ޑާކްރެއިން އެންޓަޓެއިންމެންޓުން މި އަހަރުގެ ނޮވެމްބަރު މަހު 05 ގައި ރިލީޒް ކުރުމަށް ނިންމާފައިވާ ފިލްމު “ގޮށްރާޅު” ގެ ޓްރެއިލަރ ވީޑިއޯ ރަސްމީކޮށް އާއްމު ކުރުމުގެ ކުރިން ސްކްރީން ކޮށްގެން ދެއްކުމަށް ނިންމައިފި އެވެ. “ގޮށްރާޅު” ގެ އެކްސްކްލޫސިވް ޕްރިވިއު އެއްގެ ގޮތުގައި ދައްކާ ޓްރެއިލަރ ސްކްރީން ކުރުމަށް ނިންމާފައި ވަނީ މިމަހު 4 ވަނަ ދުވަހު އެވެ.

 

ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނީ ޓްރެއިލަރ ބަލައިލުމުގެ ފުރުޞަތު ހުޅުވައިލެވިފައި ވަނީ ލިމިޓެޑް އަދަދަކަށް ކަމަށާއި ސީޓްސް ހޯދުމަށް ފޭސްބްކް ޕޭޖަށް މެސެޖްކޮށްލުމުން ޓްރެއިލަރ ދައްކާނެ ތަނަކާއި ގަޑި އަންގައިލާނެ ކަމަށެވެ.

 

“މިއީ ރަސްމީކޮށް ޓްރެއިލަރ ނެރުމުގެ ކުރިން ބެލުންތެރިންގެ ރިއެކްޝަން ޓްރެއިލަރ އާމެދު ހުންނަގޮތް ބަލައިލުމަށް ކުރާ ކަމެއް.” މުނިއަވަސް އަށް މަޢުލޫމާތު ދެމުން ފިލްމުގެ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގަރ) ބުންޏެވެ.

 

“ގޮށްރާޅު” ފިލްމަކީ ވިޝުއަލް އާޓްސް ދާއިރާ އިން އެނިމޭޝަންގެ ރޮނގުން މިއަހަރު ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވާ އަހުމަދު ޝިނާންގެ ފުރަތަމަ އަމިއްލަ ޑައިރެކްޝަނެވެ. 2016 ގައި ފާތުމަތު ނަހުލާއާ ގުޅިގެން ބިރުވެރި ފިލްމް “4426” ޑައިރެކްޓް ކޮށްފައިވަނީ ވެސް އަޙްމަދު ޝިނާން އެވެ. މީގެ އިތުރަށް ‘ފަތިސްހަނދުވަރުގެ ފެށުން – ތްރީޑީ’ ގައިވެސް ސިނާން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފަ އެވެ.

 

މިއީ މޫމިން ފުއާދުގެ ސްކްރީންޕްލޭ އަކަށް ހަދާ ކްރައިމް/ސަންސްޕެންސް ތުރިލާއެކެވެ.

 

ފިލްމްގެ މުހިއްމު ރޯލްތަކުން ފެންނާނީ އަލަށް ތައާރަފުވާ ހަސަން އިރްފާން (ޒަކިއްޓެ) އާއި އައިޝަތު ތަސްނީމާ އާއި ޖުމައްޔިލް ނިމާލް (ޖުމަލް) އެވެ. މީގެ އިތުރުން ވެސް ފިލްމުން ބޮޑު ކާސްޓެއް ފެނިގެން ދާނެ އެވެ.

 

މިދިޔަ ފެބްރުއަރީ މަހު މޯޗަން ޕޯސްޓަރު ނެރެފައިވާ “ގޮށްރާޅު” ފިލްމްގައި ކިޔައި ދޭނީ އަންހެން ކުއްޖެއްގެ މައްސަލައެއްގައި ގޭންގްތަކެއްގެ މެދުގައި ހިނގާ ކަންތައްގަނޑެކެވެ.

 

“ގޮށްރާޅު” ގެ ލަފުޒީ މާނައަށް ބަލައިލާއިރު މިއީ ‘އޮޔާ ވަޔާ އިދިކޮޅުވުމުގެ ސަބަބުން، އެގޮތް މިގޮތަށް އުފެދިފައި ހުންނަ ރާޅަށް’ ކިޔާ ނަމެކެވެ. ހަމަ އެހެންމެ މިއީ، މަސައްކަތެއްގެ ތެރޭގައި މީހަކު އުފައްދާ ހަމަނުޖެހުން ތަކަށް ނިސްބަތްކޮށް ބޭނުންކުރެވޭ މަޖާޒީ ލަފުޒެއްކަން ވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން ފިލްމަށް ‘ގޮށްރާޅު” ކިޔާފައިވުމުން ވެސް ފިލްމުން ފެނިގެންދާނީ ތަފާތު ކަންތައްތަކެއްކަން އަންދާޒާ ކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.