ޅިޔަނުގެ ބޮލުގައި އެތިފަހަރެއް އެޅީމެވެ. ކާމޭޒު ކައިރީގައި ލައްކޮއްލާފައި ހުރި ފުރޯދަނޑިއަކުން ނެވެ. ޅިޔަނުގެ އަގައިން ހަޅޭކެއްގެ އަޑު ބޭރުވުމަށްފަހު ހުރިތަނަށް ދެމިއްޖެ އެވެ. ކޮއްކޮ ބާރަށް ރޯންފެށި އެވެ. އަވަސް އަވަހަށް ޅިޔަނުގެ ބޮލުން ރަހުމެއްނެތި ފައިބަމުންދިޔަ ލޭތައް މަނާކުރެވޭތޯ ބަލަން ފެށިއެވެ. މަންމަ އެކަމާ ނުރުހުނެވެ. ކޮއްކޮއަށް ހުރަސް އެޅިއެވެ. އެކަމަކު ކޮއްކޮގެ ޖަވާބަކީ އެއީ ތިމަންނަގެ ފިރިމީހާ އޭ ބުނުމެވެ. ކޮއްކޮގެ އެމަތިވެރި އަޚުލާގު ފެނިފައި އަހަރެން އުފާވިއެވެ. އަންހެނުންނަކީ ހާދަހާ ރިވެތި އަޚުލާގެއްގެ ބައެކޭ އަހަރެންގެ ހިތަށް އެރިއެވެ. ޅިޔަނަށް އެވަރުވުމުން އަހަރެން ނުހަނު ދެރަވި އެވެ. ކުށްވެރިއެއް ކަމަށް އިހުސާސް ކުރެވުނެވެ. އެކަމަކު ޅިޔަނު ހޭއެރުމުން އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޅިޔަނު އެމައްސަލަ ހިފައިގެން އޮފީހަށް ނުދިޔަކަމާ މެދު އަހަރެން ޝުކުރު ވެރިވަމެވެ. ހެއްދެވި ފަރާތަށެވެ. އެދުވަހުގެ އެހާދިސާގެ ކަންތައްގަނޑު އެގޭނީ އަހަރުމެން ހަތަރު މީހުނަށެވެ. ރަށުގެ އެހެން ބަޔަކަށް އެކަމުގެ ވަސްވެސް ފޯރާފައެއް ނުވެއެވެ. ޅިޔަނުގެ ރުޅިގަނޑު އެދުވަހަށް ފަހު ތަންކޮޅެއް ތައްކަތު ވެލިއެވެ. ތަންކޮޅެއްވެސް ނޫނެވެ. މާބޮޑަށްވެސް އިސްލާހު ވެއްޖެއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އެކަމަކު ޝުކުރު ހުއްޓެވެ. ކޮއްކޮއާ އަހަރެމެންގެ އާއިލާއަށް އުފާވެރިކަމުގެ ދުވަހެއް ދެއްކެވީތީއެވެ.
❀****❀❀****❀
ހަނދުވަރީ ރެއެކެވެ. އެރޭގެ އެގާރަޖަހާ އެހާކަންހާއިރެވެ. ރަށުގެ ގިނަ މީހުން ނިދާހަރުވެދާނެއެވެ. އަހަރެން ލޯބިވެރިޔާއާ ބައްދަލުކުރަން ދިއުމަށް ނިކުތީމެވެ. އަމާންކަމާއި ބިރުވެރިކަން ވެރިވެފައިވާ މާހައުލެކެވެ. އަހަރެން ލޯބިވެރިޔާގެ ކޮޓަރި ތެރެ އަށް ފުންމާލީމެވެ. ވަގު ދޮރަކުންނެވެ.
ވަށައިގެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީމެވެ. ލޯބިވެރިޔާގެ ހިލަމެއްވެސް ނެތެވެ. އިރުކޮޅެއް ވަންދެން މަޑުކޮށްލުމަށް ނިންމީމެވެ. ފަހަރެއްގައި ލޯބިވެރިޔާ ގިފިއްޔަށް ދިޔައީ ކަމަށްވެސް ވެދާނެއެވެ. އެކަމާ އިންތިޒާރުގެ ފަނަރަ މިނެޓް ވޭތިކޮށް ލެވިއްޖެއެވެ. ލޯބިވެރިޔާގެ ކޮޓަރިތެރެ ފަޅުފިލުވާ ލެވޭ ގޮތެއް ނުވިއެވެ. އަދިވެސް އަހަރެން އިންތިޒާރު ކުރުމަށް ނިންމީމެވެ. ލޯބިވެރިޔާގެ އެދުމަތީގައި އޮއްވާ ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވޭން ފެށިއެވެ. އެކޮޓަރިއާ ދިމާއަށެވެ. އަވަސް އަވަހަށް އެނދު ތަން ދޮށަށް ވަނީމެވެ. ލޯބިވެރިޔާގެ އެދުދަށުގައި ހަމަޖެހިލައިގެން އޮށޯވެލީމެވެ. ކޮޓަރީގެ ދޮރުހުޅުވާލާފާ މީހަކު ވަނެވެ. ހުސްފަޔާ ތަރަފާލު މަތީގައި ފިޔަވަޅުތައް އަޅަމުން އެނދާއި ކައިރި ވަމުންދެއެވެ. ފަރުވާތެރިކަމާއެކު އެފަޔަށް ބަލާލީމެވެ. ދެވަނަ ފަހަރަށްވެސް ބަލާލީމެވެ. ގައިމުކޮށް ލުމުގެ ގޮތުންނެވެ. އެއީލޯބިވެރިޔާގެ ފައިތިލައެއް ނޫނެވެ. ކޮންމެވެސް އެހެން މީހެއްގެ ފައެކެވެ. ލޯބިވެރިޔާގެ ފަޔާ ދާދި އެއްވަރެއްގެ ފަޔެކެވެ. އެއީ އެގޭގައި ކިޔަވަން ހުންނަ އެހެން ރަށެއްގެ ކުއްޖެކެވެ. އެކަމަކު އެކުއްޖާ މި ކޮޓަރީގައި ކުރަނީ ކީއްބާއޭ އަހަރެންގެ ހިތަށް އެރިއެވެ.
އެނދު ކައިރީ ކުޑައިރުކޮޅަކު ހުރުމަށްފަހު އެކުއްޖާ ހަރުގަނޑާ ދިމާއަށް މިޞްރާބު ޖެހިއެވެ. ހަރުގަނޑު ކައިރީ ހުރިއިރު އެކުއްޖާގެ ހަމަ އިސްކޮޅު ރަނގަޅަށް ފެނެއެވެ. އެކުއްޖާ ހުރީ ހަރުގަނޑާއި ކުރިމަތިލައިގެންނެވެ. އެނދާ ދިމާއަށް ފުރަގަސްދީގެންނެވެ.
އަހަރެން އެކުއްޖާއަށް ބަލަން އޮތީމެވެ. ހަރުގަނޑުމަތީން ހެދުމެއް ނެގިއެވެ. ނިދާ ހެދުމެކެވެ. އެކުއްޖާ އެއްޗެހި ބަދަލު ކުރުމަށް ހެދުން ބާލަންފެށިއެވެ. އަހަރެން އަވަސް އަވަހަށް އަނެއް ފަރާތަށް މޫނު އަނބުރާލީމެވެ. އެކަމަކު އޭރު އެކުއްޖާގެ ހާމަޔާށް އޮތް ބުރަކަށި ފެނިއްޖެއެވެ. ފުޅިބައްތީގެ އަލިކަމުގެ ތެރެއިންނެވެ. އަހަންނަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. އަނެއްކާވެސް އެކުއްޖާއާވީ ފަރާތަށް އަހަރެން މޫނު އަނބުރާލީމެވެ. އޭރު އެކުއްޖާ ހެދުންބާލާ ނިމިއްޖެއެވެ. ފަރުވާ ތެރިކަމާއެކު އަހަރެން ބަލަން އޮތީމެވެ. އިޚްތިޔާރަކާ ނުލައެވެ. އަލަށް އެކަހަލަ މަންޒަރެއް، އެހާމެ މިނިވަންކަމާއި އެކު ބަލައިލުމުގެ ފުރުޞަތު ލިބުމުން ނުބަލާނީ ފަހެ ކާކު ހެއްޔެވެ؟ ފަރިފަރި ބައްޓަމަކަށް ހަދާފައި ހުރި ބުދެއްކަހަލައެވެ. ރަތް ދޮންކުލައިގެ ހަށިގަނޑެކެވެ. ފަރުވާތެރި ކަމާއެކު އެކުއްޖާގެ ބޮލުން ފެށިގެން ފަޔާހަމައަށް ބަލާލީމެވެ. އެކުއްޖާ ހުއްޓިލައިގެން ހުއްޓެވެ. އަހަރެން އެކުއްޖާގެ ހަށިގަނޑަށް ބަލަމުން ގެންދިޔައިމެވެ. ކަޅިޖަހާވެސް ނުލައެވެ. އިސާހިތަކު ފެންބޮވަން ފަށައިފިއެވެ. ކަރުހިއްކަން ފަށައިފިއެވެ. ބުނަން ނޭގޭ އިޙްސާސް ތަކެއްގެ ސަބަބުން އަހަރެންގެ ސިކުނޑި ހަމައިން ނެއްޓޭ ވަރުވިއެވެ. އޮތްތަނުން ތެދުވެގެންގޮސް އެކުއްޖާގެ ކުރިމައްޗަށް ހުއްޓެން ވީއޭވެސް ހިތަށް އެރިއެވެ. ނަސީބެކެވެ. އެގޮތަށް ޢަމަލު ކުރާކަށް ނުޖެހުނެވެ. ހަރުގަނޑުމަތީ ހެދުން ބޭއްވުމަށްފަހު އެކުއްޖާ އެނދާ ދިމާއަށް އެބުރިލިއެވެ. ސަހަރޯއެވެ. އަހަރެންގެ ހިތް ހުއްޓުނުހެން ހީވިއެވެ. ފުރިހަމަ ވަނާތައް ފެނުމުން ގައިން ހީބިހިނަގައިގެން ދިޔައެވެ.
އެކުއްޖާ ހެދުން ލައިގެން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު އަހަރެންގެ ހިތް އެދެމުން ދިޔައީ ތެދުވުމަށެވެ. ވަގުތު ނަގައިނުލާ ސުފުރާ މައްޗަށް އިންސާފު ކުރުމަށްވެސް ހިތް އެދެމުން ދިޔައެވެ. އެކަމަކު އަހަރެންގެ ހިތުގެ މައްޗަށް ކެތްތެރި ކަން ބާރުފޯރުވި އެވެ. ޝައިޠާނާގެ ވަސްވާސް ތަކަށް ހެއްލިނުގަތުމަށް އިންޒާރު ދެމުން ގެންދިޔައެވެ. އެއިންޒާރު ތަކަށް އަހަރެން ބޯލެނބީމެވެ. އެނދު ދަށުގައި މަޑުކޮށް ލައިގެން އޮތުމަށް ނިންމީމެވެ. އެކުއްޖާ ނިދުމުން ތެދުވުމަށެވެ. އަހަންނަށް އެހެން ގޮތެއްވެސް ނެތެވެ. ތެދުވެއްޖެއްޔާ އެކުއްޖާއަށް ފެންނާނެ އެވެ. ދެން ކުރިމަތިވާނެ މައްސަލަތައް މާގިނަވާނެ އެވެ.
❀****❀❀****❀
އަހަން ނަށް ހޭލެވުނީ ހަތެއްޖެހި އިރުއެވެ. އެރޭ ދިމާވި ހެއްވާ ކަންތައްތަކާ ވިސްނާ ޚިޔާލު ކޮށްލީމެވެ. އެޚިޔާލުތައް ކޮށްލުމުން އަހަރެންގެ ހިތަށް ވެރިވެގެން ދިޔައީ އޭނާގެ އަސަރުގަދަ ސޫރައެވެ. ދަތްހުރިއިރު ކާށި ނުކެވުނީތީ ހިތާމަކުރީމެވެ. އެދުވަހު މެންދުރެއްހާއިރު ލޯބިވެރިޔާ އާ ދިމާވިއެވެ. އެރޭ އަހަރެން ނުދިޔައީ ކީއްވެގެންތޯ ލޯބިވެރިޔާ ސުވާލު ކުރިއެވެ. އަހަރެން ޖަވާބުގައި ބުނީ އެރޭ ކަންތައްތައް ދިމާވިގޮތުން ނުދެވުނީ ކަމަށެވެ. ޤަސްދުގައި ލޯބިވެރިޔާއަށް އޮޅުވާލީމެވެ. އެރޭ ދިމާވި ޙާދިޘާ ކިޔަނުދިނުމަށް ނިންމީމެވެ. ބުއްދިވެރި ގޮތަކީވެސް އެއީ ކަމަށް އަހަންނަށް ޤަބޫލުކުރެވުނެވެ. ލޯބިވެރިޔާގެ އިތުރު ޝަކުވާއެއް ނުލިބެއެވެ. ރޭގަނޑު ބައްދަލުވުމަށް ދަޢުވަތު ދެމުން ވަކިވިއެވެ. އަނެއްކާ އަނެއްކަންތައް ލައިގެންފި އެވެ. ލޯބިވެރިޔާގެ ކިބައިން މިންޖު ވެވުނުއިރަށް، ލޯބިވެރިޔާގެ ކޮޓަރިން ދިމާވި ކުއްޖާ ފެނުނެވެ. އަހަރެން އެކުއްޖާއަށް ބަލައިލީމެވެ. ލޯބިވެރިޔާ އާ އަޅައި ބަލާއިރު މާރީތި ކުއްޖެކެވެ. ކަޅިޖަހާވެސް ނުލައި އަހަރެން އެކުއްޖާއަށް ބެލީމެވެ. އެކުއްޖާއަށް އެކަން ފާހަގަވެސް ކުރެވުނެވެ. ގަތްލަދެއްގެ ސަބަބުން އެކުއްޖާ ދުއްވައިގަތެވެ. އަސަރުގަދަ ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވަމުންނެވެ.
❀****❀❀****❀
ދުވަސްތަކެއް ފަހުން، އެހެންދުވަހެކެވެ. އޭރު އަހަރެންގެ ލޯބިވެރިޔާ ވެސް ކަޓައިފި އެވެ. އެހެންވެގެން ކަމަށްވެސް ވެދާނެ އެވެ. އަހަރެންގެ ސިކުނޑި އެނބުރޭން ފެށިއެވެ. އެނބުރޭ ވަހުތާނެއްގެ މިސާލުގައެވެ. ލޯބިވެރިޔާ ކެޓުމުން އެކަމާ އެއްވެސް ވަރަކަށް އަހަރެން ދެރައެއް ނުވަމެވެ. ދެރަވާން ޖެހުނީ އެންމެ ސަބަބަކާއި ހުރެއެވެ. ލޯބިވެރިޔާ އާއި ޅިޔަނު އާފެށުމަކުން އެމީހުންގެ ލޯބީގެ ކުޅިގަނޑު ފެށީމައެވެ. އެކަން ކޮއްކޮއަށް ރޭކާވެސް ނުލައެވެ. އަހަންނަށް ވެސް އެގުނީ އެއްރެއަކު ލޯބިވެރިޔާ އާއި ބައްދަލު ކުރުމަށް އޭނާގެ ކޮޓަރިއަށް ވަތްވަގުތުއެވެ. އޭރު ލޯބިވެރިޔާގެ އުނގުތެރެ ފަޅުފިލުވައިދިނުމަށް ޅިޔަނު އޮތެވެ. ނަސީބެކެވެ. އެމީހުންނަކަށް އަހަންނެއް ނުފެނެއެވެ. އަވަސް އަވަހަށް ވަތްދޮރުން ނިކުތީމެވެ.
އެރޭ އަހަރެންވެސް ހިމޭނަކުން ނުހުންނަމެވެ. ލޯބިވެރިޔާ ކުރިން ނިދި ކޮޓަރިއަށް ފުންމާލީމެވެ. އޭރު އެގޭކިޔަވަން ހުންނަ ކުއްޖާ ހަމަހިމޭން ނިންޖެއްގައި ނިދާފައި އޮތެވެ. އަހަރެން އޭނާގެ އެނދާއި ކައިރިވެލީމެވެ. ބިރުކަނޑާލާފައި އެކުއްޖާއަށް މަޑުމަޑުން ގޮވީމެވެ. ލޯހުޅުވއިލެވުމާއި އެކު އެކުއްޖާ ސިހުނެވެ. ކާކުކަށް ނޭގޭތީވެއެވެ. އޭނާ އަހަރެންކަން އެގުމުން ހިނިތުން ވެލިއެވެ. އޭނަގެ މަޢުޝޫޤު އުނގުތެރެއިން އަހަންނަށް ޖާގައެއް ދިނެވެ.
❀****❀❀****❀
އަހަރެން އަހަރެންގެ ގޮތުގައި ހިފެހެއްޓީމެވެ. ޅިޔަނުގެ ކުޅިގަނޑު އިސާހިތަކު ކޮއްކޮއަށް އެގިއްޖެއެވެ އަނެއްކާވެސް ޅިޔަނު މައިތިރި ވެލިއެވެ. ކޮއްކޮގެ ކިބައިން މަޢާފަށް އެދުނެވެ. އަހަރެން ކުޅެމުން އައި ލޯބީގެ ކުޅިގަނޑު އެ އަންހެންކުއްޖާ ހުންނަގޭ މީހުންނަށް އެގިއްޖެއެވެ. ވަގުތުން އެގެއިން އެކުއްޖާ ބޭރުކޮށްލިއެވެ. އަހަރެންގެ ކުރީގެ ލޯބިވެރިޔާ އަހަރެންގެ ކިބައިން ބަދަލުހިފުމަށް ކުރިކަމެއް ކަމަށްވެސް ވެދާނެއެވެ. އެކަމަކު އަހަރެން ވަކިން ދެރަވާނެ ހެއްޔެވެ. އެކުއްޖާ އަށް ހިޔާވަހިކަން ދިނީ އަހަންނެވެ. އަހަރެންގެ ގެއިންނެވެ. ބައްޕަ މެންގެ ރުހުމާއި އެކުގައެވެ، އަހަންނަށް ފުރިހަމަ މިނިވަންކަން ލިބުނެވެ. ލިބުނު މިނިވަން ކަމެއްގެ ބޮޑުކަމުން އަހަރެމެން ކައިވެންޏަކާއިހަމައަށް ގެނެސްދިނެވެ. ބައްޕަމެންގެ އެދުމުގެ މަތިން އަހަރެން އެކުއްޖާ އާއި ކައިވެނި ކުރީމެވެ. އަންހެން ކުއްޖާގެ ޢާއިލާގެ ފުރިހަމަ ރުހުމާވެސް އެކުގައެވެ.
❀****❀❀****❀
އެއްރެއެއްގެ ބާރަ ޖަހާ އެހާކަންހާއިރެވެ. ރައްޓެއްސެއްގެ ގޭގައި މަސައްކަތެއް ކުރާން އުޅެފައި ގެޔަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. އަހަރެންގެ އަލަތު އަނބިމީހާ އިނީ ލޫޓުވާލާފައެވެ. ކޮންމެވެސް އަނިޔާވެރި އަތަކުންނެވެ. ކޮއްކޮ ޚަބަރު ހުސްވެފައި އޮތެވެ. ކޮއްކޮގެ ބޮލުގައި މަންމަ ފެން ފޮތިގަނޑެއް އަޅައިގެން އިނެވެ. ގޭތެރެވަނީ ތޮއްޖެހި ބާރުވެފައެވެ. ޅިޔަނު ގެ ހިލަމެއްވެސް ނުވެއެވެ. އޭރު ވެގެން އުޅޭ ގޮތެއް ސާފެއް ނުވެއެވެ. ކުޑައިރުކޮޅެއް ތެރޭ ވެގެން އުޅެނީ ކީއްކަން އޮޅުން ފިލިއެވެ. އަހަރެންގެ އަނބިމީހާގެ ޢިއްފަތް ލޫޓުވާލީއެވެ. އެނުބައި ޢަމަލު ހިންގީ ޅިޔަނެވެ. އަންހެނުން ގެ ނުރުހުމުގަ އެވެ. ގަދަކަމުންނެވެ. އަނިޔާވެރި ގޮތަކަށެވެ.
ވެގެން އުޅޭގޮތް އޮޅުން ފިލުމުން އަހަރެންގެ ވަށައިގެންވާ ދުނިޔެ އެނބުރެން ފެށިހެން ހީވިއެވެ. ހަށިގަނޑުގައި ލޭކެކެން ފެށިއެވެ. ރުޅިވެރިކަމުގެ ލެއެކެވެ.
ދުންޖަހާފައި އަހަރެން ބޭރަށް ނިކުތީމެވެ. ހެޔޮވަރު ވަރެއްގެ މަސްވަޅިއެއް ހިފައިގެންނެވެ. މަގުމަތިން މީހެއްގެ ހިލަމެއް ނުވެއެވެ. އަހަރެން މައިތިރި ވެލީމެވެ. ކުރަން އުޅުނު ކަންތަކާމެދު ވިސްނާލީމެވެ. އައިސްފައި ހުރި ސިނގު ރުޅީގެ ސަބަބުން ރަނގަޅު ގޮތެއް ކަމަށް ފެނުނީ ނުބައި ގޮތެވެ. ޅިޔަނު ޝިކާރަކުރުމަށް ޓަކައި އަވަސްވެގަތީމެވެ. އަހަރެންގެ ފުރަތަމަ ލޯބިވެރިޔާގެ ގެއަށެވެ. ލޯބިވެރިޔާގެ ކޮޓަރި ތެރެއަށް ފުންމާލިއިރު އެދެމީހުން އުފާކުރަނީ އެވެ. މަސްވަޅި ދިއްކޮށްގެން އެނދާއި ކައިރި ވީމެވެ. އެންމެފުރަތަމަ އަހަރެން ފެނުނީ އެވިހަގަދަ ލޯބިވެރިޔާ އަށެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަތެވެ. ޅިޔަނު އަވަސް އަވަހަށް ބޮލަށް މުންޑު ވައްޓައިލަމުން ކޮޓަރިން ނިކުތެވެ. ލޯބިވެރިޔާ ހަޅޭއްލަވަމުން ގެންދެއެވެ. އޭނާގެ މޫނުމަތީ އެތިފަހަރެއް އެޅީމެވެ.
ކޮޓަރިން ނިކުތީމެވެ. ދެފަޔަށް ބާރުލާފައި ދުއްވައިގަތީމެވެ. ޅިޔަނު ފަހަތުންނެވެ. އޭނާ ތެޅެމުން ފޮޅެމުން ގޮސް އޮޑި ހަރުގެއެއްގެ ބިތްދޮށަށް ވަނެވެ. އަހަރެން ފާރަލާން ފެށީމެވެ. ޖާސޫސީ ގޮތަކަށެވެ. ޅިޔަނު ބޮއްކުރައެއްގެ ވަތަށް އެރި ފިލިއެވެ. އަހަރެން އެދިމާއަށް އަވަސް ވެގަތީމެވެ. އަހަރެންގެ ސިކުނޑީގައި ކެކެމުން ދިޔަ ލޭ 180 އަށް ވުރެވެސް މައްޗަށް ހިގައިދާނެއެވެ. ކުއްލިއަކަށް ބޮއްކުރާ ތެރެއަށް ފުންމާލީމެވެ. ޅިޔަނު އޮތް ވަތު ތެރެއަށެވެ. އޭނާ ބާރަށް ހަޅޭއްލަވައި ގަތެވެ. އަހަންނަށް ވިސްނައިދޭން ފެށިއެވެ. މަޢާފަށް އެދެމުން ދިޔައެވެ. އެކަމަކު އެވަގުތު ޅިޔަނުގެ ވާހަކަތައް އަހަރެން ގެ ސިކުނޑިއަކަށް ނުނެގުނެވެ. ޅިޔަނުގެ އަތުގައި ބާރަށް ހިފެހެއްޓީމެވެ. ޅިޔަނު އަހަރެން އަތުގައި އޮތްވަޅި އަތުލުމަށް މަސައްކަތް ފެށިއެވެ. ދެބުޅާ ކޯޅޭހެން އަހަރެމެން ކޯޅެން ފެށީމެވެ. އަހަރެން ވަޅިހޫރާލީމެވެ. އެއެތިފަހަރު ގޮސް ޅިޔަނުގެ މާކަޅުވާ ޒަޚަމް ކޮށްލިއެވެ. ދުނިޖަހާފައި ލޭ އޮހޮރެން ފެށިއެވެ. ބަލާކަށް ނުހުރެ ދެވަނަ ހަމަލާ ދިނީމެވެ. ޅިޔަނުގެ މެޔާ ދިމާއަށެވެ. ބޭއިޚްތިޔާރުގަ އެވެ. ގާތްގަޑަކަށް ތިން އިންޗި ފުނަށް މަސް ވަޅި ވަދެގެންދިޔަ އެވެ. ޅިޔަނު ހަޅޭއްލަވާން ފެށި އެވެ. ކުރިއަށް ވުރެވެސް ބާރަށެވެ. އެކަމަކު ބަލިކަށި އަޑަކުންނެވެ. އިސާހިތަކު ރޯމަހެއް ތެޅޭހެން އޭނާ ތެޅެން ފެށިއެވެ. އެރެޔަކީ ހަނދުވަރީ ރެއެއްކަމުން ޅިޔަނުގެ ގައިން އޮހޮރެމުން ދިޔަ ލޭތައް ރީތިކޮށް ފެނުނެވެ. ލޭތައް ފެނުމުން އަހަރެންގެ މޫނުމައްޗަށް އަނދިރި ވާންފެށިއެވެ.
❀****❀❀****❀
ލޯ ހުޅުވައިލެވުނު އިރު އޮވެވުނީ ސިފައިންގޭ ސަރަޙައްދީ ހެޑްކުއާޓަރުގެ ގޮޅިއެއް ތެރޭގައެވެ. ލޯހުޅުވައިލިވަގުތު އެންމެ ފުރަތަމަވެސް ސިފަވެގެން ދިޔައީ ޅިޔަންބެގެ ހަށިގަނޑުން އޮހޮރެމުންދިޔަ ލޭތަކެވެ. އޭނާގެ ހަށިގަނޑު ރޯމަހެއް ތެޅޭހެން ތެޅެމުން ދިޔަމަންޒަރެވެ. އޭނާގެ ހަޅޭކުގެ އަޑު ކަންފަތް ތެރޭ ގުގުމާން ފެށި އެވެ. އަހަންނަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އަނެއްކާވެސް އަހަރެންގެ ހޭނެތިއްޖެ އެވެ.
މިހާރު އަހަރެންގެ ގެއަކަށް ވެފައި މިވަނީ މިކުޑަ ގޮޅިއެވެ. ގުރައިދޫ ގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބައިތިއްބާ މަރުކަޒުގައެވެ. ތަފާތު ވައްތަރު ވައްތަރުގެ މީހުން ތަކުން ފުރިފައިވާ މިތާގައެވެ. އަހަރެން މިތަނަށް ގެނައީވެސް ސިކުނޑި ހަމަނުޖެހޭތީވެއެވެ. ޅިޔަންބެގެ މަރުގެ ޙާދިޘާއަށް ފަހު އަހަންނަށް ހަމަނިދި ލިބޭ ގޮތެއް ނުވެއެވެ. ލޯމަރާލުމާއި އެކު ސިފަވެގެން ދަނީ ހުދުހެދުމެއްގައި ޅިޔަންބެ އަހަރެން ކައިރިޔަށް އައިސް ހުންނަތަނެވެ. އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރެ ރޮއެ ގިސްލާ މަންޒަރެވެ. އަހަރެންގެ ސިކުނޑިއަށް ލިބުނު ގެއްލުމުގެ އެއް ސަބަބަކީ އެއްގޮތަކަށްވެސް ނިދި ނުލިބުމެވެ. ޅިޔަންބެ މަރުވިފަހުން މިވީ އަށެއްކަމަސް ތެރޭ އަހަންނަށް ފުރިހަމަ ނިދި ލިބިފައެއް ނުވެއެވެ. ހިތްހަމަ ޖެހުމެއް ލިބިފައެއް ނުވެއެވެ. ހިތާމަ ކޮށް ރުއިމަކީ އަހަރެންގެ އާދަ އަކަށް ވެއްޖެއެވެ. މައިންބަފައިން ދެކިލުމަށް ހިތްއެދި ރޮމުން ގެންދެއެވެ. ކޮއްކޮ އާއި އަހަރެންގެ ލޮބުވެތި އަނބިމީހާ ދުށުމަށް އަހަރެންގެ ރޫޙް އެދި ގޮވައެވެ. ކޮއްކޮގެ ދަރިފުޅު ދެކިލާހިތުންވެސް މި ހުރެވެނީ ކެތް މަދުވެފައެވެ. އަންހެނުން ވެސް މިހާރުއިންނާނީ ވިހަން ކައިރިވެފައެވެ. އެކަމަކު ހިތާމަ ހުއްޓެވެ. އަހަންނަށް ލިބޭ ފުރަތަމަ ދަރިފުޅު ވާނީ ބައްޕައެއްގެ ލޯބިން މަޙްރޫމްވެފައިވާ ކުއްޖަކަށެވެ. އެކުއްޖާއަށް މަލާމާތުގެ ބަސްތައް ރައްދު ވާނެއެވެ. ކަލޭގެ ބައްޕައަކީ މީހުންމަރާ މީހެކޭ ކިޔައި ދިމާކުރާނެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މިކަން މިދިމާވީ އަހަރެންގެ ބަލިފަޔަށް ބޭސް ކުރުމުގެ ބަދަލުގައި އެފަޔަށް އަނިޔާ ދެވުނީމަ އެވެ. އެއްވެސް ހަމައެއް ލަމައެއްނެތް ޖަނަވާރުންގެ އުޞޫލު ޚިޔާރު ކުރެވުނީމައެވެ. ޅިޔަނުވެސް މާބުރުގެ އުޞޫލު ޚިޔާރުކުޅަކަމީ ހިތާމަ ހުރިކަމެކެވެ. ޅަޢުމުރުގައި ކައިވެނި ކުރެވުނު ކަމީވެސް ހިތާމަ ކުރަން ޖެހިފައިވާ ކަމެކެވެ. މިހާރު އަހަންނަށް ވިސްނޭން ފަށައިފިއެވެ.
މިއީ ރޭގަނޑުގެ ފުރަދަންވަރު ވަދާނިކުތުމުގެ ސަޒާއެވެ. އަޑުއިވިފައިވާ ގޮތުން ޅިޔަނުގެ ފުރަތަމަ ލޯބިވެރިޔާ އަދި އަހަރެންގެ ވެސް ލޯބިވެރިޔާ ވިހައިފިއެވެ. އެކަމަކު ވިހެއީ ކާކަށް ހެއްޔެވެ؟ އަހަރެންގެ ދަރިޔަކަށް ހެއްޔެވެ؟ ޅިޔަނުގެ ދަރިޔަކަށް ހެއްޔެވެ؟ ނޫނެކެވެ. އަހަރެމެން ދެމީހުންގެ ދަރިއަކަށް ނޫނެވެ. ބައްޕަ ނެތް ކުއްޖަކަށެވެ. ބަކަރިއޭ ކިޔާ މުޚާތަބުކުރާ ކަހަލަ ކުއްޖަކަށެވެ. އެކުއްޖާ ފުޅު ތަންދޮރު ފިލާވަރުވުމުން ކިހާ ހިތާމައެއް ކުރާނޭ ހެއްޔެވެ؟ ކުރާނެކަމެއް ނެތެވެ. އަހަރެމެންގެ ބަލިފަޔަށް ބޭސް ނުކުރެވުމުން އެކަމުގެ ސަޒާ ލިބެމުން ދަނީ އެހެން ބަޔަކަށެވެ. މަޢުސޫމް ޅަ ހިތްތަކަކަށެވެ.
❀****❀****❀❀****❀****❀
ނިމުނީ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 10 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާއިން ރެކޯޑެއް މުގުރާލައިފި
- 9 އޭޕްރިލް 2025ޚަބަރުރާއްޖޭގެ “ޓޫ އޮފްއަސް” ބޭންޑުން އިންޑިއާގެ ޖަޖުން އާޝޯޚްކޮށްލާ ފަދަ ހުށައެޅުމެއް!
- 9 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ޓްރެއިލާ އަދި ލަވަތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް!
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!