެންނަން ފަށައިފިއެވެ. ރަށުތެރޭގައި ފޯރިއާއެކު މިޚަބަރު ފެތުރިއްޖެއެވެ. އެކުވެރިޔާގެ ގޭ އެންމެނަށްވެސް މިކަންތައް ގަނޑެއް ފަޅާ އަރައިފިއެވެ. އަހަރެންގެ ހިތުން ވެސް މާކަ އުނދަގުލަކާ ނުލައި، ވާން އުޅޭ ފަހަރީގެނަން ފޮހެލެވިއްޖެއެވެ.
❀****❀❀****❀
ބާރަށް ގުގުރާ ވިދަމުން ދިޔަ ރެއެކެވެ. އެކުވެރިޔާ އާ އަހަންނާ އެރޭގެ ބާރާޖަހާންދެން މަގުމަތީގައި އުޅުނީމެވެ. ބޯކޮށް ވާރޭވެހިގަތުމުން ދެމީހުން ދެމަގަށް އެޅީމެވެ. އަވަހަށް ގެޔަށް ދެވޭތޯއެވެ. ގެއަށް ދެވުނުއިރު އަހަންނަށް ހުރެވުނީ ވާރެޔާ ތެމިފޯވެފައެވެ. އަވަސް އަވަހަށް ކޮޓަރިތެރެއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އަރާ އޮށޯތީމެވެ. ނިދުމުގެ ކުރިން އެކިއެކި ކަންކަމާ ވިސްނާ ޚިޔާލު ކޮށްލަން އޮތީމެވެ. އެހެން އޮއްވާ އިވެންފެށީ އަހަރެންގެ ކޮއްކޮގެ ހުނުމުގެ އަޑެވެ. އަހަރެންގެ ހަގަށް ހުންނަ އަންހެން ކޮއްކޮގެ އަޑެވެ. ދެވަނަ ފަހަރަށް ކޮއްކޮގެ ހުނުމުގެ އަޑު އިވުނެވެ. ނިދިތެރޭ ކޮއްކޮ ކުރާކަމެއް ނޫންކަންވެސް އެގުނީ ދެނެވެ. އެކަމަކު ތެދުވާކަށް އަހަރެން ގަސްދެއް ނުކުރަމެވެ. ކޮއްކޮގެ އަޑެއް ބަޑެއް އިވޭތޯ އޮތީމެވެ.
“ދެން… ހާދަބާރަކަށޭ… އައްދޯތް!” އަހަރެން ސިއްސައިގެން ދިޔައީ ކޮއްކޮ ހަޅޭއްލަވައިގަތް އަޑަށެވެ. އަހަރެންގެ މޭގަނޑު ތެޅިގަތެވެ. ވަދާނިކުމެގެން އުޅޭ މީހާއަށް މަހެއް އަތުޖެހޭގޮތް ވުމުން ހަމަލާދެނީ އޭ އަހަރެން ގެ ހިތަށް އެރި އެވެ.
ތެދުވެގެންގޮސް ދޮރުފަތުގައި ދެފަހަރަކު ޓަކިޖަހައިލީމެވެ. އެތެރޭން އެއްވެސް އަޑެއް ނީވެއެވެ. ދޮރުހުޅުވާށޭ ކިޔާ ބާރަށް ހަޅޭއް ލަވައި ގަތީމެވެ. އެކަމަކު ދޮރެއް ނުހުޅުވައެވެ. ކޮއްކޮ އެގޮތަށް ކަންތައް ކުރާންވީ ކީއްވެގެން ހެއްޔެވެ؟ އާއެކެވެ. ކޮއްކޮގެ ރުހުމުގައި ކެޔޮޅު މަސްބާނަނީއެވެ. އަހަރެންގެ ޝައްކުވީ ޙަޤީޤަތަކަށެވެ.
ބާރަށް ހަޅޭއްލަވައި ގޮވަން ފެށުމުން ކޮއްކޮ ދޮރުހުޅުވިއެވެ. މޫނުމަތިން ނިދީގެ އަސަރު ދައްކަމުން ކޮއްކޮ ގެންދިޔައެވެ. ދެފަހަރަކަށް އާފުރިލަމުން ބޭބެ މޮޔަވީހޭ ބުނެލިއެވެ. އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ކޮޓަރިތެރެ ހޯދާބަލަން ފެށީމެވެ. ކޮޓަރީގެ ކަފޭރާމަތީ އަރެންގެ ޓޯޗް ބައްތި ހުއްޓެވެ. އެކަމަކު އެބައްތި ވާނީ އެކުވެރިޔާ އަތަށް ދީފައެވެ.
“ކާކު މަގޭ ބައްތި މިތަނަށް ގެނައީ؟” އަހަރެން އަމުރުވެރި ރާގަކަށް ކޮއްކޮއާ ސުވާލުކުރީމެވެ.
“ތިގެނައީ ބޭބެގެ އެކުވެރިޔާ…….ބުނީ ހެނދުނު ނަމަވެސް ބޭބެއާ ޙަވާލު ކޮށްދޭށޭ!”. އަވަސް އަވަހަށް ކޮއްކޮ ބުންޏެވެ.
“ކޮންއިރަކުން އޭނާ މިގެއަށް އައީ؟” މައިތިރިވެލަމުން އެހީމެވެ.
“ބޭބެ ކޮޓަރިއަށް ވަތްތަނާހެން… އޭނާ … މަގޭ އަތަށް……ފެންބޯން … ކޮޓަރިން ….. ނިކުތް ވަގުތު … ދިމާވީ..” ކޮއްކޮއަށް ކިޔުނު އެއްޗެއް އަހަންނަށް ނޭގުނު ތާނގައި ޚުދު ކޮއްކޮއަށް ވެސް ނޭނގޭނެކަން އަހަންނަށް އެނގުމުން ދޭހަވީ ކޮއްކޮ ކޮންމެވެސް ކަމެއް ފޮރުވާކަމެވެ.
“ދެންމެއަކު ކޮއްކޮ ހަޅޭއްލެވިއަޑު އެހިން!” ދާހިއްލާ ފޯވެފައިވާ ކޮއްކޮގެ މޫނަށް ބަލައިލަމުން އަހަރެން ބުނީމެވެ. އެއްޗެއް ވިސްނާލަމުންނެވެ.
ކޮއްކޮ އެއްވެސް އެއްޗެކޭ ނުބުނެ ގަނޑުވެފައި ހުއްޓެވެ. ކޮއްކޮއަށް އައިސްފައިހުރި ބަދަލުން އަހަންނަށް ވިސްނުނެވެ. ހުރިހާކަމެއްވެސް އެނގުނެވެ. ގަތް ލަދަކާއި ހުރެ އަވަސް އަވަހަށް ކޮޓަރިއަށް ވަނީމެވެ. އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިކަންތައް ގަނޑުގެ ވާހަކަ މަންމަމެންނަށް އަންގަންވީ ހެއްޔެވެ؟ ނުވަތަ ކަމާބެހޭ ފަރާތަށް އަންގަންވީ ހެއްޔެވެ. އެކަމަކު އޭރުން ބަދުނާމް ވާނީ އަހަރެމެންނެވެ. ކޮއްކޮ އެކަހަލަ މުޑުދާރު ޢަމަލެއް ހިންގާފާނެ ހެއްޔެވެ؟ އަހަންނާ ދެބޭންގެ ދެދަރި، އަހަރެންގެ އެންމެގާތް މިތުރު އަހަރެންގެ ކޮއްކޮއާއެކު އެފަދަ މުޑުދާރު ޢަމަލެއް ހިންގަފާނެ ހެއްޔެވެ؟
❀****❀❀****❀
ކައިވެނީގެ ސަ އެކެވެ. ތިޔަހީކުރީ ރަނގަޅަށެވެ. އަހަރެންގެ އެންމެ ގާތް މިތުރާއި ކޮއްކޮ ކައިވެނީގެ ގޮތުން ބަނދެވުނީއެވެ. އެއީ އެކަމަކާގެ އުފަލުގައި ތައްޔާރުކުރި ސައެކެވެ. ދެޢާއިލާގެ މެންބަރުން ކުރެ ކޮންމެމީހަކުވެސް މެހެމާނުންނަށް އުފާވެރިކަމުގެ މޫނެއް ދައްކަމުން އެމީހުންނަށް މަރުޙަބާ ކިޔެވެ.
ބައެއް މެހުމާނުންގެ މަލާމާތުގެ ބަސްތައް ރައްދުވިއެވެ. އެހައި ޅަ ޢުމުރުގައި އަހަރެމެންގެ ރަށުގައި ކުރެވޭ ފުރަތަމަ ކައިވެނި ކަމަށް ވީތީއެވެ. ކޮއްކޮގެ ޢުމުރަކީ ސާދަ އަހަރެވެ. އަހަރެންގެ އެކުވެރިޔާގެ ނުވަތަ ޅިޔަންބެގެ ޢުމުރަކީ ފަނަރަ އަހަރެވެ. ޖިސްމާނީ ގޮތުން ފުރާފުރިހަމަ ވެފައިވާ ދެމަފިރިންނެކެވެ. އެ ކަމަކު ނަފްސާނީ ގޮތުން ކުޑަކުދިންނެވެ. މަލާމާތުގެ ބަސްތަކުގެ އިތުރުން ނަސޭހަތުގެ ބަސްތައްވެސް ކޮއްކޮމެންނަށް ލިބެމުން ދިޔައެވެ.
ކޮއްކޮ އާއި ޅިޔަނުގެ މޫނުމަތީން ކޮންމެވެސް ބޮޑު ފިކުރެއްގެ އަސަރު ފާޅުވެއެވެ. އެކަމަކު ފިކުރުތަކެއް ކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ކޮއްކޮ މަންމައަށް ކިޔާދިން ގޮތުން އެރޭ ކެޔޮޅަށް މަސްބޭނޭ ގޮތެއް ނުވެ އެވެ. މަސްއައިނަށް އެންއުކާން ފެށިތަނާ ދޮރުފަތުގައި ޓަކިތަޅައިގަތް އަޑަށް ތިލަވެފައި އޮތް މަސްއައިން ފިލި ޖަހާލާފައި އަޑިއަށް ދިޔައީ އެވެ. ހިޔާވައްސެއް ހޯދީއެވެ. އެނދު ދަށަށް ވަދެފިލީއެވެ.
މަންމަމެން ކޮއްކޮގެ ވާހަކަތައް ޤަބޫލު ކުރިކަމެއް ނުވަތަ ނުކުރާކަމެއް އަހަންނަކަށް ނޭގެއެވެ. ލިބިދާނޭ ހުތުރު ނަމަކަށް ޓަކައި ދެޢާއިލާގެ ފަރާތުން ކައިވެނި ހަމަޖެއްސިއެވެ. އެހެން ގޮތަކަށް ބުނާނަމަ ބިތުފަންގި އާކޮށްލީއެވެ. ކެޔޮކެވުނު ވަރު އެނގޭނީ ބިތުފަންގި ނެތީމާތާ އެވެ. ފަންގި އާކޮށް ލުމުން ބިތުފަން ގެ ނަގަން ޖެހޭލެއް ދަސްވާނެތީ ބިތުފަންގި އާކޮށްލީ އެވެ.
❀****❀❀****❀
އެއްބަޔަކު އުފާކުރާއިރު އަނެއްބަޔަކު ރޯނެއެވެ. ކޮއްކޮ އާ ޅިޔަނު އުފާވެރި ކަމުގެ ދުވަސްތަކެއް ވޭތުކުރަން ފަށައިފިއެވެ. ޅިޔަނު އޭނާގެ މާޒީ ކޮއްކޮއަށް ކިޔައިދީފާނެ ކަންނޭގެއެވެ. އެމާޒީގައި ރީތި ކުލައެއް ޖެއްސި ޚާދިމާއެއް މިއަދު ހިތާމައިން ހިތްހަލާކުވެފާ އިންނާނެކަން ގައިމެވެ. އެއީ ޅިޔަނުގެ ކުރީގެ ލޯބިވެރިޔާއެވެ. އެކުވެރިޔާ އަށް ޓަކައި އަހަރެންގެ ހިތުތެރޭގައި އެކުއްޖާގެ ނަން ބިންވަޅު ނެގިފައި އޮށްވާ އެތަކެއް މަސައްކަތުން އެނަމެއް ފޮހެލެވުނު ކުއްޖާއެވެ. ދެވަނަ ފަހަރަށް އެކުއްޖާގެ ނަން އަހަރެންގެ ހިތުތެރޭގައި ލިޔެވެން ފެށިއެވެ. ކިތައްމެ ފަހަރަކު އެކުއްޖާ އާއި ވާހަކަ ދައްކައިލުމަށް އަހަރެންގެ ހިތް އެދެމުން ދެއެވެ. އެކަމަކު އެކުއްޖާ ހިކުރާނީ ކިކޭ ހެއްޔެވެ. އެކުއްޖާގެ ނަޒަރުގައި އަހަރެންގެ އެކުވެރިޔާގެ ކުށެއްނެތެވެ. ކުށްކުރީ އަހަރެން ނެވެ. އެކުއްޖާއަށް ލޯބިހުށަހެޅުމުން ލިބޭނެ ޖަވާބުވެސް އަހަންނަށް އެނގެއެވެ.
“މަގޭ ތެޔޮނާށި ގެން ގޮސްފަ އެވަރުން ނުވެގެން ފުޅިމަދު އުނގުރިއަކަށްވެސް ވީދޯއެވެ.” އެކުއްޖާގެ ޖަވާބަކަށް ވާނީ މިޖަވާބެވެ.
އެކަމަކު އަހަންނަށް ކެތް ނުކުރެވޭ ވަރު ވެއްޖެއެވެ. ހިތާމައިން ހިތް ހަލާކުވެފައިވާ މިކުއްޖާއަށް އެހީވުމަށް އަހަރެން ނިންމީމެވެ. ފަހުން ކަންތައްވެދާނެ ގޮތަކާއި މެދު ވިސްނާވެސް ނުލައެވެ.
އެކުއްޖާއަށް ލޯބިހުށަހެޅުމުން ލިބުނީ ހީވެސް ނުކުރާ ކަހަލަ ޖަވާބެކެވެ. އުފާވެރިކަމާއެކު އޭނައާ ދިމާލަށް އަހަރެން ދިއްކޮށްލި ނާށިގަނޑަށް ބައިރުފިޔާ ފޮއްޗެއް ވައްޓާލިއެވެ. އެބައިރުފިޔާ ފޮތީގައި އުފާވެރި ކަމާއެކު އަހަރެން ބޮސްދިނީމެވެ. އޭނާ އަހަންނާ އަލުން ގުޅުމަށް ނިންމި އެވެ.
އަހަރެމެން ދެމީހުންގެ ބައްދަލުވުންތައް ބާއްވަން ފެށީމެވެ. އަހަރެންގެ އުމުރުގެ ގޮތުން ޅަކަމާއިހުރެ އަހަރެން ހީކުރީ މިކުއްޖާ އަށް މާފޮޅުވައި ދިނުމުގެ ޤާބިލިއްޔަތު ކަމެއް އަހަންނަށް ނުލިބޭނޭ ކަމަށެވެ. އާކުކުޅަކަށް ގާބިސް އެޅޭ ފަދައިން މިކަން އަހަންނަށް ކުރެވޭގޮތް ދިމާވިއެވެ. އަންހެން ކުދިން ފެނުމުން ލަދުން އެމީހުންނަށް ފިލަންދުވާ މީހާގެ ލަދުހަޔާތް ކެޑިއްޖެއެވެ. އަހަރެންގެ ހިތުގެ ރާނީއަކީ ލޯބީގެ ކުޅިގަނޑަށް ފަރިތަ ކުއްޖެކެވެ. އަހަންނަކީ މިކަމަށް އަކުއްޖަކީމެވެ. އެކަމަކު މަޑުމަޑުން އަހަންނަށްވެސް ކަންތައްތައް ދަސްވާން ފެށިއެވެ. ލޯތްބަކީ ހިތަށް ހަމަ ޖެހުންތަކެއް ލިއްބައިދޭ ކަމެއްކަން އެނގުނެވެ. ލޯބީގެ އުކުޅުތައް އެގުނެވެ. ލޯބީގެ ފޮނި އަރާމުތައް ލިބިގަތުމަށް އިންތިހާއަށް ބޭނުންވިއެވެ.
❀****❀❀****❀
އެއްދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ކާމޭޒު ދޮށަށް ދިޔައިރު ފެނިގެން ދިޔައީ އާދަޔާ ޚިލާފު މަންޒަރެކެވެ. މޭޒުމަތީގައި ތަށިތައް ވިއްސާލާފައި ހުއްޓެވެ. ބައެއް ޖޯޑު ތައް ހުރީ ތެޅިފައެވެ. ސައިން މޭޒު މަތި ތެމިފައެވެ. ކޮއްކޮ މޭޒުމަތީގައި އަތްވިދެ ލައިގެން ރޯންއިނެވެ. ވެގެން އުޅޭގޮތް އަންދާޒާ ކޮށްލަން އެނގިއްޖެއެވެ. ޅިޔަނު ރުޅިއައީއެވެ. ނުރުހޭ ކަހަލަ ކަމެއް ފެނުނީއެވެ. ޅިއަންބެޔަކީ ރުޅިގަދަ މީހެކެވެ. އެއްވެސް އިރެއްގައި އެއީކީ ސަކަމިޒާޖެއްގެ މީހެއްނޫނެވެ. ސަމާސާ އެއްގެ ގޮތުން ކޮށްލާ ކަމަކުން ވެސް އިސާހިތަކު ސިނގު ރުޅި އައިސްފާނެއެވެ. ޅިޔަނުގެ ތަބީއަތް އެންމެބޮޑަށް އެނގޭނީ އަހަންނަށެވެ. އެކަމަކު ޅިޔަނުވެސް ހުޝިޔާރެވެ. އަހަންނަށް އަންގައިވެސް ނުލާ ލޯބީގެ ކުޅިގަނޑު ކުޅެމުން ދިޔައެވެ. ހަމައެދުވަސްވަރު އަހަރެންގެ ހިތުގެ ރާނީ ހައްލުވާލީއެވެ. ޅިޔަނުދެކެ އަހަރެން ރުޅިއަންނަން ޖެހުނީ މިސަބަބާ ހުރެއެވެ. އަހަރެންގެ ކޮއްކޮ އާ ރައްޓެހިވެގެން އުޅެމުން އެހެންމަލަކުން ފޮނި ބޮމުން ދިޔައީތީއެވެ. އެގޮތަށް އުޅޭމީހުން ދުވަހަކުވެސް ރަނގަޅު ނުވާނޭކަން އަހަންނަށް އެނގެއެވެ. ކޮއްކޮ އަށް އެކައިވެނި ކުރެވުނީ ބައްޕަމެންގެ ރުހުމާއި އެކުގައެވެ. ލިބިދާނެ ދެރައަކަށްޓަކައި ބައްޕަމެން ޤަބޫލު ވީއެވެ. އުއްމީދުގެ ހުޅުކޮޅު އުޖާލާ ކަމާއި އެކީ ދިއްލިފައި ހުއްޓާ އެހުޅުކޮޅު ނިއްވާލުމަށް ޅިޔަނު މަސައްކަތް ކުރަނީކަން ނޭގެއެވެ.
“ކިހިނެއްވީ ކޮއްކޯ… “އޯގާތެރި ކަމާއި އެކު އަހައިލީމެވެ. ކޮއްކޮއަށް ޖަވާބެއްދެވޭނެހާ ހިތްވަރެއް ނުލިބުނެވެ. ހަމަރޮނީއެވެ. ކޮއްކޮ ހަމައަކަށް އެޅުމުން އެކަންތައް އޮޅުން ފިލުވުމަށް އަހަރެން މަޑުކުރީމެވެ.
❀****❀❀****❀
ދިލަދިލަ ހޫނުކަމެއް މާޙައުލަސް ވެރިވެފައި އޮތުމަށްފަހު ކުނިވިއްސާރަ ވެހެން ފެށިއެވެ. މުސްކުޅިން ބުނެއުޅޭ ގޮތުން ކޮންމެވެސް މީހަކު މަރުވެގެން ވާރޭވެހެނީއެވެ. ނުވަތަ ވިގަނި ވާރޭވެހެނީއެވެ. މަގުމަތީގައި ކޮއްކޮމެން ދެކޮޅަށް ދުވެދުވެފައި އުޅެއެވެ.
”ވާރެޔާ ބޯއްޓޯ ކުދިން ކުޅޭ ނާއްޓޯ…” މިބަންޖެއް ކިޔަމުން ކޮއްކޮ ގޭތެރެޔަށް ވަނެވެ. ކޮއްކޮގެ ދެދަތްދޮޅި ހީވަނީ އިން ޖީނެއްގެ ފިސުޓަން ތެޅޭހެންނެވެ.
“ތުއްތު… ތުއްތު…ތުއްތައްތަ ރޯ… ރޯން އެބަހުރި!” ކޮއްކޮ އެތަކެއް މަސައްކަތުން ބުންޏެވެ.
އަހަރެން ބަދިގެއަށް މިޞްރާބު ޖެހީމެވެ. ބަދިގޭ އޮޅިގަނޑުމަތީ ކޮއްކޮ އިނެވެ. އަތުގެ ކުޑަ ހުޅުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. ކޮއްކޮ އަޑުވީއްލާ ރޯންފެށީ އަހަރެން ފެނުމުންނެވެ. ކޮއްކޮގެ އަތުގައި ޅިޔަނު އަލީފާން ޖެއްސީއެވެ. އެތަނުން ވަރުގަދަ ފޮޅެއް ނަގާފައި ހުއްޓެވެ. އެމަންޒަރު ފެނުމުން އަހަރެންގެ ލަގޮނޑިއަށް ކެތްވާވަރެއް ނުވިއެވެ. ބާރަށް ހަޅޭއްލަވައި ގަތީމެވެ. ކޮއްކޮ އިހުނަށް ވުރެ ބާރަށް ރޯންފެށިއެވެ.
“ކޮބާ އެނުލަފާ މީހާ”! މައިތިރިވެލަމުން އެހީމެވެ. ކޮއްކޮއަށް ޖަވާބެއް ނުދެވުނެވެ. ކޮއްކޮ ރޯންފެށިޔަސް ނިމުނީއެވެ.
“މަ މިހިރީ.. ކިހިނެއްވެގެންތަ ތިއުޅެނީ… އޭނ!!؟؟ … މީކީ ކަލެޔާ ބެހޭ ކަމެއްނޫން… މީ އަހަރެމެން ދެމަފިރިންގެ މައްސަލައެއް…!” ޅިޔަނު ސިނގުރުޅީގައި ހަޅޭއްލަވަން ފެށިއެވެ.
“ބެހޭކަމެއް… މިވަގުތު އޭނާގެ ބަލަދުވެރިޔަކީ އަހަރެން.. ކަލޭ ނުޖެހޭނެ ކޮއްކޮ އަށް އަނިޔާކުރާކަށެއް… މާފޮނި ބޮޑުވެގެން އުޅެންޏާ ހޭއަރުވާލަފާނަން… ކީއްވެ ބަދިގެ ތެރޭގައި ފިލާ ތިހުންނަނީ”…! އަހަރެންގެ ރުޅިގަނޑު ހައްދުން ނައްޓައިފި އެވެ.
“ކަލޭ ހިކުރަނީތަ! … ކުޑައިރު ތަޅާ ފޮޅައިގެން ކަލޭ މޮޅުވީމަ މިހާރުވެސް މޮޅުވެވިދާނޭ… ބަލަ މަށަކީ ވެސް މިހާރު ވަރުހުރި ޒުވާނެކޭ!”
“ތިޔައީ އަދިކިރިޔާ ޒުވާން ފުރާވަރަށް އަޅާފައި ހުރި މީހެއް!” ފަޚުވެރި ވެލަމުން ޅިޔަނު ވާހަކަ ދެއްކިއެވެ. އެކަމަކު ޅިޔަނު ކިހާ މޮޔަހެއްޔެވެ. ޅިޔަނު ހީކުރީ އަވަހަށް މީހަކާ އިނދެވުމަކީ ނަސީބުވެރިންނަށް ކުރެވޭ ކަމެއް ކަމުގައި ތޯއްޗެކެވެ.
❀****❀❀****❀
އަނެއްކާވެސް އެހެން ދުވަހެކެވެ. އަހަރެމެންގެ އުފާވެރި އާއިލާގެ މައްޗަށް ވެރިވެފައި އޮތް ކަޅުވިލާގަޑުން ހޮނުގުގުރިއެއް ޖެހި ދުވަހެކެވެ. އެދުވަހުވެސް ޅިޔަނު ހަމައިން ނެއްޓުނީ އެވެ. ކޫސަނި ކަމަކާއެވެ. ކައްކާފައިހުރި ބަތްތެލީގައި ލޮނުރަހަ ގަދަކަމުންނެވެ.
“މިގޭގައި ލޮނު ހުސްވީދޯ!” ޅިޔަނު ބުނެލިއެވެ. އެއީ ޅިޔަނުގެ ފުރަތަމަ ހަމަލާއެވެ. ދެވަނަ ހަމަލާއެއްގެ ގޮތުން ކޮއްކޮގެ އަތުގައި ޅިޔަނު ހިފިއެވެ. އަތުގައި ހިފާ ލަތްކެއް ޖެހުމަށްފަހު އެތިވަރު ގޮވާން ފެށިއެވެ. އެއްވެސް ލަދެއް ހަޔާތެއް ނެތިއެވެ. އޭނާގެ ކުރިމަތީގައި އަހަރެންގެ އިތުރުން އަހަރެމެންގެ ބައްޕަމެން ވެސް ތިއްބެވެ. އެމީހުންނަށް ވެސް ބަލާލުމެއް ނެތި އޭނާ ހަޅޭއްލަވަން ފެށީ އެވެ. ބައްޕަކެއުން ހުއްޓާލިއެވެ. މަންމައަކަށް މަޑަކުން ނީނދެވުނެވެ. ބަޑުހައިވެފައިވާ އެމިނިކާވަގުގެ ކިބައިން އަހަރެންގެ ކޮއްކޮ ސަލާމަތް ކުރުމަށް މަންމަ އަވަސްވެގަތެވެ. ކޮއްކޮ ސަލާމަތް ކުރެވުނެވެ. އެކަމަކު އެމިނިކާވަގުގެ ޝިކާރައަކަށް ވިފަހުންނެވެ. އައިސްފައިހުރި ގަދަރުޅީގައި އޭނާ މަންމަގެ ބޮބިފަޅިމަތީގައި އެތި ފަހަރެއް ޖެހިއެވެ. މަންމަގެ އަނގައިން އާހުގެ އަޑު ބޭރުވިއެވެ. ބައްޕަ ބާރަށް ހަޅޭއްލަވައި ގަތެވެ. ބައްޕައަށް ކުރެވޭނެ ވަރަކީވެސް އެއެވެ. އޭރު ބައްޕައަކީ ނުކުޅެދޭ މީހެކެވެ. އެއްފަޅި ވާވެފައިވާ މީހެކެވެ. އަމިއްލަ ހާލައިގެން ކޮޅަށް ހުރުމަކީ ދަތިކަމެކެވެ. ވީތަދުން މަންމަ ދުރަށް ޖެހިލިއެވެ. އަހަރެން މަޑުން އިނދެވޭތޯ ބެލީމެވެ. އެކަމަކު މަންމައަށް އެހާލު ޖެހުމުން މަޑަކުން ނީނދެވުނެވެ. ޅިޔަނު ދެވަނަ ފަހަރަށް ކޮއްކޮއަށް އަނިޔާ ކުރަން ފެށިއެވެ. މިފަހަރު އެދޭތެރެއަށް ވަނީ އަހަންނެވެ. ޅިޔަނުގެ ބޮލުގައި އެތިފަހަރެއް އެޅީމެވެ. ކާމޭޒު ކައިރީގައި ލައްކޮއްލާފައި ހުރި ފުރޯދަނޑިއަކުން ނެވެ. ޅިޔަނުގެ އަގައިން ހަޅޭކެއްގެ އަޑު ބޭރުވުމަށްފަހު ހުރިތަނަށް ދެމިއްޖެ އެވެ. ކޮއްކޮ ބާރަށް ރޯންފެށި އެވެ. އަވަސް އަވަހަށް ޅިޔަނުގެ ބޮލުން ރަހުމެއްނެތި ފައިބަމުންދިޔަ ލޭތައް މަނާކުރެވޭތޯ ބަލަން ފެށިއެވެ. މަންމަ އެކަމާ ނުރުހުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!