ރާއްޖޭގެ ބޮޑުބެރު ގްރޫޕް ތަކުގެ ތެރެއިން އެންމެ މަގުބޫލު ބޮޑުބެރު ގްރޫޕް “ހަބޭސް” ގެ ހަތް ވަނަ އަހަރީ ދުވަސް ފާހަގަކުރާނީ ވަރަށް މުހިންމު އަދި ތަފާތު “ސަޕްރައިޒް” ތަކަކާ އެކުގައި ކަމަށް އެ ގްރޫޕުން ބުނެފިއެވެ.

 

މި އޯގަސްޓް މަހުގެ 7 ވަނަ ދުވަހު “ހަބޭސް ބޮޑުބެރު” ގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް “ހަބޭސް” އިން ވަރަށް ބޮޑަށް ތައްޔާރު ވަމުން އަންނަ ކަމަށް “ހަބޭސް” ގެ ވެރިޔާ އަލީ ޝިފާއު (ހަބޭސް އައްޔަ)، މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުންޏެވެ. އައްޔަ ބުނީ އިތުރު މަޢުލޫމާތު ތަކެއް މިވަގުތަށް ދެވެން ނެތް ކަމަށާއި ދެ ދުވަހެއްގެ ތެރޭގައި އިތުރު މަޢުލޫމާތު ތައް މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށެވެ.

 

“ފޭނުންނަށް ވަރަށް ތަފާތު މުހިންމު ސަޕްރައިޒްތަކެއް ހުންނާނެ.” ރާއްޖޭގެ އެންމެ ބޮޑު މިއުޒިކް ބްރޭންޑް “ހަބޭސް” ގެ ވެރިޔާ އައްޔަ ބުންޏެވެ.

 

ބޮޑުބެރު ޖެހުމުގައި ރާއްޖެއިން އެންމެ އުހުގައި އުޅޭ “ހަބޭސް” ގެ ދަށުން އިތުރު 3 ބޭންޑަކާއި ސްޓޫޑިއޯ އެއް ވެސް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި “ހަބޭސް ބޮޑުބެރު” “ލެވިޓޭޝަން ބައި ހަބޭސް” އަދި “ހަބޭސް ފިއުޝަން” ހިމެނެ އެވެ.

 

ހަބޭސް އިން ވަނީ އެއްފަހަރާ ފަސް އަލްބަމް މިދިޔަ އަހަރު ނެރެފައެވެ. މީގެ އިތުރުން ފާއިތުވި ދެ އަހަރު ވެސް ރަމަޟާން މަހު، އާންމުންނަށް ހަދިޔާއެއްގެ ގޮތުގައި މަދަހަ ސީޑީތަކެއް ވެސް ނެރުނެވެ. ހަބޭސް އިން އަންނަނީ ޢީދު ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޝޯ ތައް ދެމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.