ރ. ހުޅުދުއްފާރު ސްކޫލުގެ ހައުސް ތަކުގެ މެދުގައި ވީޑިއޯ ޑްރާމާ މުބާރާތެއް ބާއްވައިފި އެވެ. މުބާރާތް ބާއްވާފައިވަނީ ހުޅުދުއްފާރު ސްކޫލްގެ ސުޓޫޑަންޓް ކައުންސިލާއި ލޭންގްއޭޖް ކުލަބުން އިންތިޒާމުކޮށްގެން ޖުލައި 26 ގައެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ސުޓޫޑަންޓް ކައުންސިލުން ބުނީ މި މުބާރާތަކީ އެ ސްކޫލްގައި ބޭއްވި މިފަދަ ފުރަތަމަ މުބާރާތް ކަމަށެވެ.

 

“ވީޑިއޯ ޑުރާމާ މުބާރާތަކީ މިއަހަރު އަލަށް ތަޢާރަފް ކުރެވިގެން ދިޔަ މުބާރާތެއް. އެއީ މީގެ ކުރިން ލެންގުއޭޖް ކުލަބްގެ ފަރާތުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން ދިޔަ ސުޓޭޖް ޑުރާމާ މުބާރާތުގެ ބަދަލުގައި މި އަހަރު އަލަށް ފަރުމާކުރި މުބާރާތެއް.” ހުޅުދުއްފާރު ސްކޫލްގެ ސުޓޫޑަންޓް ކައުންސިލުން ބުންޏެވެ.

 

ސްޓޫޑެންޓް ކައުންސިލުން ބުނީ މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްސަދަކީ ދަރިވަރުން އަމިއްލައަށް ދިރިއުޅުމުގެ ތަފާތު މަސައްކަތްތައް ކުރަން ދަސްކޮށްދިނުމާއި ސްކޫލް ނިންމާ، މުޖުތަމަޢަށް ނުކުންނައިރު ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް އެނގި ފަރިތަކޮށްދިނުން ކަމަށެވެ. އެގޮތުން މި ޑްރާމާ މުބާރާތުގެ ތެރެއިން ދިރިއުޅުމުގައި އާންމުކޮށް ޖެހޭ މައްސަލަތަކަށް ދަރިވަރުން އަހުލުވެރިވުމާއި، ކުދިންނާއި ގުޅިގެން މަސައްކަތްކުރަން ދަސްވުމާއި، އެކުގައި މަސައްކަތްކުރާއިރު ދިމާވާ މައްސަލަތައް ޙައްލުކުރަންދަސްވެގެން ދާނެ ކަމަށް ސްޓޫޑެންޓް ކައުންސިލުން ޤަބޫލުކުރެ އެވެ.

 

ދިރިއުޅުމަށް ނިކުންނައިރު އިތުރު ހުނަރުތަކެއް ދަސްވުމުގެ އިތުރުން މިފަދަ މުބާރާތެއް ބޭއްވުމުގެ ސަބަބުން އެޗް.އެސް.ސީ އިމްތިޙާނުގައި އޮންނަ ޑުރާމާ ލިޔުމުގެ ބަޔަށް ކުދިން ޢަމަލީ ގޮތުން ފަރިތަކުރުމަށް ލިބޭ ފުރުޞަތަކަށް މި މުބާރާތް ވެގެންދާނެއެވެ. އޭގެ އިތުރުން މި ހަރަކާތުގެ ތެރެއިން ޒަމާނީ ޓެކްނޮލޮޖީއަށް ދަރިވަރުން އަހުލުވެރިވެގެންދާނެއެެެވެ.

 

މި ޑްރާމާ މުބާރާތަށް ސްކްރިޕްޓް ލިޔުމާއި، ޑައިރެކްޓް ކުރުމާއި، މޭކަޕާއި ކެމެރާކުރުމާއި، ވީޑިއޯ އެޑިޓްކޮށް، ޑަބްކޮށް މުޅި ޑުރާމާ ބެލުންތެރިންނާ ހަމައަށް ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތްތައް ކޮށްފައިވަނީ ހުޅުދުއްފާރު ސްކޫލްގެ ދަރިވަރުންނެވެ. މީގެ އިތުރުން މުބާރާތް އިޝްތިހާރު ކުރުމަށް ބޭނުންވާ ޕޯސްޓަރ ހެދުމާއި، ޓުރެއިލާތައް ހެދީ ވެސް ދަރިވަރުން އަމިއްލައަށެވެ.

 

ހުރިހާ ޑްރާމާއަކާއި، ޓްރެއިލާއާއި،  ޕޯސްޓަރތައް އޯޑިއަންސަށް ފޯރުކޮށްދިނުމުގެ ކުރިން ލެންގުއޭޖު ކުލަބާއި، ސުޓޫޑެންޓް ކައުންސިލުން ފާސްކުރެވުނެވެ. މި މުބާރާތް ކުރިޔަށްގެންދިއުމުގައި ދަރިވަރުންނަށް ފަންނީގޮތުންނާއި ޓެކްނިކަލްގޮތުން އެހީތެރިކަން ފޯރުކޮށްދިނީ ލޭންގުއޭޖް ކްލަބާއި ސްޓޫޑަންޓް ކައުންސިލްގެ ފަރާތުން ހުޅުދުއްފާރު ސްކޫލުގެ މުދައްރިސުންނެވެ.

 

ވީޑިއޯ ޑްރާމާ މުބާރާތް ބޭއްވުނީ ހުޅުދުއްފާރު ސުކޫލުގެ ހަތަރު ހައުސްގެ މެދުގައެވެ. އެގޮތުން ކޮންމެ ހައުސްއަކުން ވެސް ހުށައަޅައިދިނީ 30 މިނެޓްގެ އެއް ޑުރާމާއެވެ. އެގޮތުން ހުށައެޅި ޑްރާމާ ތަކަކީ:

 

ތަކުރުފާނު ހައުސް އިން – ހާހޫރަ

ދަންޑަހެލު ހައުސް އިން -އޯގާވީ ހިތަކުން

ޢިއްޒުއްދީނު ހައުސް އިން – އަނިޔާ

އިސްކަންދަރު ހައުސް އިން – ޔޯލަ

މި މުބާރާތުގައި ހުށައަޅައިދެވުނީ ހަމައެކަނި ދިވެހި ޑުރާމާއެވެ. ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި  ކޮންމެ ހައުސް އަކުން ވެސް ދިވެހި އަދި އިނގިރޭސި ޑުރާމާއެއް ތައްޔާރުކުރުމަކީ ސްޓޫޑަންޓް ކައުންސިލާއި ލޭންގުއޭޖް ކްލަބުގެ އަމާޒެއް ކަމަށް ސްޓޫޑެންޓް ކައުންސިލުން ބުނެއެވެ.

 

އެންމެ ފުރަތަމަ ފަހަރަށް ހުޅުއްފާރު ސްކޫލްގައި ބޭއްވުނު ވީޑިއޯ ޑްރާމާ މުބާރާތުގެ އެވޯޑް ނައިޓް އަދި ބާއްވާފައި ނުވާކަމަށް ސްޓޫޑެންޓް ކައުންސިލުން ބުނެއެވެ.

 

ހުޅުދުއްފާރު ސުކޫލުގައި މިވަގުތު ހަރަކާތްތެރިވަމުންދާ ހުރިހާ ކުލަބަކާއި، ސުޓޫޑަންޓް ބޮޑީސްތައް ހިނގަމުންދަނީ ސުޓޫޑަންޓް ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ލިބިފައިވާގޮތުން ރާއްޖޭގެ ސްކޫލެއްގައި މިފަދަ ގޮތަކަށް އިންތިޒާމު ކޮށްގެން ވީޑިއޯ ޑްރާމާ މުބާރާތެއް ބޭއްވުނު މިއީ ފުރަތަމަ ފަހަރެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.