ޝާއިލް ދެކޮޅެއް ނުހުދައެވެ. ހިނގަމުންދާ ކަންތަކަށް އެއްވެސް ބާރެއް ނެތްކަން ޝާއިލް އަށް ހަމަ ރަނގަޅަށް އެނގެއެވެ. އަނެއްކޮޅުން ޝާއިލް އެންމެ ހިތްއެދޭ ގޮތަކީވެސް އެއީ އެވެ. ޝާއިލްގެ ހުރިހައި ވިސްނުންތަކެއް އެއްފަރާތަކަށް ކެހިގެން ދިޔައީ ސިކުންތުކޮޅެއްގެ ތެރޭގައެވެ. އަންހެން ކުއްޖާ ޝާއިލްގެ އަތުގައި ހިފައިގެން ވަދެގެން ދިޔައީ ހަނިގޯޅިގަނޑަކުންނެވެ. ތަންކޮޅަކަށް ހިނގުނުތަނުން އިޝާ ނަމާދު ބަންގީގެ އަޑު ގުގުމައިގަތީ ކައިރީގައި ހުރި މިސްކިތެއްގެ އަޑުގަދަކުރާ އިންނެވެ. ހެޔޮލަފާ މުސްލިމުން ކާމިޔާބާއި ނަސީބު ހޯދުމަށް އަވަސްވެގަތުމަށް ގޮވަމުންދާ އަޑަށް ޝާއިލް ގެ ސަމާލުކަމެއް ނުދެވުނެވެ. ޝާއިލް އަށް ހީވަމުންދިޔައީ އެއަޑަކީ ވަރަށް ކުރިން ހުވަފެނެއްގައި އިވުނު އަޑެއް ކަމަށެވެ. އެއީ މާކުރިން އޭނާ ހިނގި މަގެއް ނަމަވެސް އެމަގުގެ މަތިން ހަނދާން ނެތެމުން ދާ މަގެއްކަން ޚުދު ޝާއިލް އަށް ވެސް އެނގެއެވެ.

 

❀****❀❀****❀

 

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ އަހަރެންގެ އެނދު ކައިރިން މީހަކު ގިސްލާ ރޯއަޑަށެވެ. އަހަންނަށް ހޭލެވިފައި އޮތަސް، އަހަރެންގެ ލޯ ވަނީ މެރިފައެވެ. ގިސްލާ ރޮމުންދަނީ އަހަރެންގެ މަންމަ ކަން އަހަންނަށް އެނގުނެވެ. މަންމަ ކައިރީގައި މަރިޔަމް ހުރެގެން މަންމަ މައިތިރި ކުރުވަން މަސައްކަތް ކުރަމުން ދެއެވެ.

 

“އިއްޔެ ޝާއިލް އާއި ދިމާއަށް އެއްޗެތިގޮވުނު ފަހުން އަދިވެސް ޝާއިލް އަށް ނުގުޅިގެން މިއުޅެނީ.” އަމިއްލަ ނަފުސު ކުށްވެރިކުރަމުން އަހަރެންގެ މަންމަ ބުންޏެވެ.

 

“އޭނައަށް ގުޅޭތޯ އަހަރެން އެބަ ބަލަން. ދައްތަ ދެން އެހާ ކަންބޮޑުނުވެބަލަ.” ޖަވާބުގައި މަރިޔަމް ބުންޏެވެ.

 

އަހަރެންގެ ލޯ ކޮންމެވެސް ވަރަކަށް ހުޅުވައިލީމެވެ. އަހަރެންގެ އެނދުކައިރީގައި ޝާއިލްގެ މަންމަ ހުރިކަން އެނގުނީ އެވަގުތު އެވެ. ޝާއިލްގެ މަންމަ ހުރީ ވަރަށް މައިތިރި ގޮތަކަށެވެ. އޭނާގެ ލޯ ދުޅަވެފައި ހުރުމުން ވަރަށް ރޮއެފައި ހުރިކަން އެނގުނެވެ. އޭގެ އިތުރުން ޝާއިލްގެ އަމަލުތައް ހުރިގޮތް އެނގުމުން މަންމަ ހުރީ ލަދުގެންފައިކަންވެސް އަހަންނަށް އެނގުނެވެ.

 

ކުއްލިއަކަށް އަހަރެން އޮތް ކޮޓަރީގެ ދޮރު ވަރަށް ބާރަށް ހުޅުވިއްޖެއެވެ. އެވަގުތު އަހަންނަށް ބޯ އުފުލައިލެވުނީ ސިއްސައިގެން ގޮހެވެ. ދޮރުމަތީގައި ހުރީ އަހަރެންގެ ފިރިމީހާ އެވެ. އަހަންނާ ދިމާއަށް ބަލަން ހުރީ ވަރަށް ހަރުކަށި ގޮތަކަށެވެ. ދެލޯ ހުރީ ރަތްވެފައެވެ. ޝާއިލްގެ މަންމަ ކޮޅަށް ތެދުވެ ވަރަށް އަވަސްއަވަހަށް ވާހަކަދައްކަން ފެށިއެވެ.

 

“ކޮންތާކު އުޅެއުޅެފަ ކަލޭ ތިޔައީ؟ ކަލެއަށް ކިހިނެތްވެފަ ތިހުރީ؟ ކީއްވެގެންތަ ކަލޭ ތިއުޅެނީ؟” ޝާއިލްގެ މަންމަ ފަތިވަރެއް އަމުނާލި އެވެ.

 

ކޮޓަރީގައި ތިބި އެއްވެސް މީހަކަށް ޝާއިލް އެއްވެސް ފަރުވާލެއް ނުބަހައްޓައި ސީދާ އަހަންނާއި ދިމާއަށް އަންނަން ފެށިއެވެ. އަހަންނަށް ހީވީ އަހަރެންގެ ލަގޮނޑި އަނގަޔަށް އައިހެންނެވެ. ބިރުންގޮސް އަހަރެންގެ ތަލިން ކުޅުހިކިއްޖެ އެވެ.

 

“އަހަރެންގެ ދަރިއަށް ކަލޭ ކީއްކުރީ؟؟” އަހަންނާ ދިމާއަށް ނަފުރަތުގެ ބެލުމަކުން ބަލަންހުރެ ޝާއިލް ސުވާލުކުރި އެވެ.

 

ޝާއިލްގެ އަނގަ ހުޅުވައިލުމާއެކު ދުވި ނުބައިވަހުން އަހަންނަށް އޯކަށްދެމި ހޮޑުނުލެވުނީ ހަމަކިރިޔާ އެވެ.

 

‘ސުބްޙާނަﷲ، މަގޭ ޝާއިލް އެހެރީ ބަނގުރާ ބޮއެގެން ނޫންބާ؟ އެކަމަކު އެހެން ވާންވީ ކީއްވެގެން؟’ ދުވި ނުބައިވަހުން އަހަންނަށް ހީވިހީވުން އެއީ ކުށްހީއަކަށް ވުމަށް އެދި ދުޢާކުރާ ހާލު އަހަރެންގެ ހިތަށްއެރި އެވެ.

 

“ޝާއިލް ތިހުރީ ރާ ބޮއެގެންތަ؟” ތުރުތުރުއަޅާ އަޑަކުން އަހަންނަށް އަހައިލެވުނެވެ.

 

ޝާއިލްގެ މޫނަށް ވެރިވި ހިނިތުންވުން ފެނިފައި އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލިބުނު ޚަބަރުން ދެ މަންމައިން ހައިރާންވެ ދެލޯބޮޑުކޮށްގެން ޝާއިލް އަށާއި އަހަންނަށް ބަލަން ތިއްބާ އަހަރެންގެ ބޮލަށް އެނބުރުން އަރަން ފަށައިފި އެވެ.

 

“ތި ބޭކާރު ސުވާލުތަކަށް ޖަވާބު ދޭކަށް އަހަންނަކަށް ވަގުތެއް ނެތް.” އަހަރެން އޮތް ކޮޓަރިން ނިކުމެގެން ދިއުމުގެ ކުރިން ޝާއިލް ބުނިހައިވެސް އެއްޗަކީ މިއެވެ.

އަހަރެންގެ ލޯ މެރެމުން މެރެމުން ގޮސް ލޯމެރުނީ ދެ މަންމައިން ގިސްލަމުން ރޮމުން ކަރުނަ އަޅަމުން ދަނިކޮށެވެ. އެމީހުން ހަމަޖެއްސޭތޯ މަރިޔަމް މަސައްކަތް ކުރަމުން ދަނިކޮށް އަހަންނަށް ނިދިއްޖެ އެވެ.

 

❀****❀❀****❀

 

ކުއްލިއަކަށް އިދުރީހަށް ހޭލެވުނީ މަޢުރީންގެ ނަން ކިޔަމުންނެވެ. މަޢުރީންގެ ފޯނު ނަންބަރު އޭނާ އަށް ލިބުނުތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. ނަމަވެސް މަޢުރީން އަށް ގުޅައިލުމުގެ ނަސީބު އަދި ވަނީ ނުލިބި އެވެ. މުޅިން އާ، ބޮޑު އެޕާޓްމެންޓަކަށް ބަދަލުވުމުގެ މަސައްކަތުގައި އުޅޭތާ ދުވަސްތަކެއް ހޭދަކުރަން ޖެހިފައިވަނީ މާބޮޑަށް ވެސް ބުރަކޮށެވެ. އެހެން އެއްވެސް ކަމެއް ކޮށްލާނެ ވަގުތެއް ނެތްފަދަ ހާލެއްގައެވެ.

 

ފާޚާނާއަށް ވަދެ ދަތްއުނގުޅާ މޫނުދޮވެގެން ވުޟޫކޮށްލައި އަސުރު ނަމާދު ކޮށްލިއެވެ. ދުޢާތައް ކިޔައި ނިމިގެން އޭނާގެ ބައްޕަ ކޮބައިތޯ ބަލައިލުމަށްފަހު، ކާރަށް އަރައި ސްޓާޓްކޮށްލީ ހޮސްޕިޓަލަށް ދިއުމަށެވެ. ރޭގަނޑު ޑިއުޓީގައި މަޢުރީން އުޅެފާނެ ކަމަށް އުއްމީދުކޮށް މަޢުރީން ދެކިލުމަށެވެ. މިހާ ދުވަސް ވާންދެން މަޢުރީންގެ ހަނދާން ނުވެ ހުރެފައި މިއަދު މަޢުރީން ގެ ނަން ކިޔަމުން ހޭލެވުނީ ކީއްވެގެން ކަން ޤަބޫލުކުރަން ވެސް އޭނާއަށް ދައްޗެވެ.

 

‘ހެސްކިޔާފަ ބުރަކޮށް އުޅެން ވެއްޖެއްޔާ ވާނީ މިވަރޭ.’ އަމިއްލަ ނަފުސަށް އިދުރީސް ބުންޏެވެ.

ކާރު ދުއްވަމުން ދިޔައިރު އޭނާ ވިސްނަމުން ދިޔައީ ކައިވެންޏަކަށް ފަހު އޭނާގެ ދިރިއުޅުން ހުންނާނެ ގޮތަކާއިމެދުގަ އެވެ. ތިރީސް ދެ އަހަރު ވިއިރު އޭނާ އާއި އެއް އުމުރުގެ ރައްޓެހިން ތިބީ ކައިވެނިކޮށް ދަރިންވެސް ލިބިފައެވެ. އެހެންނަމަވެސް އޭނާއަށް ކަމުދާ ކުއްޖެއް އަދިވެސް ވަނީ ނުލިބިއެވެ. އިދުރީސް ގެ ބައްޕަ ދިރިއުޅުމަށް ކުރަމުން އަންނަ މަސައްކަތުގެ ސަބަބުންވެސް އަންހެންކުދިން އޭނާދެކެ ބިރުގަންނަނީ ކަމަށްވެސް ވެދާނެ އެވެ. އެހެން އެވަނީ ޚުދު އިދްރީސް ވެސް ހުސްވަގުތުގައި އޭނާގެ ބައްޕަގެ މަސައްކަތުގައި އެހީތެރިވަމުން އަންނާތީ ކަމަށްވެސް ވެދާނެ އެވެ. އިދުރީސް ދެކޭގޮތުން އެއީކީ ހަމައެކަނި މަސައްކަތެއް ނޫނެވެ. އެއީ ލިބިފައިވާ ބޮޑު ނިޢުމަތެކެވެ. އިންސާނިއްޔަތަށް ކޮށްދޭ އަގުހުރި ޚިދުމަތެކެވެ.

 

ހޮސްޕިޓަލު ކުރިމަތީގައި ހުރި ޕާކުކުރާ ސަރަޙައްދަށް ގޮސް މަޑުކޮށްލަމުން ފުން ނޭވާއެއް ދޫކޮށްލި އެވެ. ކާރުން ފޭބުމުގެ ކުރިން މަޢުރީންގެ ނަންބަރަށް ގުޅޭތޯ ދެތިންފަހަރު މަސައްކަތްކޮށްލި އެވެ. ނަމަވެސް ގުޅޭގޮތެއް ނުވިއެވެ. އެހެންކަމުން ހޮސްޕިޓަލަށް ވަދެ މަޢުރީން އާ ދިމާވޭތޯ މަސައްކަތް ކޮށްލުމަށް ނިންމަމުން ހިނގައިގަތެވެ.

 

ކާރުން ފައިބައި ހިނގައިގަތްތަނުން ބުރުގާ އަޅައިގެން ހުރި އަންހެން ކުއްޖެއް ހޮސްޕިޓަލުގެ ގޯތިތެރެއިން ފެނުމުން އިދުރީސް ގެ ހިތް ތެޅެން ފެށި އެވެ. އެކުއްޖާ ހުރީ ލައިގެން ހުރި ހެދުން މަތިން ލެބް ކޯޓެއް ލައިގެންކަމުން އެއީ ޑޮކްޓަރެއްކަން އެނގުނެވެ. އަވަސް އަވަހަށް ދުވެފައި ކަހަލަ ގޮތަކަށް އެކުއްޖާ އާއި ދިމާއަށް ގޮސް ހުއްޓެމުން ސަލާމް ގޮވައިލި އެވެ.

 

“އައްސަލާމު ޢަލައިކުމް ޑޮކްޓަރ!”

 

ޑޮކްޓަރުގެ ފުރަގަހުން އިވުނު އަޑަށް ފަސްއެނބުރި ބަލައިއެވެ. ކައިރީގައި ހުރީ ޖެހިލުންވުން އެމީހާގެ މޫނުން ކިތަންމެހާވެސް ރަނގަޅަށް ފެންނަން ހުރި ފިރިހެނެވެ. ޑޮކްޓަރަށް އެގޮތަށް ގޮވައިލެވުން އެއީ ކުރެވުނު ކުށެއް ކަމަށް އިދުރީހަށް ހީވީކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ފެންނަން ހުރި ޑޮކްޓަރަކީ ދަންނަ މޫނެއްކަން އެނގުމުން ހަމަޖެހުލެވުނެވެ.

 

“ތީ ކުރިން ދުވަހެއްގަ ޑރ. މަޢުރީން އާއެކުގަ ހުންނެވި ޑޮކްޓަރު ދޮގެއްތޯ؟” ހޮސްޕިޓަލަށް ވަންނަ ދޮރާއި ދިމާއަށް އަތުން އިޝާރާތް ކޮށްލަމުން އިދުރީސް ބުންޏެވެ.

 

“އާދެ، އެއީ އަޅުގަނޑު. އަޅުގަނޑަކީ ޑޮކްޓަރު މަރިޔަމް ޝައުޤީ، މަޢުރީންގެ ފްރެންޑެއް.”

 

އިދުރީހަށް ހީވީ ރަނގަޅަށް ކަން ޔަޤީންވުމުން ހިތްހަމަޖައްސައިލެވުނެވެ.

 

“ހޮސްޕިޓަލުގަ ޑޮކްޓަރ މަޢުރީން އެބައުޅުއްވާތޯ؟ މަޢުރީން އަށް ގުޅޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކޮށްފިން، އެކަމަކު ގުޅޭ ގޮތެއް ނުވި.”

 

“އާދެ އެބައުޅޭ،” ޑޮކްޓަރ މަރިޔަމް ޖަވާބު ދިނެވެ. “އެކަމަކު ޖޮބަށް ނިކުމެއެއް ނޫން. ސެކަންޑް ފްލޯ ގެ ޕްރައިވެޓް ރޫމެއްގަ މަޢުރީން އޮތީ އެޑްމިޓްކޮށްފަ.”

 

އިދުރީހަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ހާސްވެ ކަންބޮޑުވެސް ވިއެވެ.

 

“އެޑްމިޓް ކުރީއޭ؟!، ކިހިނެތްވީ ޑޮކްޓަރަށް؟ އަޅުގަނޑަށް ބައްދަލުކޮށްލެވިދާނެ ތޯ؟”

 

ޑޮކްޓަރު މަރިޔަމް އަށް އިރުކޮޅެއް ވާންދެން ހުރެވުނީ ހިމޭނުންނެވެ. ބުނާނެ އެއްޗެއް ނޭނގިފައެވެ.

 

“އޯކޭ، ދުރުވޭ އަޅުގަނޑާއެކު.”

 

****❀❀****

 

މަޢުރީންގެ މަންމަ ހާޖަރާ ދާއޫދު ހުރީ އިންތިހާއަށް ކަންބޮޑުވެފަ އެވެ. އެހާދުވަސް ވާންދެން ދުށުމަށް އިންތިޒާރު ކުރަމުންދިޔަ މާމަދަރިފުޅު ލޮލަށް ނުފެނި ގެއްލުމުންނެވެ. އަނެއްކޮޅުން ދަނބިދަރިފުޅުގެ އަމަލުތައް ހުރިގޮތުން ކަންތައްތައް އިތުރަށް ގޯހުން ގޯހަށް ގޮސްފައިވާތީ އެވެ. ޝާއިލް އަކީ މާކުރިންސުރެވެސް އޭނާ ދަންނަ ކުއްޖެކެވެ. ހިތަށްވެސް ނާރާފަދަ ގޮތަކަށް އޭނާގެ އުޅުން ބަދަލުވާންވީ ކީއްވެގެން ހެއްޔެވެ؟ ޝާއިލްގެ އަނބިމީހާ އާމެދުގައެވެ. އަމިއްލަ މަންމަ އާއި މައިދައިތައާމެދު ގައެވެ. ކޮންމެވެސް ނުބައެއް އެބައުޅެއެވެ. އެކަމުގެ އެންމެ ފުނަށް ފީނަން ޖެހިއްޖެއޭ މަޢުރީންގެ މަންމަ ހިތަށްއެރި އެވެ.

 

ހޮސްޕިޓަލުން ބޭރަށް ނިކުތްއިރު މަޢުރީންގެ މަންމަ ހާޖަރާ ގެ ސިކުނޑީގައި ވަނީ އެންމެ މަންޒިލެކެވެ. ހިތުގައި ވަނީ އެންމެ ނިޔަތެކެވެ. އަލިބެއްޔާގެ ގެއަށް ދިއުމަށެވެ. ވެގެން އުޅޭ ކަމެއް އަލިބެއްޔާ އަށް އެނގޭނެކަން އޭނާއަށް ޔަޤީން ކުރެވެއެވެ. އަލިބެއްޔާގެ ނަމުގެ ކުރިއަށް ‘ޝެއިޚް’ އައިސްފައިވަނީ ކިހިނެތްކަން ދެނެވޮޑިގެންވާނީ މާތްﷲ އެވެ. އޭނާ އަކީ މިސްކިތެއްގެ އިމާމެއްގެ އިތުރުން ސިހުރު ފަންޑިތަވެރިކަމަށް ވެސް މޮޅު މީހެކެވެ. އަލިބެއްޔާގެ ކާފައަކީ އެއް ޒަމާނެއްގައި ރާއްޖޭގެ ދެކުނަށް ނަން މަޝްހޫރު ފަންޑިތަވެރިއެކެވެ. އަލިބެއްޔާ އަށް ހިތްހަލާލުދީ ކާފައަށް ލިބިފައިވާ ހުރިހައި ޢިލްމަކާއި ފޮތްތަކެއް ވަނީ ދީފައެވެ. އަލިބެއްޔާގެ ދެފުށްދެގޮތް ދިރިއުޅުމާބެހޭ މަޢުލޫމާތު މަދު މީހަކަށް ފިޔަވައި އެނގިފައެއް ނުވެއެވެ. އެކަން އެނގިއްޖެނަމަ ގިނަބަޔަކު އޭނާ ކުށްވެރިކުރާނެ ކަމީ ޔަޤީންވާ ކަމެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އާއްމުންގެ ކުރިމަތީގައި އޭނާއަކީ ދީނީ ބޭފުޅެކެވެ. ޝެއިޚެކެވެ. މީގެ އެތަކެއް އަހަރުތަކެއް ކުރިން ހާޖަރާ ކައިރީގައި އަލިބެއްޔާ ބުނިފަދައިން އަލިބެއްޔާ އަކީ ‘ވިސްނުންތޫނު ޝޭޚެ’ ކެވެ.

 

“އެކުގަ އެއްކަމެއް ކޮށްއުޅޭ މީހުންނަށްވުރެން ބޯ ރަނގަޅު ނޫންނަމަ، އެމީހަކު ހުންނަން ޖެހޭނީ އިނދަޖެހެން ތައްޔާރަށް!”

 

އެންމެ ފަހުން އަލިބެއްޔާ ކައިރިއަށް ހާޖަރާ ދިޔަތާ މިހާރު މިވަނީ ދިހަ އަހަރެވެ. ޓީވީން ފޮނުވާ އަލިބެއްޔާ ގެ ޕްރޮގްރާމެއް ކޮންމެ ހަފުތާއަކު ހާޖަރާ ބެލިނަމަވެސް، އަލިބެއްޔާގެ ގެއަށް ދިއުމަކީ ހަނދާންކުރަން ބޭނުން ނުވާ ހިތި ހަނދާންތަކެއް އާލާވާނެ ކަމެއްކަން ހާޖަރާ އަށް ރަނގަޅަށް އެނގެއެވެ. އެ ހިތި ހަނދާންތަކަކީ އޭނާގެ ހިތުން އެ ހަނދާންތައް ނައްތައިލުމަށް ކޮންމެފަދަ ކަމެއް ކުރުމަށްވެސް އޭނާ ފަސްނުޖެހޭނެފަދަ ހިތި ހަނދާންތަކެކެވެ.

 

އެކަމަކު މިއަދު ހާޖަރާ އަކަށް އެހެން ގޮތެއް ނެތެވެ. ކަންކަން ކޮންމެ ގޮތަކަށް ހިނގައިފައި ވިޔަސް މިއަދު އަލިބެއްޔާ ކައިރިއަށް ދިއުމަށް އޭނާއަށް ވަނީ މަޖުބޫރު ވެފައެވެ. ކުރިމަތިވަމުން އަންނަ ކަންކަމުގެ ފަހަތުގައި ކޮންމެވެސް ނުބައެއް އުޅޭކަން އޭނާއަށް ޔަޤީނާ ގާތަށް ބުނަން އެނގެއެވެ.

 

އަލިބެއްޔާގެ ގޯތިތެރެއަށް ހާޖަރާ އަށް ވަދެވުމާއެކު ގައިން ހީބި ނަގައިގެން ހިނގައްޖެ އެވެ. މާޒީގެ ހިތި ހަނދާންތައް އާލާވުމުންނެވެ. މާލޭގައި ދިރިއުޅޭ އެހެން ޝެއިޚުންގެ ގޭގެއާއި ޚިލާފަށް އަލިބެއްޔާގެ ގެއަކީ ގަނޑުވަރެއްފަދަ ގެއެކެވެ. ދެބުރިއަށް ނަގާފައިވާ ގޭގެ ތިރީބުރި ޚާއްޞަކޮށްފައިވަނީ އަލިބެއްޔާގެ މަސައްކަތްތަކަށެވެ. ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމަށް ވަކިން ހަދާފައި ހުންނަ ކުލާސް ކޮޓަރިއެއްވެސް އެ ގޯތީގައި ހުރެއެވެ.

 

ދޮރުފަތުގައި ޓަކި ދިނުމަށްފަހު ޚަބަރެއް ނުވުމުން ދޮރު ހުޅުވައިލި ވަގުތު އެދިމާއަށް އައިސްއައިސް ހުރި އަންހެނެއް ފެނުނެވެ. ބުރުގާ އަޅައިގެން ހުއްޓަސް މޭކަޕް ކޮށްފައިހުރީ ވަކިވަރެއް ބަލާފައެއް ނޫނެވެ.

 

“އައްސަލާމު ޢަލައިކުމް. ކޮންކަމަކު ދުރުވި ކޮން ބޭފުޅެއްތޯ؟” އެ އަންހެންމީހާ ވާހަކަދެއްކީ މާތް ބަހުންނެވެ.

 

” އަޅުގަނޑު ބޭނުން އަލިބެއްޔާ އާ ބައްދަލުކޮށްލަން.”

 

“މިއަދަށް އެޕޮއިންޓްމެންޓެއް ހައްދަވާފަ އޮންނާނެތޯ؟” އެ އަންހެންމީހާ އިތުރަށް ސުވާލު ކުރިއެވެ.

 

“ނޫން، އަލިބެއްޔާ ކައިރީގަ ބުނޭ ހާޖަރާ ދާއޫދު އެބަހުއްޓޭ، މަޢުރީންގެ މަންމަ އެބަހުއްޓޭ ބުނޭ.” މިފަހަރު ހާޖަރާ ވާހަކަދެއްކީ އަމުރުވެރި ރާގެއްގައެވެ.

 

އެ އަންހެންމީހާގެ އަތުގައި އޮތް ފޯނުން ނަންބަރަކަށް ޑައިލްކޮށްލައި ވައިއަޑަކުން ވާހަކަދެއްކީ އޭނާ ދައްކާ ވާހަކަ ހާޖަރާ އަށް ނުއިއްވުމަށެވެ.

 

“ވާތް ފަރާތުން ތިންވަނަ ކޮޓަރިއަށް ދުރުވޭ.” ފޯނުކޯލަށްފަހު އަވަސް އަވަހަށް އެމީހާ ބުންޏެވެ.

 

މާބޮޑު މާނައެއް ނެތްގޮތަކަށް ޝުކުރިއްޔާ އޭ ބުނަމުން ހާޖަރާ ހިނގައިގަތީ އޭނާގެ މަންޒިލާއި ދިމާއަށެވެ.

 

 

އަލިބެއްޔާ އިންކަމަށް ބުނި ކޮޓަރީގެ ދޮރާ ދިމާއަށް ހިނގަމުންދިޔައިރު ހާޖަރާގެ ހިތް ބާރަށް ތެޅެމުން ދެއެވެ. އޭނާ އެގެއަށް އެއައީ ބަރާބަރު ދިހަ އަހަރު ފަހުންނެވެ. އޭނާ އެންމެ ފަހުން އެގެއަށް އައީ މަޢުރީން ވަރަށް ބޮޑަށް ބަލިވެގެން އުޅުނު އިރެއްގައެވެ. އޭރު މަޢުރީން އަށް ކުރިމަތިވި އާދަޔާޚިލާފު ބަލިމަޑުކަމުގެ ސަބަބުން ވާހަކައެއްވެސް ނުދެއްކެއެވެ. އެއް ޓެސްޓަށް ފަހު އަނެއް ޓެސްޓެއް ހެދުމަށް ޑޮކްޓަރުން އަމުރުކުރަމުން ދިޔައީ އެއްވެސް ކުރިއެރުމެއްވެސް ނުލިބޭ ހާލުގައެވެ. ދަރިފުޅު މަޢުރީން ބީވެދާނެތީ ހާޖަރާ ހުރީ ނުލާހިކު ބިރުގެންފައެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ އަލިބެއްޔާގެ އެހީ ހޯދުމަށެވެ. އިއްޔެ ހިނގި ކަމެއްހެން އެދުވަސް މަތިން ހާޖަރާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އަލިބެއްޔާގެ ކުރިމަތީގައި ކަކޫމައްޗަށް އިނދެގެން އޭނާ ރުއި ރުއިމެވެ. އަލިބެއްޔާގެ ދެފައިގައި ހިފައިފާ އެހީއެއް ވެދިނުމަށް އާދޭސްކޮށް ސަލާންޖެހި ގޮތެވެ. އޭރުވެސް އަލިބެއްޔާ އަކީ ކޮންކަހަލަ މީހެއްކަން ހާޖަރާއަށް ރަނގަޅަށް އެނގެއެވެ. އެހެން ނަމަވެސް އޭނާއަށް އެދުވަހުވެސް މަޖުބޫރުން އަލިބެއްޔާ ކައިރިއަށް ދާން ޖެހުނީ އެވެ. މިއަދުވެސް ހާޖަރާ އެވަނީ އެފަދަ މަޖުބޫރީ ހާލަތެއްގައެވެ. ހަދާނެ ގޮތް ހުސްވެފައެވެ.

 

****❀❀****

 

މަޢުރީން އޮތް ކޮޓަރީގެ ދޮރު ޑޮކްޓަރު މަރިޔަމް ޝައުޤީ ހުޅުވާލަމުން އެތެރެއަށް ވަދެ ދޮރުލައްޕައި ދޮރުކައިރީގައި މަޑުކޮށްލި އެވެ.

 

“މައޫ، މައު އާ ބައްދަލުކޮށްލަން މީހަކު އައިސް އެބަހުރި، އެ ފިރިހެންމީހާ ވެއްދިޔަސް އޯކޭތަ؟”

 

“މަގޭ ހަސްބަންޑް ތަ؟” ބައްދަލުކޮށްލަން އައިސް ހުރީ ދުށުމަށް އެންމެ ހިތްއެދޭ މީހާ ކަމަށް މަޢުރީން އަށް ހީކުރެވުނެވެ. މަރިޔަމް ބޯ ހޫރައިލުމުން މަޢުރީންގެ މޫނަށް ވެރިވި އުޖާލާކަން ފަނޑުވެގެން ހިނގައްޖެ އެވެ.

 

“އެއީ އެއްކަލަ ދުވަހު މައު އަތުން ފޯނު ނަންބަރު ހޯދިއެއްނު އިދުރީސް އެއް. އޭނަ!”

 

“އޯކޭ، ވައްދަބަލަ.” ކުރަކި އަޑަކުން މަޢުރީން ބުންޏެވެ. ކައިރީގައި އޮތް ބުރުގާ ނަގައި އަޅަމުންނެވެ.

 

ވަނުމަށް ހުއްދަ ލިބުމުން އިދުރީސް ވަދެގެން ގޮސް މަޢުރީންގެ އެނދުކައިރީ ހުރި ގޮނޑިއާއި ދިމާއަށް ހިނގައިގަތީ ބުނާނެ އެއްޗެއް ނޭނގިހުރި ހާލެއްގައެވެ. މަޢުރީންގެ މޫނުން ހިތާމައިގެ އަސަރު ފެންނަން ހުރިއިރު އެ މޫނު ހުރީ ދުޅަވެސް ވެފައެވެ. މަޢުރީން އަށް އައިސްފައިވާ ބަދަލު ފެނުމުން އިދުރީސް ގެ ހިތުގައި ޖެހުނެވެ. އެ ހިތަށް ތަދުވެސް ވެއްޖެ އެވެ. އެންމެފަހުން އިދުރީސް ވާހަކަދައްކަން ފެށި އެވެ.

 

“ކިހިނެތްތޯ ވީ؟”

 

“އަހަރެންގެ ދަރިފުޅު އަހަރެން އަތުން ބީވީ…. އަހަރެން ބައިގެންދިޔައީ.”

 

“ސުބްޙާނަﷲ، އައޭމް ސޯ ސޮރީ އަބައުޓް ދެޓް.” އަޑަށް ރާގުލާފައި އިދްރީސް ބުންޏެވެ. ކުއްލިއަކަށް އިދުރީސްގެ ހިތުގައި ވަރަށް ބޮޑަށް ޖެހިއްޖެ އެވެ. ކީއްވެގެން ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. މަޢުރީން ބައިގެންދިޔަ ޚަބަރަށް ކަމެއް ނުވަތަ މަޢުރީން އަކީ މީހެއްގެ އަނތްބެއްކަން އެނގުމުން ނޫންކަމެއްވެސް ނޭނގެއެވެ.

 

“ކަންބޮޑު ނުވޭ، މަޢުރީން އަށް ލޮލުގެ ފިނިކަން ލިބޭނެ ދަރިން އިރާދަކުރެއްވިއްޔާ އެކަލާންގެ ދެއްވަވާނެ.” އިތުރަށް އިދުރީސް ބުންޏެވެ. “ކޮން އިރަކުން ތޯ ޑިސްޗަރޖް ކުރަނީ؟”

އެ ސުވާލަށް ޖަވާބުދޭކަށް މަޢުރީން ބޭނުމެއް ނުވިއެވެ. އެކަމުގައި އެހީތެރިވެދިނީ މަރިޔަމް އެވެ.

 

“އޭނަ ދޫކޮށްލައިފި މީގެ ސާޅީސް ފަސްވަރަކަށް މިނެޓް ކުރިން، އެކަމަކު އޭނަގެ ފިރިމީހާ އޭނަ ބަލާ ނައިސްގެން އެ އޮންނަނީ. މަށާ އިދުރީސް އާ އޭރު ދިމާވީ ހޮސްޕިޓަލުގެ އެޑްމިން ބަޔަށް ގޮސް އަހަރެން މީނަ ގެންދަން ހުއްދަ ހޯދުމަށް ދަނިކޮށް.”

 

‘އޯހް…” އިދްރީސް އަށް ބުނެވުނީ އެހިސާބަށެވެ. އެވަގުތު އޭނާގެ ސިކުނޑިއަށް މޮޅު ޚިޔާލެއް އައިސް ތިލަވެއްޖެ އެވެ.

 

“ކިހިނެތް ވާނެ އަހަރެން އޭނަ ގޮވައިގެން އަހަރެންގެ ކާރުގަ ދިޔައްޔާ؟ އޭރުން މަރިޔަމް ވެސް މަސައްކަތް ނިންމާލާފަ ފަހުން އެގެއަށް ދެވިދާނެދޯ.”

 

މަރިޔަމްގެ ދެބުމަ އަރުވައިލި ގޮތުން އިދުރީސް ގެ ޚިޔާލު މަރިޔަމް އަށް ކަމުނުދާކަން އެނގުނެވެ. ހީވާކަހަލަ އެވެ. މަރިޔަމްގެ ހިތް ބުނަމުން ދަނީ މިއީ ދެން މިކަމާ އުޅެން ފަހެ ކާކުހެއްޔެވެ؟

 

ނަމަވެސް މަރިޔަން އަށް އެއްޗެކޭ ނުބުނެވި އުޅެނިކޮށް ހަމަހިމޭންކަން ފޫދުއްވައިލީ މަޢުރީން އެވެ.

 

“ޔެސް، އިދުރީސް އަށް ވަންޏާ އަހަރެން މަންމަ މެންގެއަށް ގެންގޮސްދީ.”

 

****❀❀****

 

އަލިބެއްޔާގެ ގެއަށް މާބޮޑު ބަދަލެއް ނާދެ އެވެ. އަދިވެސް އެއީ ހަމަ އިހުގެ އެ ގެއެވެ. ބޮޑު ކޮޓަރީގެ އެއް ބިތް ފުރެންދެން ހުރީ ފޮތްއަލަމާރި ތަކެއް ފުރެންދެން ފޮތެވެ. އެތަނުން ގިނަފޮތްތައް އެއީ ކަންދެއްކުމަށް ހުރި ފޮތްތަކެއް ކަން ހާޖަރާ އަށް ޔަޤީންކޮށް ބުންނަ ކެރޭނެ އެވެ. މާތް ޢިލްމުވެރިއެއްގެ ގޮތްގަނޑު ދެއްކުމަށެވެ. އަލިބެއްޔާ އިށީންދެ އިން އިހުގެ އަދަރާދަ ގޮނޑީގެ ކުރިމަތީގައި ހުރި އިހުގެ އޮފީސް މޭޒުމަތި ފުރިފައިވަނީ ބާވެފައި ހުރި ފޯލްޑަރ ފައިލް ތަކަކުންނެވެ. ފަހަރެއްގައި އެއީ އޭނާ ކައިރިން ޚިދުމަތް ހޯދާ މީހުންގެ ވަނަވަރު ހިމެނޭ ފައިލް ތަކަކަށް ވެސް ވެދާނެ އެވެ.  ކޮޓަރިތެރެއިން ދުވަނީ ދުންދަނޑިވަހާއި ކުމުންޒާނީގެ ވަހެވެ. އަލިބެއްޔާ އިށީންދެ އިން ގޮނޑިއާއި ޖެހިގެން ކަހަލަ ގޮތަކަށް އެހެން ގޮނޑިއެއްވެސް ހުއްޓެވެ. އެ ގޮނޑިއާއި ޖެހިގެން ކުޑަކުޑަ އައިސްއަލަމާރިއެއް ހުއްޓެވެ. ކޮޓަރީގެ އަނެއް ފަރާތުގައި އެހެން ކޮޓަރިއަކަށް ވަދެވޭ ގޮތަށް ދޮރެއް ހުއްޓެވެ. ހާޖަރާ ހުރީ އެ ކޮޓަރިއަށް ވަންނަން ނުޖެހޭނެ ކަމަށް އުއްމީދު ކޮށްކޮށެވެ.

 

“އައްސަލާމު ޢަލައިކުމް ހާޖަރާ، ވަރަށް ދުވަސް ވެއްޖެ ދޯ ދިމާނުވާތާ؟” އަލިބެއްޔާ ވާހަކަދެއްކީ މަޑުމަޑުންނެވެ. އޭނާގެ އަނގައިގައި ހުރި ރީނދޫ ދަތްތައް ފެނުމުން ހާޖަރާ އަށް ހޮޑު ނުލެވުނީ ހަމަކިރިޔާ އެވެ. ފަކުރުންނާއި ގަތް ބިރެއްގެ ސަބަބުންނެވެ.

 

“ވަޢަލައިކުމުއްސަލާމް އަލިބެއްޔާ، އަންގައިވެސް ނުލާ ކުއްލިއަކަށް އަންނަން ޖެހުނީތީ މަޢާފަށް އެދެން، އެކަމަކު އަނެއްކާވެސް މި އާދެވުނީ މަޢުރީން ގެ ކަމެއްގަ. ކޮންމެވެސް ނުބައެއް އުޅޭކަން އަހަންނަށް އިޙްސާސް ކުރެވޭތީ މިއައީ.”

 

****❀❀****

 

ގެއަށް ވަންނަން ހުރި ދޮރު ކައިރީގައި ބަހައްޓާފައިހުރި ގަސްމުށި ތަކުގެ ތެރެއިން ގޭގެ ތަޅުދަނޑިއެއް ނަގައި ދޮރު ހުޅުވައިލަމުން މަޢުރީން އޭނާގެ މަންމަގެ ގެއަށް ވަދެއްޖެ އެވެ. އެގެއާއި ހަމައަށް މަޢުރީން ގެނެސްދިނުމަށްފަހު އިދުރީސް ދިޔައީ ފަހުން ޚަބަރެއް ވުމަށް ވަޢުދު ވަމުންނެވެ.

 

‘ހާދަ ރަނގަޅު މީހެކޭ.’ މަޢުރީންގެ ހިތަށް އެރިއެވެ. ‘އޭނަ ބޭނުމެއް ނުވި ގެއަށް ވަންނަން ވެސް. އެހެން މީހަކު ނަމަ…’ ފުން ނޭވާއެއް ދޫކޮށްލަމުން ގޮސް ސޯފާގައި މަޢުރީން އިށީންދެ ހަމަޖެހިލި އެވެ. ހަމައެއާއެކު މަޢުރީން އަށް ނިދިއްޖެ އެވެ.

 

****❀❀****

 

މަޢުރީން އިށީންދެެގެން އިނީ ރަސްފަންނުގައި ހުރި ޖޯލިތަކުން ޖޯއްޔެއްގައެވެ. ރަސްފަންނުގެ މަސްނޫޢީ ގޮނޑުދޮށަށް މަޑުންމަޑުން އައިސް ބީއްސަމުންދާ ރާޅުތަކަށް ބަލަން އިނީ ދެވަނަ އެހެން ދިމާއަކަށް ނަޒަރު ހިންގައިލުމެއް ނެތިއެވެ. މަޢުރީންގެ ވިސްނުން ހުރީ އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔޭގެ ކަނޑުގެ ރާޅުތަކުގެ ތެރޭގައެވެ. އޮއްސުމަށް ދަތުރުކުރަމުންދާ އިރު، އޭގޭ ވާޖިބު އަދާކުރުމަށް ދަތުރުކުރަމުން ގޮސް އުދަރެހުން ގެއްލެން ވަނީ ކައިރިވެފަ އެވެ. އެވަގުތު މަޢުރީން ދެލޯ މަރައިލިއެވެ. އޭނާގެ ޚިޔާލުތައް ގޮސް ހުއްޓުނީީ މާކަނޑުގެ މެދަށެވެ. އޭނާއަށް ފެންނަމުން ދަނީ މާކަނޑުގައި އޭނާ ފަތަމުން، އޮއްސެމުންދިޔަ އިރާއި ދިމާއަށް ދާތަނެވެ. އިރުކޮޅެއްގެ ތެރޭގައި އޮއްސުނު އިރާއިއެކު މަޢުރީން ވެސް ގެއްލިގެންދިޔަ ތަނެވެ.

 

“ލޯބީ ހާސްނުވޭ. އަހަރެމެން ދެމީހުން އެކުގަ ފަތާލާފަ ދާނީ ދޯ!”

 

މަޢުރީންގެ އެއްފަރާތުން އިވުނުު އަޑަށް ސިހުނެވެ. ފަތަފަތާ އޮވެ އެފަރާތަށް ބަލައިލެވުނު ވަގުތު ލިބުނީ ހައިރާން ކަމެވެ. ކަނޑުގެ ލޮނުގަނޑު މަތީގައި މަޢުރީން އާއި އެއްވަރަށް ހިނގަމުން ދިޔައީ ޝަމްހޫރިޝް އެވެ.

 

“މިކަމާ ކީކޭ ބުނަނީ؟” ޝަމްހޫރިޝް އިތުރަށް ބުންޏެވެ.

 

“ކޮން ކަމަކާ؟ ޝަމްހޫރިޝް ކޮން ކަމެއް ބޭނުންވެގެން ތިއުޅެނީ؟” އާދައިގެ ގޮތަކަށް މަޢުރީން ކޮށްލީ ސުވާލެކެވެ.

 

“އަހަރެން މިއައީ މަޢުރީން ގެއަށް ގެންދަން.”

 

“އަހަރެން މި އުޅެނީ އަހަރެންގެ ގޭގަ.”

 

“ނޫން، މިބުނީ މަޢުރީން ގެ މަންމަމެންގެ ގެއެއް ނޫން، މަޢުރީންގެ އަސްލު ގެއަށް ….. ކަނޑުގެ އެންމެ އަޑިއަށް …. އަހަންނާ އެކު އަހަރެމެންގެ ގެއަށް….”

 

މަޢުރީން ދެފަރާތަކަށް ބޯ ހޫރާލިއެވެ. ޝަމްހޫރިޝް އެދައްކާ ވާހަކައެއް އޭނާއަކަށް ނުވިސްނުނެވެ. ކުއްލިއަކަށް އޭނާއަށް އިނދެވުނީ ރަސްފަންނުގެ ޖޯއްޔެއްގައި ނޫންކަން އެނގުނީ އެހިސާބުންނެވެ. އޮވެވުނީ މާކަނޑުގައިކަން އެނގުނެވެ. މަޑުމަޑުން މަޢުރީން އަޑިއަށްދާން ފަށައިފި އެވެ. މަޢުރީން ބިރުން ގޮސް ހަދާނެގޮތް ހުސްވެގެން ދެއަތް ހޫރަނީ އެވެ. އިވެމުންދިޔަ އަޑުތައް ބިރުވެރި އަޑު ތަކަކަށް ބަދަލުވެއްޖެ އެވެ.

 

“މަޢުރީން!!”

 

ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެނބިގެން ޣަރަޤުވެއްޖެހެން ހީވުމުން މަޢުރީން އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

 

“ޔާﷲ މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާންދޭވެ.!”

 

ނުނިމޭ

 

* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.