މަޢުރީން ދެފަރާތަކަށް ބޯ ހޫރާލިއެވެ. ޝަމްހޫރިޝް އެދައްކާ ވާހަކައެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަށް އިނދެވުނީ ރަސްފަންނުގެ ޖޯއްޔެއްގައި ނޫންކަން ކުއްލިއަކަށް އެނގުނީ އެހިސާބުންނެވެ. އޮވެވުނީ މާކަނޑުގައިކަން އެނގުނެވެ. މަޑުމަޑުން މަޢުރީން އަޑިއަށްދާން ފަށައިފި އެވެ. މަޢުރީން ބިރުންގޮސް ހަދާނެގޮތް ހުސްވެގެން ދެއަތް ހޫރަނީ އެވެ. އިވެމުންދިޔަ އަޑުތައް ބިރުވެރި އަޑު ތަކަކަށް ބަދަލުވެއްޖެ އެވެ.

 

“މަޢުރީން!!”

 

ކަނޑުގެ ލޮނުގަނޑުގެ ތެރެއަށް ގެނބިގެން ޣަރަޤުވެއްޖެހެން ހީވުމުން މަޢުރީން އަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

 

“ޔާﷲ މިއަޅާއަށް އެހީތެރިވެވޮޑިގަންނަވާންދޭވެ.!”

 

މަޢުރީން އަށް ހޭލެވުނީ އަޑުގެ ނެތްތަނަށް ރޮއެ ހަޅޭއްލެވެމުން ދަނިކޮށެވެ.

 

****❀❀****

 

ހާޖަރާ ގެ ވާހަކަތައް ނިމުމުން އަލިބެއްޔާ ތެދުވެއްޖެ އެވެ. ޖެހިގެން ހުރި ކޮޓަރިއަށް އަލިބެއްޔާ ވަނުމާއެކު ހާޖަރާއަށް އިނދެވުނީ އެއްވެސް ކެތްތެރިކަމެއް ނެތް ހާލުގައެވެ. އަލިބެއްޔާ އެތަނަށް ވަނީ ކީއްކުރަން ކަމެއް ހާޖަރާ އަކަށް ނޭނގެއެވެ. އެކަމެއް އެނގޭކަށް އޭނާ ބޭނުމެއްވެސް ނޫނެވެ. ހާޖަރާ ހަމައެކަނި ބޭނުންވަނީ އޭނާގެ ދަރިފުޅަށް ކުރިމަތިވާން ފަށާފައިވާ މައްސަލަތަކަށް ހައްލެކެވެ. މިއަދު މިއީ އޭނާގެ ދަރިފުޅު އެ ތުރާތައް ތަހައްމަލުކުރަންވީ ދުވަހެއް ނޫނެވެ. މިއީ އެދަރިފުޅު އުފަލުގައި އުޅެންވީ ދުވަހެވެ. ދަރިފުޅުގެ ހާލާއިމެދު ވިސްނައިލެވުމުން ހަނދާނަށް އައީ ޚުދު އޭނާ އަލަތު ކައިވެންޏަށްފަހުން އުޅެން ޖެހުނު ހާލާއި މެދުގައެވެ. ކައިވެންޏަށް ފަސް އަހަރުވެގެން ދިޔައިރުވެސް ދަރިއަކު ނުލިބެއެވެ. ބޭސްވެރިކަމަށް އެއްކޮށް އިތުބާރު ގެއްލުމުން ދެން ފެށީ އެހެން ގޮތްގޮތުން ވެސް ދަރިއަކު ލިބޭނެގޮތެއް ވޭތޯ ބެލުމަށެވެ. އެހެން އުޅެނިކޮށް އަތޮޅުތެރޭ ރަށެއްގެ ރައްޓެއްސެއްގެ ފަރާތުން އަލިބެއްޔާ އަށް ތަޢާރަފުވި އެވެ. އެދުވަސްވަރަކީ އަލިބެއްޔާގެ ޅަދުވަސްވަރެވެ. އޭރު އަދި އެބުނާ ޝެއިޚް ކަމެއްވެސް އަލިބެއްޔާ އެއް ނުކިޔަވައެވެ. ނަމަވެސް އޭރުވެސް އޭނާއަކީ ތަޖްރިބާ ހުރި ފަންޑިތަވެރިއެކެވެ. އެކިއެކި ރޫޙާނީ ބަލިތަކަށް ފަރުވާ ދެމުން އައި މީހެކެވެ.

 

އެމީހުންނަށް ފުރަތަމަ ބައްދަލުވެވުނު ފަހަރު ހާޖަރާގެ ޒުވާން ރީތިކަން ފެނިފައި އަލިބެއްޔާގެ ހިތް މަގުން ކައްސާލައިފިއެވެ. ހާޖަރާ އަށް ކޮންމެހެންވެސް އެހީވެދިނުމަށް އަލިބެއްޔާ ބޭނުންވި އެވެ. ނަމަވެސް އޭނާގެ ނުބައި އެދުންތައް ޙާޞިލް ކުރުމަށް މޮޅު ޕްލޭނެއް ރާވައި އެއަށް އަމަލުކުރުމަށް ނިންމައިގެންނެވެ. އޭނާގެ ނިޔަތް ނުބައި ރޭވުންތަކަށް ޙަޤީޤީ ކުލަ ޖައްސާކަށް އެހާ އުނދަގުލެއްވެސް ނުވިއެވެ. އެއަށްވުރެން ބޮޑަށް ހާޖަރާ ހުރީ ދަރިއަކު ނުލިބިގެން އެކަމުގެ އެދުންވެރިކަން އިންތިހާއަށް ގޮސްފައެވެ.

 

މީގެ ފަންސަވީސް އަހަރު ކުރިން ހިނގައިދިޔަ ކަންތައްތަކުގެ ހަނދާންތައް އާކުރާކަށް ހާޖަރާ ބޭނުމެއް ނޫނެވެ. އޭނާ ބޭނުންވަނީ މިހާރަށް ފޯކަސް ކުރާށެވެ. ދަރިއަކު ނުލިބި ކައިވެނީގެ ދުވަސްތައް ހޭދަކުރަން އޭނާއަށް ޖެހުނު ހިތްދަތި ދުވަސްތައް އޭނާގެ ދަރިފުޅު މަޢުރީން ބަރުދާސްތު ކުރުމަކަށް ހާޖަރާގެ ހިތަކަށް ކެތެއް ނުވާނެއެވެ. ޚުދު އޭނާ ގޮތްހުސްވެ ދަރިއެއްގެ ބޭނުމުގައި ހައްދުން ނެއްޓުނު ހިސާބަށް މަޢުރީން ދާކަށް ނޭދެއެވެ. އޭރު އޭނާ އެކަމަށް އެހާ ބޮޑަށް ބޭނުންވީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ދަރިއަކު ނުލިބި އެކަމުގެ ހިތާމައިގައި ގޮތްހުސްވެގެން އޭނާ އުޅުނުއިރު، ފިރިމީހާގެ މައިންބަފައިން ރާވަމުން ދިޔައީ އެގެއަށް އެހެން އަންހެނެއް ގެންނާށެވެ. ހާޖަރާގެ ބަތްތަށީގެ އެއްފަޅި ދޭގޮތަށެވެ. ހާޖަރާގެ ފިރިމީހާ ދެ އަނތްބަށް މީހަކާ ދެވާށެވެ. އެކަމަކު އެފަދަ ކަމެއް ހާޖަރާ އަށް ބަރުދާސްތު ކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އޭނާއަށް އެފަދަ ކަމަކަށް ކެތް ނުކުރެވުނު އިރު އޭނާގެ ދަރިފުޅު މަޢުރީން އަށް ފަހެ ކެތްކުރެވޭނެ ގޮތެއް އޮންނާނެ ހެއްޔެވެ؟

 

ނޫނެކެވެ. އޭނާ އަށް އޮތް ހަމައެކަނި ހައްލަކީ މަޢުރީންގެ ހަޔާތަށް ކުރިމަތިވަމުން އަންނަ ކަންތައްތަކުގެ އެންމެ ފުނަށް ފީނުމެވެ. އެކަންތައް ތަކުގެ މުލާއި ހަމައަށް ވާޞިލު ވުމެވެ.

 

އަލިބެއްޔާ ވަން ކޮޓަރީގެ ދޮރުފަތް ކުޑަކޮށް ހުޅުވާލާފައި އޭނާގެ ކަތި ނަޒަރުން ހާޖަރާ އަށް ބަލައިލިއެވެ. އެވަގުތު ހާޖަރާގެ ޚިޔާލީ ދުނިޔެއިން ނިކުމެވިއްޖެ އެވެ. ހަމަ އެވަގުތު އަލިބެއްޔާގެ ކުރަކި އަޑު އިވިގެން ހިނގައްޖެ އެވެ.

 

“އާދޭ އެތެރެއަށް.”

 

****❀❀****

 

މަޢުރީންގެ ނަޒަރުން

އަހަންނަށް ހޭލެވުނީ ހަޅޭއްފަޅޭއް ލަވަމުންނެވެ. މުޅި މީހާ އޮތީ އެއްކޮށް ދާހިއްލާ ފޯވެފައެވެ. އަހަރެންގެ ހިތް ގަޑަގަޑަ އަޅާފައި ބާރަށް ތެޅެމުން ދެއެވެ. އަހަންނަށް ފެނުނު ހުވަފެން އަސްލަކާއި ހާދަހާ ވައްތަރެވެ. އަހަންނަށް ބާރަށް ރޮވެން ފެށުނެވެ. އަހަންނަށް މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟

 

ހޮސްޕިޓަލުގައި އަހަރެން އޮތް އިރު ޝާއިލް އެތަނަށް ގޮސް ޖެހިސަކަރާތެއް ޖަހާފައި ރުޅިއައިސްގެން ނިކުމެގެން ދިޔަފަހުން އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ. އޭނާގެ އެކަންޏެއް ނޫނެވެ. ޝާއިލްގެ ޢާއިލާގެ އެއްވެސް މީހެއްގެ ޚަބަރެއްވެސް ނުވެއެވެ. ޝާއިލް އަށް އެހައި ބޮޑު ބަދަލެއް އަންނަންވީ ކީއްވެގެން ހެއްޔެ؟ މީހެއްގެ ވަޒީފާ ގެއްލުމަކީ ދެރަވާނެ ކަމެކެވެ. އެކަމަކު އެހާވަރަށް އޭނާގެ ހާލަތު ހިނގައިދާނެ ކަމަށް ކުޑަކޮށްވެސް ހިއެއް ނުކުރެވެއެވެ. ވަޒީފާއިން ކަނޑައިލިފަހުން އަދި މިވީ މަދު މަސްކޮޅެކެވެ. އޭނާގެ ބަދަލުވުމުގެ ފަހަތުގައި ވަނީ ވަޒީފާ ގެއްލުން ކަމަށް ހަމަ ވެދާނެ ހެއްޔެވެ؟

 

ކުޑަދޮރު ކައިރިއަށް އަހަރެން ޖެހިލީ އަހަރުމެން ގޭގެ ކުރިމަތީގައި ހުރިގެއާއި ދިމާއަށް ބަލައިލާށެވެ. އާނއެކެވެ. އެއީ ޝާއިލްގެ މައިންބަފައިންގެ ގެއެވެ. އަހަރުމެންނަކީ ފެށުނީއްސުރެން އަވަށްޓެރިންނެވެ. އަހަރެން އެގެއާއި ދިމާއަށް ބަލަން އިރުކޮޅަކު މަޑުކޮށްލީމެވެ. އެކަމަކު އެގޭގައި އެއްވެސް މީހަކު އުޅޭކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ހަވީރު ވުމުން މަންމަ އާއިއެކު އެގެއަށް ގޮސް ވާހަކަ ދައްކައި މައްސަލައިގެ ހައްލެއް ހޯދުމަށް އުޅެވިދާނެޔޭ އަހަރެންގެ ހިތަށްއެރި އެވެ.

 

އަހަރެން ކުރިންވެސް އޮށޯވެ އޮތްތަނަށް ގޮސް މޭޒުމަތީގައި އޮތް އަހަރެންގެ ފޯނު ނެގީމެވެ. މަންމަ އަށް ގުޅުމަށެވެ. ހޮސްޕިޓަލުން މަންމަ ނިކުތްއިރު އަހަރެން ހީކުރީ މަންމަ އަންނާނީ ސީދާ ގެއަށް ކަމަށެވެ. މަންމަ ނުކުތްއިރު އަހަރެން ދޫކޮށްލަން އުޅޭކަން އެނގުނު ނަމަ މަންމަ މަޑުކުރުވީމުހެވެ. އޭރުން މަންމަ އާއެކު އަހަންނަށް ގެއަށް އާދެވޭނެ އެވެ.

 

މަންމަގެ ނަންބަރަށް ގުޅޭތޯ އަހަރެން ދެތިން ފަހަރަށް މަސައްކަތް ކޮށްލީމެވެ. ގުޅޭގޮތެއް ނުވިއެވެ.

 

‘ތިޔަ ގުޅުއްވި ނަންބަރަށް މިވަގުތު ގުޅައެއް ނުދެވުނު. ފަހުން ގުޅުއްވާ!’ އޮޕަރޭޓަރުގެ މެސެޖް ތަކުރާރުކޮށް އިވެމުން ދިއުން ނޫން އެހެން އަޑެއް ނުއިވުނެވެ. އެކަމަކު މަންމަ ފޯނު ނިއްވާލައިގެން ގޮސް އުޅެންވީ ކޮންތާކު ހެއްޔެވެ؟

 

މަންމަގެ ފިހާރައިގެ ސޭޓަށް ވެސް އަހަރެން ގުޅީމެވެ. ފިހާރަޔަށް ގޮސްފާނެ ކަމަށް ބަލާފައެވެ.

 

“ކިހިނެތްތަ؟ އަހަރެންގެ މަންމަ ދިޔަތަ ތިކޮޅަށް؟” ފިހާރާގައި ސޭޓަކަށް އިންނަ އަންހެން ކުއްޖާ ކައިރީ އަހަރެން އަހައިލީމެވެ. އެކުއްޖާ ބުނީ މިއަދު ނާންނަ ކަމަށެވެ. ކޯލު ކަނޑައިލުމާއެކު މަންމަ ވީ ކޮންތަނެއްގަ ބާއޭ އަނެއްކާވެސް އަހަރެންގެ ހިތާހިތުން ސުވާލުކޮށްލެވުނެވެ.

 

“އަޅެ ކޮންތާކަށްބާ މަންމަ ދިޔައީ؟”

 

****❀❀****

 

ކޮޓަރިއަށް ވަނުމާއެކު ކޮޓަރީގެ ދޮރުފަތް އަލިބެއްޔާ ލައްޕައިލި އެވެ. އެވަގުތު ހާޖަރާގެ ގައިން ހީބިހި ނަގައިގެން ހިނގައްޖެ އެވެ. ގޭގެ އެހެން ތަންތަނާއި ޚިލާފަށް އެ ކޮޓަރިތެރެ މުޅިން ތަފާތެވެ. މާބޮޑަށް ވެސް ބިރުވެރި އެވެ. ނާމާނެވެ. ފާރާއި ފަންގިފިލާގައި ސިހުރުހާހޫރަ އާއި ގުޅުންހުރި އެތަކެއް އެއްޗެއް އެލުވާފައި ހުއްޓެވެ. އެކި ޒާތްޒާތުގެ އެކި ސައިޒް ތަކުގެ ތަވީދުތަކެވެ. އެކި ބައްޓަން ތަކަށް ހުރި ޖަނަވާރުންގެ ކަށިކޮޅު ތަކެވެ. ކޮޓަރީގެ އެއް ބިތް ކައިރީގައި ރަތް ފޮތިގަނޑެއް އަޅާފައިވާ ގޮދަޑިއެއް ބާއްވާފައި އޮތެވެ. ގޮދަޑީގެ ވަށައިގެން ކަހަލަ ގޮތަކަށް ދިއްލާފައި ހުރި އުށްބައްތި ތަކެއް ހުއްޓެވެ. ގޮދަޑިއާއި ދިމާ ފާރުގައި ހުދުކުލައިގެ ބޮޑު ފޮތިގަނޑެއް ދަމާފައި އޮތެވެ. ނަމަވެސް ފޮތިގަނޑުގައި އެކި ކުލަކުލައިގެ ލައް ތަކެއް ޖެހިފައި ހުއްޓެވެ. އެއީ ކޮންފަދަ ލައްތަކެއް ކަން ޚިޔާލަށް ގެންނަންވެސް ހާޖަރާ ބޭނުމެއްނޫނެވެ. ކޮޓަރިއަށް ވަތްއިރު ހާޖަރާގެ ކަނާތް ފަރާތުން ތަޅުންގަނޑު މަތީގައި ވަށް މޭޒެއް ބަހައްޓާފައި ހުއްޓެވެ. މޭޒުގެ އެއްފަރާތުގައި ލަކުޑިން ހަދާފައިހުރި އަތްގަނޑުލީ ދެ އަދަރާދަގޮނޑި ހުއްޓެވެ. މޭޒުމަތީގައި ހެޔޮވަރު ސައިޒެއްގެ ކަދުލެއް ބާއްވަފައި އޮތެވެ.

 

ވާތް ފަރާތުގައި ހުރީ އެނދެކެވެ. އެނދާއި ދިމާއަށް ސީލިންގުގައި އެލުވާފައި އޮތީ ހިކިފައި އޮތް ތިން ލުނބޮއެވެ. އެދިމާއަށް ބަލައިލެވުމާއިއެކު ހާޖަރާ އަށް ހިންދިރުވައި ލެވުނެވެ.

 

“ކަލޭގެ ދަރިފުޅު ކައިރީ އަހައިފިންތަ އާދަޔާޚިލާފު އެއްވެސް ކަމެއް، ހުވަފެނެއް ނަމަވެސް ފެންނަމުން ދޭތޯ؟” ހާޖަރާ ގެ ވިސްނުމުގެ ވާފަށް ކަނޑައިލީ އަލިބެއްޔާ އަމާޒުކުރި ސުވާލުންނެވެ.

 

“ނޫ-… ނޫން އަލިބެއްޔާ.”

 

“މީގެ ދިހަ އަހަރުކުރިން އޭނާ ބަލިވާން ފެށުމުން ކަލޭ އައިމަ އަހަރެން ބުނީމެއްނު އެއީ މޫދާއި ގުޅިފަވާ ކުއްޖެކޭ، އެހެންކަމުން އެކުއްޖާގެ ޙައްޤުގައި ކޮންމެ ތިން އަހަރަކުން އެއް އަހަރު ކަލޭ ޤުރުބާންތަކެއް ވާންޖެހޭނެޔޭ  އަހަރެން ބުނީމެއްނު. އަހަރެން އެހެން ބުނީމަ އެންމެ ފުރަތަމަ ތިން އަހަރު އެކަންޏެއްނު ކަލޭ އަހަރެންގެ އެކައުންޓަށް ފައިސާ ޖަމާކޮށްދިނީވެސް. އޭގެ ފަހުން ހަރާން ބަޅުމަސް.” ފަންޑިތަވެރި މުދިމު އަލިބެއްޔާގެ ކަޅި އަޅައިލަމުން ބުންޏެވެ.

 

“އަހަރެން ޖަމާކޮށްދޭނަމޭ އަލިބެއްޔާ، ހަމަ ހުވާ.” އަލިބެއްޔާ އިށީންދެ އިން ތަނުން ތެދުވެގެން ހާޖަރާ އާއި ކައިރިއަށް ހިނގައިގަތެވެ.

 

“މިދުވަސްކޮޅު ކަލޭގެ ފިރިމީހާ ކިހިނެތްތަ؟” ހާޖަރާގެ ކަންފަތް ދޮށުގައި އަލިބެއްޔާ ސިއްރުން ބުންޏެވެ.

 

އަލިބެއްޔާ ދެކެ ހާޖަރާ އިންތިހާއަށް ބިރުގަނެއެވެ. އެއީ އަބަދުވެސް ބާރުގަދަ މީހެކެވެ. އޭނާ ބޭނުން ނަމަ ހާޖަރާގެ ދިރިއުޅުން ޖަހަންނަމައަކަށް ވެސް ހަދާލަފާނެ އެވެ. އެކަމަކު އެއީ އޭނާ ޖަހާހައި ބެރަކަށް ހާޖަރާ ނުނަށާ ނަމައެވެ.

 

“އޭނަގެ ހާލު ރަނގަޅު.” އަލިބެއްޔާގެ ލޮލަށް ނުބަލައި ވޭތޯ މަސައްކަތް ކުރަމުން ހާޖަރާ ޖަވާބު ދިނެވެ. އަލިބެއްޔާގެ ދެ ލޮލަކީ ބިރުވެރި، ނުލަފާ ދެ ލޮލެވެ.

 

“އަހަންނަށް އެހީވެދީ!” ހާޖަރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހެމުން ދިޔައެވެ. އެކި ޒާތްޒާތުގެ އަނގޮޓިތައް އަޅައި ފުރާފައިވާ އަލިބެއްޔާގެ ވާތުން ހާޖަރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެދިނެވެ.

 

“އަހަރެންގެ ޝަހެޒާދާ ހާޖަރާ އަށް އަހަރެން އެހީވެދޭނަމޭ…. އަދިވެސް ހާޖަރާ ހާދަ ރީއްޗޭ.”

 

****❀❀****

 

މިއަދު ހެނދުނު ހޮސްޕިޓަލަށް މަޢުރީން ދޫކޮށްލާފައި ގެއަށް އައިގޮތަށް ޝާއިލް ނިދުން ނޫން އެހެން ކަމެއް ނުކުރެއެވެ. އެހެން ކަމެއް ކުރެވޭނީވެސް ހަމަހޭގައި ހުރިނަމަތާ އެވެ. އެހެން ނަމަވެސް މިހާރު އޭނާއަށް ހޭލެވިއްޖެ އެވެ. ހޭލުވުނުއިރު އޮތީ ބަނޑުހައިވެގެން ހާންތިވެފަ އެވެ. ފޫހިވެފައެވެ. ރުޅިވެސް އާދެވިފައެވެ. އަދި ކުށްވެރިއެއް ކަމުގެ އިޙްސާސްތަކުން ލިބިފައިވާ ހިންނުތަނަވަސް ކަންވެސް އިންތިހާ އެވެ. އޭނާގެ ހަށިގަނޑުން ‘ހަމަހޭގައި’ ހުރި ކޮންމެވެސް ހިސާބަކުން އޭނާއަށް ކަންކަން ވިސްނައިދޭން މަސައްކަތް ކުރަމުން ދާފަދައެވެ. ކަންކަމާ އޭނާއަށް ކުރިމަތިލެވެމުން އަންނަނީ ރަނގަޅަށް ނޫންކަން އިޙްސާސް ކޮށްދެމުން ދެއެވެ. ނަމަވެސް ޚުދު ޝާއިލް އަށް ވެސް ނޭނގޭ އޭނާގެ ހަށިގަނޑުގެ ކޮންމެވެސް ބަޔަކުން މަޢުރީންދެކެ އަދިވެސް އެހާ ބޮޑަށް ރުޅި އާދެވެއެވެ. އޭނާގެ މިޒާޖު ގޯސްވުމާއި ކުރިމަތިވާ ކޮންމެ ކަމެއްގެ ތުހުމަތު އަޅުވަމުން ދަނީ މަޢުރީން ގެ ބޮލުގައެވެ. އެހެން ނަމަވެސް އޭނާއަށް ޔަޤީންވާ އެއްކަމެއް އެބައޮތެވެ.

 

ޝާއިލް އަށް މަޢުރީންގެ ހަނދާންތައް އާދެއެވެ. މަޢުރީން މިސްވެ އެވެ.

 

ކުދިކުދި ކަންތައްތަކެއް ފުޅާވެ ބޮޑު ކަންތައްގަނޑަކަށް ބަދަލުވެ އަދުގެ ހާލަތަށް ވެއްޓެއްވީ ކީއްވެގެން ކަމެއް އޭނާއަށް ދޭހައެއް ނުކުރެވުނެވެ.

 

އެންމެ ފަހުން ޝާއިލް ގޮތެއް ނިންމިއެވެ.

 

ލޯބިވާ އަނބިމީހާ ދެކިލުމަށް ހޮސްޕިޓަލަށް ދިއުމަށެވެ.

 

****❀❀****

 

އިޝާ ނަމާދުން ފޭބުމާއެކީ މަޢުރީން އަށް ގުޅާލައި މަޢުރީންގެ ހާލު ބަލައިލުމަށް އިދުރީސް ނިންމި އެވެ.

 

އެންމެ ފުރަތަމަ ޓޯން އާއިއެކުގައި މަޢުރީން ފޯނު ނެގިއެވެ.

 

“އައްސަލާމު ޢަލައިކުމް އިދުރީސް، މިއަދު ކޮށްދިން ކަންތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.”

 

“ވަޢަލައިކުމުއް ސަލާމް ޑޮކްޓަރ،” އިދުރީސް ޖަވާބު ދިނެވެ. “މިހާރު ހާލު ރަނގަޅުވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން.”

 

“އާނ.،  މިހާރު ރަނގަޅު ވަރަށް ބޮޑަށްވެސް،” މަޢުރީން ޖަވާބު ދިނެވެ.

 

“މަންމަމެން ގެއަށް އައިސްފިތަ؟”

 

“ނޫން އަދިއެއް ނާދޭ.” ޖަވާބުގައި މަޢުރީން ބުންޏެވެ. “އެކަމަކު މާ ލަސްތަކެއް ނުވެ އެމީހުން އަތުވެދާނެ.”

 

އިދުރީސް ކަރުކެހިލައި ކަރުތެރެ ސާފުކޮށްލި އެވެ. “އެހްމްމް، އެންމެ ރަނގަޅުތަ މާދަން މަޢުރީން ޗެކްކޮށް ލަން އަހަރެން ތިގެއަށް ދިޔަސް. އަހަރެން އަތުގަ އެބަހުރި ރަނގަޅު ދިވެހި ބޭހެއް. އެ ބޭސް ބޭނުންކޮށްލަނިކޮށް ޑޮކްޓަރގެ ބޮޑީ ސިސްޓަމް ސާފުކޮށްދޭނެ. ތީ ޑޮކްޓަރަކަށް ވީމަ އަހަންނަށް އެނގޭ މިކަހަލަ ކަންތައްތައް ޤަބޫލުކުރަން ދަތިވާނެކަންވެސް. އެކަމަކުވެސް އެ ބޭހުން ރަނގަޅު ފަރުވާއެއް ލިބޭނެ ކަމުގެ ޔަޤީންކަން އަހަރެން ދެން.”

 

މަޢުރީން އަށް ބާރަށް ހީނގަނެވުނެވެ.

 

“މައްސަލައެއް ނެތް، މާދަން އާދެބަ ތިބުނާ ބޭހެއް ހިފައިގެން. އަހަރެން ހުންނާ-“

 

މަޢުރީން ބުނަންފެށި ޖުމްލަ ބުނެ ނިންމާތޯ އިދުރީސް އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ. ނަމަވެސް މަޢުރީން އެ ޖުމުލަ ފުރިހަމައެއް ނުކުރިއެވެ.  މަޢުރީންގެ އަޑެއް ނުއިވި އިރުކޮޅެއް ވުމުން އިދުރީސް ހެލޯ އޭ ދެފަހަރަކަށް ބުނުމަށްފަހު ކޯލް ކަނޑައިލިއެވެ. އަނެއްކާވެސް ގުޅުމަށް މަސައްކަތް ކޮށްލިއެވެ. ނަމަވެސް މިފަހަރު ގުޅޭގޮތެއް ނުވިއެވެ. ފަހަރެއްގައި މަޢުރީންގެ ފޯނުގެ ޗާޖު ދިޔައީ ކަމަށްވެސް ވެދާނޭ އިދުރީސް ގެ ހިތަށްއެރި އެވެ. މައްސަލައެއް ނެތްތާއެވެ. އޭނާ އެގެއަށް މާދަން ދިއުމަށް މަޢުރީން އެއްބަސް ވެއްޖެތާ އެވެ. އެވަރުންވެސް އިދުރީހަށް ފުދެ އެވެ.

 

****❀❀****

 

އިލްޔާސް ގެ ކާރު ގަރާޖަށް ވެއްދުމަށްފަހު ގޯތިތެރެއަށް ނަޒަރު ހިންގައިލީ ކާރުގެ ސެޓުން އަޅުވާފައިވާ ރާއްޖެ އެފްއެމް އިން އަންނަމުންދާ ލަވަޔާއި އެއްވަރަށް ތުނބުން ފުމެމުންނެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. މަޢުރީން ބައިގެންދިޔަ ވާހަކަ މިއަދު ހެނދުނު އޭނާގެ އަންހެނުން ހާޖަރާ ރޮއެރޮއެފާ އެހާވަރަށް ދައްކަންޖެހޭ މާބޮޑު ސަބަބެއް އޭނާ އަކަށް ނުވިސްނެ އެވެ. އަމިއްލަ ބާރުގެ ދަށުގައި ނުހުންނަ ކަންތައްތަކަށް މި އަންހެންވެރިން  މާބޮޑަށް ވިސްނަނީއޭ އިލްޔާސްގެ ހިތަށް އެރިއެވެ. މަޢުރީން އަކީ އަދި ޒުވާން ކުއްޖެކެވެ. ނުވެސް ދެނެހުރެ ހުއްޓާ އިސާހިތަކުން އަނެއްކާވެސް މަޢުރީން އަށް ދަރިއަކު ލިބިދާނެ އެވެ. އިލްޔާސް ގެ ހަމައެކަނި ކަންބޮޑުވުމަކީ މަޢުރީންގެ ފިރިމީހާގެ ޢަމަލުތައް ހުރިގޮތުންނެވެ. އޭނާގެ ވަޒީފާ ގެއްލިފައި ވާތީއެވެ. އޭނާގެ ދަރިފުޅު މަޢުރީން އަށް ލިބޭ މުސާރަޔަށް ބަރޯސާ ވެގެން މާގިނަދުވަހު ޝާއިލް އުޅެން ނުޖެހޭނެ ކަމަށް އޭނާ އުއްމީދުކުރެ އެވެ. އެކަން އެހެން ވުމަށް ވަރިހަމަކޮށްލައިގެން އިލްޔާސް ނުވެސް ހުންނާނެ އެވެ. ޝާއިލް އަކީ ފިރިހެނެކެވެ. ވަޒީފާ އެއް ހޯދުމަށް މަސައްކަތް ކުރުމަކީ ޚުދު އޭނާގެ އަމިއްލަ ޒިންމާއެކެވެ. ކޮންމެ ކޮންމެ ކަހަލަ ވަޒީފާއެއްވެސް ނޫނެވެ. ޝާއިލް ކިޔަވާފައި ހުރި އެއްޗަކާ އެކަށީގެންވާ ވަރުގެ ވަޒީފާ އެކެވެ. ވަޒީފާއެއް ނެތް ދަނބިދަރިއެއް އޭނާގެ ހުންނާކަށް އިލްޔާސް އަށް ވަރިހަމަކޮށްލައިގެން ނުހުރެވޭނެ އެވެ. އަނބިމީހާގެ މުސާރައިން ކައިގެން ގޭގައި އިންނާކަށް ނުރުހެވޭނެ އެވެ. ނިކަން ފިރިހެން ވެފައި މައިދާނަށް ނިކުމެ ދިމާވާ ގޮންޖެހުންތައް ބަރުދާސްތުކުރަން ކެރެން ޖެހޭނެ އެވެ.

 

އިލްޔާސް އަކީ ވެސް އެފަދަ ދަތި އުނދަގޫ ދުވަސްތަކެއް ބަރުދާސްތު ކޮށްފައި މީހެކެވެ. މިއަދު އޭނާ ހުރި މަޤާމަށް ވާޞިލް ވުމަށް ލައްކަ ގިނަ ބުރައުފުލި އެވެ. ބްރީފްކޭސް ނަގައި ކާރުން ފައިބަމުން ދިޔައިރު އިލްޔާސްގެ ހިތަށްއެރިއެވެ. މާދަމާގެ ވަގުތެއްގައި ޝާއިލްގެ ބައްޕަ އާއި ބައްދަލުކޮށް ވާހަކަ ދައްކައިލާނަމޭ އޭނާ ހިތާހިތާ ކިޔައިލި އެވެ. އޭރުން ޝާއިލް އާއި އޭނާގެ ބައްޕަ ވާހަކަ ދައްކައި ވިސްނައިދެވިދާނެ އެވެ. އަންހެނެއްހެން ގޭގައި މޮޕް އަޅަން ހުރެގެން ކަމުނުދާނެކަން އަންގައިދެވިދާނެ އެވެ. ވަޒީފާ ނެތުމުން މުޅި ދިރިއުޅުން ވިއްސިވިހާލިކޮށްނުލައި އުޅޭނެގޮތް ބުނެދެވިދާނެ އެވެ.

 

ގޭގެ ދޮރުހުޅުވައިލުމަށް ތަޅުދަނޑި ޖަހައި އަނބުރައިލަން އުޅެނިކޮށް އިލްޔާސް ގެ ފޯނު ރިންގުވާން ފަށައިފި އެވެ. ފޯނުގެ ޑިސްޕްލޭ އަށް ބަލައިލުމާއެކު ހިނިތުންވުމެއް މޫނަށް ވެރިވެއްޖެ އެވެ. ޑިސްޕްލޭ އިން ފެންނަން އިނީ ޒަހުރާ ގެ ނަމެވެ. ޒަހުރާ އަކީ މަޢުރީންގެ ހަގަށް ހުންނަ ކޮއްކޮ އެވެ. މަޢުރީން އަށްވުރެން ހަ އަހަރު ހަގަށް ހުރި ހަމައެކަނި ކޮއްކޮ އެވެ.

 

“ބައްޕާ!” ޒަހުރާ ގެ ތުއި އަޑުން ގޮވައިލި އެވެ.

 

“އޭ… ބައްޕަގެ ދޫނި ކިހިނެތްތަ؟”

 

“އަހަރެންގެ ހާލު ރަނގަޅޭ. މަންމަ މިއަދު ހެނދުނު ގުޅާފަ ބުނި މައުއްތަ ބައިގެންދިޔަ ވާހަކަ، އެކަމާ ވަރަށް ދެރަވެފަ މިހުރީ!”

 

“އާނ، ދިރިއުޅުމަކީ އެކަހަލަ މިކަހަލަ އެއްޗެކޭ ދަރިފުޅާ. ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ބަލިވެއިންނާނޭ ދޫނީ، އެހެންވީމަ އެކަމާ ބޯ ގާނަން ނުހަދާތި!”

 

ޒަހުރާ ފުންނޭވައެއް ދޫކޮށްލި އެވެ.

 

“ހޫމް، އެކަމަކު އަހަރެން ހާދަ މަސައްކަތެއް ކޮށްފީމޭ މައުއްތަ އާ މަންމަގެ ނަންބަރަށް ވެސް ގުޅޭތޯ. މަޣްރިބު ނަމާދުން ފެށިގެން އަހަރެން މި ދަނީ މަސައްކަތް ކުރަމުން.”

 

“ވެދާނެ ނެޓްވޯކް ނުލިބެނީ ކަމަށްވެސް. ބައްޕަ ހަމަ ދެންމެ ގެއަށް އައިސް މިވަނީ. މަންމަ އުޅޭނެކަން ނޭނގެ ގޭގަ.” ގޭގެ ދޮރު ހުޅުވައިލަމުން ޒަހުރާ އާ ވާހަކަދައްކަމުން އިލްޔާސް އެތެރެއަށް ވަދެއްޖެ އެވެ.

 

“ދަރިފުޅު ގުޅިވާާހަކަ ބުނާނަން އިނގޭ، ސްކޫލް ކަންތައް ކިހިނެތް؟ ކިޔަވައިދިނުމުގެ ކަންތައް ތައް އެހާ ބިޒީ ނޫންކަމަށް ހީކުރަން.” އިލްޔާސް ބޭނުންވީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ.

 

“ބައްޕާ މީ ސްކޫލެއް ނޫނޭ ކިތައް ފަހަރު ބުނާާނީ. މީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރިސިޓީ ލ. ގަމު ކެމްޕަހޭ.” ހިނިގަނޑެއް ޖަހައިލަމުން ޒަހުރާ ބުންޏެވެ. ޒަހުރާ އެހުރީ އެމްއެންޔޫ ގަމު ކެމްޕަހަށް ލެކްޗަރާ އެއްގެ ގޮތުގައި އެތަނަށް އެއް އަހަރަށް ފޮނުވާފަ އެވެ.

 

ޒަހުރާ ދެއްކި އެއްވެސް ވާހަކައެއް އިލްޔާސް އަކަށް ސާފެއް ނުވެއެވެ. އަޑު ކިތަންމެ ރީއްޗަށް އިވުނަސް އެކިޔާ އެކައްޗެއްވެސް އެނގޭވަރެއް ނުވިއެވެ. އިލްޔާސް ގެ ކުރިމަތީގައި މުށިގަނޑު މައްޗަށް ވެއްޓިފައި އޮތީ މަޢުރީން އެވެ.

 

މަޢުރީންގެ ވަށައިގެން އޮތީ ލޭގެ ކޯރެއް އުފެދިފައެވެ.

 

އިލްޔާސް ގެ އަތުން ފޯނު ދޫވެގެން ވެއްޓުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. މަޢުރީންގެ ކައިރީގައި ކަކޫ ޖަހައިގެން އިށީންދެ މަޢުރީން ނެގުމަށް މަސައްކަތްކުރަން ފެށިއެވެ. އިރުއިރު ކޮޅުން މަޢުރީން އަށް ގޮވަމުން އޭނާގެ ހަށިގަނޑު ތަޅުވަމުންނެވެ. މަޢުރީންގެ ވިންދެއް ނެތްކަން އެނގުމުން އިލްޔާށް ވަރަށް ބިރުގެންފި އެވެ.

 

“ގޭގަ މީހަކު ނޫޅެނީތަ؟ މީހެކޭ!! މީހެކޭ……………!!” އަޑުގެ ކޮޅަށް އިލްޔާސް ހަޅޭއްލަވައިގަތެވެ.

 

ނުނިމޭ

 

ބަސްކޮށާރު:-

އަދަރާދަގޮނޑި – އިށީންނަން ހަދާފައި ހުންނަ މަޝްހޫރު ގޮނޑިއެއް. މި ގޮނޑީގައި ދެއަތް ބާއްވަން އަތްގަނޑު ލާފަޔާއި އަތްގަނޑު ނުލައިހުރެއެވެ. މިކަހަލަ ގޮނޑީގައި ލެގޭ އަތްގަނޑު ހުންނާނެ އެވެ. (ބަސްފޮތް)

ކަދޫ – ފުފޫ ފާޑުގެ ތަރުކާރީއެއް، މި އަޅަނީ ވެލެއްގައެވެ. މި ހަރުވީމާ ތޮށިގަނޑުވެސް ހަރުވާނެ އެވެ. (ބަސްފޮތް)،

     އިގިރޭސި ނަން : Bottle gourd / Calabash

 

* ނޯޓް: މި ވާހަކަ އަދާހަމަކުރަމުން ގެންދާނީ ކޮންމެ ހަފުތާއަކު 2 ދުވަހު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.